Support Us

ވެކްސިނާއި ވެކްސިން ޖެހުމާއި އޭގެ ހަގީގަތް

ވެކުސިނަކީ "ބަލިބަލީން ދިފާޢުވުމަށް ޓަކައި ދޭ ބޭހާއި ޖަހާ އިންޖެކްޝަން" ކަމަށް ދިވެހި ބަސްފޮތް ބަޔާންކުރެއެވެ. ތަންކޮޅެއް ތަފުސީލުކޮށް ދަންނަވާނަމަ، ވެކުސިނަކީ ބައްޔެއް ޖެހުމުގެ ކުރީން އެ ބައްޔަކުން އިންސާނާ ރައްކާތެރިކޮށްދިނުމަށް ޓަކައި، ނުވަތަ ބަލިޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް ޓަކައި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް "އެންޓިބޮޑީޒް" ތަމްރީނުކުރުމަށް ޓަކައި ހަށިގަނޑުގެ ތެރެއަށް (އާންމު ގޮތެއްގައި އިންޖެކްޝަނެއްގެ ގޮތުގައި) ފޮނުވައިލާ މާއްދާތަކެކެވެ. ވެކްސިންގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ "އެންޓީޖްން" (antigen) އެވެ. އެންޓީޖަނަކީ އެ ބައްޔެއް ޖައްސާ އެޖެންޓުގެ (ޖަރާސީމުގެ) ވަރަށް ކަވި މިންވަރެކެވެ. ނުވަތަ ވަރުދެރަކޮށް ބަލިކަށިކޮށްލައިފައިވާ ޖަރާސީމެކެވެ. ބޭނުމަކީ އެ ފަދަ އަސްލު ޖަރާސީމެއް ހަށިގަނޑަށް ވަދެއްޖެ ނަމަ، ހަށިގަނޑުގެ ދިފާއީ ލަޝްކަރު (އެންޓިބޮޑީޒްއަށް) އެކަން ދެނެގަނެވި، ހަށިގަނޑަށް ވަން ޖަރާސީމަށް ޙަމަލާދީ ނައްތައިލުމުގެ ތަމްރީނު ދިނުމެވެ. މީގެ އިތުރަށް އެ އެންޓީޖަނަކުން އިންސާނާއަށް ފަހަރެއްގައި ވެސް ނޭދެވޭ އަސަރެއް ފޯރިޔަ ނުދިނުމަށް ޓަކައި، އެހެން ބައެއް މާއްދާ ވެސް ވެކްސިނުގައި ހިމަނައެވެ. އެކި ބަލިބައްޔަށް އެކި މިންވަރަށް އެކި ބާވަތްތަކުގެ އެކި މާއްދާ ހިމަނައިފައި ހުރުން އެކަށީގެންވެއެވެ. މިއީ ވަރަށް ސައެންސީ މައުޟޫޢެއް ކަމަށް ވާތީ، މިހާވަރުން މި ތަޢާރުފު ކުރުކޮށްލާނަމެވެ.

މި ފަދަ ވެކްސިން އިންސާނުންގެ ގަޔަށް ޖަހާނީ، ލެބޯޓަރީގައްޔާއި ކްލިނިކް ފެންވަރުގައި އިމްތިޙާނުކޮށް، (ބައެއް ފަހަރު) ޖަނާވަރުންގެ ގަޔަށް ޖަހައި، ނުވަތަ އިންސާނުންގެ ގަޔަށް ވެސް ޖަހައި ޓެސްޓްކުރުމަށް ފަހުގައެވެ. އެ ވެކްސިނެއްގެ ކާމިޔާބީ ކަށަވަރުވީމައެވެ. އަދި އެ ވެކްސިނެއް ބޭނުންކުރުމުގައި އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން އެ ޤައުމެއްގެ ޞިއްޙީ އިދާރާތަކުންނާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވެސް ލިބިގެން ނޫނީ، އާންމު ގޮތެއްގައި، މި ފަދަ ވެކްސިނެއް ބޭނުމެއް ނުކުރާނެއެވެ.

މި ދެންނެވި މަރުޙަލާތައް ކަޑައްތުކޮށް، އާންމުން ބޭނުންކުރުމަށް ބާޒާރަށް ނެރޭ ވެކްސިން ބޭނުންކުރުމަކީ އެ ބައްޔަކުން ދުރާލައި ރައްކާތެރިވުމަށް ޓަކައި އެޅޭ އަދި އަޅާންޖެހޭ، ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ފާހަގަކޮށްލާންޖެހޭ މުހިންމު ކަމެއް އެބަ އޮތެވެ. އެއްވެސް މީހަކު ބޭނުންކުރާ ބޭހެއް ނުވަތަ ވެކްސިނަކީ އެ ވެކްސިނަކާމެދު އެ މީހެއްގެ ހިތުގައި އެއްވެސް ޝައްކެއް އޮތް އެއްޗަކަށް ވެގެން ނުވާނެއެވެ. އެއަށް ފުރިހަމައަށް އިޢުތިޤާދުކޮށް ﷲގެ ޝިފާއަށް އެދި ދުޢާކުރާންވާނެއެވެ. އަދި އެކަމަށް ޓަކައި އިޢުތިޤާދުކޮށް ﷲއަށް ވަކީލުކުރާންވާނެއެވެ. އެހެނީ އަޅުގަނޑުމެން ސަބަބުތަކުގައި ހިފިޔަސް ބަލިތަކަށް ޝިފާދެއްވަނީ ހަމަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މި އިޢުތިޤާދުގައި ސަލާމްލެއްވި އިބްރާހީމްގެފާނު ވިދާޅުވި ބަސްފުޅު ޤުރުއާނުގައި މާތް ﷲ ޛިކުރުކުރައްވައި ވަޙީކުރައްވައިފައިވެއެވެ. "وَإِذَا مَرِضْتُ فَهُوَ يَشْفِينِ" ("އަދި ތިމަން ބަލިވެއްޖެ ނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ.") (سورة الشعراء:80). އެހެންވީމާ ބަލީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާއިރުގައްޔާއި ބަލި ފަސޭހަކުރުމަށް ޓަކައި ފަރުވާ ހޯދާއިރު ވެސް ސަބަބުތަކުގައި ހިފުމާއެކު ﷲއަށް ވަކީލުކޮށް އިޢުތިޤާދު ސީދާކުރާންޖެހެއެވެ. ޝައްކާއި ވަހުމާއެކު މި ފަދަ އެއްޗެއް ބޭނުންކޮށްފި ނަމަ އެއިން ލިބޭ ފަރުވާއެއް، ނަފާއެއް، ނުވަތަ ރަނގަޅު ނަތީޖާއެއް ނުފެނި ހިނގައިދާނެތީއެވެ.

ވެކްސީން ޖެހުމަކީ އެއްވެސް ޙާލެއްގައި އިސްލާމް ދީނާ ވެސް ފުށުއަރާ ކަމެއް ނޫނެވެ. ޝައްކެއް ނެތެވެ! އިސްލާމް ދިނުގައި "ގެއްލުން ލިބުމެއް އަދި ގެއްލުން ދިނުމެއް ވެސް ނެތެވެ." މިއީ އިސްލާމީ ފިޤުހުވެރީން އިއްތިފާޤުވާ ޤާޢިދާއެކެވެ. އެހެނީ ޢާންމު ރޯގާއެއް ފެތުރުމުން އެ ބަލީން ރައްކާތެރިވުމަށް ޓަކައި މިއަދު މި ބޭނުންކުރާ ކަރަންޓީނުވުމާއި އެކަހެރިވުމުގެ އުޞޫލަކީ އިސްލާމްދީނުގައި ބާޔާންވެގެންވާ އުޞޫލުތަކެކެވެ. އަދި ޞިއްޙަތު ސަލާމަތުން ތިބުމަށްޓަކައި ސާފުތާހިރުކަމަށް އިސްކަން ދިނުމާއި ކެއުމުގެ ކުރީން ވެސް އަތް ދޮވުމަކީ އިސްލާމް ދީން ބާރުއަޅާ ކަންކަމެވެ. މިއީ އިންސާނާގެ ރައްކާތެރިކަމަށް ޓަކައި ޝަރުޢުކުރައްވައިފައިވާ ކަންކަމެވެ.

އެކިއެކި ވައިރަހުން ރައްކާތެރިވުމަށް ޓަކައި އަތް ދޮވުމާއި ފޮތިމޫނުމަތި އަޅައިގެން އުޅުމާއި މޫނުއައްޑަން ބޭނުންކުރުމަކީ، ރައްކާތެރިކަމުގެ ގޮތުން އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކެކެވެ. ޞިއްޙީ ޚިދުމަތްތެރީން ވެސް އެ ގޮތަށް އިރުޝާދުދެއްވާތީއެވެ. އެ ގޮތުގައި ނުރައްކާ ކުޑަވާތީއެވެ. މިއީ ކޮންމެހެން ހުޅަނގުން ތަޢާރުފުކުރި އުޞޫލުތަކެއް ނޫނެވެ. އެއީ އަޅުގަނޑުމެން އެ ދީނަކަށް ތަބާވެގެން މި ތިބަ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ކަނޑައެޅިފައިވާ (ރައްކާތެރިކަމުގެ) އުޞޫލުތަކެކެވެ.

ވެކްސިނަކީ، މި ހުރިހާ ފިޔަވަޅަކަށް ވުރެ މާ މުހިއްމު ފިޔަވަޅެކެވެ. ވީމާ އެއްވެސް ބައްޔަކަށް ވެކްސިނެއް އީޖާދުކޮށް، ދުނިޔޭގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ކަށަވަރުކަން ދީފައިވާ ނަމަ، އެ ފަދަ ވެކްސީން ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ބަލިތަކުން ރައްކާތެރިވުމާއި ބައްޔެއް ޖެހިއްޖެ ނަމަ ފަރުވާ ހޯދުމަކީ މީގެ ސާދަ ސަތޭކަ އެތައް އަހަރެއް ކުރީއްސުރެ، އިސްލާމް ދީނުގައި ބަޔާންކުރައްވައިފައިވާ ކަންކަމެވެ.

މި ހިސާބުން ބައެއް ބޭފުޅުން އުފައްދަވައިފާނެ ސުވާލެއް އަޅުގަނޑު ހިތަށް ވަދެއެވެ. ވެކްސިނުގެ ފައިދާގެ މައްޗަށް ތިޔަހައި ތަފްޞީލުކޮށް ލިޔުނު އިރު، ޤާނޫނީ މަޖުބޫރުކަމެއް ނެތި، "ކޮވިޝީލްޑް" (ވެކްސިން) ނުޖަހާނެކަމަށް އަޒީ ބުނީ ކީއްވެހެއްޔެވެ؟ އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު އެހެން ބުނެގެން ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑަކީ ތަންދޮރު ނުދަންނަ ޖާހިލަކަށް ހައްދަވައިގެން ވެސް ވާހަކަފުޅުދެއްކެވިކަން އެނގެއެވެ. އެކަމަކު އެކަމާ އަޅުގަނޑުގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. ހިތްބުރަކަމެއް ނެތެވެ. އެހެނީ، އެ ވާހަކައިގެ ބާވަތުން އަޅުގަނޑުގެ މަޤުޞަދު ވިސްނައި ވަޑައިގަންނަވާން ބޭނުންފުޅު ނުވެ ތަންކޮޅެއް އަވަހަށް ޖަޒުބާތީވެވަޑައިގެންނެވިއްޖިއްޔާ އެހެންވެދާނެއެވެ. ހުރިހާ ބޭފުޅުންގެ ޝުޢޫރުތަކަށް އަޅުގަނޑު އިޙުތިރާމްކުރަމެވެ.

އަޅުގަނޑުގެ އެ ނިންމުން އަދިވެސް ބަދަލެއް ނުކުރަމެވެ. އޭގެ ސަބަބު ޚުލާޞާ ގޮތެއްގައި އަޅުގަނޑު ދަންނަވައިލުމުން އޭގެ ތަފްޞީލަށް ކޮންމެހެން ބޭނުންފުޅު ވާނެ ކަމަކަށް ނުދެކެވެ. ކޮވިޝީލްޑާ ބެހޭ ގޮތުން އަޅުގަނޑަށް ދުނިޔޭގެ މީޑއާތަކުންނާއި ރާއްޖޭގެ މީޑިއާތަކުން ލިބުނު ޚަބަރުތަކުގެ މައްޗަށް ބަލައި، ޑަބްލިޔޫ.އެޗް.އޯއިން އެ ވެކްސިން ޖަހާން ހުއްދަ ނުދެނީސް އެ ވެކްސީން ޖަހާން އަޅުގަނޑު ޖެހިލުންވީއެވެ. އަދި ކަމާ ބެހޭ އެކި ބޭފުޅުން އެ ވެކްސިނާ ބެހޭ ގޮތުން އެކި ފަހަރު ދައްކަވައިފައި ހުރި ވާހަކަތަކުގެ ސަބަބުން އެ ވެކްސިނާމެދު އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދުނީއެވެ. ޝައްކު އުފެދިފައިވާ ކަމެއް ކުރުމަކީ އޭގެ މަންފާ އަޅުގަނޑަށް ކޮށްފާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވެނީއެވެ. އޭގެ މާނައަކީ އެ ވެކްސިނާމެދު ޔަގީންކަން ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް އެ ވެކްސިނުން ވެސް މަންފާ ނުކުރާނޭ ވާހަކަ ދެންނެވުމެއް ނޫނެވެ. އެ ޔަގީންކަމާއި ކަށަވަރުކަން ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ލަސްނުކުރައްވައި އަވަހަށް ވެކްސިން ޖައްސަވާން އަޅުގަނޑު ވެސް އިލްތިމާސްކުރަމެވެ. ފުރުޞަތު ލިބިއްޖެ ނަމަ، އަޅުގަނޑު ވެސް ޖަހާނަމެވެ. ފުރުޞަތު ލިބުމޭ މި ދެންނެވީ ކޮވިޝީލްޑް ނޫން އެހެން ވެކްސިނެއް ޖަހާން އަޅުގަނޑަށް މަގު ފަހިވުމެވެ. ނުވަތަ، "ކޮވިޝީލްޑް" ވެކްސިނަކީ ވެސް ރައްކާތެރި ސަލާމަތްތެރި ވެކްސިނެއްކަން ޑަބްލިޔޫއެޗްއޯއިން ބަޔާންކުރުމަށް ފަހު އެ ކަމަށް ފުރުޞަތު ލިބުމެވެ. މި ފަދަ ފުރުޞަތެއް ލިބިއްޖެ ނަމަ، ހިލޭ ނުލިބޭ ޙާލަތެއްގައި، ގަނެގެން ވެސް އެ ވެކްސިން ޖަހާން އަޅުގަނޑު ބޭނުމެވެ.

ވެކްސިނަކީ، ބަލިބަލީން ދިފާޢުވުމަށް ޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. ދިފާޢީ ނިޒާމު ބަލިކަށި މީހުން ޚާއްޞަކޮށް، އަދި އާންމުކޮށް އެންމެން ވެސް، ވެކްސިން ލިބިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަދު ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާގެ ނުރައްކަލުން ދުނިޔެއަށް ފުރިހަމަ ރައްކާތެރިކަމަކާއި ސަލާމަތްކަން އޮތީ ވެކްސިން ލިބިގަތުމުގައެވެ. ބައެއް ބަލިބައްޔަށް އަދިވެސް ވެކްސިނެއް ހޯދިފައި ނުވާއިރު، ކޮވިޑް19އަށް މިހާ އަވަހަށް ވެކްސިނެއް އީޖާދުކުރުމުގެ ވިސްނުން ދެއްވައި، އެ ކަމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އިންސާނުންނަށް ފަހިވުމަކީ ﷲ ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. އެއީ އެ ކަލާނގެ ރަޙުމަތްފުޅެވެ. ﷲ އަށް ޙަމްދާއި ޝުކުރުހުއްޓެވެ! އަދި މި ވެކްސީން އީޖާދުކުރުމަށް ޓަކައި މަސައްކަތްކުރެއްވި ހުރިހާ ސައެންސީންނާއި ފަރުވާވެރީންނާއި ޑަކުޓަރުންނަށް ހިތުގެ އިޚުލާޞްތެރި ލޯތްބާއެކު ޝުކުރު ދަންނަވަމެވެ. އަދި ދައުލަތުން ފައްޓަވައިފައިވާ ވެކްސީން ޕްރޮގްރާމް މުޅި ރާއްޖޭގައި ފުރިހަމަ ކުރެވި، ކޮވިޑްގެ ނުރައްކަލުން އަވަސް ކުރިމަގެއްގައި ރާއްޖެއާއި އިސްލާމީ އުންމަތާއި މުޅި ދުނިޔެ ވެސް ސަލާމަތްކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއެވެ!

ހެޔޮ ނިޔަތުގައި އިޚުލާޞްތެރިކަމާއެކު ކުރާ ހެޔޮ ޢަމަލުތަކަށް މާތް ﷲ ހެޔޮ ތައުފީޤު ދެއްވާށިއެވެ! ކޮރޯނާ ވައިރަހުގެ ނުރައްކަލާއި އެންމެހައި ރޯގާތަކުން އަޅަމެން ރައްކާތެރިކުރައްވާށިއެވެ! ދިވެހިރާއްޖެއަށް އަބަދު ވެސް ހެޔޮ ގޮތް މިންވަރުކުރައްވާށިއެވެ! އާމީން!