Support Us

ކުރު ވާހަކަ: ރަށުގެ އޮނުފުމޭ މީހާ ކުޅޭ ރާގު ރަށު މީހުންނަށް ރީއްޗެއް ނުވާނެއެވެ.

މިއީ އަރަބި މިސާލު ބަހެއްގެ މާނަކޮށްލުމެކެވެ. زامر الحي لا يطرب މި މިސާލު ބަހުގެ މާނަކޮށްލުމެކެވެ. މި މިސާލު ބަހުގެ ފަހަތުގައި ވާހަކައެއް އޮވެއެވެ. އެ ވާހަކަ ލިޔެލާނަމެވެ.

ރަށެއްގައި އުޅުނު އޮނުފުމޭ މީހެކެވެ. ރަށުގައި އެކަނި އިނދެ ރީތި ރާގުތައް އޭނާގެ އޮނުން ފުމެ ކުޅެއެވެ. ނަމަވެސް، އެ ރާގުތަކަކީ އަބަދު އިވޭ ރާގުތަކަކަށް ވެފައި، އަދި، ރަށު މީހުންނަށް އެ ފަންނުގެ އަގުވަޒަންކުރަން ނޭނގުމުން، އޮނުފުމޭ މީހާއަކަށް މާ ބޮޑު ތަރުތީބެއް ނުދެއެވެ.

މިހެން އުޅެނިކޮށް އެއް ދުވަހަކަ ރަށަށް އައި ބީރައްޓެހި ދަތުރުވެރިޔަކަށް އޮނުފުމޭ މީހާ ކުޅޭ ރާގުތައް އިވި އޭނާގެ ފަންނުވެރި ކަމާއި އޭނާގެ މިޔުޒިކީ ހުނަރު ފާހަގަކުރެވުނެވެ. އަދި، އޮނުފުމޭ މީހާ ގާތު، ދަތުރުވެރިޔާއާއެކު އައުމަށް ބުންޏެވެ. ކޮންމެ މަހަކު އެއް ހާސް ދިރުހަމު ދޭ ގޮތަށެވެ.

ކޮންމެއަކަސް، ދަތުރުވެރިޔާގެ ހުށަހެޅުން ގަބޫލުކޮށް، އޭނާއާ އެކު، އޮނުފުމޭ މީހާ ދިޔައެވެ. ދެން، މި ދެމީހުން، އެކި ރަށްރަށުގައި އޮނުފުމުގެ ހަފްލާތައް ބާއްވަމުން ދިޔައެވެ. އަދި، އެ ރަަށްރަށުގެ މީސްތަކުންގެ ތަރުހީބު ވެސް ލިބުނެވެ.

މި ގޮތުގައި އަހަރުތަކެއް ވޭތުވިއެވެ. އޮނުފުމޭ މީހާއަކީ މިހާރު ވަރަށް މަޝްހޫރު، މުއްސަނދި މީހެކެވެ. އެއް ދުވަހަކު، އޮނުފުމޭ މީހާ އޭނާގެ އެކުވެރި ދަތުރުވެރިޔާ ގާތު ބުންޏެވެ. އަހަރެން މިހާރު އަހަރެންގެ އަމިއްލަ ރަށަށް ގޮސްލާހިތްވެއްޖެއެވެ. ރަށަށް ގޮސް، އޮނުފުމުމުގެ ހަފްލާއެއް ބާއްވަމާ ހިނގާށެވެ.

އޮނުފުމޭ މީހޭ އޭނާގެ ރަށަށް އެނބުރި ދިޔައެވެ. އަދި، އޮނުފުމުމުގެ ހަފްލާއެއް ބާއްވައި ވަރަށް ވެސް ރީތި ރާގުތައް ކުޅުނެވެ. އުފާވެރި ރާގުތަކެވެ. ހިތާމައިގެ ރާގުތަކެވެ. ރޫހު ދިރުވާލަދެނިވި ރާގުތަކެވެ. ދެން ހަފްލާ ނިމި، ތަރުހީބުގެ އަތްތިލަބަޑިއަކަށް އޮނުފުމޭ މީހާ އިންތިޒާރު ކުރިއެވެ. ނަމަވެސް، އެއްވެސް އަޑެއް ނީވުނެވެ. އެންމެންވެސް، ފޫހި މޫނެއް ދައްކާލާފައި ނިކުމެގެން ދިޔައީއެވެ. މަތީގައި ނަންގަނެވުނު މިސާލު ބަސް އުފެދުނީ މި ވާހަކައިން ކަމަށް ބުނެވެއެވެ. އާދެ، زامر الحي لا يطرب ރަށުގެ އޮނުފުމޭ މީހާ ކުޅޭ ރާގު ރަށު މީހުންނަށް ރީތިވެ، އެމީނުން ނެއްޓުވޭ ގޮތެއް ނުހެދޭނެއެވެ. މި މިސާލު ބަހެވެ.

ހުދާ އަލްމަރާޣީ

މީސްތަކުންގެ އާންމު ހަޔާތުން ވެސް މި މިސާލު ބަހާ ގުޅޭ ހާދިސާތައް ފެނެއެވެ. އެފަދަ ހާދިސާއެއްގެ ވާހަކަ ލިޔެލާނަމެވެ. މި ވާހަކަ ގުޅެނީ މިސުރުގެ އިލްމުވެރި ކަމަނާއަކާއެވެ. ނަމަކީ ހުދާ އަލްމަރާޣީއެވެ. އޭނާއަކީ 1970ގެ އަހަރުތަކުގެ ކުރީކޮޅު، ކެނެޑާއަށް ގޮސް މަތީ ތައުލީމު ހާސިލު ކުރެއްވި ކަނބަލެކެވެ. މާސްޓާރސް އާއި ޕީ.އެޗް.ޑީ ވެސް ނެންގެވިއެވެ. މެކޭނިކަލް އިންގިނިޔަރިންގެ ރޮނގުންނެވެ.

ތައުލީމީ ދައުރު ނިންމަވައިފައި ހުދާ އެނބުރި އޭނާގެ ރަށް، މިސުރަށް، ވަޑައިގަތެވެ. ނަމަވެސް، ބުނެވޭ ގޮތުގައި، އޭނާގެ އަމިއްލަ ރަށުން އޭނާގެ ސެޓިފިކެޓު ގަބޫލުކުރުމުގައި މައްސަލަ ޖެހުނެވެ. އަދި އެހެންވެ، އޭނާއަށް ރަނގަޅު ވަޒީފާއެއް ލިބޭ ގޮތެއް ނުވިއެވެ. ދެން، އޭނާ އެނބުރި އަނެއްކާވެސް ކެނަޑާއަށް ވަޑަައިގަތެވެ. އެއަށްފަހު، ކެނަޑާގެ ޔުނިވަރސިޓީއެއްގައި މަސައްކަތް ފެއްޓެވިއެވެ. އަދި ފަހުން، ކެނަޑާގެ ޔުނިވަރސިޓީއެއްގެ އިންޖެނިޔަރިން ފެކެލްޓީއެއްގެ ޑީންކަން ކުރެއްވި ފުރަތަމަ އަންހެނަކަށް އޭނާ ވެވަޑައިގަތެވެ. އަދި، އޭގެ ފަހުން، އުފެއްދުމުގެ ނިޒާމުތަކާ ބެހޭ ކެނަޑާގެ ބަހުސުގެ ގޮނޑިއަށް އެކަމަނާ އިސްކުރެވުނެވެ. އެކަމަނާގެ އިލްމީ ގަލަމުން 450 އިލްމީ މަޒްމޫނު ލިޔުއްވައި ޝާއިއުކުރެވުނެވެ. އާދެ، މިއީ އޭނާގެ ރަށުން އޭނާގެ ސެޓިފިކެޓު ގަބޫލުކުރުމުގައި މައްސަލަޖެހި އޭނާއަށް އެއްވެސް ރަނގަޅު މަގާމެއް ނުލިބު ހުދާ އަލްމަރާޣީގެ ވާހަކައެވެ. އާދެ، زامر الحي لا يطرب ރަށުގެ އޮނުފުމޭ މީހާ ކުޅޭ ރާގު ރަށު މީހުންނަށް ރީތިނުވި މިސާލީ ވާހަކައެކެވެ.

މަރުހޫމު އަހުމަދު ޒުވައިލު

މިފަދަ ހާދިސާތަކާ ބެހޭ ގޮތުން މިސުރުގެ އެހެން މަޝްހޫރު އިލްމުވެރިޔަކު ކަމުގައިވާ މަރުހޫމު އަހުމަދު ޒުވައިލު، އާދެ، 1999 ގައި ކެމިސްޓުރީގެ ރޮނގުން ނޮބެލް އިނާމު ހޯއްދެވި އަހުމަދު ޒުވައިލު، ވިދާޅުވެފައި އޮވެއެވެ. ހުޅަނގުގެ އެންމެންނަކީ މާ މޮޅު މީހުންނަށްވެ، އަހަރުމެން ތަންދޮރު ނުވިސްނޭ ގަބު މީހުންނަށް ވަނީކީ ނޫނެވެ. ނަމަވެސް، ހުޅަނގުގައި ފޭލިވާ މީހާއަށް އެހީވެދެއެވެ. އޭނާ ކާމިޔާބުވެއްޖައުމަށް ދާންދެނެވެ. ނަމަވެސް، އަހަރުމެންގެ ތެރޭގައި ކަންތައް އޮތް ގޮތަކީ އަހަރުމެންގެ ތެރެއިން މީހަކު ކާމިޔާބެއް ހޯދައިފިނަމަ، އެ މީހަކަށް އަހަރުމެން ދަތި އުނދަގޫތައް މެދުވެރިކޮށް އެމީހަކާ ހަނގުރާމަކުރުމެވެ. އޭނާ ފޭލިވެއްޖައުމަށް ދާންދެނެވެ.

ހިތާމައާއެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެންގެ ތެރޭގައިވެސް މިފަދައިން ކަންތައް ކުރެވޭތަން ފެނެއެވެ. ކިޔަވައިގެން އަންނަ މީހުންނަށް ރަނގަޅު ފުރުސަތު ނުދެވޭ ތަނެވެ. ބޮޑެތި ވަޒީފާތަކަށް އަހުލުވެރި މީހުން ތަނުގައި ތިއްބައި، އެ ފަދަ ވަޒީފާތަކަށް ބޭރު މީސްމީހުން އިސްކުރެވޭތަން ފެނުމެވެ! އާދެ، ރަށުގެ އޮނުފުމޭ މީހާ ކުޅޭ ރާގުތަަކަކީ ރަށު މީހުންނަށް ރީތި ރާގުތަކަކަށް ނުވެއެވެ! ނަމަވެސް، މިކަން ބަދަލުވާން ވެއްޖެއެވެ! މިކަން ބަދަލުކޮށް ރަށުގެ ހުނަރުވެރި މީހުންގެ އަގުވަޒަންކުރެވި، އެމީހުންނަށް އެކަށީގެންވާ ރަނގަޅު ފުރުސަތުތައް ދެވެން ވެއްޖެއެވެ.