Support Us

ކޮލަމް: ދޭހަ

ދިވެހިންނަށް ވަޒީފާ ނުލިބޭ ވާހަކަ ރަނގަޅެއް ނޫން

ބިދޭސީން ވަޒީފާގައި ތިބުމުން ދިވެހިންނަށް ވަޒީފާ ނުލިބޭ ކަމަށް ދައްކާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫނެވެ. ދިވެހިން އަދާކުރާ އާދައިގެ މަސައްކަތުގެ ވަޒީފާތަކުގައި، ދިވެހިންނަށް ވުރެ ބޮޑު މުސާރައާއި ޢިނާޔާތްތައް ބިދޭސީ މަސައްކަތްތެރިންނަށް ދެވޭ ކަމަށް ދައްކާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެކެވެ. އެފަދަ ވާހަކަތައް ޤަބޫލު ކުރެވޭފަދަ ހެއްކެއް ވެސް ނުދެއްކެއެވެ. ހެއްކެއް ދައްކާއިރު ދެއްކޭ ހެއްކަކީ ކަން އޮންނަ ގޮތަށް ބަލާފައި، އެނގިގެން ދެއްކޭ ހެއްކެއް ނޫނެވެ. މިސާލަކަށް ދަންނަވާނަމަ ބިދޭސީ މަސައްކަތު މީހުންނަށް ކާންބޯންދިނުމާއި ނިދާނެ ތަނެއް ދިނުމެވެ. އެ މީހުން މަސައްކަތްތަކަށް ރާއްޖެ ގެނެވެނީވެސް އެއްބަސްވުމެއްގެ ދަށުން އެ މީހުންނަށް ދެވޭ މުސާރައިގެ އިތުރަށް ކާންބޯންދިނުމާއި ނިދާނެ ތަނެއް ދިނުމާއި ބަލިވެއްޖެ ނަމަ ބޭސްފަރުވާ ކޮށްދިނުން ޝަރުތުކޮށްފަ އެވެ. އެ މީހުންނަށް ލިބެނީ ވަރަށް ކުޑަ މުސާރައަކަށް ވާތީވެ، އެ މުސާރައިން ކައިގެންބޮއިގެން ތިބޭނެ ތަނެއް ކުއްޔަށް ހިފައިގެން އާދައިގެ މަސައްކަތު މީހަކަށް ނުއުޅެވޭނެ އެވެ. މާލެ ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީންނާއި ދިވެހިންނަށް ވެސް އޮންނަނީ އެއް އުޞޫލެކެވެ. މުސާރައާ އެކު ހުރުމާއި ކެއުން ދިނުމެވެ. އަދި ބަލިވެއްޖެނަމަ ބޭސް ފަރުވާ ކުރުމެވެ. މިސާލަކަށް ދަންނަވާނަމަ ޓޫރިސްޓު ރިޒޯޓުތަކުގައި މަސައްކަތްކުރާ މީހުންނެވެ. އަދި ޞިނާއީ މަސައްކަތްތައް ކުރެވޭ ބައެއް ރަށްރަށުގައި މަސައްކަތްކުރާ މީހުންނެވެ. މާލެ ކަހަލަ ރަށެއްގައި ބައެއް ދިވެހި މަސައްކަތު މީހުން، މަސައްކަތު މީހުން ތިބުމަށް ހަދާފައި ހުންނަ މަސައްކަތުވެށީގެ ދަނާލުގައި ނިދަން ބޭނުން ނުވެއެވެ. އެތައް ބަޔަކު އެއްތަނެއްގައި ނިދާގޮތަށް ހަދާފައި ހުންނަ ތަންތަނެވެ. ގިނަ ދިވެހިންނަށް ބޭނުންވަނީ އެފަދަ ތަންތަނުގައި ނިދުމަށް ވުރެ ބޮޑަށް އެ މީހުންގެ ރައްޓެހި، ނުވަތަ ޢާއިލީގޮތުން ގުޅުން ހުރި ތަނެއްގައި ނިދޭނެގޮތް އަމިއްލަ އަށް ހަމަޖެއްސުމެވެ.

ބިދޭސީންނާއި ހުރެ ދިވެހިންނަށް ވަޒީފާ ނުލިބޭކަމުގައި ވާހަކަ ދެއްކެން ފެށުމާއި އެކު މީސްމީޑިއާ އަށް ފާޑުކިއުމުގެ ފޯވައްސެއް އައިސްގެން އުޅޭ ކަހަލަ ގޮތަކަށް ޙަރަކާތްތެރިވެއެވެ. ކޮންމެ މީހަކު ވެސް ދިވެހިންނަށް ވަޒީފާ ނުލިބުމާއި ބެހޭގޮތުން ޚިޔާލު ފާޅުކުރެއެވެ. މައިގަނޑު ގޮތެއްގައި ސަރުކާރަށެވެ. މިކަމުގައި ވަކި ސަރުކާރެއް ކުށްވެރި ކުރުމަކީ މާ އިންޞާފްވެރި ކަމަކަށް ނުވެ ހިނގައިދާނެ އެވެ. ކޮންމެ ސަރުކާރަކުން ވެސް މިކަމުގައި ގެނެވޭތޯ ބަލާފައި ވަނީ އެއިރެއްގައި ދިމާވާ ކަންތައްތަކަށް ކޮންމެވެސް ވަރެއްގެ ހައްލެކެވެ. ފާޑުކިއުމުގެ އަޑު، ވަގުތީ ގޮތުން ކަނޑުވާލެވޭ ވަރަށެވެ. ތެދެކެވެ. ބައިވަރު ބިދޭސީން މަސައްކަތުގައި އެބައުޅެ އެވެ. ބައިވަރު ދިވެހިންނަށް ވަޒީފާ ނުލިބިފައި އެބަތިއްބެވެ. ބިދޭސީން ގިނައިން މަސައްކަތްކުރަނީ އިމާރާތްކުރުމުގެ ޞިނާއަތުގައެވެ. އެ ޞިނާއަތަށް ބޭނުންވާ ވަރަށް ދިވެހި މަސައްކަތު މީހުން ނުލިބެ އެވެ. ދިވެހިން މަސައްކަތުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަމެއްވެސް ނުއޮވެއެވެ. މިހާރު ނުކުންނަ ކަމަށް ޚަބަރުތަކުން ފެންނަ މައްސަލަ އަކީ ކިޔަވައިގެން ތިބި ދިވެހިންނަށް ކުރިމަތިވެގެން އުޅޭ ވަޒީފާ ނުލިބުމުގެ މައްސަލަ އެވެ. އަށާރަ ވަރަކަށް އަހަރު ކިޔެވުމުގައި ހޭދަކޮށްގެން މެޑިކަލް ޑިގްރީއެއް ހޯދައިގެން އަންނަ މީހާ އަށް ފަނަރަ ހާސް ރުފިޔާގެ މުސާރައެއް ދޭ ވާހަކަ އަޑުއަހަން އުނދަގުލެވެ. ޚާއްޞަކޮށް ތިންހަތަރު މީހުންގެ ދިރިއުޅުން ނަރަކައަކަށް ހަދާފައި، އިންތިޚާބެއްގައި ވިއްސަކަށް ވޯޓު ހޯދާ މީހާ ސިޔާސީ މަޤާމެކޭ ކިޔާފައި ފަނަރަ ހާސް ރުފިޔާ، ނުވަތަ ތިރީސް ހާސް ރުފިޔާ ނުވަތަ ސާޅީސް ހާސް ރުފިޔާގެ މުސާރައިގައި ޑިޕިއުޓީ މިނިސްޓަރު ކަމުގައި ނުވަތަ ސްޓޭޓް މިނިސްޓަރު ކަމުގައި ބަހައްޓާފައި ހުންނަ ކަމުގެ ވާހަކައިގެ އަޑުއިވުމުންނެވެ.

ދިވެހި މަސައްކަތްތެރިންނާއި ބިދޭސީ މަސައްކަތްތެރިން ތަފާތު ކުރުމުގެ މައްސަލަ ފަތުރުވެރިކަމުގެ ޞިނާއަތުގައި އޮންނަ ކަމަށް އަޅުގަނޑަށް ވެސް ޤަބޫލު ކުރެވެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ޞީނާއަތުގެ މަތީ ފަންތީގެ ވަޒީފާ ތަކުގައެވެ. މިއީ މިހާރު ފަސޭހައިން އަވަހަށް ހައްލު ކުރެވޭނެ ކަމެއް ނޫނެވެ. މިކަން މިހިސާބަށް ގޮސްފައި ވަނީ ފަތުރުވެރިކަން ބަލަހައްޓާ އޮފީހުގެ އަޅާނުލުމުންނެވެ. ކޮންމެވެސް ސަބަބަކާ ހުރެ އެ ޞިނާއަތުގެ މީހުން ބޭނުން ގޮތަކަށް ކަންތައް ކުރުމަށް ދޫކޮށްލެވުމުންނެވެ. ބައިނުލްއަޤްވާމީ ޗޭނުތަކުގައި މަތީ ފަންތީގެ ބައެއް ވަޒީފާތަކުގައި ދާއިމީ ގޮތަކަށް ދިވެހިން ބައިތިއްބަން އެ ތަންތަނުގެ ސިޔާސަތު ހުރަސްއަޅާނެ އެވެ. އެތަންތަނުގެ ފެންވަރު ހިފެހެއްޓުމަށް ތަޖުރިބާ އަށް، އެންމެ އިސް ވަޒީފާގައި ތިބޭ މީހުން ދައުރުކުރާ ގޮތަށް އޮންނާތީވެއެވެ. ތަޖުރިބާ ހުރި ދިވެއްސަކު އެފަދަ ވަޒީފާއެއްގައި ހުއްޓަސް އޭނާ އަށް އެ ވަޒީފާގައި ރާއްޖޭގައި ހުރުމުގެ މުއްދަތު ހަމަވުމުން އެހެން ޤައުމަކަށް ދާންޖެހޭނެތީވެ އެވެ. އެހެންނަމަވެސް ތަމްރީނު ލިބިފައި ތިބި، ތަޖުރިބާ ހުރި އެ ފަންނުގައި އުނގެނިފައި ތިބި ދިވެހިންނަށް އެހެން ވަޒީފާތަކަށް ފުރުޞަތު ލިބެންވާނެ އެވެ. ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރެވޭ ރަށްރަށުގެ އެއްބަސްވުންތައް އޮންނަ ގޮތުން އެ ރަށެއް ވިޔަފާރިއަށް ހުޅުވޭއިރު ބައެއް މުހިއްމު ވަޒީފާތަކަށް ދިވެހިން ނުލިބުނަސް ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިން ތަމްރީނު ކުުރުމަށް ފަހު އެ ވަޒީފާތައް ދިވެހިކުރަން ޖެހެއެވެ. އެކަމަކު އެކަން ރަނގަޅަށް ތަންފީޒު ނުކުރެވެއެވެ.

މީގައި ކުރިމަތިވާ އެންމެ އުނދަގޫ މައްސަލަ އަކީ ދިވެހިން މަަސައްކަތަށް ނުނުކުތުމުގެ މައްސަލަ، ސަރުކާރަށް ނޭނގުމެވެ. ނޫން! މައްސަލަ އެނގުނަސް މައްސަލަ ހައްލު ކުރަން ދިގު މުއްދަތެއް ނަގާނެތީވެ ފަސްކޮށްލަނީ އެވެ. ނުވަތަ މަސައްކަތާއި ހަވާލުވެގެން އުޅޭ މީހުންގެ މައްސަލަ ހައްލު ކުރުމުގެ ޖޯޝް ނުހުންނަނީ އެވެ. ސަރުކާރަށް ޤަބޫލު ކުރެވިފައި އޮންނަނީ މަސައްކަތު މީހަކު ބޭނުންވެގެން އިޢްލާނު ކުރުމާއި އެކު މަސައްކަތަށް ބޭނުންވާ ވަރަށް މީހުން ލިބޭނެ ކަމަށެވެ. މައްސަލައަކީ ދިވެހިން އެ ޢިޢްލާނަށް ޖަވާބު ނުދިނުމެވެ. މަސައްކަތް ކުރަން ބޭނުން ނުވުމެވެ. ކީއްވެތޯއެވެ؟ ކަންނެތްކަމުން ތޯއެވެ؟ ދިވެހިން ވަޒީފާ ގައި ދެމިހުރުމުގެ އިތުބާރެއް ނުއޮވެއެވެ. ބޮޑު މުސާރައެއް ދިނަސް އެވެ. ވަގުތަށް ހުރުމަތްތެރިކޮށް ނުހިތައެވެ. އެ މީހުންގެ ބޭނުންތައް ދެނެގަނެ ހެޔޮކޮށް ކަންތައް ކުރިއަސް، ވަރަށް ގިނަ ފަހަރު އެ ހެޔޮކަމުގެ ބަދަލުގައި ވަފާތެރިކަމެއް ދައްކާތަން އޮންނަނީ ނުފެނިފައެވެ.

ދިވެހި، އިޖްތިމާޢީ ސައިންސްވެރިން އަމިއްލަފުޅަށް އިސްނަންގަވައިގެން ވެސް ދިރާސާ އެއް ހައްދަވަންވެއްޖެ އެވެ. ޤައުމުގެ ލާބައަށްޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ސަރުކާރު ދިފާޢުކޮށް، ރައްޔިތުންނަށް ކުޑައިމީކޮށް ވާހަކަދެއްކުމަކީ ދެރަކަމެކެވެ. ޕެންޝަން އޮފީހުގެ އިސްވެރިއަކަށް އެތައް އަހަރެއް ވަންދެން ދިވެއްސެއް ހުރެ ނަތީޖާ ދައްކައިފައި ވަނިކޮށް، މިހާރު އެ މަޤާމަށް ބޮޑު މުސާރައިގައި ބިދޭސީއެއް ހަމަޖެއްސީ ދިވެހީންނަށް ހަމަ ވަފާތެރި ނުވެވޭތީހެއްޔެވެ؟ ޤާބިލު ދިވެހީން ނެތީމާހެއްޔެވެ؟ އެއަރޕޯޓްސް ކޮމްޕެނީގެ އިސް މަޤާމުތަކަށް ބޮޑު މުސާރައިގައި އިސްމީހުން އެ ލަނީ ދިވެހީން ނެތީމާހެއްޔެވެ؟ ވަޒީފާއަށް ބޭރުން މީހުން ގެނައުމަށް ފަހު، ނުވަތަ މަޒީފާއަށް މީހުން ހަމަޖެއްސުމަށް ފަހު، އެ މަގާމަށް މީހުން ހޯދާން އިޢުލާނުކުރާކަން ތިޔަ ބޭފުޅާއަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ މިބާވަތުގެ އެއްޗެހި ލިޔާން ފެށީމާ "އަދިވެސް" އަށް ވެސް މިހާރު ބޮޑުބޭބެ، ލާރިކޮޅުކޮޅު ދިއްކޮށްލަނީ ނޫންބާވައޭ ހިތަށް އަރައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *