Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

މުންދުގެ ކޮލަމް: ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ.

އަޅުގަނޑު ވަރަށް ގިނައިން ބުނެއުޅޭ އެއްޗެކެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އުޅެވޭނީ ދެ ގޮހޮރު އޮވެގެންނެވެ. އެއް ގޮހޮރަކީ، އެހެން އިންސާނުންނެކޭ އެއްފަދައިން، ކާބޯތަކެތި ހަޖަމްކުރުމަށް ބޭނުންކުރާ ގޮހޮރެވެ. ދެވަނަ ގޮހޮރަކީ، ސިޔާސީ ގޮތުން ވާދަވެރިން ކިޔާ ގޮތް ފާޑާއި، ކުރާ ތުހުމަތާއި ދިއްކުރާ އިނގިއްޔާއި އަދި ގޮވާ އަވަގުރާނައާއި ހުތުރު އެއްޗެތި، ފެންފޮދަކާ ނުލާ އަރުތެރެއަށް ދިރުވާލައި، މުގުރާ ހިމުންކޮށް، ބޭރުކޮށްލަން ބޭނުންކުރާ ގޮހޮރެވެ. ދެވަނަ ގޮހޮރަކީ ސިޔާސީ ގޮހޮރެކެވެ.

މި މައިދާނުގައި، އެކި މަޤާމުތަކުގައި، އެކި ހައިސިއްޔަތުން އަދި އެކި ޒައާމަތްތަކުގައި ދެމިހުންނަތާ ސޯޅަ އަހަރުވެ، މިގުނަމުންދަނީ ސަތާރަވަނަ އަހަރެވެ. އެ މުއްދަތުގައި ލައްކަ ގިނަ މަންޒަރު ފެނި، އެހާ ގިނަގުނަ އަޑުވެސް ވަނީ އިވިފައެވެ. ނުގޮވާ އެއްޗެއް މަދުވާނެއެވެ. ވަލު ޖަނަވާރާ އެއްވަރުކޮށް އެއްޗެތިގޮވާ، ނަންނަން ހަރުކޮށް، ކާޓޫނު ކުރަހާފައި އެބަހުއްޓެވެ. ވަގަށް ގޮވި މިންވަރު ޔައުމިއްޔާ ކުރަމިންދިޔަ ނަމަ، މި ކޮލަމްގައި އަޅުގަނޑު ލިޔެފައިވާ މަޒުމޫނުގެ އަދަދަށްވުރެ ގިނަވާނެއެވެ.

އާއިލާގެ މެންބަރުންނާއި ގާތް ރަޙްމަތްތެރިން ވަރަށް ގިނައިން ބުނެއުޅެއެވެ. މިއީ ކީއްކުރަން ކުރާކަމެއްތޯ އަހައެވެ. މާތް ﷲގެ ރަޙްމަތްފުޅުން، މައިންބަފައިންގެ ހިންމަތުން، މިވަނީ ވަރަށް ރަނގަޅަށް ކިޔެވިފައެވެ. ވާރުތައާއި ތަރިކައިން އެކަނިވެސް ތަނަވަސް ދިރިއުޅުމެއް، ސަލާންނުޖަހާ އުޅެވޭނެ ޤާބިލިއްޔަތު އެބަހުއްޓެވެ. އެހެން ކޮންމެވެސް ފަންނެއް އިޚްތިޔާރުކޮށްގެން ކުރިއަށްދާން ފަށައިފިނަމަ، ރަނގަޅު ކުރިއެރުންތަކެއް ލިބުން އެކަށީގެންވެއެވެ. އުމުރުން އަދި އެހާ ދޮށި ނުވުމުން، ލޯބޯ ސަލާމަތުން ހުރެ، ހަތަރެސްފައިގައި ވަރުވެސް އެބަހުއްޓެވެ. ވީމާ، ތިމާގެ ޢިއްޒަތުއް ނަފްސު ކިލަނބުކޮށް، އަބުރު ކަތިލާ ބަޔަކާ ވާދައަށް މި ހުތުރު މައިދާނުގައި އުޅެނީ ކޮންކަމެއް ޙާޞިލުވާތީތޯ ސުވާލުކުރެއެވެ.

ޚިދްމަތްކުރުމުގެ އުފަލަށްޓަކައި ކަމަށް ޖަވާބުދެމެވެ. ކިތަންމެ ހަމަލާއެއް އަމާޒުވިއަސް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ ސަބަބުން، ކޮންމެ ދުވަހެއްގެ ބުރަ މަސައްކަތަށްފަހު ރޭގަނޑު ނިދަނީ ހިތްހަމަޖެހުމުގެ ހިތަކާއި ސާފު ސިކުނޑިއަކާ އެކުގައި ކަމަށް ބުނަމެވެ.

އަޅުގަނޑާއި ޑރ. މުޙައްމަދު މުޢިއްޒު އަލަށް ބައްދަލުވީ، އިއްތިފާޤުން، ދެމީހުންގެ ސިޔާސީ ހަޔާތުގައިވެސް ނުހަނު ތާރީޚީ ދުވަހެއްގައެވެ. ރައީސް މުހައްމަދު ވަޙީދުގެ ކެބިނެޓަށް އަޅުގަނޑުމެން ދެމީހުން ހުވާކުރި ދުވަހުއެވެ. ޑރ. މުއިއްޒު، ހައުސިންގ މިނިސްޓަރު ކަމަށެވެ. އަޅުގަނޑު، ޔޫތު މިނިސްޓަރު ކަމަށެވެ.

އެ ދުވަހަށްފަހު މިވޭތުވި ނުވަ އަހަރު އަޅުގަނޑުމެންނަށް ވަރަށް ގިނަ މުހިންމު މަސައްކަތްތަކުގައި، ވަރަށް ގާތުން ވަނީ މަސައްކަތްކުރެވިފައެވެ. ފުރަތަމަ ސަރުކާރުގައެވެ. މިއަދު، ވާދަވެރި ޕާޓީ ހިންގުމުގައެވެ. މިއަދު އަޅުގަނޑު އެމަނިކުފާނު ގުނަނީ ސިޔާސީ ބައިވެރިއެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. މިއަދު، ޑރ. މުޙައްމަދު މުޢިއްޒަކީ ވަފާތެރި އެކުވެރިއެކެވެ. އަދި، އިތުބާރުކުރާ، ކުޅަދާނަ، ތެދުވެރި ލީޑަރެކެވެ. ވަރަށް ޚާއްޞަ ޤަދަރަކާއި އިޙްތިރާމެއް ދެވިފައިވާ ޝަޙްސިއްޔަތެއްވެސްމެއެވެ.

އަޅުގަނޑަށް ކުރިން ހީވެފައި އޮތީ ނުވަތަ ޤަބޫލުކުރެވިފައި އޮތީ، ރާއްޖޭގެ މި ޙައްސާސް ސިޔާސީ މައިދާނުގައި އަޅުގަނޑަށްވުރެ ވަކި ގިނައިން ފާޑުކިޔުމާއި ތުހުމަތާއި އިލްޒާމު އަމާޒުވެފައިވާ ދެވަނަ މީހަކު ނުހުންނާނެ ކަމަށެވެ. މިފަދަ ދަތި އުނދަގޫ މާޙައުލެއްގައި، ފަނާކުރަނިވި ފިކުރަކާ ދެކޮޅަށް، ހަނގުރާމަކުރުމުގައި މިހާ ދުވަހު ދެމިހުރެވުނު ކަމަށްޓަކައި އުފާކުރަމެވެ. ނަމަވެސް، އަޅުގަނޑަށާއި އަޅުގަނޑުމެންގެ އެހެން ބައިވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ، ޑރ. މުޙައްމަދު މުޢިއްޒާ އަޅާބަލާއިރު، ވަރަށްވެސް ކުޑަ މިންވަރެކެވެ.

ނުގޮވަނީ ކޮން އެއްޗެއްތޯއެވެ؟ ނާޅުވަނީ ކޮން އިލްޒާމެއްތޯއެވެ؟ ނުކުރަނީ ކޮން ތުހުމަތެއްތޯއެވެ؟ ނުދަމަނީ ކޮންތާކަށްތޯއެވެ؟ އަޅުގަނޑު ހަމަ އަޖާއިބުވެ އަންތަރީސްވެއެވެ. އެފަދަ ހުރިހާ ހަމަލާތަކަކުން، ކެތްތެރިކަމާއި، ހުޝިޔާރުކަމާއެކު، ރެކިވަޑައިގެން އެހެރަ ވަޑައިގަންނަވަނީ ހަމަ ކުރިއަށެވެ.

ބައެއް ކިޔުންތެރިންގެ ހަނދުމަފުޅުގައި މިކަންކަން ނުހުރެދާނެ ކަމަށް ބަލާފައި ޚުލާސާކޮށްލާނަމެވެ. އެމަނިކުފާނުގެ އިސްތަށިފުޅުގައި، އެއްވެސް އަސާސެއް، ހެތްކެއް ނެތި މީހެއްގެ މަރު އަޅުވައިގެން ސޯޝަލް މީޑިޔާގައި އޭތިމީތި ލިޔުނު ހަނދާން އަޅުގަނޑު އެބަހުއްޓެވެ. ގިނަ ބަޔަކަށް ފައިދާކުރަމުންދާ އިތުރު ނެރެއް މާލޭގައި ކެނޑުނު ހިނދު، އެކަމާ ގުޅުވައިގެން، ތާކުންފަހެތާކު ނުޖެހޭ އަޑުތައް ފެތުރި ހަނދާން އަޅުގަނޑު އެބަހުއްޓެވެ. އޮނަރަބަލް ޢުމަރު ޒާހިރަށްފަހު މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހައްދަވާ، އަޑިކޮށް އޮންނަ ސަރަޙައްދުން ފެން ހިންދަން، އެންޖިނިއަރިންގެ ކުޅަދާނަ މިސާލެއްގެ ތެރެއިން، ބޯހޯލްތަކެއް ކަނޑުއްވައިގެން މައްސަލައަށް ބޮޑު ޙައްލެއް ހޯއްދަވައިދެއްވުމުންވެސް، މާލެއަށް ކެރިކޮޅެއް ވެހިލާ ކޮންމެފަހަރަކު އެއީ މާލެ 'މުޢިއްޒުވުން' ކަމަށް ހަރުކޮށްގެން ފާޑުކިޔަމުންދިޔަ ޒަމާން ހަނދާން އެބަހުއްޓެވެ. ބްރިޖްގެ މަސައްކަތުގެ ތެރޭގައި، އޭގެ ފެންވަރާމެދު، ކުޑަވެސް ހަޤީޤަތަކާ ނުލާ، ސުވާލު އުފައްދައިގެން ގޮވިހާ އެއްޗެތި ހަނދާން އެބަހުއްޓެވެ. މިއަދު އެއް ބިލިއަން ޑޮލަރަށް ރަހުނުކުރަން މަސައްކަތްކުރާ ދަރުމަވަންތަ ހޮސްޕިޓަލުގެ އަގު ބޮޑުވެގެން އަދި އެ މަޝްރޫއުގައި ކޮރަޕްޝަން އޮވެގެން ކަމަށް ބުނެ ހެދިހާ ރިޕޯޓުތައް ހަނދާން އެބަހުއްޓެވެ. އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު ބޭކާރުކަމަށާއި، އޭގައިވެސް ކޮރަޕްޝަން އޮތް ކަމަށް ބުނެ ދިންހާ ބަސްދީގަތުން ހަނދާން އެބަހުއްޓެވެ. މާލޭގައި ކުޑަކުދިންނަށް ހިތްގައިމު ޕާކުތަކާއި ފަތާނެ އިތުރު ސަރަހައްދެއް ހެދުމުން އެއީ ބޭކާރު ކަމެއްކަމަށް ބުނެ ހެދިހާ ޚަބަރު ހަނދާން އެބަހުއްޓެވެ. އެތަކެއް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ތާރީޚުގައިވެސް ނުގެންނަ ފަދަ ބޮޑު ޙައްލެއް ހޯދުނު ހުޅުމާލޭ ފްލެޓް މަޝްރޫއާ ގުޅުވައިގެން، ބޮޑުތަނުން ގިނަ ފްލެޓް އެމް.ޑީ.ޕީގެ މެންބަރުންނަށް ލިބިފައިވާއިރުވެސް އެއީ ޕާޓީ މީހުންނަށް ބެހި އެއްޗެއް ކަމަށް ބުނެ ހެދިހާ ދޮގު ހަނދާން އެބަހުއްޓެވެ. ޒަމާނީ ބިޔަ އިތުރު މިސްކިތެއް މާލޭގައި ބިނާކުރުމުން، އެތާނގެ ފުރާޅުގެ ކުލަ ހަޑިކަމަށާއި އެތަނުގެ ސަބަބުން އެއަރޕޯޓަށް ބޯޓުތައް ޖައްސާ މަންޒަރު ގެއްލެނީ ކަމަށް ބުނެ ކުރިހާ ޓްވީޓް އަދިވެސް ހަނދާން އެބަހުއްޓެވެ. މިހެންގޮސް، ލިސްޓު ވަރަށްވެސް ދިގުކުރެވިދާނެއެވެ.

ޑރ. މުޢިއްޒުގެ މި ސާބިތުކަމާ ގުޅިގެން އެމަނިކުފާނުގެ ޢާއިލީ ގާތް ބޭފުޅަކާ އެއްދުވަހު އަޅުގަނޑު ސުވާލު ދަންނަވާލީމެވެ. އާދަޔާޚިލާފު ކެތްތެރި ޝަޙްސިއްޔަތެއް ކަމަށް ދެންނެވީމެވެ. އެ ކެތްތެރިކަމުގެ އަސްލަކީ ކޮބައިތޯ އަހާލީމެވެ. އަޅުގަނޑުގެ ސުވާލުގެ ޖަވާބު ލިބުނެވެ. އަޤީދާ ވަރުގަދަވުމެވެ. ހިތްޕުޅު ސާފުވުމެވެ. ނިޔަތް އިޙްލާސްތެރިވުމެވެ. ފުރިހައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. އެބޭފުޅަކު ވިދާޅުވިއެވެ. ވަރަށް ބޮޑު ތެދުފުޅެކެވެ.

ވިސްނަވާށެވެ. މިއަދުވެސް، ތާކުންތާކު ނުޖެހޭ އިލްޒާމުތަކުގައި، އެކި ނަންނަމުގައި މައްސަލަތައް އުފަންކޮށްގެން، ޑރ. މުޢިއްޒު އެދަނީ މުޢައްސަސާތަކަށް ދެ ދަޅައަށް ދަމަމުންނެވެ. ސަރުކާރާއި މަޖިލީހުގައިވެސް ޑރ. މުޢިއްޒުގެ ވާހަކަ ނޫނީ ނުދެކެވެއެވެ. ތެޅި ބާލަނީއެވެ. ތެޅިފޮޅެނީއެވެ. މީގެ އަސްލަކީ ކޮބައިތޯ ވިސްނަވާށެވެ. މާލޭގެ މޭޔަރުކަމުގެ ގޮނޑި މި ނުފޫޒު ގަދަ، ޚުދުމުހުތާރު ސަރުކާރުގެ އަތުން ގެއްލިގެންދާކަން ކަށަވަރުނުވާނަމަ، މިވަރެއް އަރުވާނެތޯއެވެ؟ މެދުނުކެނޑި ގޮވިހާ އެއްޗެތި، ކުރިހާ ތުހުމަތު އަދި އެޅުވިހާ އިލްޒާމު މިވީ ހަމަ ކަނޑުގައި އެޅި ރޮނގަކަށެވެ. އެއްކޮޅުން ހުސް ބަސްތަކެވެ. އަނެއްކޮޅުން، ގުނާ އަދަދުނުކުރެވޭހާ ޢަމަލެވެ. މިހުރިހާ ކަމެއްގެ ތެރެއިން ޑރ. މުޢިއްޒު ކުރިއަށް އެވަޑައިގަންނަވަނީ މަޑުމައިތިރިކަމާއި މުރާލިކަމާއެކު ޚިދްމަތްކުރައްވަމުންނެވެ. އިސްކަން ދެއްވަނީ ޢަމަލަށެވެ.

ޕާޓީ ފިކުރުގައި ބައެއްގެ ސިކުނޑ އައްސިކޮށްލާ، ވިސްނުން ކަނުކޮށްލާކަން އެނގެއެވެ. އެހެން ނޫންނަމަ، މި އިންތިޚާބުގައި އިޚްތިޔާރުކުރަންވީ ކެނޑިޑޭޓާ މެދު ޝައްކެއްވެސް ނެތެވެ. އެއް ކެނޑިޑޭޓަކީ އޭނާއަށް އުޅެވުނު ޕާޓީގެ އަދަދާއި ކޮޅު ބަދަލުކުރެވުނު އަދަދު އޭނާއަށްވެސް ނޭނގޭނެ ހާލަތުގައި ހުރި މީހެކެވެ. ދެން ހުރި ކެނޑިޑޭޓުގެ ވަނަވަރުގައި އޮތީ ފުރިހަމަ ނަމާއި ތަމްސީލުކުރާ ޕާޓީގެ ނަން އެކަންޏެވެ. ގަނޑުގައި ތަޖުރިބާއާއި ޚިދްމަތަށް ޚާއްޞަކޮށްފައިވާ ބައި އޮތީ ހުހަށެވެ. ދެން ޑރ. މުޢިއްޒެވެ. ތަޢްލީމާއި ތަޖުރިބާ އަދި ޚިދްމަތުގެ ރެކޯޑު އެހުރީ ފެންނާށެވެ.