Support Us

އަތުކުށް- 9

އަޅުގަނޑު ސިލްސިލާ ގޮތެއްގައި ލިޔަމުން މި ގެންދާ ލިޔުމުގައި މިއަދު ބަލައިލާނީ ނޫހެއްގައި އޮތް އެންމެ ޢިބާރާތެއްގެ މައްޗަށެވެ. އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއް ނުކުރަމެވެ. އެހެނީ އަޅުގަނޑުގެ ހަގީގީ ބޭނުމަކީ، އެ ދުވަހެއްގައި ފާހަގަކުރެވުނު ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާއެކު ބަޔާންކުރުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދާއި މަޤުޞަދާއި ނިޔަތެވެ.

މިއަދު އަޅުގަނޑު ނަކަލުކޮށްލީ އޮންލައިނު ނޫހަކުން މިއަދު ފެނުނު ސުރުޚީއެކެވެ. އެ ސުރުޚީއަކީ "ބަލި ފެތުރުން ހުއްޓުވަން ވެކްސިނަށް އަދި ބަރޯސާނުވެވޭނެ: ޓެގް ޓީމް" މިއެވެ. މި އިބާރާތުން އަޅުގަނޑު ފާހަގަކޮށްލާނީ ދެތިން ކުށެކެވެ. އަތުކުށެވެ. އިޞްލާޙުކޮށްލައްވާންވީ ދެތިން ކަމެކެވެ. ފުރަތަމަ ލަފުޒަކީ "ހުއްޓުވަން" މި ލަފުޒެވެ. މި ސިލްސިލާގެ ލިޔުމެއްގައި އަޅުގަނޑު ކުރީން ވެސް ދަންނަވައިފައިވާނޭ ފަދައިން "ހުއްޓުވަން" މިއީ "ހުއްޓުވުން" މި މަޞްދަރުން އުފައްދައިފައިވާ ކަމެކެވެ. ވާކަމުގެ ޒަމާނުގައި އޮތް ކަމެކެވެ. ވަކި ޒަމާނެއް ނެތް ގޮތަށް ކަމުގެ މާދަ"އެއްގެ ގޮތުގައި (އިނގިރޭސިބަހުގެ ގަވާއިދުން ދަންނަވާނަމަ އިންފިނިޓިވް ފޯރމްގައި) މި"މާދަ" ބޭނުންކުރާނަމަ އޮންނާން ޖެހޭނީ "ހުއްޓުވާން" މިހެންނެވެ. އިނގިރޭސިބަހުގައި އޮންނަހެން "ޓު" ގެ ފަހަތަށް "ވަރބް" އަންނަ ގޮތަށް، "ކަން" ގެ ފަހަތަށް "އަށް" އިތުރުކޮށްގެނެއް ނޫނެވެ. ވާކަމުގެ ޒަމާނުގައި ކަން އޮންނަ ގޮތަށް ނޫނު ސުކުނުގެ ކުރިއަށް އޮންނަ އަކުރުގެ ފިލި ދަމާފިއްޔަކަށް ބަދަލުކޮށްލައިގެންނެވެ. ދިވެހިބަހުގެ އުޞޫލަކީ މިއީއެވެ. "މަސައްކަތް ކުރުމަށް" ނުވަތަ "މޫދަށް އެރުމަށް"އެއް ނޫނެވެ. "މަސައްކަތްކުރާން" ނުވަތަ "މޫދަށް އެރޭން" މި އުޞޫލުންނެވެ. ވާކަމުގެ ޒަމާނުގެ ބައެއް މިސާލުތައް ދަންނަވައިލާނަމެވެ. ވާހަކަދައްކާ ފުރަތަމަ މީހާގެ ނަޒަރުން ވާހަކަދައްކާ އިރުގައެވެ.

  1. އަހަރެން ބަލިފެތުރުން ހުއްޓުވަން.
  2. އަހަރެން އަބަދުވެސް ފޮތް ކިޔަން.
  3. އަހަރެން ކޮންމެ ދުވަހަކު ވެސް ދުވާން ދަން.
  4. އަހަރެން ކޮންމެ ދުވަހަކުވެސް މޫދަށް އެރޭން ދަން.
  5. އަހަރެން އަބަދުވެސް އެ ގެޔަށް ދަން.
  6. އަހަރެން ކާން ބޭނުން އެއްޗެއް ވިއްޔާ ކަން.

އިސްވެ ބަޔާންކުރެވިފައިވާ ޖުމުލަތަކުގައި ދަށުރޮނގު ދަމައިފައި އެވަނީ ވާހަކަދައްކާ ފުރަތަމަ މީހާގެ ނަޒަރުން ވާހަކަދައްކާއިރު ވާކަމުގެ ޒަމާނުގައި ކަން އޮންނަ ގޮތެވެ. އެއީ ހުއްޓުވުން، ކިޔުން، ދިޔުން، ކެއުން، މި މަޞްދަރުތަކުން އުފައްދައިފައިވާ ކަންކަމެވެ. މި ކަންކަން ކުރުމަށް ޓަކައި އޮންނަ ކަމުގެ "މާދައިގެ" (އިންފިނިޓިވް) ޙާލަތުގައި އެ ކަން ބޭނުންކުރާންވާނީ ދެމޭފިއްޔަކުންނެވެ. ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.

  1. ބަލިފެތުރުން ހުއްޓުވާން، ކުރާން ހުރި މަސައްކަތްތައް ވަރަށް ގިނައެވެ.
  2. އަބަދުވެސް ފޮތް ކިޔާން އާދަކުރުމަކީ ވަރަށް ބޭނުންތެރި ކަމަކެވެ.
  3. ކޮންމެ ދުވަހަކު ވެސް ދުވާން ދާންވާނީ އެކަމަށް އެކަށިގެންވާ ބޫޓަކަށް އަރައިގެންނެވެ.
  4. އެ ގެޔަށް ދާން ދިޔައީ މަޖިދީމަގުންނެވެ.
  5. އެ ގެޔަށް ދާން ބޭނުމީ ކޮން ކުދީންނެއް ހެއްޔެވެ؟
  6. ކާން ބޭނުން އެއްޗެއް ވިއްޔާ ކާންވީއެވެ.
  7. މޫދަށް އެރޭން ބޭނުން ކުއްޖަކު މޫދަށް އެރޭންވީއެވެ.

ރަނގަޅުކޮށްލާން ޖެހޭ އަނެއް ތަންކޮޅަކީ "ބަރޯސާނުވެވޭނެ" މި ތަންކޮޅެވެ. މިއީ މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ ކުށެކެވެ. ދިވެހިބަހުގެ ގަވާއިދު ނިޔާކުރާ ގޮތުން އާންމު ގޮތެއްގައި ނަފީގެ އަކުރުގެ ކުރިއަށް އޮންނަ ލަފުޒު އާންމުކުރާން ޖެހެއެވެ. ދިވެހިބަހުގެ މައިގަނޑުގެ ބައިތަކުގެ ތެރެއިން ނަން، ނަންއިތުރު، ނަންއިތުރުގެނަން، އަކުރު، މިއިން ބައެއް ނަފީކުރާނަމަ އޭގެ ފަހަތަށް ޢާންމުކުރުމުގެ އަކުރެއް ކަމަށްވާ "އެއް" (ބައެއް ޙާލަތުގައި "އަކު") އިތުރުކުރުމާއެކު "ނޫން" މިއަކުރު ގެނެވެއެވެ. އަދި މަޞްދަރަކުން އުފެދިފައި ހުންނަ ކަން ނަފީކުރާނަމަ ކަމުގެ ކުރިއަށް އޮންނަ ލަފުޒުގެ ފަހަތަށް އާންމުކުރުމުގެ އަކުރު އިތުރުކުރުމާއެކު ކަމުގެ ކުރިއަށް "ނު" އިތުރުކުރެވެއެވެ. މިއީ ވަރަށް ހަރުދަނާ އަދި ފައިދާ ކުރަނިވި އުޞޫލެކެވެ. މި ގޮތަށް ބަހުގެ ހަމައާ އެއް ގޮތަށް ޖަވާބު ދޭން ފަށާއިރަށް (ޖަވާބު ނުނިމެނީސް) އޭނާގެ ޖަވާބު އެނގޭނެއެވެ. މިސާލަކަށް: "މުޙަންމަދު މިއަދު ކުޅޭނެހެއްޔެވެ؟" މީހަކު ސުވާލުކުރީމާ އޭނާ ނުކުޅޭނެކަން ބަޔަކާންކުރުމަށް ޓަކައި "މުޙަންމަދެއް މިއަދަކު…….." މި ހިސާބަށް ބުނާ އިރަށް ފަހުބައިގައި އަންނާނީ ނަފީގެ ބައެއްކަން އެނގޭނެއެވެ. "މުޙަންމަދު މިއަދު……" މި ގޮތަށް ފަށައިފި ނަމަ، ފަހުބައި އޮންނާނީ ސާބިތުކޮށް ނުވަތަ ފަހިކޮށްކަމަށް ވިސްނޭނެއެވެ. ވީމާ، ބަހުގެ ހަމައިގެ މަތީން ޖަވާބު ދެވޭނީ "މުޙަންމަދު މިއަދު ކުޅޭނެ" ނުވަތަ "މުޙަންމަދެއް މިއަދަކު ނުކުޅޭނެ" މި ދެ ގޮތުން ކުރެ ކޮންމެވެސް އެއް ގޮތަކަށެވެ. "މުހަންމަދު މިއަދު ނުކުޅޭނެ" މިއީ ބަހުގެ ހަމައިގެ މަތީން ބޭނުންކުރެވޭނެ ގޮތެއް ނޫނެވެ. ދިވެހިބަހުގައި ނަފީކުރުމުގެ އުޞޫލާ ޚިލާފު ގޮތެކެވެ. ނަމަވެސް މަޞްދަރު ނަފީ ކުރާނަމަ ޢާންމުކުރުމުގެ އަކުރު ގެނެސްގެން ނުވާނެއެވެ. މިސާލަކަށް: ފޯނުކުރުން – ފޯނު ނުކުރުން.

ދިވެހިބަހުގައި ނަފީކުރުމުގެ ހަމައަކީ ވެސް ތަފްޞީލީ ވާހަކައެއް ކަމަށް ވާތީ އޭގެ ތަފްޞީލަށް ނުގޮސް މި އުޞޫލު ބައްލަވައިލައްވާން ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސްކުރަމެވެ. މި ހަމަ، އެންމެ ތަފްޞީލުކޮށް އޮންނާނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤާއުމީ މަރުކަޒުން ޝާއިޢުކުރައްވައިފައިވާ "ދިވެހިބަހުގެ ގަވާއިދު"ގައެވެ.

ވީމާ، އިސްވެ ދެންނެވުނު ޢިބާރާތް ބަހުގެ ހަމައާ އެއް ގޮތަށް ލިޔާނަމަ ލިޔެވޭނީ އަންނަނިވި ގޮތްގޮތުން ކުރެ ކޮންމެވެސް އެއް ގޮތަކަށެވެ.

"ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި އަދިއެއް ވެކްސިނަކަށް ބަރޯސާއެއް ނުވެވޭނެ: ޓެގް ޓީމް"

"ބަލި ފެތުރުން ހުއްޓުވާން އަދިއެއް ވެކްސިނަކަށް ބަރޯސާއެއް ނުވެވޭނެ: ޓެގް ޓީމް"

"ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ވެކްސިނަކަށް އަދިއެއް ބަރޯސާއެއް ނުވެވޭނެ: ޓެގް ޓީމް"

"ބަލި ފެތުރުން ހުއްޓުވާން ވެކްސިނަކަށް އަދިއެއް ބަރޯސާއެއް ނުވެވޭނެ: ޓެގް ޓީމް"

ދިވެހިބަހުގައި "ޢަމަލީ ކަން" (އިންފިނިޓިވް) ބޭނުންކުރާނީ މިސާލުގައި ވާ ފަދައިން ވާކަމުގެޒަމާނުގައި އޮންނަ ނޫނުގެ ކުރީއަކުރުގައި ދެމޭ ފިއްބޭނުންކޮށްގެންނެވެ. ކަމުގެ ފަހަތަށް "އަށް" ގެނެސްގެންނެއް، ނުވަތަ ވާކަމުގެ ޒަމާނުގައެއް ނޫނެވެ. އަދި ނަފީކުރާނަމަ، ޢަމަލުކުރާންޖެހޭ ވަކި އުޞޫލުތަކެއް ވެސް ބަހުގެ ހަމައިގައި އެބަހުއްޓެވެ. ވީމާ، މިކަންކަމަށް ވެސް ސަމާލުކަން ދެއްވުމަކީ ވަރަށް އެދެވިގެންވާ ކަމެއް ކަމަށް ދަންނަވައިލަމުން މިއަދު މި ފޮޅުވަތްތަކުން ވަކިވެލާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ޢަބްދުލް އަޒީޒުބެއަށް ސަލާމް.
    ދިވެހިބަހަކީ ޒަމާނުއްސުރެ އަހަރެމެން މޮށެމުން އަންނަބަސް. ޒަމާނާ ހާލާތާ ވަގުތަށް ބަހަށް ބަދަލު އަންނަމުންދޭ. އެހެނީ މިހާރު ބަސްމޮށޭ ހަމަތަކަކީ އިހުގައި ބަސްމޮށުނު ހަމަތަކާ ހިސާބަކަށް ތަފާތު ހަމަތަކެއް،، ނަމަވެސް ކުށްގޮތްތައް ނުލާ. އެހަމަތައް ވަރަށްޒަމާނީވެފަ ރީތި. އެކަމަކު މިހާރު ވަރަށްގިނަ "ނޫސްވެރިން" ލިޔެފަ ހުންނަ ސައްތައަކުން ނުވަދިހަ ލިޔުމުގައި އެއްގޮތަކަށްވެސް ކަމުނުދާވަރަށް ކުށްހުރޭ. ދަންނަވަން މިއުޅެނީ މިހާރު ލިޔެފަ މިހުންނަ ގިނަ ލިޔުންތަކުގަ ހުންނަ ބޯ އަނބުރާ ޒާތުގެ ކުށްތަކާ އިހުގެ ގޮތް (މިސާލަކަށް: ރުކަށް އަރާން، މަގުހިނގާން، ދުވާން) މިގޮތްގޮތް މާ މުސްކުޅިއޭ. އޭގެ ބަދަލުގަ ރުކަށް އަރަން، މަގުހިނގަން، ދުވަން މިގޮތްގޮތް ވަރަށް ރީއްޗޭ، ވަރަށް ކަމުދެއޭ.
    އިޙްތިރާމް

    ޝުކުރިއްތާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *