Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

މުންދުގެ ކޮލަމް: ވައުދު ގުޅި ހުރީ ފުރިފައި؛ އިތުރަށް އެޅޭނީ އޭގެން ބައެއް ވައުދު ފުއްދާ، ހުސް ޖާގަ ހަދައިގެން!

އަނެއްކާވެސް އިންތިޚާބެކެވެ. ކެމްޕޭނުކުރުމަކީ މިއަދު ރާއްޖޭގައި ކޮށްފަރިތަ ކަމަކަށް ވެއްޖެއެވެ. އެއްކޮޅުން ޕާޓީތަކާއި ކެނޑިޑޭޓުން ފިސާރި ފަރިތައެވެ. އެނެއް ކޮޅުން ރައްޔިތުން އިންތިޚާބު މޫސުމަށް އެހާމެ ފަރިތައެވެ. ދެ ފަރާތަށްވެސް މިކަން މިވަނީ އެއްގޯސްވެފައެވެ.

އިންތިޚާބާ ގުޅޭ ގިނަ ކަންތައްތަކެއް މިއަދު މި ފެންނަނީ ހަމަ 'ރިޕީޓް ޓެލެކާސްޓް’ގެ ގޮތުގައެވެ. އެއްބަޔަކަށް އަންނަ އީދެކެވެ. އަނެއް ބަޔަކަށް ބޮޑު އާފާތެކެވެ. މިފެންނަ 'ރިޕީޓް' ވަރަށް ރަނގަޅަށް ހާމަވެގެންދާ ތަނެއް އަޅުގަނޑު ދަންނަމެވެ. އަޅުގަނޑުގެ ގެއާއި މާ ދުރުނޫން ހިސާބެއްގައި ހުންނަ ކަންމައްޗެކެވެ. "އަންނި 2008″ ކެމްޕޭނުގައި އެމް.ޑީ.ޕީ އިން ލާފައިހުރި ރީނދޫ ކުލަ، ކަހާލުމެއް ނެތި މަތިމައްޗަށް އަދި ފަށަލަ ފަށަލައަށް ކޮންމެ އިންތިޚާބަކާ ވިދިގެން އާކުރަމުން އައިސް މިއަދު ހުރީ އޮލަވެ، ފުފިފައެވެ. ކޮންމެ ކެމްޕޭނަކާއެކު ހިނގާ ސަޤާފަތެކެވެ.

އެ އޮލަވެފައިހުރި ކުލަގަނޑުގެ މަތީގައި ހިއްޕާފައި ހުންނަ ޕޯސްޓަރުތައްވެސް ހުރީ ހަމަ މަތިމައްޗަށެވެ. "އަނެއް ދިވެހިރާއްޖެ" އިން ފެށިގެން "އަނެއް ދިވެހިރާއްޖެ ރަށަށް"، "އެއް ބުރުން"، "ކުރިއަށް ބާރަށް"، "އެޖެންޑާ 19″ އަދި މިހާރުގެ "ރަށްވެހި ފަތިސް" ވެސް، މަތިން ފެށިގެން ޕޯސްޓަރު ފަށަލަ ވީދަމުންދާ މީހަކަށް ހަމައަށް ފެންނާނެއެވެ.

އެކަންމަތީގައި ހުރި ހޮޅިދަނޑީގައި ކުރީ ބުރެއްގައި ދެމި ފޮތި ދިދަބަރީގެ ކަންވާރުން ބައެއް އަދިވެސް އެލިފައި އެބައޮތެވެ. އޭގެ އިންޗިއެއް މަތިން މީގެ ދެރެއެއް ކުރިން މިފަހަރުގެ ދިދަތައް ދަމާފައި އެބަހުއްޓެވެ.

ބޭރުފުށަށް ފެންނަގޮތުގައި، މިކެމްޕޭނު ތަފާތުވާ އެއްވެސް ސަބަބައް ނެތެވެ. މީގެ 13 އަހަރު ކުރިން، ޕާޓީ ނިޒާމުގައި ބޭއްވި ފުރަތަމަ އިންތިޚާބުގައި އެމް.ޑީ.ޕީ އަށް ކަންކުރަން ދަސްވިގޮތަށް މިފަހަރުވެސް ކަންކަން ކުރަނީއެވެ. އެއިރު އައި އިނގިރޭސި މާހިރުން ދަސްކޮށްދިން އުކުޅުތައް، ހިރަފުސް ފޮޅާލައިގެން، މިހާރުވެސް އެދަނީ ބޭނުން ކުރަމުންނެވެ.

އެތަން މިތާނގައި ޕޯސްޓަރު އެބަ ހިއްޕައެވެ. ބައެއް ގޯޅިތަކުގައި ދިދަވެސް އެބަ ދަމައެވެ. ޓީވީ އަށް އަރާ އަބުރުކަތިލުމާއި، ވަގަށް ގޮވުމާއި ސަޅިބައިސާ ކެނޑުންވެސް މިފަހަރު ވަކި މަދެއް ނޫނެވެ. އަދި، ސޯޝަލް މީޑިޔާއަށް ފޮޓޯ އަޅާ މިންވަރު އެހެން ފަހަރުތަކަށްވުރެ ގިނަކަމަށްވެސް އެބަ ފެނެއެވެ. ޝިއާރާއި ލަވަ ހެދުމުގެ ފަންނަށް ބެލިއަސް ފެންނަނީ ހަމަ އެއް މަންޒަރެކެވެ.

ނަމަވެސް، ކަންތައްތަކެއް މިފަހަރު ހަމަ ޔަޤީނުންވެސް ތަފާތުވެއްޖެއެވެ. ތަފާތުވެގެން އެބަ އުޅެއެވެ. އެމް.ޑީ.ޕީ ސަރުކާރުން މިއަދު މި އުޅޭ ގޮތުންނާއި، އެޕާޓީގެ ވެރިންނަށް ބުނެވޭ އެއްޗެތިން އެކަނިވެސް މިކަން އެބަ ޝައްކެތް ނެތް މިންވަރަށް ސާފުވެއެވެ. ދެއްކުންތެރިކަމުގެ ބައި އެއްގޮތަސް، ޕާޓީން ނެރިފައިތިބި ކެނޑިޑޭޓުންނަށް ލިބެމުންދާ ތަރުހީބު، އެޕާޓީގެ ރަންޒަމާނާ އަޅާ ބަލާއިރު، މިއަދު ވަނީ އެތައް ގުނައެއް ކުޑަވެފައެވެ.

އެމް.ޑީ.ޕީގެ މި 'ހަން ފަޅައިގެންދަނީ' ކީއްވެތޯ ބަލާލާ، ވެގެން މިއުޅޭ ގޮތެއް ސާފުވޭތޯ އަޅުގަނޑު މަސައްކަތްކުރީމެވެ. ވަރުގަދައަށް ޗޯކު ޖައްސައިގެން ނޫނީ މަގުމައްޗަށް ނުކުމެ ނޫޅޭ ކުއްޖަކު މޫނު ދޮވެލައިގެން ގޭތެރޭގައި އުޅެނިކޮށް ފެނުމުން އޭނާ ވަކިކުރަން ނޭނގޭ ފަދައިން، މި ފެންނަ ބޭރުފުށުގެ ކެމްޕޭނު އަނދުނުގެ އަޑީއަށް ފީނާ، ރައްޔިތުންގެ ވިންދު ހުރި ގޮތެއް އޮޅުންފިލާތޯ އަޅުގަނޑު ބަލާލީމެވެ.

ތާރީޚު ދައްކާގޮތުގައި އެމް.ޑީ.ޕީގެ ޖާދުލުގައި އެންމެ ފަސޭހައިން ޖެހެމުން އަންނަނީ ބޮޑު ދެ އާބާދީކަމުގައިވާ މާލެ އާއި އައްޑޫ ސިޓީގެ ރައްޔިތުންނެވެ. ވާ ފައިދާއެއް ނެތަސް އަދި ކޮށްދޭ ކަމެއް ފެންނަން ނެތަސް އެ ޕާޓީއަށް މި ދެ ސިޓީގެ ރައްޔިތުން އައީ 'ކަނު އިތުބާރު' ކުރަމުންނެވެ. އެކަންވެސް މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މާލެއާއި އައްޑޫއިން ނުލިބޭ ވޯޓެއް އެމް.ޑީ.ޕީ. އިން ދެން ހޯދޭނީ އިތުރު ތަނެއް މިރާއްޖެއަކު ނޯންނާނެއެވެ. އަވަށްޓެރި ޤައުމެއްގައި އެޕާޓީއަށް އޮތް ތާއީދު އިންތިހާއަށް އިތުރުވަމުންދިއުން އެކަށީގެންވެއެވެ. އެކަމަކު، އެއިން އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެތޯ ސުވާލު އުފެދެއެވެ.

