Support Us

ނަކަލުކުރުމުގައި ވިސްނާންޖެހޭ ކަމެއް

ނަކަލުކުރުމަކީ މޮޅަށް ޢިބާރާތްކުރާން ބޭނުންކޮށް އުޅޭ ހުނަރެކެވެ. މި ހުނަރު ލިބިގަނެވޭނީ މޮޅަށް ލިޔެފައި ހުންނަ ލިޔުންތައް ނަކަލުކޮށްގެންނެވެ. އެ ފަދަ ލިޔުންތައް ކިޔައިގެންނެވެ. މޮޅު ތަޤުރީރުތައް އަޑުއަހައިގެންނެވެ. މި ގޮތަށް ލިޔުންތައް ބަލައިގެން އަޑުއަހައިގެން ލިޔެފައި ހުންނަ ތަކެތި ކޮޕީކޮށްގެން މޮޅު ލިޔުންތަކުގައި ބޭނުންކޮށްފައި ލަފުޒުތައް ބޭނުންކޮށް އުޅުމަކީ ގޯސް ގޮތެއް ނޫނެވެ. އެއީ ރަނގަޅުކަމެކެވެ. ބޭނުންތެރި ކަމެކެވެ.

ކަން އޮތީ މިހެންކަމުގައި ވިޔަސް މޮޅު ލިޔުންތެރީންގެ ލިޔުންތަކުގައި ބޭނުންކޮށްފައި ހުންނަ އަދި ތަޤުރީރުތަކުގައި ބޭނުންކުރާ ލަފުޒުތައް ނުރަނގަޅު މާނައިގައި އަޅުގަނޑުމެންނަށް ބޭނުންކުރެވިއްޖެ ނަމަ، ފެންވަރު މޮޅުވުމުގެ ބަދަލުގައި އެކަން ބަދަލުވާނީ އޭގެ އަނެއްކޮޅަށެވެ. ފެންވަރު ދަށްވާނެއެވެ. ހެއްވާ ކަމަކަށް ވެދާނެއެވެ. މި ދެންނެވި ގޮތަށް ބޭނުންކުރެވެމުން އަންނަ ހަތަރު ފަސް ލަފުޒެއް، ނުވަތަ ޢިބާރާތެއް އަޅުގަނޑު ދަންނަވައިލާނަމެވެ.

އިތުރު އާލުންނާއި މިތުރު އަޞްޙާބުން:

އެނގިވަޑައިގަންނަވާނޭ ފަދައިން އޮނަރަބްލް އަލްއުސްތާޒު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ)އަކީ ރާއްޖޭގައި ވަރަށް މަޝްހޫރު، މަޤުބޫލު، މޮޅު، ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ. އަދީބެކެވެ. އަޅުގަނޑު ވަރަށް ގާތުން މިކަން ތަޖުރިބާކުރީމެވެ. އެ މަނިކުފާނުގެ ތަޤުރީރުތައް އަޑުއަހައި ބަލައި ނަކަލުކޮށް ހެދުމަކީ، އަޅުގަނޑުމެން ފަދަ ދަސްކުރާ މީހުންނަށް މަންފާ ކުރާނޭ ކަންކަމެވެ.

މި ދެންނެވި ގޮތުގެ މަތީން ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ)ގެ ތަޤުރީރުތައް ފައްޓަވާން، ޙަމްދު ޞަލަވާތުގައި ތަޢާރުފުކުރެއްވި ދެ ލަފުޒެއް އަޅުގަނޑުމެންގެ ވަރަށް ގިނަ މީހުން ނަކަލުކޮށްގެން ރަނގަޅަށް ވެސް އަދި ގޯސްކޮށް ވެސް އެބަ ބޭނުންކުރެއެވެ. އެ ދެ ލަފުޒަކީ "އިތުރު އާލުން"ނާއި "މިތުރު އަޞްޙާބުން"ނެވެ. މިއީ ވަރަށް ޝާޢިރީ ގޮތަކަށް ވަރަށް ބަލާޣާތްތެރި ގޮތަކަށް ބޭނުންފުޅުކުރައްވައިފައިވާ މާނަހުރި ދެ ޢިބާރާތެކެވެ. ޢިބާރާތުގައި އެ މަނިކުފާނު ބޭނުންފުޅުކުރެއްވި ދެ ނަންއިތުރެކެވެ.

ހަނދުމަފުޅުހުރުން އެކަށީގެންވާ ފަދައިން "އިތުރު" މި ލަފުޒުން ދޭހަވަނީ "މާތް"، މަތިވެރި" ފަދަ މާނައެކެވެ. މި ނަންއިތުރު ބޭނުންފުޅުކުރައްވައިފައިވަނީ، "އާލުން"ނަށް އިތުރު ސިފައެއް ގެންނަވާށެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އާލުންނަކީ ކައު ސާހިބާ (ﷺ)ގެ މާތް ޢާއިލާގެ މެންބަރުންނެވެ. ތިމާގެފުޅު ބޭފުޅުންނެވެ. އަހުލުންނެވެ. އެއީ ވަރަށް މާތް މަތިވެރި "އިންސާނުން"ކަމާމެދަކު އެއްވެސް މުސްލިމަކު ދެބަހެއް ނުވާނެއެވެ. އެހެންވީމާ "އިތުރު އާލުން" ބޭނުންފުޅުކުރައްވައިފައިވަނީ ވަރަށް ފުރިހަމަ މާނައެއްގައިކަން ކަށަވަރެވެ.

އަނެއް ލަފުޒަކީ "މިތުރު"އެވެ. މިތުރުގެ މާނައަކީ "އެކުވެރި"އެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން "ޞަޙާބީން"ނަކީ ނުވަތަ "އަޞްޙާބުން"ނަކީ ކައު ސާހިބާ (ﷺ)ގެ އަރިހުގައި އުޅުއްވި، ނުވަތަ އެ ކަލޭގެފާނަށް ތާއީދުކުރައްވައި، ފައިންޕުޅު ފެނި، އެހީތެރިވެދެއްވި ބޭފުޅުންނެވެ. އެކުވެރީންނެވެ. ރަޙުމަތްތެރީންނެވެ. މި ފަދަ "ބޭފުޅުން"ނަށް އަޅުގަނޑުމެން "ބޭކަލުން"ނޭ ކިޔަނީ ބޭފުޅުންނަށް ވުރެ ވެސް މަތީ ދަރަޖައެއް އަރުވާންވެގެންނެވެ. ވީމާ، "މިތުރު އަޞްޙާބުން" ބޭނުންފުޅުކުރައްވައިފައި އެ ވަނީ ވަރަށް ގުޅޭ ބަދަހި މާނައެއްގައެވެ.

ނަމަވެސް މި ފަހަކަށް އައިސް ބައެއް ބޭފުޅުން ވާހަކަފުޅުދައްކަވާއިރު ޙަމްދު ޞަލަވާތުގެ ޢިބާރާތުގައި، "އިތުރު" މި ލަފުޒާއި "މިތުރު" މި ލަފުޒު ރަނގަޅު ނޫން މަޤާމުގައި ބޭނުންކުރާ އަޑު އިވުމަކީ އެ ދައްކަވާ ވާހަކަފުޅެއްގެ ފެންވަރު ދަށްކުރާ ކަމެކެވެ. މި ދެންނެވީ ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު "މިތުރު އާލުންނާއި"، "އިތުރު އަޞްޙާބުން"ނޭ ވިދާޅުވުމަކީ، މި ދެންނެވި ދެ ލަފުޒު ނުރަނގަޅު މަޤާމުގައި ބޭނުންފުޅު ކުރެއްވުމަކީ، ރަނގަޅަށް ކުރެއްވޭ ކަމެއް ނޫނޭއެވެ. ރަނގަޅު ގޮތަކީ "އިތުރު އާލުންނާއި މިތުރު އަޞްޙާބުން"ނެވެ. މާ ދިގުކޮށް މި ވާހަކަ ނުދެންނެވިޔަސް އަޅުގަނޑު ދަންނަވާން މި އުޅޭ އެއްޗެއް، އިސްވެ ދެންނެވުނު ވާހަކަތަކުން ސާފުވެވަޑައިގަންނަވާނޭ ކަމަށް އުންމީދުކުރަމެވެ.

އެއްބައިވަންތަކަމާއި އެއްބަޔެއްވަންތަކަން:

ދެން ދަންނަވައިލާން އޮތް އަނެއް ދެ ލަފުޒަކީ، "އެއްބައިވަންތަކަން"އާއި "އެއްބައެއްވަންތަކަން"އެވެ. "އެއްބައިވަންތަކަން" މި ލަފުޒަކީ އިހުއްސުރެ ބޭނުންކޮށް އުޅޭ، އަދި އެ ލަފުޒުގެ މާނަ އެންމެންނަށް ވެސް އެނގޭ ލަފުޒެއް ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް "އެއްބައެއްވަންތަކަން" ފުރަތަމަ އަޅުގަނޑު އަޑުއަހާން ފެށީ، އަޅުގަނޑަށް އިވޭން ފެށީ، ރައީސް މައުމޫންގެ ތަޤުރީރުތަކުންނެވެ. ނަމަވެސް އަޅުގަނޑަށް މިއިން އެއްވެސް ލަފުޒެއް ރަދީފުން ފެނިފައެއް ނެތެވެ. (އަޅުގަނޑަށް ހޯދިފައެއް ނެތެވެ.) ނަމަވެސް މި ދެ ލަފުޒު އެކުލެވިފައިވާ ގޮތަށް ބަލައި އެ ދެ ލަފުޒުގެ މާނަ ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. އެހެނީ "އެއްބައިވުން" މި ލަފުޒުގެ މާނަ އަޅުގަނޑަށް އޮތީ ހޯދިފައެވެ. "އެއްބައިވުން"ގެ މާނައަކީ "އެއްބަސްވުން"، ގަބޫލުވުން"، "ބައިވެރިވުން" ކަމަށް ދިވެހި ބަސްފޮތުގައި އެބަ އޮތެވެ. (ޞ:511)

މި މާނަތަކަށް ބަލައިގެން "އެއްބައިވަންތަކަން" އަޅުގަނޑަށް މާނަކުރެވެނީ، "އެއްބަސްވެ ރުހި ގަބޫލުވުމާއި ބައިވެރިވުމުގެ ސިފަލިބިގެންވާ ވުން" ކަމުގައެވެ. އެއީ މި ދެންނެވި މާނައިގައި ބޭނުންކުރެވޭ "އެއްބައިވަންތަ" މި ނަންއިތުރުން އުފައްދައިފައިވާ ނަމެކެވެ. ނަންއިރުރުގެނަމެކެވެ. ސިފަނަމެކެވެ. ނަމަވެސް މި މާނައިގައި ގުޅުވައިލައިގެން "އެއްބަޔެއްވަންތަ" ހަމަ އެ މާނައިގައި ބޭނުންކުރުމަކީ ހަމަ ވަރަށް ގިނައިން އަޅުގަނޑު އަޑުއަހާ ލަފުޒެކެވެ. މި ގޮތަށް ބޭނުންކޮށްފައި ހުންނަ ލިޔުންތައް ކިޔާން އަދި އެ ފަދަ ވާހަކަތައް އަޑުއަހާން ވަރަށް އުނދަގޫވެއެވެ. ރަނގަޅު ވާހަކަފުޅެކެވެ. އުނދަގޫވަނީ އެ ކަންކަމާ ވިސްނާތީއެވެ. ނުވިސްނާ ނަމަ، ހަމަ އެ ޢިބާރަތަކީ ވަރަށް ފުރިހަމަ ޢިބާރާތެއް ކަމަށް ވިސްނުނީސްތާއެވެ. ނަމަވެސް އަޅުގަނޑަށް ހަމަ އެ ބާވަތުގެ ކަންކަމާ ވިސްނެނީއެވެ. މި އަދު މި ވާހަކަ ލިޔެލާން މި ގަސްތުކުރީ އަޅުގަނޑަށް އުނދަގޫވާ އުނދަގޫވުމަށް ކޮންމެވެސް ލުޔެއް ލިބޭނެތީއެވެ.

"އެއްބަޔެއްވަންތަކަން" މި ލަފުޒުން ދޭހަވަނީ "އެއް ދަރިކޮޅެއްގެ ނުވަތަ އެއް ބަޔެއްގެ ސިފަ ލިބިގެންވާވުން" މި މާނައެވެ. ނުވަތަ އެއް ނަސްލަކަށް ނުވަތަ އެއް ގަބީލާއަކަށް ނިސްބަތްވުމަށެވެ. އެހެންވީމާ "އެއްބަޔެއްވަންތަ" ބަޔެއް ކަމަށް ވިޔަސް "އެއްބައިވަންތަ" ނުވެދާނެއެވެ. "އެއްބައިވަންތަކަން" ލިބިގެންވާ ކޮންމެ ބަޔަކީ "އެއްބަޔެއްވަންތަ" ބަޔަކަށް ނުވެދާނެ އެވެ. މިއީ ވަރަށް ތަފާތު ދެ މާނައެއް  ދޭހަވާ ދެ ލަފުޒެވެ.

ގުޅިފަޅާއި ގުޅީ ފަޅު:

އޮޅުވައިލައިގެން ބޭނުންކުރާ އަނެއް ދެ ލަފުޒަކީ ގުޅިފަޅާއި ގުޅީފަޅެވެ. "ގުޅިފަޅު" މިއީ މާލެއާ ވަރަށް ކައިރީގައި އޮންނަ ފަޅެކެވެ. މިހާރު އެއީ ހިތްކައިފައިވާ ރަށެކެވެ. އެހެންނަމަވެސް "ގުޅީ ފަޅު" މިއީ "ގުޅި" ކިޔާ ރަށެއްގެ ފަޅެވެ. ރާއްޖޭގައި "ގުޅި" ކިޔާ ރަށެއް އޮންނަނީ މާލެއަތޮޅުގައެވެ. ގުޅީ ފަޅު ކަމަށް ވާނީ އެ ރަށު ފަޅެވެ. "ގުޅި" ކިޔާ ރަށުގެ ފަޅެވެ. ވީމާ ގުޅިފަޅާއި ގުޅީ ފަޅު އޮޅުވައިލުމުން ވަރަށް ބޮޑެތި އޮޅުންތައް އަރައިދާނެއެވެ. ޤާނޫނީ މައްސަލަތަކެއް ވެސް ނުކުމެދާނެއެވެ.

ހަނދުމަފުޅު ބަހައްޓަވާންވީ "ގުޅިފަޅު" އެއީ "ގުޅީ ފަޅެއް" ނޫންކަމެވެ. "ގުޅިފަޅަކީ" ކުރީގެ ސަރުކާރުތަކުން ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް ޚާއްޞަކުރެއްވި ރަށެކެވެ. މިއަދުގެ ސަރުކާރުން އެ ރަށުގައި ބަނދަރެއް ހައްދަވާ ވާހަކަ ވެސް އިވެއެވެ. ނަމަވެސް މިއީ "ގުޅި" މި ރަށާ ގުޅުންހުރި "ތަނެއް" ނޫނެވެ. އެއީ "ގުޅީ ފަޅެއް"ނޫނެވެ. ގުޅީ ފަޅު އޮންނާނީ ކ. ގުޅީގެ ވަށައިގެންނެވެ. ވީމާ "ގުޅިފަޅާއި"، "ގުޅީ ފަޅު" އޮޅުވައިނުލަމާތޯއެވެ!

އަތޮޅުތެރެއާއި އަތޮޅުތައް:

ދެން ފާހަގަކޮށްލާން އޮތީ ވެސް މި ފަދަ ދެ ލަފުޒެވެ. އަތޮޅުތެރެއާއި އަތޮޅުތަކެވެ. "އަތޮޅުތެރެ" ވަކި ލަފުޒެއް ގޮތުގައި ރަދީފުގައި ނެތަސް، "އަތޮޅު" މި ލަފުޒާއި "ތެރެ" މި ލަފުޒުގެ މާނަ ބަސްފޮތުގައި އޮވެއެވެ. އަތޮޅުގެ އެންމެ ޢާންމު މާނައަކަށް "މާކަނޑެއްގައި އެއް ތޮއްޓެއްގައި އެކުލެވޭ ޖަޒީރާތަކެއް" ނުވަތަ "އިދާރީ ބޭނުންތަކަށް ޓަކައި ޤާނޫނީ ގޮތުން އަތޮޅެއްގެ ގޮތުގައި ހަމަޖެހިފައިވާ ރަށްތަކެއް" ކަމަށް ވެސް ބަސްފޮތުގައި އޮވެއެވެ. "ތެރެ"އަކީ އެތެރެއަށް ނިސްބަތްކޮށް ބޭނުންކުރާ އަކުރެއް ކަމަށާއި "އެތެރެގެ މާނައަކީ "ބޭރުގެ އިދިކޮޅު"ކަމަށް ބަސްފޮތުގައި އޮވެއެވެ. އެހެންވީމާ "އަތޮޅުތެރެ"ގެ މާނައަކީ ވަކި އަތޮޅެއްގެ މައިތޮށިން އެތެރެއެވެ. "އަތޮޅުތެރެ"އޭ ބުނުމުން ހުރިހާ އަތޮޅެއްގެ މާނަ ދޭހަވާނެ ގޮތެއް ނޯންނާނެއެވެ. އަތޮޅެއްގައި ހުރި މީހަކު އަތޮޅުތެރޭގައި ކިތަންމެ ވަރަކަށް އުޅުނަސް އެ އަތޮޅުން ބޭރަކަށް ނުދެވޭނެއެވެ. ނަމަވެސް ހުރިހާ އަތޮޅަށް ނިސްބަތްކޮށް އެ ލަފުޒު ބޭނުންކުރާނަމަ ގިނަކުރުމުގެ އަތުރެއް ކަމަށްވާ "ތައް" އިތުރުކޮށް އަތޮޅުތަކޭ ކީދާނެއެވެ. ރާއްޖޭގެ އަތޮޅުތަކޭ ބުނުމުން ނުވަތަ ރާއްޖޭގެ ހުރިހާ އަތޮޅެކޭ ބުންޏަސް ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭނެއެވެ. އެހެންވީމާ ހުރިހާ އަތަޅަށް ނިސްބަތްކޮށް "އަތޮޅުތެރެ"އޭ ބުނީމާ އެ ލަފުޒު އެ ބޭނުންކުރެވެނީ ނުރަނގަޅު މަގާމެއްގައެވެ.

ދެންނެވުމާއި ވިދާޅުވުން:

އަނެއް ދެ ލަފުޒަކީ ދެންނެވުމާއި ވިދާޅުވުމެވެ. މިއީ ބުނުމުގެ އެންމެ މާތްގޮތުގައި ބޭނުންކުރާ ދެ ލަފުޒެވެ. ނަމަވެސް ބޭނުންކުރެވޭ ޙާލަތާއި ގޮތް ތަފާތުވާނެއެވެ. ކިތަންމެ މަތީ ދަރަޖައިގެ ބޭފުޅެއް ނަމަވެސް އޭނާގެ އަމިއްލަ ނަފުސަށް ނިސްބަތްކޮށް ވާހަކަދައްކާންވާނީ އެންމެ އާދައިގެ ގޮތަށެވެ. އެހެންވީމާ، އެއްވެސް ޙާލެއްގައި އެހެންމީހަކު ތިމާއަށް ދަންނަވާ ވާހަކަ ތިމާ ބުނުމަކީ ތިމާ، ތިމާ އަމިއްލައަށް މާތްކޮށް ވާހަކަދެއްކުމެވެ. މިއީ ވާހަކަދެއްކުމުގެ އަދަބުތަކާއި އިޖުތިމާޢީ ހަމަތަކާ ވެސް ޙިލާފުކަމެކެވެ. ވީމާ، ތިމާއަށް އެހެންމީހުން ވިދާޅުވާނީއެވެ. ތިމާ އަނެކާއަށް ދަންނަވާނީއެވެ. މިހާވަރަށް ހަނދުމަފުޅު ބެހެއްޓެވިޔަސް މި ކުށުން ސަލާމަތްވެވޭނެއެވެ. މިއީ ވެސް ތަފްސީލުކޮށް ދައްކާންޖެހޭ ވާހަކައެކެވެ. ނަމަވެސް މި ފަދަ ކުލާހެއްގައެވެ.

މި ބާވަތުގެ ވަރަށް ގިނަ ޚިޔާލުތައް ސިކުނޑިއަށް ވެރިވެއެވެ. ނަމަވެސް މިއަދަށް މި މިންވަރުން ފުއްދައިލާނަމެވެ. އަޅުގަނޑު ދަންނަވައިލާން މި އުޅުނީ އަދަބީ ފަންނުގެ މޮޅު މީހުންގެ ޢިބާރާތްތައް އަޑުއަހައި ބަލައި ކިޔައި ހެދުމަކީ ޢިބާރާތްކުރުމުގެ ހުނަރު ތަރައްޤީ ކުރުމަށް ޓަކައި މުހިންމު ކަމެކޭއެވެ. ނަމަވެސް އެ ފަދަ ޢިބާރާތްތަކުގައި ލަފުޒުތައް ބޭނުންކޮށްފައި ހުންނަ މާނައަށް ނުވިސްނައި ހަމައެކަނި ލަފުޒުގެ ބޭރުފުށުގެ މިޔުޒިކަށް ބަލައިގެން ލަފުޒު ބޭނުންކުރުމަކީ ނުރަނގަޅު މާނައެއް ދޭހަވެދާނެ ކަމެއްކަމުގައެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ވާހަކަދައްކާ މީހާއަށް އޮޅުމެއް ނެތި ރަނގަޅަށް ފަހުމުވެފައިވާ ލަފުޒު ބޭނުންކުރުމެވެ. ކިޔުންތެރިކަމަށް ހިތްޖެހި ގިނަގިނައިން އަދަބީ ނުވަތަ ޢިލްމީ ލިޔުންތައް ކީ ވަރަކަށް ބަސްކޮށާރަށް ގިނަ ލަފުޒުތައް ޖަމާވާނެއެވެ. އަޅުގަނޑު މިއަދު ގަސްތުކުރި މި ވާހަކަ ދަންނަވައިލާށެވެ. އަދި އަޅުގަނޑުގެ ބޭނުމަކީ ލަފުޒުގެ ހަގީގީ މާނައަށް ނުވިސްނައި ހަމައެކަނި ބޭރުފުށުގެ އޮމާންކަމަށް ޓަކައި ލަފުޒެއް ބޭނުންކުރުމަކީ ނުވަތަ މީހަކު ބޭންކުރީތީ ބޭނުންކޮށްލުމަކީ، ޢިބާރާތްކުރުމުގެ ފެންވަރު ރަނގަޅުވުމުގެ ބަދަލުގައި ފެންވަރު ދަށްވެދާނޭ ކަމެއްކަމަށް ވިސްނުންފުޅު ބެހެއްޓެވުމަކީ ވަރަށް މުހިންމުކަމެކޭ ދަންނަވައިލުން ވެސް މެއެވެ.