Support Us

އަތުކުށް- 10

އަޅުގަނޑު ސިލްސިލާ ގޮތެއްގައި ލިޔަމުން މި ގެންދާ ލިޔުމުގައި މިއަދު ބަލައިލާނީ ނޫހެއްގައި އޮތް ދެ ޖުމުލައެއްގެ މައްޗަށެވެ. އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ނޫސްވެރީންނާއި އެންމެހައި ދިވެހީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއް ނުކުރަމެވެ. އެހެނީ އަޅުގަނޑުގެ ހަގީގީ ބޭނުމަކީ، އެ ދުވަހެއްގައި ފާހަގަކުރެވުނު ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް ބަޔާންކުރުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދާއި މަގުސަދާއި ނިޔަތެވެ.

އަޅުގަނޑު މި ފާހަގަކުރަނީ ލިޔުއްވައިފައި ހުންނަ ގޮތްގޮތަށް ވުރެ، ރަނގަޅަށް ވިދާޅުވެވިދާނެ، ލިޔުއްވިދާނެ ބައެއް މިސާލުތަކެވެ. އެ ޢިބާރާތްތައް އެއަށްވުރެ މާ ރަނގަޅަށް ވެސް އެ ބޭފުޅުންނަށް ލިޔުއްވޭނެކަން އަޅުގަނޑަށް އެނގެއެވެ. ޢިބާރާތް އެހެން ގޮތަކަށް ބައްޓަންކުރައްވައިގެންނެވެ. އެހެންކަމުން އަޅުގަނޑު މިސާލުތައް މި ގެންނަނީ އެ ޢިބާރާތް ހުށައަޅުއްވައިފައި އޮތް އުސްލޫބަށް މާ ބޮޑު ބަދަލެއް ނުގެނެސް ކުދިކުދި ބަދަލު ގެނެސްގެން ބަދަލުކޮށްލެވިދާނެ ގޮތްގޮތުގެ މައްޗަށެވެ.

މިއަދު ފާހަގަކޮށްލާން އަޅުގަނޑު އިޚުތިޔާރު ކުރި ޢިބާރާތުގައި ދެ ޖުމުލައެއް އެބަ އޮތެވެ. ދެ ޖުމުލައިން އަޅުގަނޑަށް ފާހަގަކުރެވުނީ، ދިވެހިބަހުން ލިޔުއްވޭން އޮއްވައި، ބޭރު ބަހެއްގެ ނުވަތަ ބަސްބަހުގެ މާ ގިނަ ލަފުޒުތައް ބޭނުންފުޅުކުރެއްވުމާއި ދަރަޖަ މަސްހުނިކުރެއްވުމާއި ލަފުޒު ދުރުނުކޮށް ހުރުމުގެ މައްސަލައެވެ. ވީމާ، މި ކަންކަން ރަނގަޅުކޮށްލައިގެން އެ ޖުމުލަ ލިޔެވިދާނެ ގޮތުގެ މިސާލެއް އަޅުގަނޑު ދަންނަވައިލާނަމެވެ.

މި ދެންނެވި ދެ ޖުމުލައަކީ "މިދިޔަ 14 ދުވަހަށް ބަލާއިރު ހައިރިސްކު 100 ބޭފުޅުން އެބަތިއްބެވި ރެފިއުސް ކޮށްފައި ގޭގައި. ދެން އަދި ރޫޓިން ކޭސްތަކުގެ ތެރޭގައި އިމަޖެންސީ ހާލަތެއް ދިމާނުވި ނަމަވެސް ފެސިލިޓީ އަކަށް ދާން ބޭނުން ނުވާ ބޭފުޅުންގެ ތެރޭގައި 11 ބޭފުޅުން އެބަތިއްބެވި."މިއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ދަރަޖަ މަސްހުނިކުރުމަކީ އިބާރާތަށް ވަރަށް ބޮޑު އުނިކަމެއް އަންނާނެ ކަމެކެވެ. އަދި އެކަކާ އެއްބަޔަކާ މުޚާޠަބުކޮށް އެއް ވަގުތެއްގައި ތަފާތު ދަރަޖައިން ބޭނުންކުރުމަކީ، އެ މުޚާޠަބުކުރެވޭ ފަރާތަށް ކުރެވޭ މަލާމާތެއްކަމަށް ވެސް އެ މީހަކު ނުވަތަ އެ ބަޔަކު ދެކެފާނެ ކަމެކެވެ.

މި ތާނގައި އަޅުގަނޑު ފާހަގަކޮށްލާން ބޭނުންވާ، ވަރަށް މުހިންމު ނުކުތާއެއް އެބަ އޮތެވެ. މި ޢިބާރާތް އަޅުގަނޑު ނަކަލުކޮށްލީ ނޫހަކުން ކަމަށް ވިޔަސް، ނޫސްވެރިޔާ ނުވަތަ ލިޔުންތެރިޔާ މި ޢިބާރާތް ނަކަލުކުރައްވައިފައި މި އޮތީ އެހެންބޭފުޅަކު ވިދާޅުވި ގޮތަށެވެ. އެހެންވީމާ، މީގައި މި ފާހަގަކުރެވެނީ ލިޔުންތެރިޔާގެ މައްސަލައެއް ނޫނެވެ. އެހެން ވިދާޅުވި ބޭފުޅަކު ވިދާޅުވި ގޮތަށް ލިޔުއްވާ އިރު ލިޔުއްވޭނީ އެ ވިދާޅުވި ގޮތަކަށްތާއެވެ! އެހެންކަމުން މި ކަން ފާގަހަކޮށްލާން ބޭނުންވީއެވެ.

އެހެންވީމާ ކުށް އިސްލާހު ކުރާން އަޅުގަނޑުމެން ބޭނުން ވާ ނަމަ، ހުރިހައި ފަރާތެއްގެ އެއްބާރުލެއްވުން ވެސް އެބަ ބޭނުންވެއެވެ. ވާހަކަދެއްކުންތެރީންނެވެ. އާންމު ބަސްދީގަތުން ދެއްވާ ބޭފުޅުންނެވެ. ލިޔުންތެރީންނެވެ. ނޫސްވެރީންނެވެ. ހުރިހައި ބޭފުޅުންގެ އެއްބާރުލެއްވުމާއެކު މި ކަންތައް އަޅުގަނޑުމެންނަށް ކުރެވޭނެއެވެ.

ކޮންމެއަކަސް އެ ޖުމުލައިން ފާހަގަކުރެވުނު އަނެއް ކަމަކީ، ރީތި ދިވެހި ލަފުޒުތައް، އަދި އާންމު އާދައިގެ ދިވެހި ލަފުޒުތައް، ހުއްޓައި ބޭރު ބަހެއްގެ ލަފުޒުތައް ބޭނުންފުޅުކުރައްވައިފައި ހުރުމެވެ. ދެ ބަސް މަސްހުނިކުރައްވައިގެން ވާހަކަފުޅުދެއްކެވުމަކީ، ނުވަތަ ލިޔުއްވުމަކީ އެ ވާހަކަދައްކަވާ ނުވަތަ ލިޔުއްވާ ބޭފުޅެއްގެ މޮޅުކަން ދޭހަވާނޭ ކަމެއް ނޫނެވެ. އެކަމުން ދޭހަވަނީ އެ ގޮތަށް ވާހަކަފުޅުދައްކަވާ ބޭފުޅަކު ދިވެހިބަހަށް ކޮށިކަމެވެ. އެއީ ފަޚުރެއް ނޫނެވެ. ތިމާގެ އަމިއްލަ މާދަރީބަހަށް ތިމާ ކޮށިވުމަކީ ލަދުވެތިކަމެކެވެ. ބޭރު ބަހަކުން ވާހަކަފުޅުދައްކަވާން ބޭނުންފުޅު ނަމަ އެ ބަހަކުން ވާހަކަފުޅުދެއްކެވުމަކީ އެ ފަދަ މަގާމުތަކުގައި މައްސަލައެއް ނޫނެވެ. ރަނގަޅު ކަމެކެވެ. ނަމަވެސް ދިވެހިބަހުން ވާހަކަދައްކައި ލިޔެކިޔައި ހަދާ ނަމަ، ދިވެހިބަހުން، މައް ދިވެހީންނަށް އެނގޭ ގޮތަށް، ވާހަކަދައްކައި ލިޔެކިޔައި ހަދާން އަޅުގަނޑުމެން އެންމެން ވެސް ވިސްނާން ޖެހެއެވެ.

އަޅުގަނޑު މި ފާހަގަކުރި ދެ ޖުމުލައިގައި ލަފުޒު ދުރުކުރުމުގެ މާ ބޮޑު މައްސަލައެއް ނެތްކަން ވެސް އުފަލާއެކު ފާހަގަކުރަމެވެ. ހަމަ މި ފަދައިން ސުކުންކުރުމުގެ ހަމަތައް ބޭނުންފުޅުކުރައްވައިފައި ހުރީ ރަނގަޅަށްކަން ވެސް ފާހަގަކުރަމެވެ. އެހެންވީމާ ބަހުގެ ހަމަތަކަށް ލިޔުންތެރިޔާ ސަމާލުކަން ދެއްވައިފައިވާކަން އަޅުގަނޑު ފާހަގަކުރަމެވެ. އެ ކަމަށް ޓަކައި އުފާކޮށް ތަހުނިޔާ ދަންނަވަމެވެ. އަދި ނުކުތާޖެހުން ކޮންމެހެން ލާޒިމު ލަފުޒެއްގައި ނުކުތާ ނުޖަހައެއް ވެސް ނެތެވެ. ނުކުތާ ޖެހި އަކުރުތައް އަޅުގަނޑުމެންނަށް މުޠުލަޤަށް އުވައިލެވެން ނެތަސް، ދިވެހިވެފައި ހުރި، ގަވާއިދު، ހާލަތު، އާންމު، ހާޒިރީ ފަދަ ލަފުޒުތައް އެ ލަފުޒުތައް އައި އަސްލަށް ރުޖޫއަކުރުމަކީ އަޅުގަނޑު ވެސް ދެކޮޅުހަދާ ކަމެކެވެ. ނަމަވެސް ނުކުތާ ޖަހާ ކޮންމެ ލަފުޒަކީ އަރަބި އަސްލުން އައި ލަފުޒުތައް ކަމަށް ބަލައިގެން ވެސް ނުވާނެއެވެ. މިސާލަކަށް ޚަރަދު، ފާޚާނާ، ބައިނަލްއަޤުވާމީ، ބައްޕަ ފަދަ ލަފުޒުތަކުގައި ނުކުރާ ހުއްޓަސް މިއިން އެއްވެސް ލަފުޒަކީ އަދި އެ ލަފުޒުތަކުގެ އަސްލަކީ ވެސް  އަރަބި ލަފުޒެއް ނޫންކަން އަޅުގަނޑުމެންނަށް އެބަ އެނގެއެވެ. އެހެންނަމަވެސް /ޚ/ އާއި /ޝ/ އަކީ ވެސް އަދި /ޟ/އަކީ ވެސް އަޅުގަނޑުމެންގެ ބަހުގައި މިހާރު ހުރި އަޑުތަކެއް ކަމަށް ވުމާއެކު ބައެއް މަގާމުތަކުގައި އެ އަޑުތައް ރަމްޒުކޮށްދޭ އަކުރުތައް ބޭނުންކުރާންޖެހޭތީ ނުކުތާޖެހި އަޑުތައް މުޠުލަޤަށް އުވައިލުމަކީ ބަހަށް މުއްސަނދިކަން އަންނާނޭ ކަމެއް ނޫނެވެ. ނަމަވެސް ކުރީން ވެސް ދެންނެވި، ނުކުތާ ނުޖަހައި ބޭނުންކުރުން އާންމުވެފައި ހުރި، މައް ދިވެހި ލަފުޒުތައް ކަމަށް ބެލެވޭ، ގަވާއިދު، އާންމު، ހަގީގަތް، ގަބޫލު، ގަލަން، ހާޒިރީ، ގަމީސް ފަދަ ލަފުޒުތަކުގައި ނުކުތާޖެހުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. ހަމަ މިފަދައިން ޚަރަދު، ޚަބަރު، ޝުކުރު ފަދަ ލަފުޒުތަކުން ނުކުތާ އުނިކުރުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ.

އަސްލު މައުޟޫޢާ ކުޑަކޮށް ދުރަށް ޖެހިލެވުނު ނަމަވެސް މި ދެންނެވުނީ ވެސް ބޭނުންތެރި ވާހަކައަކަށް ބަލައި، އިސްވެ ދެންނެވުނު ޢިބާރާތް، މިހާރު އޮތް ގޮތަށްވުރެ ރަނގަޅަށް ވިދާޅުވެވިދާނެ ނުވަތަ ލިޔުއްވިދާނެ ގޮތެއް ކަމަށް އަޅުގަނޑަށް ފެންނަ ގޮތް ދަންނަވައިލާނަމަވެ.

"މިދިޔަ 14 ދުވަހަށް ބަލާ އިރު، ހިރާސް ބޮޑު 100 ބޭފުޅުން އިންކާރު ކުރައްވައިފައި ގޭގައި އެބަ ތިއްބެވި. ދެން، އަދި އާންމު ވޭދަނަތަކުގެ ތެރޭގައި، ކުއްލި ހާލަތެއް ދިމާނުވި ނަމަވެސް ޚިދުމަތްދޭ މަރުކަޒަކަށް ވަޑައިގަންނަވާން ބޭނުންފުޅު ނުވާ ބޭފުޅުންގެ ތެރޭގައި 11 ބޭފުޅުން އެބަ ތިއްބެވި."

އަޅުގަނޑަށް ޔަގީނެވެ. މިހެން ވިދާޅުވި ބޭފުޅަކަށް މި ޢިބާރާތް މާ މޮޅަށް ވިދާޅުވެވިދާނެއެވެ. ލިޔުއްވާ ބޭފުޅުންނަށް ލިޔުއްވިދާނެއެވެ. އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ ކުށް މަދު ސާފު ދިވެހިބަހުން ވާހަކަފުޅުދައްކަވައި ލިޔުއްވާން ތިޔަ ބޭފުޅުންނަށް ހިތްވަރު އެރުވުމެވެ. ތިޔަ ބޭފުޅުންގެ ދޫފުޅުންނާއި ގަލަންކޮޅުތަކުން މޮޅު، ކުށް މަދު، އިބާރާތްތައް އިވި، ދެކި، އޭގެ ފައިދާ އަޅުގަނޑުމެން އެންމެންނަށް ވެސް ޙާޞިލުވުމެވެ.