Support Us

ބޮލުގެ އިސްތަށިކޮޅު ގެއްލި ތަލަވި ބޮލެއްގެ ވާހަކަ

މެދު އުމުރެއްގެ މީހެކެވެ. އޭނާގެ ދެ އަނބިން ތިއްބެވެ. އެކަކީ އޭނާގެ ޒުވާން އުމުރުގައި އެންމެ ލޯބިން އިން އަލަތު އަނބިމީހާއެވެ. އޭނާއާ އެއް އުމުރެއްގެ އަންހެނެކެވެ. ދެވަނަ އަނބިމީހަކީ އޭނާގެ އުމުރުގެ ރަބީއު މޫސުން ނިމި ޚަރީފު މޫސުމަށް އެޅުމުން، ހަޔާތަށް އަލުން ރަބީއު މޫސުން ގެނައުމުގެ ވަހުމީ ޚިޔާލުގައި އިން، އޭނާގެ ދޮށީ ދަރިފުޅަށް ވުރެ ވެސް ހަގު، ޒުވާން، އަނބިމީހާއެވެ.

މާގިނަ ދުވަސްތަކެއް ނުވެ، އަޅުގަނޑުމެންގެ ވާހަކައިގެ ބަތަލާގެ ހަށިގަނޑުން އުމުރުން ދުވަސްވުމުގެ އަލާމާތްތައް ފެންނާން ފަށައިފިއެވެ. ހަޔާތަކީ ވަގުތީ އެއްޗެއްކަމާއި ދުނިޔޭގައި އުޅުމުގެ އަޖަލު ކަނޑައެޅިފައި އޮތްކަން ހަނދާންކޮށްދޭން ފަށައިފިއެވެ. އޭނާގެ ބޯ ނުރައިން އަލިވާން ފެށައެވެ.

މިކަމާ އޭނާގެ ހަނގު އަނބި ނުރުހުނެވެ. އޭނާގެ ފިރިމީހާގެ ކައިރީގައި ހުންނައިރު، ފިރިމީހަކީ އޭނާގެ ބައްޕަ ކަމަށް މީހުން ހީކޮށްފާނެތީ އެވެ. ދެން، އޭނާާއާއެކު ފިރިމީހާވާ ކޮންމެ ރެއަކު، ފިރިމީހާގެ ބޯއޮމާންކޮށް ހުރިހާ ނުރަތައް އުފުރަން ފެށިއެވެ.

މިއާ ޚިލާފަށް، ފިރިމީހާގެ ބޯ ހުދުވާން ފެށުމުން، ދޮށީ އަނބި މީހާ އުފާކުރިއެވެ. މިހާރު ދޮށީ އަނބި މީހާގެ ބޯވެސް ހުދުވަމުންދާތީއާއި ފިރިމީހާގެ ބޯ ކަޅުކޮށް ހުރެއްޖެ ނަމަ، ފިރިމީހާ ކައިރީ އޭނާ ހުންނައިރު، އޭނާއަކީ ފިރިމީހާގެ މަންމަ ކަމަށް މީސްތަކުން ހީކޮށްފާނެތީއެވެ. ދެން، އޭނައާއެކު ފިިރިމީހާ ހޭދަކުރާ ކޮންމެ ރެއަކު، ފިރިމީހާގެ ބޯއޮމާންކޮށް، އޭނާގެ ބޮލުގައި ހުރިި ހުރިހާ ކަޅު އިސްތަށިކޮޅު އުފުރަމުން ދިޔައެވެ.

ނަތީޖާއަކީ ކޮބައިތޯއެވެ؟ ތިޔަ ހީކުރެއްވީ ހަމަ ރަނގަޅަށެވެ! މާގިނަ ދުވަސްތައް ނުވެ ފިރިމީހާގެ ބޮލުން ހުރިހާ އިސްތައްޓެއް އުފުރައި ހުސްވެ، އޭނާގެ ބޯ ތަލަވުމެވެ.

އާދެ، އެންމެން ރުއްސައި، އެންމެންގެ މަގުބޫލުކަން ހޯދަން އުޅެފި ނަމަ ކަންތައް ވާނީ މިހެންނެވެ. އެކަން ހާސިލުނުވެ، އަމިއްލައަށް ގެންލުން އުފުލަންޖެހުމެވެ. އެހެންވެ، މީހުން ރުއްސައި މީހުންގެ މަގުބޫލުކަން ހޯދަން ކަންތައް ކުރަން އުޅުމަކީ ހަގީގީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫނެވެ! އެ ގޮތް ޚިޔާރުކުރުމަކީ ބުއްދިވެރި ގޮތެއް ވެސް ނޫނެވެ!