އެމް.ޑީ.ޕީ އަކީ ހަޤީޤަތުގައިވެސް ކެމްޕޭނުކުރަން މޮޅު ބައެކެވެ. ސަޕޯޓަރުން ވާވައްދަން ކުޅަދާނަ ބައެކެވެ. ރައްޔިތުން ގުނބޯ ހައްދަންވެސް ލާމަސީލު ބައެކެވެ. އެހެންކަމުން، ވެގެން މިއުޅޭ އާދަޔާޚިލާފު ގޮތެއް ހޯދާބަލަން އެޕާޓީންވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރައްޔިތުންގެ ކުރިމައްޗަށް ނުކުތީމައި ފަހައިގަންނަނީއެވެ. އެހެންކަމުން، މިމަޢްލޫމާތު ހޯދަމުންދަނީ ފޯނުގެ ޒަރިއްޔާއިންނެވެ. މިކަން އަޅުގަނޑަށް ކަށަވަރުކޮށްދިނީ އަޅުގަނޑުގެ ރަޙްމަތްތެރި މޮބީއެވެ. އެއްކަލަ މޮބީއެވެ. ކުރިން އެމް.ޑީ.ޕީ އައިގެން މަރުދަންޖެހޭ މީހެކެވެ. މިހާރަކަށް އައިސް، ސިޔާސީ ވާހަކައެއް ދައްކަންވެސް ހުންނަނީ ލަދުންނެވެ.

މޮބީ ކިޔައިދިން ވާހަކައެވެ. ހުސްވި ހަފްތާގައި އޭނާއަށް އައި ފޯނު ކޯލެއްގެ ވާހަކައެވެ. އެމް.ޑީ.ޕީގެ ކެޕްމޭނު އޮފީހަކުން އައި ކޯލެކެވެ. އެޕާޓީގެ ކެނޑިޑޭޓަށް ތާއީދުކޮށް، ތާއީދު ހޯދާދީ، ވޯޓު ލުމަށް އެދުނެވެ. މޮބީ ދިނީ ވަރަށް ސާދާ ޖަވާބެކެވެ. ކީއްވެތޯ ސުވާލުކުރީއެވެ. ވޯޓު ދޭންވީ ކޮން ސަބަބަކާހުރެތޯ އެހީއެވެ. އެހިސާބުން އޮފީހުން ބުނިކަމަށް ވަނީ ކަރަންޓު ބިލު ކުޑަކުރުމަށް ކަމަށެވެ.

އެހިސާބުން މޮބީއަކަށް ނުހުރެވުނެވެ. ރިޔާސީ އިންތިޚާބުގައިވެސް ބިލު ކުޑަކުރާނެކަމުގެ ވައުދު ވީކަން ހަނދާންކޮށްދިނެވެ. މަޖިލީސް އިންތިޚާބުގައި ބުނީ އެކަން ނުވެ ލަސްވަނީ މަޖިލީހުގެ މެޖޯރިޓީ ނެތީމާއި ކަމަށާއި، މެޖޯރިޓީ ލިބުމާއެކު އެކަމަށް ޤާނޫނު ހަދާ، ބިލު ކުޑަކުރާނެކަމަށެވެ. ވީކަމެއް ހަތް ހަރާމުން ހަރާމެވެ. މޮޑީ މިކަން އެފަރާތަށް ހަނދާންކޮށްދިނެވެ.

އެހިސާބުން އެކޮޅުން ދިނީ ހަމަ ވަރަށްވެސް އެމް.ޑީ.ޕީ ޖަވާބެކެވެ. ޔޫރަޕުގެ ބައެއް ޤައުމުތަކުން އިޔާދަކުރަނިވި ހަކަތައިގެ މަލްޓި-މިލިއަން ޑޮލަރުގެ މަޝްރޫއެއް އެބަ އަންނަކަމަށް ބުންޏެވެ. އޭގެ ސަބަބުން، ކަރަންޓު ބިލު ކުޑަވުން އެކަނި ނޫންކަމާއި، ކަރަންޓު މުޅިން ހިލޭވާނެ ކަމަށް ބުންޏެވެ. 'ކަމިންގ ސޫން' އެކެވެ. އެމް.ޑީ.ޕީ. ގެ އާންމު އުކުޅެކެވެ.

ވިހާ ތުއްތު ކުއްޖާއަށް ހަދިޔާފޮށި ދޭން، އިންޓަރނެޓް އަގު ހެޔޮ ކުރަން، ހުރިހާ ޒުވާނުންނަށް ހިލޭ ކިޔަވާދޭން، ސްޓިކާ ޖެހުން ހުއްޓާލަން މިހެން އައިސް އެތަކެއް ސަތޭކަ ވައުދުވެ މިއިން އެންމެ ވައުދެއްވެސް ފުއްދިފައި ނުވާއިރު، ޔޫރަޕޭ، ހަކަތައޭ، މިލިއަނޭ ކިޔައިންގެ ސަޅިބައިސާ ކެނޑުން ހުއްޓާލާފައި އެހެންކަމަކާ އުޅުމަށް ނަސޭހަތްތެރިވެ، މޮޑީ ފޯނު ޖެހީއެވެ.

މޮބީ ބުނެލިއެވެ. މަޝްހޫރު ތަރި ނިމާލްގެ 'ސަޅިބައިސާ' އަކީ ހަމަ އެމް.ޑީ.ޕީ.ގެ މެނިފެސްޓޯއެވެ.

ކޮންމެ ކަމަކަށްވެސް ހައްދެއް އޮވެއެވެ. މިންވަރެއް އޮވެއެވެ. އެގޮތުން، ރައްޔިތުންނަށް އެމް.ޑީ.ޕީގެ ވައުދުތައް ބަލައިގަނެވޭނެ މިންވަރެއް އޮންނާނެތާއެވެ. އެ ވައުދުތައް ހަޖަމުކުރެވޭނެ މިންވަރެއްވެސް އޮންނާނެތާއެވެ.

ފެންނަ ފެނުމުން، އެ މިންވަރު ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ހަމައިން ހަމަވެފައެވެ. ރިޔާސީ އިންތިޚާބުގެ ވައުދުތަކާއި މަޖިލީސް އިންތިޚާބުގެ ވައުދުތައް އެއްކޮށްލީމައި، ރައްޔިތުންނަށްވެސް ބަލައިގަނެވޭނެ މިންވަރު އެއޮތީ ހަމަވެފައެވެ. ސިކުނިޑިއާއި ހިތުގައި އެކަމަށް ހުރި ގުޅި އެވަނީ ފުރިފައެވެ. އެއަށް އިތުރު އެއްޗެއް، އިތުރު ވައުދެއް އެޅޭނީ، މިހާރު އަޅާ ފުރާފައި ހުރި ވައުދުތަކުން ބައެއް ނަމަވެސް ފުއްދައިގެންނެވެ.

މި ދޮޅު އަހަރުގެ ތެރޭގައި ސަރުކާރަށް އެއްވެސް ކަމެއް ނުވުމުން، އެމް.ޑީ.ޕީން ދެމުން އަންނަ ދެ ޖަވާބެއް ފާހަގަވެއެވެ. ފުރަތަމަކޮޅުގައި ބުނީ އެއީ "ކުރީ ސަރުކާރު"ގެ ސަބަބުން ކަމަށެވެ. ފަހަކަށް އައިސް، ބޭނުންކުރާ ތައްޔާރީ ޖަވާބަކީ "ކޮވިޑް 19″ އެވެ.

ކުރީ ސަރުކާރުގެ އަހުލުވެރިން ފިޔަވާ އެހެން އެންމެން ގޮވައިގެން، ހުޅަނގުންނާއި ކައިރިން ކައްތިރި ވިއްދައިގެން، މުޅި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެގެން، މީޑިޔާއަށް ރިޝްވަތު ދީގެން، އިދިކޮޅު އެންމެން ބަނދެގެން، ޖުޑިޝަރީއާއި މުއައްސަސާތައްވެސް އަޅުވެތިކޮށްގެން ކުރާ ވެރިކަމަކުން އެއްވެސް ކަމެއް ނުވީމައި، ދެތިން ބަހަނާއަކުން ހިފެހެއްޓޭނެކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ.

ދިވެހިންނަކީ ސާދާ މިޒާޖެއްގެ، ފަސޭހައިން އިތުބާރު ކުރާ ބައެކެވެ. ނަމަވެސް، ދިވެހިންނަކީ މޮޔައިންކަމަށް ނުވަތަ ގަމާރުންކަމަށް ހީކޮށްގެން ނުވާނެއެވެ. އެހެން ހީކުރާނަމަ، މޮޔައީވެސް އަދި ގަމާރީވެސް ސަރުކާރެވެ. އެމް.ޑީ.ޕީ އެވެ.