Support Us

ކޮލަމް: ދޭހަ

ގެސްޓުހައުސްގެ ވިޔަފާރީގެ ތެރެއަށް ބިދޭސީން ވަންނަން ހުއްދަދިނުން ރަނގަޅެއް ނޫން

ބިދޭސީންނަށް ގެސްޓުހައުސްގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް ހުއްދަ ދިނުމަކީ ރަނގަޅު ނިންމުމެއް ކަމަށް އަޅުގަނޑަށް ޤަބޫލުނުކުރެވެއެވެ. އަދި އެ ދޮރު ހުޅުވުމަށް ދީފައި ހުރި ސަބަބުތައް ވެސް އަޅުގަނޑަށް ޤަބޫލުކުރަން އުނދަގުލެވެ. ރައީސް ޔާމީނުގެ ސަރުކާރުން އެއް ރަށެއްގައި، ބޮޑު ޚަރަދެއްކޮށްގެން މެދުފަންތީގެ ފަތުރުވެރިން ގެނައުމުގެ ބޭނުމުގައި ކަމަށް ބުނެ ހުޅުވާލި "ގެސްޓުހައުސް" ވިޔަފާރި އަށް ވެސް އަޅުގަނޑަށް ތާއީދެއް ނުކުރެވުނެވެ.

އަށްޑިހައިގެ އަހަރުތަކުގައި އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވީމެވެ. ރާއްޖޭގެ ފަތުރުވެރިިކަން އޮތީ ދިވެހިންގެ އަތްމަތީގައި ކަމަށް ބުނެއެވެ. އެއިރު ސޭޝޭލްސް އާއި މޮރީޝަސްގެ ހުރިހާ ބޮޑެތި ރިޒޯޓްތަކަކީ ވެސް ބޭރުގެ ކުންފުނިތަކުން ހިންގި ތަންތަނެވެ. ޚާއްޞަކޮށް ޖަރުމަނުގެ ކުންފުނިތަކުންނެވެ. ފަތުރުވެރިކަން އާ އުސްމިނަކަށް ގެންދިއުމަށް ބޭރުގެ ބޮޑެތި ކުންފުނިތައް ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވިއެވެ. ބޮޑު ހޭދައެއް ކޮށްގެން އެތަންތަނުގެ ތަޞައްވުރަށް ރިޒޯޓުތައް ހެދުމަށެވެ. ނަތީޖާއަކަށްވީ ބައިނަލްއަޤްވާމީ ގޮތުން މަޝްހޫރު ގިނަ ޗޭނުތަކުން ރާއްޖޭގައި އެ ތަންތަނުގެ ރިޒޯޓުތައް ހަދަން ބޭނުންވުމެވެ. އެތަންތަނުގެ ރިޒޯޓެއް ރާއްޖޭގައި އޮތުމަކީ ފަޚުރަކަށް ވުމެވެ. ކުރިއެރުމެއް ކަމަށް ދުށްޓެވެ. ދުނިޔޭގެ އެއްވެސް ތަނަކުން ލިބެން ނުހުންނަ ބައެއް ޚިދުމަތްތައް ރާއްޖޭގެ ބައެއް އާ ރިޒޯޓުތަކުން ލިބެން ހުއްޓެވެ. އަދި ކުރިިން ދުނިޔެ ދެކެފައި ނެތް ފެންވަރުގެ ފަރުމާތަކުގެ ރިޒޯޓުތައް ވުޖޫދަށް ގެނެވުނެވެ. އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެންނެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި އާދައިގެ ދިވެހި ވިޔަފާރިވެރިން އަތްފޯރާ ހިސާބަށް ވުރެ މާ މައްޗަށް ދިޔައެވެ. ކުރިން މިލިއަނެއް ދެމިލިއަނެއް ހާ ޑޮލަރުން ރިޒޯޓެއް ހެދުމަށާއި ހޯދުމަށް، ކުރި ޚަރަދު، ކުރިއަށްވުރެ އެތައް ސަތޭކަ ގުނައެއް އިތުރަށް ޚަރަދުކުރަންޖެހުނެވެ. ފެންވަރު މަތިކުރަންޖެހުނެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިން ބޭނުންވާ ޚިދުމަތްތަކާއި، ދެކޭގޮތް ވެސް ތަފާތުވެގެން ދިޔައެވެ. ފަތުރުވެރިކަމުގެ މާރުކެޓު ވެސް ބަދަލުވެގެން ދިޔައެވެ. ރަނގަޅަކަށެވެ. ދެވޭ ޚިދުމަތުގެ އަގު އަރައިގެންދިޔައެވެ. ބޭރުގެ އަތެއް ނެތި އާދައިގެ ދިވެއްސަކަށް ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ނާމުމްކިނު ކަމަކަށް ވިއެވެ. ފަތުރުވެރިކަމުގެ މަޝްހޫރު، ގިނަ ޖަޒީރާ މަންޒިލުތަކުގައި އޮންނަ ގޮތަށް ރާއްޖޭގެ ވެސް މި ޞިނާޢަތުގެ ބޮޑު ފައިދާ ދިޔައީ ބޭރަށެވެ. އެކަމެއް ނުހުއްޓުވޭނެއެވެ. ރާއްޖެއަށް ފަތުރުވެރިކަމުގެ ޞިނާޢަތުގެ ތެރެއިން ވަންނަ ފައިސާއިން ރާއްޖޭގައި ހަރުލާ މިންވަރު ބޮޑު ކުރެވޭތޯ ބަލަން އެހެނިހެން ގޮތްގޮަތަށް ތަފާތު މަސައްކަތްތައް ކުރެވެންވީ އެވެ. ހަމައެކަނި ރައްޔިތުންގެ މަޖިލީހުގައި އެ ވާހަކަ ދައްކައިގެނެއް ނޫނެވެ. ޤަވައިދެއް ހަދާފައި ކުޅިބަލަން ތިބެގެންނެއް ނޫނެވެ. އެއީ މިހާރު އެކަން ކުރާ ގޮތެވެ. ކުރިންވެސް އެކަން ކުރެވުނު ގޮތެވެ. ފަތުރުވެރިކަމުގެ ޑޮލަރު ރާއްޖޭގައި ހަރުލެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ދާދިފަހުން ދެއްވި ޚިޔާލަކީ ބައެއް ރިޒޯތުތަކުން ދެވޭ ޚިދުމަތަށް ފައިސާދެއްކުމަށް، ބޭރުގެ ބައެއް ބޭންކުތަކުގެ ކާޑު ރާއްޖޭގައި ބޭނުންކުރާ މެޝިން ރާއްޖޭގައި ބޭނުންކުރުން ހުއްޓުވުމަށެވެ. އެ ގޮތަށް ހަދައިގެން ބޭނުންވާ ނަތީޖާ ނެރެވިދާނެބާވައެވެ؟ ރިޒޯޓުތައް ހިންގާ ގިނަ ކުންފުނިތަކުގެ ވަކި އަމިއްލަ ކުންފުނި ބޭރު ޤައުމުގައި ރަޖިސްޓުރީކޮށްފައި އޮވެއެވެ. ބޭރު ޤައުމެއްގައި އޮންނަ އެ ރިޒޯޓުގެ ވެރިންގެ ކުންފުނިން ބޮޑު އަގެއްގައި ކޮޓަރިތައް ވިއްކުމަށް ފަހު، ރިޒޯޓަށް ފޮނުވާ އިންވޮއިސްގައި ކުޑަ އަގެއް ޖަހައިފިނަމަ، އެކަން ބަލާނީ ކިހިނެއްތޯއެވެ؟ އެތަނުން ކުރީ ހުއްދަ ވިޔަފާރިއެކެވެ. އާދައިގައި ވެސް ބޮޑެތި ޓުރެވަލް އޭޖެންސީ މެދުވެރިވެގެން ދަތުރުކުރާ މީހުންގެ އަތުން، އޭޖެންސީން ނަގަނީ އެތަނަށް ކޮޓަރި ލިބިފައި އޮންނަ އަގަށްވުރެ މާބޮޑު އަގެކެވެ.

މެދުފަންތީގެ ދިވެހި ވިޔަފާރިވެރިންނަށް ނުވަތަ ދަށްފަންތީގެ ދިވެހި ވިޔަފާރިވެރިންނަށް، ފަތުރުވެރިކަމުގެ ޞިނާޢަތަށް މިހާރު ވަދެވެން އޮތް ހަމައެކަނި މަގަކީ ގެސްޓުހައުސްގެ ވިޔަފާރިންނެވެ. މާލެއާ އަތޮޅުތަކުގައެވެ. ގެސްޓުހައުސްގެ ވިޔަފާރި މާލޭގައި ވެސް އަދި އަތޮޅުތަކުގައި ވެސް ފުރަތަމަ ފެށުނީ ވަރަށް ކުޑަކޮށެވެ. އަމިއްލަ އަށް ދިރިއުޅޭ ގޭގައި ކޮޓަރިއެއް ކުއްޔަށްދީގެންނެވެ. ގެސްޓުހައުސްގެ ވިޔަފާރި މަޑުމަޑުން ފުޅާވެގެން ގޮސް، އެވިޔަފާރީގެ ތެރެއިން ރިޒޯޓު ވިޔަފާރީގެ ތެރެއަށް ވަދެވުނު މީހަކުވެސް ހުރިކަމުގައިވެއެވެ. އޭނާގެ އެތަކެއް އަހަރުގެ ގަދަ މަސައްކަތުންނެވެ. ގެސްޓުހައުސްގެ ވިޔަފާރީގައި ބިދޭސީން އިންވެސްޓު ކުރާ ތަން އައުމުން ގެސްޓުހައުސް ހޯދުމުގައި އަގު ބޮޑުވެގެން ދާނެއެވެ. މިހާރުވެސް އަގުބޮޑެވެ. އެކަމަކު މިހާރު އޮތް އަަގަށް ވުރެ މާ މައްޗަށް އަގު އުފުލިގެންދާނެއެވެ. އެ މާރުކޭޓު މިހާރު އޮތް ގޮތް މުޅިން ބަދަލުވެގެންދާނެ އެވެ. ގެސްޓުހައުސްގެ ވިޔަފާރީގައި ރާއްޖޭގައި ހަރުލި  ޑޮލަރުވެސް ކުރިއަށްވުރެ ބޮޑަށް ބޭރަށް ނުކުމެގެން ދާނެއެވެ. ތެދުފުޅެކެވެ. މިހާރުވެސް ހިގަމުންދާ ބައެއް ގެސްޓުހައުސް ގެ ފަހަތުގައި ބިދޭސީން ތިބެދާނެއެވެ. އެގޮތަށް ތިބުމުގައި ޤާނޫނާއި ޚިލާފް ނުވާ ކަމުގައި ވަނީނަމަ މައްސަލައަކީ ކޮބައިތޯއެވެ؟ ދިވެހިންނަށް ލިބެން އޮންނަ ފުރުޞަތު ހަނިކުރުމުގެ ފައިދާއަކީ ކޮބައިތޯއެވެ؟ މިހާރު ނުހެދި ހުރި ނުވަތަ ފުރިހަމަނުވެ ހުރި ގިނަ ގެސްޓުހައުސްތަކުގެ މައިގަނޑު ސަބަބަކީ އިންވެސްޓަރުންގެ ކޯޅުމެވެ. ފައިސާ ހޯދަންވާ ތަނަކުން ފައިސާ ނުލިބިގެން އުޅެނީ އިންވެސްޓުކުރާ ކުންފުނީގެ ސަބަބުންނެވެ. ސަރުކާރުން އެހީވާން ބޭނުމިއްޔާ އެ ދިވެހި ކުންފުނިތަކަށް ބޭންކުން ލޯނު ލިބޭނެގޮތް ހަދައިދޭންވީ ނޫންތޯއެވެ؟ ނުވަތަ އެހެންވެސް ގޮތަކުން ފައިސާ ލިބޭނެ ލުއި ގޮތެއް ހަމަޖައްސައިދޭންވީ ނޫންތޯއެވެ؟ ބޭރު މީހުންނަށް ގެސްޓުހައުސް ވިޔަފާރީގެ ތެރެއަށް ވަނުމުގެ ދޮރު ހުޅުވާާނުލައެވެ. އުތުރު ތިލަފަޅު ބޭރުބަޔަކަށް ދިނީ ޑޮކްޔާޑެއް ހަދާށޯލައެެވެ. ފޯޅުވައްސާ 75 މޭލުގެ ދުުރުގައި އޮންނަ ދެކުނުގެ އަތޮޅެއްގައި ބޭރު ބައަކަށް ބޮޑު ބިމެއްދިނީ ޓުރެއިނިންގ ސެންޓަރެއް ހަދާށޯލައެވެ. ގެސްޓުހައުސް ވިޔަފާރި ބިދޭސީންނަށް ހުޅުވާލަނީ ނުހެދި ހުރި ގެސްޓު ހައުސްތަކަށް އިންވެސްޓަރުން ހޯދާށޯލައެވެ.

ހުޅުމާލޭގައި ހަދަމުންދާ އެސް.ޓީ.އޯގެ ހޮޓާ ހިންގާނެ ބަޔަކު ނުވެގެން އުޅެނީ އެތަނުގައި ރާވިއްކުމުގެ ހުއްދަ ނުލިބޭނެތީ ކަމުގައި ވެއެެވެ. މީހުން ދިރިއުޅޭ ރަށަކަށްވާތީވެއެވެ. މި މައްސަލަ މިހާރުވެސް ގެސްޓުހައުސްތަކަށް ކުރިމަތިވެއެވެ. ބައެއް ތަންތަނުން އެކަން ހަމަޖައްސަނީ، ކަައިރީގައި ރިޒޯޓެއް އޮތްކަމުގައި ވަނީނަމަ، ބޯން ބޭނުންވާ ގެސްޓުން އެތަނަކަށް ދެވޭނެ ފަދަ ގޮތެއް ހަމަޖައްސައިގެންނެވެ. ބިދޭސީންނަށް ގެސްޓުހައުސްތަކުގައި އިންވެސްޓުކުރަން ހުޅުވާލުމުން، ރަލުގެ މައްސަލަ ހައްލުކުރާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ ސަފާރީ ބޯޓެއް ރަޖިސްޓުރީކޮށްގެންނެވެ. އިންވެސްޓުމެންޓު ބޮޑުކަމަށް ވާނަމަ ސަފާރީ ބޯޓެއް ހޯދުމަކީ މާބޮޑު ކަމަކަށް ނުވެ ހިނގައިދާނެ އެވެ. އެއިރުން ބޯޓު އޮންނާނީ ރަށުގެ ބަނދަރުގައެވެ. ބޯން ބޭނުންވާ ފަތުރުވެރިންދާނީ ބޯޓަށެވެ.

ގެސްޓުހައުސް ވިޔަފާރި ހަމައެކަނި ދިވެހިންނަށް ދޫކޮށްލަންވީއެވެ. ކުރިންވެސް އޮތްގޮަތަށެވެ. ދިވެހިންނަށް ސަރުކާރުން އެހީއެއް ވެދޭނަމަ ލުއިކޮށް ލޯނު ލިބޭނެ ގޮތެއް ހަދައިދޭންވީއެވެ. ފައިސާ ހޯދައިދިނުމުގެ ނަމުގައި ބިދޭސީންނަށް ގެސްޓުހައުސް ވިޔަފާރިއަށް ވަނުމުގެ ދޮރު ހުޅުވާލުމުގެ ބަދަލުގައެވެ. ފަތުރުވެރިކަމާ ބެހޭ އޮފީހުން އެހީތެރިވެދޭންވީ އިންވެސްޓަރުން ހޯދައިދިނުމުގައެއް ނޫނެވެ. އިންވެސްޓުމެންޓަށް ފައިސާ ހޯދައިދިނުމުގައެވެ. ބައެއް މުހިއްމު ކަންކަން ޤާނޫނުގައި އޮތުމަށް އަޅުގަނޑަށް ތާއީދުކުރެވެނީ މިހެންވެގެންނެވެ. ޤަވައިދެއް ބަދަލުކޮށްގެން ކަމެއް ކުރުންހާ ފަސޭހަނުވާނެތީވެއެވެ.