Support Us

ކޮލަމް: ދޭހަ

ހާމަކަން ބޮޑުކޮށް ކަންތައް ކުރުމުން ކަރަޕްޝަނާ ދުރުވެވޭނެ

އެއްގަމުގެ ދަތުރުފަތުރާ ބެހޭ ކަންތައްތަކަކާ ގުޅޭގޮތުން ދެވޭ ޚިދުމަތަކީ، އެކަމާއި ބެހޭގޮތުން އަބަދުވެސް ރައްޔިތުންގެ ހިތްހަމަނުޖެހުން އޮންނަ ކަންތައްތަކެކެވެ. ދަތުރުފަތުރާ ބެހޭ އޮފީހުން ކަންތައްތައް ކުރެވޭ ގޮތް ލަސްކަމުންނެވެ. ވެރިކަމަށް އަންނަ ތަފާތު ޕާޓީތަކުން އެ އޮފީހުގެ ނަން އެކިފަހަރު، އެކި ގޮތަށް، ބަދަލު ކުރެވުނަސް އެ އޮފީހުން ކުރަމުން ގެންދިޔަ މަސައްކަތަށް ބަދަލެއް ނުގެނެވެއެވެ. ކުރިންވެސް ކުރަމުން ގެންދިޔަ މަސައްކަތެވެ. އެއް މަސައްކަތެކެވެ. މަސައްކަތް ކުރަމުން ގޮސްފައި ވަނީ އެއް ދުވެއްޔެއްގައެވެ. އެތަނުން ކަމެއް ކުރުމަށް ގިރާކުރަންޖެހޭ ފައްތަރުތަކެއް ވެސް މަދެއް ނުވެއެެވެ. ރައްޔިތުން ކުރަމުން ގެންގޮސްފައިވަނީވެސް އެއް ޝަކުވާތަކެވެ. ޚިދުމަތް ލިބުން ލަސްވުމެވެ. ޚިދުމަތްދިނުން ދޯދިޔާކަމެވެ. ކަރަޕްޝަނު އޮންނަކަމުގެ ތުހުމަތެވެ. ބައެއް ފަހަރު ކަރަޕްޝަނުގެ އިލްޒާމް އެޅުވުމެވެ. އެއް ސަރުކާރެއްގެ ވެރިކަމުގެ ކުރީކޮޅުގައި ދަތުރުފަތުރުގެ ކަންތައްތައް ހަމަޖައްސާ އޮފީސް އޮތީ މިނިސްޓްރީއެއްގެ ގޮތުގައެވެ. އެތަނުގައި ހުންނެވި މިނިސްޓަރަށް ސިޔާސީ ކުންޏެއް ޖެހިގެން މަޤާމުން ދުރުކުރުމަށްފަހު އެކަމުގެ ތެރޭގައި އެ މިނިސްޓްރީ ވެސް ކުށްވެރިވިއެވެ. އެ މިނިސްޓްރީ، ވުޒާރާ ނުވަތަ މަޙްކަމާގެ ފެންވަރުން، އޭޖެންސީ ނުވަތަ އަތޯރިޓީގެ ފެންވަރަށް ތިރިކުރެވުނެވެ. އެ ސިޔާސީ ތިރިކުރުމަކުން އެތަނުގެ މުހިއްމުކަމާއި ބޭނުންތެރިކަމަކަށް ބަދަލެއް ނާދެއެވެ. ކުރަމުންދިޔަ މަސައްކަތަކަށް ވެސް ބަދަލެއް ނާދެއެވެ.

ރާއްޖޭގައި ޓުރާންސްޕޯޓުގެ ކަންތައްތައް ބަލަހައްޓާ އޮފީހަކީ ކޮންމެ ނަމެއް ކިޔުނަސް އަބަދުވެސް ކަރަޕްޝަން އޮންނަކަމުގެ ތުހުމަތު ކުރެވޭ އޮފީހެކެވެ. ވަރަށް ކުރީގެ ވާހަކައެއް ދަންނަވާލާނަމެވެ. އަލަށް ޓުރާންސްޕޯޓު މިނިސްޓަރުކަމާއި ޙަވާލުވެވަޑައިގެންނެވި ވަޒީރު ކާރު ދުއްވަން ދަސްކުރެއްވުމަށް ވަޑައިގެންނެވީ އެ ޒަމާނުގައި މާފަންނުގައި އޮންނަ ހިއްކި ބިމަށެވެ. އެއީ އިންޖީނުލީ އެއްޗެތި ދުއްވަން ދަސްކުރުމަށް ހުރިހާ މީހުންވެސް ދާތަނެވެ. ދަންވަރުގެ ވަގުތެކެވެ. އެތަނުގެ ފޯރިއަށް ހުރި ސިފައިންގެ މީހާ މިނިސްޓަރު ދުއްވަން އިންނެވި ކާރުކޮޅު ހުއްޓުވިއެވެ. މިނިިސްޓަރު ދުއްވަން އިންނެވި ކާރަކީ އެހެން ހައިސިއްޔަތަކުން އެ މަނިކުފާނަށް ބާރުފޯރާ ކާރެކެވެ. އެ މަނިކުފާނު އިންނެވީ އެމަނިކުފާނަށް ދުއްވަން ދަސްކޮށްދޭ އެ މަނިކުފާނުގެ ޑުރައިވަރާ އެކުގައެވެ. ކާރުގެ ޝަޓަރު ތިރިކުރެއްވުމުން، ސިފައިންގެ މީހާ ހިނިތުންވެލާފައި ސުވާލުކޮށްލިއެވެ. ކާރުދުއްވަން ދަސްކުރައްވަނީތޯއެވެ؟ އަދި ނަސޭޙަތްތެރިވިއެވެ. ޓުރާންސްޕޯޓު މިނިިސްޓުރީގައި ލައިސެންސް ދޭން އިންނަ މީހާގެ ނަންކިޔާފައި، އޭނާ އަށް ސަޔެއް ދެނިކޮށް ތިކަން ވަރަށް ފަސޭހައިން ވާނެއެވެ. ކާރުގައި އިންނެވީ އާ ޓުރާންސްޕޯޓް މިނިސްޓަރުކަން އޭނާއަކަށް ނޭނގެއެވެ.

ޓުރާންސްޕޯޓު މިނިސްޓުރީގެ ކަރަޕްޝަނުގެ ކަންތައްތައް ބޮޑުކަމުން އެކަންތައް ހުއްޓުވުމަށް އެތަނުގައި އެންމެ އިސްވެރިންނަށް ތިއްބެވި ބޭފުޅުން ތަފާތު މަސައްކަތްތައް ތަފާތު ގޮތްގޮަތަށް ކުރައްވާފައިވެއެވެ. ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނެވެ. އެހެންނަމަވެސް ކަރަޕްޝަން ހުއްޓުވޭ ގޮތެއް ނުވިއެވެ. ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުޅުވިފައި ހުންނަ ދޮރުތައް ގިނަކަމުންނެވެ. އެއްދޮރު ލެއްޕޭ އިރަށް އަނެއް ދޮރު ހުޅުވެއެވެ. އެއް މިސާލެއް ދަންނަވާލާނަމެވެ. ކަނޑައެޅިފައި އޮންނަ މުއްދަތަށް ވުރެ އަވަހަށް، ކަމެއް ކުރުމަށް އޮންނަ ގޮތެވެ. ޢާއްމުކޮށް އަަމަލު ކުރެވެމުން ދިޔަ އުޞޫލަކީ، އެތަނުގައި މަސައްކަތްކުރާ ރައްޓެހިންނާއި ގާތްމީހުންނާ ގުޅައިގެން އެކަމެއް އަވަސް ކުރުވުމެވެ. އެފަދަ މީހެއް ނެތްނަމަ އެ މަސައްކަތެއް ކުރުމަށް ހަވާލުވެފައި އޮންނަ މީހާ އަށް "ސަޔެއްދީގެން" އަވަހަށް ކަންތައް ކުރުވުމެވެ. މަސައްކަތްކުރާ މީހުންނަށް ސަޔެއްދީގެން ކަންކަން އަވަސްކުރުން ހުއްޓުވުމަށް ތަޢާރަފްކުރެވުނީ ސަރުކާރަށް "ސަޔެއްދީގެން" އަވަސްކުރެވޭ ގޮތަށެވެ. ހުރިހާ ލިއުންތައް ފުރިހަމަ ނަމަ އިތުރު ފީއެއް ދެެއްކުމުން ހުށައެޅޭ ދުވަހު އެ ޚިދުމަތެއް ލިބޭގޮތަށެވެ. އެ ނޫންގޮތަކަށް އެ ޚިދުމަތެއް ލިބޭނީ ކުރިން ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޓުރާންސްޕޯޓު މިނިސްޓުރީގެ ވެރިން ވިދާޅުވި ކަމުގައި ވަނީ އެތަނުގައި ކަރަޕްޝަނެއް ނުއޮންނާނެ ކަމުގައެވެ. ޤަބޫލުކުރަމެވެ. މައްސަލައަކީ ހުރިހާ ލިއުންތައް ފުރިހަމަކުރުމަށް ފަހު އުޅަނދެއް ރަޖިސްޓްރީ ކުރުމަށްވެސް އެތައް މަހެއް ނަގާކަމެވެ. އެއް ގަރާޖެއްގައި ހަތްދިހަ ކާރު ރަޖިސްޓުރީ ކޮށްދީފައި އޮތްކަމުގައި ނޫސްތަކުން ރިޕޯޓުކުރެއެވެ. ހަތްދިހަ ކާރަށް ފުރުޞަތުދެއްވާފައި އޮތްނަމަ އެ ފުރުޞަތު ދެއްވާފައި އޮންނާނީ ވަރަށް ބައްލަވާފައިކަން ޔަޤީނެވެ. ސަބަބަކީ މާލޭ މުނިސިޕަލްޓީގައި ގަރާޖް ރަޖިސްޓުރީކޮށްދީފައި އޮންނަ ސެޓްފިކެޓް ވެސް އަމަލީގޮތުން ޓުރާންސްޕޯޓް މިނިސްޓްރީން ބަލައިނުގަންނަ ކަމެވެ. މާލޭ މުނިސިޕަލްޓީން ދީފައި އޮންނަ ހުއްދައާ އެއްވަރަށް ގަރާޖްގައި އުޅަނދު ޕާކް ކުރެވޭތޯ ބެލުމަށް ޓުރާންސްޕޯޓު މިނިސްޓުރީން ޓީމެއް އާދެއެވެ. މިންއަޅާނެ މިޒަމާނުގެ އާލާތް ވެސް ހިފައިގެންނެވެ. މިންއެޅުމަށް ފަހު އެ ހަދާ ހިސާބެއް ހެދުމަށް ފަހު ތައްޔާރުކުރަނީ ރިޕޯޓެކެވެ. އެ ރިޕޯޓުގައި އެތަނަކާއި ބެހޭގޮތުން އޮފިޝަލަށް ފެންނަ ގޮތް ލިޔެއެވެ. އެ ރިޕޯޓް ހުށައެޅެނީ ކޮމިޓީއަކަށެވެ. ގޮތެއް ނިންމަވަނީ ކޮމިޓީންނެވެ. މިހާ ސާފު ސީދާކޮށް ކަންތައް ކުރާ އޮފީހެއްގައި، އެއް ގަރާޖަކަށް ހަތްދިހަ ކާރު ޕާކް ކުރުމުގެ ހުއްދަ ދީފައި އޮތްކަމުގައި ވަނީ ނަމަ އެ ހުއްދަ ދީފައި އޮންނާނީ ހުއްދަ ދޭންޖެހޭތީވެއެވެ. ރަނގަޅަށެވެ.

ކޮންމެ ދުވަހަކު އެތަކެއް ފަހަރު އެތަކެއް ކަމަކާއި ދާންޖެހޭ ސަރުކާރުގެ އޮފީސްތަކުން އެކަމެއް ކުރެވޭ ގޮތް ރަނގަޅަށް ސާފުކޮށް އެތަނުގެ ވެބްސައިޓުން ނުވަތަ އެހެންވެސް ގޮތަކުން ޢާއްމު ކުރެވެންވީ އެވެ. އޮންލައިންކޮށް ކުރެވޭ ކަންތައްތައް އޮންލައިންކޮށް ކުރެވޭ ގޮތަށް އޮންނަންވީއެވެ. މިހާރުގެ އިމިގްރޭޝަން އޮފީހުން ރައްޔިތުންނާއި ގުޅުން ހުރި މަސައްކަތްްތައް ކުރުމަށް ހަމަޖައްސާފައި އޮތް ގޮތް ނަމޫނާ އަކަށް ނަންގަވާށެވެ. މިސާލަކަށް ދަންނަވާނަމަ ފުޅަނދެއް ރަޖިސްޓުރީ ކުރުމަށް ހުށައަޅަންޖެހޭ ލިޔެކިޔުންތައް ލިސްޓު ކުރެވެންވީއެވެ. ލިޔެކިޔުންތައް ސައްޙަ ކަމުގައި ވަނީނަމަ ރަޖިސްޓުރީ ލިބޭނެ ދުވަސް ވެސް ކުރިން އެނގެންވީއެވެ.

ކަރަޕްޝަން ހުއްޓެވޭނީ ހާމަކަން ބޮޑުކޮށް ކަންތައްތައް ކޮށްގެންނެވެ. ވާނުވާގޮތް އެންމެނަށް އެގޭ ގޮތަށެވެ. ނަޒާޙަތްތެރިކަމުގެ ސޮއިކޮށްގެން، ކަރަޕްޝަން ހުއްޓުވުމަށް ހުވާކޮށްގެން، މައިކެއް އަތުޖެހިއްޖެއްޔާ، ކަރުން ނާރުނަގާފައި ކަރަޕްޝަން ހުއްޓާށޭ ގޮވިޔަސް ކަރަޕްޝަނެއް ނުހުއްޓުވޭނެ އެވެ. ހަމައެކަނި ދުޢާކޮށްގެން ވެސް ކަރަޕްޝަން ނުހުއްޓުވޭނެއެވެ. ދުޢާ ވެސް އިޖާބަކުރައްވަނީ އެކަމެއް ކުރުމަށް ހިތްމަތާއެކު މަސައްކަތްކުރާ މީހަކަށެވެ. ވާހަކަ ފިހާރާގައި ވެސް ދައްކަނީ ހުސް ވާހަކަ އެވެ. ގިނަފަހަރަށް "ހޮޅި" ވާހަކައެވެ. އެ ވާހަކައިގެ މައްޗަށް އަމަލުކުރެވޭތަން ފެންނަނީ ވަރަށް މަދުންނެވެ.