Support Us

އަތުކުށް- 11

ޢިބާރާތް ކުރުވުމާއި ދިގުވުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ވީވަރަކުން ކުރު ޖުމުލަ ބޭނުންކުރާން ސަމާލުކަން ދޭން ބަހުގެ މާހިރުން ލަފާދެއްވަނީ، ދިގު ޖުމުލަ ލިޔުމުގެ ސަބަބުން މާނަ އޮޅިދާނެކަމަށް ޓަކައެވެ. ބަހަށް މޮޅު މީހުންނަށް އެއީ މައްސަލައެއް ނޫނެވެ. އަޅުގަނޑު ސިލްސިލާ ގޮތެއްގައި ލިޔަމުން މި އަންނަ "އަތުކުށް" ސިލްސިލާގައި މިއަދު މި ބަލައިލަނީ އެފަދަ ޖުމުލައަކަށެވެ. ތަނކޮޅެއް ދިގު ޖުމުލައަކަށެވެ. އޮންލައިން ނޫހަކުން ނަކަލުކުރި ޖުމުލައަކަށެވެ.

މިއަދު އަޅުގަނޑު ނަކަލުކޮށްލި ޖުމުލައަކީ ނުވަތަ ޢިބާރާތަކީ "އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށީ ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުން ބާރު ލިބިގެން ޓޫރިސްޓް ރިސޯޓްތަކުން ގިނަ ޢަދަދަކަށް މޫދަށް ކުނި އަޅަމުންދާ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް އެ ކޮމެޓީން ވަނީ ފާސްކުރައްވާފައެވެ." މިއީއެވެ.

މި އިބާރާތް ކިޔައިލުމުން އިބާރާތުގެ ދެލިގަނޑުން ދޭހަވާ މާނައަކީ ޓޫރިސްޓް ރިސޯޓްތަކުން ގިނަ ޢަދަދަކަށް މޫދަށް ކުނި އަޅަމުންދަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށީ ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުން ބާރު ލިބިގެންކަމަށެވެ. އެ ސަބަބަށް ޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާން ކޮމިޓީއިން ނިންމެވި ކަމަށެވެ. ނަމަވެސް މޫދަށް ކުނިއަޅާން ބާރުލިބިދޭ ގަވާއިދެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންވީމާ މިއީ ޖުމުލައިގައި ލަފުޒުތަކާއި އިބާރާތްތައް ތަރުތީބު ކުރެވިފައިވާ ގޮތުން އެރި އޮޅުމެއް ކަމަށް ބެލެވެއެވެ. ވީމާ، އަޅުގަނޑުމެން އިބާރާތްކުރާ އިރު، ނުރަނގަޅު މާނައެއް ނުނުކުންނާނެ ގޮތަކަށް ޢިބާރަތްކުރައްވާން ވިސްނާންޖެހެއެވެ. އިބާރާތްކޮށްލެއްވުމަށްފަހު، އެހެން މާނައެއް ދޭހަވޭތޯ، ނުވަތަ ދޭހަވަނީ ހަމަ ބޭނުން މާނަތޯ ވިސްނައިވަޑައިގެންފި ނަމަ، މިއީ ރަނގަޅުކޮށްލަން އުނދަގޫ ކަމެއް ނޫނެވެ. މިއީ މާ އަވަސްކޮށްލައްވާން އުޅުއްވައިގެން ހެއްދެވޭ ކުށެވެ.

މި އިބާރާތުން ދެން ފާހަގަކޮށްލެވެނީ ލަފުޒު ދުރުކުރުމުގެ މައްސަލައާއި އައިބައިފިލީގެ މައްސަލައާއި "ކަމުގެ މާދަ"ބޭނުންކޮށްފައިވާ ގޮތުގެ މައްސަލައެވެ. "ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް" މި ތާނގައި "ބައްދަލުކުރައްވާ"ގެ ވާވުގައި އާބާފިލި އެވަނީ ކުށުންނެވެ. އޮންނާން ޖެހޭނީ އައިބައިފިއްޔެވެ. އެހެނީ ކަމެއްގެ ފަހު އަކުރުގައި އާބާފިލިޖެހިގެން ނަމެއްގެ ކުރިއަށް އަތުވެއްޖެ ނަމަ، އެ ކަން ނަންއިތުރަކަށް ބަދަލުވާނެއެވެ. އެކަމަކު ލިޔުންތެރިޔާގެ މަގުސަދަކީ އެއް ބަޔަކު ކުރި ދެ ކަމެއްގެ ވާޙަކަ ބަޔާންކުރުންކަން އެނގެއެވެ. ބައްދަލުކުރީއެވެ. ދެން މަޝްވަރާ ވެސް ކުރީއެވެ. މިއީ އައިބައިފިލިޖަހަންޖެހޭ ހަމައެކެވެ. އެހެނީ ކަންކުރި ފަރާތް އެއް ގޮތްވުމާއެކު އެއް ކަމެއް އަނެއް ކަމަކާ ގުޅަމުން ގެންދިޔުމުގައި ޖަހާން ޖެހޭނީ އައިބައިފިއްޔެވެ. ދެން އޮތީ "މަޝްވަރާކުރެއްވުމަށް" މި އިބާރާތް ނިމޭކޮޅަށް މަހައިލެވިފައިވާ، ރައްދުވާ ނުވަތަ ކަންވެ ނިމޭ ހިސާބު އަންގައިދޭން ބޭނުންކުރާ އަކުރެއް ކަމަށްވާ "އަށް" ބޭނުންކޮށްފައި އެވަނީ ރަނގަޅަކަށް ނޫނެވެ. އާންމު ގޮތެއްގައި ރައްދުވާ، ނުވަތަ ކަންވެ ނިމޭ ހިސާބު އަންގައިދޭން ބޭނުންކުރާ "އަށް" މި އަކުރު އާންމު ގޮތެއްގައި އަންނަނީ ނަމެއްގެ ފަހަތަށެވެ. އެހެން ނޫންނަމަ، އެ އަކުރުގެ ފަހަތަށް "ޓަކައި" މި އަކުރު އިތުރުކުރާންޖެހޭނެއެވެ.

މިސާލަކަށް: "ވިސްނުމަށް ގެނުވާށިއޭ އާމީން ކިޔާ!"

"އަހަރެން ވިސްނުމަށް ހުއްޓައި އުނދަގޫ ނުކުރާށެވެ!" ފުރަތަމަ މިސާލުގައި "އަށް" ބޭނުންކުރެވުނަސް ދެވަނަ މިސާލުގައި "އަށް" ބޭނުންކޮށްފައި އެވަނީ ރަނގަޅަކަށް ނޫނެވެ. ދެވަނަ މިސާލުގައި "އަށް" ބޭނުންކުރާން ކޮންމެހެން ބޭނުން ނަމަ، އެ "އަށް"ގެ ފަހަތަށް "ޓަކައި" އިތުރުކުރާން ޖެހެއެވެ. އެކަމަކު ދެވަނަ މިސާލުގައި އޮތް ޖުމުލައިގައި ލިޔާން އެންމެ ރަނގަޅު ގޮތަކީ "ވިސްނާން ހުއްޓައި" މިހެންނެވެ. "ވިސްނުމަށް ހުއްޓައި"އެއް ނޫނެވެ.

އިސްވެ ދެންނެވުނު ބޮޑު އިބާރާތުގައި އޮތް "މަޝްވަރާކުރެއްވުމަށް" މި ލަފުޒަކީ މި ދެންނެވި ފަދައިން ކަމުގެ "މާދަ"އިގެ ޙާލަތުގައި އޮތް "ކަމަކަށް" ވާތީ، ދިވެހިބަހުގައި "މާދައި"ގެ ހާލަތަށް ކަން ގެނައުމަށް ޓަކައި ގެންނާން ޖެހޭނީ "އާން" ނުވަތަ "އޭން" މިއަކުރެވެ. މަޝްވަރާކުރާން، ވާހަކަދައްކާން، ފަތާން، މޫދަށް އެރޭން، ހިނގާން، މި ގޮތްގޮތަށެވެ. "މާދަ"އޭ އަޅުގަނޑު މި ދެންނެވީ ކަމުގެ ސުން ޒަމާނަށެވެ. އިނގިރޭސިބަހުން ކިޔާ "އިންފިނިޓިވް" އަށެވެ. ވީމާ، މި އިބާރާތުގައި އޮންނާންވީ ގޮތަކީ "މަޝްވަރާކުރައްވާން" މިހެންނެވެ.

"މާދަ"އިގެ (އިންފިނިޓިވް) ޙާލަތުގައި އެ ކަން ބޭނުންކުރާންވާނީ ދެމޭފިއްޔަކުންނެވެ. މާދައަކީ ސުން ޒަމާނުގައި (ވަކި ޒަމާނެއް ނެތި) ބޭނުންކުރެވޭ ކަމުގެ ލަފުޒެވެ. ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.

  1. ބަލިފެތުރުން ހުއްޓުވާން، ކުރާން ހުރި މަސައްކަތްތައް ވަރަށް ގިނައެވެ.
  2. އަބަދުވެސް ފޮތް ކިޔާން އާދަކުރުމަކީ ވަރަށް ބޭނުންތެރި ކަމަކެވެ.
  3. ކޮންމެ ދުވަހަކު ވެސް ދުވާން ވާނީ އެކަމަށް އެކަށީގެންވާ ބޫޓަކަށް އަރައިގެންނެވެ.
  4. އެ ގެޔަށް ދާން ދިޔައީ މަޖިދީމަގުންނެވެ.
  5. ގެޔަށް ކާން ދަމުން އެ ފިހާރައަށް ވަނީމެވެ.
  6. އެ ގެޔަށް ދާން ބޭނުމީ ކޮން ކުދީންނެއް ހެއްޔެވެ؟
  7. ދަރިފުޅު އިސްކޫލަށް ލާން ދަމުން ހައްވައްތަމެންގެއަށް މިއަދު ވަދެލާނަމެވެ.
  8. ކާން ބޭނުން އެއްޗެއް ވިއްޔާ ކާންވީއެވެ.
  9. މޫދަށް އެރޭން ބޭނުން ކުއްޖަކު މޫދަށް އެރޭންވީއެވެ.

މިއަދު އަޅުގަނޑު އިޚުތިޔާރުކޮށްގެން މި އުޅޭ އިބާރާތަށް އެނބުރިލާނަމެވެ. ދެން ނިންމައިލަމުން ލިޔުއްވައިފައިވާ "ފާސްކުރައްވާފައެވެ." މި އިބާރާތުގައި "އާބާފިލީ"ގެ ބަދަލުގައި ވާވުގައި ޖަހާންޖެހޭނީ އައިބައިފިއްޔެވެ.

މިއަދު އަޅުގަނޑު މި ވާހަކަދައްކައިލީ ތަންކޮޅެއް ދިގު އިބާރާތަކާމެދުގައި ކަމަށްވާތީ، މި އިބާރާތް އޮންނާންވާނީ ވަކި މިވެނި ގޮތަކަށޭ ބުނެ ގައިދެއް ނުކުރެވޭނެއެވެ. އެހެން ކަމުން މި އިބާރާތް ރަނގަޅުކޮށްލުމަށް ޓަކައި ސަމާލުކަން ދެއްވާންވީ ދެތިންކަމެއް އަޅުގަނޑު ފާހަގަކޮށްލީއެވެ. އެއީ ޖުމުލައިގައި ލަފުޒު ތަރުތީބުކުރުމާއި ނަމުގެ ކުރިއަށް ނަންއިތުރު ގެނައުމާއި ކަމުން ނަންއިތުރުހެދުމާއި ކަމުގެ މާދައާއި، އާބާފިއްޔާއި އައިބައިފިލީގެ ހަމަތަކަށް ސަމާލުކަންދެއްވައިގެން މި އިބާރާތް އަލުން ރަނގަޅުކޮށްލެއްވޭނެ އެންމެ ސާދާ އެއް ގޮތަކީ "ޓޫރިސްޓް ރިސޯޓްތަކުން މޫދަށް ކުނި އަޅަމުންދާ މައްސަލައާ ގުޅޭ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުން ބާރު ލިބިގެން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާން އެ ކޮމެޓީން ވަނީ ފާސްކުރައްވައިފައެވެ." މި ފަދަ ގޮތަކަށް ތަރުތީބު ބަދަލުކޮށްލެއްވުމެވެ. މިއީ އިބާރާތަށް  މާބޮޑު ބަދަލެއް ނުގެނެސް ލަފުޒެއް އުނިކޮށްލައިގެން ތަރުތީބަށް އަޅުގަނޑު ގެނައި ކުޑަކުޑަ ބަދަލެކެވެ. ދެން އައިބައިފިއްޔާއި މާދައާއި ލަފުޒު ދުރުމުގައި ގެނައި ކުޑަ ބަދަލެކެވެ. ނަމަވެސް މިއަށްވުރެ މާ ފުރިހަމަ ކިތަންމެ ގޮތެއް ހުންނާނެއެވެ. އިބާރާތް ބައިބައިކޮށްލައިގެން ކުރު ޖުމުލަތަކަށް ބަދަލުކޮށްލައިގެން، ރީތި ގިނަ ޖުމުލަތަކަކުން ވެސް ފުރިހަމަ މާނަ ދޭހަކޮށްދެވިދާނެއެވެ. ބޭނުމަކީ ތިމާ ބޭނުންވާ މާނަ ނޫން އެހެން މާނައެއް ދޭހަ ނުވާނޭ ގޮތަކަށް އިބާރާތްކުރައްވާން ވިސްނުންފުޅު ބަހައްޓަވާށޭ ދަންނަވައިލުމެވެ. އެކަށައެޅިފައިވާ ގަވާއިދަށް ސަމާލުކަން ދެއްވާށޭ ދަންނަވައިލުމެވެ. އަޅުގަނޑު މި ދަންނަވައިލީ އިބާރާތުން ފާހަގަކޮށްލެވުނު ބައެއް ކަންކަމެވެ. މިއަދު އަޅުގަނޑު ދަންނަވައިލާން ބޭނުންވީ މި މިންވަރަށެވެ.