ލޮލަކުން ކަލާ ނުނުކުމޭ އަތަކަށް އަތެއް ނުލިބެއޭ
ދުލަކުން ކިއައިދެވޭހޭ ހިތަކަށް ލުއެއް ނުލިބެއޭ
ލަވަތައް ކޮވެލި ކިއާ ހައި މުނިޔާތަކާއި ބުލްބުލް
ހަވައަށް އުފުއްލި ރާގުން ހިތްފަހިކަމެއް ނުލިބެއޭ
ހުވަފެން ކަލާގެ ދެކެމުން ގުނަމުން ރެއާ ދުވާލާ
ރުވަމުން އުމީދު ހިތުގައި ދިއައަސް ފެނެއް ނުލިބެއޭ
މޮޔަކަންހެ މީ މަގޭ ހުރި، ލޯބީގެ މަސްތުހެއްޔޭ –
ތިޔަ ސޫރަ ލޮލުތެރަށް ލީ؟ ސިކުނޑިން ބަހެއް ނުލިބެއޭ
މި ލޮލުގެ ތެރޭން ކަލާއަށް ފެނުމުން ކަލާގެ ތަސްވީރް
ފިލުމަށް ދުރަށް ހެ ދާންވީ؟- ނޫނީ ތަދެއް ނުލިބެއޭ
ހައިރާންވަމޭ، ތިމާ ހިތް ހައްޔަރުކުރަން އުޅޭތީ
ފައިގައި ހިތުގެ އެޅޭނޭ ފަދަ ކަސްތަޅެއް ނުލިބެއޭ
ފަސްގަނޑުދަށަށް މަ ދިއުމުން ހެއްޔޭ ހިތާ ރުހޭނީ
ފަސްދިން ތަނަށް އަލުން ދާން އާ ފުރުސަތެއް ނުލިބެއޭ
އެހިއަސް ކަލާ ނުއެހިއަސް އަޑު ހިތުގެ، – އިންތިޒާރެއް
އަހަރެން ނުނިންމަމޭ، ނިންމާން ހިތްވަރެއް ނުލިބެއޭ
ކަރުހިކި މި ހާލުގައި އޮވެ ނިމިދާނެއޭ މި ޢާޝިޤް
އަރުތެރެ ތެމޭ ވަރަށް ވެސް ފިނި ފެންފޮދެއް ނުލިބެއޭ
ފޯނަށް މެސެޖް ނައީމާ ޝާހިދު ޚަބަރު ނުވީމާ
ހޯދަން ކިތަންމެ ގުޅިއަސް ކޯލެއް ދެނެއް ނުލިބެއޭ
- މި ޅެމުގެ ބައެއް ޝުޢޫރު ފައުޅުކުރާން ޝައިލެންދުރަގެ ޔެ މޭރާ ދީވާނަޕަންހޭ އިން އެހީ ހޯދީމެވެ.
