Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

މުންދުގެ ކޮލަމް: ޚާރިޖީ ދެބައޮޑުވުމުގެ ނަމޫނާއާއި ނަތީޖާ

މީގެ ދެތިން ދުވަސް ކުރިން ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ އަހަރުތަކެއް ކުރީގެ ޚަބަރެއް އަޅުގަނޑުގެ ސަމާލުކަން ދަމައިގަތެވެ. އެ ޚަބަރަކީ ރާއްޖޭގައި ހިންގާ ނޫހެއްގައި 24 ޖޫން 2016 ގައި ޝާއިޢުކޮށްފައި އޮތް އިނގިރޭސީ ޚަބަރެކެވެ. އެއިރުގެ އިދިކޮޅު ކޯލިޝަން 'އެމް.ޔޫ.އޯ’ގެ އިސްވެރިން އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް ކުރެއްވި ދަތުރަކާ ގުޅޭ ޚަބަރެވެ.

އޯ.އާރް.އެފްގެ އިދާރާގައި 23 ޖޫން 2016 ގައި ބޭއްވި ބައްދަލުވުން. -ފޮޓޯ: އެމް.އޯ.ޔޫ

އެ ޤައުމުގެ ޚާރިޖީ އަދި އަސްކަރީ ތިންކްޓޭންކެއް ކަމުގައިވާ 'އޮބްޒާވަރ ރިސާރޗް ފައުންޑޭޝަން' ނުވަތަ އޯ.އާރް.އެފްގެ އިދާރާއަށް އެމް.ޔޫ.އޯގެ ވަފުދެއް ޒިޔާރަތްކުރައްވައި، އެތަނުގެ ވެރިންނާ ދެއްކެވި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހަދާފައިއޮތް ޚަބަރެކެވެ. ޚަބަރުގައި ހިމަނާފައި އޮތް ފޮޓޯއިން ފެންނަނީ ބަޣާވާތްކުރުމުގެ ކުށުގައި ޙުކުމް ތައްފީޒުކޮށްފައިވާ މިހާރުގެ ޞިއްޙަތާ ބެހޭ ވަޒީރު ކެރަފާ އަޙްމަދު ނަސީމާއި، ވެންޓިލޭޓަރު ވައްކަމުގެ މައްސަލަގަނޑު ތެރޭގައި ވަޒީފާއިން ވަކިވި ކުރީގެ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ އަމީނާއި އެމް.ޑީ.ޕީގެ ތަރުޖަމާނު ޚާމިދު ޢަބްދުލްޣަފޫރާއި މިހާރު ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤް (މަންނި) އާއި އިސްތިއުފާ ދެއްވި ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދެވެ.

މިޚަބަރު ކިޔާލުމުން ގިނަ ކަންތައްތަކެއް ސާފުވެއެވެ. ރައީސް ޞާލިޙުގެ ވެރިކަމަށް 27 މަސް ދުވަސް ވީއިރު، ދިވެހިންނަށް ފެނި، އެނގިފައި މިއޮތް ބައެއް ކަންކަމުގެ ފަހަތުގައިވާ ހަޤީޤަތް، މިޚަބަރު ކިޔާލުމުން އޮޅުންފިލައެވެ. މިއަދު، މިސަރުކާރު ނަގަހައްޓާ އަވަށްޓެރި އިންޑިޔާއާ އެކު ޤާއިމުކޮށް ދަމަހައްޓަމުންމިދާ 'ޚާއްޞަ' ގުޅުމުގެ އަސްލު ހާމަވެގެންދެއެވެ. ޚާރިޖީ މުފައްކިރަކަށް ނޫނަސް މިކަންކަން މިޚަބަރު ލިޔާލުމުން އެބަ ދޭހަވެއެވެ.

އޯ.އާރް.އެފްގެ ބޭފުޅުންނާ އެދުވަހު ދެއްކެވި ވާހަކަތައް މި ޚަބަރުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައި އެބައޮތެވެ. ޚާރިޖީ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތައް، ޢާންމު އުޞޫލުން އަދި އާދަކާދައިގެ މަތިން، ހާމަކޮށް އުޅޭ މިންވަރަށްވުރެ މާބޮޑަށްވެސް ތަފްޞީލުކޮށްފައި މިޚަބަރުގައި ހިމަނާފައި އެބައޮތެވެ. އަޅުގަނޑުގެ ސަމާލުކަން މިޚަބަރަށް ލިބުނު ސަބަބަކީ އެއީއެވެ. އަޅުގަނޑުގެ ނަޒަރު މިވާހަކަތަކަށް ހުއްޓުނު ސަބަބަކީވެސް އެއީއެވެ.

މި ބައްދަލުވުމުގައި ގިނަ ވާހަކަތައް ދައްކަވާފައި އޮތް ކަމަށްވަނީ ކެރަފާ ނަޞީމެވެ. ކުރީގެ ޚާރިޖީ ވަޒީރެކެވެ. އެއިރު، އެމް.ޔޫ.އޯގެ ގިންތީގައި 'ހިޔަނި ޚާރިޖީ ވަޒީރު' ވެސްމެއެވެ. ފަހުން އެ އިންތިޒާމަށް ބަދަލުއައިސް، ޢަބްދުﷲ ޝާހިދަށް އެ މަޤާމު ލިބުނު ސަބަބާއި، އޭގެ ނުތަނަވަސްކަމުގައި ޞާލިޙާއި ނަޝީދުގެ ދެ އަހަރުގެ އަރައިރުންވުމާއި، އާޚިރުގައި ނަޞީމަށް ވަޒީރުންގެ މަޖިލީހުގެ އެހެން ގޮނޑިއެއް ދިންގޮތުގެ ވާހަކަ އެހެން ދުވަހަކަށް ބާއްވަމާ ހިންގަވާށެވެ. މި ލިޔުމުގައި އަލިއަޅުވާލަން މިބޭނުންވަނީ އެ ދުވަހު ނަޞީމް ދައްކަވާފައި ހުރި ބައެއް ވާހަކަތަކަށެވެ.

ބައްދަލުވުމުގެ މަޤްސަދު ވަރަށްވެސް ސާފެވެ. މި ޚަބަރު ނުބެއްޔަސް، ގިނަ ބަޔަކަށް އެކަން އަންދާޒާވެސް ކޮށްލެވޭނެއެވެ. ރައީސް ޔާމީންގެ ސަރުކާރާމެދު އިންޑިޔާ ސަރުކާރުގައި ނަފްރަތާއި ހާސްކަން އުފައްދާ، ދޭތެރެ ޖައްސާ، އިންޑިޔާގެ ތާއީދާއި އެއްބާރުލުން އެއިރުގެ އިދިކޮޅު ފަރާތްތަކަށް ދީލާލުމެވެ. މިއީ ޚާރިޖީ ދެބައޮޑުވުމުގެ ބައްދަލުވުމެކެވެ. އަދި، ރިޔާސީ އިންތިޚާބަށް އިންޑިޔާގެ ތާއީދާއި މަދަދު ހޯދުންވެސް މިބައްދަލުވުމުގެ މަޤްސަދުތަކުގައި ހިމެނެއެވެ.

މިއީ 'ކާމިޔާބު' ބައްދަލުވުމެއް ކަމާއި އެބޭފުޅުންގެ މަޤްސަދުތައް ހާޞިލުވިކަމާމެދު އެކަކުވެސް ޝައްކެއް ނުކުރާނެއެވެ. އަރާއިރާއި އޮއްސޭއިރަށް މިހާރު ސޮއިކުރެވޭ އެއްބަސްވުންތަކާއި، ބަލައިގަންނަ ބުރަބޮޑު ލޯނުތަކާއި، ހަވާލުކުރާ ޙައްސާސް މަޝްރޫއުތަކާއި، މަރްޙަބާ ކިޔާ މާސިންގާ ވެރިންގެ އަދަދުން މިދެންނެވި 'ޚާއްޞަ' ގުޅުން ވަރަށް ސާފުކޮށް ފެނިގެންދެއެވެ.

އެ ބައްދަލުވުމުގައި ނަޞީމު ދެއްކެވި ފުރަތަމަ ވާހަކައަކީ ރާއްޖެއާމެދު ދަތިކުރުމުގެ ފިޔަވަޅުތަކެއް އިންޑިޔާއިން އަޅަންޖެހިފައިވާކަމުގެ ވާހަކައެވެ. ޑެމޮކްރަސީގެ ނަމުގައެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމުމަށްޓަކައެވެ.

އަޅުގަނޑު އެމް.ޑީ.ޕީއާ ގަޔާނުވާ، އަދި އެޕާޓީއަށް ތާއީދުނުކުރާ ހަމަ އެއާއެކު އެޕާޓީ ހިންގަން ތިއްބެވި އިސްވެރިންނަށް އިތުބާރުނުކުރާ މައިގަނޑު އެއް ސަބަބު މިއޮތީ ހާމަވެފައެވެ. ސިޔާސީ ޚިޔާލު ތަފާތުވުމާއި ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ތެރެއިން ޤައުމަށް އަދި ރައްޔިތުންނަށް ނިކަމެތިކަމެއް ދިނުމަށް ގޮވާލުން އަޅުގަނޑަށް ދުވަހަކުވެސް ބަލައެއްނުގަނެވެއެވެ.

މިއަދު، އަޅުގަނޑު ނިސްބަތްވާ ޕީ.ޕީ.އެމް އަދި ޕީ.އެން.ސީގެ ކޯލިޝަން މިއޮތީ ވާދަވެރި ޕާޓީގެ ގޮތުގައެވެ. މިގޮތުގައި އިދިކޮޅުގައި އަޅުގަނޑުމެން ސަތޭކަ އަހަރު ތިބެން ޖެހުނަސް، ޓޫރިޒަމް ބޯއިކޮޓް ކުރުމަށާއި، މަސްވެރިކަމުގެ ޖީ.އެސް.ޓީ ޕްލަސް ނިގުޅައިގަތުމަށާއި، ބޭރުގެ ބޮޑު ޤައުމަކުން ދަތިކުރުމަށް ފިޔަވަޅުއެޅުން އަޅުގަނޑު ތާއީދެއް ނުކުރާނަމެވެ. އަދި، އެފަދަ ޢަމަލެއް އަޅުގަނޑު ހިމެނޭ ކޯލިޝަނުން ހިންގިޔަވެސް ނުދޭނަމެވެ.

ރާއްޖެއަށް 'ސެންކްޝަންސް' ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ގެއްލުންވަނީ ކާކައްތޯއެވެ؟ ކޮން ބަޔަކަށްތޯއެވެ؟ މިއީ މުހިންމު ސުވާލެކެވެ.

އެއިރު އިންޑިޔާއިން އެފަދަ ބައެއް ޢަމަލު ހިންގިވެސްމެއެވެ. އެމް.ޔޫ.އޯގެ ބަހަށް ހެއްލިގެންތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހެއެވެ. ދިވެހިންނަށް ވިސާ ދިނުން އެދުވަސްވަރު ދަތިކޮށްލިއެވެ. ރާއްޖެއަށް އެތެރެ ކުރަމުންދިޔަ ހިލަ އަދި ހިލަވެލި ފަދަ ތަކެތި އެކްސްޕޯޓުކުރުން އެދުވަސްވަރު ހުއްޓާލިއެވެ. ދައްކަންހުރި ބައެއް ލޯނު ވަގުތުން ދައްކާ ޚަލާސްކުރަން އެދުވަސްވަރު ދިވެހި ދައުލަތަށް އެންގިއެވެ.

އަޅުގަނޑުގެ ނަޒަރުގައި، މިކަންކަމުގެ ސަބަބުން ގެއްލުންވީ ރައީސް ޔާމީނަކަށް ނޫނެވެ. ގެއްލުންވީ ޢާންމު ދިވެހި ރައްޔިތުންނަށެވެ. ބޭސްފަރުވާއަށް އިންޑިޔާއަށް ދާންޖެހިފައި ތިބި ބަލިމީހުންނަށެވެ. އިމާރާތްތައް ނުނިންމިފައި ތިބި ކޮންސްޓްރަކްޝަން ކުންފުނިތަކަށެވެ.

އެހެން ނޫނަސް، އެއިރު އިންޑިޔާގެ ބާރާއި ނުފޫޒު ރާއްޖޭގައި އޮތް މިންވަރުން، އިންޑިޔާއިން ދަތިކޮށްގެން ދިވެހި ޤައުމު އެކީ ހުއްޓުމަށް ގެނެސް، ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރެވޭނެ ބުރަދަނެއް ނުހުންނާނެއެވެ. ނަމަވެސް، މިއަދު އެފަދަ ކަމެއް އިންޑިޔާއިން ކޮށްފިނަމަ، ޤައުމު އެކީ ބަނޑަށްޖެހި، ނިކަމެތިވެ، ހުއްޓިގެންދާނެއެވެ. އެއްވެސް ބަޔަކަށް ވަކި މިންވަރަކަށްވުރެ ބޮޑަށް ބަރޯސާވުމުގެ ބިރަކީ މިއީއެވެ. ނަމަވެސް، މި ލިޔުމުގެ މަޢްޟޫއިން ބޭރުވާތީ، މިނުކުތާ ހަމައެކަނި ހާމަކޮށްލާފައި ކުރިއަށްދާނަމެވެ.

ދަތިކުރުމުގެ ފިޔަވަޅާ ގުޅޭ މި ހުށަހެޅުމަށް ބައްދަލުވުމުގައި ނަޞީމް އިތުރަށް އަލިއަޅުވާލެއްވިއެވެ. ރާއްޖޭގެ އިޤްތިޞާދުގެ 80 އިންސައްތައަކީ ފަތުރުވެރިކަން ކަމަށްވާތީ، ދަތިކުރުމުގެ ފިޔަވަޅު އަޅަންވީ އެދިމާލުން ކަމަށްވެސް ވިދާޅުވެފައި އެބައޮތެވެ.

ނަމަވެސް، އެއިރު އެ އުކުޅު ކާމިޔާބު ވެދާނެ ކަމަކަށް ނުދެކެމެވެ. އެއީ، ވަރަށް ފަހަކާޖެހެންދެން އިންޑިޔާއިން އަންނަ ފަތުރުވެރިން ނިސްބަތުން މަދުވުމެވެ. އެއިރު ފަތުރުވެރިކަމުގައި އެއްވަނައިގައި އޮތް މާކެޓަކީ ޗައިނާއެވެ. އެއަށްފަހު ޔޫރަޕްގެ ބައެއް ޤައުމެވެ. މިއަދު، އިންޑިޔާއިން އިތުރު އެތަކެއް ފްލައިޓް ގެނެސް، ޗައިނާގެ މާކެޓާ އަޅާނުލާ އަދި އެހެން ޤައުމުތަކަށް އިސްކަންނުދީ، ފަތުރުވެރިކަމުގެ ސިޔާސަތު ބަދަލުކޮށްގެން އިންޑިޔާގެ ފަތުރުވެރިންގެ އަދަދު ވަނީ ނިސްބަތުން އެއްވަނަ ނުވަތަ ދެވަނައަށް އުފުލާލެވިފައެވެ. ވީމާ، މިއަދު އެފަދަ އަމަލެއް ހިންގައިގެން ކުރާނެ އަސަރު ބޮޑުވިއަސް، އެއިރު އެހެން އެކަން ވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ކޮންމެއަކަސް، ނަޞީމު އެކަން ޤަބޫލުކޮށް، އެޚިޔާލުވެސް އެވެރިންގެ ބޮލަށް އޮތީ ލާފައެވެ.

ބައްދަލުވުމުގައި ދެން ނަޞީމު ވިދާޅުވީ 'އިންޑިޔާ ކަނޑަކީ އިންޑިޔާގެ ކަނޑު' ކަމަށެވެ. އަޑުއަހަން ތިބި އިންޑިޔާގެ ބޭފުޅުން ނުހަނު އުފާވާނެ ބަޔާންކުރުމަކަށް ވާނެކަން ކަށަވަރެވެ. ނަމަވެސް، އެވިދާޅުވެވުނީ ކީކޭތޯ ވިސްނާލުން މިހުންމެވެ. ޕާކިސްތާނާއި ސްރީލަންކާ އަދި އިންޑިޔާ ކަނޑަށް އައްސޭރިފަށް އޮންނަ އެހެން އަވަށްޓެރި ޤައުމުތަކުގެ ޙައްޤުގެ ވާހަކަ ބާއްވާށެވެ. ނަޞީމަށް އެ އަރައިގަނެވުނީ ދިވެހި ރައްޔިތުންގެ ޙައްޤަކަށެވެ. އިންޑިޔާ ކަނޑަކީ ދިވެހިންގެވެސް ކަނޑެވެ. ދިވެހިރާއްޖޭގެ ވެސް ކަނޑެވެ.

އަޅުގަނޑު ވަރަށް ގިނައިން ބުނެއުޅޭ އެއްޗެކެވެ. އިންޑިޔާ ކަނޑަށް މޯލްޑިވްސް ކަނޑު ކިޔަން މާ އައުލާކަން ބޮޑެވެ. އެހެނީ، އިޤްތިޞާދީ ސަރަޙައްދުގެ ނިސްބަތުން، އެކަނޑުގައި އިންޑިޔާއަށްވުރެ ރާއްޖޭގެ ޙިއްޞާ ބޮޑުވާތީއެވެ. ވެރިކަމުގެ ބޭނުމުގައި ފުރަތަމަ އެ ގޮވާލީ ރައްޔިތުންނަށް ދަތިކުރުމަށެވެ. ދެން އެއޮތީ ރާއްޖޭގެ ޤައުމީ ތަރިކައެއް، ރައްޔިތުންގެ ޙައްޤެއް ހިބައިން އެހެން ބަޔަކަށް ދިނުމަށް ރުހި، ޤަބޫލުކޮށް، ހުށަހަޅާފައެވެ.

މި ބައްދަލުވުމުގައި ދެން ނަޞީމް ދައްކަވާފައި އޮތް ވާހަކަ އަކީ ވިސްނައިގެންވެސް އަޅުގަނޑަށް ދެކޮޅު ނުޖެއްސުނު ވާހަކައެކެވެ. ނަންނުގަނެ ބުނެފައި އޮތީ ޗައިނާގެ ވާހަކައެވެ. އިންޑިޔާއާއެކު ގުޅުން ބަދަހިކުރުމާއެކު އެއްވެސް މިންވަރެއްގައި ޗައިނާއާއެކު ގުޅުން ދެމެހެއްޓުމަކީ ގޯހެއްކަމަށް ނަޞީމް ބަޔާންކުރެއްވިއެވެ. ފުރަތަމަ ސުވާލަކީ މިއަދު މިސަރުކާރުން މިކުރަނީ ކީއްތޯއެވެ؟ ނަޞީމު ވިދާޅުވަނީ، އެންމެނާއެކު ގުޅުން ބޭއްވުމަކީ ބޮޑު ދެޤައުމުގެ ދެމެދުގައި ދޭތެރެ ޖެއްސުންކަމަށެވެ. ދޭތެރެ މިޖައްސަނީ ކޮންބައެއްތޯ އެބަ ސުވާލު އުފެދެއެވެ. ދޭތެރެ ޖެހޭނަމަ ޖެހެނީ ރައީސް ޔާމީންގެ ސިޔާސަތުތަކުގެ ސަބަބުންތޯ ނުވަތަ އެމް.ޔޫ.އޯގެ ވިހަ ވާހަކަތަކުންތޯ އެބަ ވިސްނާލަންޖެހެއެވެ.

އެއަށްފަހު ދައްކަވާފައި އޮތީ ރިޔާސީ އިންތިޚާބުގެ ވާހަކައެވެ. ވިދާޅުވަނީ 2018 ގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ. އަދި، އެކަން ދެނެތިބެ، އިންޑިޔާއިން އިންތިޚާބުގެ ނަތީޖާއާމެދު ސުވާލު އުފެއްދުން މުހިންމު ކަމަށެވެ. ނަތީޖާ ބަލައިނުގަތުން މުހިންމު ކަމަށެވެ. އެއީ ތެދެއް ނަމަ، ރައީސް ޞާލިޙް ވެރިކަމަށް ހޮވުނީ ޞައްޙަ ގޮތުގައިތޯ އިންޑިޔާއިން މިއަދު އެބަ ބަލަންޖެހޭ ދެއްތޯއެވެ؟ އަދި، ޞާލިޙު ހޮވުމުން ނަތީޖާ ބަލައިގަނެގެންވެސް ނުވާނެ ދެއްތޯއެވެ؟

ދެން އޮތީ އެމް.ޔޫ.އޯގެ މައި ތަނބު އެމް.ޑީ.ޕީން ބޭރު މީހުން ބިރުގަންނަވަން އަބަދުވެސް ދައްކާ އުޅޭ 'އިސްލާމިކް އެކްސްޓްރީމިޒަމް’ގެ ވާހަކައެވެ. ނިރުބަވެރި އައިސިސްގެ ވާހަކައެވެ. ނަޞީމް ވިދާޅުވަނީ ރާއްޖޭގައި އެ ޖަމާއަތުގެ ތަމްރީނު ކޭމްޕްތައް ހުރި ކަމަށެވެ.

ފުރަތަމަ ސުވާލަކީ، އެބުނާ ކޭމްޕްތަކެއް ހުރިނަމަ، މިސަރުކާރުން އެތަންތަން ހޯދައި، ބަންދު ނުކުރަނީ ކީއްވެތޯއެވެ؟ އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. މިރާއްޖެއަށް 'އެކްސްޓްރީމިޒަމް’ގެ ނުރައްކާ އަބަދުވެސް އޮވެއެވެ. އެހެން ޤައުމުތަކެކޭ އެއްފަދައިންނެވެ.

ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި މިޤައުމަށް އޮތް 'އެކްސްޓްރީމިޒަމް’ގެ އެންމެ ބޮޑު ނުރައްކަލަކީ، ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން މިތިބަ މާތްވެގެންވާ އިސްލާމްދީނާ ދުރަށް ރައްޔިތުން ގެންގޮސް، ސެކިއުލަރިޒަމް (ހުރިހާ ދީނަކަށް އެއްވަރަށް ޤައުމުގައި ޖާގަ ދިނުން)، އޭތިއިޒަމް (ދީން ޤަބޫލުނުކުރުން) އަދި އެގްނޮސްޓިޒަމް (ހުރިހާ ދީނެއް ޤަބޫލުކުރުން) ފަދަ  ހުޅަނގުގެ ދީނީ ނުވަތަ ލާދީނީ ފަލްސަފާތައް ޤައުމުގައި އަށަގަންނަވަން މަސައްކަތްކުރާ ފަރާތްތަކެވެ. އެބައެއްގެ ޢަމަލުތަކުގެ ތެރޭގައި އިސްލާމްދީނަށް އަދި ދީނުގެ ޝިއާރުތަކަށް ފުރައްސާރަކުރުން އޮންނަ ހިނދު، ޤައުމުގައި ހަމަނުޖެހުން ހިނގަން ޖާގަ ދެވެނީ، އެބައެއްގެ މިފަދަ ޢަމަލުތަކާމެދު ސަރުކާރުން ފިޔަވަޅު ނޭޅުމުންނެވެ. ސަރުކާރުގައި ތިބޭ ބަޔަކާއި އެބައެއްގެ އާއިލާއާއި ގާތް މީހުން މިކަންކަން ރާވާ ހިންގުމެވެ.

މިނުކުތާގައިވެސް، ބޭރުގެ ފަރާތްތަކުގެ ހިތްތައް ކަޅުކުރެވެނީ ރައީސް ޔާމީންގެ ސަރުކާރާމެދުގައި ނޫންކަން ފާހަގަކުރެވެއެވެ. ރާއްޖެއަކީ އައިސިސްގެ ހާއްޔެއްކަމަށް ބުނެ ދޮގު ހެދުމުން އެ ވައްޓާލެވެނީ ދިވެހިރާއްޖޭގެ އަގެވެ. ދިވެހި ރައްޔިތުންގެ އަގެވެ. ރާއްޖެއަށް ދަތުރުކުރުމާމެދު ސަމާލުވުމަށް ޓްރެވަލް އެޑްވައިޒަރީތައް ނެރުމުން، އޭގެ ގެއްލުންވަނީ ރާއްޖެއަށެވެ. ބޭރުން ނޫސްވެރިން ގެނެސްގެން ކެމެރާތައް ޒޫމްކޮށްގެން މީސްމީހުންގެ ތުނބުޅިއާއި ބުރުގާގެ މަންޒަރު ނަގައިގެން ވާހަކަތައް އުފަންކުރުވީމައި، ވެއްޓެނީ މުޅި ޤައުމުގެ އަގެވެ. އެގޮތުން ޖައްސާ ލައްގަނޑަކީ ސްޓިކާއެއް ނޫނެވެ. އެމް.ޑީ.ޕީގެ ވެރިކަމެއް ނަމަ، އެ ސްޓިކާ ނައްޓާލާފައި، ވެރިކަން ވެއްޓޭއިރަށް އަލުން ހަރުކޮށްލެވޭގޮތަށް އޮންނަ އެއްޗެއް ނޫނެވެ. އެމް.ޑީ.ޕީ ވެރިކަމަށް އައިސް މިއީ 'އަނެއް ދިވެހިރާއްޖެ' ނުވަތަ 'ޖަޒީރާ ރާއްޖެ' ކަމަށް ރީބްރޭންޑް ކުރިއަސް، ކޮންމެ ބަޔަކު ވެރިކަމުގައި ތިބިއަސް މިއީ ހަމަ ދިވެހިންގެ ދިވެހިރާއްޖެއެވެ. ރީތި ނަމެއްވިޔަސް ލިބޭނީ އެންމެނަށެވެ. ހުތުރު ނަމެއްވިސް ލިބޭނީ ހަމަ އެންމެނަށެވެ.

ޤައުމާއި ރައްޔިތުންގެ އަގު ވައްޓާލާ، ޤައުމާއި ރައްޔިތުންނަށް ދަތިކުރަން ގޮވާލުމަކީ ޚާރިޖީ ގުޅުމުގެ ތެރެއިން 'ވަރިހަމަ' ކަންކަމެއް ނޫނެވެ. ވާދަވެރި ސިޔާސީ އުކުޅެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަންކަމެއްވެސް ނޫނެވެ. ހަމަ އެހެންމެ، ޤައުމުގެ ސިޔާދަތު ގެއްލުވާލައިގެން ވެރިކަން ހޯދުމަކީ ޤާނޫނުން ހުއްދަކުރާ ޢަމަލެއްވެސް ނުމެނޫނެވެ.

ބޭރުގެ ފަރާތްތަކުގެ މަދަދު މިފަދައިން ހޯދައިގެން ވެރިކަމަށް އާދެވުން ބައެއް ބޭފުޅުން ސިފަކުރައްވަނީ އެއިރުގެ އެމް.ޔޫ.އޯގެ 'މޮޅުކަން' ކަމަށެވެ. އަޅުގަނޑު ދެކެނީ މިއީ 'ހަޔާތްކުޑަކަން' ކަމުގައެވެ. އަމިއްލަ ނަފްސުގެ އިތުރުން ޤައުމު ވިއްކައިގެން ވެރިކަން ހޯދުމަކީ އުނދަގޫކަމެއް ނޫނެވެ. އަދި މޮޅުކަމެއްވެސް ނޫނެވެ.

އަޅުގަނޑު ދެކޭގޮތުގައި، މިފަދަ ވާހަކަތައް ދައްކާ މީސްމީހުންނަށް ދޭންވީ ވަޒީރުކަމުގެ ލަޤަބެއް ނޫނެވެ. އެބަޔަކަށް ދޭން ޙައްޤީ ޤައުމަށް ޤައްދާރުވުމުގެ ހަރުކަށި އަދަބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51

One Response

  1. މުންދު! 100 ގެ ލިޔުމެއް. ހެޓްސް އޯފް ޓު ޔޫ! އެކަމަކު އަދިވެސް އަމިއްލަ އެދުމަށް ޓަކައި މިވެރީންނާ ބައިވެރިވެގެން ގާސިމާއި މައުމޫނު އުޅުއްވާތީ ހިތާމަކުރަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *