Support Us

ދެ ފުރުޞަތު ވަނީ ގެއްލިފައެވެ. ދެން އޮތީ އެންމެ ފުރުޞަތެކެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް ކަމުގައި 1965ން ފެށިގެން ފާހަގަކުރަމުން މި ގެންދަނީ ކޮންމެ ޖުލައި މަހެއްގެ 26 ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ "ޙިމާޔަތުން" ނުކުމެ، މިނިވަންވުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުންނެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބުމުގެ އުފަލުގައެވެ. އަމިއްލަ ސިޔާތަދާއި އިސްތިޤުލާލާއި މިނިވަންކަމާއެކު ސިޔާސީ މިނިވަން ގައުމެއްގެ ގޮތުގައި އިސް އުފުލައިލުމުގެ ފުރުޞަތު ލިބުނީމައެވެ.

އިނގިރޭސީންގެ "ޙިމާޔަތުގައި" ދިވެހީން ތިބި އިރު، ރަސްމީކޮށް ލިޔެވިގެން ދިވެހީންނަށް ހިފެހެއްޓިފައި، ނުލިބި އޮތް ހައްގަކީ ބައިނުލްއަޤުވާމީ ދާއިރާއާ ގުޅުން ގާއިމުކުރާނަމަ، އިނގިރޭސީން މެދުވެރިގެން ނޫނީ ނުކުރެވޭ ގޮތަށް އޮންނަ އޮތުން އެކަންޏެވެ. ދެން، ރަސްކަމަށް އިސްކުރާން "އިންތިޚާބުކުރާ" ބޭފުޅުންނަށް ރަސްމީކޮށް ރުހުން ހޯދުމެވެ. މި ވެސް ފުރިހަމަ ކޮށްލެވޭ ރަސްމިއްޔާތެއްގެ ގޮތުން އޮންނަ ކަމެކެވެ. މި ކަންކަން ލިޔެވިފައި އޮތް އެއްބަސްވުން ދިވެހީންނަށް ފެންނާން އޮތެވެ. އެހެން އެއްވެސް ކަމެއްގައި ދިވެހީންނަށް އެއްވެސް އަޅުވެތިކަމެއް ނޯވެއެވެ. ދުސްތޫރީ ހުރިހާ ކަމަކާއި ދާޚިލީ ހުރިހާ ކަމެއް ދިވެހި ސަރުކާރުން ބޭނުންވާ ގޮތަކަށް ކުރެވެއެވެ. ދިވެހި ދައުލަތުގެ ބަޖެޓަކުން އެވެރީންނަށް ޚަރަދުކުރާކަށް ނުޖެހެއެވެ. އޭރު ލިޔެ ޤަރާރުކުރެވިފައިވާ އެއްބަސްވުން ރައްޔިތުންނަށް ފެންނާން އޮތެވެ.

މިއަދު އެހެން ޤައުމަކާއެކު ކުރެވޭ މުޢާހަދާތައް ރައްޔިތުންގެ މަޖިލީހުގެ މެންބަކަށް ވެސް ފެނިވަޑައެއް ނުގަންނަވައެވެ. ޢަމުދުން ރައްޔިތުންނަކަށް ނުފެނެއެވެ. މިއީ ޤާނޫނާ ޚިލާފަށް ސިއްރުކުރެވިފައިވާ އެތައްބައިވަރު އެއްބަސްވުންތަކެކެވެ. އެ އެއްބަސްވުންތަކުގައި ހުރީ ނުރައްކާތެރި ވާހަކަތަކެއްކަން ފެންނަ ފެނުމުން ސާބިތުވެއެވެ. ބޭރު ޤައުމެއްގެ އެތައް ސަތޭކަ ސިފައިންނެއް "ޓެކްނީޝަނުން"ނާއި "އޮފިޝަލުން"ގެ ނަމުގައި ރާއްޖޭގައި އެބަ "ގެންގުޅޭކަން" ދިވެހި ރައްޔިތުންނަށް އޮޅިފައެއް ނެތެވެ. ރާއްޖޭގައި ތިބި ސިފައިންގެ ޢަދަދު ހާމަކުރައްވާން ޑިފެންސް މިނިސްޓްރީއިން ދެކޮޅުހެއްދެވުމުން، ސާބިތުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމެވެ. އެ ކަމަށް އެ އެއްބަސްވެވަޑައިގެންނެވުނީއެވެ. އަދި ރާއްޖޭގައި އިންޑިއާގެ ހަތިޔާރުއެޅި ސިފައިން ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯރސް ވިދާޅުވުމުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް އެ މަނިކުފާނު ވެސް ނުސީދާކޮށް އެ އެއްބަސްވެވަޑައިގަތީއެވެ. އެހެންވީމާ، ކަމާ ބެހޭ ފަރާތްތަކުން ސީދާ ޞަރީޙަ ޢިބާރާތުން "ރާއްޖޭގައި އިންޑިއާ ސިފައިން އެބަ ތިއްބޭ" ވިދާޅުވެފައި ނުވިޔަސް، ނުސީދާ ގޮތެއްގައި އެ ކަމަށް އެ ވަނީ އިޢުތިރާފުވެވަޑައިގެންފައެވެ. މި ގޮތަށް ރާއްޖޭގައި "ގެންގުޅޭ" މީހުންނަށް ކާންބޯންދީ ޚަރަދުތައް ކުރަނީ ދިވެހި ދައުލަތުންކަމަށް ސީދާ ވިދާޅު ނުވިޔަސް، ޚަރަދުކުރައްވާކަން ސާބިތުވެއެވެ. ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިންގެ އަދަދާއި އެމީހުންނަށް ދިވެހި ދައުލަތުން ކުރާ ޚަރަދު ހާމަކުރައްވާން ޖެހިވަޑައިނުގަންނަވާނެ ކަމަށް ޑިފެންސް މިނިސްޓްރީއިންނާއި އިންފޮމޭޝަން ކޮމިޝަނަރު ނިންމެވި ނިންމެވުމުން ވެސް ސާބިތުވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބިކަމާއި އެ މީހުންނަށް ދައުލަތުން ޚަރަދުކުރައްވާކަމެވެ. އެހެން ނޫންނަމަ، އިޢުލާނުކުރެއްވީހީ ރާއްޖޭގައި އިންޑިއާ ސިފައިންގެ އެކަކު ވެސް ނެތް ކަމަށެވެ. އެކަމަށް އެއްވެސް ޚަރަދެއް ދައުލަތުގެ ބަޖެޓަކުން ނުކުރައްވާ ކަމުގައެވެ. ނަމަވެސް އެހެން ވިދާޅުވާން ކެރިވަޑައިނުގަތުމުން ވެސް އިންޑިއާ ސިފައިން ޤާނޫނާ ޚިލާފަށް ރާއްޖޭގައި ޤާއިމުތިބިކަމާއި، ދައުލަތުން އެމީހުންނަށް ޚަރަދުކުރާކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ.

މިއަދު ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް އިންޑިއާގެ މަސް ބޯޓުފަހަރު ފާޅުގައި ވަދެ، ދިވެހި މަސްވެރީންގެ ކުރިމަތީގައި ރޯމާދުވާލު ދާއަޅައިގެ ކަޅުބިލަމަސްތައް ކަހައިލިޔަސް އެއިން މީހަކާ މެދު ފިޔަވަޅެއް އެޅުއްވުމުގެ ޤާބިލުކަމެއް (ނުވަތަ އެ ހުއްދައެއް) ދިވެހި ދައުލަތަކަށް ނެތްކަން މިހިރަ ހާމަވަނީއެވެ. މަގުމަތީގައި ރާބޮއި އަމަލުވެގެން ދުވެ، ފުލުހުންނަށް ހަޑިހުތުރުބަހުން މުޢާމަލާތުކޮށް، އިސްލާމް ދީނަށް ތައުހީނުކުރަމުން ދިޔަ މީހަކު ވެސް ޙިމާޔަތާ އެކީ ރަށަށް ފޮނުވައިދިނުން ނޫން އިޚުތިޔާރެއް ދިވެހި ސަރުކާރަކަށް ނެތެވެ. މިސްކިތަކަށް ވަދެ، އުމުރުން ދުވަސްވީ މީހަކާ ޙަމަލާދިން މީހާ ވެސް ޢިއްޒަތާއެކީ ޖެހުނީ ފުރުވައިލާށެވެ. އެ މައްސަލަ ބެލުމުގެ އިޚުތިޔާރެއް ދިވެހި ދައުލަތަކަށް ނެތެވެ. ދިވެހި ރިސޯޓެއްގައި ދިވެހި އަންހެންކުއްޖެއްގެ ޢިއްފަތް ވަކި ގައުމެއްގެ މީހަކު ފޭރިގަތަސް އެކަންކުރާ މީހާގެ ދިފާޢުގައި ނޫނީ ފުލުހުންގެ ދޫ ޙަރަކާތްތެރި ކުރައްވާކަށް އިޚުތިޔާރެއް ނެތެވެ. އެފަދަ މައްސަލައެއް ބެލުމުގެ ޤާބިލިއްޔަތެއް ފުލުހުންނަކަށް ނެތެވެ. އަދި މި ބާވަތުގެ މައްސަލައެއް ތަޙުޤީޤުކުރާން އެންގެވުމުގެ ބާރެއް ވެސް ޕްރޮސެކިޔުޓަރުންނަކަށް ނެތެވެ. އަޅުގަނޑު މި ދަންނަވައިލީ މީޑިއާއިން ފެންނާންހުރި އަދި އިވިފައިވާ ބައެއް ހަގީގަތްތަކުގެ ވާހަކައެވެ. މިއީ އިންޑިއާއާއެކު ސަރުކާރުން ހައްދަވައި ސިއްރުރުކުރައްވައިފައިވާ، ދިވެހި ރައްޔިތުންގެ މަޞްލަޙަތާ ގުޅިފައިވާ، ގޮތްނޭނގޭ އެއްބަސްވުންތަކުގެ ނަތީޖާކަމަށް ބެލެވެއެވެ.

އައްޑޫ ހަންކެޑެ ސަރަހައްދުގައި އިންޑިއާއިން ބިނާކުރާ ޕޮލިސް ޓްރޭނިން ސްކޫލް -ފޮޓޯ: ސޯޝަލް މީޑިއާ

އަމަލީ ގޮތުން ފެންނާން ހުރީ، އެތައް މިލިއަން ޑޮލަރެއް، "އެހީ"ގެ ނަމުގައި ދަރަންޏަށް ނަގައިގެން ހިންގާ ބޮޑެތި މަޝްރޫޢުތަކަކީ ހަމައެކަނި އިންޑިއާގެ ބޭނުންތަކަށް "ތަރައްގީކުރެވޭ" ތަންތަންކަމަށެވެ. މިސާލަކަށް ފަންސާސް މިލިއަން ޑޮލަރުގެ "އެހީ"ގައި އުތުރު ތިލަފަޅު ތަރައްގީކުރާން ސަރުކާރުން އިންޑިއާއާ އެކީގައި އެއްބަސް ވެފައި ވިޔަސް އެއީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޭނުމަށް ޓަކައި ހަދާ ތަނެއް ކަމަށް، އިންޑިއާގެ އޮފިޝަލުންނާ ޙަވާލާދީ "ހިންދުސްތާންޓައިމްސް"ގައި ލިޔެފައިވާ ޚަބަރެއް ބުނެއެވެ. ނަމަވެސް އެ ތަން "ތަރައްޤީކުރާން" ހޭދަވާ ފައިސާ އަކީ ދިވެހި ދައުލަތުން އިންޑިއާއަށް އަނބުރައި ދައްކާންޖެހޭ ފައިސާއެވެ. ކިހާ ރަނގަޅު އެހީއެއްތޯއެވެ! ކިހާ ވަރުގަދަ ތަރައްގީއެއްތޯއެވެ!

ހަމަ މި ފަދައިން، ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ތަރައްޤީ ކުރަނީ ވެސް އިންޑިއާގެ "އެހީ"ގަޔޯލައެވެ. ނަމަވެސް ދިވެހިރާއްޖެއިން އެ ފައިސާ އަނބުރައި އަދާކުރާންޖެހެއެވެ. އަދި މި ފައިސާއިން ހަދާ ވައިގެ ބަނދަރު ބޭނުންކުރާނީ އިންޑިއާ ސިފައިންނޯލައެވެ. ކިހާ ބޮޑެތި ތަރައްގީގެ މަޝްރޫޢުތޯއެވެ! "ހަދިޔާކޮށްފައި" ހުންނަ އުޅަނދުތަކުގައި ދިވެއްސަކަށް އަތެއް ނުލެވެއެވެ. މީގެ އިތުރަށް ރާއްޖޭގެ ފަޅާއި ކަނޑާއި ބިމާއި ޖައްވީ ހުރިހާ މަޢުލޫމާތެއް އެއްކުރުމުގެ ހުރިހާ ފުރުޞަތެއް އިންޑިއާއަށް އޮތީ ހިލޭ ސާބަހަށް ފަހިކޮށްދެވިފައެވެ.

އިންޑިއާއާ އެކު ހަދައިފައިވާ، ރައްޔިތުންގެ މަސްލަޙަތާ ގުޅިފައިވާ، އެއްބަސްވުންތަކަކީ ހާމަކުރާން ޤާނޫނު ލާޒިމުކުރާ ތަކެތި ކަމަށް ވިޔަސް ޚުދުމުޚުތާރުކަމާއެކު މި ތަކެތި ވަނީ ހިފެހެއްޓިފައެވެ. ފެންނަ ފެނުމުގައި، އަދި ދައުލަތުން ޢަމަލުކުރައްވަމުން ގެންދަވާ ގޮތަށް ބަލާއިރު، ސިއްރުކުރެވިފައިވާ މި އެއްބަސްވުންތަކުގައި ރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލާއި މިނިވަންކަން ޢަމަލީ ގޮތުން އޮންނާނީ ވިއްކައިލެވިފައެވެ. އެހެންނޫންނަމަ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި ފަދަ އެއްބަސްވުންތައް ރައްޔިތުންނަށް ހާމަކުރައްވާން ކެރިވަޑައިގަތީހެވެ. ދިވެހީންގެ ކަނޑުރޯއްޖައް އަރައިގަންނަ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުނީހެވެ. ދިވެހި އަންހެންކުދީންގެ ޢިއްފަތްތެރިކަން ފޭރިގަންނާން މަސައްކަތްކުރާ މީހުން، އިންސާފުގެ ކުރި މައްޗަށް ގެނެވުނީހެވެ. ރާއްޖޭގެ މިސްކިތްތަކުގެ ޙުރުމަތްކަނޑައި ދިވެހީންނާ މާރާމާރީ ހިންގާ މީހުންނަށް ޢުޤޫބާތްދެވުނީހެވެ. މާތްވެގެންވާ އިސްލާމް ދީނަށް ތައުހީނުކޮށް، މަގުމަތީގައި ރާބޮއި އަމަލުވެގެން އުޅޭ މީހުން އެއީ ކޮންމެ ކަރައެއްގެ ބަޔެއް ނަމަވެސް އެ މީހުންގެ މައްޗަށް ޤާނޫނީ ޢުޤޫބާތް ތަންފީޒުކުރެވުނީހެވެ.

އަނެއްކޮޅުން، މި ފަދަ ހުރިހާ ކަމެއްގެ ޙިމާޔަތުގައި ކުލީ ގަލަންތަކުން ޙަރަކާތްތެރިވަނީއެވެ. މި ދެންނެވި ފަދަ ޣަދަރުވެރި ޢަމަލުތަކާއި ޤައުމީ ބޮޑެތި ޚިޔާނާތްތަކަކީ، "ޚިދުމަތް" ކަމަށް ރައްޔިތުންނަށް ވިސްނައިދެނީއެވެ. ގޮވެލިފަތި ގޮވާން މުސާރަދީފައި ތިބޭ މީހުން، މީސްމީޑިއާގައި ހޭވައްޓައިލައިފައި މި ދެންނެވިފަދަ ޚިޔާނާތްތައް ދިފާޢުކުރަނީއެވެ. މި އެންމެންނަށް ވެސް އެންމެ މަތީ ދަރަޖައިގައި މި ޣަދަރުގައި އެ ބައިވެރިވެވެނީއެވެ. މިފަދަ ނުރައްކާތެރި ޚިޔާނާތްތެރި ޣަދަރުވެރި ކަންކަން ޤައުމުގައި ހިނގާއިރު، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ޙިމާޔާތްކުރާން މާތް ﷲ ގަންދީ ހުވާކުރައްވައިގެން ތިއްބެވި ބޭފުޅުން، އެ ބޭފުޅުން ކުރެއްވި ހުވަޔަކީ މާނައެއް ނެތް ބަސްތަކެއް ކަމުގައި ހައްދަވައިފި ކަހަލައެވެ. ހިތްޕުޅުގައި ޤައުމީ ވިންދެއް ވެސް ނުޖަހާ ކަހަލައެވެ. އެ ބޭފުޅުން ޙިމާޔަތްކުރައްވާ ތަން ފެންނަނީ ޤައުމީ ސިޔާދަތާއި އިސްތިޤުލާލު އެއްފަރާތްކުރެއްވުމަށް ފަހު، މި ދެންނެވި ފަދަ ޚިޔާނާތްތަކެވެ. އެ ހުރިހާ ބޭފުޅުންނަކީ ހުސް ގުސްތަރުންނެވެ. އެ ބޭފުޅުންގެ ބަސްފުޅުތަކަކީ މުޅީން ވެސް ގުސްތަރު ބަސްތަކެކެވެ. އިޖުތިމާޢީ ސަލާމަތާއި ޤައުމީ މަޞްލަޙަތަށްވުރެ އިސްކަންދެއްވޭ ތަން ފެންނަނީ މަވެތިކަމަށެވެ.

ފެންނަ މަންޒަރުތަކަށް ބަލާއިރު ރާއްޖޭގެ ސިޔާދަތީ ބާރު މިހާރު ވެސް މި ވަނީ ނެތިފައެވެ. އެހެންނޫންނަމަ، އިޤްތިޞާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި، ރާއްޖެއަށް މުހިއްމު ނޫން އެތައް މަޝްރޫޢުތަކެއް ރައްޔިތުން ޒިންމާވާންޖެހޭ ދަރަނި ފައިސާއިން ހިންގާކަށް ސަރުކާރަކުން ނޫޅުއްވީހެވެ. ސަރުކާރުން އެކަން ބޭނުންފުޅެއް ވެސް ނުވާނެއެވެ. ނަމަވެސް ސިޔާދަތީ ބާރު ނެތިއްޔާ ކުރައްވާނެ ކަމެއް ސަރުކާރަކަށް ވެސް ނޯންނާނެތާއެވެ.

ކުރީން ވެސް ދެންނެވި ފަދައިން، އަލުންބަލުން، (ވުޖޫދުގައި ނެތް) އެއަރޕޯޓެއް ބިނާކުރާން ބޭނުންވާ ވަރުގެ ބޮޑު ދަރަންޏެއް ދިވެހި ދައުލަތުން ޒިންމާވާން ޖެހޭ ގޮތަށް ވަކި ގައުމަކުން ނަގައިގެން މިހާރު ހިނގަހިނގައި އޮތް އެއަރޕޯޓެއްގެ ހަމައެކަނި ރަންވޭ ބޮޑުކޮށް، ދިވެހީންނަށް ބާރެއް ނޯންނަ ގޮތަށް، އެ ދަރަނި ދިން ގައުމުގެ ޢަސްކަރީ ބޭނުމަށް ޓަކައި ހަދައިދިނުމަކީ ކޮންފަދަ ބޮޑު ތަރައްޤީއެއްތޯއެވެ! މިއީ ވެސް ދިވެހި ޤައުމުގައި ސިޔާދަތީ ބާރެއް އިސްތިޤުލާލެއް ނެތްކަން ދޭހަވާ ކަމެކެވެ. އަދި ރާއްޖޭގައި ސިޔާދަތީ ބާރެއް އޮތްނަމަ، ނުވަތަ ޤައުމުގެ ހެވަތަށް ވިސްނާނަމަ، ދައުލަތުން ޒިންމާވާ ގޮތަށް ވަކި ގައުމަކުން ބޮޑު ސޫދަކާއެކު ދަރަންޏަށް ފައިސާ ނަގައިގެން އުތުރު ތިލަފަޅު ތަރައްޤީކޮށް ދިވެހީންނަށް މަންފާއެއް ނެތް ގޮތަށް، ޤައުމީ ސިޔާދަތަށް ނުރައްކާވާ ގޮތަށް، އެ ތަނުން މަންފާ ހޯދާން އެހެން ގައުމެއްގެ ބަޔަކަށް ދޭކަށް ނުނިންމަވާނެއެވެ. އަނެއްކޮޅުން، އައްޑުއަތޮޅުގެ ފަތުރުވެރިކަން ހުއްޓިފައި އޮއްވައި، ގަމުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު، ބޭރު ބަޔަކު އަސްކަރީ ބޭނުމަކަށް ދިގު މުއްދަތަކަށް ދޫކުރައްވާކަށް ޚިޔާލެއް ވެސް ނުކުރައްވާނެއެވެ. އައްޑޫ ހިތަދޫ ބިމުގެ ބޮޑު ބައެއް، ފުލުހުން ތަމްރީނުކުރާ މަރުކަޒެއްގެ ނަމުގައި (ދިވެހީންނަށް ބޭނުން ނުކުރެވޭ ގޮތަށް) ބޭރު ޤައުމެއްގެ ޢަސްކަރީ މަރުކަޒެއް ބިނާކުރާކަށް ދުލެއް ވެސް ނުކުރެއްވީހެވެ. އެތައް މިލިޔަން ޑޮލަރެއްގެ ދަރަނި، ވަކި ގައުމަކުން ނަންގަވައިގެން އެ ގައުމުގެ އެއް ނަންބަރު ކުޅިވަޅު ކުޅޭނެ އިސްޓޭޑިއަމެއް އަޅުއްވާކަށް ސަރުކާރަކުން ނޫޅުއްވީހެވެ.

މިއިން އެއްވެސް ކަމަކީ ސަރުކާރުން ވެސް ބޭނުންފުޅުވާނެ ކަންކަމަށް ނުވެދާނެއެވެ. ނަމަވެސް ސިޔާދަތީ ބާރު ނެތިއްޔާ، މުސްތަޢުމަރުން ބުނާ ގޮތަށް ޢަމަލުކުރުން ނޫން ގޮތެއް ސަރުކާރަކަށް ވެސް ނޯންނާނެތާއެވެ. ނަމަވެސް ފަހެލިކަމަށް ގޮވައިނަގަމުން ގެންދިޔަ، ޖަމާއަތްތަކުން ވެސް މިއަދު ނިދައިފައި ތިބި ކަހަލައެވެ. އިންސާނީ ޙައްޤުތަކަށް ގޮވާ ވިދާރާތަކުން ވެސް ބަޔާންތައް ނެރޭތަން ފެންނަނީ ޑިމޮކްރެސީއާ އިދިކޮޅަށެވެ. ފަސާދައާ ބެހޭ އިދާތަކުގެ ލޯތަކަށް ވެސް، ޤައުމުގައި ހިނގާ ފަސާދައިގެ މިންވަރެއް ވެސް ނުފެންނަ ފަދައެވެ. ޤައުމީ ނަޒާހަތްތެރިކަން ބަލަހައްޓަވާ ވިދާރާ ވެސް އޮތީ ގަނޑުވެފައި ކަހަލައެވެ. މާތް ﷲ ގަންދީ ބޮޑު ހުވައެއް ކުރައްވައިގެން ޤައުމީ ޒިންމާއަކާ ޙަވާލުވެވަޑައިގެން ތިއްބެވި ހަނދުމަފުޅެއް ވެސް ނެތް ކަހަލައެވެ.

ވީމާ، އަޅުގަނޑު އަމިއްލަ ނަފުސާ ކޮށްލާން ބޭނުންވާ ސުވާލަކީ، ކިތަންމެ ރީއްޗަށް ފެހިކުލައިގެ ބަނޑޭރިގަނޑެއްލައިފައި އޮތް ފޮތެއްގައި "ދިވެހި ދައުލަތަކީ މިނިވަން މުސްތަޤިއްލު ޤައުމެކޭ" ލިޔެގެން ތިއްބަސް ޢަމަލީ ގޮތުން އެ އިސްތިޤުލާލާއި ސިޔާދަތާއި މިނިވަންކަން ނެތްނަމަ، އަދި 1965 ވަނަ އަހަރުގެ ކުރީން އޮތް ޙާލަތަށް ވުރެ އަޅުގަނޑުމެންގެ މިނިވަންކަމުގެ ޙާލަތު ދަށަށް ގޮސްފައި އޮތް އިރު، އަދިވެސް އަޅުގަނޑުމެން "މިނިވަން ދުވަސް" ފާހަގަކުރާން ޖެހޭނެތޯ ކުރާ ސުވާލެވެ. ދިވެހި ޤައުމިއްޔަތަށް މިހާ ބޮޑަށް ބަޔަކު ޚިޔާނާތްތެރިވެ ޣަދަރުވެރިވެފައި އޮތް ދުވަސްވަރެއް، ހަމަ ގައިމުވެސް ދިވެހި ތާރީޚު ބަލައިބަލައި ވެސް އަޅުގަނޑަކަށް ނުފެނުނެވެ. ވެރިކަމުގެ ބާރުތަކާއި ސަލާމަތީ ބާރުތަކުގެ އެހީގައި އެ މީހުންގެ ރުހުމުގައި އަޅުވެރިކަމަށް ޤައުމު ކޮށްޕައިލި ޒަމާނެއް ހަމަގައިމު ވެސް ލިޔެވިފައިވާ ތާރީޚަކުން ފެންނާކަށް ނެތެވެ.

މި ކަންކަން އެކަންޏެއް ނޫނެވެ. މިނިވަންކަމާއެކު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤުން ވެސް މިއަދު "ވަކި ބަޔަކު" ވަނީ މަޙުރޫމުވެފައި ކަމަށާއި އިންތިޚާބީ އެއްތައް ޙައްޤެއް ވަނީ ހިފެހެއްޓިފައި ކަމަށް އިވެއެވެ. އިންތިޚާބީ ޙަރަކާތެއްގައި ވެސް ވަކި ޕާޓީއެއްގެ އޮފީހަށް ދިޔުން ވެސް މަނާކުރެވޭކަމަށް ވެއެވެ. އަދި މީޑިއާތައް "ސައިޒުވާން" އެސްއޯ ފުލުހުން އަންގަވައި އިންޒާރު ކުރައްވައިފި ކަމަށް ވެސް ހުކުރުދުވަހުގެ ރޭ ފެނުނު މީޑިއާ ޚަބަރެއްގައި ބުނެއެވެ. މިއީ ތެދެއްކަމަށް ވާނަމަ، މިއީ ޚުދުމުޚުތާރުކަމުގެ އިންތިހާއެވެ. މިއިން އެއްވެސް ކަމަކީ ޑިމޮރެސީ ދަންނަ ކަންކަމެއް ނޫނެވެ. ޑިމޮކްރެސީގެ ކަންފުޅެއް ވެސް އޮތް ޤައުމެއްގައި މި ފަދަ ކަންކަމެއް މި ގޮތަކަށް ނިހިނގާނެއެވެ. ނަމަވެސް، މީސްމީޑީއާ ބަންދެއް ނުކުރެވޭނެތާއެވެ. އުނދަގޫތަކާއެކު ވެސް އޮންލައިން ނޫސްތަކާއި މުޅި މީޑިއާ މަރުނުވެ ދިރިދެމި މި އޮތް ސަބަބަކީ ވެސް ފަންނިއްޔާތު ކުރިއަރައިފައި އޮތް އޮތުމުގެ ސަބަބުން މީސްމީޑިއާ ކޮންޓްރޯލްކުރާން އެހާ ފަސޭހަ ނުވާތީ ކަމަށް ބެލެވެއެވެ.

މި ކަންކަމުން ސަލާމަތް ވާން ދެން އޮތީ ހަމަ ކުޑަކުޑަ ފުރުޞަތެކެވެ. އެންމެ ފުރުޞަތެކެވެ. ވަރަށް ހަނި ފުރުޞަތެކެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ. ވަރަށް ޚުޠޫރަތްތެރި ވާހަކައެކެވެ. ޤައުމަށް ހެޔޮ އެދޭ އިސްވާރުން މީގެ ކުރީން ދެއްވި ނަސޭހަތަށްވުރެ، ގުސްތަރުންތަކެއްގެ މަކަރުވެރި ބަސްތަކާއި މަކަރުވެރި "ހަދިޔާތައް" ގިނަ ބަޔަކަށް ނުވަތަ އިސް ބަޔަކަށް ގަބޫލުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް މުހިންމު ދެ ފުރުޞަތެއް އޮތީ ގެއްލިފައެވެ. ދެން މިއޮތީ ފަހު ފުރުޞަތެވެ. އިސްވެ ދެންނެވުނު ފަދަ ޚިޔާނާތްތަކާ ރައްޔިތުން ދެކޮޅުކަން، މި އަންނަ ލޯކަލް އިންތިޚާބުތަކުގައި ވޯޓުން ދައްކާންވީއެވެ. ވަކި މީހަކަށް ބެލުމެއް ނެތި، ހަމައެކަނި ރުކަށް ވޯޓު ދޭންވީއެވެ. އެހެން ނޫންނަމަ، ދިވެހީންގެ ރީތި ޕާސްޕޯޓްގެ ބަދަލުގައި އެހެން ޤައުމެއްގެ މާ ހުތުރު ޕާސްޕޯޓެއް ހިފައިގެން ބޭރު ޤައުމުތަކަށް ދާން އަޅުގަނޑުމެންނަށް މަޖުބޫރުވާނެ ދުވަސް އޮތީ މާ ދުރެއްގައެއް ނޫނެވެ. ދިވެހީންގެ ރީތި ފައިސާގެ ނޫޓު ދޫކޮށް އެކި ސައިޒުތަކަށް ހުންނަ ބުދުޖެހި ފައިސާ، އިޤުތިޞާދީ މުޢާމަލާތުގައި ހިތާ ދެކޮޅަށް ނަމަވެސް، ބޭނުންކުރާން ޖެހުމުގެ މަޖުބޫރީ އޮތީ ދާދި ގާތުގައެވެ. ދުނިޔޭގެ ޗާޓުން މިނިވަން ދިވެހިރާއްޖެ އުނިވެ، އާ "ސިއްކިމެއް" ޤައުމިއްޔަތުގެ ދުރުމީއަށް ސިފަވާން ފަށައިފާނެއެވެ. މިސްކިތްތަކުން އިވޭ ބަންގިއާ އެއްވަރަށް ނުވަތަ އެއަށްވުރެ ބާރަށް ފައްޅިތަކުން އިވޭ ރަނގަބީލުގެ އަޑުން މި ވެށި މުޑުދާރުކޮށްފާނެއެވެ. (އެފަދަ ދުވަހެއް ނުދައްކަވާށިއެވެ!) އޭރުން އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑުގައި އަޅުގަނޑުމެން ދިރިއުޅޭންޖެހޭނީ ލަދުވެތިކަމާއި ނިކަމެތިކަމާއެކު ދެވަނަ ދަރަޖައިގެ ރަށްވެހީންގެ ގޮތުގައެވެ. އޭރުން އަންނާން އޮތް ޖީލުތަކަށް އަޅުގަނޑުމެން ދައްކާނީ ކޮން މޫނެއްތޯއެވެ!

ވީމާ، ޤައުމަށް އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި ތެދުވާންވީއެވެ. މަވެތިކަމާއި ގުސްތަރު ބަސްތައް އެއްފަރާތްކޮށް ކަށަވެތިވާންވީއެވެ. ފުލުހުންނާއި އިންތިޚާބާ ބެހޭ ވިދާރާއިން ވެސް އަދި މުޅި ސަރުކާރުން ވެސް މި ކަމަށް ހުރަސް ނާޅުއްވާންވީއެވެ. އެ ބޭފުޅުންނާއި އަދި ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ލާބައާއި މަންފާ ހުރީ މި ގޮތުގައެވެ. ސަލާމަތުގެ އައްސޭރިއެއްގެ އުންމީދެއް ވެސް މިހާރު އޮތީ މި ގޮތުގައެވެ. މިއީ ފަހު ފުރުޞަތެވެ. ދެ ފުރުޞަތު ވަނީ ގެއްލިފައެވެ. ދެން އޮތީ އެންމެ ފުރުޞަތެކެވެ.