Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: ސެނަހިޔަ ހޮސްޕިޓަލްގައި ނަމާދުކުރާނެ ތަނެއް ނެތީ ކީއްވެ؟

ސެނަހިޔަ ހޮސްޕިޓަލަކީ ސިފައިންގެ މީހުންނާއި އެ މީހުންގެ އާއިލާތަކުގެ އިތުރުން އާންމުންގެ ވަރަށް ގިނަ ބަޔަކަށް ވެސް ސިއްހީ ހިދުމަތްތައް މިހާރު ދެމުން އަންނަ ހޮސްޕިޓަލެކެވެ. އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައްވެސް ޖުމްލަ ގޮތެއްގައި ރަނގަޅެވެ. ޑޮކްޓަރަށް ދެއްކުމާއި ތަފާތު ޓެސްޓުތަކާއި ސްކޭނާއި އެކްސްރޭގެ ހިދުމަތްތައް ވެސް ފުރިހަމައެވެ. ޝުކުރިއްޔާއެވެ!

ކާރޫބާރޫ ބޮޑު އައި.ޖީ.އެމް.އެޗުން ސްޕެޝަލިސްޓުންގެ އެޕޮއިންޓްމަންޓް ނުލިބޭ ބައެއް ފަހަރުފަހަރު، މާ ބޮޑު ކިއޫއެއް ނެތި ސެނަހިޔަ އިން އެކަން ހަމަޖެހިގެންދާކަމީ ވެސް ވަރަށް ފަސޭހަ ކަމެކެވެ. ޝުކުރިއްޔާއެވެ!

އެމް.އެން.ޑީއެފްގެ ދަށުން ހިންގާ ސެނަހިޔަ ހޮސްޕިޓަލްގެ ނަން ވަރަށް ފަހުން، ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. ބައެއް މީހުން އެހެން ކިޔަސް، އެއީ އިންޑިއާގެ މިލިޓަރީ ޔުނީފޯމުގައި ތިބޭ ޑޮކްޓަރުން އެ ހޮސްޕިޓަލުގައި ހިދުމަތް ދޭން މަގުފަހިކުރުމަށް ކުރި ކަމެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. ސަބަބަކީ އިންޑިއާގެ މިލިޓަރީ ޔުނީފޯމުގައި ތިބޭ ޑޮކްޓަރުން ސެނަހިޔަ ހޮސްޕިޓަލްގައި ހިދުމަތްދޭން ތިބޭތާ ލައްކަ ދުވަސްވެއްޖެއެވެ. މިލިޓަރީ ހޮސްޕިޓަލަކަށް އެތަން ނުވާއިރުން ފެށިގެންނެވެ.

ސެނަހިޔަ ހޮސްޕިޓަލަށް ދޭތެރެ ދޭތެރެއިން ދާ މީހެއްގެ ހައިސިއްޔަތުން، ފާހަގަކުރެވުނު ކަމެއްގެ ވާހަކަ މި ފުރުސަތުގައި ދަންނަވާލަން ބޭނުންވެއެވެ. އެއީ ބައެއް ސްޕެޝަލިސްޓުންނަށް ދައްކަން، އެޕޮއިންޓްމަންޓް ހަދައިފައި އޮންނަ ގަޑިއަށް ޑޮކްޓަރުން ބައްލަވަން ނުފައްޓަވާ މައްސަލައެެވެ. ދޭތެރެދޭތެރެއިން މިކަން ދިމާވާ ކަމަށް ބައެއް މީހުން ވެސް ބުނެއެވެ. ޑޮކްޓަރުން ބައްލަވަން ފައްޓަވާ ގަޑިއަށްވުރެ ދެ ގަޑިއިރު ފަހުން ވެސް، ޑޮކްޓަރު ވަޑައިގަންނަވާ ފަހަރު އެބަދެއެވެ. މިހެންވުމުން، ވާނުވާ ނޭނގި ބަލި މީހާ ލައްކަ ގިނައިރު އިންތިޒާރުގައި އެބަ އިންނަންޖެހެއެވެ. އެއީ ވަރަށް ބޮޑު ތަކުލީފެކެވެ.

އަނެއް ކަމަކީ، ކިއު ތަރުތީބެއް އޮތަސް، ދެ ނަންބަރު ދޭތެރެއިން އެތައް ބަޔަކު ޑޮކްޓަރު ކައިރިޔަށް ވަންނަ މައްސަލައެވެ. ކިއު ނަންބަރު ވަރަށް ފަސޭހައިން ފެންނަ ގޮތަށް އޮންލައިން ޕޯޓަލެއްގެ ހިދުމަތް ލިބުނު ނަމަވެސް، ކިއު ފަޅާފައި މީހުން ވެއްދީމާ ޕޯޓަލްގެ ބޭނުމެއް ނެތެވެ. އެކަމާ ސުވާލުކުރުމުން، ޑޮކްޓަރުގެ އެސިސްޓެންޓު ބުނީ "އެއީ އެކޯ ހަދަން ވަންނަ މީހުން" ކަމަށެވެ. އެކޯ ހެދިޔަސް، އޮޕަރޭޝަނެއް ކުރިޔަސް، އެކަން ވެސް ކިއު ތަރުތީބުން ގެންދަވައިފި ނަމަ، ޝަކުވާއެއް ކުރާނެ ޖާހަގައެއް ނޯންނާނެކަން ޔަގީނެވެ.

ދެން އޮތީ އެންމެ ބޮޑު މައްސަލައެވެ. ސެނަހިޔަ ހޮސްޕިޓަލްގައި ރަނގަޅު އައިނު ފިހާރައަކާއި ފުދޭވަރެއްގެ ޑިސްޕެންސަރީއެއް އެބަހުއްޓެވެ. ރަނގަޅު ކެންޓީނެއް ވެސް އެބަހުއްޓެވެ. އެކި ވައްތަރުގެ ކެއުންތަކާއި ބުއިންތައް އެތަނުން ލިބެއެވެ. ޝުކުރިއްޔާއެވެ! ނަމަވެސް، ދުވާލަކު އެތައް ބަޔަކު ގޮސް، ހިދުމަތް ހޯދާ ތަނެއްގައި، ނަމާދުކޮށްލެވޭނެ ޖާގައެއް ނެތެވެ. އަނެއްކާ އެތަނާ އެހާ ކައިރިޔަކު މިސްކިތެއްވެސް ނެތެވެ. އެންމެ ކައިރީގައި ވެސް ހުރީ ޝަހީދުއަލީ މިސްކިތެވެ. އެއީ ހޮސްޕިޓަލަށް ހިދުމަތެއް ހޯދަން ގޮސް އިންނަ ބަލި މީހަކަށް ނުވަތަ އެހީތެރިއަކަށްވެސް ހިނގާލައިފައި ދާން، ފިސާރި ދުރެވެ. އެހެންވެ، ސެނަހިޔަ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރައްވައި ތަރައްގީކުރައްވަމުން ގެންދަވާއިރު، މިކަމާމެދު ވެސް ވިސްނެވުން ބަހައްޓަވައިގެން ކުރިޔަށް ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ރޯދަ މަސް ވެސް އޮތީ ވަރަށް ކައިރީގައެވެ.

ޝުކުރިއްޔާއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41

2 Responses

  1. ޚިޔާލު ފުރިހަމައެވެ. ސެނަހިޔައަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ މައްސަލަކަން ޔަގީނެވެ. އެތަނުގައި އިތުރަށް ތަނެއް ހަދާނެ ޖާގައެއް މިވަގުތަކު ހުރިހެނެއް ހިޔެއްނުވެއެވެ. ނަމާދު ކުރާތަނެއް ހަދަންޏާ ވުލޫކުރެވޭގޮތެއް ހަދަން ޖެހެއެވެ. އެއީ ވަރަށް ބޮޑު ޖާގަ އިތުރަށް ބޭނުންވާނެ ކަމެކެވެ. ދެން އޮތީ އިންޑިއާ ޑޮކްޓަރުންގެ ވާހަކައެވެ. ޕާކިސްތާނު ޑޮކްޓަރުން ވެސް އެތަނުގައި ޚިދުމަތް ދޭކަން ފާހަގަކޮށްލިނަމަ ރަނގަޅުވީހެވެ. ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގައި ކިޔު ތަރުތީބެއް އޮތަސް ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ޚާއްޞަ އިސްކަމެއް އަބަދުވެސް ދެއެވެ. އެކަން އެގޮތަށް ކުރުމަކީ މައްސަލައެއް ވެސް ނޫނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *