Support Us

ސިޔާސިއްޔަ މައިދާނުގައި ކަނާތުފިޔައާއި ވާތުފިޔައަކީ ކޮބާ؟

އެކިއެކި ސިޔާސިއްޔަ ވާހަކަދައްކާއިރު އަދި ވަކީން ޚާއްޞަކޮށް ސިޔާސީ ޕާޓީތައް ވާދަކުރާ އިންތިޚާބުތަކުގެ ދުވަސްވަރު، ކަނާތަކާއި ވާތެއްގެ ވާހަކަ އަޑުއިވެއެވެ. ކަނާތު ފިޔައިގެ މީހުންނާއި ވާތުފިޔައިގެ މީހުންގެ ވާހަކައެވެ. ނަމަވެސް މި ދެ އިޞްޠިލާޙު ގިނައިން ފެންނަނީ ބޭރުގެ ޚަބަރުތައް ލިޔެފައި ހުންނައިރުއެވެ. މިއީ އިނގިރޭސިބަހުގެ  left އާއި rightގެ ސީދާ ތަރުޖަމާއެއްގެ ގޮތުން ދިވެހި ނޫސްވެރީން ނުވަތަ ލިޔުންތެރީން ބޭނުންކޮށްފައި ހުންނަ އިޞްޠިލާހެއްކަމަށް ފެނެއެވެ. މިއީ ސިޔާސިއްޔަ މައިދާނުގައި ބޭނުންކޮށް އުޅޭ އިޞްޠިލާހެކެވެ. ދިވެހީންގެ ތެރޭގައި މި ދެ ލަފުޒު އެހާ ބޮޑަށް އާންމު ނުވާތީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ނިސްބަތްކޮށް މި ދެ ލަފުޒު ބޭނުންކުރާ އަޑެއް އަޅުގަނޑަށް ވަރަށް މަދުން ނޫނީ އިވިފައެއް ނެތެވެ. އެހެންނަމަވެސް ފިކުރަށް ބަލާއިރު ކަނާތު ފިޔައިގެ ޕާޓީއަކާއި ވާތުފިޔައިގެ ޕާޓީއެއް ހަމަ ގައިމުވެސް ރާއްޖެއިން އެބަ ފެނެއެވެ. އެހެންނަމަވެސް މި ދެ ލަފުޒުގެ މާނަ ގިނަ ބަޔަކަށް އެނގޭން ބޭނުންވާނެތީ، މި ދެ ލަފުޒާ ބެހޭ ގޮތުން ކުރު ތަޢާރަފެއް ލިޔެލާން އަޅުގަނޑު ބޭނުންވީއެވެ.

ސިޔާސިއްޔަ ދާއިރާގެ ޚަބަރުތަކަށް ބަލާއިރު "ވާތް" ނުވަތަ left ބޭނުންކޮށްފައި ހުއްޓައި ފެންނަނީ "ލިބަރަލް" (liberal) އަށެވެ. އަޅުގަނޑަށް އެނގިފައި އޮންނަ މިންވަރުން ދަންނަވާނަމަ، ލިބަރަލް (liberal)ގެ މާނަކީ ތިމާ ގަބޫލުކުރާ ގަބޫލުކުރަންތައް ފިޔަވައި އެހެންމީހުންގެ ޚިޔާލާއި އާދަތަކަށް އިޙުތިރާމްކުރުމާއެކު އާ ޚިޔަލުތަކަށް މަރުޙަބާކިޔާ ފިކުރެވެ. ދިވެހީންނަށް އެންމެ ފަސޭހައިން ދޭހަވާނީ މިއީ މިއަދު ސިޔާސީ މައިދާނުގައި އިވޭ "މިނިވަން ފިކުރު"ގެ ވާހަކައޭ ނުވަތަ "ލާދީނީ ފިކުރު"ގެ ވާހަކައޭ ދަންނަވައިލިއްޔާއެވެ.

ރާއްޖޭގެ މިއަދުގެ ޙާލަތުގައި "ވާތުފިޔަ" މިއަދު އޮތީ ވެރިކަމުގައެވެ. މިއަދުގެ އިދިކޮޅު ޕާޓީތަކަކީ، ކަނާތުފިޔައެވެ.

އަޅުގަނޑު މި އުޅެނީ، ބަޔަކު އެ ކިޔާ މިނިވަން ފިކުރު (ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި އަޅުވެތި ހައްދުފަހަނަޅައިފައިވާ ފިކުރު)އާއި ވަޠަނީ ފިކުރުގެ މައްޗަށް ވާހަކަދައްކާކަށް ނޫނެވެ. އެ ފިކުރުތަކުގެ ރަނގަޅު ނުރަނގަޅުގެ މައްޗަށް ވާހަކަދެއްކުމަކީ އަޅުގަނޑުގެ މިއަދުގެ މައުޟޫޢެއް ވެސް ނޫނެވެ. އެކަމަކު އަޅުގަނޑު މިއަދު ގަލަން ނަގައިގެން މި އުޅޭނީ "ލިބަރަލް" ފިކުރާއި "ވާތުފިޔަ" (left wing)އާ ގުޅެނީ ކިހިނެއްތޯ ބަލައިލުމެވެ. ހަމަ މި ފަދައިން "ކޮންޒަރވޭޓިވް" ފިކުރާއި "ކަނާތުފިޔަ" (right wing)އާއި ގުޅިފައިވަނީ ކިހިނެއްތޯ ވެސް ބަލައިލުމެވެ.

ކޮންޒަވޭޓިވް (conservative)ގެ މާނައެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮންނަނީ، އެއީ އެ ބަޔަކު ގަބޫލުކުރާ ސަގާފަތާއި ފަލްސަފާ ދަމަހައްޓައި ވަޠަނިއްޔަތު ކުރިއެރުވުމުގެ ފިކުރެވެ. ދިވެހީންނަށް އެންމެ ފަސޭހަވާނީ އެއީ "ޤައުމީ ފިކުރު"ކަމަށް ދަންނަވައިލިއްޔާއެވެ. އަނެއްކާ ވެސް ދަންނަވާން އޮތީ އަޅުގަނޑު މި އުޅޭނީ މިއިން އެއްވެސް ފިކުރެއްގެ މޮޅު-ދެރަ ވާހަކަ ދައްކައި އެއިން މައުޟޫޢެއްގެ މައްޗަށް ލިޔާކަށް ވެސް ނޫންކަމަށެވެ.

ސިޔާސީ މައިދާނުގައި ވާތުފިޔައިގެ މީހުންނޭ ބުނުމުން އޭގެ މާނައަކީ "މިނިވަން ޚިޔާލާއި މިނިވަންފިކުރަށް" ތާއީދުކުރާ މީހުންނެވެ. އަނެއްކޮޅުން "ކަނާތުފިޔަ"އަކީ ކުރީއްސުރެ އޮތް "ޤައުމިއްޔަތާއި ވަޠަނިއްޔަތުގެ" އަސާސްގައި ވަރުގަދައަށް ހިފަހައްޓާ މީހުންނެވެ.

ރާއްޖޭގައި ނަމަ ވާތުފިޔައިގެ ޕާޓީއަކީ އެމްޑީޕީއެވެ. ކަނާތުފިޔައިގެ ޕާޓީއަކީ ޕީޕީއެމެވެ. ދެން ހުރި ޕާޓީތަކަކީ ވަކި ހަރުދަނާ ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ ނުވަތަ ވަކި ފިކުރަކަށް ތާއީދުކުރާ ޕާޓީތަކެއް ކަމެއް ސާފެއް ނުވެއެވެ. އެކޮޅަށް-މިކޮޅަށް، ދެކޮޅަށް އެނބުރޭލެއް ގިނަ ކަމުން އެކަން ހަމައެކަނި އަޅުގަނޑަށް ސާފުނުވަނީ ވެސް ތޯއްޗެކެވެ. އެއް ދުވަސްވަރެއްގައި ލިބަރަލް ފިކުރަށް ނަފުރަތު ކުރުމަށްފަހު އަނެއް ފަހަރަކު ސަނާކިޔައިފާނެއެވެ. އެހެން ފަހަރަކު ކޮންސަރވޭޓިވް ޖަލްސާތަކުން ފެނުމަށް ފަހު، ހަމަ އެ މީހުން އަނެއް ދުވަހު ލިބަރަލް މީހުންނާއެކު ޖަލްސާކޮށްފާނެއެވެ. އެހެންވީމާ އަޅުގަނޑަށް ސާފުނުވަނީއެވެ.

ކޮންޒަވޭޓިވް ފިކުރާއި ލިބަރަލް ފިކުރަށް، މި ދެ ފިކުރަށް "ކަނާތުފިޔަ"އާއި "ވާތުފިޔަ" ކިޔުނީ ކޮން ގޮތަކަށް ކޮން އަޞްލެއްގެ މައްޗަށް ކަމެއް އަދިވެސް ބަޔާނެއް ނުކުރެވޭ ދޮގެއްތޯއެވެ؟ ހަގީގަތުގައި ސިޔާސީ މައިދާނުގައި މި ދެ ނަން ބޭނުންކުރާން ފެށުނީ މާއްދީ ގޮތުން މިޞްރާބުތަކަށް (ކަނާތް ފަރާތަށާއި ވާތް ފަރާތަށް) ނިސްބަތްކޮށެވެ. ކަނާތް ފަރާތާއި ވާތް ފަރާތުގެ މާނައިގައެވެ.

މި ނަންތައް ފުރަތަމަ ބޭނުންކުރާން ފެށުނީ 1789ގައެވެ. ފަރަންސޭސި ވިލާތުގައެވެ. ފަރަންސޭސި އިންގިލާބަށް ފަހު، އެކުލަވައިލެވުނު "ޤައުމީ މަޖިލިސް" (ނުވަތަ ބަރުލަމާނު)ގައި މެންބަރުން އިށީނދެވަޑައިގަންނަވާން އިންތިޒާމުކުރެވިފައި ހުރި ގޮތަށް ނިސްބަތްކޮށެވެ.

މަޖިލީހުގެ ނުވަތަ ބަރުލަމާނުގެ ރިޔާސަތުގެ ގޮނޑިކޮޅަށް ބަލާއިރު ކަނާތްފަރާތުގައި (le côté droit )ހުންނަ ގޮނޑިކޮޅުތައް ޚާއްޞަކުރެވިފައި ހުރީ ބޮޑުންނަށާއި މަތީ ދަރަޖައިގެ ދީނީ އިސްވާރުންނަށެވެ. މިއީ ވަޠަނީ ފިކުރުގެ ބޭފުޅުންނެވެ. ދީނީ ފަލްސަފާއާއި ޤައުމިއްޔަތު ޙިމާޔާތްކުރައްވާން ވަކާލާތުކުރެއްވި (ކޮންޒަވޭޓިވް) ބޭފުޅުންނެވެ. ވާތް ފަރާތުގެ ގޮނޑިކޮޅުތައް (le côté gauche) ޚާއްޞަކުރެވުނީ އާދައިގެ ރައްޔިތުންގެ ތެރެއިން އިންތިޚާބުކުރެވުނު މެންބަރުންނާއި ނުފޫޒު ދެރަ މެންބަރުންނަށެވެ. މިއީ، ވަޠަނިއްޔަތުގެ ސަގާފަތް ދޫކުރައްވައި "މިނިވަން" ފިކުރަށް ތާއީދުކުރެއްވި (ލިބަރަލް) ބޭފުޅުންނަށެވެ. އެހެންކަމުން ކަނާތު ފިޔައިގައި ތިއްބެވީ "ކޮންޒަވޭޓިވް" ބޭފުޅުންކަމަށް ވާތީ އެއީ "ކަނާތުފިޔަ" ކަމަށް މަޝްހޫރުވީއެވެ. އަދި "ވާތުފިޔަ"އިގެ ގޮނޑިކޮޅުތަކުގައި ތިއްބަވަނީ ލިބަރަލް ބޭފުޅުންނަށް ކަމަށްވާތީ އެ ބޭފުޅުންނަށް ޙަވާލާދެއްވުމުގައި "ވާތުފިޔަ"އޭ ކިޔައި މަޝްހޫރިވީއެވެ.  އެންމެ ފަހުން "ކަނާތުފިޔަ" (right) އާއި "ވާތުފިޔަ" (left) އަކީ ސިޔާސިއްޔަ ނަންއިތުރެއްގެ ގޮތުގައި ބަސްފޮތްތަކުން ޖާގަވެސް ހޯދީއެވެ. މި ދެ ނަންއިތުރު އިނގިރޭސި ރަދީފަށް )ޑިކްޝަނަރީއަށް) ވަން ކަމަށް އެނގިފައިވަނީ 1790ގެ ތެރޭގައެވެ.