Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

މުންދުގެ ކޮލަމް: ދިވެހި ޒުވާނުން ވަޒީފާގައި "ހަރުނުލާ" ވާހަކަ އެއީ ހަމަ ހޮޅި ވާހަކަ!

ސަރުކާރުގެ ޚިދްމަތުގައި ވޭތުކުރި ވިއްސަކަށް އަހަރުގެ ތެރޭގައި އެންމެ ހިތްހަމަޖެހުން ލިބުނު އެއް ތަޖުރިބާއަކީ، އަލަށް ވަޒީފާއަށް ނުކުންނަ ޒުވާނުންނާ، ލިބިފައިވާ ޢިލްމާއި ޙިލްމު، ޙިއްޞާކުރުމުގެ ފުރުޞަތެވެ. އާ ޖީލެއްގެ ހިންގުންތެރިން ބިނާކުރުމުގައި އެހީތެރިވެދިނުމުގެ ހިތްހަމަޖެހުމެވެ. އެފަދަ ޒުވާނުންނަށް ކުރިމަތިވާނެ ހުރަސްތައް ގިރާކުރުމަށް ހިތްވަރުދިނުމެވެ. އަދި، ކުރިއަށްދިއުމަށް ބޭނުންވާނެ ހުނަރުތައް އުނގަންނައިދިނުމެވެ. އެހެނީ، ތަޖުރިބާއަކީ އެއްވެސް ފޮތަކުން ދެނެގަނެވޭނެ އެއްޗެއް ނޫން ކަމަށްވީތީއެވެ.

އަޅުގަނޑުގެ އަތްމައްޗަށް ސަރުކާރުގެ ޚިދްމަތުގެ ފުރަތަމަ ނޭވާލީ ޒުވާނުން މަދެއްނުވާނެއެވެ. ވަޒީފާ އަދާކުރި ހުރިހާ ތަނެއްގައިވެސްމެއެވެ. ރައީސް އޮފީހުގައެވެ. ޔޫތު މިނިސްޓްރީގައެވެ. އަދި، ޖަޕާނާއި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. ކޮންމެ އޮފީހެއްގައިވެސް، ހުނަރުވެރި، ހީވާގި ޒުވާނުންނަށް މަގު ދައްކާ، ނަސޭހަތްތެރިވެ، ހިތްވަރުދީ، އެހީތެރިވުމުގެ ފުރުޞަތު ލިބުނެވެ. ވަކިވަކިން ނަން ދެންނެވޭނެވަރަށްވުރެ ގިނަވާނެއެވެ. މިއަދުވެސް އެޒުވާނުންގެ މަސައްކަތް ގާތުން ބަލަމެވެ. އަދި، އެ ޒުވާނުން ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކޮށް، ކުރިއަރަމުންދާތީ، އެކަމާ އުފާކުރަމެވެ. ހުރިހާ ޒުވާނުން މިއަދު އުޅެނީ ސަރުކާރު ޚިދްމަތުގައިކަމަށް ނުވެދާނެއެވެ. ބައެއް ޒުވާނުން އަމިއްލަ މަސައްކަތުގައި ނުވަތަ އަމިއްލަ ފަރާތްތަކުގެ ވަޒީފާގައިވެސް އެބައުޅެއެވެ. ސަރުކާރުގައި ދެމިތިބި ބައެއް ޒުވާނުން ސިޔާސީ މައިދާނަށްވެސް ނުކުތެވެ. އެކި ފިކުރުގެ ތެރެއިންނާއި ތެރެއަށެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން ވަޒީރުކަމާ ހަމައަށްވެސް ވާޞިލުވިއެވެ.

ޒުވާނުންގެ އުންމީދަކަށްވާނީ ކުރިއެރުމުގެ ފުރުޞަތެވެ. މަޤާމާއި މުސާރައިގެ ގޮތުންނެވެ. އެމަގު ތަނަވަސްވެފައިވާ އޮފީސްތަކުގައި އެޒުވާނުން ހިތްވަރާއި ހިންމަތާއެކު ޚިދްމަތުގައި ދެމިތިބޭނެއެވެ. އެޒުވާނުންނަށް މަދަދުވެރިވެ ނަސޭހަތްތެރިވާ ހަރު މުވައްޒަފުން ގިބޭ އޮފީސްތަކުގައި އެޒުވާނުން ނަތީޖާ ނެރެވޭނެ ޤާބިލު ބައެއްގެ ގޮތުގައި ފެނިގެންދާނެއެވެ.

ވަރަށް ގިނައިން އިވޭ އަޑެކެވެ. ދިވެހި ޒުވާނުން އޮފީސްތަކުގައި ހަރުނުލާ ވާހަކައެވެ. އެޒުވާނުންނަށް އިތުބާރު ނުކުރެވޭނެ ވާހަކައެވެ. މިއީ އަޅުގަނޑު ބަލައިގަންނަ ކަމެއް ނޫނެވެ. މިއީ އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި ތެދު ވާހަކަތަކެއް ކަމަށްވެސް ޤަބޫލެއް ނުކުރަމެވެ.

ޒުވާނުން މަސައްކަތުގައި އެއްތަނެއްގައި ދެމިތިބޭނީ، އެޒުވާނުން އެތަނެއްގައި ދެމިތިބެވޭނެ ހާލަތަކާއި މާޙައުލެއް ޤާއިމުކުރީމައެވެ. މުސާރައާއި އިނާޔަތުގެ ގޮތުންނެވެ. ޚިދްމަތުގައި ބޭނުންކުރާ ވަޞީލަތުގެ ގޮތުންނެވެ. ކުރިއެރުމުގެ ފުރުޞަތުގެ ތެރެއިންނެވެ. މިޝަރުތުތައް ފުރިހަމަ ވާނަމަ، އެޒުވާނުންގެ ވަފާތެރިކަން އޮންނާނެއެވެ. އެތަނެއްގައި ދެމިތިބެ، ޚިދްމަތްކޮށް، ކުރިއަށްދިއުމުގެ އުންމީދު ކުރާނެއެވެ.

ދެން އޮތީ ޤާބިލިއްޔަތުކަމެވެ. އަދި ތަޖުރިބާއެވެ. ވަޒީފާއަށް ނުކުންނަ ދުވަހު އެކަކުވެސް މިޝަރުތުތައް ފުރިހަމައެއް ނުވާނެއެވެ. މިއީ އަޅުގަނޑު އަބަދުވެސް ދައްކަމުން އައި ވާހަކައެކެވެ. އެޒަމާނުގައިވެސް މިއީ އިޞްލާޙުކުރަން ޖެހިފައި އޮތް ކަމެކެވެ. ވަޒީފާއަށް އިޢްލާން ކުރާއިރު އޭގައި ކަނޑައަޅާ ފެންވަރު ނުވަތަ ޝަރުތުތަކުގެ ތެރޭގައި އެވެނި މިވެނި ދާއިރާއެއްގައި، އެވެނި މިވެނި ފެންވަރެއްގައި، އެވެނި މިވެނި އަހަރެއްގެ މުއްދަތުގައި ޚިދްމަތްކޮށްފައި އޮތުން ލާޒިމުކުރުމަކީ، ޒުވާން ޚިދްމަތްތެރިންނަށް ދޮރު ބަންދުކުރުމެވެ. ޤާބިލު ޒުވާނަކުވެސް، އެވަފަ ފުރުޞަތެއް ފުރަތަމަ ހޯދޭނެ މަގު އެ ބަންދުވީއެވެ. ބޭރު ޤައުމުތަކުގައި މިފަދަ ޝަރުތުތައް ލިޔެވިފައި އޮންނަނީ ކުރިމަތިލާ ބަޔަކަށް އެހެން ގޮތްތަކުން އަދި ދާއިރާތަކުން އެފަދަ ހުނަރުތައް ދެނެގަނެ، ތަޖުރިބާ ހޯދޭނެ މަގު ކޮށިފައި އޮންނާތީއެވެ. މިސާލަކަށް އަމިއްލަ ޖަމްއިއްޔާތަކެވެ. އަދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކެވެ. އެތަންތާނގައި ޒުވާނުން ޚިދްމަތްކޮށް، ހުނަރު ތަރައްޤީކޮށް، ތަޖުރިބާ ލިބިގަންނާނެ ފުރުޞަތުތައް ގިނަވާނެއެވެ. ރާއްޖޭގައި ކަންއޮތީ އެގޮތަކަށް ނޫނެވެ. ވީމާ، އިޢްލާން ކުރެވޭ މަދު ވަޒީފާތަކަށް ކުރިމަތިލާން މިތިބެނީ ހަމަ އެއް ބައެކެވެ. އާ ޒުވާނުން މައިދާނަށް ނުކުންނަން އޮންނަނީ ވަރަށްވެސް ހަނި ފުރުޞަތެކެވެ.

މިދޭތެރެއަކުން ދައުލަތުގެ ބޮޑެތި ދެތިން ކުންފުންޏަށް އެކި ގިންތިއަށާއި ފަންތިއަށް ގިނަ ބިދޭސީން ވަޒީފާއަށް ވައްދައިފިއެވެ. މިކަމާ އަޅުގަނޑު ނުރުހުންފާޅުކުރީމެވެ. މިއީ ކަންވާންވާނެގޮތް ނޫންކަމަށް ބުނީމެވެ. އެތަނުން އެއް ކުންފުންޏެއްގެ ދިފާއުގައި ވަޒީރަކުން އެހިސާބުން ބަސްދީގަތުމެއް ދެއްވިއެވެ. ވަޒީރު ވިދާޅުވީ، އެމަޤާމަށް ބޭރު މީހަކު ލާންޖެހުނީ އެކަމަށް އެކަށޭނަ ދިވެހިން ނުތިބޭނެތީއެވެ. ތަޖުރިބާގެ ގޮތުންނެވެ. އަދި ދިވެހިންގެ 'ކޮންޓެކްޓްސް' އެދާއިރާގައި މަދީކަމެވެ. ކަން އޮތީ އެހެން ނަމަ، އެއީ ކާކުގެ އިހުމާލެއްތޯއެވެ؟ އެއީ ކާކު ޙައްލުކުރުމުގެ ޒިންމާ އުފުލާ ކަމެއްތޯއެވެ؟ ވާހަކަ ދެކޮޅެއް ނުޖެހެއެވެ. ޙުއްޖަތް ބަލައެއް ނުގަނެވެއެވެ. ބަހަނާ ދެކޮޅެއް ނުޖެހެއެވެ.

ޒުވާނުންގެ ވަޒީފާއާއި ފުރުޞަތުގެ ދާއިރާއިން ރާއްޖެއަކީ 'ޕްރޮޓެކްޝަނިސްޓް' ސިޔާސަތެއް އޮންނަ ޤައުމަކަށް ވާން އެބަ ޖެހެއެވެ. ބޭރު މީހުންގެ ކިބައިން އެ ޒުވާނުން 'ހިމާޔަތް' ކުރަން އެބަޖެހެއެވެ. ޤާނޫނުން އެ ޒުވާންނަށް ޚާއްޞަ ފުރުޞަތުތަކެއް ލިބެން އެބަޖެހެއެވެ.

ބައެއް މުހިންމު ތަފާސްހިސާބަށް ބަލާލަމާ ހިންގަވާށެވެ. އަދި، ނަމޫނާއަކަށް އެއް ދާއިރާ ނަގަމާ ހިންގަވާށެވެ. ފަތުރުވެރިކަމުގެ ދާއިރާއެވެ. ދިވެހި މުވައްޒަފުން ހަރަކާތްތެރިވާ މިންވަރެވެ. ޤާނޫނުގައި އޮތް އެއްޗެއް އެންމެނަށްވެސް އެނގެއެވެ. އެއީ ކޮންމެ ރިސޯޓެއްގައިވެސް 55 އިންސައްތަ މުވައްޒަފުން ދިވެހިންނަށް ވުން ލާޒިމުކަމެވެ. ފުރަތަމަ ސުވާލަކީ މިޝަރުތު ފުރިހަމަވަނީ ކިތައް ރިސޯޓުގައިތޯއެވެ؟

ދެން އޮތީ އެރިސޯޓުތަކުގައި ބިދޭސީން މަސައްކަތްކުރާ ދާއިރާތަކާއި ފެންވަރެވެ. ޖެނެރަލް މެނޭޖަރުން ފެށިގެން އެކި ފަންތީގައި ބޭރު މީހުން އެބަ އުޅެއެވެ. ބައެއް މިސާލު ނަގަން މުހިންމެވެ. ފްރަންޓް އޮފީހެވެ. އެތާނގައި ގިނައިން ބޭރު މީހުންތިބުން އެއީ ބަލައިގަނެވޭ ކަމެއް ނޫނެވެ. ބާމަނުންގެ ގޮތުގައި ބޭރު މީހުންތިބުން އަޅުގަނޑަށް ވިސްނެއެވެ. އެކަމަކު ފްރަންޓް އޮފީސް ރިސެޓްޝަނިސްޓުން، ރެސްޓޯރަންޓް ވޭޓަރުން އަދި ރޫމްބޯއިންގެ ގޮތުގައި ބޭރު މީހުން ތިބުން އަޅުގަނޑަކަށް ނުވިސްނެއެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި ބައެއް ދާއިރާތައް 'ދިވެހިންނަށް ޚާއްޞަ' ކުރެއްވިއެވެ. ފޮޓޯގްރަފީ މިސާލަކަށް ފުދެއެވެ. ހަމަ އެފަލްސަފާގެ ދަށުން، ފަތުރުވެރިކަމުގައިވެސް 'ޕްރޮޓެކްޝަނިސްޓް' ސިޔާސަތުތަކެއްގެ ތެރެއިން ޒުވާނުންނަށް ފުރުޞަތު ފުޅާ ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. އެއީ، މަޝްވަރާގެ ތެރެއިން، މުއްދަތުތަކަކާއި މިންގަނޑުތަކެއް ޤާއިމުކުރެވިގެން ގެނެވޭ އިޞްލާޙުތަކެއް ނަމަ، އެ ބާރުވެރި 'ރިސޯޓު އޯނަރުން’ވެސް ރުހޭނެއެވެ. އެއްބާރުލުންދޭނެއެވެ. ތާއީދުވެސް ކުރާނެއެވެ.

މިއީ ވަރަށް ސާދާކަމެއްގެ ގޮތުގައި ބައެއް ލިޔުންތެރިންނަށް ވިސްނިވަޑައިގެންފާނެއެވެ. އިތުރު ތަފާސްހިސާބެއް ހާމަކޮށްލާނަމެވެ. ތިޔަ ބޭފުޅުންގެ ޚިޔާލުފުޅަށް ބަދަލެއް އަތުވެދާނެކަމުގެ އުންމީދުގައެވެ. މިފަދަ ޤާނޫނީ އިޞްލާހެއް ގެނެވިގެން، އިސްވެ ދެންނެވުނު ރިސޯޓު ދާއިރާތަކަށް އެކަނި ބަދަލުގެވެވުނަސް، ދިވެހި ޒުވާނުންނަށް އެ އިތުރުވަނީ އަދި ޔަޤީންވަނީ  16،000 އިތުރު ވަޒީފާއެވެ.

 

  • ކަވަރ ފޮޓޯގައި: ފޮޓޯ ނަގަން ދަސްކޮށްދޭ ކޯހެއްގައި ޒުވާނުން ބައިވެރިވަނީ. -ފޮޓޯ: ޝާފީ/އެފް.ބީ