Support Us

އަތުކުށް- 8

ސިލްސިލާ ގޮތެއްގައި އަޅުގަނޑު ލިޔަމުން މި ގެންދާ ލިޔުމުގައި މި ފަހަރު އަޅުގަނޑު ބަލައިލާން މި ގަސްތުކުރަނީ ވަރަށް އާދައިގެ ޢިބާރާތެއްގެ މައްޗަށެވެ. މިއީ ވެސް މަޝްހޫރު އޮންލައިން ނޫހަކުން އަޅުގަނޑު ނަކަލުކުރި ޢިބާރާތެކެވެ. އެ ޢިބާރާތުގައި ދެ ޖުމުލައެއް އެބަ އޮތެވެ. އެ ދެ ޖުމުލަ ހިމެނޭ އެ ޢިބާރާތުގެ މައްޗަށް މިއަދު އަޅުގަނޑު އަވަސް ކަޅިއެއް އެއްލާނަމެވެ.

މިއަދުގެ ޖުމުލައަކީ "އެ ހާދިސާ ހިނގި ވަގުތު ބޯޓުގައި 231 ފަސިންޖަރުން ތިބި އެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ." މިއެވެ. މި ދެ ޖުމުލައިން އަޅުގަނޑު ފާހަގަކޮށްލާން މި އުޅެނީ ކުޑަކުޑަ ކުށެކެވެ. ފުރަތަމަ ކުށަކީ "ބަދަލުވާ އަކުރު"ގެ ހަމައިން، "ތިބި"، މި ލަފުޒުގެ ފަހަތަށް ޖުމުލަ ނިންމާ އަކުރުކަމަށް ވާ "އެވެ" މި އަކުރު އައުމުން އެ ލަފުޒަށް ގެންނާންޖެހޭ ބަދަލު ގެނެސްފައި ނެތުމެވެ. "ތިބިއެވެ." "ހުރިއެވެ." "ބުނިއެވެ." މިއީ ދިވެހިބަސް އަލަށް ދަސްކުރާއިރު ބަސް ދަސްވުމުގެ މަރުޙަލާގައި ލަފުޒަށް ގެންނާނެޖެހޭ ބަދަލު ގެންނާން ދަސްނުވާ ކުދީން ކިޔައި އުޅޭ ގޮތްގޮތެވެ. ނުވަތަ، ރާއްޖޭގައި އުޅޭ، ތުންތުންމަތީން ބަހުގެ ބައެއް ލަފުޒުތައް ދަސްކޮށްގެން ވާހަކަދައްކާން ފަށައި ގަންނަ މީހުން މިހެން ލިޔެ ކިޔައި ހަދައިފާނެ ކަން ނޭނގެއެވެ.

މި ފަދަ ތަންތަން ދިވެހިބަހުގައި ބޭނުންކޮށް އުޅޭ ގޮތަކީ "ތިތްބެވެ." (މި ލަފުޒުގައި އ- ސުކުންކޮށްގެން "ތިއްބެވެ." ލިޔުން ހަމަ ކަމަށް ގިނަ ބަސްވާރުން ގަބޫލުކުރައްވައެވެ.) "ހުށްޓެވެ." (މި ތާނގައި ށ- ސުކުން ކޮށްފައި އެވަނީ ޓަވިޔަނި ބަދަލުވާ ށ-ގެ ކުރީގައި ޖަހާންޖެހޭނީ ށ- ސުކުން ކަމަށް ބަހުގެ ހަމައިގައި އޮންނާތީއެވެ. މި ގޮތަށް މި ބަދަލު ގެންނަނީ "ހުރި" މި ކަމުގެ އަސްލަކީ "ހުށި" ކަމަށް ވާތީ ކަމަށް ފެނެއެވެ.) "ބުންޏެވެ." މި ގޮތް ގޮތަށެވެ. މި ވާހަކައިގެ ތަފްޞީލަށް ގޮސް ބަދަލުވާއަކުރުގެ ގަވާއިދު ކިޔައިދޭކަށް މި މައުޟޫޢޫގައި ގަސްތެއް ނުކުރަމެވެ. މި ސިލްސިލާގެ ބޭނުމަކީ ނޫސްތަކުން ފެންނަ ކުށާއި އެ ކުށް އިޞްލާޙުކޮށް ލިޔާންޖެހޭނޭ ގޮތް ބަޔާންކުރުންކަމަށް ވެފައި ބަދަލުވާ އަކުރުގެ ތަފްޞީލުތަކަކީ ވަރަށް ދިގު ތަފްޞީލުތަކަކަށް ވާތީއެވެ.

ދެން އޮތީ ވަރަށް ކުޑަކުޑަ ވާހަކައެވެ. އަޅުގަނޑު މި ޢިބާރަތް ނަކަލުކުރި ނޫހުން ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. ދިވެހިބަހުގެ ގަވާއިދުގައި، ލިޔުމުގައި "ނިންމާ އަކުރު"ގެ ގޮތުގައި ފާހަގަކުރާ "އެވެ." ކުރީ ލަފުޒާ ދުރުކޮށް ވަކީން ލިޔެފައި ހުންނަކަމެވެ. އަޅުގަނޑު ނަކަލުކުރި ޢިބާރާތުގައި އޮތް ދެ ޖުމުލައިން ވެސް މިކަން ފާހަގަކުރެވެއެވެ. ލަފުޒު ދުރުކުރުމުގެ ގަވާއިދުގެ އެންމެ ފަހު އިޞްދާރުގައި އެކަށައަޅައިފައި އޮންނަ ގޮތުން "އެވެ."އަކީ ކުރީ ލަފުޒާ މެހޭ އަކުރެއްކަމަށް ވާތީ، ކުރީ ލަފުޒާ މެހޭ ޙާލަތުގައި ވެސް އަދި ކޮންމެ ޙާލަތެއްގައިވެސް "އެވެ" ކުރީ ލަފުޒާ ވިދިގެން ދުރުނުކޮށް ލިޔާންޖެހޭ ލަފުޒެކެވެ. އެހެންވީމާ، ކޮންމެ ބޭފުޅަކު ވެސް މިކަން ހަނދުމަފުޅު ބެހެއްޓެވީމާ، މި ކުށް ތަކުރާރެއް ނުވާނެއެވެ. ހަނދުމަފުޅު ބަހައްޓަވާންވީ ލިޔުމުގައި ޖުމުލަ ނިންމާ އަކުރު ކަމަށްވާ "އެވެ" (މި އަކުރު) ކުރީ ލަފުޒާ ދުރުނުކޮށް ލިޔުއްވާށެވެ. ކޮންމެ ޙާލަތެއްގައިވެހެވެ. މި އަކުރު ކުރީ ލަފުޒާ ދުކުރުކޮށްގެން ލިޔާންޖެހޭ ޙާލަތެއް ނޯންނާނޭކަމެވެ.

ލަފުޒު ދުރުކޮށް ލިޔުމުގެ ގަވާއިދުގެ ފުރަތަމަ އިޞްދާރުގައި މި އުޞޫލާ ތަފާތު ހަމައެއް އޮތަސް، މިހާރު އަޅުގަނޑުމެން ޢަމަލުކުރާންޖެހޭނީ އެންމެ ފަހުން ޢަމަލުކުރެވޭ ހަމައާއި އުޞޫލަށް ކަމަށްވާތީ މި ދެންނެވި ހަމަ ހަނދުމަފުޅުގައި ބެހެއްޓެވުން އެދެމެވެ.

މިއަދު އަޅުގަނޑު މި ފާހަގަކޮށްލީ ބައެއް އަކުރުގެ އިބިފިއްޔަށް ނިމޭ ލަފުޒުތަކުގެ ފަހަތަށް ބައެއް އަކުރު ގެންނައިރު ލަފުޒު ބަދަލުވެގެންދާ ގޮތާއި، ޖުމުލަ ނިންމާ އަކުރު ދުރުނުކޮށް ލިޔުމުގެ މައްޗަށެވެ. ކޮންމެއަކަސް ބަހުގެ ހަމަތަކާއި ޢިބާރާތްކުރުމުގެ ހަމަތަކަށް ބަލައި، އެ ޖުމުލަ ރަނގަޅަށް ލިޔާ ނަމަ، އޮންނާންޖެހޭނީ އަންނަނިވި ގޮތަށެވެ.

"އެ ހާދިސާ ހިނގި ވަގުތު ބޯޓުގައި 231 ފަސިންޖަރުން ތިއްބެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ."

އެނގިވަޑައިގަންނަވާ ފަދައިން އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއް ނުކުރަމެވެ. ކޮންމެއަކަސް އަޅުގަނޑު ދަންނަވައިފައިވާ ގޮތުގެ މަތީން އެ ފަދަ ޖުމުލަތައް ލިޔުމުގައްޔާއި ކިޔުމުގައި ވެސް ބޭނުންފުޅުކުރެއްވުމަކީ އެ ޢިބާރަތް ހެޔޮ ގޮތުގައި ބޭނުންފުޅުކުރެއްވުމަށް ޓަކައި ގެންނަވާންޖެހޭނެ ބަދަލެއް ކަމަށް ދަންނަވާންޖެހެއެވެ.