Support Us

ކޮލަމް މާޒީ: ނޭވާލެއްވީގެ ޚިޔާނާތް… ނޫސްބަޔާންތައް… އިތުރު ޝައްކުތައް… ޝައްކުތަކަށް ޔަގީންކަން!!؟؟

މީޑިއާގައި އެނބުރޭ ޚަބަރުތައް ކިޔައި ބަލައި ހަދާނީ ހަމަ އެކަނި ޝަރުޢީ ދާއިރާއާއި ޤާނޫނީދާއިރާއާއި މާލީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ބޭފުޅުންނެއް ނޫނެވެ. ތަޙުޤީޤީ ދާއިރާއާއި ޞިއްޙީ ދާއިރާއާއި މި ނޫންވެސް މި ފަދަ އިލްމީ ދާއިރާތަކުގެ އިލްމީ ބޭފުޅުން ގިނިކަންޏާއެއް  ނޫނެވެ. އެހެން ހީފުޅު ކުރައްވައިގެން އެކިއެކި ބަޔާންތައް ދެއްވައި ނޫސްބަޔާންތައް ނެރުއްވިޔަސް ތެދުވެރިކަމާއި އިޚުލާޞްތެރިކަން ނުފެންނަ ނަމަ، އިތުބާރު ގެއްލޭނެއެވެ. ގެއްލިއްޖެ އިތުބާރެއް އަލުން އަނބުރައި ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން ބިރުވެރިކަމެއްގައި ގޭގައި ފުރަބަންދުގައި ތިބި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ހާލުބޮޑުވާ މީހުންނަށް ފަރުވާ ދެއްވުމަށް ޓަކައި ކަމަށް ވިދާޅުވެ 75 "ނޭވާލެއްވި" (ވެންޓިލޭޓަރު) ގެންނަނީ ކަމަށް އަޑު ފެތުރުނެވެ. "އެބަ އާދޭ، އެބަގެނޭ"ގައި ރައްޔިތުން ޅޮސް އުނދޯއްޔަށް ލައްވައިގެން އުޅުމަށް ފަހު، ހަގީގަތް ހާމަވި އިރު، އެނގުނީ އެއީ މަކަރާއި ޙީލަތުގެ އަމަލެއް ކަމެވެ. މިއީ މި ފަދަ އެތައް ކަމެއްގެ ތެރެއިން އެންމެ ކަމެކެވެ. މި ނޫނަސް، ކޮރަޕްޝަންގެ އެތައް ޢަމަލެއް ވަނީ ބޭޒާރުވެފައެވެ. ހަކުރުކިލޯއެއް 16 ރުފިއާއަށް ގަތް މައްސަލައާއި، ގޭގައި ކަރަންޓީނުވެގެން ތިބޭ މީހުންނަށް ވެސް ދައުލަތުން ޚަރަދުކުރާކަމަށް ހިސާބުތަކުން ދައްކާ ވާހަކައާއި މި ފަދަ އެތައް ވާހަކަތަކަކީ ރައްޔިތުންތެރޭގައި ދެކެވޭ ވާހަކައެވެ. މަޝްހޫރު ވާހަކައެވެ.

ޞިއްހީ ދާއިރާގެ އޮޑިޓް ރިޕޯޓުގެ މައްޗަށް ރިޢާޔަތްކުރައްވައި މި ދެންނެވި "ނޭވާލެއްވީ"ގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރެއްވިއެވެ. ތަހުގީގަށް ސާބިތުވީ ކޮރަޕްޝަންގެ އެތައް ޢަމަލެއް އެ ކަންތައްގަނޑުގައި ހިމެނިފައި އެބަ އޮތް ކަމަށެވެ. އެހެންކަމުން، ކުރީން ޞިއްޙަތާ ބެހޭ ވަޒީރުކަމުގައި ހުންނެވި ޢަބްދުﷲ އަމީން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް 11 ފަރުދެއްގެ މައްޗަށް ދައުވާ ކޮށްދެއްވާން އެދިވަޑައިގެން ޕްރޮސެކިޔުޓާރޖެނެރަލް (ޕީޖީ) އޮފީހަށް އެ މައްސަލަ ފޮނުއްވިއެވެ. އެއީ މި ދިޔަ އަހަރު އޮކްޓޯބަރު މަހު 14 ވަނަ ދުވަހުއެވެ. ޕީޖީއަށް ފޮނުއްވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްވިދާޅުވެ ދައުވާ ކޮށްދެއްވާށެވެ. އެވެސް ވައްކަމާއި ޚިޔާނާތުގެ މައްސަލައެއްގައެއް ނޫނެވެ. ވަކި ބަޔަކަށް ނާޖާއިޒުފައިދާ ހޯދައިދޭން މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ކުށަށެވެ.

ނަމަވެސް، މި މައްސަލައިގައި ވެސް ދަޢުވާކުރެއްވޭ ވަރަށް (އެކަށީގެންވާ ވަރަށް) ހެކި ނެތްކަމަށް ވިދާޅުވެ، ދަޢުވާ ނުކުރައްވާން 19 އޮކްޓޯބަރު 2020 ގައި ޕްރޮސެކިޔުޓަރްޖެނެރަލް ނިންމެވިއެވެ. ޢާންމުންގެ ތެރޭގައި މިހާރު އެންމެ ބޮޑަށް މަޝްހޫރުވެފައިވާ ގޮތުން "އުންސުރު" ހަމަނުވާތީޔޯލައެވެ. އުންސުރަކީ ކޮން އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުނަސް މިހާރު އެއީ ވަރަށް މަޝްހޫރު ލަފުޒެކެވެ. ޕީޖީގެ މި ނިންމެވުމުގެ ސަބަބުން ގިނަ ބަޔަކު ސުވާލު އުފެއްދީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ.)ގެ ތަހުގީގުގެ ފެންވަރާމެދުގައެވެ. ނަމަވެސް އެސީސީގެ މެންބަރުންނަކީ މި ސަރުކާރުން ޢައްޔަންކުރައްވައިފައި ތިއްބެވީ މި ސަރުކާރުގެ ރުހުމާއި އިތުބާރު ލިބިފވަޑައިގެން ތިއްބެވި ބޭފުޅުންނެވެ.

ރައްޔިތުންގެ މަޖިލީހުންވެސް އިތުބާރާއި ރުހުން ދެއްވައިފައިވާ އޭސީސީގެ މި ތަހުގީގަށް ފަހު އެ ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސައެއް މަޖިލީހަށް ވެއްދުނެވެ. އެ "ބޭފުޅުން" އޭރު ވިދާޅުވީ އެ މައްސަލަ ސާބިތުވާ ގޮތަށް ތަހުގީގު ނުކުރެވުނީ އޭސީސީގެ ގާބިލުކަން ނެތީމާ ކަމަށެވެ. ނަމަވެސް އޭރު ވެސް އާންމުންގެ ތެރޭގައި ފެތުރުނު އެއް އަޑަކީ ވެންޓިލޭޓަރުގެ ޚިޔާނާތަކީ "ބޮޑުންގެ" މެދުގައި ރޭވިގެން ހިންގިފައިވާ "ޓޮލަރެންސް"އެއް ކަމަށް ވާތީ، އެ މައްސަލަ މި ސަރުކާރުގެ ބާރު އޮތް ގޮތުން ނުބެލޭނެ ކަމުގެ ވާހަކައެވެ. މި މައްސަލަ ފުރިހަމައަށް ތަހުގީގެއް ނުކުރެވޭނެ ކަމަށާއި ތަހުގީގު ކުރިޔަސް ޝަރީޢަތަށް ވެސް ހުށަނާޅާނެ ކަމަށާއި ޝަރީޢަތަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ސާބިތުވާނެ ކަމަށް ހުކުމް ކުރިޔަވެސް ޖޭއެސްސީއިން ނުދޭނެ ކަމަށެވެ. މި ރާއްޖޭގައި މި ފަހަކަށް އައިސް ކަން ހިނގާ މަގަށް ބަލައި އާންމުންގެ ތެރޭގައި މި ވާހަކަ ދެކެވުނެވެ.

މި ފަދަ އަޑުތައް ގަދަވުމާއެކުހެން ދެވަނަ ފަހަރަށް ތަހުގީގު ފުރިހަމަކުރެއްވި ކަމަށް ވިދާޅުވެ އަލުން ދަޢުވާ ކޮށްދެއްވާން އޭސީސީއިން 2020 އޮކްޓޯބަރ 25 ގައި ޕީޖީ އޮފީހުގައި އެދިވަޑައިގަތެވެ. ނަމަވެސް އެންމެ ކުރީން ވެސް އެ މައްސަލައިގައި ދައުވާ ނުކުރައްވާން ޕީޖީ އޮފީހުން ނިންމެވި ނިންމެވުން ބަދަލުކުރައްވާކަށް އެ އޮފީހުން ގަސްތެއް ނުކުރެއްވިއެވެ. އެ އޮފީހުގެ ނިންމެވުން ބަދަލުކުރައްވާން ގަސްތު ނުކުރައްވާކަން ހާމަކުރެއްވީ އެއްވެސް ޖަވާބެއް ނުދެއްވައި ގިނަ ދުވަސްތަކެއް ވޭތުވެ ދިޔުމަށް ފަހު މި ދިޔަ މާރިޗްމަހު ފަހުކޮޅުގައެވެ.

ޕްރޮސެކިޔުޓަރް ޖެނެރަލްއަށް ފާޑުކިޔުން އަމާޒުވީ މިހިސާބުންނެވެ. ދައުލަތަށް ގެއްލިފައި ނެތް ފައިސާއެއްގެ މައްސަލަ ވަކި މީހެއްގެ މައްޗަށް އުފައްދައިގެން، އެއްބަސްވުމުގެ ދަށުން ހެކިބައްލަވައިގަނެގެން ވެސް ރައީސް ޔާމީންގެ މައްޗަށް މަތިމައްޗަށް ދަޢުވާކުރެއްވުމުގައި ޕީޖީ އޮފީސް އަވަދި ނެތި އުޅުއްވާއިރު، ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ގެއްލިފައިވާ މައްސަލައެއްގައި އެ ފައިސާއަށް ޚިޔާނާތްތެރިވި މީހުންނަށް ދަޢުވާކުރެއްވޭނެ ހެކި ނެތްކަމަށް ވިދާޅުވުމަކީ ޢާންމު ރައްޔިންނަށް ބަލައިގަނެވޭނެ ކަމަކަށް ނުތްވެވެ. މި ކަމުން އެނގެނީ މި ޚިޔާނާތާ ބެހޭ ގޮތުން އާންމުންގެ ތެރޭގައި ފެތުރިފައި ވާހަކަތަކުގެ ކޮންމެވެސް ވަރެއްގެ ހަގީގަތްތަކެއް އެބަ ހުރި ކަމެވެ. "ނެވާލެއްވި" ގަންނާން އަގު ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް، އުޞޫލުތަކާ ޚިލާފަށް އެ މަސައްކަތް ހަވާލުކުރި ކަމާއި، އަގުގެ 90 އިންސައްތައަށް ވާ ފައިސާ ވެސް، އުޞޫލާ ޚިލާފަށް ދީފައިވާ ކަން އެއީ ލިޔުންތަކުން ފެންނާން އޮތް ހަގީގަތެކެވެ. އެހެންވީމާ މި ކަމުގައި ޒިންމާ ވާނެ މީހަކު ހޯދޭ ވަރަށް އުންސުރު ނެތުމަކީ މި ގަރުނުގެ އެންމެ ބޮޑު ޖޯކުކަމަށް ރައްޔިތުން ދެކެއެވެ. އެއީ ރައްޔިތުން ގަބޫލުކުރާން ބޭނުން ވާހަކައަކަށް ނުތްވެވެ.

އަޑު ފެތުރިފައިވާ ގޮތުން، މިއީ ރޭވިގެން ހިންގިފައިވާ ވަރަށް ބޮޑު ޖަރީމާއެކެވެ. މި ޖަރީމާގެ މައިމޫ ވަދެފައިވަނީ އަތްނުފޯހާ އެތެރެއަށް ކަމަށެވެ. ލޮލަށް ނުފެންނަހާ ބިއްދޮށަށް ކަމަށެވެ. އެންމެ ފުނަށެވެ. އެހެންވީމާ ޕްރޮސެކިޔުޓަރ ޖެނެރަލްއަކަށް ވެސް މި މައްސަލައިގައި ދަޢުވާއެއް ނުކުރެއްވޭނެކަމަށް އާންމުންގެ ތެރޭގައި ކިޔާތީ އަޑުއެހީމެވެ. އުތުރުކަރައިގެ ރައްޔިތަކު މި ރާއްޖޭގައި ކޮންމެ ފަދަ ޖަރީމާއެއް ހިންގިޔަސް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ބާރާއި އިޚުތިޔާރު މި ސަރުކާރަށް ލިބިފައި ނެތް ފަދައިން މި މައްސަލައިގައި ވެސް ދައުވާކުރެއްވުމަކީ ޕީޖީއަށް ފަސޭހަފުޅު ކަމަކަށް ނުވިއެވެ. އެ މަނިކުފާނު ދަޢުވާކުރައްވާންވީ މައްސަލަތައް އޮތީ މާ ކުރީއްސުރެ، ކުރިފުޅުމަތީގައި ސާފުކޮށް އެނގިވަޑައިގެންފައެވެ.

ދެ ކަމެއް އަޅައި ބަލައިލަމާތޯއެވެ! ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މައްސަލައެއް އުފައްދަވައިގެން އުޞޫލުތަކާއި އިޖުރާއާތުތަކާ ޚިލާފަށް މައްސަލައެއް އުފަން ކުރުވައި، ނުހައްގުން ދައުވާ ކޮށް "ހުކުމެއް" އިއްވަވައި އެ މަނިކުފާނު ޖަލުގައި އެ "ހުންނެވި" މައްސަލައިގައި، އެ ވިދާޅުވާ އެއް މިލިއަން ރުފިޔާ އެހެރީ ސަރުކާރުގެ ބެލުމުގެ ދަށުގައެވެ. އެއީ ދައުލަތުގެ އެއްޗެއް ކަމަށް އަދި މިހާތަނަށް ނުނިންމެވިއަސް އެ ގޮތަށް ނިންމަވައިގެން ވެސް އެ ފައިސާ ބޭނުންފުޅު ނަމަ ސަރުކާރުން ގެންދަވާންވީ ނޫންތޯއެވެ! އޭގެ ބަދަލުގައި ރައީސް ޔާމީން ޖަލުގައި ބަހައްޓަވާން ކުރައްވާ ޚަރަދާއި ދެކޮޅުދެކޮޅަށް "ދަމާން" ގެންގުޅުއްވާ ލާންޗުތަކަށް ކުރައްވާ ޚަރަދުން ދައުލަތަށް ލިބެނީ ގެއްލުންތާއެވެ! ރައީސް ޔާމީން ކުރެއްވިކަމަށް އެ ވިދާޅުވާ ފައިސާ ދޮވުމަކުން، ދައުލަތަށް ލިބުނު އެންމެ ލާރިއެއްގެ ގެއްލުމެއް ވެސް ފެންނާކަށް ނެތެވެ. ނަމަވެސް އެ މަނިކުފާނަށް ދަޢުވާކުރެއްވުމަކީ ޕީޖީ އޮފީހުގެ އެންމެ މުހިންމު މަސައްކަތްކަމަށް ރައްޔިތުންނަށް ފެންނަ ވަރު ވެއްޖެއެވެ.

މިއާ ޚިލާފަށް ނޭވާލެއްވީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި އެތައް މިލިއަން ރުފިއާއަކަށް ޚިޔާނަތްތެރިވެ އެ ފައިސާ ދިވެހި ސަރުކާރަށް ގެއްލިފައިވާކަން ސާބިތުވެއެވެ. އޮޑިޓް ރިޕޯޓުންނެވެ. ތަހުގީގަށެވެ. މިހެން މި ކަން އޮއްވައި ތަހުގީގު ފުރިހަމަނުވެގެން، "އުންސުރު ހަމަނުވެގެން"ކަމަށް ވިދާޅުވެ ދައުވާ ނުކުރައްވާން ނިންމެވުމުން އިތުރު ތުހުމަތުތަކެއް ކުރުމުގެ ޖާގަ ހުޅުވައިލެވެނީއެވެ. މި ތުހުމަތުތަކަކީ، އެންމެ މަތީ އޮފީހުން ބަންދު ދުވަހެއްގެ ރޭގަނޑުގެ ވަގުތެއްގައި ކުއްލިއަކަށް ނެރުއްވާ ނޫސް ބަޔާނަކުން..، ބާއްވާ ނޫސް ކޮންފަރެންސަކުން، އަދި އަމުދުން "ގޮވެލީ"ގައި ލިޔުއްވާ "ގޮވެއްޔަކުން" ހުއްޓުވޭނެ އެއްޗެއް ނޫނެވެ.

ގައުމުގެ ވެރިކަމުގައި ހުންނެވީ ވެރިކަންކުރައްވާ ކޯލިޝަންގެ މައިޕާޓީގެ އިސް މެންބަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ ސުޕަރ މެޖޯރިޓީ އޮތީ ސަރުކާރުގެ މައިޕާޓީއަށެވެ. މަޖިލީހުގެ ރައީސަކަށް ހުންނެވީ ފެންނަ ފެނުމުގައި މައި ޕާޓީގެ ރައީސެވެ. "މިނިވަން" މުއައްސަސާތަކުގައި ތިއްބެވީ މި ސަރުކާރުން އިތުބާރުކުރައްވައި މަޖިލީހުން ރުހުންދެއްވި މެންބަރުންނެވެ. ޞަދޫމަށް ވުރެވެސް އިންސާފުވެރި، އަދި ސަރުކާރުގެ ބަސްގަބޫލުކުރާ (ޖޭއެސްސީގެ ކޮންޓްރޯގެ ދަށުގައިވާ) ޤުޟާއީ ނިޒާމެއް ވަނީ މި ރާއްޖޭގައި ޤާއިމުކުރެވިފައެވެ. ޕްރޮސެކިޔުޓަރ ޖެނެރަލަކަށް ހުންނެވީ ވެރިކަންކުރައްވާ ޕާޓީގެ ހަރަކާތްތެރިއެއްގެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވެ ވަޑައިގެން، ޕާޓިއަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ވަފާތެރި ޚިދުމަތްތެރި ތަޢުލީމީ ބޭފުޅެކެވެ. ރައްޔިތުންގެ އިހުތިރާމް ގެއްލިފައި ވިޔަސް، އުޞޫލާއެއް ގޮތަށް، ނުވަތަ އުޞޫލާ ޚިލާފަށް ވިޔަސް، އަދި ވަލުދޮރޯށީން ނުވަތަ މައި ދޮރޯށީން ވެއްދެވިޔަސް ތަހުގީގީ އެންމެ ބޮޑު އިދާރާގެ އިސްވާރަކަށް ހުންނެވީ ރައީސްގެ "ޢާއިލީ" އަރިސް ބޭފުޅެކެވެ. ފުލުހުންގެ ކަންކަން ބަލަހައްޓަވާ ވުޒާރާގެ ވަޒީރަކީ ސަރުކާރު ކޯލިޝަންގެ އިސް ބައިވެރިއެކެވެ. ދީނަށް ޓަކައި، ޤައުމަށް ޓަކައި އަޑު އުފުއްލެވި ބޭފުޅެކެވެ. ދިފާޢީ ބާރުގެ ވެރިއަކަށް ހުންނެވީ މި ސަރުކާރުގެ ވަފާތެރިއެކެވެ. އެ ދާއިރާގެ ވުޒާރާގެ ވަޒީރަކީ ސަރުކާރު ހިންގަވާ މައި ޕާޓީގެ ވަފާތެރި ހަރަކާތްތެރިއެކެވެ. ސިޓީ ކައުންސިލުގެ މޭޔަރަކަށް ހުންނެވީ އަދި އެ ކައުންސިލްގެ އަޣުލަބިއްޔަތު މެންބަރުންނަކީ އެމްޑީޕީގެ ވަފާތެރީންނެވެ.

އިސްވެ ދެންނެވުނު ކަންކަމަށް ބާލާއިރު، ބަހަނާއެއް ދެއްކެވޭނެ ހަމަ އެންމެ ސަބަބެއް ވެސް ނެތެވެ. ކައުންސިލްތަކުގެ އަޣުލަބިއްޔަތު ދެއްވާށޭ ވިދާޅުވެ އަލުން ވޯޓު ހޯއްދަވާން އުޅުއްވާކަށް ވެސް ނުޖެހެއެވެ. އެ ކަމާ އަލުން އުޅުއްވާން ލަދުފުޅު ވެސް ގަންނާން ޖެހެއެވެ. އެހެނީ މިހާރު ވެސް މާލޭ ސިޓީ ކައުންސިލާއި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރުގެ މައިޕާޓީއަށެވެ. ވީމާ، އިޚުލާޞްތެރިކަމެއް އޮތް ނަމަ، އުންސުރު ހަމަކުރައްވައިގެން ނުވަތަ ތަހުގީގު ފުރިހަމަ ކުރައްވައިގެން ނަމަވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯއްދެވުމުގައި ސަރުކާރަށް އެއްވެސް ހުރަހެއް ނެތެވެ. ދެއްކެވޭނެ ބަހަނާއެއް ނެތެވެ. މި މައްސަލައިގައި ތަޙުގީގުކޮށްލެއްވިކަމަށް ހެއްދެވިޔަސް، ޝަރީޢަތަށް ހުށަހެޅުއްވި ކަމަށް ހައްދަވައި ޑްރާމާކުޅެއްވިޔަސް، މި މައްސަލައިގައި ޒިންމާވާ ފަރާތްތައް ހޯއްދަވައި، ސާބިތުކޮށްދެއްވައި، އެ މުޖުރިމުންނަށް އަދަބުދެއްވައި، ދައުލަތަށް ގެއްލުނު ފައިސާ ނުހޯއްދަވާހާ ހިނދަކު ރައްޔިތުންނަށް ހިތަހަމަޖެހުމެއް ނުލިބޭނެއެވެ.

ރައްޔިތުންގެ ޝަކުވާ މީޑިއާއާއި މީސްމީޑިއާގައި ބަންޑުންވާން ފެށުމުން، މި ހުސްވި މާރިޗްމަހު 29 ގައި ޕީޖީ އޮފީހުން ނޫސްބަޔާނެއް ނެރުއްވައި ވިދާޅުވެފައިވަނީ އެ މައްސަލަ އަލުން މުރާޖަޢާ ކުރައްވާން ނިންމަވައިފިކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ކަންބޮޑުވުންތަކެއް މި މައްސަލައިގައި އިންތިހާއަށް ހުރުމުން ކަމަށެވެ. މި މައްސަލަ އަލުން މުރާޖަޢާ ކުރައްވާކަން، ޕްރޮސެކިޔުޓަރ-ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިޔުޓަރ އަދި ތަރުޖަމާނު އަލްއުސްތާޛު އަހުމަދު ޝަފީއު ހަމަ އެ ދުވަހު މީޑިއާއަށް ހާމަކުރައްވައިފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ، ރިވިއު ޕްރޮސެސް (މުރާޖަޢާކުރުމުގެ މަސައްކަތް) ފެށިއްޖެ ކަމަށާއި، ފުރަތަމަ ދައުވާ ނުކުރެވުނު ގާނޫނީ ކަންކަން ފާހަގަކުރައްވައި ތިން އިދާރާ ގުޅިގެން، އެ ކަމުގެ މަޝްވަރާތައް ކުރަމުން ދާކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ވެންޓިލޭޓަރުތަކާ ގުޅޭ ޚިޔާނާތުގެ މައްސަލަ ޕީޖީގެ އޮފީހުން މުރާޖައާކުރައްވަމުން ގެންދަވާއިރު، އެ މައްސަލައިގައި ވަކި ބަޔަކަށް ދައުވާކުރައްވާން އުޅޭކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން "ކަންބޮޑުވުން" ފާޅުކުރައްވައިފައިވެއެވެ. މައްސަލަތަކުގައި ދަޢުވާކުރެއްވުމާއި ނުކުރެއްވުން އެއީ ޕްރޮސެކިޔުޓާރ ޖެނެރަލަށް އޮންނަ ކަމެއް ކަމަށް ވިޔަސް ދަޢުވާކުރެއްވުމުގައި ވަކިވަކި ބޭފުޅުންނަށް ވަކިވަކި ގޮތްގޮތް ވާގޮތަށް ދައުވާކުރެވިގެންދާ ގޮތަށް ފެންނަކަމަށް ވަނީ ވިއްޔާ އެއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ވެންޓިލޭޓަރުތަކުގެ (ނޭވާލެއްވިތަކުގެ) މައްސަލައަކީ ކަނޑައެޅިގެން ވައްކަން ފެންނާން އޮތް ކަމެއް ކަމަށާއި އެ މައްސަލާގައި ދައުވާ ނުކޮށް ގިނަ ދުވަސްވެ، ދިގުލައިގެންދާކަމީ ރައްޔިތުންގެ މަޖިލީހުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ނަމަވެސް ކުރީން ވެސް އާންމުވެ، "މީޑއާގައި" އަޑުފެތުރިފައިވާ ގޮތަށް މި މައްސަލައިގައި ކުށްކުރި ބަޔަކު ހޯދައި، ދައުލަތަށް ގެއްލުނު ފައިސާ އެ މީހުންގެ އަތުން ހޯދައި ކުށްކުރި މީހުންނަށް އަދަބުދެއްވާން ސަރުކާރުން ފަސްޖެހިވަޑައިގަންނަވާކަން ދޭހަވާ ފަދަ ވާހަކަތަކެއް އަނެއްކާ ވެސް އިވޭން ފަށައިފިއެވެ. ދައުލަތާ އިދިކޮޅަށް ކުރީން ބައެއް ކުންފުނިތަކަށް ވާކާލާތުކޮށްދެއްވި، ނަމަވެސް މިހާރު ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ، "ދައުލަތުގެ" ބަންޑާރަ ނާއިބު ލަފާ ދެއްވަނީ އެ މައްސަލަ އާރބިޓްރޭޝަނަށް ހުށަހަޅާށޯލައެވެ. ސަހަރޯއެވެ! އަނެއްކާ ވެސް ވަކީލުން ހޯއްދަވައި، ދައުލަތުން އެތައް ފައިސާއެއް، ބޮޑު ސޫދުގައި "ބޮޑުބޭބެ އަތުން" ދަރަންޏަށް ފައިސާ ނަގައިގެން ޚަރަދުކުރައްވާން ވީ ބާވައެވެ! އާރބިޓްރޭޝަނަށް ދާނީ، ކާކު، ކާކު ގޮވައިގެންބާވައެވެ! ރައްޔިތުން މޫނުމަތި އަޅައިގެން އަތްދޮވެދޮވެ ގޭގައި ތިއްބަސް މި ސުވާލުތައް އެބަ ކުރެއެވެ. މި މައްސަލައިގައި ކުށްކުރި މީހުންނަށް އަދަބުދީ ދައުލަތަށް ގެއްލުނު ފައިސާ ހޯއްދަވާން އުޅުއްވާކަށް ސަރުކާރަކަށް ކެރިވަޑައެއް ނުގަންނަވާނެޔޭ ކުރީން ބުނި މީހަކު އިއްޔެ އަޅުގަނޑު ފެނުމުން ބުނެލިއެވެ. "ކޮބާ މަ ބުނީ ދޮގެއް ހެއްޔެވެ! ވެންޓިލޭޓަރު ވައްކަމުގެ މައްސަލައިގައި އަނެއް ޑްރާމާ ފެށީ ނޫންހެއްޔެވެ؟" އަޅުގަނޑު ކުޑަކޮށް ހީނލީމާ ބުނެލިއެވެ. "ސަތޭކަ ޕަސެންޓް ޔަގީނެވެ. މި ސަރުކާރު އޮވެ، މި މައްސަލައިގައި އެއްވެސް މީހަކު ކުށްވެރިވާ ގޮތަކަށް އެއްވެސް ކަމެއް ނުނިމޭނެއެވެ. އެ ފައިސާ ހޯދާކަށް ވެސް ނުކެރޭނެއެވެ."

މަގުމަތީގައި އޭނާ އެ ވާހަކަ ފެށުމުން އަޅުގަނޑު މަޑު ނުކޮށް ދާން އުޅޭން ފެށީމާ އަދި އެއަށްވުރެ ބާރަށް ބުނެލިއެވެ. "މިއީ ރާވައިގެން ހިންގައިފައިވާ ޖަރީމާއެކެވެ. އޮރގަނައިޒްޑް ކްރައިމްއެކެވެ. ބައިއެޅިގެން ހިންގިފައިވާ ވައްކަމެކެވެ. މި ޚިޔާނާތުގެ މޫ އެންމެ ފުނަށް ފޯރައިފައިވެއެވެ." "ދެނެވޮޑިގެންވާނީ މާތް ﷲ"އޭ ބުނެލަމުން އަޅުގަނޑު ދިޔަ ތާކަށް ހިނގައްޖައީމެވެ.

ފިކުރު ހިންގައިލުން ހުއްޓެވެ! މި ޤައުމުގައި، ދައުވާ އުފުލުމާއި ތަހުގީގުކުރުމާއި، ވަކި ބަޔަކު ބޭރަށް ފުރުވައިލުމާއި ޝަރީޢަތްތައް ހިނގާ ގޮތާއި މި ކަންކަން ހިތަށް ވަނުމުން ދިވެހި ޤައުމު ވެއްޓިފައިވަނީ ކިތައް ސަތޭކަ އަހަރުގެ ފަހަތަށް ބާވައޭ ހިތަށް އަރައި ލޮލުން ކަރުނަ އާދެއެވެ. ޚިޔާލަށް އައީ ސަލާމްލެއްވި ލޫޠުގެފާނުގެ ޒަމާނެވެ. އެހެނީ، އުތުރުކަރައިގެ މީހަކު ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިޔަސް އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ އިޚުތިޔާރު ސަރުކާރަށް ނެތުމާއި، ކަނޑުގައި ދާއަޅައިގެން ވަކި ގައުމެއްގެ ބަޔަކު މަސްކޮޅު ކަހައިލިޔަސް އެ މީހުންނަށް ހުރަސްއަޅާން ނުކެރޭ ތާނގައި ޗުއްޕު ވެސް ބުނެލުމުގެ ބާރު ދިވެހި ދައުލަތަށް ނެތުމާއި، މި ކަންކަމުން ދޭހަވަނީ ހޮޅިންނާއި ފުރެތިކާލުން މި ރާއްޖޭގައި ވެރިކަން ހިންގި ޒަމާނުގެ ޙާލަތެވެ. ހަމަ ގައިމު ވެސް އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އޮތް އިރު ވެސް މި ޙާލަތަކަށް ރާއްޖެއެއް ނުވެއްޓެއެވެ.

ނޭވާލެއްވިތަކުގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތާއި މިހާރު ކަން ހިނގާ ގޮތަށް ބަލާއިރު، އިތުރު ޝައްކުތަކަކާއި ތުހުމަތުތަކެއް ނޫނީ އިތުރެއް ނުވެއެވެ. މި ފަދަ ކަންކަމާ މެދު ކަންބޮޑުވެގެން އަޑުއިއްވާން ރައްޔިތުން ނުކުތުމުން، ރައްޔިތުންގެ އަޑު ވެސް ކަނޑުވައިލެވޭތޯ ޤާނޫނާ ޚިލާފަށް ބާރުގެ ބޭނުންކުރައްވަނީއެވެ. މަޞްލަޙަތު ނަގައިލަނީ ކަމުގެ ނަމުގައެވެ. ނަގައިލީ ކޮން މަޞަލަހަތެއްކަން ބުނެ ނުދެވުނަސްވެހެވެ.

ޚިޔާނާތާއި ފަސާދަ އިތުރުވާނަމަ، ރައްޔިތުން، އެ ވާހަކަ ދައްކާނެއެވެ. ރައްޔިތުންގެ ޚިޔާލު ވެސް ފާޅުކުރާނެއެވެ. ތަންތަނަށް އެއްވެސް ވާނެއެވެ. ޤައުމުގައި ހިނގާ ނޭދެވޭ ކަންކަމުގެ ވާހަކަ ސަރުކާރުން ނާހާނަމަ، އެ ވާހަކަތައް އިއްވާން ރައްޔިތުން ބޭނުންވާނެއެވެ. އެ ފަދަ ވާހަކަތައް އިއްވުމަކީ، މަޞްލަޙަތު ނަގައިލުންކަމަށް ފުލުހުންގެ ބަޔަކު މާނަކޮށް، ރައްޔިތުންގެ ދޫތައް ބަނދުކުރާން ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރެއްވިޔަސް، ދާއިމީ ގޮތެއްގައި އެކަން ނުކުރެއްވޭނެކަން އެނގިވަޑައިގަންނަވާންވާނެއެވެ. އާދޭހެވެ! ނޭވާލެއްވީގެ ޚިޔާނާތް ފަދަ ވާހަކަތަކަނީ ނޫސް ބަޔާންތަކެއް ނެރެގެން… ބިރުދައްކައިގެން ހުއްޓުވޭނެ ވާހަކަތަކެއް ނޫނެވެ. އިތުރު ޝައްކުތައް….  ޝައްކުތަކަށް ޔަގީންކަން އިތުރުވުން ނޫންކަމެއް ނުވާނެއެވެ. ގޮށްމުށުގެ ބާރަކުން އަބަދަކު ކަންކަން ޙައްލެއް ނުވާނެއެވެ.

ރައްޔިތުންގެ ނުރުހުމާއި، ހިތްހަމަނުޖެހުމުގެ ޝުޢޫރު މަދުކުރައްވާން ބޭނުންފުޅު ނަމަ، ކަންކަން އިޞްލާހުކުރައްވާށެވެ! ޚިޔާނާތްތެރީން ކަންކަމުން ދުރުކުރައްވާށެވެ! ތެދުވެރިކަމާއި އިޚުލާޞްތެރިކަން ރައްޔިތުންނަށް ޢަމަލުން ސާބިތުކޮށްދެއްވާށެވެ! އެކަން ނަތީޖާއިން ދައްކަވާށެވެ! ބަހާއި ޢަމާލާ ސީދާކުރައްވާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12

One Response

  1. ތިޔަވިދާޅުވަނީ ރޔާމީން ކުށެއް ނުކުރެއޭ ދޮގެއްތޯ؟ ޙައްގުން ކަމަކާނުލާ ބޭބޭފުޅު ޖަލަކަށްނުލައޭތޯ؟ ފަނޑިޔާރުންތައް ދަމާބަދެގެން ޖަލަކަށް ނުގެންދެއޭތޯ؟؟ އެހެން މީހެއްގެ ބޮލުގައި ހުރިހާ ކަމެއް އަޅުވަން ކުއްލި ނުރައްކާ؟؟ ލާރި ދީގެން ކުރީމާ ޒިނޭ ޥެސް ހުއްދަވަނީ؟؟؟؟ ތިޔަކަހަލަ ރަނގަނޅު ބޭފުޅުންވެސް ވަގުންގެ ދިފާއުގައި އެންމެފަހުން ނުކުންނެވީތޯ؟؟ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ!!! ބަސްއެދުރުންނަށް މާނަ އެނގޭނީ ބޮޑަށް ދޮގެއްތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *