Support Us

ތަރައްގީގެ މަގުގައި އެފްރިކާއިން ފިލާވަޅެއް: ރުވަންޑާގެ ވާހަކަ

މީގެ ހަތާވީހަކަށް އަހަރު ފަހަތަށް ޖެހިލަމާ ހެއްޔެވެ! އާދެ، އަހަރަކީ 1994ވަނަ އަހަރާ ހަމަ އަށެވެ. އެ އަހަރުގައި ދުނިޔޭގެ ލޮލުގައި އަޅައިގަތް އެންމެ ވަރުގަދަ ޚަބަރަކީ ރުވަންޑާގައި ހިންގުނު ގަތުލުއާންމު ގެ ވާހަކައެވެ. ރުވަންޑާގެ މައި ގަބީލާކަމުގައިވާ ހޫޓޫއިން އެގައުމުގެ އަގައްލިއްޔަތުގެ ގަބީލާކަމުގައި ހިމެނޭ ޓުޓްސީންގެ ހަ ލައްކައެއްހާ މީހުން މެރި ވާހަކައެވެ. އޭގެ ތެރޭގައި ޓުޓްސީންނަށް ހަމްދަރުދީވާ ކަމުގައި ބެލެވުނު ހޫޓޫއިންގެ މީހުންވެސް ހިމެނެއެވެ. ފަހުން، ޓުޓްސީންގެ ހަނގުރާމަވެރި މީހުން، ހޫޓޫއިންގެ ތިރީހަކަށް ހާސް މީހުން މެރިއެވެ. އާދެ، 1994ގައި ރުވަންޑާ އޮތި ބައިބައިވެ ލެއިން ތަތްތެޅިފައެވެ.

ދެން، މިއަދު، ރުވަންޑާއަށް ކަޅިއެއް އެއްލަބަލާށެވެ! އެ އަނިޔާވެރި ގަތުލުއާންމުގެ 27 އަހަރު ފަހެވެ. މިއަދު، ރުވަންޑާއަކީ އެފްރިކާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. އެ ގައުމު އޮތީ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއަށް ވަނުމުގެ ދޮރުދޮށުގައެވެ. އެފްރިކާގެ އެންމެ ރައްކާތެރިކަން ބޮޑު ގައުމަކީ ރުވަންޑާއެވެ. ރުވަންޑާ ހިމެނެނީ ފަސާދަ އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައެވެ. ގައުމުގެ ހުރިހާ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ލިބޭނޭ މަގު އޮތީ ފަހިވެފައެވެ. އިޖުތިމާއި ޚިދުމަތްތައް ލިބޭ ގޮތް ވެސް އޮތީ ހަމަޖެހިފައެވެ. ތައުލީމާއި ސިއްހަތުގެ ޚިދުމަތެވެ. އާދެ، ތިންވަނަ ދުނިޔޭގެ ގައުމުތައް ތަރައްގީވުމުގެ މަގުގައި ދަތުރުކުރަމުން ހަތްދިހަ ނޫނީ އަށްޑިހަ އަހަރު ދަތުރުކޮށް، އެގައުމަތަކަށް އެމީހުންގެ މަންޒިލާ ހަމައަށް ވާސިލު ނުވެވުނު ދަރުތު ރުވަންޑާ ނިންމާލީ އެންމެ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައެވެ. (މި ވާހަކަތަކާ ބެހޭ ބައެއް ޚުލާސާ ލިޔުންތަކުގެ ލިންކު ތިރީގައި ދެވިފައިވާނެއެވެ.)

މި ބޮޑު ބަދަލު، އާދެ، ގައުމު ބައިބައިވެ، އެއްބަޔަކު އަނެއްބަޔަކާ ތަޅައި މަރާމާރީއާ ގަތުލުއާންމު ހިންގުމަށް ފަހު ކުޑަ މުއްދަތެއްގެ ތެރޭގައި އެހާ ބޮޑު ބަދަލެއް ގައުމަށް އައީ ކިހިނެއް ހެއްޔެވެ؟ އެކަމުގެ ސިއްރަކީ އެ ގައުމުގެ ރައީސްކަމަށް 2000 ވަނަ އަހަރު ވަޑައިގެންނެވި ޕޯލް ކަގާމޭއެވެ. އޭނާއަކީ ފަހަރެއްގައި ވެސް ޑިމޮކުރަސީގެ ބާނީއެކޭ ނުބުނެވޭނެއެވެ. ނަމަވެސް، އޭނާގެ ވެރިކަމުގައި ރުވަންޑާ މުޅިން ބަދަލުކޮށްލެއްވިއެވެ. ބައިބައިވެ، ހަލާކުވެ ފުނޑުފުނޑުވެފައި އޮތް ތަނެއް، މުޅިން އަލުން ބިނާކޮށް ކޮޅަށް ނެންގެވިއެވެ. ތިންވަނަ ދުނިޔޭގެ ފަގީރު ގައުމަކުން، ރުވަންޑާ އެއްވަނަ ދުނިޔޭގެ ސަފުތަކުގެ ކައިރިއަށް ރުވަންޑާ ގެނެސްދެއްވިއެވެ.

ރުވަންޑާގެ ރައީސްކަމާ 2000ވަނަ އަހަރު ޕޯލް ކަގާމޭ ހަވާލުވެވަޑައި ގަތުމަށް ފަހު، އޭނާ ސިންގަޕޫރަށް ދަތުރެއްކުރެއްވިއެވެ. (އެ ދަރުތުގައި ރާއްޖޭގައި ވެސް މަޑުޖައްސާލެއްވިއެވެ.) އޭނާގެ ބޭނުންފުޅުވެލެއްވީ ތަރައްގީގެ މަގުގައި ސިންގަޕޫރު ކުރި ދަތުރުގެ ތަޖުރިބާއިން ފިލާވަޅު ލިބިގަނެ، ރުވަންޑާގައި ވެސް އެ މަސައްކަތް ފެއްޓެވުމެވެ.

ރުވަންޑާގެ ވެރިރަށް ކިގާލީގެ މަންޒަރެއް

ރުވަންޑާ ތަރައްގީކުރުމުގައި ރައީސް ކަގާމޭގެ ސިޔާސަތު މައިގަނޑު ދެތިންކަމަކާ ގުޅެއެވެ. ނުރަނގަޅު ކަންތައްތައް ނައްތާލުމާއި ރަނގަޅު ހަރުދަނާ ބިންގަލެއްގެ މަތީ ގައުމު ބިނާކުރުމެވެ. ރުވަންޑާގެ ހަލާކުވުމުގެ އަސްލަކަށް ވެފައި އޮތީ، ކެންސަރެއް ފަދައިން، ގައުމުގެ ހަށިގަނޑުގައި އަށަގަނެ، ފެތުރިފައި އޮތް ފަސާދައެވެ. ގަބަލީ ވެރިކަމެވެ. އާދެ، ވަކި ގަބީލާއަކަށް މީހާ ނިސްބަތް ވުމުން އެމީހަކަށް އިސްކަންދީގެން ވެރިކަން ހިންގުމުގެ ސިޔާސަތެވެ. އޭނާގެ ފުރަތަމަ އަމާޒަކަށްވީ މިކަން ނައްތާލުމެވެ. ދެވަނަ އަމާޒަކަށްވީ ތައުލީމާއި ތަރުބިއްޔަތަށް އިސްކަންދީ މުޅިން އާ ޖީލެއް ބިނާކުރުމުގެ މަސައްކަތެވެ. ދޮގު ހެދުމާއި ވައްކަންކުރުމާއި ރިޝްވަތު ހިފުން ފަދަ ކަންކަމީ ނުރަނގަޅު އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމުގައި މީސްތަކުންގެ ހިތްތަކަށް ވެއްދިއެވެ. ޚާއްސަ ގޮތެއްގައި މަދަރުސީ މަންހަޖުތަކުގެ ތެރެއިން ކިޔަވާ ކުދިންގެ ހިތްތަކަށެވެ. މިކަމުގެ ނަތީޖާ މިއަދު ރުވަންޑާއިން ފެނިގެން ދެއެވެ. މިސާލަކަށް، އެތަނުގެ އާންމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް ބޭނުންކުރުމުގައި ފާރަވެރިން ނެތި، ކާޑުގެ ޒަރިއްޔާއިން، އަމިއްލައަށް ޓިކެޓު ކަނޑައި ދަތުރުކުރުމެވެ.

މީގެ އިތުރުން، ތަނުގެ މުއްސަނދިކަން އެންމެންނަށް ލިބޭ ގޮތް ހެއްދެވުމެވެ. ވަޒީފާތައް އުފައްދަވައި އެންމެނަށް ވަޒީފާ ލިބުމުގެ ފުރުސަތު ހުޅުވާލައްވަވައިގެންނެވެ. ތައުލީމާއި ސިއްހީ ޚިދުމަތްތައް ފަދަ، ޚިދުމަތްތައް އެންމެނަށް ފޯރުކޮށްދެވޭނޭ މަގު ފަހިކޮށްދެއްވައިގެންނެވެ. މިހުރިހާ ކަމެއް ކުރުން ވެސް، ރައީސް ކަގާމޭގެ ގަބޫލުފުޅު ކުރައްވާ ގޮތުގައި، ފެށިގެން އަންނަން ޖެހޭނީ އެތެރެއިންނެވެ. ތަނުގެ މީހުންގެ ކިބައިންނެވެ. އޭނާ ދެކިވަޑައިގެންނެވި ގޮތުގައި، ބޭރު މީހުންނަށް އިއުތިމާދުކޮށް، ބޭރު މީހުންގެ އަތްމައްޗަށް ތަރައްގީގެ މަސައްކަތް ދޫކޮށްލެވިގެން އެކަމެއް ނުކުރެވޭނެއެވެ. އެކަން ކުރަން ޖެހޭނީ، ތަނުގެ މީހުން އެކުގައި މަސައްކަތްކޮށްގެން، އަމިއްލައަށެވެ.

މިތާނގައި ހަނދާންކޮށްލަން ޖެހޭ މުހިއްމު އެއް ވާހަކަ އަދި އެބަ އޮތެވެ. ރުވަންޑާއަކީ އެފްރިކާގެ ނިސްބަތުން ވަރަށް ކުޑަ ގައުމެވެ. މާ ގިނަ ގުދުރަތީ ޚައިރާތުތަކެއް އޮތް ތަނެއް ނޫނެވެ. އެތަނުގެ މައިގަނޑު އެއް ވިޔަފާރިއަކީ ފަތުރުވެރިކަމެވެ.

ރުވަންޑާއިން ލިބޭ ފިލާވަޅަކީ ކޮބާ ހެއްޔެވެ؟ އެ ފިލާވަޅު ސީދާ ރައީސް ކަގާމޭ ވިދާޅުވެފައި އޮވެއެވެ. "ތިމަންމެންނަށް މި ކަން ކުރެވޭއިރު، އެހެން މީހުންނަށް ވެސް މިކަން ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟" އާދެ، ރުވަންޑާއަށް ތަރައްގީގެ މަސައްކަތް ކާމިޔާބު ގޮތުގައި ކުޑަ މުއްދަތެއްގެ ތެރޭގައި ކުރެވޭއިރު އެހެން މީހުންނަށް ވެސް މިކަން ހަމަ ކުޑަ މުއްދަތެއްގެ ތެރޭގައި ކުރުމުގެ އެކަށޭނަކަން އެބައޮތެވެ. އެކަން ކުރަން އޮތް މަގުގައި ހިނގައިގެންނެވެ. ތަނުން ފަސާދަ ފޮހެލައި ނެތިކޮށްލައިގެންނެވެ. ތައުލީމާ ތަރުބިއްޔަތުގެ ތެރެއިން އަމިއްލަ ނަފްސަށް އިތުބާރުކުރާ، ކަންނެތް ކަމެއް ނެތް، ޒިއްމާދާރު މުވާތިނުންތަކެއް އުފައްދައިގެންނެވެ. ތަރައްގީގެ މަސައްކަތަކީ ބޭރު މީހުންނާގެ އެހީ ލިބިގަން ކަމުގައި ވިޔަސް، އެ މަސައްކަތް އެ މީހުންގެ އަތް މައްޗަށް ދޫކޮށް ނުލައި، އެމަސައްކަތް އަމިއްލައަށް ކޮށްގެންނެވެ.

އެ މަސައްކަތް ކުރަން، އެންމެ ފުރަތަމަ ބޭނުންވަނީ ދުރުވިސްނޭ ހަރުދަނާ ލީޑަރެކެވެ. ގައުމަށް އިޚުލާސްތެރި، ގައުމުގެ މަސްލަހަތަށް އިސްކަންދީގެން ކަންކުރަން އެނގޭ، ވިސްނުންތެރި ލީޑަރެކެވެ. ފަސާދައިގެ ކެންސަރު ގައުމުން ފޮހެލައި، ގައުމަކީ މުޅި ރައްޔިތުންގެ ތަނެއްކަމުގައި ދެކި، ވެރިކަމަކީ ވެރިޔާއާ ހަވާލުކުރެވޭ އަމާނަތެއް ކަމުގައި ހިތުގެ އަޑިން ގަބޫލުކޮށް، އެކަން، އޭނާގެ އަމަލުން ދައްކުވާ ޒައީމެކެވެ. ވެރިކަމަކީ ތިމާގެ އަމިއްލަ މީހުންނަށްޓަކައި، ތިމާގެ ގަބީލާގެ މީހުންނަށްޓަކައި، ތިމާގެ ސިޔާސި ކުލައިގެ ފައިދާއަށްޓަކައި، ކުރާ ކަމަކަށް ނުހަދާ ޒައީމެކެވެ. ވެރިކަމުގެ އާރާއި ބާރު، އަދި އިއްޒަތާއި ގަދަރު، ގުޅިފައި އޮންނަނީ ބޭރުގެ ގައުމުތަކާއި އަދި ބޭރުގެ ބާރުތަކާ ނޫންކަމާއި އެކަން ގުޅިފައި އޮންނަނީ ތަނުގެ ރައްޔިތުންނާކަން ގަބޫލުކޮށް އެ ގަބޫލުކުރުމުގެ މައްޗަށް ތަނުގެ ސިޔާސަތުތައް ރާވައި ހިންގަން އެނގޭ ޒައީމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ވެސް މި ފަދަ ޒައީމަކު އުފެދެން ވެއްޖެއެވެ. ތަރައްގީގެ މަގުގައި ހެޔޮ ފިޔަވަޅުތަކެއް އަޅައި، ތަރައްގީގެ މަންޒިލަށް، އާދެ، ހުރިހާ މުވާތިނުންނަށް ހެޔޮ، ކަރާމާތްތެރި ދިރިއުޅުމެއް ލިބޭ މަންޒިލަކަށް، ވާސިލުވެ ދިޔުމަށްޓަކައެވެ.

(މަތީ ފޮޓޯގައި ރުވާންޑާގެ ރައީސް ޕޯލް ކަގާމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. Varahves furihama liumeh. Rajje ah vaagothaky mee maa molhubaeh ulhey thaneh. Maabodah siyaasy veema vaagotheh. Kohn ehcheh nulibigen miulheny, mi qaumuga veriakah hunna meehaa dhauru nimuneema mi vannan jeheny jalah, dhen anna verikamuga mi dhakkany eynaa kuree kohn kameh hey, ehen kiyakiyaa mihunnany. KOMME verikameh ayas rahyathunnah dheynjehey ikhthiraamu dheegen qaumaagen kuriahdhaanveyny. Kohn hasadhabodi eh.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *