Support Us

ކޮލަމް މާޒީ: މުސްލިމުންގެ ދުވަހީ ބައެއް ޝުޢޫރުތައް

މުސްލިމުންނަކީ އެންމެ ފުރިހަމަ އަޚުލާޤުން ޒީނަތްތެރިވެގެންވާ މީހުންނެވެ. އެބައިމީހުންގެ ޚުލްޤުގެ މަތިވެރިކަން ހާމަވަނީ ޢަމަލާއި ބަހުންނެވެ. އަޅުގަނޑު މި ދަންނަވަނީ ފުރިހަމަ މުސްލިމުންގެ ވާހަކައެވެ. މުސްލިމުންގެ ނަން ލިބިގެން އުޅޭ މި ނޫން މީހުން ނޫޅޭނެޔެކޭ އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެއެވެ. އެހެންނަމަވެސް މުސްލިމުން ވާންޖެހޭނީ މި ދެންނެވި ފަދަ ހެޔޮލަފާ، ހިތްހެޔޮ ޚުލްޤު ރަނގަޅު މީހުންނަށެވެ. މި ދީނުގެ މާތް ރަސޫލާ ﷺ ދައްކަވައިފައިވަނީ މި ރީތި ނަމޫނާއެވެ. މުސްލިމުންނަށް އެކަލޭގެފާނު ދެއްވައިފައިވަނީ މި މަތިވެރި ތަޢުލީމެވެ. ލިބިދެއްވައިފައިވަނީ މި ފުރިހަމަ ތަރުބިޔަތެވެ.

މުސްލިމުންނަކީ ޞުލްޙައާއި އަމާންކަމަށް ގޮވައިލާ މީހުންވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރާމީހުންވެ. މުސްލިމުންނަކީ އީމާންކަމުގެ އަހުލުވެރީންނެވެ. ތެދުވެރި މުއުމިނުންނެވެ. މުއުމިނުންނަކީ ކާމިޔާބު ލިބިގެންވާ މީހުންނެވެ. މިދެންނެވި ފަދަ މީހުންނަކީ ކޮބައިތޯއެވެ!

ކީރިތި ޤުރުއާނުގެ سورة المؤمنون ގެ ފުރަތަމަ އާޔަތުގައި "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ." މިފަދައިން އެންގެވުމަށް ފަހު، އެއާ ވިދިގެން އޮތް 10 އާޔަތުގައި އެ މުއުމިނުންނަކީ ކޮބައިކަން (އެ ފަދަ މުއުމިނުންގެ ސިފަތައް) ވަރަށް ބަލާޣާތްތެރި ގޮތެއްގައި ވަރަށް ތަފުސީލުކޮށް އަންގަވައިފައިވެއެވެ. އަޅުގަނޑު މި ލިޔެލަނީ އާޔަތްތަކުގެ މާނައިގެ ތަރުޖަމާ އެކަންޏެވެ. ދިގު ނުކުރުމަށްޓަކައި އެ އާޔަތްތަކުގެ ނައްޞު ނުހިމެނީއެވެ. ވަޙީކުރައްވައިފައިވާ ބަސްފުޅުތަކުގެ މާނައިގައިވަނީ "އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެ ތިބޭ މީހުންނެވެ. އަދި އެއުރެންނީ، ޒަކާތްދޭ މީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ ފަރުޖުތަތަކަށް ރައްކާތެރިވާމީހުންނެވެ. އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެ ކަމުގައި) މަލާމާތް ލިބިގެން ނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. (ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމަ އެއުރެންނެވެ. އެއުރެންނީ، ފިރުދައުސޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެ ތާނގައި ދެމިތިބޭހުށްޓެވެ." (سورة المؤمنون:2~11)

މި އާޔަތްތަކުން އަޅުގަނޑު ފާހަގަކޮށްލާން ބޭނުންވާ ނުކުތާއެއް އެބަ އޮތެވެ. މުއުމިނުންގެ ސިފަ ބަޔާންކޮށްދެއްވަމުން ފުރަތަމައަށް ބަޔާންކުރެއްވީ އެއީ ނަމާދުގައި (ޚުޝޫޢަތްތެރިވެ) މަޑުމައިތިރިވެގެން ތިބޭ މީހުންކަމުގައެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. މި ފަދަ މާތް އަޅުކަމެއްގައި ބިރުވެތިކަމާއި މަޑުމައިތިރި ކަމާއެކު ތިބުން އެއީ މުއުމިނުގެ ފުރަތަމަ ސިފަކަމުގައި އެންގެވުމަށްފަހު ދެން އެ އަންގަވަނީ އެއީ ބޭކާރު ވާހަކަތަކާއި ކަންތަކުން ދުރުވެގެން ތިބޭ މީހުންކަމުގައެވެ. ވީމާ ބޭކާރު ވާހަކަތަކާއި ނުބައި ބަސްތައް ބޭނުންކުރުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ. ﷲއަށް އީމާންވެގެން ތިބޭ މުސްލިމުން، ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައި ވެސް އެ މީހުންގެ ޝުޢޫރުތައް ފާޅުކުރާނީ (ފާޅުކުރަންވާނީ) ރީތި ބަސްތަކުންނެވެ. އެ މީހުން ބޭކާރު ވާހަކަތަކެއް ނުދައްކާނެއެވެ. ދައްކާނީ ބޭނުންތެރި، ފައިދާހުރި ވާހަކަތަކެވެ. ފާޅުކުރާނީ ހެޔޮ އެދުމުގެ ޝުޢޫރުތަކެވެ. ﷲ އަށް ދަންނަވާ އިޚުލާޞްތެރި ދެންނެވުންތަކެވެ. ފާޅުކުރާނީ އުންމީދެވެ. މާޔޫސީއަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. ހުރިހާ ކަމެއްގެ ވާތްގަށް އެދޭނީ ﷲގެ ޙަޟުރަތުންނެވެ. ވަކީލުކޮށް އިތުބާރުކުރާނީ ﷲއަށެވެ. މުސްލިމުންގެ ހުރިހާ ޝުޢޫރުތަކެއްގައި ހުންނާނީ މި ދެންނެވި ރަހައެވެ. މި ރީތި ކުލައެވެ. މި މާތް ސިފައެވެ.

މި ދެންނެވި ގޮތުގެ މަތީން ދުވަހީ ދިރިއުޅުމުގައި، އެކި ޙާލަތްތަކުގައި މުސްލިމުން ބޭނުންކުރާ ބައެއް ޝުޢޫރުތަކާއި އޭގެ މާނައާއި ބޭނުންކުރާ ޙާލަތްތައް ލިޔެޔާހިތް ވީއެވެ. މީގެ ތެރޭގައި ދުޢާއާއި ތަކުބީރާއި ތަޙުމީދާއި އަސްޣުފާރާއި އުންމީދީ ބަސްތައް ވެސް ހިމެނޭނެއެވެ. އެހެނަސް މިއިން ކޮންމެ ޝުޢޫރަކީ ވެސް އޭގެ ޛާތުގައި ދުޢާއެކޭ ވެސް ދެންނެވިދާނެއެވެ. މި ކަލިމަތަކާއި ޢިބާރާތްތައް އަޅުގަނޑު ލިޔާނީ ޢަރަބި އަކުރުން ލިޔެ ބުރެކެޓެއްގެ ތެރޭގައި ޖުމުލަ މާނަ ލިޔުމަށްފަހު ތިރީގައި އެ ޝުޢޫރެއް ނުވަތަ ދުޢާއެއް ބޭނުންކުރާ ގޮތެވެ. މި "ދުޢާތައް" އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނވާނޭކަން ދެނެ ހުރި ޙާލުގައި ވެސް މި ލިޔެލަނީ އަޅުގަނޑުގެ ހަނދާނާއި ތިޔަ ބޭފުޅުންގެ ހަނދުމަފުޅުތައް އާކޮށްލުމަށްޓަކައެވެ. އެހެނީ "ހަނދާންކޮށްދޭށޭ، ފަހެ ހަނދާންކޮށްދިނުމަކީ މުއުމިނުންނަށް މަންފާކުރާނޭ ކަމެއް" ކަމަށް މާތް ﷲ ވަނީ އަމުރުކުރައްވައިފައެވެ.

  • بسم الله (ﷲގެ ނަންފުޅުން ފަށައިގަންނަމެވެ.)

މުސްލިމުން ކޮންމެ (ހެޔޮ) ކަމެއް ފަށައިގަތުމުގައި މި ޝިޢާރު ނުވަތަ ދުޢާ ބޭނުންކުރާނެއެވެ. (ކެއުން، ބުއިން، ހިނގަން ފެށުން، އެއްޗެއް އުފުއްލުން، އޮށޯތުން އަދި މި ނޫނަސް ކޮންމެ ހެޔޮ ޢަމަލެއް ފަށައިގަތުމުގައެވެ.) މިއީ ސުންނަތެކެވެ.

  • بسم الله الرحمن الرحيم (އެންމެ އޯގާވަންތަ އެންމެ އޯގާތެރި ﷲގެ އިސްމު ފުޅުން ފަށައިގަންނަމެވެ.)

މިއީ ބަސްމަލާގެ ފުރިހަމަ ގޮތެވެ. ޤުރުއާން ކިޔަވަން ފަށާއިރު ފަށަނީ މިފަދައިން ކިޔައިފައެވެ. ކޮންމެ ކަމެއް ފަށާއިރު ވެސް މިހެން ކިޔޭނެއެވެ.

  • بسم الله أوله و أخره (އޭގެ ފެށުމާއި ނިމުމުގައި ވެސް ﷲގެ އިސްމުފުޅު ޝާމިލުކުރަމެވެ.)

މިއީ ކަމެއް ފަށައިގަންނައިރު  ބަސަމާލާ (بسم الله..) ކިޔާން ހަނދާން ނެތިއްޖެ ނަމަ، ކިޔާން އޮންނަ ދުޢާއެވެ.

  • الله أكبر (ﷲގެ މަތިވެރިކަމާއި ކަށަކުޅަދުންވަންތަކަމާއި މަތިވެރިކަން އެހެން ހުރިހާ ކަމަކާއި ތަކެއްޗަކަށްވުރެ ބޮޑުވެގެންވެއެވެ.) މި ކަލިމައިގައި އޮންނަ ދެ ލަފުޒުގެ ތަރުޖަމާ، ބައެއް ޢިލްމުވެރިން ލަފުޒުން ލަފުޒަށް ކުރައްވައި، އޭގެ މާނައަކީ "އެންމެ ބޮޑީ ﷲއެވެ." މިހެން ލިޔުއްވައި ވިދާޅުވެ އުޅުއްވައެވެ. ލަފުޒީ ތަރުޖަމާ ކުރައްވާނަމަ، ހަގީގަތުގައި އެއަށްވުރެ ލިޔެވޭނީ އެއަށްވުރެ ވެސް ދެރަވަރުކޮށެވެ. ނަމަވެސް ތަރުޖަމާއަކީ ތަރުޖަމާކުރެވޭ ބަހެއްގެ ސަގާފަތަށް ވިސްނައިގެން ކުރާންޖެހޭ އެއްޗެކެވެ. މި ގޮތަށް ލަފުޒުން ލަފުޒަށް ތަރުޖަމާ ކުރީމާ ހަޤީޤީ މާނަ ހިތަކަށް ނުވަދެއެވެ. އޭގެ ބަދަލުގައި އެހެން މާނައެއް ދޭހަވެއެވެ.

ނަމާދަށް ގޮވައިލެވޭ ބަންގީގެ ފުރަތަމަ ކަލިމަ ކަމުގައި ހިމެނޭ މި މާތް ކަލިމަފުޅު ވަރަށް ގިނަ ތަންތާނގައި ބޭނުންކުރެވެއެވެ. ކުރާން އުޅޭ މަސައްކަތުގައި ކާމިޔާބަށް އެދި ހިތްވަރު ލިބިގަތުމަށްޓަކައި ވެސް މި ކަލިމަފުޅު ބޭނުންކުރެވެއެވެ. އާންމު ގޮތެއްގައި އުފަލާއި ޙައިރާންކަމުގެ އިސްތިޙުސާންގެ ޝުޢޫރު ހާމަކުރުމަށްޓަކައި ވެސް ބޭނުންކުރެވެއެވެ. ޙައިރާންކުރުވާފަދަ (ފަހި) ކަމެއް ވެއްޖެ ކަމުގެ އަޑު އިވުނީމާ މި ކަލިމަ ކިޔައިލެވެއެވެ.

  • اللهم صل على محمد (ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މުޙައްމަދުގެފާނަށް ޞަލަވާތްލައްވާނދޭވެ!) ޞަލަވާތްކިޔަވާނެ ވަރަށް ގިނަ ޞީޣާތައް ހުރެއެވެ. މިއީ އެންމެ ކުޑަ މިންވަރެވެ. އެންމެ ހެޔޮ ޞަލަވާތަކީ އިބްރާހީމް ޞަލަވާތްކަމަށް ވާރިދުވެފައިވެއެވެ.

މިއީ ކައު ސާހިބާއަށް ލޮބުވަތައި ތަޢުރީފުކުރުމަށްޓަކައި ކިޔާ ޞަލަވާތެވެ. ރަސޫލާއަށް ޞަލަވާތް ކިޔެވުމަކީ މުއުމިނުންގެ މައްޗަށް މާތް ﷲ އަމުރުކުރައްވައިފައިވާ ކަމެކެވެ.

  • صلى الله عليه وسلم (އެކަލޭގެފާނުގެ މައްޗަށް ﷲގެ ޞަލަވާތާއި ސަލާމް ލައްވާށިއެވެ!)

މިއީ ކައު އިތުރު މާތް ރަސޫލާ ﷺ ގެ ނަންފުޅު އިވުމުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާ ގޮތެކެވެ. ސަލާމާއި ޞަލަމާތް ލެއްވި އިތުރު އެކަލޭގެފާނުގެ ނަންފުޅު އިވޭ ކޮންމެ ހިނދެއްގައި މިހެން ކިޔާންޖެހޭނެއެވެ. އެންމެ ދަހި މީހަކީ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހާއެވެ. (ﷺ) އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާ މީހުންގެ ނަންތައް އެކަލޭގެފާނާ ހަމަޔަށް އުފުއްލޭނެކަމަށް ވާރިދުވެފައިވެއެވެ. (والله أعلم)

  • الحمد لله (ﷲ އަށް ޙަމްދު ހުއްޓެވެ!)

މިއީ ހިތްހަމަޖެހޭ ކަމެއް ވެއްޖެ ނަމަ، އަދި އުފާވެރި އިޙުސާސެއް ކުރެވޭ ކޮންމެ ހިނދެއްގައި ﷲ އަށް ޙަމްދުކުރުމަށްޓަކައި މުސްލިމުން ކިޔާ ތަޙުމީދެކެވެ. މީހަކު ޙާލު ކިހިނެއްހޭ އަހައިލުމުން ވެސް ޚާއްޞަކޮށް ޢަރަބިން، ޢާއްމުކޮށް މުސްލިމުގެ ގިނަ ބަޔަކު ކިޔައި އުޅޭ ކަލިމައެކެވެ.

  • الشكر لله (މާތް ﷲ އަށް ޝުކުރު ހުއްޓެވެ!)

މަތީގައި ދެންނެވި ކަލިމަ ބޭނުންކުރާ ޙާލަތްތަކުގައި ބޭނުންކުރެވޭނެ ދެވަނަ ކަލިމައެކެވެ.

  • الحمد لله و الشكر لله (މާތް ﷲއަށް ޙަމްދު ހުއްޓެވެ! އަދި މާތް ﷲ އަށް ޙަމްދު ހުއްޓެވެ!)

މި ތަޙުމީދު ބޭނުންކުރަނީ ކަމެއްގައި ވަރަށް ފުރިހަމަ ހިތަހަމަޖެހުން ލިބިގެން ނުވަތަ ކުރާން އުޅުނު ކަމެއް ފުރިހަމައަށް ނިންމައިލެވުނީމައެވެ. އަދި މީރު ރަނގަޅު ކެއުމެއް ކާންލިބި ކައި ނިންމައިލެވުނީމާ ވެސް މި ފަދައިން ކިޔައެވެ.

  • إن شاء الله (ﷲ އިރާދަކުރެއްވިއްޔާ)

މުސްތަޤުބަލުގައި ކަމެއް ކުރާނެ ވާހަކަ ނުވަތަ ކަމެއް ޙާޞިލުވާނެ ވާހަކަ ބުނާ ކޮންމެ ބުނުމަކާ ވިދިގެން މިހެން ބުނާންޖެހެއެވެ. މިހެން ވިދާޅުވުމާނުލައި ވަކިކަމެއް ކުރައްވާނަމޭ ޙަދީޘްނުކުރައްވާން، މާތް ﷲ ވަނީ ކައު އިތުރު ރަސޫލާ (صلى الله عليه وسلم) އަށް އަމުރުކުރައްވައިފައެވެ.

  • لا إله إلا الله (ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްކުރެވޭ އެހެން އެއްވެސް އިލާހަކު ނެތެވެ.)

މިއީ ތައުޙީދުގެ ކަލިމަފުޅެވެ. ޙައިރާންކަން ލިބޭ ކޮންމެ ދަނޑިވަޅެއްގައި ވެސް މި ކަލިމަ ބޭނުންކޮށް އުޅެއެވެ. މިއީ އަބަދާއި އަބަދު ކިޔައި ތަކުރާރުކުރާން ޖެހޭ ކަލިމައެކެވެ.

  • لا إله إلا الله محمد رسول الله (ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްކުރެވޭ އެހެން އެއްވެސް އިލާހަކު ނެތެވެ. މުޙައްމަދުގެފާނަކީ މާތް ﷲ ފޮނުއްވި ރަސޫލާއެވެ.)

މިއީ ތައުޙީދުގެ ކަލިމައިގެ ފުރިހަމަ ގޮތެވެ. މިއީ ގިނަގިނައިން ކިޔާންޖެހޭ އަދި ކޮންމެ ދަނޑިވަޅެއްގައި ވެސް ކިޔައިލެވޭނެ މާތް ކަލިމަފުޅެކެވެ.

  • سبحان الله (އެންމެހައި އުނި ސިފަތަކާއި ދެރަ ގޮތްތަކުން މާތް ﷲ ހުސްދުރުވެވޮޑިގެންވެއެވެ.)

މިއީ އާންމު ގޮތެއްގައި ޙައިރާންކަން ވެރިވާ ވަގުތުތަކުގައި ބޭނުންކުރާ ތަސްބީޙައެކެވެ. ކަލިމައެކެވެ.

  • لا حول ولا قوة إلا بالله (މަތިވެރިވަންތަ މާތް ﷲގެ ކިބައިން މެނުވީ ނުބައިކަމަކުން އެނބުރި ދިޔުމެއް އަދި ހެޔޮކަމެއް ކުރުމުގެ މައްޗަށް ވާ ބާރުވެރިކަމެއް ލިބުމެއް ނެތެވެ.)

މިއީ ތިމާގެ ކޮންޓުރޯލުގެ ދަށުގައި ނެތް ކަމެއް ތިމާއަށް ނުވަތަ މުސްލިމު އަޚަކަށް ބޭނުން ނުވާ ގޮތަކަށް މެދުވެރިވެއްޖެ ނަމަ ކިޔާ ކަލިމައެކެވެ.

  • ما شاء الله (ކޮންފަދަ މިންވަރުފުޅެއް (އެބަހީ ނަޞީބެއް) ތޯއެވެ!)

މިއީ ވެސް އިސްތިޙުސާންގެ ގޮތުގައި ބޭނުންކުރާ ކަލިމައެކެވެ. ނަމަވެސް މި ކަލިމަ ބޭނުންކުރެވެނީ އުފަލާއި ހިތްހަމަޖެހުން ލިބިދޭ، ފަހި ކަމެއް ގައި ހައިރާންކުރުވަނިވި އުފަލެއް އިޙުސާސްކުރެވުނީމައެވެ. ދިވެހީން ވާހވާއޭ ނުވަތަ އިނގިރޭސީން  wowއޭ ބުނާ ބުނުމުގެ ބަދަލުގައި ބޭނުންކުރާން ރަނގަޅު ކަލިމައެކެވެ.

  • إنا لله و إنا إليه راجعون (ހަމަކަށަވަރުން އަޅަމެން މިލްކުވެވޮޑިގެންވަނީ اللَّه އަށެވެ. އަދި ހަމަކަށަވަރުން އަޅަމެން އެނބުރި ދާހުށީ އެކަލާނގެ ޙަޟުރަތަށެވެ.)

އާންމުކޮށް މި އާޔަތް ކިޔަވައިލަނީ ގާތް އަޚަކު އުޚުތަކު ނިޔާވެއްޖެ ޚަބަރު ނުވަތަ ބިރުވެރި ޚަބަރެއް އަޑުއިވޭ ދަނޑިވަޅުތަކުގައެވެ.

  • رحمك الله (މާތް ﷲ ތިބާއަށް ރަޙުމަތް ލައްވާށިއެވެ!)

މިއީ ކިނބިއްސެއް އެޅިގެން މީހަކު ﷲ އަށް ޙަމްދުކުރި އަޑު އިވޭ ހިނދު ކިޔާ ޙަމްދެކެވެ.

  • يرحمك الله (މާތް ﷲ ތިބާއަށް ރަޙުމަތްލެއްވުން އެދެމެވެ. (ނުވަތަ ރަޙުމަތްލައްވާށިއެވެ!)

މި ކަލިމަ ވެސް ބޭނުންކުރަނީ ހަމަ ކުރިން ދެންނެވުނު ޙާލަތުގައެވެ.

  • يهديكم الله و يصلح بالكم (މާތް ﷲ ތިބާ ތެދުމަގުގައި ލަހައްޓަވައި ތިބާގެ ކަންތައްތައް ހެޔޮކުރައްވާށިއެވެ!)

މިއީ ތިމާ ކިނބިއްސެއް އަޅައި ﷲ އަށް ޙަމްދުކުރުމުން އޭގެ ޖާވާބުގައި ތިބާއަށް ރަޙުމަތްލެއްވުން އެދި ދުޢާކުރި މީހާއަށްޓަކައި ކުރާ ދުޢާ އެވެ.

  • أستغفر الله (ﷲގެ ޙަޟުރަތުން ފާފަފުއްސެވުން އެދި ދަންނަވަމެވެ.)

ޢާއްމު ގޮތެއްގައި މި ކަލިމައަކީ ތިމާއަށް ކުށެއް ނުވަތަ ނުރަނގަޅު ކަމެއް (މިސާލަކަށް ނޭނގި ކުރެވުނު ކުޑަ ފާފައެއް) ކުރެވިއްޖެ ކަމަށް ހީވުމުން ނުވަތަ ގަބޫލުކުރެވުމުން ތިމާގެ ފާފަ ފުއްސެވުން އެދި ކުރާ އަސްތަޣުފާރެވެ.

  • السلام عليكم (ތިޔަބައިމީހުންގެ މައްޗަށް އަމާންކަން ހުއްޓެވެ!)

މިއީ މުސްލިމުން ސަލާމްކުރުމަށް ޓަކައި، ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ޢިބާރާތެވެ. ކޮންމެ ވަގުތެއްގައި ވިޔަސްވެހެވެ. އިނގިރޭސިބަހުން ކިޔާ ހައި، ހެލޯ، ގުޑް އިވްނިންގ/ މޯނިންގ/ އާފްޓަރނޫން/ އިވްނިންގ/ ގުޑްބައި، ބައި މި ހުރިހާ ޝުޢޫރެއްގެ ބަދަލުގައި ވެސް މި ޢިބާރާތް ބޭނުންކުރެވޭނެއެވެ.

  • السلام عليكم ورحمة الله وبركاته (ތިޔަބައިމީހުންގެ މައްޗަށް އަމާންކަމާއި ﷲގެ ރަޙުމަތާއި ބަރަކާތް ހުއްޓެވެ!)

މިއީ މަތީގައި ދެންނެވުނު ސަލާމުގެ އެންމެ ފުރިހަމަ ގޮތެވެ. ބޭނުންކުރާނީ ހަމަ އިސްވެ ދެންނެވުނު ހުރިހާ ޙާލަތެއްގައެވެ.

  • وعليكم السلام ورحمة الله وبركاته (އަދި ތިޔަބައިމީހުންގެ މައްޗަށް ވެސް އަމާންކަމާއި ﷲގެ ރަޙުމަތާއި ބަރަކާތް ހުއްޓެވެ!)

މިއީ މުސްލިމުން ސަލާމަށް އިޖާބަދޭން ބޭނުންކުރާ ޝުޢޫރެވެ. މީހަކު ސަލާމްކޮށްފި ނަމަ، އެ ސަލާމަށް އިޖާބަދިނުމަކީ ވާޖިބެކެވެ. ހެޔޮ ގޮތަކީ ސަލާމްކުރި ވަރަށްވުރެ އިތުރުކުރުމެވެ. އެންމެ ކުޑަމިނުން އެ މީހަކު ބުނި މިންވަރަށް ރައްދުދޭންޖެހެއެވެ. މިސާލަކަށް: السلام عليكم މިހެން ބުނެ ސަލާމްކޮށްފި ނަމަ، އެންމެ ކުޑަމިނުން وعليكم السلام އޭ ބުނެ ޖަވާބު ދިނުމަކީ ވާޖިބެކެވެ. وعليكم السلام و رحمة الله އޭ ބުނުމަކީ ފުރިހަމަ ގޮތެވެ. އެންމެ ފުރިހަމަ ގޮތަކީ وعليكم السلام ورحمة الله وبركاته މި ފަދައިން ބުނެ ޖަވާބު ދިނުމެވެ. ގިނަ ބަޔަކާ އެއް ފަހަރާ މީހަކު ސަލާމްކޮށްފި ނަމަ، މަޑުމަޑުން ޖަވާބު ދޭނީއެވެ.

  • أعوذ بالله من الشيطان الرجيم (ނުބައިވެގެންވާ (ރަޖީމު) ޝައިޠާނާގެ ނުބައިކަމުން ސަލާމަތް ކޮށްދެއްވައި ރައްކާތެރިކޮށްދެއްވުން ﷲގެ ޙަޟުރަތުން އެދެމެވެ.)

އެންމެ ގިނައިން މި ދުޢާ ބޭނުންކުރަނީ ނާމަންކަން، ނުވަތަ އަމާން ކަމުގެ ޔަޤީންކަން ނެތްކަން އިޙުސާސްކުރެވޭ ދަނޑިވަޅުތަކުތައެވެ. ނުވަތަ މި ފަދަ ތަނަކަށް ވަންނާން ޖެހޭ ދަނޑިވަޅުތަކުގައެވެ. އަދި ޤުރުއާން ކިޔަވާން ފަށާއިރުގައްޔާއި ނަމާދަށް ފަށައިގަތުމުގެ ކުރީގައި ވެސް އަދި ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތަށް އެދޭ ކޮންމެ ދަނޑިވަޅެއްގައި ވެސް މި ދުޢާ ކިޔުން އައުލާވެގެންވެއެވެ.

  • توكلنا على الله (އަޅަމެން ﷲއަށް ވަކީލުކުރަމެވެ. (ހުރިހައި ކަމެއްގައި ފުރިހަމަ ޔަގީންކަމާއި ޝައްކެއް ނެތް އިތުބާރު އޮތީ ﷲ އަށެވެ.))

މިއީ ބަސްމަލާ (بسم الله) ކިޔާ ގޮތަށް ކޮންމެ ހެޔޮ ކަމެއް ވެސް ފެށުމުގެ ކުރިން ކިޔާ ދުޢާއެކެވެ. ބަސްމަލާއާ ވިދިގެން ވެސް މި ދުޢާކުރެވިދާނެއެވެ.

  • يا ألله (އަޅަމެންގެ ވެރި ﷲ!)

މިއީ ألله އަށް ދެންނެވޭ ދެންނެވުމެކެވެ. އެއްޗެއް ބަރުވެއްޖެ ނަމަ، ބާރުދެއްވުމުގެ އުންމީދުގައި ނުވަތަ ތަދުވާނަމަ ލުއިދެއްވުމުގެ އުންމީދުގައި ﷲގެ ނަންފުޅުން ދެންނެވޭ ދެންނެވުމެކެވެ. ދަތި ޙާލަތްތަކުގައި އުނދަގޫ ޙާލަތްތަކުގައި މި އިސްމުފުޅު ބޭނުންކޮށް އުޅެއެވެ.

  • يا رب (އަޅަމެންގެ ވެރި ރަސްކަލާކޮ!)

يا ألله  ބޭނުންކުރެވޭ ކޮންމެ ޙާލަތެއްގައި މި އިސްމުފުޅު ވެސް ބޭނުންކުރެވެއެވެ.

  • يا ربى (މިއަޅާގެ ވެރި ރަސްކަލާކޮ!)

ދޮގު ވާހަކައެއް އަޑުއިވުނީމާ ނުވަތަ ހައިރާންކަން ވެރިވާ ކަހަލަ ކަމެއް މެދުވެރިވީމާ ﷲ ގެ މަތީން ހަނދާންކުރާން ދިވެހިން މިހެން ކިޔައި އުޅެއެވެ. އިނގިރޭސިބަހުން، "މައިގޯޑް" ނުވަތަ "މައިގޯޝް" ކިޔުމުގެ ބަދަލުގައި މިހެންކިޔާން އާދަކުރަމާތޯއެވެ!

  • الله أعلم (ﷲ މޮޅަށް  ދެނެވޮޑިގެންވެއެވެ! ނުވަތަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ!)

ސާދާ ގޮތެއްގައި ތިމަންނާ އަކަށް ނޭނގެޔޭ ބުނުމުގެ ބަދަލުގައި މުސްލިމުން މިހެން ބުނެ އުޅެއެވެ. އެހެނީ ތިމާއަށް އެކަމެއް ނޭނގުނަސް ﷲ އަށް އެއްވެސް ކަމެއް ވަންހަނާވެގެންނެއް ނުވާނެއެވެ.

  • والله أعلم (އަދި ﷲ މޮޅަށް  ދެނެވޮޑިގެންވެއެވެ.)

މިއީ ވެސް ހަމަ ތިމަންނާއަކަށް ނޭނގެޔޭ ބުނުމުގެ ބަދަލުގައި ބޭނުންކުރެވޭ ޢިބާރާތެކެވެ. ވާވެއް އިތުރުކޮށްލުން ފިޔަވައި އެހެން ތަފާތެއް ނެތެވެ.

  • جزاك الله خيرا (ހުރިހާ ހެޔޮކަމަކުން ތިމާއަށް މާތް ﷲ އަޖުރުދެއްވާށިއެވެ! ނުވަތަ ތިބާއަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ!)

މީހަކު ހެޔޮ ކަމެއް ކޮށްދިނީމާ ނުވަތަ ހެޔޮ ބަހެއް ބުނީމާ ބޭނުންކުރެވޭ ޢިބާރާތެކެވެ. ދިވެހިން "ޝުކުރިއްޔާ" ނުވަތަ "ދަރުމަހުރި!" މިހެން  ބުނުމުގެ ބަދަލުގައި ބޭނުންކުރާ ޢިބާރާތެކެވެ. މުސްލިމު އަޚާއަށް ކުރެވޭ ހެޔޮ ދުޢާއެކެވެ.

  • بارك الله فيك (އިނބަގެ ކަންކަމުގައި މާތް ﷲ ބަރަކާތްލައްވާށިއެވެ! )

މިއީ އެހެން މީހަކު ތިމާއަށް ހެޔޮ ކަމެއް ކޮށްދިނުމުން ނުވަތަ ހެޔޮބަހެއް ބުނުމުން އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޭނުންކުރާ ޢިބާރާތެކެވެ. ތިމާގެ އަނެއް އަޚާގެ ޙައްޤުގައި ކުރެވޭ ދުޢާއެކެވެ. މީހަކު ތިމާއާ މުޚާޠަބުކޮށް "ޝުކުރިއްޔާ"އޭ ބުނެފި ނަމަ އަޅުގަނޑުމެން ޢާއްމުކޮށް ބުނާ "މަރުޙަބާ" ނުވަތަ "ވެލްކަމް"ގެ ބަދަލުގައި ނުވަތަ جزاك الله خيراއޭ ބުނެފި ނަމަ ޖަވާބުގައި ބޭނުންކުރުން އެންމެ އެކަށީގެންވާ ޢިބާރާތެއް ވެސްމެއެވެ.

އިސްވެ ދަންނަވައިލެވުނު ކަލިމަތަކަކީ އަޅުގަނޑުމެންގެ ދުވަހީ ދިރިއުޅުމުގެ ބައެއް ކަމުގައި ހަދަމާތޯއެވެ! އޭރުން އަޅުގަނޑުމެން އެންމެންނަށް މާތް ﷲ ރަޙުމަތް ލައްވާށިއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

2 Responses

  1. ފުރަތަމަ ލިޔެލާނަމެވެ. މިއީ މިލިޔުމަށް ފާޅު ކުރެވޭ ހިޔާލެއް ނޫނެވެ. މިއީ އަޒީބެ މި ޖަކަރުތާއަކާއި ބެރުނާމާއަކާ ބެހޭގޮތުން ލިޔާތީ ބުނެލާ ވާހަކައެކެވެ. އަޒީބެއެވެ. މުސްލިމު ގައުމުތަކަށް އިންޑޮނީޝިޔާ އަދި މެލޭޝިޔާ ވިޔަކަސް، އެއީ ސަގާފީ އަދި ބަހުގެ ގޮތުން އަހަރެމެންނާއި އެހާ ގާތް ބައެއް ނޫނެވެ. އަޒީބެމެން ބަހޭ ސަގާފަތޭ ކިޔައިގެން މި ކައިރީގައި އުޅޭ 'ކާފަރު' އިންޑިޔާ އަދި ލަންކާ ސަގާފަތުގެ ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ؟ އަހަރެމެންގެ ބަހުގެ އަސްލު ކަމުގައިވާ ސާންސްކިރިތުގެ ވާހަކަ ދެއްކިޔަސް އަދި އަހަރެމެން ކާފަރެއް ނުވާނެ ތޯއްޗެކެވެ؟ ކުޑަކޮށް މިކަހަލަ އެއްޗެހި ކިޔައި ވިސްނާލާނަމަ ޕ އާއި ބެހޭގޮތުން ލިޔެވުނު ކަހަލަ ޖޯކު ނުލިޔެވޭނެ ކަމަށް އަހަންނަށް ފެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *