Support Us

ދެން ކުރައްވާނީ ކޮންކަމެއް؟!

ސަރުކާރުގެ ވުޒާރާތަކުގައި އިދާރީ އެންމެ އިސް މަޤާމަކީ (ފެންނަ ފެނުމުގައި) ޕާރމަނެންޓް ސެކްރެޓަރީއެވެ. މިނިސްޓްރީގެ އެންމެ މަތީ ވެރިޔަކީ ވަޒީރު ކަމަށް ވިޔަސް ވަޒީރުގެ މަސްއޫލިއްޔަތު ޕާރމަނެންޓް ސެކްރެޓަރީއަކާ ޙަވާލެއް ނުކުރައްވައެވެ. އެހެނީ ޕާރމަނެންޓް ސެކްރެޓަރީއަކީ ވަޒީރުގެ ސިޔާސަތު ތަންފީޒުކުރެއްވުމަށް ޓަކައި އިދާރީ ގޮތުން ކުރާން ޖެހޭ ހުރިހާ މަސައްކަތެއް ރާވައި، މަދަނީ މުވައްޒިފުން ލައްވައި އެ މަސައްކަތް، ހިންގެވުމުގެ އެންމެ އިސްވެރިޔާއެވެ. އެއީ ވަޒީރުގެ ސިޔާސަތުތައް ކަނޑައެޅުއްވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން ވަޒީރު، އެ ބޭފުޅެއްގެ މަސްއޫލިއްޔަތު އަދާކުރައްވާން ނުކުޅެދިއްޖެ ޙާލަތެއްގައި ވެސް ވަޒީރުގެ މަސްއޫލިއްޔަތު ޕާރމަނެންޓް ސެކްރެޓަރީއަކާ ޙަވާލެއް ނުކުރެވެއެވެ. މިއީ މުޅިން ދެ ދާއިރާއެއްގެ ދެ މަސައްކަތެއް ކުރައްވާ ދެ ޚާދިމެއް ކަމަށް ވާތީއެވެ.

އެހެން އިދާރާތަކުގައި އިދާރީ ގޮތުން އެންމެ އިސްވެރީންގެ ގޮތުގައި ތިއްބަވަނީ ސެކްރެޓަރީ ޖެނެރަލް ނުވަތަ އަމީން ޢާންމު ފަދަ ނަމެއްގައި ތިއްބާވާ އިދާރީ ބޭފުޅުންނެވެ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އިދާރީ އެންމެ އިސްވެރިޔަކީ "އަމީން ޢާންމު" ކަން އެންމެންނަށް ވެސް އެނގެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް، މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވެވަޑައިގަންނަވާން ޖެހޭ ޙާލަތެއްގައި ވެސް އެއިން ބޭފުޅެއްގެ ޒިންމާއެއް ސެކްރެޓަރީ-ޖަނެރަލަކާ ޙަވާލެއް ނުކުރައްވައެވެ. ސެކްރެޓަރީ ޖެނެރަލް އެއީ އިދާރީ މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ވާތީއެވެ. ސުޕްރީމް ކޯޓުގައި ވެސް ސެކްރެޓަރީ ޖެނެރަލަކު ހުންނަވާ ކަމަށް އެތާނގެ ވަންސަވަރު އޮނިގަނޑުން އެނގެއެވެ. ނަމަވެސް އުއްތަމަފަނޑިޔާރު ނުވަތަ އެހެން ފަނޑިޔާރަކު ވަގުތީ ގޮތުން މަސައްކަތުން އެކަހެރިވެވަޑައިގަންނަވާ ވަގުތަކު ވެސް ފަނޑިޔާރެއްގެ މަސްއޫލިއްޔަތެއް ސެކްރެޓަރީ-ޖެނެރަލާ ޙަވާލެއް ނުކުރައްވައެވެ. އޮޑިޓަރ-ޖެނެރަލްގެ މަސްއޫލިއްޔަތު އެތާނގެ އިދާރީ އެންމެ އިސް ވެރިޔާއާ ޙަވާލެއް ނުކުރައްވައެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނާއި މި ނޫނަސް މިނިވަން އެހެނިހެން މުއައްސަސާތަކުގައި ވެސް މިކަން ހުރީ މިހެންނެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ ވެސް މިނިވަން މުސްތަޤިއްލު މަޤާމެކެވެ. އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ޓަކައި ދައުލަތުގެ ފަރާތުން ޤާނޫނު ލާޒިމުކުރާ ގޮތުގެ މަތީން އޮފީހެއް ވަނީ ޤާއިމުކޮށްދެއްވައިފައެވެ. މަސައްކަތަށް ބޭނުންވާ ވަރަށް މުވައްޒިފުން ވެސް ވަނީ ހަމަޖައްސަވައިދެއްވައިފައެވެ. އެ އިދާރާގައި ކުރާންޖެހޭ މަސައްކަތްތަކަށް ރިޢާޔަތްކުރައްވައި، ވިއްސަކަށް މުވައްޒަފުންނަށް ޚިދުމަތްކުރައްވާން އެކަށީގެންވާ ޢަދަދަކަށް، ދައުލަތުން މުވައްޒިފުން ދެއްވައިފައިވުމާއެކު ހަ އަހަރު ވަންދެން ސެކްރެޓަރީ-ޖެނެރަލަކު ނުލައްވައި ފުދޭތީ ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމަށް ޓަކައި، ހައެއްހަ އަހަރު ހޭދަވީ ކަމަށް ވެދާނެއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބޭނުންވާ ގަވާއިދުތަކާއި އުޞޫލުތައް އެކަށައަޅުއްވައި ޤާނޫނު ތަރުޖަމާކުރައްވައި ނިންމަވައި މި ހުރިހައި އިންތިޒާމުތަކެއް ވެސް ސެކްރެޓަރީ-ޖެނެރަލަކާ ނުލައި އެ އޮފީހުން ކުރެއްވިކަން ތާރީޚުން ފެންނާން އެބަ އޮތެވެ.

ނަމަވެސް އިދާރީ ގޮތުން ކަންކަން ފުރިހަމަ ކުރެއްވުމަށް ޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސެކްރެޓަރީ-ޖެނެރަލްކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް، ބޭފުޅަކު އައްޔަނުކުރެއްވީ މި ދިޔަ ފެބްރުވަރީ މަހުގެ މެދެއްހައި ތާނގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓްގައިވާ ގޮތުން މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ، މި މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ބޭއްވި ބަސްދީގަތުމުން އެންމެ މަތީން މާކުސް ލިބިވަޑައިގަތް އިދުރީސް އިސްމާޢީލެވެ.

މައްސަލައެއް ނެތްތާއެވެ! ސެކްރެޓަރީ ޖެނެރަލަކު ލައްވައިގެން ވެސް ދިވެހި ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ ހިންގެވުން ހަރުދަނާވުމަކީ އަޅުގަނޑުމެން ވެސް އުފާކުރާ ކަމެކެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީގެ ވެބްސައިޓްގައި މާރިޗުމަހު ދެ ވަނަ ދުވަހު ޝާއިޢުކުރައްވައިފައިވާ ޚަބަރެއް ބުނާ ގޮތުން މައްސަލަތައް ބައްލަވާން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ (ހުރިހާ) ބާރުތަކެއް ސެކްރެޓަރީ ޖެނެރަލާ ޙަވާލުކުރެއްވުމަކީ އަޅުގަނޑު ޙައިރާންވި ކަމެކެވެ. އެހެނީ އިދާރީ ހުރިހާ ކަމެއްގެ ޒިންމާއާއި ފަންނީ ހުރިހާ މަސައްކަތެއްގެ ޒިންމާ ސެކްރެޓަރީ ޖެނެރަލާ ޙަވާލުރެއްވީމާ ދެން ކޮމިޝަނަރުގެ މަސްއޫލިއްޔަތާއި މަސައްކަތްޕުޅަކީ ކޮބައިބާވައޭ ހިތަށް އެރީއެވެ. މި ދެންނެވި ވެބްސައިޓްގައިވާ ގޮތުން މި ބާރުތައް ޙަވާލުކުރެއްވީ ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 63 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

ތެދުފުޅެކެވެ! ޤާނޫނުގެ ދެލިގަނޑުގައި ބުނަނީ އެ ގޮތަށް މަސްއޫލިއްޔަތު ޙަވާލުކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ މާއްދާގެ ނިޔަތަކީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތުން އެއް ފަރާތްވެ ވަޑައިގެން އެ މަސްއޫލިއްޔަތު އިދާރީ މުވައްޒިފަކާ މުޠުލަޤަށް ޙަވާލުކުރެއްވުމެއް ނޫނެވެ. އެއީ އިންފޮމޭޝަން ކޮމިޝަނަރު ގިނިކަންޏާ ހުރިހާ ކަމެއް ނުކުރެއްވޭނެތީ އެކި ފަހަރު އެކި މަސައްކަތް ވަކިވަކީން ޙަވާލުކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ޓަކައި ދެއްވައިފައިވާ ލުޔެކެވެ. އެއީ މަޤާމުގެ ފަންނީ މަސައްކަތްތައް އިދާރީ މުވައްޒިފަކާ މުޠުލަޤަށް ޙަވާލުކުރެއްވުމަށް ޤާނޫނުން ލިބިދީފައިވާ އިޚުތިޔާރެއްނޫނެވެ. އެއީ ދައުލަތުގެ ކަންކަން ހިނގާ އުޞޫލާ ވެސް ފުށުއަރާ ކަމެކެވެ. ޤާނޫނުގެ އެ މާއްދާގެ ނިޔަތަކީ ވެސް އެއީއެއް ނޫނެވެ.

މި ގޮތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ޤާނޫނީ މަސްއޫލިއްޔަތު، ފަންނީ މަސައްކަތްޕުޅު، އިދާރީ މުވައްޒިފަކާ މުޠުލަޤަށް ޙަވާލުކުރެއްވީމާ، އަދި އޮފީހުގެ އިދާރީ މަސައްކަތާއި ފަންނީ، ޤާނޫނީ ހުރިހާ މަސައްކަތެއް ސެކްރެޓަރީ-ޖެނެރަލާ މުޠުލަޤަށް ޙަވާލުކުރެއްވީމާ ދެން އިންފޮމޭޝަން ކޮމިޝަނަރު ކުރައްވާނީ ކޮންކަމެއްބާވައޭ ހިތަށް އެރީއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނޫހެއް ނެރުއްވާން މަސައްކަތް ކުރައްވައި އެ މަސައްކަތަށް ވަގުތު ހުސްކުރައްވަނީބާވައެވެ! އަޅުގަނޑުގެ ހިތުގައި މި ސުވާލުތައް އުފެދުނީ، މި ޤާނޫނު އުފެއްދުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރުމުގެ ފުރުޞަތު ލިބުނު މީހަކަށް ވާތީ، ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން އެހެން މުވައްޒިފަކާ (ވަގުތީ ގޮތުން) ޙަވާލުކުރުމުގެ އިޚުތިޔާރު ލިބިދީފައި އޮންނަ މަޤްޞަދާއި ނިޔަތް ވެސް އެނގޭތީއެވެ. މިއީ ހާސަރެއް ކަމުގައި ވާނަމަ، މަޢާފުކުރެއްވުން އެދެމެވެ. ނަމަވެސް ހަމަ ހިތުގައި އުފެދުނު ސުވާލެއް އިޚުލާޞްތެރިކަމާއެކު ތިލަކޮށްލާ ހިތް ވީއެވެ.