Support Us

ކޮލަމް: ދޭހަ

ބޭރު ޤައުމުތަކަށް ސަފީރުން ޢައްޔަނު ކުރެވޭ ގޮތާ މެދު ވިސްނާލަންޖެހޭ

ބޭރު ޤައުމުތަކުގައި ސަފީރު އޮފީސްތައް ހުޅުވުމަކީ ވަރަށް ޚަރަދު ބޮޑު ކަމެކެވެ. އެހެންވުމާ އެކު ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި އާއި ދަތުރުފަތުރު ކުރުމުގެ ޙަަރަކާތްތައް އެކަށީގެންވާ ބޮޑުމިނެއްގައި ނުއޮންނަ ޤައުމުތަކުގައި، ދެ ޤައުމުގެ ދެމެދުގައި ކުރަން ބޭނުންވާ ކުދިކުދި ކަންތައްތައް ސަފީރު އޮފީހަކާ ނުލައި ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސަ އެވެ. ސަފީރު އޮފީހެއް ހުންނަ އެކުވެރި ޤައުމެއްގެ ސަފީރު އޮފީހާއި ހަވާލުކޮށްގެން ބައެެއް ޤައުމުތަކުން، އެ ތަނެއްގައި އެ ޤައުމާއި ގުޅުން ހުންނަ ކަންތައްތައް ބަލަހައްޓަން ހަވާލު ކުރެވެއެވެ. ބައެއް ފަހަރަށް ސަފީރު އޮފީހެއް ހުޅުވާފައި ހުންނަ ޤައުމަކަށް ކަނޑައަޅައިފައި ހުންނަ ސަފީރަކާއި ކައިރި އަވައްޓެރި ޤައުމުތަކުގެ ސަފީރުކަމާއި ޙަވާލު ކުރެވެއެވެ. އެއިރުން އެ ޤައުމަކަށް ސަފީރު ދަތުރުކުރައްވާނީ ފަތްކޮޅު އެރުވުމަށާއި ވަދާޢީ ދަތުރަށެވެ. އޭގެ އިތުރަށް ހަމަޖެހިފައި އޮންނަ އުޞޫލަކުން އަހަރަކު އެއްފަހަރު ނުވަތަ އެއަށްވުރެ ވެސް މަދުން ކުރައްވާ ދަތުރެކެވެ. މިގޮތަށް ހަމަޖެހިފައި އޮތުމުން ވެސް ދާއިމީކޮށް ސަފީރު އޮފީހެއް ހުޅުވައިފައި ހުރުމަށް ވުރެ ހިނގާ ޚަރަދު ކުޑަވެއެވެ. ބައެއް ފަހަރު ބޭރު ޤައުމަކަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު އޭނާގެ ޤައުމުގައި ހުންނަވާ ގޮތަށް ވެސް ހަމަޖެއްސެއެވެ. އެގޮތަށް ހަމަޖެއްސޭ ބޭފުޅުން ވެސް ކުރިން ދެންނެވުނު ގޮތަށް ސަފީރުކަމާއި ޙަވާލު ކުރެވިފައި އޮންނަ ޤައުމުތަކަށް ޒިޔާރަތް ކުރައްވައެވެ. ބައެއް ޤައުމުތަކުން، އެ ޤައުމެއްގެ ރައްޔިތުން ދަތުރުކުރާ ޤައުމެއްގައި ދިމާވެދާނެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ކޮންސިއުލަރ އޭޖެންސީއެއް ހުޅުވައެވެ. އެ ފުރުޞަތު ދެނީ އިތުބާރު ހިފޭ އެ ޤައުމުގެ ޤަދަރުވެރި ރައްޔިތަކަށެވެ. މިފަދަ ބައެއް އޭޖެންސީ ތަކަށް ބައެއް ޤައުމުތަކުން ދެނީ ހަމައެކަނި ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށް ޚަރަދެއް ދާނަމަ އެ ކުރެވޭ ޚަރަދެކެވެ. ގިނަ ޤައުމުތަކުގައި އެފަދަ އޭޖެންސީގެ ކޮންސަލުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ވެސް އޮވެއެވެ. ރަސްމީ ޙަފްލާތަކަށް ދިއުމަށް ދަޢުވަތު ލިބުމާއި، އޭޖެންސީ އެއް ހިންގާތީ ޓެކްސް ދެއްކުމުގައި އޮންނަ ބައެއް ލުޔެވެ.

ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ ސަފީރު އޮފީހެއް ހުރީ ހަމައެކަނި ލަންކާގައެވެ. އެ އޮފީހަކީ ލަންކާ އާއި ދެން ދުނިޔޭގައި ހުރި ހުރިހާ ޤައުމުތަކަށް ރާއްޖެ ތަމްސީލު ކުރާ ސަފީރު އޮފީހެވެ. ރާއްޖެ އަށް މިނިވަންކަން ލިބި، އ.ދ.މަޖިލީހުގެ މެމްބަރަކަށް ވުމުން ނިއުޔޯރކުގައި ރާއްޖޭގެ އޮފީހެއް ހުޅުވުނެވެ.

ރާއްޖެ ތަރައްޤީ ވަމުން، ފައިސާގެ ތަނަވަސްކަން ސަރުކާރަށް ލިބެން ފެށުމުން މަޑުމަޑުން ރާއްޖެ އާއި މުހިއްމު ގުޅުން އޮންނަ ޤައުމުތަކުގައި ސަފީރު އޮފީސް ހުޅުވާން ފެށުނެވެ. އެހެންނަމަވެސް ސަފީރު އޮފީހާއި ބެހޭގޮތުން ރާއްޖޭގެ އާދައިގެ ރައްޔިތުންގެ ވިސްނުން އޮތީ ވަރަށް އެހެން ކަހަލަ ގޮތަކަށެވެ. ގިނަ މީހުން ޤަބޫލު ކުރަނީ ސަފީރު އޮފީހަކީ ރާއްޖެ އިން ބޭރަށް ދަތުރުކުރައްވާ، އެއިރެއްގައި ހުންނަވާ ރައީސަކާއި، ރައީސްގެ ޢާއިލާ އާއި ވަޒީރުންނާއި ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ބޭފުޅުންގެ ދަތުރުތަކުގެ އިންތިޒާމް ހަމަޖައްސަން ހުންނަ އޮފީހެއް ކަމަށެވެ. ލަންކާގައި ހުންނަވާ އަޅުގަނޑުމެންގެ ސަފީރަކީ އެ ޤައުމުގައި ހުންނަވާ، ރާއްޖެއިން ލަންކާ އަށް ދަތުރުކުރައްވާ ބޮޑެތި ބޭފުޅުންގެ އެއަރޕޯޓް ރެޕްރެޒެންޓެޓިވް ކަމަށް ހީކުރެވުނު ދުވަސްވަރެއް ވެސް ދިޔައެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޮޑު ބޭފުޅަކު ލަންކާ އަށް ދަތުރު ކުރެއްވިއެވެ. އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް ސަފީރު އެއަރޕޯޓަށް ވަޑައިގެންނެވިއެވެ. އެއްވެސް ގުޅުމެއް ނެތް އާދައިގެ ރައްޔިތަކަށް ސަފީރު އޮފީހުގެ އެހީތެރިކަން ލިބުމަކީ މާ އަވަަހަށް ވާނެ، މާ ފަސޭހަކަމަކަށް ނުވާނެ ކަމަށް ބުނެއުޅުނެވެ.

 

މިހާރު ކުރިމަތިވާ އާ މައްސަލަ އަކީ ސަފީރަކަށް ހަމަޖައްސަވާ ބޭފުޅަކީ އެ ޤައުމުގައި ދިރިއުޅުއްވާ ބޭފުޅެއް ކަމުގައި ވަނީނަމަ ނުކުމެދާނެ ކަމަށް، ނުވަތަ ބައެއް ފަހަރު ނުކުންނަ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ މައްސަލަ އެވެ. ސަފީރު އޮފީހެއް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ އެ ޤައުމަކަށް ދަތުރުކުރާ ދިވެހިންނަށް ދިމާވެދާނެ ދަތިތައް ނައްތާލުމަށް މަސައްކަތް ކުރުމެވެ. ނުވަތަ ފަސޭހަތައް ހޯދައިދިނުމެވެ. ނުވަތަ ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަ ދެއްކުމެވެ. ސަފީރަކަށް ހުންނަވާ ބޭފުޅަކީ އެ ޤައުމުގެ ރައްޔިތެއް ކަމުގައި ވާނަމަ، ނުވަތަ ކޮންމެވެސް އިމްތިޔާޒީ ކާޑެއް ލިބިވަޑައިގެންފައި އޮތް ބޭފުޅެއް ކަމުގައި ވަނީނަމަ ނުވަތަ ލިބިވަޑައިގަންނަވާފައި އޮންނަ އިމްތިޔާޒް ތަކެއްގެ ސަބަބުން އެ ޤައުމުގައި ބޮޑު ވިޔަފާރިއެއް ހިންގަވާ ބޭފުޅެއް ކަމުގައި ވަނީނަމަ، އަޅުގަނޑުމެންގެ ބޭނުންތަކާއި ބެހޭ ގޮތުން ނުވަތަ ގެއްލިފައިވާ ޙައްޤުތަކާއި ބެހޭގޮތުން ނުވަތަ އުފުލަންޖެހޭ ދަތިތަކާއި ބެހޭ ގޮތުން ރަގަޅަށް ވަކާލާތު ކުރެއްވިދާނެބާވައެވެ؟ އެބޭފުޅަކު ވަޒަންވެރިވެގެން އުޅުއްވާ ޤައުމުގެ ވެރިންގެ ޚިޔާލާ އިދިކޮޅަށް މާބޮޑަށް ވާހަކަ ދައްކަވަން ކެރިވަޑައިގަންނަވާނެ ބާވައެވެ؟

އަޅުގަނޑުމެންނަށް ފެނިގެންދިޔަ ހުރިހާ ރިޔާސީ ދައުރެއްގައި ވެސް، ސަފީރުކަމާއި ޙަވާލު ކުރެވުނު ބައެއް ބޭފުޅުންނަކީ ރައްޔިތުންނަށް ޚިދުމަތެއް ދިނުމަށް ޙަވާލު ކުރެވުނު މަޤާމަކަށް ވުރެ ބޮޑަށް، ހަވާލު ކުރެވޭ ބޭފުޅެއްގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އެރުވުނު މަޤާމެއް ކަމަށް ހީކުރެވުމުގެ ހެކިތަކެއް އެބަހުއްޓެވެ. ބައެއް ބޭފުޅުން ދިގު މުއްދަތެއްގައި އެ މަޤާމުގައި ހުންނަވައިގެން ވިޔަފާރިކުރައްވައިގެން މިލިއަނަރުންނަށް ވެސް ވެފައި އެބަހުއްޓެވެ. ޖިނާއީ ކުށެއްގެ ތުހުމަތުގެ ބަދުނާމުން ދުރުކުރަން ވެސް ސަފީރު އޮފީހުގެ މަޤާމަކަށް ފޮނުވިފައި އެބަހުއްޓެވެ. އަދި ރާއްޖެ ކަމުނުގޮސްގެން އުފާވެރި ދިރިއުޅުމެއް އުޅުމަށް އެހެން ޤައުމެއްގައި ދިރިއުޅުން ފައްޓަވާފައި ތިއްބެވި ބޭފުޅުންނަށް ވެސް ސަފީރުކަމުގެ މަޤާމް ދެއްވާފައި ވެއެވެ. ތެދުފުޅެކެވެ. އަބަދުވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކުގައެވެ. ފަރުދާގެ އަނެއް ފަރާތުގައި ހުރި އެއްޗެއް ބަލާކަށް ބޭނުމެއް ނުވެއެވެ. ފަރުދާ ކަޝްފުކުރާކަށް ބޭނުމެއް ނުވެއެވެ.

ސަފީރުން ހޮވުމަށް ދެތިން ގިންތިއެއް އޮންނަކަން އަޅުގަނޑުމެންނަށް ވެސް އެނގެއެވެ. އެއް ގިންތީގައި ހިމެނިވަޑައިގަންނަވަނީ ޚާރިޖީ މަސައްކަތުގައި އުޅުއްވާ، އެތަކެއް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ބޭފުޅުންނެވެ. އަނެއް ގިންތީގައި ހިމެނެނީ ސަފީރަކަށް ފޮނުވޭ ޤައުމު ރަނގަޅަށް އެނގިވަޑައިގަންނަވާ، އެ ޤައުމުގައި ހިނގާ ބައެއް ކަންތައްތަކުގެ ޢިލްމީ މާހިރުންނެވެ. އަނެއް ގިންތިއަކީ ސިޔާސީ ގޮތުން، ސިޔާސީ ސަބަބުތަކަށްޓަކައި އެ މަޤާމް އެރުވޭ ބޭފުޅުންނެވެ. އަޅުގަނޑަށް ބަލައިގަންނަން އުނދަގޫވަނީ ތަފާތު ސަބަބުތަކާއި ހުރެ ރާއްޖެ ކަމުނުގޮސްގެން އެހެން ޤައުމަކަށް ދިރިއުޅުން ބަދަލު ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ރާއްޖެ ތަމްސީލު ކުރައްވަން އެ ބޭފުޅުން ތިއްބެވި ޤައުމުގައި ފުރުޞަތު އެރުވުމެވެ. އަޅުގަނޑުމެންގެ ޤައުމާއި، އަޅުގަނޑުމެންގެ ދިރިއުޅުން ކަމުނުދާ ބަޔަކަށް އަޅުގަނޑުމެން ތަމްސީލު ކުރަން ހަވާލުކުރެވެންވީ ކީއްވެތޯއެވެ؟ އެބޭފުޅުންނަށް ކޮންމެހެން ސަފީރުކަމުގެ މަޤާމް ދެއްވަންޖެހޭ ކަމުގައި ވަނީ ނަމަ ހުންނެވި ޤައުމު ނޫން އެހެން ޤައުމަކަށް ނުފޮނުވެންވީ ކީއްވެތޯއެވެ؟ އަޅުގަނޑަށް މިކަން ނެގެނީ ރާއްޖޭގައި ދިރިއުޅެމުންދާ، ކިޔަވައިގެން ތިބި، މަސައްކަތުގެ ތަޖުރިބާ ހުރި ޤައުމު ދެކެ ލޯބިވާ ދިވެހިންނަށް ކުރެވޭ ވަރަށް ބޮޑު އިހާނާތްތެރި ކަމެއްގެ ގޮތުގައެވެ. އަޅުގަނޑު ވެސް މަޑުމަޑުން "ފިސާރި ދިވެއްސަކަށް" ބަދަލުވަމުންދަނީ ކަމުގައި ވެދާނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. Varah rangalhu article eh. UK safeeru DR. Farhanaz Faisal .akee thikamuge aligadha misaaleh. Adhi ekamanaa ge adviser akah beykaaru magaameh ufadhdhaa Foreign minister Shahid ge dharikalunnah e magaam .
    Shahid ge dharikalunge musaara ah beykaarufothugai.mahaku 1 lakka rufiyaa baithulmaalun israafukurey . dheefaivanee

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *