Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: ކޮވިޑްގެ ސީރިއަސްކަން ގެއްލި މައިމޫނާއްތަ ބޮޑު ޖޯކަރަކަށް!

ކޮވިޑް19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ މާލެއިން ފެނިގެން މިދިޔަ އަހަރުގެ މާޗު 15 ގައި މާލެ ސަރަހައްދު ލޮކްޑައުންކުރިއިރު އެންމެންގެ ހިތްތަކުގައި ވެސް އޮތީ ބިރުވެރިކަމާއި ހާސްކަމެވެ؛ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި، ހުރިހައި ނަމާދެއްގައި ގުނޫތު ކިޔާގޮތަށް ހަމަޖެއްސެވީ ޗައިނާއިން ފެނުނު ކޮވިޑް19 މުޅި ދުނިޔެއަށް ފެތުރެމުންދާތީ ކަމަށް ބުނެއެވެ. ވައިރަސް ޑިސްއިންފެކްޓް ކުރުމަށް މުޅި މާލެތެރެއަށް ސްޕްރޭކުރީ ކުރެއްދޫ ރިސޯޓުގައި ތިބި ޓޫރިސްޓުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. މުޅި މާލެ ލޮކްޑައުންކޮށް، އެންމެން ގޭބަންދުކުރީ މާލެއިން އެންމެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވި މީހާ އައިސޮލޭޝަނަށް ގެންދަންވެގެން، މަޖީދީމަގުގައި ހުންނަ، ބޮނޑިބަތް ޕާކު ސަރަހައްދު އެއްކޮށް ބަންދުކޮށް، ފުލުހުންނާއި އެމްބިއުލާންސްތައް އެ ހިސާބުގައި ހަރަކާތްތެރިވި ދުވަސްވެސް އަދި ހަނދާނަކުން ނުދެއެވެ. އަދި ފުރަތަމަކޮޅު ކޮވިޑް ޖެހުނީ ކޮން ބަޔަކަށްތޯ ބަލައި، އެމީހުންގެ ފޮޓޯ އާއި ވަނަވަރު ވެސް މީސްމީޑިއާގައި ދިޔައީ އާންމުކުރަމުންނެވެ. އެއަށްފަހު ކޮވިޑަށް ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ކްލަސްޓާ ބަލައި، އެ މީހަކަށް ކޮވިޑް ޖެހުނީ ކޮން މަގަކުން ގޮސްގެންތޯ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އިތުރުން މީޑިއާ އާއި އާންމުންވެސް ދިޔައީ ވަރަށް ކައިރިން ބަލައި ދިރާސާ ކުރަމުންނޫންތޯއެވެ؟ އަދި ކޮވިޑް ޖެހޭ ކޮންމެ މީހަކާއި އެ މީހަކާ ކޮންޓެކްޓްވި ކޮންމެ މީހަކު ވެސް، ރިސޯޓުތަކަށާއި އައިސޮލޭޝަން ފެސިލިޓީތަކަށް ލަމުންދިޔަކަން ވެސް އިހަށްދުވަހު ވީކަމެއްހެން ހަނދާން އެބަހުރި ނޫންތޯއެވެ؟ އަދި މާލެ ސަރަހައްދު ލޮކްޑައުންކޮށް މިސްކިތްތައް ވެސް ބަންދުކުރުމުގެ ސަބަބުން މިދިޔަ ރޯދަ މަހު، ޖަމާއަތުގައި ނަމާދެއް ކޮށްލަން މިސްކިތަށް އެރުމުގެ ފުރުސަތު ވެސް އޮތީ ނުލިބިފައެވެ. ތަރާވީސްވެސް ކުރަންޖެހުނީ ގޭގައި، އެމީހަކާ އެމީހެކެވެ. އަދި ފިހާރަތަކާއި ހޮޓާތައް ބަންދުކުރުމުން، ކައިބޮއެ އުޅެންޖެހުނީ ވެސް، ފިހާރަތަކުން ތަކެތި ގެއަށް ގެނެސްދިން އިރަކުންނޫންތޯއެވެ؟

ކޮވިޑް ޖެހޭ މީހުންނާއި އެ މީހުންނާ ކޮންޓެކްޓްވި މީހުން ރިސޯޓުތަކަށް ގެންދިއުން ހުއްޓާލައި، އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމަށް ލުއި ދީ، ގޭގައި ބައިތިއްބަން ފެށުމުން، ޕޮޒިޓިވްވެފައި ތިބޭ ކިތަންމެ ބަޔަކު ގެއިން ނުކުމެ، ހޮޓާތަކަށް ދިއުން ވެސް ވަނީ އާންމުވެފައެވެ. އަދި ކޮންޓެކްޓްވެގެން ކަރަންޓީނުކޮށްފައި ގޭގައި ތިބޭ ކިތަންމެ ބަޔަކު ވެސް ބޭރުތެރޭގައި އުޅެމުންދެއެވެ. އެ ކަންކަން އެޗް.ޕީ.އޭ އަށް އެންގުމުން ވެސް ވީކަމެއް ހަރާމެވެ.

މާލެ ލޮކްޑައުންކޮށް، ލޯކަލް މާރުކޭޓު ބަންދުކުރުމުން ދުފާލާނެ ބިލެތްކޮޅެއް ނެތިގެން، އެކަމާ ކަންބޮޑުވެގެން ކޮޅުކޮޅަށް ދުވި ކިތަންމެ ބަޔަކު އަޅުގަނޑާ ވެސް ދިމާވިއެވެ. އެންމެފަހުން އަޅުގަނޑަށްވެސް ބިލެތްބޮނޑިއެއް ފޮނުވައިދިނީ ހިންމަފުށީގެ އެކުވެރިއެއްކަން، ޝުކުރުވެރިކަމާއެކު މި ފުރުސަތުގައި ހަނދާންކުރަމެވެ. އެ ބިލެތްބޮނޑި ވެސް، ޖެހުނީ މީހަކަށް ތިން ގަނޑުގެ ރޭޓުން ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށް ބަހާށެވެ. މިރުސްކޮޅެއްވެސް ފޮނުވައިދިނީ ކާށިދޫގައި ހުރި މީހެކެވެ.

ކޮވިޑާއެކު އަހަރެއް ވެގެންދިޔައިރު މިއަދު އެހެންތޯއެވެ؟ ދުވާލަކު 300 މީހުން (މިއީ ރާއްޖޭގެ ރެކޯޑު އަދަދު) ޕޮޒިޓިވްވުމުން ވެސް އަދިވެސް ލުއިތައް ދެނީއެވެ. ބަލިން ސަލާމަތްވުމަށް އަޅަމުން އައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެޗް.ޕީ.އޭއިން ދޫދެމުން އައިސް، ހޮޓާ/ކެފޭ/ރެސްޓޯރަންޓުތަކާއި މައިޒާންތަކާއި ޕާކުތައްވެސް އާންމުކޮށް ހުޅުވާލައި، ކާފިއު ގަޑިތައްވެސް އުވާލައި، މީހުން ބޭރަށް ނުކުމެ އުޅުމުގެ ގަޑިތައްވެސް ވަނީ ދޫކޮށްލައިފައެވެ. ސްކޫލްތައް ވެސް ވަނީ އަލުން ހުޅުވާލައި ކުދިން ގެންގޮސްގެން ކިޔަވައިދޭން ފަށައިފައެވެ. މާލެތެރެއަށް ނުކުތުމުން، ކޮވިޑް އުޅޭކަން އެނގެނީ ކޮންމެ މީހެއްގެ މޫނުމަތީގައި މާސްކެއް އަޅައިފައި އޮތުމުން އެކަންޏެވެ. އެހެން އެއްވެސް ކަމެއް، ކޮވިޑްގެ ކުރީގެ ދިރިއުޅުމާ ތަފާތެއް ނެތެވެ. އެއްވެސް "ނިއު ނޯމަލް"އެއް ނެތެވެ؛ މާސްކު ފިޔަވައެވެ. ބައެއް މީހުން އެ މާސްކު އަޅަނީ ދަތްދޮޅި ފޮރުވަން ކަމެއް ނޫނީ ކަރު ފޮރުވަންކަމެއް ވެސް ނޭނގެއެވެ.

ކޮވިޑްގެ ކަންކަމުގައި ގޮތް ނިންމަވާނީ ޑޮކްޓަރުން ދެއްވާ ސިއްހީ ލަފާގެ މަތިން ކަމަށް، ކޮވިޑާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ކިތަންމެ ވާހަކަފުޅެއްގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މިހާރު އެކަން ދަނީ އެގޮތަށްތޯ އެއީ އެންމެންވެސް "ކީރިތިކުރައްވަމުން" ކުރާ ސުވާލެކެވެ.

ކޮވިޑުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅޭތޯ، ޑޮކްޓަރުން ދެއްވާ ސިއްހީ ލަފާގެ މަތިން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެޗް.ޕީ.އޭ އިން މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް، (މައިމޫނާ ވިދާޅުވާ ގޮތުން) އެޗް.ޕީ.އޭ ހިންގަނީ ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމު އަންގަވާ ގޮތަށް ކަމަށް ވާތީ، އެކަމުގައި މައިމޫނާގެ މާ ބޮޑު ބަހެއްވިކޭ ތަނެއް ނުފެނެއެވެ. ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށާއި ވޯޓުލުމަށް މަގުފަހިކުރަންވީމާ ކޮވިޑަކީ އެއްވެސް އެއްޗަކަށް މިހާރު ވަނީ ނުވެފައެވެ.

ހަތް ސަތޭކައެއްހާ ރުފިޔާ ދީގެން ޕީ.ސީ.އާރް ޓެސްޓެއް ހަދާލައިގެން، ފަސް ދުވަހަށް ރަށްރަށަށް ގޮސް ކެމްޕޭނު ކުރެވޭ ގޮތަށް ވެސް އެޗް.ޕީ.އޭ އިން ގަވައިދު ހަދައި، މައިމޫނާގެ ގަރާރަކާއެކު ގެޒެޓްކުރިއެވެ. ކޮންމެވެސް ބައެއްގެ ޕްރެޝަރާ ހެދިގެންކަން ޔަގީނެވެ. ނަމަވެސް އެކަމާ މީހުންތައް ހަޅޭއްފަޅޭއް ޖަހައިގަތުމުން، 24 ގަޑިއިރު ނުވަނީސް ތުކީ ކިޔައި، އެ ގަވައިދު ބާތިލްކޮށްލިއެވެ؛ އަނެއް ގަރާރުންނެވެ. އެކަމާ އެތައް ބަޔަކު ބޭގަރާރުވެސް ވިއެވެ. ނަމަވެސް އަތޮޅުތެރެއަށް ކޮވިޑް ފެތުރި، ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ ގިނަވެފައިވާ މި ދަނޑިވަޅުގައި، އިންޖީނުގެތައް ހުޅުވުމުގެ ނަމުގައާއި ބަނދަރުތައް ހެދުމުގެ ނަމުގައި ގޮސް، ސަރުކާރުގެ ބައިބޮޑު ވަފުދުތައް އެކި ރަށްރަށުގައި ފޯރީގައި ކެމްޕޭނު ކުރަނީއެވެ. ކޮވިޑަކާ ކޮވިޑެކެވެ. އެޗް.ޕީ.އޭއަށް ކުރެވޭ އެއްވެސް ކަމެއް ނެތެވެ.

އެޗް.ޕީ.އޭގެ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކޮވިޑް އެބައޮތެވެ. މި ގޮތުން 20 އަތޮޅުގެ 65 ރަށެއްގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ 923 މީހުން މިހާރުވެސް އެބަތިއްބެވެ.

ކޮވިޑަށް މުޅި ރާއްޖެއިން ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އެވްރެޖް ގޮތެއްގައި 150 ގައި މިހާރު އުޅޭއިރު ވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކައިރިވާން ފެށުމުން ބޭރަށް ނުކުމެ އުޅުން މަނާ ގަޑިއެއް މިހާރަކު ނެތެވެ. ހޮޓާތަކާއި ޕާކުތައްވެސް ހުޅުވާލީއެވެ. ކަރަންޓީނުގައި އޮންނަ ރަށްރަށަށް ވެސް ވޯޓު ލާންވީމާ އެރޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ކަރަންޓީނުގައި ހުންނަ މީހާއަށް ވެސް ވޯޓު ލާން ދެވޭގޮތަށް ވަނީ ނިންމައިފައެވެ. މިހެން ގޮސް، ކޮވިޑާ ހެދި ކުރިން ނުކެރުވުނު ހުރިހާ ކަމެއް ވެސް މިހާރު ކުރެވެއެވެ.

އަނެއްކޮޅުން އިދިކޮޅު ކޯލީޝަނުން މާލޭގައި އާންމުކޮށް ކުރަމުން އަންނަ މުޒާހަރާތަކަށް ވެސް ހުއްޓުމެއް ނުގެނެވުނެވެ. ފުލުހުންގެ ފައުޖެއް ނުކުމެ، ޕީ.ޕީ.އެމް އޮފީސް ހުންނަ ސަރަހައްދު ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހުން ފެށިގެން ބެރިކޭޑް ޖަހައި ބަންދުކުރެއެވެ. އެއާއެކު މާލޭގެ އެހެން މަގުތަކާއި ކަންމަތިތަކުގައި އެ މީހުން މުޒާހަރާކުރަމުން ގެންދެއެވެ. އެންމެ ކާރޫބާރޫ ބޮޑު، ބޮޑުތަކުރުފާނުމަގުގެ ބައެއް ބަންދުކުރުމުން އެކަމުން ހުރިހާ އުނދަގުލެއް ހަގީގަތުގައި ކުރިމަތިވަނީ އާންމުންނަށެވެ.

ސަރުކާރުން ކުރިން އެންމެ އިސްކަމެއް ދިނީ ކޮވިޑްގެ ވަބާއިން އާންމު ރައްޔިތުން އަވަހަށް ސަލާމަތްކުރުމަށް ކަމަށްވިޔަސް، މިހާރު އެންމެ އިސްކަމެއް ދެނީ މި މަހު 10 ގައި ބާއްވާ ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށްކަން އެއީ އެންމެނަށްވެސް ޔަގީންވާ ހަގީގަތެކެވެ. ސަރުކާރުން ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް މައިމޫނާ ވަނީ ފަހިކޮށްދެއްވައިފައެވެ. އެހެންވެ ކޮވިޑަކީ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށް ވިދާޅުވަމުން ގެންދެވި މައިމޫނާ މިހާރު ވަނީ ބޮޑު ޖޯކަރަކަށްވެފައެވެ. މައިމޫނާ އެކަންޏެއް ނޫނެވެ. ކޮވިޑް އޮތްހާ ދުވަހަކަށް، ކޮންމެ މަހަކު ބޮޑު އެލަވަންސެއް ޔަގީންކޮށްގެން ތިއްބެވި ފްރޮންޓްލައިން ހުރިހާ ބޭފުޅުން ވެސް މެއެވެ. އެ ބޭފުޅުންނަށް ބޮޑު އެލަވަންސް ލިބޭހާ ދުވަހަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމަކަށް ވެސް ނުފެނެއެވެ.

ނޭވައަކު ދެކޮޅު ބާއްވަމުން ގެންދިޔަ ނޫސް ކޮންފަރެންސްތަކުގައި އެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުން ކުރިން ހީކުރެވުނީ ކޮވިޑަކީ ހަގީގަތުގައި ވެސް ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ، ނުރައްކާތެރި ވަބާއެއް ކަމަށެވެ. ނަމަވެސް މިހާރު މި ޔަގީންވަނީ ސަރުކާރުން ބޭނުންވެއްޖެނަމަ ކޮވިޑަކީ އަދި އެހާ ނުރައްކާތެރި ވަބާއެއް ނޫން ކަމެވެ. ހަގީގަތުގައި ކޮވިޑް ވަބާ މިހާރު ވަނީ ސިޔާސީ ވަބާއަކަށް ބަދަލުވެފައެވެ. ދެ ޑޯޒެއް ނޫން ތިން ޑޯޒް ޖަހައިގެން ވެސް ރައްޔިތުން ސަލާމަތްވާންވީ މިތަނުން ކޮން ވަބާއަކުން ކަމެއް ވެސް ނޭނގޭ ހިސާބަށް މިހާރު ވަނީ ކަންކަން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
132521

7 Responses

  1. ވަރަށް ފަހި ލިއުމެއް…. މިހާރު ބާޒާރުގައި ވިއްކަން އެބަހުރި މައިމޫނާ ކިޔާ ތެލެއް އުނގުޅާލީމާ ނިމުނީ …ވަރަށް ސަލާމް

    1. އެއްބައި މަދު. ކެންޕޭނަށް ގޭގެ އަށް ވަދެ ބައްދަލުކުރަން ބޭނުންހާ ބަޔަކާ ބައްދަލުކޮށް ޖަހާނެހާ ސަކާރާތެއް ޖެހިއިރު ގައިދުރުކުރުމެއް ބޭނުމެއްނުވި އެއްނު

  2. މިހާރުގެ ތަފާތަކީ ދެ ލައްކައަށްވުރެ ގިނަ މީހުނަށް ވެކްސިން ޖަހާފަ ހުރުމުން މީހުން ގަޔަށް އަރަން ކޮވިޑް ބިރުގަންނަނީޔޯ.

  3. ކޮންމެ ޚިޔާލެއް ފާޅުކުރި ނަމަވެސް މައިމޫނާ އަށް މައިމޫނާ އޭ ކިޔާ މުޚާޠަބު ކުރެވެން ވާނެ. އެއީ އެތައްޒަމާން ތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަނބަލެއް. ހަމައެހެން ޝަހީބަށް ވެސް ޝަހީބު، ނަޝީދަށް ވެސް ނަޝީދު، މަޢުމޫނަށް މަޢުމޫނު، މިގޮތަށް މުޚާޠަބު ކުރެވެން ވާނެ.

  4. މިލިޔުމުގައި ޝަހީބުގެ ވަރަށް ފާޑުއެބަހުރި. އެކަމަކު ދިވެހިން ތަޖްރިބާކުރަން ފެށި އާ ޑިމޮކްރެސީގެ ނިޒާމުގައި އޭގެ ހަތަރުވަނަ ތަނބުކަމުގައިވާ ފާޑުވެރި މިނިވަން މީޑިއާގެ ކައުންސިލަރަކަށް ހުރެ ޝަހީބަކަށް މައިމޫނާގެ ފާޑުވެރިކަމުގެ ދިހަަބައިކުޅަ ބައިވެސް ދައްކައިނުލެވުނު އަދި އެމަޤާމު ދޫވެސް ކޮށްނުލެވުނު. އެވެސް ހަމަ އިހަށްދުވަހުގެ ހަނދާނެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *