އުތުރުތިލަފަޅުގައި ހަދާ "ސިފަވަރު" ބަނދަރުގެ އެއްބަސްވުމުގެ މައްސަލައަކީ މިހާރު ގައުމީ މައްސަލައެކެވެ. އެއް ބަޔަކު ބުނަނީ އެ އެއްބަސްވުމަކީ "މަދަނީ" އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް އެ އެއްބަސްވުން ހާމައެއް ނުކުރެވޭނެ ކަމަށެވެ. އެ އެއްބަސްވުން ހާމަކުރުމަކީ "ގައުމީ ސަލާމަތަށް" ނުރައްކާވެދާނެކަމެއް ކަމަށެވެ. މި ވާހަކަ މިހެން ވިދާޅުވަނީ "އަސްކަރީ" ބޭފުޅުންނާއި ގައުމީ ސަލާމަތާ ބެހޭ ޒިންމާދާރީންނެވެ.
އަނެއް ބަޔަކު ބުނަނީ، ގައުމީ ސަލާމަތަށް ނުރައްކަލީ އެ އެއްބަސްވުން ހާމަކުރުމަކުން ނޫންކަމަށާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ނުރައްކާވެފައިވަނީ އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ކަންތައްތަކުގެ ސަބަބުންކަމަށެވެ. އަދި ރައްޔިތުގެ މަޞްލަޙަތާއި ގައުމުގެ ސިޔާދަތާއި އިސްތިޤުލާލާއި މިނިވަންކަމަށް ނުރައްކާވެފައިވާ މި ބޮޑު މައްސަލަ، ސަރުކާރުން ސިއްރުކުރައްވާތީކަމަށެވެ. ހާމަވެފައިވަނީ "ނަގުލީ" އެއްބަސްވުމެއްކަމަށް ވިދާޅު ވިޔަސް އެކަން ސާބިތުކުރައްވާން "އަޞްލު" އެއްބަސްވުން ދައްކަވާކަށް ކެރިވަޑައެއް ނުގަތުން މިއީ ވެސް މިކަމުގެ ނުރައްކާތެރިކަމަށް ދަލީލު ލިބޭ ކަމެއް ކަމަށެވެ. ބޮޑުން ދައްކަވާ ވާހަކައަށް ރައްޔިތުންނަށް އިތުބާރު ނުކުރެވެނީ ބޮޑުންދައްކަވާ ވާހަކަފުޅާއި ކަން ހިނގާ މަގު ދިމާނުވާތީ ކަމަށެވެ.
ހަނދުމަފުޅު ހުންނާނޭ ފަދައިން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރޭ މަޖައްލާއަކަށް، ފައިބެ އަހަރު ދެއްވި ޚިޠާބެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ "މައުލޫމާތު ހާމަކުރާން ފަސްޖެހުނު ވަރަކަށް އެ ބަޔެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ" ކަމަށެވެ. އަދި "ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު ހިއްސާނުކޮށް ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް ނޫން"ކަމަށާއި، އެހެންކަމުން "މަޢުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ" ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އަދި ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ވެސް މި ހަގީގަތް ގަބޫލުފުޅުކުރެއްވުމަކީ މި ޙައްޤު ކަށަވަރުކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އޭރު ހީކުރެވުނު ކަމެކެވެ. ފައިބެ އަހަރުގެ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަހު" ބަންޑާރަނައިބު ވިދާޅުވެފައިވަނީ "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ޖަވާބުދާރީ ކުރަނިވި ދައުލަތެއްގެ ބިންގާ"ކަމަށެވެ. އެހެންވީމާ، މި ހައްގު ކަށަވަރުކޮށް ނުދެވޭ ނަމަ، ޑިމޮކްރެޓިކް ދައުލަތެއްގެ ބިންގާ ފުނޑުފުނޑު ވެދާނެ ކަމަށް އެ މަނިކުފާނު ވެސް ގަބޫލުފުޅުކުރައްވަނީއެވެ. އެހެންވީ އިރު، އެ ފަދަ މަޢުލޫމާތު ދޫނުކުރައްވައި ހިފަހައްޓަވަނީ ދައުލަތުގެ ބިންގާ ފުޑުފުޑުކުރައްވާންތޯ ސުވާލު ނޫފެދޭތޯއެވެ!
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ޓަކައި، ގާނޫނުން މަތިކޮށްފައި ދާދި ފަހަކާ ޖެހެންދެން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ އޭރު ވިދާޅުވެފައިވަނީ ނަޒާހަތްތެރި ދައުލަތެއް ބިނާކުރުމަށް ޓަކައި، އެންމެ މުހިންމު ވަސީލަތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުންކުރުން ކަމުގައެވެ. އެހެންވީމާ މި ހުރިހާ ބޭފުޅުންގެ ބަސްފުޅުތަކުން އަޅުގަނޑުމެންނަށް އޭރު ލިބުނު އުންމީދު މަތިވެރިއެވެ. ކުރީގެ ކޮމިޝަނަރަށް ވެސް އޭރު ޝުކުރު އަދާކުރީމެވެ. ނަމަވެސް………..
ކަން ހުރީ އިސްވެ ދެންނެވުނު ގޮތުގައި ކަމަށް ވިޔަސް ޢަމަލީ ގޮތުން ކަން ހިނގަނީ މި މަގުން ނޫންކަން، މީޑިއާއިން ފެތުރޭ ޚަބަރުތަކުން ފެނުމަކީ އަޅުގަނޑަށް ވަރަށް ބޮޑު ޙައިރާންކަމެއް ލިބުނު ކަމެކެވެ. ރައްޔިތުންގެ ޙައްޤުތައް އެ ކަމެއްގައި ހިމެނިފައިވާ އެތައް ކަމެއްގެ މަޢުލޫމާތު ސަރުކާރުން (ހާމަނުކުރައްވައި) ސިއްރުކުރައްވައި ހިފަހައްޓަވާ ނަމަ، އެ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ ބާރު ދައުލަތުގެ ވުޒާރާތަކުގެ މައްޗަށް ނުހިނގާ ކަމުގެ ދަލީލެއްތޯ ބަޔަކު ސުވާލު އުފައްދައިފާނެ ކަމެކެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ "ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު ހިއްސާނުކޮށް ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް ނޫން" ކަމަށެވެ. އެހެންވީ އިރު، އެ ފަދަ މަޢުލޫމާތު ނުދެއްވައި ހިފަހައްޓަވާނަމަ އެކަން ކުރައްވަނީ ކާކުގެ އިޚުތިޔާރަކުންތޯ ސުވާލު ނޫފެދޭތޯއެވެ؟
ހަމައެކަނި އުތުރުތިލަފަޅުގެ އެއްބަސްވުން އެކަންޏެއް ނޫނެވެ. ކުޑަ ތަންކޮޅެއް ދުރުން ފަށާނަމެވެ. ދިވެހިރާއްޖޭގައި "އިޖުތިމާޢީ ޚިދުމަތުގައި" ހެލިކޮޕްޓަރު ދުއްވައިދޭން އުޅޭ "ޚާދިމުން"ގެ ޢަދަދާއި އެ މީހުންނަށް ދިވެހިރައްޔިތުންގެ ވާރު ފައިސާއިން ކުރާ ޚަރަދު ހާމަކުރައްވާން މިނިސްޓްރީ އޮފް ޑިފެންސުން އިޢުތިރާޒުކުރެއްވި ޚަބަރަކީ އެންމެން ކިޔައި މިހާރު ބާވެފައިވާ ޚަބަރެކެވެ. މިއީ ވެސް ޤާނޫނު ބުނާ ގޮތުން ހިފެހެއްޓެވޭނެ މަޢުލޫމާތެއް ނޫންކަން ކަށަވަރެވެ. އެހެނީ ދިވެހިރާއްޖޭގައި އުޅޭ އެހެން ޤައުމެއްގެ މީހުންގެ ޢަދަދު ދިވެހިރާއްޖޭގެ އަހުލުވެރިންނަށް އެނގުމަކީ ދިވެހީންގެ ޙައްޤެކެވެ. އަދި ރައްޔިތުންގެ ވާރު ފައިސާއިން (އެހެން ބަޔަކަށް ނަމަވެސް) ކުރާ ޚަރަދުގެ ތަފުޞީލު ދިވެހި ރައްޔިތުންނަށް ލިބުމަކީ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙައްޤެކެވެ. ދައުލަތުގެ ފައިސާގެ ޙައްޤުވެރިކަން ކޮންމެ ރައްޔިތަކަށް ވެސް އޮންނާތީއެވެ.
އަނެއްކޮޅުން ބަލާއިރު، ބަޖެޓު ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދިވެހި ސަރުކާރުން ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭ އެއްވެސް މައުލޫމާތެއް (ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުނު ބޮޑު ދަރަންޏާއި އެ ދަރަނި ހޯދާން ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން) ހާމަކުރައްވާން ސަރުކާރުން ދެކޮޅު ހައްދަވައިފައިވާކަން މީޑިއާގެ ޚަބަރުތަކުން އެނގުނެވެ. އަދި އެސް.ބީ.އައި.އިން ދިވެހި ދައުލަތުން 250 މިލިއަން ޑޮލަރުގެ ބޮންޑު ގަންނާން ނިންމަވައި، އެކަމާ ގުޅޭ ރަމްޒީ ޗެކެއް ދިވެހި ސަރުކާރާ ހަވާލުކުރެއްވި މަންޒަރު ވެސް ފެނުނެވެ. އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއިން ރަހުމަތްތެރިއަކު ބޭނުންވާ ކޮންމެ ވަގުތަކު އިންޑިއާއިން ތެދުވެ އެހީތެރިވާ ކަމަށެވެ. އަދި 250 މިލިއަން ޑޮލަރުގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީއަށާއި އިންޑިއާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފައި ވެއެވެ. އާދޭހެވެ! ދިވެހި ދައުލަތަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން "ދިން" 250 މިލިއަން ޑޮލަރުގެ ދަރަންޏަކީ އިންޑިއާއިން ދިން އެހީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ސިފަކުރެއްވީތާއެވެ!
އެހެންނަމަވެސް 250 މިލިއަން ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދޭން ނިންމީ ދިވެހި ދައުލަތުން ބޮންޑެއް ގަނެގެންކަން އެންމެންނަށް ވެސް އެނގެއެވެ. އަދި އެ ބޮންޑުގެ މުއްދަތު ދިހަ އަހަރަށް ދެމިގެންދާ ގޮތަށް ހަދައި، އެއިން ކޮންމެ އަހަރެއްގައި ވެސް ސޫދުގެ ގޮތުގައި ސަރުކާރުން އެސް.ބީ.އައި.އަށް ފައިސާ ދައްކާން ޖެހޭނެކަން ވެސް ރައްޔިތުން ދަނެއެވެ. ނަން ހާމަނުކުރާން އެދޭ ފަރާތްތަކުން ދިން މަޢުލޫމާތަށް ބަލާއިރު، މި ދަރަނީގެ ޢަދަދުގެ އިތުރަށް ސޫދުގެ ގޮތުގައި އެކަނި ވެސް 83 މިލިއަނެއްހައި ރުފިޔާ އެސްބީއައިއަށް ދައްކާންޖެހޭ ކަމަށްވެއެވެ. މި ކަމާބެހޭ އެއްވެސް ތަފްޞީލެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ. ބަޖެޓު ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދިވެހި ސަރުކާރުން ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭ އެއްވެސް މައުލޫމާތެއް (ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުނު ބޮޑު ދަރަންޏާއި އެ ދަރަނި ހޯދާން ދިވެހި ސަރުކާރުން ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުން) ހާމަކުރައްވާން ސަރުކާރުން ވަނީ ދެކޮޅު ހައްދަވައިފައެވެ. އެ ދަރަނި ވެސް ސަރުކާރުން މާނަކުރެއްވީ "އެހީއެއް"ގެ ގޮތުގައެވެ.
ރާއްޖޭގެ އޮންލައިން ނޫހަކުން މަޢުލޫމާތު ބޭނުންވެގެން "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނު"ގެ ދަށުން، އެދިފައިވާ ކަމަށް އެނގިފައިވަނީ އެ ބޮންޑު ވިއްކުމަށް ޓަކައި، އިންޑިއާއާއެކު ވެވުނު އެއްބަސްވުމާއި، އެ ބޮންޑުގެ ސޫދު (އިންޓަރެސްޓު ރޭޓު) އަންގަވައިދެއްވުންއެދިއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ވިދާޅުވެފައި ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާއާއި ބަންޑާރަ ނާއިބާއި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި އެއްޗަކާ ޢަމަލީ ގޮތުން ކަން ހިނގާ ގޮތާ ވަރަށް ބޮޑަށް ތަފާތުތާއެވެ!
މި ދެންނެވި މަޢުލޫމާތު ދޫނުކުރައްވައި ފިނޭންސް މިނިސްޓްރީން ހިފެހެއްޓެވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 25 ވަނަ މާއްދާއަށް ރިއާޔަތްކުރައްވައި، އެ މާއްދާއިން ލިބިވަޑައިގަންވާ އިޚުތިޔާރުގެ ދަށުން ކަމަށް އެނގިފައިވެއެވެ. އެހެންނަމަވެސް މި ދެންނެވި މަޢުލޫމާތަކީ އެ ޙަވާލާދެއްވި މާއްދާގެ ދަށުން ނުދެއްވައި ހިފެހެއްޓެވޭނެ މަޢުލޫމާތެއް ނޫނެވެ. ސަބަބަކީ، އެ ޙަވާލާދެއްވި 25 ވަނަ މާއްދާގައި ބުނާ "މަޢުލޫމާތު ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެ މަޢުލޫމާތެއް ދޫނުކުރުމުގެ އިޚުތިޔާރު" އެއީ މުޠުލަޤަށް ލިބޭ ބާރެއް ނޫނެވެ. އެ ބާރު ލިބެނީ 25 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން "އެ މަޢުލޫމާތު ހޯދައިފައިވަނީ ހާމަނުކުރާނެކަމަށް އެއްބަސްވެގެން ކަމުގައި ވުމާއެކު،" އެ މަޢުލޫމާތުގައި ޚާއްޞަ ސިފަތަކެއް ވެސް ހުރެގެންނެވެ. އެ ސިފަތައް އެ އަކުރުގެ ފުރަތަމަ ނަންބަރާއި ދެ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. ފަންސަވީސް ވަނަ މާއްދާގެ (ހ)ގެ ފުރަތަމަ ނަންބަރުގައި ވަނީ އެ މަޢުލޫމާތެއްގައި "ވިޔަފާރީގެ ސިއްރެއް ހިމެނިގެންވުން" ކަމުގައެވެ. ދެވަނަ ނަންބަރުގައިވަނީ "އެ މަޢުލޫމާތެއް ހާމަކޮށްފި ނަމަ، ތިންވަނަ ފަރާތުގެ ވިޔަފާރީގެ މަޞްލަޙަތަށް ނުވަތަ މާލީ މަޞްލަޙަތަށް އަސަރު ފޯރާނެ ކަމަށް ވުން" ކަމަށެވެ.
މި މާއްދާއަށް ބަލާއިރު، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމަކީ ވިޔަފާރީގެ މުޢާމަލާތެއް ކަމަށް ނުވާކަން ކަށަވަރުވެއެވެ. އަދި މި ތަނުގައި ތިންވަނަ ފަރާތެއްގެ މަޞްލަޙަތެއް ނުވެސް ނެތެވެ. އެހެނީ ދައުލަތޭ މި ކިޔަނީ ރައްޔިތުން ހިމެނޭ ގޮތުން ކަމަށް ވާއިރު، ތިންވަނަ ފަރާތެއްގެ ހައްގެއް މި ތާނގައި ހިމެނިފައެއް ނެތެވެ. ރައްޔިތުންނަކީ އެ ދަރަންޏަށް ޒިންމާވާންޖެހޭ ދައުލަތުގެ އެއް ބަޔެވެ. ތިންވަނަ ފަރާތެއް ނޫނެވެ. އަދި ބޮންޑުގެ މުޢާމަލާތަކީ، "ގަތުން" މި ލަފުޒު ހިމެނިފައި ވިޔަސް މިއީ ވިޔަފާރީގެ މުޢާމަލާތެއް ނޫނެވެ. މިއީ، ދަރަނީގެ މުޢާމަލާތެކެވެ. އެހެންކަމުން، ދިވެހީންގެ ޙިއްޞާ އޮންނަ މުޢާމަލާތެއްގެ މަޢުލޫމާތު ދިވެހީންނަށް ދިނުން އިސްތިސްނާކުރާކަށް މި މާއްދާއިން ޖާގައެއް ނުދެއެވެ.
މި ދެންނެވި މާއްދާގެ (ށ)ގައި ބުނެފައި ވަނީ "ބޭރު ދައުލަތަކާއެކު ހިންގާ މުއާމަލާތެއްގެ ތެރެއިން ނުވަތަ އެފަދަ ޤައުމަކާއެކު ހެދޭ އެއްބަސްވުމެއްގެ ތެރެއިން ލިބޭ މައުލޫމާތު ހާމަކުރުމުން އެ ޤައުމާއި ރާއްޖެއާމެދު އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމުގައި ބެލެވޭ މައުލޫމާތު ހާމަނުކުރުމުގެ އިޚުތިޔާރު ލިބިފައިވާ"ކަމުގައެވެ. މި މާއްދާއަށް ބަލާ އިރު، ވެސް މި ޙާލަތެއް މި ދެންނެވި މަޢުލޫމާތަކަށް ނުފެތެއެވެ. އެހެނީ ހޯދާން މި އެދެނީ ބޮންޑްގެ އިންޓަރެސްޓް ރޭޓާއި، އެ "އެހީ"އާ ގުޅިގެން (ދިވެހި ރައްޔިތުން ހިމެނޭ ގޮތުން) ދިވެހި ދައުލަތުން އުފުއްލާން ލާޒިމުކޮށްފައިވާ އިލްތިޒާމުތައް އޮޅުންފިލުވާށެވެ. އެހެންކަމުން އެ މަޢުލޫމާތު ނުދީ ހިފެހެއްޓޭނެ ޤާނޫނީ އެއްވެސް ޙުއްޖަތެއް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 25 ވަނަ މާއްދާއިން ފެންނާކަށް ނެތެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ނުދީ ހިފެހެއްޓެވުމަށްޓަކައި، 25 ވަނަ މާއްދާ ބޭނުންފުޅުކުރައްވާން ދައުލަތުގެ އިދާރާއަކުން މަސައްކަތްކުރައްވާ އިރު، ދައުލަތުގެ އެ އިދާރާއިން ވަނީ މި ދެންނެވި ޤާނޫނުގެ 20 ވަނަ މާއްދާގެ މަތީން ހަނދުމަފުޅު ނައްތަވައިލައްވައިފައެވެ. 20 ވަނަ މާއްދާގެ (ހ) ގައިވަނީ "….. ކޮންމެ މާއްދާއެއް ވެސް ކިޔާންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު ނެގެހެއްޓުމަށް ޖާގަ ލިބިދޭ ގޮތުގެ މަތީން" ކަމަށާއި އަދި "އެ އުޞޫލަށް ހަނިކަމެއް ނާންނާނެ ގޮތުގެ މަތީން" ކަމަށެވެ. މި މާއްދާގެ (ށ) ގައި ވަނީ "މަޢުލޫމާތެއް ދޭން އިންކާރުކުރުމަށްވުރެ އެ މައުލޫމާތު ދިނުމަކީ މުޅި ރައްޔިތުންގެ މަޞްލަޙަތު މާ ރަނގަޅަށް ޙާޞީލުވާނެ ކަމެއް ކަމުގައިވާނަމަ…." އެ މަޢުލޫމާތު ދޫކުރާންވާނެ ކަމުގައެވެ. އަދި މި މާއްދާގެ (ނ)ގައި "ދައުލަތުގެ އިދާރާއަކުން ކަމެއް ކޮށްފައިވާ ގޮތް މީހުންނަށް އެނގިއްޖެ ނަމަ، ޖަވާބުދާރީވާން ދައުލަތުގެ އިދާރާއަކަށް އުނދަގޫވާ ފަދަ މަޢުލޫމާތެއް" ހިމެނިފައިވުމާއި، "ދައުލަތުގެ އިދާރާއަކާމެދު އިތުބާރު ކުޑަވާ ފަދަ މަޢުލޫމާތެއް ހިމެނިގެންވުން" އަދި "……އޭގެ މާނަ ރަނގަޅު ނޫން ގޮތެއްގައި ދޭހަވެދާނެކަމަށް ފެނުން" ފަދަ ކަންކަމަކީ އާންމު މަޞްލަހަތަށް އުނިކަން އަތުވެދާނޭ ކަންކަންކަމަށް ބަލައިގެން ނުވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި އެބަ އޮތެވެ. މާނައަކީ މިއިން އެއްވެސް ސަބަބަކީ މަޢުލޫމާތު ނުދީ ހިފެހެއްޓޭނެ ބަހަނާއެއްނޫނޭއެވެ. އެހެންވީ އިރު، ދައުލަތުން ނަގާ ދަރަނީގެ މަޢުލޫމާތާއި ދަރަންޏަށް ދައްކާންޖެހޭ ސޫދާއި އެ ދަރަނި ނެގުމުގެ ސަބަބުން (ރައްޔިތުން ވެސް ހިމެނޭ ގޮތަށް) ދައުލަތުން އުފުއްލާން ޖެހޭ އިލްތިޒާމުތައް އެ ދައުލަތުގެ ރައްޔިތުންނަށް ހާމަނުކުރައްވައި، ހިފެހެއްޓެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނެތެވެ. އަދި އެއީ ހާމަކުރައްވާން ލާޒިމު މަޢުލޫމާތު ވެސް މެއެވެ. އެ މަޢުލޫމާތަކީ ރައްޔިތުންގެ ޙައްޤެކެވެ. ދައުލަތް ދައުލަތަކަށް މި ވަނީ ރައްޔިތުން ހިމެނޭ ގޮތުންނެވެ.
ދައުލަތުން އުތުރުކަރައާއެކު ގޮތް ނޭނގޭ އެތައް އެއްބަސްވުންތަކެއް ހައްދަވައި، އެއިން އެއްވެސް އެއްބަސްވުމެއް، ރައްޔިތަކަށް ނުދެއްކިތާނގާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެސް ނުދައްކަވައި ޚުދުމުޚުތާރުކަމާއެކު ވަނީ ސިއްރުކުރައްވައިފައެވެ. މިހެން މި ކަން ވެފައިވަނިކޮށް ދާދިފަހުން ވަނީ އުތުރުތިލަފަޅާ ގުޅޭ "ނުރައްކާތެރި" އެއްބަސްވުމެއް ކަމަށް ބެލެވޭ އެއްބަސްވުމެއް އާންމުވެފައެވެ. މި އެއްބަސްވުން އާންމުވުމާއެކު، އެއީ އަސްލެއް ނޫންކަމަށާއި އެއީ "ނަގުލީ" އެއްޗެއް ކަމަށް ދައްކަވާން މުޅި ސަރުކާރު ދިފާއަށް ނުކުމެވަޑައިގަތްތަން ފެނުނެވެ. އެއީ އަސްކަރީ އެއްބަސްވުމެއް ނޫންކަމަށާއި އެއީ "މަދަނީ" އެއްބަސްވުމެއްކަމަށް ވެސް ވިދާޅުވެއެވެ. އެހެން ވިދާޅުވާ ބަސްފުޅާ ވިދިގެން ވެސް އެ އެއްބަސްވުން ހާމައެއް ނުކުރެވޭނެ ކަމަށް ވިދާޅުވެއެވެ. އަދި އުތުރު ތިލަފަޅުގައި ތިބޭނީ ސިފައިން ނޫންކަމަށާއި އެއީ "ޓެކްނީޝަނުން"ނާއި "އޮފިޝަލުން" ކަމަށް ވެސް ވިދާޅުވެއެވެ. ނަމަވެސް ކަމުގެ ވަށައިގެން ވާ ކަންތައްތަކަށް ބަލާއިރު، މިއީ އިތުރުފުޅެއް (ކަނޑައެޅިގެން ދޮގެއް)ކަން އެނގެއެވެ. އެހެނީ، އެއީ "މަދަނީ" އެއްބަސްވުމެއް ކަމަށް ވާނަމަ، އެ އެއްބަސްވުމުގައި ސަރުކާރުގެ ދިފާޢީ ވަޒީރު ސޮއިކުރައްވާކަށް ޖެހިވަޑައެއް ނުގަތީހެވެ. އަދި އެ ފަދަ މަދަނީ އެއްބަސްވުމެއް ސިއްރުކުރައްވާކަށް ނުޖެހޭނެއެވެ. އަދި އެ އެއްބަސްވުމުގެ ދިފާއުގައި ދައުލަތުގެ އަސްކަރީ ވެރީން "ކަރުކެހިވަޑައިގަންނަވަމުން" އޭގެ ދިފާޢުގައި ވާހަކަފުޅު ދައްކަވާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އެއީ އަސްކަރީ އެއްބަސްވުމެއް ކަމަށް ވާނަމަ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މެންބަރުންގެ ރުހިވަޑައިގަތުން ހޯއްދަވާންޖެހޭނެއެވެ. މަދަނީ އެއްބަސްވުމެއް ނަމަ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދާން އެދޭ ފަރާތްތަކަށް އެ އެގްރީމަންޓް ހާމަކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ.
އަދި އެހެންވާހަކައެއް އެބަ އޮތެވެ. އަސްކަރީ މީހުންނަކީ "ޓެކްނީޝަނުން"ނޭ "އޮފިޝަލުން"ނޭ ވިދާޅުވިޔަސް ސިފައިން، ސިފައިންނަށް ނުވާނެ ގޮތެއް ވެސް ނޯންނާނެއެވެ. އަދި އުތުރުކަރައިގެ މީޑިއާއިން ޚަބަރު ލިބޭ ގޮތުގައި އުތުރު ތިލަފަޅުގައި "ތަރައްގީކުރާ" ބަނދަރަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޭނުންތަކަށް ޓަކައި ތަރައްގީކުރާ މުހިންމު "ފެސިލިޓީއެއް"ކަން އެނގި ހާމަވެއެވެ. މިއީ އުތުރުކަރައިން ފަޚުރުވެރިކަމާއެކު ހާމަކޮށްފައިވާ މަޢުލޫމާތެކެވެ. އެހެންވީ އިރު، ކަނޑުގެ ސިފައިންގެ ބޭނުމަށް ޓަކައި "ތަރައްގީކުރާ" ފެސިލިޓީއެއްގައި ސިފައިން ނުތިބެ، ހުސް "ޓެކްނީޝަނުން"ނާއި "އޮފިޝަލުން" ތިބޭ ވާހަކަ ވިދާޅުވުމަކީ ކޮންފަދަ ހަލީސާއެއްތޯއެވެ! އަނެއްކޮޅުން، މި ތަން "ތަރައްގީކުރާން" ޚަރަދުކުރާ ހުރިހައި ފައިސާއަކާއި އެ ތަން ހިންގާން ޚަރަދުކުރާ ހުރިހާ ފައިސާއަކީ ރައްޔިތުން އަދާކުރާން ޖެހޭ ދަރަންޏެވެ. އެހެންވީ އިރު، އެ ބަޔަކު ދައްކާންޖެހޭ ދަރަނި ފައިސާއަކުން "ތަރައްގީކުރާ" ތަނެއްގެ މައުލޫމާތު އެ ބަޔަކަށް ދޭކަށް ނުޖެހޭނެ ކަމަށް ބުނުމަކީ ކޮން ފަދަ ހަމަނުޖެހޭ ވާހަކައެއްތޯއެވެ!
އަޅުގަނޑުގެ ވާހަކައިގެ ޚުލާޞާއަކީ، ރާއްޖޭގެ ރައްޔިތުންގެ މަޞްލަޙަތާ ގުޅުން ހުރި މިފަދަ އެއްބަސްވުންތައް ސިއްރުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫނޭއެވެ. އެ ފަދަ އެއްބަސްވުންތައް އެންމެ ކުޑަމިނުން ރައްޔިތުންގެ މަޖިލީހަށް ހުށަނާޅުއްވައި ސިއްރުކުރެއްވުމަކީ ސަރުކާރަށް ޤާނޫނުން ލިބިދޭ ހައްގެއް ނޫނެވެ. އެފަދަ މައުލޫމާތު ލިބުމަކީ ރައްޔިތުންނަށް ގާނޫނުން ލިބިދޭ ހައްގެކޭއެވެ. އަދި މި ފަދަ "ނުރައްކާތެރި" އެއްބަސްވުންތަކުގައި ސޮއިކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ސިއްރުކުރެއްވުމަކީ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އުތުރުތިލަފަޅުގެ އެއްބަސްވުން ވެސް ހާމަނުކުރައްވައި ހިފެހެއްޓެވޭނެ ޤާނޫނީ ހުއްޖަތެއް ނެތޭއެވެ.
ސަރުކާރުތައް ވެރިކަމަށް އަންނަނީ ރައްޔިތުންގެ މަޞްލަޙަތު ހިމާޔަތްކުރައްވާށެވެ. މި ކަން ނުކުރެއްވޭ ނަމަ، ސަރުކާރެއް އޮތުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ވީމާ، އެ ފަދަ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހަށް ނުދައްކަވައި ސިއްރުކުރައްވާ ކުރެއްވުމަކީ ޤާނޫނުގެ ހިޔަލުގައި ކުރެއްވޭ ކަމެއް ވެސް ނޫނެވެ. އެ ފަދަ ލިޔުންތައް ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނަށް ނުދައްކަވައި ސިއްރުކުރެއްވެނީ ޤާނޫނާ ޚިލާފަށް ޚުދުމުޚުތާރުކަމާއެކީގައެވެ. ޑިމޮކްރެސީއާ ޚިލާފަށެވެ. ވެރިކަމުގެ ނާޖާއިޒު ބޭނުންކުރައްވައިގެންނެވެ. އެއީ ފަސާދައެވެ. ޚިޔާނާތެވެ.
އަޅުގަނޑު ކަންބޮޑުވަނީ ރައީސުލްޖުމްހޫރިއްޔާ އާންމުކޮށް އިއުލާނުކުރައްވައިފައިވާ ސިޔާސަތާ ޚިލާފަށް ދިވެހި ދައުލަތުގެ، އަދި ވަކީން ޚާއްޞަކޮށް، ސަރުކާރުގެ އިދާރާއަކުން މަޢުލޫމާތު ނުދެއްވައި ހިފެހެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޤާބިލިއްޔަތާ މެދު މީހުން ސުވާލު އުފައްދައިފާނެ ކަމަކަށް ވާތީއެވެ. އަޅުގަނޑު އެންމެ ހިތާމަކުރަނީ މިކަމާއެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ "މައުލޫމާތު ހާމަކުރާން ފަސްޖެހުނު ވަރަކަށް އެ ބަޔެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށެވެ." އެހެންވީމާ، މި ފަދަ ލިޔުންތައް ހާމަނުކުރައްވައި ސިއްރުކުރެއްވުމަކީ ފަސާއިގެ ޢަމަލުތަކަށް ޖާގަދިނުން ކަމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވަނީ އަމިއްލަފުޅަށް އިޢުތިރާފުވެވަޑައިގެންފައެވެ. އަދި "ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު ހިއްސާނުކޮށް ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް ނޫން"ކަމަށާއި، އެހެންކަމުން "މަޢުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ" ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އެހެންވީ އިރު، މި މަތިވެރި ސިޔާސަތު ތަންފީޒުކުރެއްވުމަކީ އެ މަނިކުފާނުގެ ވަޒީރުންނަށް ލާޒިމުކަމެކެވެ. ހަމަ މިފަދައިން ރައީސުލްޖުމްހޫރިއްޔާއަކީ "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތު އިޢުލާނުކުރައްވައިފައިވާ ބޭފުޅަކަށް ވާތީ، ފަސާދައިގެ ޢަމަލުތަކަށް ޖާގަދެއްވުމަކީ އެ މަނިކުފާނު ބޭނުންފުޅުވާނޭ ކަމެއް ނޫންކަން ވަރަށް ސާފެވެ. އެހެންވީ އިރު، އެ މަނިކުފާނުގެ ކެބިނެޓްގެ ވަޒީރަކު ހިންގަވާ މިނިސްޓްރީ އޮފް ޑިފެންސާއި އަދި މި ނޫން ވެސް އިދާރާއަކުން، އެ މަނިކުފާނުގެ ސިޔާސަތާ އިދިކޮޅަށް މަޢުލޫމާތު ނުދެއްވައި ހިފަހައްޓަވާ ނަމަ، އެ ކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ހިސާބުން ފިޔަވަޅުއަޅުއްވާކަށް ނުޖެހޭތޯއެވެ! މި ކަން މި މަގަށް، އެ މަނިކުފާނުގެ ސިޔާސަތާ އިދިކޮޅަށް، ހިނގާކަން އެނގިވަޑައިގަންނަވާ ހިސާބުން ފިޔަވަޅު ނާޅުއްވައިފި ނަމަ، ރައްޔިތުންނަށް އެ ދެއްވެނީ ވަރަށް ނުރަނގަޅު މެސެޖެކެވެ. އެ މެސެޖަކީ އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަކީ، އެ މަނިކުފާނުގެ ހިތްޕުޅުގެ އަޑިން ވިދާޅުވާ އެއްޗެއް ނޫންކަމުގެ ނުރަނގަޅު މެސެޖެވެ. ނުވަތަ އެ ވިދާޅުވެވޭ އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމުގެ ލަދުވެތި މެސެޖެވެ. ކޮންމެވެސް މީހަކު ލިޔެފައި އަތްޕުޅަށް އަރުވާ އެއްޗެއް ހަމައެކަނި ވިދާޅުވަނީކަމަށް މާނަކުރުމުގެ ފުރުޞަތު ދެވޭ މެސެޖެވެ. މިއީ އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އަޅުގަނޑުމެން ދެކެން ބޭނުންވާ ކަންކަމެއް ނޫނެވެ. ވީމާ ދައުލަތުގެ އިދާރާއަކުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ބަދުނާމު އެޅިދާނެ ކަންކަން ނުކުރައްވާން ދައުލަތުގެ އެންމެހައި އިދާރާތަކަށް، ދިވެހިރައްޔިތެއްގެ ޙައްސިއްޔަތުން، އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު އިލްތިމާސްކުރަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި ފަލްސަފާއާ ޚިލާފަށް ދައުލަތުގެ އިދާރާއަކުން ކަންކަން ކުރައްވާނަމަ "ޒީރޯ ޓޮލަރެންސް"ގެ ދަށުން ހަލުވި ފިޔަވަޅުތައް އަޅުއްވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އަޅުގަނޑުމެން ނުހަނު އާދޭހާއެކު އެދޭ އެދުމެކެވެ. މަޢުލޫމާތު ހޯދައިލިބިގަތުގެ ޙައްޤު ހަނި ނުކުރައްވައި މަޢުލޫމާތު ހާމަކުރައްވާން، އެދިވަޑައިގަންނަވާ އެދިވަޑައިގަތުން "ވަގުތުން ވަގުތަށް" ތަންފީޒުކުރެއްވުމަކީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އަޅުގަނޑު ވަރަށް އާދޭހާއެކު އެދޭ އެދުމެކެވެ. މި ކަމަށް އެއްބާރުލުން ނުދޭ ކޮންމެ މުވައްޒަފަކާމެދު ފިޔަވަޅުއަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ އެއްޗެއްގެ އިޚުލާޞްތެރިކަން ސާބިތުކޮށްދެއްވާން އިލްތިމާސްކުރަމެވެ. "ޒީރޯ ޓޮލަރެންސް" އެއީ ހަމައެކަނި ދުލުކުރީގައި އޮންނަ ލަފުޒަކަށް ނަހައްދަވައި، އެއީ އެ މަނިކުފާނުގެ އިޚުލާޞްތެރި ފަލްސަފާއެއް ކަމަށް ހައްދަވާން ދަންނަވަމެވެ. ބަސްފުޅާއި ޢަމަލުފުޅު ދިމާކުރައްވާން އެދެމެވެ. ކިތަންމެ ބޮޑު ބާރެއް ލިބިވަޑައިގެންފައި ވިޔަސް ޤާނޫނަށް ޢަމަލުކުރެއްވުން ދޫކޮށްނުލައްވާން އިލްތިމާސްކުރަމެވެ. ޤާނޫނާއި މާއްދީ ބާރުތަކަކީ ނާޖާއިޒު ގޮތެއްގައި ބޭނުންފުޅުކުރައްވާ އެއްޗަކަށް ނެހެއްދެވުން އެދި އާދޭސް ދަންނަވަމެވެ. މިއީ މި ދައުލަތަށް ހެޔޮ އެދޭތީ އަޅުގަނޑު ދަންނަވާ އިޚުލާޞްތެރި އިލްތިމާސެކެވެ. އަދި ދިވެހި ދައުލަތުގެ ޢިއްޒަތްތެރި ބަންޑާރަނައިބާއި ދައުލަތުގެ އެންމެހައި މަސްއޫލުވެރީން ވެސް އަޅުގަނޑުގެ އިޚުލާޞްތެރި މި އިލްތިމާސްގައި ޝާމިލުކުރަމެވެ. އަޅުގަނޑުމެން އެންމެންނަށް ވެސް ބަހާއި ޢަމަލު ސީދާކުރުމުގެ ހެޔޮ ވިސްނުން ދެއްވައި، ޤައުމާއި ރައްޔިތުންގެ ހެވަތަށް ޓަކައި އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރުމުގެ ކެރުންތެރިކަމާއި ޤާބިލުކަން ދެއްވުން އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. އާމީން!
