އާދޭހެވެ! ކޮވިޑްނަވާރައޭ މި ކިޔާ އާލަމީވަބާ ފާޅުވެ، އެ ކަމުގެ ވޭނުގައި ދުނިޔެ ވޭތުކުރާ އަހަރެއް ފާއިތުވެއްޖެއެވެ. ނަމަވެސް ކޮވިޑްގެ އެހެން ޙާލަތެއްގެ ތަޞްވީރެއް ދުށުމަކީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކަރްތާއަށް ވެސް މާ ފަސޭހަކަމަކަށް ނުވިއެވެ. ނަމަވެސް ކޮވިޑުން ސަލާމަތްވުމަށް ޓަކައި، އަޅާ ފިޔަވަޅުތައް ޖަކަރްތާއިން އަޅަމުން ގެންދަނީ ފަހެލިކަމާއެކީގައެވެ. (ހާމަކަންބޮޑު ގޮތެއްގައެވެ.) ހަގީގީ ޑޭޓާ ހާމަކުރަމުންނެވެ. ޢާލަމީވަބާއާ ދެކޮޅަށް ޖަކަރްތާއިން އަޅާ ކޮންމެ ފިޔަވަޅެއް އަޅަނީ ސައެންސީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
މި ޢާލަމީވަބާއަކީ ސީރިއަސް ކަމެއް ކަމަށާއި މިއީ އެއްފަހަރާ މުޅީން ފޮހެލެވޭނެ ވަބާއެއް ނޫންކަމަށް ގަވަރުނަރު އަނީސް ބަސްވިދާން ވަނީ އިއުލާމުކުރައްވައިފައެވެ. މި އާލަމީވަބާއަކީ ވަގުތީ އެއްޗެއްކަމަށް ބުނެ އަމިއްލަ ލަފާކުރުންތަކުގެ މައްޗަށް ނަގުލީ އުންމީދުތައް ދެއްވުމުން އޭނާ ދުރުހެލިވެވަޑައިގެން ހުންނަވަނީ އެހެންވެގެންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވަނީ ކިތަންމެ ހިތި ނަތީޖާއެއް ހާމަކުރައްވާންޖެހިވަޑައިގަތަސް ހަގީގަތެއް ނޫނީ ހާމައެއް ނުކުރައްވާނެކަމަށެވެ.
ޖަކަރްތާގެ 10.77 މިލިއަން މީހުންގެ މެދުގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ މި ވަބާ، މި ދިޔަ އަހަރު ނިމުމުގެ ކުރީން ރަނގަޅަށް ކޮންޓުރޯލުކުރުމަކީ ފަސޭހަ ކަމަކަށް ނުތްވެވެ. މި އަހަރު ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާގައި ޙާލަތު އިތުރަށްވީ ގޯހެވެ. މި ހިނގާ މާރިޗު މަހު ހަތަރަކާ ހަމައަށް ޖަކަރްތާގައި، ތިން ލައްކަ ސާޅީސް ފަސް ހާސް އަށް ސަތޭކަ ސޯޅަ ފައްސި ވޭދަނަ ރެކޯޑްކުރެވިފައިވާ އިރު، އޭގެ ތެރެއިން ބަލީން ރަނގަޅުވީ ތިން ލައްކަ ބައްތިރީސް ހާސް ހަތް ސަތޭކަ އަށުވަންނަ (96.2 އިންސައްތަ) މީހުންނެވެ. އަދި ފަސް ހާސް ހަ ސަތޭކަ ސަތުވަންނަ (1.6 އިންސައްތަ) މީހުން ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.
މުޅި ޤައުމަށް ބަލާއިރު އިންޑޮނޭޝިއާއިން ޖުމުލަ ތޭރަ ލައްކަ އެކާހައްޓި ހާސް އަށާނަވައި ވޭދަނަ ފައްސިވި ކަމަށް ރެކޯޑްކުރެވިފައިވާ އިރު، ބަލި ފަސޭހަވެގެން ދޫކޮށްލެވިފައިވަނީ އެގާރަ ލައްކަ ހަތްދިހަ ހަ ހާސް ތިން ސަތޭކަ ސަވަންނަ (86.4 އިންސައްތަ) މީހުންނެވެ. އަދި ތިރީސް ހަ ހާސް އަށް ސަތޭކަ ސަތާނަވައި (2.7 އިންސައްތަ) މީހުން މި ބަލީގައި މަރުވިއެވެ.
ކޮވިޑް (ޢާލަމީވަބާ) ފެތުރޭން ފެށިތާ ކުރީކޮޅު ޖަކަރުތާއިން ހަރުކަށި ދެ އުޞޫލެއް ތަޢާރަފުކޮށް އާންމުކުރިއެވެ. ބަލި ޖެހުމުގެ ކުރީން ގެއިން ނުނުކުމެ ތިބުމާއި އިޖުތިމާޢީ ގައިދުރުކަން އިއުލާމުކުރެއްވިއެވެ. ނަމަވެސް މި ދެ އުޞޫލަށް ފެދުރާލީ ސަރުކާރުން ލުއިތަކެއް ދިނެވެ. ނަމަވެސް ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހަރުކަށިކުރައްވައި އާ އުސޫލެއް، އެތެރޭގެ ހުރިހާ ސަރުކާރުތަކަކަށް ފެދުރާލީ ސަރުކާރުން ފޮނުއްވިއެވެ. ނަމަވެސް ފެދުރާލީ ސަރުކާރުން އިޢުލާމުކުރެއްވި "ވަރަށް ކަވި ފެންވަރަކަށް ވެސް ޢާންމު ޙަރަކާތްތައް ހިންގުން މަނާކުރުން" މި އުސޫލަށް އާންމުން ދެ ހިތަކުން ތިބެ އަމަލުކުރާން ފެށި ކަމަކަށް ވިއެވެ.
ޖަކަރްތާގައި ކޮވިޑް ފެތުރޭ އަދަދު އިތުރުވުމާ ގުޅިގެން، ޖަކަރްތާއަކީ ކޮވިޑް ފަތުރާ މަރުކަޒުކަމަށް އާންމުންގެ ތެރޭގައި ސުންކު ކުރެވޭން ފެށުމުން ޖަކަރްތާގައި ވަޒީފާ އަދާކުރާ މީހުން، ގޭގައި ތިބެ މަސައްކަތްކުރާން ޖަކަރްތާގެ ސަރުކާރުން ލަސްނުކޮށް އިއުލާމުކުރިއެވެ. މީގެ އިތުރަށް އާންމުން ގޮސް އުޅޭ ޢާންމު ތަންތަން ބަންދުކޮށް އިސްކޫލުތަކާއި މަތީތަޢުލީމުދޭ ތަންތާގެ ހުރިހާ ޙަރަކާތްތަކެއް ހުއްޓައިލާން އެންގިއެވެ.
ފައިބެއަހަރު އެޕުރީލު މަހުން ފެށިގެން ހުރިހާ ރައްޔިތުން (އާބާދީގެ އެންމެން) ފޮތިމޫނުމަތި (މާސްކު) އަޅައިގެން އުޅޭން ޖަކަރްތާގެ ގަވަރުނަރު އަނީސް ބަސްވިދާން އަމުރުކުރެއްވިއެވެ. އަދި ވަކީން ޚާއްޞަކޮށް އާންމު ދަތުރުފަތުރުގެ ޚިދުމަތް ހޯދާ ފަރާތްތަކުން މޫނުމަތިއެޅުން ހަރުކަށިކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ފާޑުގެ މޫނުމަތީގެ އަގު ބާޒާރުގައި އުފުލި، އޭގެ އަގު، އެއްހާސް އިންސައްތަ މައްޗަށް ޖެހުމުން، ދޮވެގެން ގިނަ ފަހަރު ބޭނުންކުރެވޭ ފޮތި މޫނުމަތި އަޅާން އެ މަނިކުފާނު ލަފާދެއްވިއެވެ.
މި އުޞޫލު ތަންފީޒުކުރެއްވުމަށް ޓަކައި ޖަކަރްތާގެ ޑްރައިވަރުންނަށް އަންގަވައި، ބަހާއި ރޭލުދަތުރުތައް ރާވައި ހިންގަވާ ފަރާތްތަކުން ވެސް މި އުޞޫލުން ޢަމަލުކުރައްވާން އަންގަވައި މި ކަން ބެލެހެއްޓެވިއެވެ. އަދި މިކަން މި ގޮތަށް ކުރުމުގެ ސުލޫކެއް މި އެންމެންގެ މެދުގައި ޤާއިމުކުރެއްވިއެވެ.
މި ކަންތައްތައް މިހެން ހިނގަމުން ދިޔައިރު، ވެރިރަށުގެ އިދާރިއްޔަތުން ޕީސީއާރު ޓެސްޓު ހަދަމުން ގެންދިޔައެވެ. ގަވަރުނަރުގެ ނާއިބު ވިދާޅުވި ގޮތުގައި މި ޓެސްޓްކުރުމުގައި އަމަލުކުރަމުން ގެންދަނީ ޑަބްލިޔޫއެޗްއޯގެ މިންގަނޑުތަކަށްވުރެ ވެސް ހަރުކަށިކޮށެވެ. ބޭނުމަކީ ހަގީގީ އަދި ބަރާބަރު ޑޭޓާއެއް ހޯދުމުގައި ހަރުދަނާ މަރުޙަލާއަކަށް ދިޔުމެވެ.
ޕީސީއާރު ޓެސްޓް ހެދޭނެ ގިނަ ވަސީލަތްތައް ހޯދުމުގެ އިންތިޒާމު ހަމަޖައްސައި އެ ކަމަށް އިންތިޒާރުކުރަމުން ދިޔަ ވަގުތު، ޖަކަރުތާ ސިޓީގެ އިދާރިއްޔަތުން އަވަދިނެތި އުޅުއްވީ ޢާންމުންނަށް ޚިދުމަތްދޭނެ ޑަކުޓަރުންނާއި ޞިއްޙީ ޚިދުމަތްތެރީން ފޯރުކޮށްދެއްވުމުގައެވެ.
ދެން ކުރިމަތިވީ ކުރިސްމަހާއި އާ އަހަރުގެ މުނާސަބަތު ފާހަގަކުރާން ހޭދަވި ދެ ހަފުތާއެވެ. މި ދެ ހަފުތާގެ ތެރޭގައި ކޮވިޑުގެ ބާނި ވަރަށް ބޮޑަށް އުފުލުނެވެ. ޑިސެންބަރު ދެވަނަ ދުވަހު 13،082 ވޭދަނަ ރެކޯޑުކުރެވިފައިވާއިރު، ޖަނަވަރީ ފަހެއްގައި 15،376 އަށް އަދި ޖަނަވަރީ 17ގައި 21،679 އަށް މި އަދަދު އިތުރުވިއެވެ. އަދި ފެބްރުވަރީ މަހު ފަހެއްގައި އެ އަދަދު 26،029 އަށް އިތުރުވިއެވެ.
މި އުފުލުނު ބާނީގެ ސަބަބުން ލިބިވަޑައިގަތް ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރައްވައިގެން ޖަކަރްތާގެ ރައްޔިތުންނަށް ގަވަރުނަރު އަމުރުކުރެއްވީ ސީނުގެ އާ އަހަރުގެ ބަންދުގެ (ފެބްރުވަރީ 12 އިން ފެށިގެން) ތިން ދުވަހު ޖަކަރްތާގެ ހުރިހާ ރައްޔިތުން ގޭގައި މަޑުކުރުމަށެވެ. ގެއިން ނުނުކުތުމަށެވެ. މި ފިޔަވަޅުގެ ސަބަބުން ރަނގަޅު ނަތީޖާ ވެސް ފެނުނެވެ. ކޮންމެ ދުވަހަކު ފައްސިވާ ވޭދަނަތައް ދަށަށް ދިޔައެވެ. ފެބްރުވަރީ 12ގައި ފައްސިވީ 20،662އެވެ. ފެބްރުވަރީ 15 ގައި 16،986 އެވެ. މި ގޮތަށް ފެންނަ ވޭދަނަތައް ދަށަށްދަމުން ދަމުން އައިސް ފެބްރުވަރީ 23 ގައި ފައްސިވީ 9،913 އެވެ. އެންމެ ފަހުން މާރިޗު ތިންވަނަ ދުވާހާ ހަމައަށް އައި އިރު ދުވަހީ ވޭދަނަތަކުގެ އަދަދު ހުރީ 7،179 ގައެވެ.
ކޮންމެ ދުވަހަކު ފައްސިވާ ވޭދަނަތަކުގެ އަދަދުތައް ގުނަގުނައި ތިބޭއިރު، ކޮވިޑްޖެހޭ މީހުންނަށް ޚިދުމަތްދޭ ވަސީލަތްތައް ތައްޔާރުކޮށް ޚިދުމަތްދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ހޮސްޕިޓަލުގައި ބަރާބަރަށް ފަރުވާދެވެމުން ދިޔުމާއި ގޭގޭގައި އެކަހެރިވެގެން ރައްޔިތުން ތިބުން ތަޙައްމަލުކުރިކުރުމެވެ. ކުޑައެއް ބޮޑެއް މޮޅެއް ދެރައެއް އިސްތިސްނާކުރުމެއް ނެތިއެވެ.
އިސްވެ ބަޔާންކުރެވުނު ހުރިހާ މަޢުލޫމާތަކީ ކޮވިޑް19 އަށް ޚާއްޞަކުރެވިފައިވާ corona.jakarta.go.id ވެބްސައިޓުން އަބަދު ވެސް ބަރާބަރަށް ފެންނާން ހުންނަ ޞައްޙަ މަޢުލޫމާތެވެ. ރައްޔިތުންގެ އިތުބާރު ލިބިފައިވާ މަޢުލޫމާތެވެ. ޖަކަރްތާ އިދާރިއްޔަތުން މި މަޢުލޫމާތު އާންމުންނަށް ލިބޭނޭހެން އަބަދުވެސް ހުޅުވައިލައިފައި ބަހައްޓަވައެވެ. އާންމުންގެ އިތުބާރު ހޯދުމަށްޓަކައެވެ. ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް މި ޑޭޓާ ބަލައި އޭގެ ބޭނުން ހިފާންޖެހޭނެއެވެ. އެއްވެސް ބަޔަކަށް އެއާ ކުޅެ ބަދަލެއް ނުކުރެވޭނެއެވެ.
ޢާންމުންގެ ދިރިއުޅުމަށް ބަލާއިރު އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ވައިރަހާ އިދިކޮޅަށް ޢަމަލުކުރާން ކަނޑައެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމެވެ. އަނެއް ގޮތަކީ އެ އުޞޫލުތައް ދޫކޮށް މަގުމައްޗަށް ނުކުތުމެވެ. އެހެންނަމަވެސް ސަރުކާރުން ގެންގުޅުއްވާ ފަހެލިކަމާއެކު ހާމަވާ ހަގީގަތްތަކުން ލިބޭ ހައިރާންކަމާއި ކަންބޮޑުވުންތަކަށް އިންކާރުކުރެވޭކަށް ނެތެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ކާރިސާ ފަހެލިކަމާއި ހެޔޮ ނިޔަތާއެކު ހައްލުކުރާން އަޅުގަނޑުމެން މަސައްކަތްކުރާނަމަ، މިއީ އެދެވިގެންވާ ކަމެކެވެ. އެހެނީ ޖަކަރްތާ އިދާރިއްޔަތުން "ޓިމޮތީ ކޫމްބްސް" ފަދަ މުއާޞަލާތީ ތަޖުރިބާކާރުންގެ ހުށަހެޅުންތަކަށް އިޖާބަދެއްވައެވެ.
ސަރުކާރުން އަޅުއަވާ ހުރިހާ ފިޔަވަޅަކާއި ނެރުއްވާ ހުރިހާ އެންގުމެއް ވެސް ނެރުއްވަނީ ވަރަށް ފަހެލިކޮށެވެ. (ހާމަކަން ބޮޑު ގޮތެއްގައެވެ.) އޭގެ ސަބަބާއި ލިބޭނެ ނަތީޖާ އެނގޭނެހެންނެވެ. ތަންފީޒުކުރުމުގައި ވަކި މީހެއް ތަފާތުކުރުމެއްނެތި، އިލްމީ، ސައެންސީ ހަގީގަތްތަކުގެ މައްޗަށް ބިނާކުރައްވައިގެން ޢަމަލުކުރައްވައެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން ކަނޑައަޅުއްވާ އުޞޫލުތަކާމެދު ރައްޔިތުންގެ އިތުބާރު ދެމިއޮވެއެވެ. އެހެންކަމުން އެ އުޞޫލުތައް ފަހަނަޅައި މަގުމައްޗަށް ނުކުންނާކަށް ރައްޔިތުން ބޭނުމެއް ނުވެއެވެ.
ކޮވިޑްގެ ކުރީކޮޅު ހުރިހާ ފަރާތަކަށް އިރުޝާދުދެވިފައިވަނީ ގުޅުންހުރި ބާރަބަރު ގޮތަކަށް މަޢުލޫމާތު ހާމަކޮށް އާންމުންގެ އިތުބާރު ހޯދުމަށެވެ. މައުލޫމާތު ހާމަކުރުމުގައި ހަގީގަތް ފޮރުވާނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން އޭގެ ޞައްޙަކަން ގެއްލި އާންމުންގެ ތެރޭގައި ޝައްކާއި ވަހުމު އުފެއްދުމުގެ ފުރުޞަތު އޮންނާނެތީއެވެ.
ޖަކަރްތާއިން މި ޢާލަމީވަބާގެ ކަންކަން މިހާ ރަނގަޅަށް ހިންގީ އަދި ސިޔާސަތުތަކާއި އުޞޫލުތައް ކަނޑައެޅީ ޞިއްޙީ މުއާޞަލާތީ ސައެއްސީންގެ ފަރާތުން ލިބޭ ފަންނީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ. ސިޔާސީ މީހުންނާއި އިޤުތިޞާދީ މީހުންނާއި އަސްކަރީ ފަރާތްތަކުގެ ލަފާގެ މައްޗަށް ބަލައިގެންނެއް ނޫނެވެ. މި ގޮތުގެ މަތީން ޢަމަލުކުރެވެމުން އަންނަނަމަ، މިހާރަށްވުރެ ރަނގަޅު އުފާވެރި ނަތީޖާއަކަށް ވެސް އުންމީދުކުރެވިދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ނޯޓް: މި ލިޔުމަށް މަޢުލޫމާތު ހޯދީ "އެލްއެސްޕީއާރު ކޮމިޔުނިކޭޝަން އެންޑް ބިޒިނަސް އިންސްޓިޓިޔުޓް"ގައި ކިޔަވައިދެއްވާ ބޭސްވެރިކަމުގެ ޑޮކްޓަރެއް ލިޔުއްވައިފައިވާ ލިޔުމަކުންނެވެ.
