ހުޅުމާލޭގައި ހުސްކޮށް ދޫކޮށްލައިފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި ހޮވާލެވުނު ފަރާތްތަކަށް ބިން ހަވާލުކޮށް، ގަސް އިންދުމާ ބެހޭ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި އެޗް.ޑީ.ސީ ގުޅިގެން ހިންގާ "ކޮމިއުނިޓީ އަރބަން ފާމިންގ" މަޝްރޫއަކީ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މުޖްތަމަޢުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ވަލްނަރަބަލް" ފަރާތްތަކާއި، ކޯވިޑް-19 ޢާލަމީ ވަބާގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މި މަޝްރޫޢު މެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. މިއަދު ފެށި ތަމްރީނު ޕްރޮގްރާމުގައި 48 މީހަކު ބައިވެރިވެއެވެ.

އޮންލައިން ވެބިނައަރއެއްގެ ގޮތުގައި ބޭއްވުނު މި ސެޝަންގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނައި އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރިޕްރެސެންޓޭޓިވް އަކިކޯ ފުޖީ ވަނީ ބައިވެރިވެވަޑައިގަންފައެވެ.
މާސްޓަރ ޕްލޭނެއްގެ ދަށުން ހުޅުމާލެ ތަރައްޤީކުރެވެމުން ދާއިރު، މީހުން ދިރިއުޅޭ ސަރަޙައްދުތައް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށްޓަކައި، ނެއިބަރހުޑްތަކުގައި ގަސް ހެއްދުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީ އެޅިގެން ދިއަ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެޗް.ޑީ.ސީން ދެކެއެވެ.
މިއަދުގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އެޗް.ޑީ.ސީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފު ވިދާޅުވީ މިއަދު ފެށިގެން މިދާ ތަމްރީނު ޕްރޮގްރާމްގެ ސަބަބަބުން ހުރިހާ ފަރާތްތަކަކަށްވެސް ގަސް އިންދާ ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާއި އިތުރު ގިނަ މަޢުލޫމާތުތަކެއް ދަސްވެ ދަނޑުވެރިކަމުގެ ރޫޙު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި ސެޝަންގެ ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ވަނީ މި ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުންކޮށް، ހުޅުމާލޭގައި ފެށިގެން މިދިއަ މަޝްރޫޢު އަކީ ކާމިޔާބު ނަމޫނާ މަޝްރޫޢުއަކަށް ހެދުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވައިފައެވެ.

އަރބަން ފާމިންގެ ގޮތުގައި ހުޅުމާލެއިން ދޫކުރަން ކަނޑައަޅާފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިން މަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް އެގްރިކަލްޗަރ މިނިސްޓްރީން ހިންގާ މި ޓްރެއިނިންގައި ބައިވެރިވުމަކީ މިހާރު ގަސް ހައްދާ ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މަޢުލޫމާތު ލިބިގެންދާނެ ތަމްރީނު ޕްރޮގުރާމެއް ކަމުގައި އެޗް.ޑީ.ސީން ފާހަގަކުރެއެވެ.



advertisment
One Response
ނާސްތާ ޕްރޮގުރާމް ދެމެހެއްޓެނިވި ގޮތެއްގައި އަދި ދުޅަހެޔޮ ތާޒާ ކާނާ ދިނުމަށް މަގު ފަހިކުރުމަށް ތިޔައީ ހަމަ ހަބޭސް ކަމެއް. ތިޔަ ދަނޑުވެރިކަމުގައި ދޭންވީ ގެރި، ކުކުޅު ގެންގުޅުމާއި، އޮރެންޖު، އާފަލު، ފަޅޯ ފަދަ މޭވާ ހެއްދުމުގެ ދަނޑުވެރިކަމަށް.