Support Us

ޕްރޮފެސަރ އުގައިލްގެ ކޮލަމް:

ޕްރޮފެސަރ އުގައިލްގެ ކޮލަމް: ކެތްތެރިކަމުގެ ހުނަރު– ދަރިއަކަށް ދެވޭނެ އެންމެ ބޮޑު އެއް ހަދިޔާ!

ތުއްތު ކުއްޖަކު ބޮޑުވަމުން އަންނަ އިރު އެކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިން އަދި މުދައްރިސުންގެ ފަރާތުން އެކުއްޖާ އަށް ދެވޭނެ އެންމެ އަގުބޮޑު އެއް ހަދިޔާ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އާއެކެވެ. ހަރުދަނާ، ގާބިލު އަދި އުފާވެރި ދިރިއުޅުމަކަށް މަގުފަހި ކޮށްދިނުމަށް ދަރިއެއްގެ ގައިގާ ކެތްތެރިކަމުގެ އަގުހުރި ސިފަ އަށަގަތުން ވަރަށް ވެސް މުހިއްމެވެ. މިކަމަށް ހެކިދޭ އެތައް ސަތޭކަ ދިރާސާތައް އެބަ ހުއްޓެވެ. މީގެ މިސާލެއް ހުށަހަޅާނަމެވެ.

މީގެ ފަންސާހަކަށް އަހަރު ކުރިން ދިރާސާވެރިން ކޮށްފައިވާ ތަހުލީލެއްގައި ހިމެނުނީ ހަތަރު އަހަރުގެ ކުޑަކުދިންނެވެ. އޭގައި ބައިވެރިވި ކޮންމެ ކުއްޖެއްގެ އަތަށް މެޓައެއް ދެވުނެވެ. އަދި އެމެޓާ އެކުދިންނަށް ވަގުތުން ކެވިދާނެ ކަމުގެ އިޝާރާތް ވެސް ކުރެވުނެވެ. އެކަމަކު، މެޓާ ނުކައި ވިހި މިނެޓު ވަންދެން މަޑުކޮށްފިނަމަ އިތުރު މެޓައެއް ލިބުމުގެ ފުރުސަތު އޮތްކަމަށް އެކުދިން ގާތު ބުނެވުނެވެ. ކޮންމެއަކަސް، އެތަނުން ބައެއް ކުދިން ވަގުތުން މެޓާ ކާލި އެވެ. ބާކީތިބި ކުދިން މަޑުކުރީ ވިހިމިނެޓު ފަހުން އިތުރު މެޓައެއް ހޯދުމުގެ އިންތިޒާރުގަ އެވެ. މިދިރާސާގެ ނަތީޖާތަކުން އާދަޔާ ހިލާފު ކަންތައްތަކެއް ހޯދުނެވެ.

ދިރާސާގައި ބޭނުންކުރެވުނު ހުރިހާ ކުދިންވެސް ބޮޑުވަންދެން އެމީހުންގެ ދިރިއުޅުން ވަރަށް ގާތުން ދިރާސާވެރިން ބަލަމުން ދިޔަ އެވެ. އެކުދިންގެ ތެރެއިން ވިހި މިނެޓު ވަންދެން ފުރަތަމަ ދެވުނު މެޓާ ނުކައި މަޑުކުރި ކުދިން ކިޔެވުމުގައި ރަނގަޅު ވަނަތައް ހޯދި އެވެ. ތައުލީމީ ހަޔާތް ނިމިގެން ދިރިއުޅުމެއް ފެށިއިރު ރަނގަޅު ދަރަގައިގެ ވަޒީފާތަކަށް ވެސް ދިޔަ އެވެ. އެމީހުންގެ ޒަވާޖީ ހަޔާތް ވެސް އެހާމެ ބާއްޖަވެރި އެވެ. އަދި، ފުރަތަމަ މެޓާ ވަގުތުން ކާލަން ހިޔާރު ކުރި ކުދިންނާ ހިލާފަށް، ޖުމުލަ ގޮތެއްގައި އެމީހުންގެ ދިރިއުޅުން ހުރިހާ ގޮތަކުން ވެސް ބާއްޖަވެރި އެވެ.

މިދެންނެވުނު ދިރާސާ އެހެނިހެން ތަފާތު ގޮތްގޮތަށް ވެސް ތަކުރާރު ކުރެވިފައި ވެއެވެ. އަދި ނަތީޖާ ވެސް ހަމަ އެއް ގޮތެވެ. އެއީ، ކަންކަމުގައި ކެތްތެރިކަން ކުރިއަށް ނެރެވޭ މީހުންނަކީ ކާމިޔާބު މީހުންނެވެ. ކެތްތެރިކަމަކީ ތުއްތު އިރުން ފެށިގެން ދަރިފުޅު ގައިގާ އަށަގަންނަވަން ޖެހޭ މުހިއްމު ހުނަރެކެވެ. އަދި ބައެއް ކުދިންނަކީ ތަބީއީ ގޮތުން ކެތްތެރިކަމުގެ މިންވަރު ދަށް ކުދިން ކަމުން، އެކަމަށް މައިންބަފައިން ހުށިޔާރުވެ، ވަކިން ހާއްސަކޮށް އެފަދަ ކުދިން ގައިގާ މި މުހިއްމު ހުނަރުގެ ވަކި ހިއްޕަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

ކެތްތެރިކަން ކުއްޖެއްގެ ގައިގާ އަށަގަނުވަން އަމަލީ ގޮތުން ކުރެވިދާނެ ކަންތައްތަކެއް ވެސް ވެއެވެ. މިސާލަކަށް، ތުއްތު ކުއްޖަކު ކުޅޭ އެއްޗެއް ނުވަތަ ކާއެއްޗެއް ބޭނުންވެގެން ރޯންފެށުމުން އެއްމިނެޓު ނުވަތަ ދެމިނެޓު ވަންދެން އެއެއްޗަކަށް މަޑުކުރަން ބުނެވިދާނެ އެވެ. ކުދިން ގުޅިގެން ކުރާ ކަންތަކުގައި، މިސާލަކަށް ކުޅޭ ކުޅިވަރެއްގައި، އެކުއްޖެއްގެ ވަގުތު ޖެހެންދެން މަޑުކުރަން ބާރު އެޅިދާނެ އެވެ. މީރު ކާނާއަކަށް ކުއްޖާ އެދޭ ވަގުތު، ފުރަތަމަ މުހިއްމު މަސައްކަތެއް ނުވަތަ ފިލާވަޅެއް ނިންމަން ހުށަހެޅިދާނެ އެވެ. ބޭނުންވާ މުހިއްމު އަދި އަގުބޮޑު އެއްޗެއް ގަންނަން އަމިއްލަ އަށް މަޑުމަޑުން ފައިސާ އެއްކުރަން ކުއްޖާ އަށް ދަސްކޮށް ދެވިދާނެވެ. ފަރުލު ފަސްނަމާދު ގަޑިންގަޑިއަށް އަދާ ކުރުމަށް ހަނދާން ކޮށްދޭށެވެ. ހުސްއަތާ، އެއްވެސް ކަމެއް ނުކޮށް އެކަނި ތަނެއްގައި ކޮންމެ ދުވަހަކު ވެސް ވަގުތު ކޮޅެއް ހޭދަ ކޮށްލަން ކުއްޖާއަށް ބާރު އެޅިދާނެ އެވެ. މިއީ ކެތްތެރިކަން އިސް ކުރުމަށް ހައްތާ ވެސް ބޭނުން ކުރެވިދާނެ އުކުޅުތަކެވެ.

ކޮންމެއަކަސް، ޒަމާނީ ތަފާތު ވަސީލަތްތަކާއި އަދި ދިރިއުޅުމަށް މިހާރު މިއަންނަމުންދާ ބަދަލުތަކާ އެކު، އަޅުގަނޑުމެން އިންސާނުން މިދަނީ ވަގުތީ އުފާތައް ހޯދުމަށް ދެވޭ ސަމާލުކަން އިތުރު ކުރަމުންނެވެ. މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. މިއީ ސާދާ ދިރިއުޅުމަކަށް މަގުފަހި ކުރުމަށް މިއަދު ބޮޑެތި މީހުންނަށް ވެސް އޮތް ބޮޑު ގޮން ޖެހުމެކެވެ. އެހެންކަމުން، ތިމާގެ އަމިއްލަ ދިރިއުޅުމުން ކެތްތެރިކަމުގެ މިސާލު ދައްކަމުން ތުއްތު ކުދިން ވެސް އެމަގުން ހިނގުމަށް ވަރަށް ބޮޑަށް ބާރު އަޅަން މިއަދު އެބަ ޖެހެ އެވެ.