Support Us

އަތޮޅުތެރެއާއި އަތޮޅުތައް

ތަފާތު ދެ ލަފުޒެކެވެ. މާނަ ވެސް ތަފާތެވެ. ބޭނުންކުރާންޖެހޭ ގޮތް ވެސް ތަފާތެވެ. ދިވެހިބަހުގެ ގަވާއިދު ބުނާ ގޮތުން އަދި ބަހުގެ ރަދީފުގައި ބަޔާންކޮށްފައި ފަދައިން [ތެރެ]އަކީ އެތެރެއަށް ނިސްބަތްކޮށް ބޭނުންކުރާ އަކުރެކެވެ. މަސައްކަތު ލަފުޒެކެވެ. މިސާލަކީ: ކޮޓަރިތެރެ (ކޮޓަރީގެ އެތެރެ)، އަތޮޅުތެރެ (އަތޮޅުގެ އެތެރެ)، ރާއްޖެތެރެ (ރާއްޖޭގެ އެތެރެ) އެވެ.

”ތައް“ މިއީ އެއްޗަކަށް ކިޔާ ނަމެއްގެ ގޮތުގައި ބޭނުންކުރާ ލަފުޒެއް ނަމަވެސް އާންމުކޮށް ”ތައް“ ”މެން“ ”ފަހަރު“ ފަދަ އަކުރުތަކަކީ ދިވެހިބަހުގެ ގަވާއިދު ބުނާ ގޮތުން އެއީ ނަން ގިނަކުރުމުގެ ގޮތުން ބޭޏުންކުރާ އަކުރުތަކެކެވެ. ގިނަކުރުމަށް ބޭނުންކުރާ އެހެން އަކުރެއް ދިވެހިބަހުގައެއް ނޯވެއެވެ. ގިނަ ކުރުމަށްޓަކައި ދެން ބޭނުންކުރާ ގޮތަކީ ލަފުޒު ފަށްކުރުމެވެ. މިސާލު: އަތޮޅުއަތޮޅު، ރަށްރަށް، ގޭގެ، ގޮނޑިގޮނޑި މި ގޮތަށެވެ. ”ތައް“ ބޭނުންކޮށްގެން ނަން ގިނަކުރުމުގެ މިސާލަކީ އަތޮޅުތައް، ރަށްތައް، ގެތައް، ގޮނޑިތައް މިއެވެ. މި ދެ ގޮތަށް ގިނަ ކުރެވުނަސް މި ދެ ގޮތުގައި މާނައިގެ ކުޑަކުޑަ ތަފާތެއް ވެއެވެ. (އެވާހަކަ އެހެން ފަހަރަކުން އިރާދަކުރެއްވިއްޔާ އޮޅުން ފިލުވައިދެވޭތޯ މަސައްކަތްކުރާނަމެވެ.)

ނަމަވެސް ގިނަކުރުމުގެ މާނައިގައި މިހާރަކަށް އައިސް ރަސްމީ އެކިއެކި އިދާރާތަކުންނާއި ދައުލަތުގެ އިސް ބޭފުޅުން، "ތެރެ" ބޭނުންފުޅުކުރެއްވުން ޢާއްމުވެއްޖެއެވެ. އަނެއްކާ މީގެ އެންމެ ހިތާމަހުރި ކަމަކީ، ބަހުގެ މާހިރުން، ރަނގަޅު ގޮތް ވިދާޅުވެދެއްވީމާ ގަބޫލުނުކުރާ ހިސާބަށް އެކަން ދިޔުމެވެ. ދާދީފަހުން ކޮންމެވެސް ބޭފުޅަކު އަތޮޅުތަކުގެ ނުވަތަ ރާއްޖެތެރޭގެ ތަޢުލީމު ފެތުރުމާ ބެހޭ ގޮތުން، ރާއްޖޭގައި ތިއްބެވި މަޝްހޫރު ބަހަވީ ޢިލްމުވެރީންގެ ތެރެއިން ބޭފުޅަކާ ވާހަކަދެއްކެވި ދަނޑިވަޅެއްގައި، އަތޮޅުތަކުގެ މާނައިގައި އަތޮޅުތެރެއެކޭ ނުކިޔޭނެ ކަމަށާއި އެއީ ކުށް ގޮތެއް ކަމަށް ވިދާޅުވީމާ ވެސް އެ ވާހަކަ ގަބޫލުފުޅެއް ނުކުރެއްވިއެވެ. އެ ގޮތަށް އެ ބޭފުޅެއްގެ އަރިހުގައި ވިދާޅުވީ އަޅުގަނޑު ކަހަލަ އާދައިގެ މީހެއް ނޫނެވެ. ބަހަވީ ޢިލްމުވެރީން (ލިންގިސްޓުން)ގެ ގޮތުގައި ރާއްޖޭގައި ނަންހިނގާ އެންމެ މަޝްހޫރު އެއް ބޭފުޅެކެވެ.

ބައެއް ބޭފުޅުން، އަތޮޅުތަކަށް [އަތޮޅުތެރެ]އޭ ވިދާޅުވަނީ [ރާއްޖެތެރެ] ވިދާޅުނުވާންވެގެން ކަމަށް އިވެއެވެ. ނަމަވެސް މި ދެ ލަފުޒުގެ މާނަ ހާދަހާ ތަފާތެވެ. [ރާއްޖެތެރެ] އިން ދޭހަވަނީ ރާއްޖޭގެ އެތެރޭގެ މާނައެވެ. ހަގީގަތުގައި ބައެއް ފަހަރު [ރާއްޖެތެރެ]އޭ ނަންގަނެވޭ ޙާލަތްތަކުގައި [މާލެ] އިސްތިސްނާ ކުރަނީ، ކ. އަތޮޅުގެ ރަށްރަށޭ ބުނާ އިރު އޭގައި މާލެ ނުހިމެނޭ އުޞޫލުންނެވެ. ހަގީގަތަކީ ޖުޣުރާފީ ގޮތުން މާލެއަކީ ކ.އަތޮޅުގެ ރަށެކެވެ. މާލެއަށް ނިސްބަތްކޮށް މާލެ އަތޮޅަށް ނަންދީފައިވުމީ ވެސް މިކަމުގެ ދަލީލެއް ނޫންތޯއެވެ. ނަމަވެސް ރާއްޖޭގެ ވެރިކަން ހިންގުމުގެ އިދާރީ ބޭނުމަށް ޓަކައި މާލެ، މުޅި ރާއްޖޭގެ ވެރިރަށަށް ވާތީ، މި އުޞޫލުން، މާލެއަތޮޅުގެ ރަށްރަށޭ ބުނާ މާނައިގެ ތެރޭގައި ނުހިމެނެނީއެވެ. އެއީ ޖުޣުރާފީ ގޮތުން މާލެއަތޮޅުގެ ރަށަކަށް މާލެ ނުވާތީއެއް ނޫނެވެ.

ހަމަ މި ބީދައިން ޖުޣުރާފީ ގޮތުން ބަލާއިރު މާލެއަކީ ވެސް ރާއްޖޭގެ ރަށެކެވެ. ރާއްޖެތެރޭގެ ރަށެކެވެ. ރާއްޖޭގެ އެތެރޭގައި އޮންނަ ރަށެކެވެ. އެއީ ރާއްޖެއިން ބޭރުގައި އޮންނަ ރަށެއް ނޫނެވެ. ނަމަވެސް “ރާއްޖެތެރެ” އޭ ބުނާ މާނައިގައި ބައެއް ފަހަރު މާލެ ނުހިމަނަނީ ކުރީން މި ދެންނެވި އިދާރީ ސަބަބަށްޓަކައެވެ. މުޅި ރާއްޖޭގެ ވެރިރަށަށް ވާތީއެވެ. ރާއްޖޭގެ އެންމެން ނިސްބަސްވާ އެބައިމީހުންގެ ވެރިކަންކުރާ މައި ރަށަށް ވާތީއެވެ. އެހެން ޚާއްޞިއްޔަތެއް އެހެން އިމްތިޔާޒެއް، އެހެން ޤަދަރެއް އެ ރަށަށް ދެވިގެނެއް ނޫނެވެ.

ހަގީގަތުގައި އަޅުގަނޑަށް ބާރެއް އޮވެގެން ތަންތަނަށް ނަންކިޔާނަމަ، ދާޚިލީ ވަޒީރަށް ކީހީ [ރާއްޖެތެރޭގެ ކަންތައްތައް ބަލަހައްޓާ ފުރަދާނަ] އެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ފަދަ މައް ދިވެއްސަކަށް ލިބޭނެ އިޚުތިޔާރެއް ނޫންކަން ވެސް އެނގެއެވެ.

އަޅުގަނޑު ތަކުރާރުކޮށް ވެސް ދަންނަވައިލާން ބޭނުންވެއެވެ. ކިތަންމެ ބަޔަކު، ކިތަންމެ ނުފޫޒުގަދަ ބަޔަކު ނުވަތަ އެންމެން ކިޔަސް [އަތޮޅުތެރެ]އޭ ބުނުމަކުން ރާއްޖޭގެ ހުރިހާ އަތޮޅެއް ޝާމިލެއް ނުވެއެވެ. އެއީ ކޮންމެވެސް އަތޮޅެއްގެ އެތެރޭގެ މާނަ ދޭހަކޮށްދިނުމަށްޓަކައި ބޭނުންކުރެވޭނެ ނަމެކެވެ. މިސާލަކަށް: އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުތެރެއަށް ފުރައިވަޑައިގެންފިއޭ ބުނީމާ އެ ދަތުރުފުޅުގައި އަތޮޅުން ބޭރަށް ވަޑައިނުގަންނަވާނެކަން ދޭހަވާނެއެވެ. އަތޮޅުތެރެއަކީ އެ އަތޮޅެއްގެ އެތެރެއެވެ. އެ އަތޮޅުގައި ހުރި ރަށްރަށެވެ.

އަޅުގަނޑުމެން ގޭތެރެ ސާފުކޮށްލާ އިރު ހުރިހާ ގެޔަކާ ބެހެންތޯއެވެ؟ އަޅުގަނޑުމެން މާނަކުރަނީ ހަމައެކަނި އަޅުގަނޑުމެން އުޅޭ ގޭގެ އެކަނި ނޫންތޯއެވެ؟ ރަށެއްގެ ކައުންސިލުން ރަށުތެރެއަށް އަޑު ފޯރާގޮތަށް އަޑުގަދަކުރާ ހަރުކޮށްފީމޭ ބުނީމާ އެއީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ރަށުތެރޭގެ ވާހަކަ ނޫންތޯއެވެ؟ އަތޮޅުކައުންސިލްގެ ރައީސް އަތޮޅުތެރެއަށް ފުރައިވަޑައިގަންނަވާނީ އެ އަތޮޅުތެރެއަށް ނޫންތޯއެވެ؟ އެހެންވީމާ ހުރިހާ އަތޮޅަކަށް ނިސްބަތްކޮށް [އަތޮޅުތެރެ]އޭ ކިޔޭނެ އެއްވެސް ޙުއްޖަތެއް އެބަ އޮތްތޯއެވެ؟ ބޮޑެތި ބޭފުޅުން، ގިނަ މީހުން ކިޔާ ގޮތަކީ ޙުއްޖަތެއް ނޫނެވެ. އެންމެން އެކަމެއް ކުރިޔަސް ގަވާއިދާ ޚިލާފު ކަމެއް ވާނީ ހަމަ ގަވާއިދާ ޚިލާފުކަމަކަށެވެ. ގިނަ މީހުން ކުރުމަކީ ކަމެއްގެ ރަނގަޅު- ނުރަނގަޅު ބަލާ މިންގަނޑެއް ނޫނެވެ.

[ރާއްޖެތެރެ]އޭ ކިޔުމަކީ [ދާޚިލީ]ގެ މާނައިގައި އަޅުގަނޑަށް ހަމަ ކަމުދާ ލަފުޒެކެވެ. ނަމަވެސް ހުރިހާ އަތޮޅަކަށް ނިސްބަތްކޮށް އެހެން ވިދާޅުވާން ތިޔަ ބޭފުޅުންނަށް ދަތިފުޅު ނަމަ، ގިނަކުރުމުގެ އަކުރު ބޭނުންފުޅު ކުރައްވައިގެން [އަތޮޅުތަކޭ] ވިދާޅުނުވާންވީ ކީއްވެތޯއެވެ! މިސާލަކަށް: [މިހާރު ބައެއް އަތޮޅުތަކުގައި ކޮވިޑް19 އަށް ޓެސްޓްކުރެވޭނެ ވަސީލަތްތައް ޤާއިމުކުރެވިއްޖެ އެވެ.] ނުވަތަ [އަތޮޅުތަކުގެ ރައްޔިތުންގެ ކަންބޮޑުވުން…..”، އަތޮޅުތަކާއި މާލެއާ ތަފާތު ނުކުރުން…] [އަތޮޅުތަކުގެ ތަރައްޤީއަށް އިސްކަންދިނުން…] ފަދަ ގޮތްގޮތަށް ބޭނުންފުޅުކުރެއްވިދާނެ ނޫންތޯއެވެ!

އެއްވެސް ޝައްކެއްނެތެވެ. ކިތަންމެ ފުންނާބު އުސް ބޭފުޅަކު ވިދާޅުވިޔަސް [އަތޮޅުތެރެ] މި ލަފުޒުން “އަތޮޅުތަކުގެ” މާނައެއް ނުނިކުންނާނެއެވެ. ގިނަކުރުމުގެ މާނައިގައި [ތެރެ] ބޭނުންފުޅު ކުރައްވައިގެން, ޤާނޫނީ ނުވަތަ ޝަރުޢީ ލިޔުއްވުމެއް ލިޔުއްވާނަމަ، ނުވަތަ ވާހަކަފުޅުދައްކަވާ ނަމަ، އެ ޢިބާރާތަކުން ޤާނޫނީ މައްސަލައެއް ނުކުތުމަކީ ވެސް ހަމަ ދާދިގާތުގައި އޮންނާނެ ކަމެކެވެ. މިސާލަކަށް: [އަތޮޅުތެރެއަށް ހުރިހާ ވޯޓުފޮށިތައް ފޮނުވައި ނިމިއްޖެ] ވާހަކަ ވިދާޅުވެއްޖެ ނަމަ، އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުވި ވާހަކަ ވިދާޅުވި ކަމަކަށް ނުވާނެއެވެ. އޭރުން ދޭހަވާނީ އެންމެ އަތޮޅެއްގެ ރަށްރަށަށް ފޮނުވިވާހަކައެވެ. ވީމާ ހުރިހާ އަތޮޅުތައް ޝާމިލުވާ ގޮތަށް ވިދާޅުވާ ކޮންމެ ޙާލަތެއްގައި [އަތޮޅުތަކޭ] ވިދާޅުވާށެވެ! [ހުރިހާ ވޯޓުފޮށިތައް އަތޮޅުތަކަށް ފޮނުވައި ނިމިއްޖެ] ވާހަކަ ވިދާޅުވާށެވެ! [އަތޮޅުތެރެ]އޭ ވިދާޅުނުވާށެވެ! ކޮޓަރިތެރެ (ކޮޓަރީގެ އެތެރެ)، ގޭތެރެ (ގޭގެ އެތެރެ)، ރަށުތެރެ (ރަށުގެ އެތެރެ)، އަތޮޅުތެރެ (އަތޮޅުގެ އެތެރެ)، ރާއްޖެތެރެ (ރާއްޖޭގެ އެތެރެ)، ދުނިޔެތެރެ (ދުނިޔޭގެ އެތެރެ) އޭ ވިދާޅުވާނީ ހަމައެކަނި އެ ނިސްބަސްކުރާ ތަނަކަށް، އެ ތަނެއްގެ އެތެރެއަށް ނިސްބަތްވާ ގޮތަށެވެ. އެކަކު ގަބޫލު ނުކުރިޔަސް ދިވެހިބަހުގެ ހަމައަކީ މިއީއެވެ.