ކޮވިޑް19ގެ ނުރައްކާ ހައްދުން މައްޗަށް އަރައި، މިއަދު 300 މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މާޗު 15ގައި މާލެއިން ފުރަތަމަ މީހާ ކޮވިޑަށް ޕޮޒިޓިވްވި ފަހުން މިހާތަނަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާ މައްޗަށް މި އެރީ ބަލިން ސަލާމަތްވުމަށް އަޅަމުން އައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް، ތަފާތު ސަބަބުތަކާ ހެދި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދޫދެމުން އައިސް، ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި މައިޒާންތަކާއި ޕާކުތައްވެސް އާންމުކޮށް ހުޅުވާލައި، ކާފިއު ގަޑިތައްވެސް އުވާލައި، މީހުން ބޭރަށް ނުކުމެ އުޅުމުގެ ގަޑިތައްވެސް ދޫކޮށްލި ދަނޑިވަޅުގައެވެ.
ކޮވިޑްގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އަތޮޅުތަކުންނެވެ. މިގޮތުން އެކި އަތޮޅުތަކުން 96 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ދެން އެންމެ ގިނައިން ޕޮޒިޓިވްވީ ވިޔަފާރީގެ މަސައްކަތްކުރާ ރަށްރަށުންނެވެ. އެއީ 95 މީހުންނެވެ. މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 94 މީހުންނެވެ. އަދި ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވިއެވެ.
މި އަދަދުތަކާއެކު ރާއްޖޭގައި މިހާރު 3،022 އެކްޓިވް ކޭސް އެބަތިއްބެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި 101 މީހުން އެބަތިއްބެވެ.
ރާއްޖެއިން މިހާތަނަށް 24،379 މީހަކަށް ކޮވިޑް ޖެހި، 21،282 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި މި ބަލީގައި މިހާތަނަށް 67 މީހަކު ވަނީ މަރުވެފައެވެ.




advertisment