Support Us

ކޮލަމް މާޒީ: ދިވެހި ސަގާފަތުގެ ތެރެއިން.. ހިޔަރަކާތް ދުވަސް ނުވަތަ ނިޞްފުޝައުބާން

މިއަދު ދުނިޔެއަށް ފެތުރިފައިވާ ޢާލަމީވަބާއާ ގުޅިގެން އަޅުގަނޑުމެންގެ އިޖުތިމާޢީ އާދަތައް މިވަނީ އަލުން ތަރުތީބުކުރާންޖެހިފައެވެ. ދީނީ އަޅުކަންތަކުގެ އުޞޫލަށް ވެސް މިވަނީ ބަދަލު ގެންނާންޖެހިފައެވެ. މި ބަލީގެ ނުރައްލުން ސަލާމަތްވުމަށްޓަކައެވެ. ޞިއްޙީ ހޭލުންތެރިކަން އިތުރުވެ ވަރަށް ގިނަ ކަންކަމަށް ބަދަލުގެންނާން މި ވަނީ ޖެހިފައެވެ. ކޮވިޑް ޢާލަމީވަބާގައި އަޅުގަނޑުމެން އުޅެނިކޮށް މި ކުރިމަތިވަނީ ދެވަނަ ރޯދަމަހާއެވެ. އުންމީދުކުރަނީ މާތް ﷲގެ ވާގިފުޅާއެކު ދާދި އަވަހަށް މި އުނދަގޫ ޙާލަތުން އަޅުގަނޑުމެނަށް އަރައިގަނެވިދާނެ ކަމަށެވެ.

މި ދިޔަ ރޯދަމަހު ވެސް އަޅުގަނޑުމެން ތިބީ މިސްކިތްތަކުގެ އުފާވެރި މާޙައުލުން މަޙުރޫމުވެގެންނެވެ. ގޭގައި ފުރަބަންދުވެގެންނެވެ. މިހާރު މިސްކިތަށް ގޮސް އުޅެވުނަސް ރޯދަމަހު ވާނެ ގޮތެއް އަދިއެއް ނޭނގެއެވެ. އަދިވެސް އަޅުގަނޑުމެން މި ތިބީ އާ އާންމުހާލަތެއްގައެވެ. ފޮތިމޫނުމަތި (މާސްކު) އަޅައިގެންނޫނީ ބޭރަކަށް ނުނުކުމެވެއެވެ. އެ ގޮތަށް ނޫނީ މިސްކިތަށްވަދެ، ނަމާދެއް ނުކުރެވެއެވެ. އަތާއަތް ޖޯޑުކޮށް ސަލާމެއް ނުކުރެވެއެވެ. އިޖުތިމާޢީ، ޢާއިލީ ބައްދަލުވުންތަކެއް ނުބޭއްވެއެވެ. ދަތުރުފަތުރަށް ވެސް މި ވަނީ ބުރޫތަކެއް އަރައިފައެވެ. ހުރިހާ ކަމެއް މި ވަނީ މުޅީން އާ އާންމުހާލަތެއްގައެވެ. ކަންކަން މި ވަނީ އެފުށްމިފުށަށް ޖެހިފައެވެ.

ހަމަ މި ބީދައިން، ދީނީ ހޭލުންތެރިކަން އިތުރުވުމާ ގުޅިގެން އަޅުގަނޑުމެން ދިވެހީންގެ ސަގާފަތުގައި ހުރި ބައެއް އާދަކާދަތައް ބިދުޢަކަމަށްވެ، އެ ކަންކަން މާ ކުރީއްސުރެ ވަނީ ހުއްޓައިލެވިފައެވެ. އަދި ދީނުގައި ސުންނަތްކަމުގައި ބެލުނު ބައެއް ކަންކަން ވެސް މި ބީދައިންވަނީ ހުއްޓައިލެވިފައެވެ. މީގެ ތެރެއިން ބައެއް ކަންކަމަކީ، ހެޔޮ ކަމެއްކަމުގައި ބަލައި، ކާބަފައިން ކުރީތީ ކުރި ކަންކަމެވެ. އަނެއްބައި ކަންކަމަކީ ސުންނަތުގެ ގޮތުގައި ފޮތްފޮތުގައި ލިޔެވިފައި ހުރީތީ ކުރެވުނު ކަންކަމެވެ.

ހުކުރުޚުޠުބާކިޔާ އިރު، ޚަޠީބު މީހާ އަސައެއް ނުވަތަ ކަނޑިއެއް ފަދަ އެއްޗެއް ހިފައިގެން ހުރުމަކީ 1980ގެ އަހަރުތަކާ ހަމައަށް އައި އިރު ވެސް ދިވެހިރާއްޖޭގައި ސުންނަތެއްގެ ގޮތުގައި ލިޔެވި، ބެލެމުން އައި ކަންކަމެވެ. މި ކަން ހުއްޓުވައިލެއްވީ ޝައިޚުލްއަޒުހަރު ޖާދުލްޙައްޤު ޢަލީ ޖާދުލްޙައްޤު ރާއްޖޭގައި ހުކުރުކުރެއްވި ދުވަހު އެކަލޭގެފާނެވެ. ނަމާދުކުރާ އިރު، ބޮލުގައި އެއްޗެއް ނާޅައި ހުރުމަކީ ނަމާދު ފުރިހަމަނުވާނޭކަމެއް ކަމަށް ބަލައި، ލައިގެން ހުންނަ ގަމީސް ބާޅައިގެން ބޮލުގައި އެޅި ޒަމާން އަޅުގަނޑު ވެސް ދުށީމެވެ. ނަމަވެސް މިހާރު އެއީ ނަމާދުގެ ސުންނަތެއް ކަމަކަށް ވެސް ނުބަލައެވެ. އަދި ދިވެހީންގެ ތެރެއިން ހާލަކުން މީހަކު ނޫނީ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް ނުމެ އަޅައިވެސްމެއެވެ.

ޝަޢުބާން މަހަކީ މުސްލިމުންގެ ގާތުގައި ވަރަށް ޚާއްޞަ މަހެކެވެ. ކީރިތި ރަސޫލާ އެންމެ ގިނައިން ސުންނަތް ރޯދަ ހިއްޕެވީ މި މައްސަރުގައެވެ. ޤިބްލަ ބަދަލުކުރެއްވީ ޝަޢުބާން މަހެއްގައެވެ. އެހެންކަމުން މިއީ ދީނީ ގޮތުން ޚާއްޞަ މައްސަރެކެވެ. މި މައްސަރުގެ ވަކި ދުވަހެއް ޚާއްޞަނުކޮށް، ސުންނަތް ރޯދަ ހިފުމާއި، އެ ނޫނަސް ހެޔޮ ޢަމަލުތައް ގިނަކުރުން އެދެވިގެންވާ މައްސަރެކެވެ. މި ދެންނެވި ކަންކަމަކީ ސުންނަތުން ސާބިތުވާ ކަންކަންކަމާ މެދަކު ޝައްކެއް ނެތެވެ. މި ކަމާ ހުރިހައި ދަންނަބޭކަލުން އިއްތިފާޤުވެއެވެ.

މި ދެންނެވި ކަންތައްތަކުގެ އިތުރަށް، އެ މަހުގެ ފަނަރަ ވިލޭރެއާ ދުވަހާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވިފައި ވެއެވެ. ދިވެހީންގެ ތެރޭގައި ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ހިޔަރަކާތް ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި އޮވެ، އެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރި މަންޒަރު ވަރަށް ގާތުން އަޅުގަނޑު ވެސް ދުށީމެވެ. އެކަން ތަޖުރިބާކުރީމެވެ. ހިޔަރަކާތް ދުވަހުގެ މާތްކަމާ ބެހޭ ގޮތުން ލިޔެފައި ވެސް ހުރެއެވެ. ހިޔަރަކާތްދުވަހުގެ ދުޢާއާއި ހިޔަރަކާތް ނަމާދައި މިފަދަ ވަރަށް ގިނަ ކަންތައް ވެސް އެބަހުރެއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކީ އިތުބާރުހުރި އެއްވެސް މަޞްދަރަކުން ސާބިތުވާ ކަންކަން ނޫންކަން މިއަދު އަޅުގަނޑުމެންނަށް އެނގެއެވެ. އެހެންވީމާ ދީނީ ނަޒަރަކުން އެ ކަންކަމަކަށް ޖާގައެއް ނެތެވެ. ޝަރުޢީ އެއްވެސް ނައްޞަކުން ސާބިތުނުވާ ކަމެއް އެއީ ދީނީ ކަމެއްގެ ގޮތުގައި ބެލުމަކީ ބިދުޢާކަން ވެސް މިއަދު އަޅުގަނޑުމެން ދަންނަމުއެވެ. ﷲގެ ހެޔޮ ރަޙުމަތްފުޅުން އެ ހޭލުންތެރިކަން ދިވެހީންނަށް ވަނީ ލިބިފައެވެ.

މި ދެންނެވި ކަންކަން އެއީ މިހާރު މާޒީއެވެ. އަޅުގަނޑުމެންގެ ސަގާފަތުގެ ތާރީޚެވެ. މިއީ މި ކަން ވާނެ ގޮތް ވެސް މެއެވެ. ކަމެއް އޮތް ރަނގަޅު ގޮތް އެނގުމުން އެ ރަނގަޅު ގޮތަށް ރުޖޫޢަވުމަކީ މުސްލިމުންގެ މައްޗަށް ލާޒިމު ކަމެކެވެ. އަޅުގަނޑު މި އުޅެނީ ހިޔަރަކާތް ރޯދައާއި ހިޔަރަކާތް ނަމާދާއި ހިޔަރަކާތް ދުވަހުގެ ދުޢާއަކީ ބިދުޢައެއް ނޫންކަމަށް ވަކާލާތުކުރާކަށް ނޫނެވެ. ސަގާފަތުގެ ތެރެއިން އިޖުތިމާޢީ ނަޒަރަކުން އެ ކަމުގެ ހަގީގަތް ކޮންމެވެސް ވަރަކަށް ހާމަކޮށްލެވޭތޯ މަސައްކަތްކޮށްލާށެވެ.

ހިޔަރަކާތް ނަމާދު (ނުވަތަ الصلاة الألفية) އުފެއްދީ ހިޖްރައިން 448 ވަނަ އަހަރުގައި ކަމަށާއި، އަދި އެއީ ފަލަސްޠީނުގެ ނާބްލްސްގެ މީހެއް ކަމުގައިވާ އަބުލްޙަމްރާ ބައިތުލްމަޤްދިސަށް އައިސް ފަށައިގަތް ބިދުޢައެއްކަން އަޅުގަނޑަށް ވެސް އޮތީ އެނގިފައެވެ. ހިޔަރަކާތް ދުވަހުގެ ދުޢާއަކީ ވެސް ބަޔަކު އުފެއްދި އެއްޗެއް ކަމާއި އެއީ ސުންނަތުން ސާބިތުވާ ދުޢާއެއް ނޫންކަން ވެސް އެނގެއެވެ. ކީރިތި ރަސޫލާ ﷺ ޝަޢުބާން މަހު ގިނަގިނައިން ރޯދަފުޅު ހިއްޕެވި ނަމަވެސް އެ މަހުގެ ވަކި ދުވަހެއް ޚާއްޞަކުރައްވައިފައި ނެތްކަން ވެސް ވަނީ އެނގިފައެވެ. ވީމާ މި ކަންކަމާ މެދަކު ޝައްކެއް ނެތެވެ.

ހިޔަރަކާތް ދުވަހާއި ހިޔަރަކާތް ވިލޭރެއަކީ އަޅުގަނޑުމެން ކުޑައިރު ވަރަށް މުހިންމު މުނާސަބަތެކެވެ. އެހެންކަމުން ކުޑައިރުގެ އެ ހަނދާންތައް ވަރަށް ޚުލާޞާގޮތެއްގައި އާކޮށްލާނަމެވެ. ހަމައެކަނި ތާރީޚާށް ޓަކައެވެ. އަޅުގަނޑުމެންގެ ސަގާފީ ހަނދާންތައް އާކޮށްލުމަށް ޓަކައެވެ. މި ޒަމާނުގެ ޒުވާނުންގެ މަޢުލޫމާތަށް ޓަކައެވެ.

އަޅުގަނޑު ލިޔަން މިއުޅެނީ އޭރުގެ ހިޔަކާތް (ހިޔަ ރަކްޢަތް) ދުވަހުގެ ވާހަކައެވެ. ކުރީން ވެސް ދަންނަވައިލެވުނު ފަދައިން، ހިޔަރަކާތް ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ދައުލަތުން ކަނޑައަޅުއްވައި އެ މުނާސަބަތު ވަރަށް ވަރުގަދަޔަށް ދިވެހިރާއްޖޭގައި ފާހަކުރަމުން އައެވެ. އެ ކަން ދިވެހިރާއްޖޭގައި ހުއްޓައިލިތާ އަދި ވާނީ ތިރީހަކަށް ސާޅީހަކަށް އަހަރެވެ. އަދިވެސް އޭސިޔާގެ ބައެއް ޤައުމުތަކުގެ މުސްލިމުން މި ދުވަސް ފާހަގަކުރާކަން ހަނދާނަށް ގެންނާންޖެހެއެވެ. "ނިޞްފު ޝަޢުބާން” (ޝަޢުބާން ދެބައިވާ ދުވަސް) ނުވަތަ މި ނޫން ވެސް ކޮންމެވެސް ނަމެއްގައެވެ. އަޅުގަނޑުގެ ހަނދާނަށް އައިސްގެން މި އުޅެނީ ކުޑައިރުގެ ހިޔަރަކާތްދުވަހުގެ ހަނދާންތަކެވެ.

އާދޭހެވެ! ވިދާޅުވާށެވެ! ޝަޢުބާންމަހު 14ވަނަ ދުވަހާއި 15ވަނަ ދުވަހަކީ ހަމަގައިމު ވެސް އަޅުގަނޑުމެންގެ ރަށަށް އޭރު ވަރަށް ޚާއްޞަ ދެ ދުވަހެކެވެ. ސާދަ ވިލޭރޭ އިރާކޮޅުގެ ވަގުތެއްގައި މާދަމާ މާލޫދަށް ކައްކާން ޖެހޭ ކަމުގެ އިޢުލާން ވެރިކަމުގެ ފަރާތުން މުޅި ރަށަށް އާންމުކުރާނެއެވެ. އަޅުގަނޑު ކުޑައިރު އަޅުގަނޑުމެންގެ މި ރަށުގައި (މާވަށުގައި) މި ކަން އިއުލާނުކުރަނީ "ރޮށްޓަށް ހަނޑު ފެނުލާށޭ" ގޮވައިލެވޭ ގޮވައިލުމަކުންނެވެ. މި ކަން ކުރަނީ ރަށުގައި މި ކަމަށް ޚާއްޞަކުރެވިފައި ހުންނަ މީހެކެވެ. އުޖޫރައެއް ދީގެނެއް ނޫނެވެ. އެހެން ގޮވައިލުމުގެ "ޝަރަފު" ފިޔަވައި އެ މީހަކަށް ލިބޭ އިތުރު އެއްވެސް އުޖޫރައެއް ޢިނާޔަތެއް ނޯންނާނެއެވެ. މި ކަން ކޮށް އުޅުނު އެއްވެސް ބޭކަލަކު މިހާރު ދުނިޔޭގައި ހުރިހެނެއް ހިޔެއް ވެސް ނުވެއެވެ. (އެ އަޚުންނަށް މާތް ﷲ ރަޙުމަތްލައްވާށިއެވެ!)

ސާދަވަނަ ދުވަހު އިރު އެރުމާއެކު ހެނދުނުގެ ނާސްތާ ނިމިގެން، އެކި ގޭގޭ ދޮށަށް ކައިރި ހިސާބުގެ މީހުން އެއްވެ، ހިޔަރަކާތް މާލޫދަށް (ބޮޑުކޭން) ކައްކަން ތައްޔާރުވެ އެ މަސައްކަތް ފަށައިގަނެއެވެ. ދެ އަވަށް ވަކީންނެވެ. ބޮޑުކޭން ކައްކާނީ ޚާއްޞަ ގޭގޭގައެވެ. ކޮންމެ އަވަށެއްގެ ހަރުގެއަކަށް ވެސް 16 ވަރަކަށް ކެއިން އަރުވާއިރު "އިސް ސަފު" ކޭމާއި ކަނުކޭން ކައްކާނީ ބޮޑުންގެ ގޭގޭގައެވެ. ނުވަތަ އަވަށުގެ ގަދަރުވެރި ގޭގޭގައެވެ. އިސް ސަފު ކޭމަކީ މާލޫދުކިޔާ މީހުންނާއި ރަށުގެ ވެރީން ތިއްބަވާ ކޭމެވެ. ހުޅަނގުކޮޅު ސަފުގެ މެދުގައި ހުންނާނީ މި ކޭމެވެ. ދެފަރާތުގައި ދެ ކަނުގައި (ހަރުގޭގެ ހުޅަނގު އުތުރުކަނާއި ހުޅަނގު ދެކުނު ކަނުގައި) ހުންނަ ދެ ކޭމަކީ ވެސް ބޮޑުން ތިއްބަވާ ދެ ކޭމެވެ. [ދެ އަވަށުގައި ވަކިވަކީން ހުންނަ މާލޫދު ހަރުގެއަކީ ވެސް ވަރަށް ވަރުގަދައަށް ރާނައި ހިޔާކޮށް ސިމެންތި ޖަހައިފައި ހުންނަ ގަދަފަދަ ދެ އިމާރާތެވެ. ތުނޑީ ހަރުގެ ހުންނަނީ މާވަށު ހުކުރު މިސްކިތު ކުރިމަތިން އެ އޮތް ހުސް ބިމުގައެވެ. ފަހުން ލ. އަތޮޅު ޕްރައިމަރީ ސްކޫލް ހިންގީ ވެސް، އަދި ކުރީން މަދްރަސަތުއްނާފިޢާއާއި އޭގެ ފަހުން މަކްތަބުލްމުނީރު ހިންގީ ވެސް އެ އިމާރާތުގައެވެ. ބޮޑުވެލު ހަރުގެ ހުންނަނީ މިހާރު އަބަދަށްހިޔާގޭ އިރުން މަގު އަނެއް ފަރާތުގައި އެ އޮންނަ ހުސްބިމުގައެވެ. މި ދެ އިމާރާތް އޭގެ ފުރިހަމަ "ޞިއްޙަތުގައި" ހުއްޓައި ފެނުނު މީހުން އަދިވެސް ހަމަ ދުޅަހެޔޮކަންމަތީ އެބަ ތިތްބެވެ.]

ދުވަހުގެ އިރު އޮއްސެން ކައިރިވެގެން އަންނަ އިރު ކުޑަކުދީން ފެންވަރުވައި ނަލަކުރާނެއެވެ. ތިއްތިހައްދާނެއެވެ. މަގުމަތީ ކުޅެން އުޅޭ ކުދީންނަށް ވެސް އިރު އޮއްސުމުގެ ކުރީން ކުޅުން ހުއްޓައިލާން އިރުޝާދުދެވޭނެއެވެ. މަގުމަތީގައި ބިމުގައި ރޮނގެއް ވެސް ނާޅާން ނަސޭހަތް ދެވޭނެއެވެ. މަގުމަތީގައި ރޮނގެއް ކުރަހައިފި ނަމަ ޤިޔާމަތް ދުވަހުން އެ ރޮނގެއް ލޮލުގެ އެސްފިޔައިން ފޮހެން ޖެހޭނެކަން ވިސްނައިދީ އިންޒާރު ދެއެވެ. މި ބަސްތައް އޭރު ކުޑަކުދީންނާއި ބޮޑެތި މީހުން ވެސް ގަބޫލުކުރާ ކަމަށް ފެނެއެވެ. މި އިރުޝާދުތަކަށް ތަބާވަނީ އެހެންވެތާއެވެ.

އިރު އޮއްސުމާއެކު ރަށުގެ އެކި މީސްމީހުން ބިގަރު ދިއްލައިގެން ހަރުގެޔަށް ގެންދާނެއެވެ. ބިގަރަކީ މެންޓެއްުޔެއް ލައިފައި އޮންނަ، ސާފުތެޔޮ އަޅައިގެން ދިއްލާ، ވަރަށް އަލިގަދަ "ބައްތި"އެކެވެ. ބިގަރުގެ އުނބުގަނޑަށް އޭގެ ގުންބާއިން ވައިޖެހުމުން ބާރުމިނުގައި (ޕްރެޝަރުގައި) ފޮނުވައިލެވޭ ތެލުގެ ސަބަބުން މެންޓެލީގެ އަޅިކޮޅުގައި އަލިފާން ހިފައި ހުދުކުލައިގެ އައްޔެއް ފޮނުވައިދެއެވެ. ކިތަންމެ ހޫނަސް އެ އަލީގެ ސަބަބުން ހިތްހަމަޖެހުން ލިއްބައިދެއެވެ. މިއީ ވެސް ބަޔަކު ޚަރަދެއް ދީގެން ކުރާ ކަމެއް ނޫނެވެ. ތަނަވަސްކަމުގެ އަހުލުވެރީން ދަރުމައަށް ކުރާ ކަންކަމެވެ. ބިގަރު ދިއްލުމާއި ބިގަރަށް ވައިޖެހުމަކީ ވެސް ވަކި ޚާއްޞަ "ފަންނީ" ބަޔަކު ކުރާ ކަމެކޭ ދެންނެވީމާ، މި ޒަމާނުގެ ޒުވާނުން ހިނި އަޔަސް އެއީ އޭރުގެ ހަގީގަތެވެ.

މަޣުރިބު ނަމާދުން ފައިބާހާ އިރު، ކޭންތައް ހަރުގެޔަށް ގެންދާން، ރަށުތެރޭގައި އިޢުލާނެއް ކުރާނެއެވެ. ގޮވައިލާ މީހާ ރަށުތެރޭގައި ގޮވައިލާ ގޮވައިލުމަކުންނެވެ. މާވަށުގައި އެ ކަމަށް ގޮވައިލާން ބޭނުންކުރާ އިބާރާތަކީ "ކެއުން އަޅައިގެން ކެއުން ހަރަގެޔަށް ގެންދަހަރޭ" މިއެވެ. މި ގޮވައިލުމާއެކު ބޮޑުކޭން، މަލާފަތުގައި ތައްޔާރުކޮށްގެން ރިޔާފޮތިގަނޑަކުން ބަނދެގެން ކޭންތައް ތަނޑިޔާލައިގެން ނުވަތަ ބާޜުގަދަ މީހެއްނަމަ، ބޮލުގައި ބަހައްޓައިގެން ހަރުގެއަށް ގެންދާނެއެވެ. އެއާ އެކީގައި ރިހައާއި ރޯސްކުކުޅު ފަދަ ތަކެތި ތަށިބަރިފަދަ އެހެން އެއްޗެއްސަށް އަޅައިގެން ގެންދާނެއެވެ. އަތްދޮންނަ ކުރައާއި ލޯގަނޑު ވެސް ގެންދާނެއެވެ. ދޮންކޭލާއި ދުފާތަކެތި އަޅައިފައި ހުންނަ ކުޑަ ލޯ މަލާފަތް ފަދަ އިތުރު އެއްތައް އެއްޗެއް ކެއިމާއެކު ގެންދާނެއެވެ. ޢިޝާ ނަމާދުގެ ކުރީން މި ކަން ނިންމާނެއެވެ.

ޢިޝާ ނަމާދުން ފޭބުމާއެކު ހަރުގެޔަށް އެންމެން ޖަމާވާން އިޢުލާނެއް ކުރާނެއެވެ. މި ކަމަށް ގޮވައިލާން ބޭނުން ކުރާ ޢިބާރާތަކީ "އެންމެ ބޭކަލުން މަޖިލީހަށް ދުރުވަހަރޭ" މިއެވެ. ހަރުގެޔަށް (ކެއިމަށް) ދާން ހުއްދަ އޮންނާނީ ނަކަތްގެ ލައްވައިފައި (ޚިތާނުކޮށްފައި ތިބި) ހުރިހާ ފިރިހެނުންނެވެ.  "ބޭކަލުން"ގެ ގިންތިއަށް މީހާ ހިމެނެނީ ޚިތާރުކުރިމާ ކަމަށް ބެލެވެއެވެ. ދެން އެންމެތަކުން ހަރުގެޔަށް ޖަމާވީމާ އެ ވާހަކަ ކަތީބަށް ނުވަތަ ކުޑަކަތީބަށް ނަންގަންނާނެއެވެ. ކަތީބު (ނުވަތަ އިސް ބޭކަލަކު) ދުރުވެ ހަރުގޭ އިސް ސަފު ކޭމުގައި އިށީންނެވުމާއެކު ކޭންތަކުގެ މަތިނަގާން ގޮވައިލާނެއެވެ. ކޭމުގެ މަތިނަގައި ތަރުތީބުކޮށްލީމާ ފެންކުރައާއި ލޯގަނޑު ބޭނުންކޮށް އަތްދޮއްވާނެއެވެ. އެއީ ރަމްޒީކަމެކޭ ހިތަށް އަރައެވެ. އެހެނީ އަތުގައި ފެންފޮދެއް ޖެހިއްޖެ ނަމަ، އެއީ އަތް ދޮވުނީކަމަށް ބަލައެވެ. ދެން ކަތީބު އިސްވެ ބަސްމަލާ (`) ކިޔުއްވާނެއެވެ. އެންމެނަށް އަޑުއިވޭ ވަރަށް ބާރަށެވެ. ބަސްމަލާ ކިޔުއްވުމާއެކު އެންމެން ކާންފަށާނީ މޭބިސްކުރަނޑީންނެވެ. ނަމަވެސް އެއިން އެތިކޮޅެއް ލައްވައިނުލާ މީހުން ވެސް ތިބެދާނެއެވެ. މޭބިސްކުރަނޑިއަކީ ކުކުޅުކުރަނޑިއާއި މޭގަނޑާއި ހިތާއި މިބާވަތުގެ ތަކެތި ހަނާކޮށްފައި ހުންނަ އިރު އެ ތަކެއްޗަށް ޖުމުލަކޮށް ކިޔާ ނަމެވެ. މޭބިސްކުރަނޑި ހުންނާނީ އަސާރަތަށްޓަކަށް (ކުޑަކުޑަ ބިއްލޫރި ތައްޓެއް) އަޅައި ކޭމުގެ ބަތްގަނޑުގެ މެދަށް ކޮށްޕައިލައި ތަށީގެ މަތީގައި ކުޑަ ފޮނި ރޮއްޓެއް ބާއްވައިފައެވެ. އޭގެމަތީގައި ބިސްފޮޅިއާއި ފޮނިރޮއްޓާއި ކުޅިރޮށިގަނޑަކާއި ފޮނި ކިރުފޮޅިއާއި ބިސްގަނޑާއި މެޓާގަނޑާއި މިހުރިހާ ތަކެތި ހުނާނެއެވެ. ބަސްމަލާ ކިޔުމުގެ ކުރީން، މަތީގައި އޮންނަ ބިސްގަނޑު ނުވަތަ ރޮށިގަނޑުގެ މައްޗަށް މި ތަކެތި އަޅައި ފަސޭހައިން އަތުޖެހޭ ގޮތް ހަދާނެއެވެ.

"ބޭކަލުން" ކޭން ބައްލަވައި ނިމުނީމާ ކެއިންތައް ބާލައިގެން ކޭން ކެއްކި ގޭގެޔަށް ގެންގޮސް އެ ކަމުގައި ބައިވެރިވި ގޭގޭ މީހުންނަށް އޭގައި ހުރި ތަކެއްޗާއި ބާކީ ހުރި ތަކެތި ހަމަޔަށް ބަހައިލާނީއެވެ. ހަރުގެޔަށް ނުދާ އުމުރުގެ ކުދީންނާއި އަންހެނުންނަށް މީރުކޮށް ކާން ލިބޭނީ އޭގެފަހުންނެވެ.

ދެން ހަރުގޭގައި އޮންނާނީ މާލޫދުކިޔުމެވެ. މާލޫ ދެބައިވަންދެން (ދެބައިވުމޭ ކިޔަނީ ރަސޫލާ ދުނިޔެއަށް އުފަންވީ ވާހަކަ ނަންގަނެވޭ މާލޫދުބުރި ކިޔުމަށެވެ.) ގިނަ މީހުން ހަރުގޭގައި ތިބޭނެއެވެ. ދެބައިވާ ގަޑީގައި ވަރަށް ގިނަ އަންހެނުންނާއި ކުޑަކުދީން ދެބައިބުރި އަޑުއެހުމަށްޓަކައި ހަރުގެ ކައިރިއަށް ނަލަހެދިގެން ޖަމާވާނެއެވެ. އެހެން ތިބޭ އިރު އެކިއެކި ޒުވާނުން މާލޫދުބުރި ކިޔައިލާ ގޮތާއި މަދަޙަ ކިޔާ ގޮތުގެ ރީތިކަމުގެ މައްޗަށް ތަޢުރީފުކޮށް ވެސް ހަދާނެއެވެ. މާލޫދު ކިޔަން ތިބޭ ކުދީންނަށް ސަޔާއި ދުފުން ވެސް އޮންނާނެއެވެ. އަނެއް ދުވަހު އިރު އެރުމުން އެކި ގޭގޭގައި މާލޫދުކިޔުމާއި ދުޢާކިޔުން ފަދަ ކަންތައް ސިލްސިލާ ގޮތެއްގައި ކުރިޔަށްދާނެއެވެ. (މާލޫދޭ މި ކިޔަނީ ކައުސާހިބާގެ ސިޔަރަތުގެ މައްޗަށް ކުރު ބާބުތަކަކަށް ރީތި އިބާރާތްތަކުން ލިޔެފައި އޮންނަ، ސީރަތެކެވެ. ދޭތެރެ ދޭތެރެއިން މަދަޙައިގެ ޅެންތައް ވެސް ހިމެނޭ ގޮތުންނެވެ.)

މި ދަންނަވައިލެވުނީ ޝަޢުބާންމަހުގެ 15 އައުމުން އަޅުގަނޑުގެ ހަނދާނުގައި ހުރި ކުޑައިރުގެ ބައެއް ހަނދާންތަކެވެ. ޝަޢުބާން މަސް ދެބައިވެ ރޯދަމަސް އަންނަން ފޮއި ދުވަހަށް ވީ ހިނދު އަޅުގަނޑުގެ ޚިޔާލަށް އައި ކުޑައިރުގެ ހަނދާންތަކެއް މިއަދުގެ ކިޔުންތެރީންނާ ހިއްސާކޮށްލާހިތްވީއެވެ. ދިވެހީންގެ އާދަކާދައާއި ސަގާފަތަށް އައި ބައެއް ބަދަލުތައް ފާހަގަކޮށްލުމަށްޓަކައެވެ. ތާރީޚީ ހަގީގަތެއް ރެކޯޑުކޮށްލުމަށްޓަކައެވެ. އެހެން ނިޔަތެއް ނެތިއެވެ.

މިއަދު އެއީ މާޒީއެވެ. ހިޔަރަކާތްދުވަހަކީ ދީނީ އެއްވެސް ނައްޞަކުން ސާބިތުވާ ދުވަހެއް ނޫންކަން އަޅުގަނޑުމެން މިއަދު ދަންނަމުއެވެ. ކީރިތި ރަސޫލާ ވެސް އަދި ޞަޙާބީއަކު ވެސް އެ ދުވަސް ފާހަގަކުރެއްވި ކަން ސާބިތުވާ އެއްވެސް ހެތްކެއް ނެތްކަމަށް ހުރިހާ ޢިލްމުވެރީން ވެސް އިއްތިފާޤުވެއެވެ. މިއަދު އެއީ ބިދުޢައެވެ.

މި ޒަމާނުގައި ޢިލްމުވެރީން ވިދާޅުވެދެއްވާ ގޮތުގައި ޝަޢުބާންމަހު ވަކި ދުވަހެއް ޚާއްޞަ ނުކުރައްވައި އެ މައްސަރުގައި ކީރިތި ރަސޫލާ ގިނަގިނައިން ރޯދަފުޅު ހިއްޕެވިއެވެ. ޝަޢުބާންމަހު 15 ޚާއްޞަކުރައްވައިފައެއް ނެތެވެ.

ކުރީން ވެސް އިޝާރާތްކޮށްލެވުނު ފަދައިން، މިއަދު އަޅުގަނޑުގެ ހިތަށް ވެރިވަނީ އެހެން ޝުޢޫރެކެވެ. ކުރީން ވެސް އަޅުގަނޑު އިޝާރާތްކުރި ފަދައިން އަޅުގަނޑުމެން މުސްލިމުން ހިޔަރަކާތް ފާހަގަކުރާން ފެށީ އަދި އެކަން ކުރަމުން އައީ ސަގާފީކަމެއްގެ ގޮތުން އިޖުތިމާޢީ ގުޅުން ބަދަހިކުރާން ނޫންބާވައެވެ. މި ކަމުގެ ތެރެއަށް ދީނީ ކުލަ ވައްދައި ބިދުޢާ އުފެއްދީ މާފަހުން ގަސްތުގައި ނުވަތަ އެ ގަސްތުނެތި ނޫންބާވައެވެ. އެހެންވީ އިރު، ދީނީ އެއްވެސް ނިޔަތެއް ނެތި، އިޖުތިމާޢީ ކަމެއްގެ ގޮތުގައި އެ ދުވަސް ފާހަގަނުކުރެވޭނެބާވައެވެ! ކޮވިޑް އައުމުގެ ކުރީން، އަޅުގަނޑުމެން "މާހެފުން" ބާއްވަމުން އައި ގޮތަށް، އިޖުތިމާޢީ އަދި ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައްޔާއި ރޯދަ މަސް އަންނަން ފޮއި ދުވަހަށް ވެއްޖެކަން ހަނދާނަށް ގެންނާން އިޖުތިމާޢީ ކެއުމެއް ނުބޭއްވޭނެބާވައެވެ! މިއަދު ވެސް ދީނީ ކަމަކަށް ނަހަދައި ޝަޢުބާން މަސް ދެބައިވެއްޖެކަން ފާހަގަކޮށް ޢާއިލާގެ މީހުންނަށް ރޯދަމަސް ވަރަށް ކައިރިވެއްޖެކަން އަންގައި ސަމާލުކަން ދިނުމަށްޓަކައި ބޮޑުކޭމެއް ކައްކައިލައި ޢާއިލާ އެކުގައި ކައިބޮއި ހަދައިލުމަކީ އިޖުތިމާޢީ ގޮތުން ރަނގަޅު ކަމަކަށް ނުވާނެބާއެވެ!

އޭސިއާގެ ބައެއް ޤައުމުތަކުގައި "ނިސްފު ޝަޢުބާން" މިހާރު ވެސް ފާހަގަކުރެއެވެ. މި ފަދަ ކަމެއްގައި ދީނީ އަޅުކަމެއްގެ ސިފަ ޖައްސައިފި ނަމަ އެ ވާނީ ބިދުޢައަކަށްކަން މިއަދު އަޅުގަނޑުމެން ގަބޫލުކުރަމުއެވެ. ނަމަވެސް މާހެފުން ބާއްވާ ގޮތަށް ޝަޢުބާން މަސް ދެބައިވީމާ ވެސް ޢާއިލީ ކެއުމެއް (ބޮޑުކޭމެއް) ބޭއްވުމަކީ ރޯދަމަސް އަންނަން ގާތްވެއްޖެކަމުގެ ހާނދާން އާކޮށްދީ، ރޯދަމަސް އަންނާން ދެން އޮތީ އެންމެ ދެ ހަފުތާކަން ހަނދާންކޮށްދީ ޢާއިލީ ގުޅުން ބަދަހިކޮށްލުމަށްޓަކައި ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑުގެ ވިސްނުމަށް އާދެއެވެ. މާފުކުރެއްވުން އެދެމެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ހިތަށް އައި ޚިޔާލެކެވެ.

އާދޭހެވެ! ބިދުޢާ އަކަށް ވާނީ ދީނުގައި ޝަރުޢުކުރެވިފައި ނެތް ކަމެއް އެއީ ދީނުގެ ކަމެއްގެ ގޮތުގައި ބަލައި ސަވާބުހޯދުމުގެ ނިޔަތުގައި (އަޅުކަމެއްގެ ގޮތުގައި) ދީނަށް އިތުރުކުރާ ކަންކަން ނޫންތޯއެވެ؟ އެހެންވީ އިރު އިސްރާފަކަށް ނުވާ ގޮތަކަށް ޢާއިލީ ގުޅުން ބަދަހިކުރުމަށް ޓަކައި ބޮޑުކެއުން ކައްކައިލައި އަވައްޓެރީންނާއި ޢާއިލީ މީހުން އެއްވެލައި ކައި އުފާކޮށްލުމަކީ އިޖުތިމާޢީ ގުޅުން ބަދަހި ވާނެ ކަމެއް ނޫންތޯއެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި މިއީ ދީނީ އަޅުކަމެއް ކަމެއް ކަމަށް ނުދެކި މިއީ ހަމައެކަނި އިޖުތިމާޢީ ކަމެއްގެ ގޮތުގައި ބަލައިގެން އެކުވެރިކަމާއި ގުޅުންތެރިކަން ބަދަހިކުރުމަށް މި ފަދަ ކަމެއް ކުރެވިއްޖެ ނަމަ، އެއީ ރަނގަޅުކަމަކަށް ވެދާނެއެވެ. މި ކޮވިޑް އައުމުގެ ކުރީން އަޅުގަނޑުމެން ފޯރިއާއެކު މާހެފުން ބާއްވައި އުޅުނު ގޮތަށެވެ. އެ ނިޔަތުގައެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އިރުމަތީ އޭޝިއާގެ ގިނަ ޤައުމުތަކުގެ މުސްލިމުން މިހާރު ވެސް "ނިޞްފު ޝަޢުބާން" (ޝަޢުބާން މަސް ދެބައިވުން) ފާހަގަކުރެއެވެ. ނަމަވެސް އެމީހުން އެ ދުވަސް ފާހަގަކުރުން ބިދުޢައަކަށް ވާނީ އެކަން ކުރާ ގޮތާ ގޮތާއި އެކަމުގެ ނިޔަތުގެ މައްޗަށެވެ. އެހެނީ ކޮންމެ ކަމެއް ވެސް ބިނާވެފައި އޮންނާނީ ނިޔަތުގެ މައްޗަށް ކަމަށް ކައު ސާހިބާ ﷺ މި އުންމަތަށް ވަނީ އަންގަވައިދެއްވައިފައެވެ. އެތުރު އެކަލޭގެ ފާނު ﷺ ޙަދީސް ކުރައްވައިފައިވެއެވެ. إِنَّمَا الْأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى ("ހަމަކަށަވަރުން ކުރާ ޢަމަލުތައް އޮންނާނީ ނިޔަތުގެ މަތީގައެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް ވެސް އެމީހަކު ނިޔަތްގަތް ކަމެއް އެމީހަކަށް ލިބިގެން ވެއެވެ.")

ކޮންމެއަކަސް ހިޔަރަކާތް ދުވަހަކީ އަދި އެ ދުވަހާ ބެހޭ ގޮތުން، (ދީނީ ކަމެއް ކަމަށް ބަލައިގެން) ކުރާ އެއްވެސް ކަމަކީ ޞައްޙަ މަގުން ސާބިތުވެފައިވާ ކަމެއް ނޫންކަމަށް ހުރިހާ ޢިލްމުވެރީން ވެސް ވިދާޅުވެއެވެ. މި ދުވަހާ ބެހޭ ގޮތުން ހުރި ކަމަށް ބުނާ ޙަދީޘަކީ މީހުން ހަދައިފައިވާ އަމިއްލަ އުފެއްދުންތަކެއް ކަން ޙަދީޘް ޢިލްމުވެރީން ވަނީ ސާބިތުކޮށްދެއްވައިފައެވެ. ވީމާ މި ފަދަ އެއްވެސް ކަމެއް ދީނީ ކަމެއްގެ ގޮތުގައި ކުރުމަކީ ބިދުޢައެއް ކަމާ މެދަކު މިއަދު އެއްވެސް ދިވެއްސަކު ދެބަހެއް ނުވާނެއެވެ. ނަމަވެސް އަޅުކަމުގެ ނިޔަތެއް ނެތި، ރޯދަމަސް އަންނާން ފޮއިދުވަހަކަށް ކައިރި ވެއްޖެކަން ގާތްތިމާގެ މީހުންނަށް ހަދާންކޮށްދީ ޢާއިލީ ގާތްކަމާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށްޓަކައި ބޮޑުކެއުންކައްކައިލައި، ކައިބޮއި ހަދައިލުމަކީ ސަގާފަތް ދިރުވުމަށްޓަކައި ނުކުރެވޭނެ ކަމެއްބާވައޭ އަޅުގަނޑު ހިތަށް އެރީއެވެ. އަޅުގަނޑުމެން މި ރޯދަމާ ދިމާކޮށް ނޫނީ އެހެން ކޮންމެ ރޯދަ މަހެއްގައި ވެސް މާހެފުން ބާއްވާ އުޞޫލުންނެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެކެވެ.