Support Us

ކުރު ވާހަކަ: ވިޔަފާރިވެރިޔާ އުމަރުގެ ވާހަކަ

އިނގިރޭސިން ޔަމަނުކަރައިގެ އަދަނު އިހުތިލާލު ކުރި ދުވަސްވަރު ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ތަރުޖަމާނުން ހޯދުމުގެ މައްސަލައެވެ. އަރަބި ބަހާއި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ ތަރުޖަމާނުން ހޯދުމުގެ މައްސަލައެވެ.

މިކަމުގެ އެންމެ ބޮޑު ސަބަބަކަށްވީ ދެކުނު ޔަމަނުގެ މީހުންގެ ދުށީ އިނގިރޭސީންނަކީ އެމީހުންގެ ރަށް އިހުތިލާލުކޮށްގެ ތިބި ދުޝްމިނުންގެ ބައެއްގެ ގޮތުގައެވެ. އެހެންވެ، އެފަދަ ބަޔަކަށް މަސައްކަތްކޮށްދިނުމަކީ ގައުމަށް ވެވޭ ޚިޔާނަތެއް ކަމުގައެވެ.

ކޮންމެއަކަސް، ވަރަށް އުނދަގުލުން ތަރުޖަމާނަކު ލިބުނެވެ. އޭނާގެ ނަމަކީ އުމަރެވެ. އުމަރަކީ ސައިފަތުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއެކެވެ. އޭނާގެ މާދަރީ ބަސްކަމުގައިވާ އަރަބި ބަހުގެ އިތުރުން، އިނގިރޭސި ބަހާއި ތުރުކީ ބަސްވެސް ދަނެއެވެ.

އުމަރު އިނިގިރޭސިންނަށް ތަރުޖަމާނެއްގެ ޚިދުމަތް ފޯރުކޮށްދޭން އެއްބަސްވިއެވެ. ދެން، އަރަބި ބަހުން ޕޯސްޓަރުތަކެއް ހަދަން ޖެހުނެވެ. އިނގިރޭސިންނާ ބައިވެރިވުމުން، އަދުއްވުން ބަލިކުރެވި، އަދި، ޔަމަނު މީހުންނަށް ހެޔޮ ގޮތްތައް ލިބޭނޭ ކަމަށް ލިޔެއެވެ.

މި ޕޯސްޓަރުތައް ތައްޔާރުކުރުމަށް ފަހު، މުޅި ޔަމަނަށް މި ޕޯސްޓަރުތައް ބެހިއެވެ. ޔަމަނުގެ އާންމު މީހުންގެ ހިތްތައް ފަތަހަކޮށް އިނގިރޭސިންނަށް ތެދުވެރިވެ، އިޚުލާސްތެރި ރައްޔިތެއް އުފެއްދުމަށްޓަކައެވެ.

އެ ޕޯސްޓަރުތައް ބެހިތާ ދުވަސްތަކެއް ފަހުން، އަރަބި ރަނގަޅަށް ދަންނަ އިނގިރޭސި ޖެނަރަލަކު އަދަނަށް ޒިޔާރަތްކުރިއެވެ. އަދި، އުމަރު ލައްވާ ތައްޔާރު ކުރި ޕޯސްޓަރުތައް އޭނާއަށް ފެނުނެވެ. ދެން ހައިރާންވެގެން، އެ މަސައްކަތް ކުރުވަން އުޅުނު އޮފިސަރު ގެނެސް ޕޯސްޓަރުތަކާ ބެހޭ ގޮތުން ސުއާލުކުރިއެވެ. އެއީ ކޮން ބޭނުމެއްގައި ތައްޔާރުކުރެވުނު، އެއްޗެއްތޯ އާއި އޭގައި ލިޔުނީ ކީކޭތޯއެވެ. ދެން އޮފިސަރު ޖަވާބު ދިނެވެ. އެކަން ކުރީ ޔަމަނު މީހުންގެ ތާއީދު އިނގިރޭސިންނަށް ހޯދުމަށްޓަކައި ކަމާއި އޭގައި ލިޔުނީ އިނގިރޭސިންނަކީ ޔަމަނު މީހުންގެ ރަހުމަތްތެރިންކަމާއި އެމީހުންނަށް ހެޔޮއެދޭ ބައެއްކަން ދޭހަވާ އިބާރަތެއް ކަމަށް ބުންޏެވެ. ދެން އަރަބި ދަންނަ އިނގިރޭސި ޖެނެރަލް ބުންޏެވެ. އޭގައި ލިޔެފައި އޮތީ މިހެންނެވެ:

"އެންމެ ފެންވަރު ރަނގަޅު ސައިފަތް ލިބޭނީ އުމަރުގެ ފިހާރަތަކުންނެވެ. ކޮންމެ މީހަކުވެސް، ސައިފަތް ގަންނަންވާނީ އުމަރުގެ ފިހާރަތަކުންނެވެ!"

އާދެ، ވިޔަފާރިވެރިންވާނީ ވިޔަފާރިވެރިންނަށެވެ!

[ފޮޓޯއިން އެ ފެންނަނީ އިނގިރޭސިން ޔަމަނުގެ އަދަނުގައި ތިބި ދުވަސްވަރުގެ މަންޒަރެކެވެ.]