Support Us

ކޮންމެ ނަމެއް ކިޔަސް ސިފައިން ވާނީ ހަމަ ސިފައިންނަށް

އިންޑިއާގެ އަސްކަރީއްޔާއާއި ދިވެހި ސަރުކާރާ ދެމެދުގައި ކުރެވޭ އެއްބަސްވުންތައް އެއީ ޤާނޫނީ ގޮތުން ސިއްރުކުރެވޭނެ އެއްޗެއް ކަމުގައި ނުވިޔަސް އެ ކަން އެ އޮތީ ސިއްރުކުރެވިފައެވެ. ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިން ގިނަ ޢަދަދަކަށް ތިބިކަން ދިވެހި ރައްޔިތުންނަށް އެނގުނަސް މި ކަމަށް ސަރުކާރުން އެއްބަސްވާކަށް ބޭނުމެއް ނުވެއެވެ. ރާއްޖޭގައި ތިބި ސިފައިންގެ ޢަދަދު ހާމަކުރައްވާން ޑިފެންސް މިނިސްޓްރީއިން ދެކޮޅުހެއްދެވުމުން، ސާބިތުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމެވެ. އެ ކަމަށް އެ އެއްބަސްވެވަޑައިގެންނެވުނީއެވެ. އަދި ރާއްޖޭގައި އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯރސް ވިދާޅުވުމުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް އެ މަނިކުފާނު ވެސް ނުސީދާކޮށް އެ އެއްބަސްވެވަޑައިގަތީއެވެ. އެހެންވީމާ، ކަމާ ބެހޭ ފަރާތްތަކުން ސީދާ ޞަރީޙަ ޢިބާރާތުން "ރާއްޖޭގައި އިންޑިއާ ސިފައިން އެބަ ތިތްބޭ" ވިދާޅުވެފައި ނުވިޔަސް ނުސީދާ ގޮތެއްގައި އެކަމަށް އެވަނީ އިޢުތިރާފުވެވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިންގެ އަދަދާއި އެމީހުންނަށް ދިވެހި ދައުލަތުން ކުރާ ޚަރަދު ހާމަކުރައްވާން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމެވި ނިންމެވުމުން ވެސް ސާބިތުވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބިކަމެވެ. އެހެން ނޫންނަމަ، އިޢުލާނުކުރެއްވީހީ ރާއްޖޭގައި އިންޑިއާ ސިފައިންގެ އެކަކު ވެސް ނެތް ކަމަށެވެ.

އިންޑިއާގެ ޑޯނިއަރ އާއެކު މިލިޓަރީ ސިފައިން ހަނިމާދޫ އެއާޕޯޓުގައި -އަދިވެސް ފޮޓޯ:

ދިވެހިރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބި ޢަދަދާއި އެމީހުންނަށް ދިވެހި ދައުލަތުން ކުރާ ޚަރަދު، ރައްޔިތުންނަށް ހާމަކުރާން ނުޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރު ނިންމެވިޔަސް، އަދި ޖޭއެސްސީ ކޮންޓްރޯލްކުރާ ކޯޓުތަކުން މި ގޮތަށް ފަހުން ނިންމެވިޔަސް އެ މަޢުލޫމާތަކީ ރައްޔިތުންގެ ޙައްޤެކެވެ. މަޖިލީހާއި ހުރިހާ "މިނިވަން" މުއައްސަސާއަކާއި ޖުޑިޝަރީގެ ކޮންޓްރޯލް އޮތުމުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ނިންމެވިޔަސް "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު"ގައި ހުރި ވާހަކަތައް އަޅުގަނޑުމެންނަށް ވެސް އެނގެއެވެ. ދިވެހި ދައުލަތޭ މި ކިޔަނީ ރައްޔިތުން ވެސް ހިމެނޭ ގޮތުން ކަމަށް ވާއިރު، މި ދައުލަތުން ކުރާ ކޮންމެ ޚަރަދެއް މި ދައުލަތުގެ ރައްޔިތުންނަށް އެނގުމަކީ ދިވެހި ރައްޔިތުންގެ ހައްގެކެވެ. އެ ހައްގު ލިބުމާއި ނުލިބުމަކީ އެހެން ކަމެކެވެ. މި ކަން ޚުދު އިންފޮމޭޝަން ކޮމިޝަނަރަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. އެހެނީ އެ މަނިކުފާނަށް ޤާނޫނީ ލަފާދެއްވާން ތިއްބެވި ބޭފުޅުން ވެސް ވަނީ، އެއީ ނުދީ ހިފެހެއްޓެވޭނެ މައުލޫމާތެއް ނޫންކަމަށް ލަފާއަރުވައިފައިކަން އަޅުގަނޑަށް އެނގެއެވެ. އަދި އެ މަނިކުފާނުގެ ވިސްނުންފުޅު ވެސް ކުރީން ހުރީ އެހެންކަން އެނގެއެވެ. އެ މަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ވެސް އެ ވިސްނުންފުޅުގައެވެ. ނަމަވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު، އެ މަޢުލޫމާތު ސިއްރުކުރައްވާން ޖެހޭ ސަބަބެއް އެނގިވަޑައިގެންފި ކަމަށް ވިދާޅުވެ، އެ މަޢުލޫމާތު ދޫކުރައްވާން ނިންމެވީ، އެއީ ކޮން ސަބަބެއްކަން ހާމަ ވެސް ނުކުރައްވައި އެއްވެސް ގަވާއިދަކާއި ގާނޫނެއްގެ ވަކި މާއްދާއަކާ ޙަވާލާ ވެސް ނުދެއްވައިކަން ފާހަގަކޮށްލެވެއެވެ. ވަޒީފާގައި ދެމިހުންނެވުމުގެ މަޖުބޫރީއަށް ޓަކައި، ހިތްޕުޅާ ދެކޮޅަށް، ރައްޔިތުންގެ ޙައްޤެއް ނިގުޅިގެން ދާ ފަދަ ނިންމެވުމެއް ނިންމެވީކަމަށް ވެދާނެއެވެ. މި މަޢުލޫމާތު އަޅުގަނޑަށް ލިބުނު މަޞްދަރު މަޞްލަހަތަށް ޓަކައި ހާމަނުކުރީއެވެ. ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން އަޅުގަނޑަށް ވެސް މި ޙައްޤު ލިބިދީފައިވާތީއެވެ.

އަނެއްކޮޅުން ދިވެހިރައްޔިތުންނަށް ވިސްނައިދޭން ދިވެހި ސަރުކާރުން މަސައްކަތްކުރައްވަނީ އުތުރު ތިލަފަޅުގައި ހަދާ ބަނދަރަކީ އިންޑިއާގެ "އެހީގައި" ހަދާ ތަނެއް ކަމުގައެވެ. ނަމަވެސް އެއީ ދަރަންޏަށް ނަގާ ފައިސާއިން ހަދާ ތަނެކެވެ. އަދި އެއީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޭނުމަށް ޓަކައި ހަދާ ތަނެއް ކަމަށް، އިންޑިއާގެ އޮފިޝަލުންނާ ޙަވާލާދީ "ހިންދުސްތާންޓައިމްސް"ގައި ލިޔެފައިވާ ޚަބަރެއް ބުނެއެވެ. އެ ޚަބަރު ބުނާ ގޮތުން 50 މިލިއަން ޑޮލަރުގެ "ލައިން އޮފް ކްރެޑިޓް" ދިވެހި ރާއްޖެއަށް ވަނީ ދީފައެވެ. ބައެއް މީހުން ހީކުރަނީ "ލައިން އޮފް ކްރެޑިޓް"އޭ ކީމާ، ލޯނޭ ނުކީމާ، އެއީ ދަރަންޏެއް ނޫންކަމަށެވެ. ނަމަވެސް އެއީ ދިވެހި ދައުލަތުން އަނބުރައި ދައްކާން ޖެހޭނޭ ދަރަންޏެވެ. އެ ދަރަނި ދީގެން އެ ދަރަނި ފައިސާއިން ހަދާ ތަނެއް މި ހަދާން ޖެހެނީ އިންޑިއާގެ މަޞްލަޙަތަށް ޓަކައި ކަމަށް ވީމާ، ރާއްޖޭގެ އިސްތިޤުލާލާ މެދު ސުވާލު ނޫފެދޭތޯއެވެ! އިންޑިއާގެ ހިލޭ އެހީގައި ހަދާ ތަނެއް ނަމަ، ކަނޑައެޅިފައިވާ އެކަށީގެންވާ ވަކި މުއްދަތަކަށް އިންޑިއާއިން ބޭނުންކުރާން ދިން ނަމަވެސް އެ ދިން ދިނުން ޢާންމުންނަށް ބަލައިގަންނާން ތަންކޮޅެއް ފަސޭހަވީއެވެ. ނަމަވެސް އިންޑިއާއިން ދަރަންޏަށް ފައިސާ ނަގައިގެން ނަމަވެސް، އިންޑިއާގެ ހަތިޔާރު އެޅި ކަނޑުގެ ލަޝްކަރުތަކުގެ މަޞްލަޙަތަށް ޓަކައި ހަދާ ތަނެއް، ދިވެހި ސިފައިންނަށް ބޭނުން އިރަކު މިނިވަންކަމާއެކު ބޭނުން ނުކުރެވޭނެކަމީ ކަށަވަރުވާ ކަމެކެވެ.

މިއީ ވެނުމަސް ވެނަށް ކާންދިނުން ފަދަ ކަމެކެވެ. ދިވެހިރާއްޖެއަށް އަދާނުކުރެވޭހާ ގިނައިން، މަތިމައްޗަށް އިންޑިއާއިން ދަރަންޏަށް ފައިސާ ނަގައިގެން އިންޑިއާގެ އަސްކަރީ ބޭނުމަށް ވަސީލަތްތައް ބިނާކުރުމަކީ ކޮންފަދަ ނިކަމެތި ކަމެއްތޯއެވެ! އިންޑިއާއިން ދަރަންޏަށް ފައިސާ ނަގައިގެން ހަނިމާދޫގައި "އިންޓަރނޭޝަނަލް" ވައިގެ ބަދަރެއް ތަރައްގީކޮށް އެތަން އިންޑިއާގެ "ޓެކްނީޝަނުން" ބޭނުންކުރާން ދިނުމަކީ ދިވެހި ޤައުމުގެ އިސްތިޤުލާލެއް ނެތްކަމުގެ އަލިގަދަ ދަލީލަކަށް ނުފުދޭތޯއެވެ!

މުޅި ރާއްޖޭގައި އިންޑިއާގެ "ހަތިޔާރު ނެތް" ސިފައިންނާއި، އެތައް ސަތޭކަ "ޓެކްނީޝަނުން" އުޅޭކަން އެނގޭއިރު، އެ ޢަދަދު އެނގުމުގެ އަސާސީ ޙައްޤުން ދިވެހީން މަހުރޫމުވެފައިވާއިރު، ދިވެހިރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށާއި ސިޔާދަތަށް ބުރޫއަރާފަދަ އެތައް އެއްބަސްވުންތަކެއް ކުރެވިފައިވާ ކަމަށް ރައްޔިތުންނާއި މަޖުލީސްގެ ބައެއް މެންބަރުން ތުހުމަތު ކުރައްވަމުން ގެންދަވާއިރު، މި އެއްބަސްވުންތައް ހާމަނުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެންމެ ކުޑަމިނުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މި އެއްބަސްވުންތައް ހާމަކުރެވެން ޖެހޭނެއެވެ. މިއީ ޤާނޫނުއަސާސީ ލާޒިމުކުރާ ކަމެކެވެ.

ދިވެހީންނަށް ހަގީގަތް ހާމަކޮށްދޭން ސަރުކާރުން ބޭނުންފުޅުނުވާ، އެއް އެއްބަސްވުމުގެ ނަމެއްކަމަށް މީޑިއާއިން އިވެނީ "ޑިވެލޮޕްމަންޓް ސަޕޯޓް، އެންޑް ދަ މެއިންޓެނަންސް އޮފް ދަ މޯލްޑީވްސް ނޭޝަނަލް ޑިފެންސް ފޯރސް ހާބަރ ސިފަވަރު އެޓް އުތުރުތިލަފަޅު" މި ނަމެވެ. މި އެބަސްވުމުގައި "އަސްކަރީ" (މިލިޓަރީ) މި ލަފުޒު ބޭނުންކޮށްފައެއް ނުވާކަމަށްވެއެވެ. "މިލިޓަރީ"ގެ ބަދަލުގައި ބޭނުންކޮށްފައިވާކަމަށް ވަނީ "ޓެކްނީޝަން" މި ލަފުޒާއި "އޮފިޝަލް" މި ދެ ލަފުޒު ކަމަށް ވެއެވެ. އެ ގޮތަށް އެ ކަން އޮތް ނަމަ، އެ ކަން އެ ގޮތަށް ކޮށްފައި ވަނީ ޤާނޫނުއަސާސީ ބުނާ ގޮތަށް މަޖިލީހުގެ ރުހުން ހޯދާން ޖެހޭ ޖެހުމުން ރެކޭން ވެގެންކަމަށް ވެދާނެއެވެ. ނަމަވެސް ދަންނަވާންތޯއެވެ! ނަން ބަދަލުކުރުމަކީ އޭގެ ހަގީގަތް ބަދަލުވާނެ ކަމެއް ނޫނެވެ. ވަގަށް އެއްޗެއް ނެގުމަށް ފަހު އެއީ ވައްކަމެއް ނޫނޭ އެއީ "ނެގި ކަޓެކޭ" ބުނީމާ ވައްކަން، ވައްކަމަކަށް ނުވާނޭ ގޮތެއް އޮންނާނޭތޯއެވެ! ޒިނޭކުރުމަށް ފަހު، ތިމަންނަމެން ދެ މީހުން ޒިނޭއެއް ނުކުރަމޭ، ދެ މީހުން ދެ މީހުން ބޭނުންވެގެން އެކަކު އަނެކަކަށް އެހީވެދިނީއްޔޭ ބުނީމާ ޒިނޭއަށް ނުވާނެތޯއެވެ! ބަނގުރާ ބުއިމަށް ފަހު، އެއީ ރަލެއް ނޫނޭ އެއީ މިވެނި ބްރޭންޑެއްގެ ބުއިމެކޭ ބުނީމާ ރާ ނުބޯކަމަށް ވާނެތޯއެވެ! އެހެންކަމަށް ވާނަމަ، ސިފައިންނަށް، އެއީ ޓެކްނީޝަނެކޭ، އެއީ އިންޖިނޭރުންނޭ އެއީ އޮފިޝަލުންނޭ ބުނީމާ، ސިފައިން، ސިފައިންނަށް ނުވާނެ ގޮތެއް އޮންނާނެތޯއެވެ! ސިފައިންވާނީ ހަމަ ސިފައިންނަށެވެ.

މަޖިލީހުގައި ސާފު މެޖޯރިޓީއެއް ސަރުކާރަށް އޮތް ނަމަވެސް މި ބާވަތުގެ މައްސަލަތަކަކީ ރައްޔިތުންގެ މަޖިލީހުގެ ސާފު ރުހުމެއް ބޭނުންވާ ކަންކަމެވެ. ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ އަކުރު (ނ) ގައި ބުނާ ގޮތުން މަޖިލީހުގެ މެޖޯރިޓީ ވޯޓްގެ ރުހުން ބޭނުންވާނެއެވެ. އެހެންވީމާ، އެމްޑީޕީގެ މަތީ އަޣުލަބިއްޔަތެއް އޮތް ނަމަވެސް މައްސަލައިގެ ޙައްސާސްކަމަށް ޓަކައި ޖެހެނީ ޤާނޫނީ ގޮތުން އޮޅުވައިލާށެވެ. މިހާރު އެ އޮތީ އެހެން ހެދިފައި ކަމަށް ސަރުކާރުން ދެކެއެވެ. އެހެން ޤައުމެއްގެ އަސްކަރީ ފަރާތްކަކަށް އެ ފަދަ ބޭނުމަކަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުގެ މެޖޯރިޓީ ރުހުމަކާއެކުއެވެ. އެއީ ކޮންމެހެން ކިޔާ ނަމަކާ ގުޅިފައި އޮތް ކަމެއް ނޫނެވެ. ކޮންމެ ނަމެއް ކިޔައިގެން ވިޔަސް ސިފައިން ތިބޭނަމަ، އެ ވާނީ ސިފައިންނަށެވެ. ނަން ބަދަލުކުރުމަކީ އެއްވެސް ހާލެއްގައި ޤާނޫނީ ގޮތުން ލާޒިމުކުރާ ލާޒިމުކުރުމުން ރެކެވޭނެ ކަމެއް ނޫނެވެ. އެ ވިދާޅުވާ "ޓެކްނީޝަނުން"ނަކީ، ކޮން މުއައްސަސާއަކަށް ނިސްބަތްވާ ބަޔެއްކަމާއި އެއީ އިންޑިއާގެ ސިފައިންނަށް ނިސްބަތްވާ ބަޔެއްނޫންކަން ސަރުކާރުން ސާބިތުކޮށްދޭން ޖެހޭނެއެވެ. މިކަން މި ގޮތަށް ނުކުރެވިއްޖެނަމަ، އެއީ ސަރުކާރުން އޮޅުވައިލައްވަނީ ކަމަށް ނޫނީ ނުވާނެއެވެ.

އަނެއްކޮޅުން އިންޑިއާގެ މަޝްހޫރު ނޫހެއް ކަމުގައިވާ "ހިންދުސްތާންޓައިމްސް"ގައި އިންޑިއާ ސަރުކާރާ ޙަވާލާދީ ބަޔާންކޮށްފައިވާ ގޮތުން ދެ ސަރުކާރުގެ ދެމެދުގައި (މި ދިޔަ) އާދީއްތަ ދުވަހު ސޮއިކުރެވުނީ "އިންޑިއާގެ ހަތިޔާރު އެޅި ބާރުތަކަށް ޓަކައި، ކަނޑުގެ ސިފައިންގެ މުހިންމު ވަސީލަތެއް، އިންޑިއާ ކަނޑުގެ އާކިޕެލާގޯ (ދިވެހިރާއްޖެ)ގައި ތަރައްގީކޮށް މަރާމަތުކޮށް ބަލަހައްޓާށެވެ." "އުތުރު ތިލަފަޅު ނޭވަލް ބޭސް" ތަރައްގީކުރުމުގެ "އެއްބަސްވުމުގައި ސޮއިކުރެވުނީ އިންޑިއާގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރު، އެސް ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ދެވަނަ އަދި ފަހު ދުވަހު" ކަމަށް ވެސް މި ނޫސް ބުނެއެވެ. ވިސްނައިލާންވީ ނުކުތާއަކީ އިންޑިއާގެ ހަތިޔާރު އެޅި ބާރުތަކަށް ޓަކައި އިންޑިއާގެ ކަނޑުގެ ސިފައިންގެ މުހިންމު ވަސީލަތެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެއްގައި ސިފައިން ނުތިބެ ހަމައެކަނި "ޓެކްނީޝަނުން"ނާއި "އޮފިޝަލުން" ތިބޭ ވާހަކަ އެއީ ކޮން ސިކުނޑިއަކުން ގަބޫލުކުރާނެ ވާހަކައެއްތޯއެވެ.

މިފަދަ މަޢުލޫމާތު ހާމަކުރައްވާން ސަރުކާރުން ޖެހިލުންވަނީ ނުވަތަ ސަރުކާރުން ދެކޮޅުހައްދަވަނީ، އެ ފަދަ މަޢުލޫމާތު ހާމަކުރައްވައިފި ނަމަ، ފޫނުބެއްދޭ ފަދަ ގެއްލުމެއް (ސަރުކާރަށް) ލިބިދާނެތީ ކަމަށް ވިދާޅުވެއެވެ. ތެދުފުޅެކެވެ! ޤާނޫނާއި ޤާވާޢިދާ ޚިލާފަށް ކުރައްވާ ކަމެއް ހާމަވުމަކީ ސަރުކާރަށް ސަރުކާރުގެ އެކި ފެންވަރުގެ ވެރީންނަށް ފޫނުބެއްދޭ ފަދަ ގެއްލުމެއް ލިބިވަޑައިގެންފާނެ ކަމަކަށް ވެދާނެއެވެ. ނަމަވެސް މިއީ މަޢުލޫމާތު ދޫނުކޮށް ހިފެހެއްޓޭނެ ސަބަބެއް ނޫނެވެ. "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު" ވުޖޫދަށް އައީ ވެސް ޤާނޫނާއި ޤަވާޢިދާ ޚިލާފު ކަންކަން ހާމަކޮށްގެން، ނާޖާއިޒު ކަންކަން ހުއްޓުވައި ކޮރަޕްޝަނަށް ހުންނަ ދޮރުތައް ބަންދުރާށެވެ. ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަންކަން ކޮށް، އެ ކަން ހާމަކޮށްފި ނަމަ، ފޫނުބެއްދޭ ފަދަ ގެއްލުން (ވަކި ބަޔަކަށް) ލިބިދާނެ ކަމަށް ބުނެ، މަޢުލޫމާތު ހިފެހެއްޓުމަކީ އިސްވެ މި ޙަވާލާދިން ޤާނޫނުން ދޭ އިޚުތިޔާރެއް ނޫނެވެ. މި އިޚުތިޔާރު އޮންނަ ނަމަ، އެ ޤާނޫނުގެ އޮތީ ކޮން ބޭނުމެއްތޯއެވެ!

"މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު"ގެ "ހަތްވަނަ ބާބު"ގެ ދަށުން އޮތް 20 ވަނަ މާއްދާގެ (ހ) ގައި "މި ބާބުގައި ހިމެނޭ ކޮންމެ މާއްދާއެއް ވެސް ކިޔާންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު ނެގެހެއްޓުމަށް ޖާގަ ލިބިދޭ ގޮތުގެ މަތީން"ކަމަށާއި "އަދި، އެ އުޞޫލަށް ހަނިކަމެއް ނާންނާނެ ގޮތުގެ މަތީން"ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައި ވަނީ "މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއްގައި، އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ވަކި މަޢުލޫމާތަކަށް އެދުމުން އެ މަޢުލޫމާތެއް ދިނުމަށް އިންކާރުކުރުމަށްވުރެ، އެ މަޢުލޫމާތު ދިނުމަކީ މުޅި ރައްޔިތުންގެ މަޞްލަޙަތު، މާ ރަނގަޅަށް ޙާޞިލުވާނެ ކަމެއް ކަމުގައިވާ ނަމަ، އަދި އެ މަޢުލޫމާތު ހާމަނުކުރުމުން ރައްކާތެރިކުރެވޭ މަޞްލަޙަތަށްވުރެ، އެ މަޢުލޫމާތު ހާމަކުރުމުން ރައްކާތެރިކުރެވޭ މަޞްލަޙަތު ބޮޑުކަމުގައިވާ ނަމަ، އެ މަޢުލޫމާތެއް ދައުލަތުގެ އެ އިދާރާއަކުން ދޫކުރާންވާނެ އެވެ." މި ފަދައިންނެވެ.

އިސްވެ ދެންނެވުނު ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް އެކަނި ބަލައިލިޔަސް ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ޢަދަދާއި އެ މީހުންނަށް ދައުލަތުން ކުރާ ޚަރަދު ހާމަކުރުން ލާޒިމުކަން އެބަ ސާބިތުވެއެވެ. އެހެނީ ރައްޔިތުންގެ މަޞްލަޙަތު އޮތީ އެ މަޢުލޫމާތު އެނގިގެންނެވެ. ރައްޔިތުންގެ ފައިސާއިން ކުރާ ޚަރަދު ނޭނގުމަކީ އެ މީހުންގެ މަޞްލަޙަތެއް ނޫނެވެ. އަދި ރާއްޖޭގައި ބޭރުގެ ސިފައިން އުޅޭކަމާއި އުޅެނީ ކިތައް މީހުންކަމާއި އެއީ ކީއްކުރާން އުޅޭ ބައެއްކަން ނޭނގުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ޝައްކުތައް އުފެދޭނެ ކަންކަމެވެ. ސަރުކާރަށް ކުރާ އިތުބާރު ކުޑަވާނޭ ކަމެކެވެ. މި ޤާނޫނުގައި އިސްކަން ދީފައިވަނީ ރައްޔިތުންގެ މަޞްލަޙަތަށެވެ. ބޭރު ޤައުމެއްގެ މަޞްލަޙަތަކަށް ނުވަތަ ސަރުކާރުގެ މަޞްލަޙަތަކަށް ނޫނެވެ. އެހެންވީމާ، ރައްޔިތުންނަށް މަޞްލަޙަތު ބޮޑީ އެ މަޢުލޫމާތު ހާމަކުރުމުގައިކަން އެއްވެސް އޮޅުމެއް ނެތި ސާބިތުވެއެވެ. ވީމާ އެ މަޢުލޫމާތު ހާމަކުރުމަކީ ޤާނޫނު ލާޒިމުކުރާ ކަމެކެވެ. އަދި ޤާނޫނުގެ 70 ވަނަ މާއްދާގައި ވަނީ "މި ޤާނޫނުގެ އެކިއެކި މާއްދާތައް ތަންފީޒުކުރުމުގައާއި މާނަކުރުމުގައި، އެންމެ އިސް މަޞްލަޙަތެއް އޮންނާނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އޭގެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ މައްޗަށެވެ." މި ފަދައިންނެވެ. އެ މަޢުލޫމާތު ނުދީ ހިފެހެއްޓުމުގެ މައްޗަކަށް ނޫނެވެ.

އިސްވެ ދެންނެވުނު ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގައި "މި ޤާނޫނުގެ ދަށުން ވަކި މަޢުލޫމާތެއް ދޫކުރުމަކީ އާންމު މަސްލަހަތަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށް ބަޔާންކޮށް އެފަދަ މަޢުލޫމާތެއް ދޫނުކުރާން ނިންމާ ޙާލަތުގައި" ވެސް "ދައުލަތުގެ އިދާރާއަކުން ކަމެއް ކޮށްފައިވާ ގޮތް މީހުންނަށް އެނގިއްޖެ ނަމަ، ޖަވާބުދާރީވާން ދައުލަތުގެ އެ އިދާރާއަކަށް އުނދަގޫވެދާފަދަ މަޢުލޫމާތެއް ހިމެނިފައި"ވުމާއި، "ދައުލަތުގެ އިދާރާއަކާ މެދު އިތުބާރު ކުޑަވާ ފަދަ މަޢުލޫމާތެއް ހިމެނިގެންވުމަކީ" ޢާންމު މަޞްލަޙަތަށް އުނިކަން އަތުވެދާ ކަންކަން ކަމަށް ބަލައިގެން ނުވާނެ ކަމަށް ޞަރީޙަކޮށް ބަޔާންކޮށްފައިވެއެވެ.

އަޅުގަނޑު މިހާ ބޮޑަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ޙަވާލާދީ މި ވާހަކަތައް މި ލިޔުނީ މި ޤާނޫނުގައި އޮތް އެއްޗަކާއި ޤާނޫނު އުފެއްދި މަޤުޞަދު އެނގޭތީއެވެ. ޤާނޫނުގެ ނިޔަތް ވެސް އެނގޭތީއެވެ. އެ ޤާނޫނު ވުޖޫދަށް ގެނައުމުގައި އެ ޤާނޫނުގެ ބިލު ދިރާސާކޮށް އިޞްލާޙުކުރާން އިސްކޮށް މަސައްކަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައި އޮތީތީއެވެ. އަދި އެ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ އިސްދައުރެއް ފަސް އަހަރު ވަންދެން އަދާކުރުމުގެ ފުރުޞަތު ލިބުނު މީހެއްގެ ހައިސިއްޔަތުންނެވެ.

އެހެންވީމާ، އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ހަގީގަތާއި، ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ތިބި އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުގެ މާލިއްޔާއިން ކުރާ ޚަރަދު ހާމަކުރުމަކީ ދައުލަތުގެ ވަކި އިދާރާއަކަށް ޖަވާބުދާރީވާން އުނދަގޫވާ ކަމެއްކަމެއް ކަމަށް ވިޔަސް އެއީ ރައްޔިތުންނާ ބެހޭ ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން މި މަޢުލޫމާތު ހިފެހެއްޓުމުގެ އެއްވެސް ޙައްޤެއް އެއްވެސް އިދާރާއަކަށް ޤާނޫނަކުން ނުދެއެވެ. އެ މަޢުލޫމާތުތަކަކީ ރައްޔިތުންގެ ހައްޤެކެވެ. ޤާނޫނުއަސާސީއާއި ޤާނޫނުން އޮޅުންފިލުވައިދެނީ މި ހަގީގަތެވެ.

ވީމާ، މި ފަދަ މަޢުލޫމާތު ހިފެހެއްޓުމަކީ މި ޤާނޫނުގެ މަޤުޞަދާއި ނިޔަތާ ތަޢާރުޒުވާ ކަމެކެވެ. މި ފަދަ މަޢުލޫމާތު ހިފަހައްޓާނަމަ، އެކި އިދާރާތަކުން ހިންގާ ލާދުސްތޫރީ ޢަމަލުތަކާއި ނާޒާއިޒު ކަންކަމާއި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވޭނެ ގޮތެއް ނޯންނާނެއެވެ. އެހެންނަމަވެސް އެ ފަދަ މަޢުލޫމާތު ނުދީ ސިއްރުކޮށް ހިފެހެއްޓުމަކީ އެއީ އެ ކަން ޤާނޫނުގައި އޮތް ގޮތެއް ނޫނެވެ. މި ފަދަ މަޢުލޫމާތު ހިފެހެއްޓުމަކަށް ޤާނޫނު ތަނެއް ނުދެއެވެ. ޤާނޫނާއި ހަތިޔާރުގެ ބާރުގައި ޚުދުމުޚުތާރުކަމާއެކު، ޤާނޫނާ ޚިލާފަށް ކަންކަންކުރުމަކީ އެހެން ކަމެކެވެ. އެ ކަމާމެދު ދަންނަވާނޭ އެއްޗެއް ނޭނގެއެވެ. އަޅުގަނޑަށް އެނގެނީ ނަމެއް ބަދަލުކޮށްލުމަކީ އެއްޗެއްގެ އަޞްލު ބަދަލުވާނޭ ކަމެއް ނޫންކަމެވެ. އަދި ހަގީގަތެއް އޮޅުވައިލުމަށް ޓަކައި އޭގެ މައްޗަށް ފަސްއަޅައި ފޮރުވިޔަސް ހަގީގަތް އޮތް ގޮތަށް އޮންނާނެކަމެވެ. ވަގުތު ފާއިތުވާ ފަހުން ނަމަވެސް ހަގީގަތް ހާމަވާނެއެވެ. ކޮންމެ ނަމެއް ކިޔަސް ސިފައިން ވާނީ ހަމަ ސިފައިންނަށްކަމެވެ.

  • ބައެއް މަޢުލޫމާތު: ގާނޫނު ނަންބަރު 2014/1