Support Us

ކޮލަމް: ދޭހަ

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ބޭއްވުނީ ވަރަށް ރަނގަޅަށް

ރިޔާސީ ބަޔާން އިއްވުމަށް މި އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އިންތިޒާމް ތަކަށް އަޅުގަނޑުގެ ނަޒަރުގައި ތަޢުރީފް ޙައްޤެވެ. މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދަން ބޭނުންވާ ނަމަ ޖަލްސާތަކުގެ ކަންތައްތައް އިންތިޒާމް ކުރާ ފަރާތްތަކުން، ޖަލްސާތަކުގެ އިންތިޒާމްތައް ނައްތާލަން މަސައްކަތްކުރާ ފަރާތްތަކަށް ވުރެ އެއް ފިޔަވަޅު ނުވަތަ ދެ ފިޔަވަޅު ކުރީގައި މަސައްކަތް ކުރެވެން ވާނެއެވެ. ޖަލްސާގެ ނިޒާމް ނަގާލަން މަސައްކަތް ކުރާ ފަރާތްތަކުން ކޮށްފާނެ ކަންތައްތަކާއި މެދު ހުޝިޔާރުވާންވާނެ އެެވެ. ތައްޔާރުވާންވާނެ އެވެ. ޢާއްމު ގޮތެއްގައި މި ގޮތަށް ފިޔަވަޅު އެޅޭނީ މަޖިލީހުގެ އަމްނުޢާއްމުގެ މަސައްކަތުންނެވެ. މަޖިލީހުގެ ރައީސްގެ ލަފާގެ މަތިންނެވެ.

ތެދުފުޅެކެވެ. ޑެމޮކްރެސީގެ ނިޒާމުގައި ހިތްހަމަނުޖެހުމުގެ އަޑު އުފުލުމަކީ އޮންނަ ކަމެކެވެ. އެކަމަކު އެ އަޑުއުފުލެން ވާނީ ކަނޑައެޅިފައި އޮންނަ މިންގަނޑެއްގެ ތެރެއިންނެވެ. އެ މިންގަނޑުގެ ތެރެއިން އަޑު އުފުލުމުން ވެސް މަޖިލީހުގެ މައި މަސައްކަތަށް ބުރޫ އަރާ ނަމަ އެކަން ހުއްޓުވޭނެ ގޮތެއް ރޭވެންވާނެ އެވެ. ރާވަންވާނެ އެވެ.

މަޖިލީހުގައި ހިމެނޭ ސަރުކާރާއި އިދިކޮޅު ސިޔާސަތެއް އޮންނަ ޕާޓީ ތަކުން ނުވަތަ މަޖިލީހުގެ މެމްބަރުން، ލިބޭ ކޮންމެ ފުރުޞަތެއްގައި، މަޖިލީހުގައި ސަރުކާރާ އިދިކޮޅަށް އަޑުއުފުލާނެ އެވެ. މުޒާހަރާކުރާނެ އެވެ. ފިއްތެން އޮތް ތަނެއްގައި ފިއްތެން އޮތް ވަރަކަށް ފިއްތާނެ އެވެ. އެއީ ޑެމޮކްރަސީ އެވެ. ހަމަ އެގޮތަށް ސަރުކާރުގެ އެޖެންޑާ އައިގެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ފަރާތްތަކުގެ ހުރަސްތައް ނައްތާލަން ވެސް ވެރިކަންކުރާ ޕާޓީން ނުވަތަ އެ ޕާޓީގެ ސިޔާސަތަަށް ތާއީދުކުރާ މެމްބަރުން ފިޔަވަޅުއަޅާނެ އެވެ. ޤާނޫނުގެ ތެރެއިންނެވެ. ގަވައިދުންނެވެ. އެވެސް ޑެމޮކްރަސީ އެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާއަކީ ކޮންމެ ޤައުމެއްގައި ވެސް ރައްޔިތުންގެ މަޖިލީސްގެ މަސައްކަތް ފެށުމަށް އޮންނަ ޖަލްސާ އެކެވެ. އެ އަހަރުގެ ތެރޭގައި މަޖިލީހުން ބޭއްވޭ ނުވަތަ ބާއްވާ އެންމެ މުހިއްމު ޖަލްސާ އެވެ. އެ ޖަލްސާ އެހާ މުހިއްމު ވަނީ އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރުމަށް ރާވާފައި އޮންނަ ކަންތައްތައް އިއްވާ ޖަލްސާ އަށް ވީމައެވެ. ސަރުކާރުގެ ދާޚިލީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތު ހާމަކުރާ ޖަލްސާ އަށް ވީމައެވެ. ރިޔާސީ ބަޔާނާ ބެހޭގޮތުން ވާހަކަ ދައްކާ ބަހުސް ކުރުމަކީ ފަހުން އޮންނަ ކަމެކެވެ. އެކަމަކު ސަރުކާރުގެ އެޖެންޑާގެ އަޑު އަހަން ރައްޔިތުން ބޭނުންވާނެ އެވެ. އެ އަޑު އިއްވުމަށް އެޅޭ ހުރިހާ ހުރަސްތައް ނައްތާލަން މަސައްކަތް ކުރެވެންވާނެ އެވެ. ނައްތާލެވެން ވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުންނެވެ. އެ ބޭފުޅުން އެ މަޖިލީހަށް ހޮވަނީ ރައްޔިތުންގެ ފަރާތުން ބަސް ބުނުމަށެވެ. ވަކާލާތު ކުރުމަށެވެ. ހުށައެޅިފައި އޮންނަ މައްސަލަ ތަކަށެވެ. ބިލިއަނަރަކަށް ވިޔަސް، ނުވަތަ މިލިއަނަރަކަށް ވިޔަސް، ނުވަތަ ސޭޓަކަށް ވިޔަސް، މަޖިލީހުގެ މެމްބަރަކަށް ވުމުން، އެ ބޭފުޅުންގެ ނަންފުޅުގެ ކުރިއަށް ޢިއްޒަަތްތެރި އިތުރުކޮށް، މަޖިލީހުގެ މެމްބަރުކަމުގެ މުސާރަ އާއި ޢިނާޔަތާއި، ޝަރަފާއި ޢިއްޒަތް ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ ފަރާތުންނެވެ. ރައްޔިތުން އެ ބޭފުޅުން އެ މަޤާމަށް ހޮވުމުންނެވެ. އޭގެ ކުރިން އެ ބޭފުޅުންނަކީ ބިލިއަނަރުންނެވެ. މިލިއަނަރުންނެވެ. ސޭޓުންނެވެ. ރައްޔިތުންގެ ދުރުމީ އަށް އަރާފައި ތިބި ބޭފުޅުންނެއް ނޫނެވެ. އެ ބޭފުޅުންނަށް ކަންމަތީ ފިހާރަ އިން ދަރަންޏަށް ނަގާފައި ހުރި ފައިސާ ނުދެއްކުން ފަދަ ވާހަކަ ދައްކަންވީ ޝަރީޢަތުގައެވެ. ފުލުސް އޮފީހުގެ ތަޙްޤީޤްގައެވެ. މަޖިލީހުގައެއް ނޫނެވެ.

ފަހަކަށް އައިސް "އެއްދުވަހުގެ ރަސްކަލަކަށް" ވާން މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތް ކުރައްވާތަން ފެނެއެވެ. ކެރޭ ކަމާއި ކުޅަދާނަކަން ދެއްކެވުމުގެ ނިޔަތުގައެވެ. ޢާއްމުންނަށް މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާ ގޮތް ފެންނަމުން ދާގޮތަށް ހަމަޖެހިފައި އޮންނާތީ ވެއެވެ. ހަޑި ހުތުރު ބަހުރުވައިން ވާހަކަ ދައްކަވާތަން ދެއްކޭތީ ވެއެވެ. މީހުންގެ އަބުރަށް އަރައިގަންނަތަން ދެއްކޭތީ ވެއެވެ. މަޖިލީހުގެ މެމްބަރު ކަމަށް ރައްޔިތުން ހޮވަނީ ހަޑިހުތުރު ބަހުރުވައިން ވާހަކަ ދައްކައި، މީހުންގެ އަބުރާ ބެހޭކަށް ނޫނެވެ. މަޖިލީހުން ފެންނަ ކުރިން ދެންނެވުނު ކަހަލަ ވާހަކަތަކާއި މަންޒަރު ތަކަކީ ބައެއް މީހުންނަށް އަގަކާ ނުލައި ބަލައިލެވޭ ނުވަތަ އަޑު އަހާލެވޭ ދަށްފެންވަރުގެ މުނިފޫހި ފިލުވުމަކަށް ވެދާނެ އެވެ. ރައްޔިތުން ބޮޑު ޚަރަދެއް ކޮށްގެން ބޭއްވޭ މަޖިލީހުގެ ޖަލްސާތަކަކީ އެފަދަ މުނިފޫހިފިލުވުމަށް ބޭއްވޭ ޖަލްސާ ތަކެއް ނޫނެވެ.

މަޖިލީހުގެ ޖަލްސާތައް މުސްތަޤްބަލުގައި ބޭއްވެންވީ، ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ބޭއްވުނު ގޮތަށެވެ. ޖަލްސާ ކުރިއަށް ގެންދިޔަ ނުދިނުމަށް އުދަގޫކުރާ މެމްބަރުންގެ އުނދަގޫ ކުރުމުގެ ވާހަކަ ތަކާއި ޙަރަކާތްތަކާއި އަޑު އެއްގޮތަކަށް ވެސް ނުފޮނުވެންވީ އެވެ. ކެމެރާގެ ފޯކަސް އެއްގޮތަކަށް ވެސް އެ ފަރާތްތަކަށް ނުކުރެވެން ވީއެވެ. ރިޔާސަތާއި ހަމައަށް ދިއުމުގެ ފުރުޞަތު ނުދެވެންވީ އެވެ. އެހެންނަމަވެސް އެގޮތަށް ޖަލްސާ ބޭއްވޭނީ މަޖިލީހުގެ ރައީސް އެގޮތަށް ފުރުޞަތު ދެއްވާނަމައެވެ. ހަމަޖައްސަވާދެއްވާ ނަަމަ އެވެ.

ފާއިތުވި ތާނގައި އަޅުގަނޑުމެންނަށް ފެނިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސީ ބަޔާން އިއްވުމުގެ ބައެއް ޖަލްސާ ތަކުގައި ބައެއް މެމްބަރުން ރައީސްގެ މޭޒުކޮޅު ވަށައިލާ ހަޅޭ ލައްވަމުން ގެންދެވިތަން ފެނުނެވެ. އެއިރުވެސް ސާޖެންޓު އެޓް އާމްސް އެއް ހުންނަވާނެ އެވެ. އޭނާ އަށް ކަމެއް ކުރެއްވޭނީ މަޖިލީހުގެ ރައީސް އަމުރެއް ކުރެއްވިއްޔާ އެވެ. އެފަދަ އެއް ޖަލްސާއެއްގައި މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގެ ތެރޭގައި ޤައުމުގެ ރައީސް އާއި އެކު މަޑުކުރެއްވި ހިނދުކޮޅެއްގައި، "ދެން ރަނގަޅުވާނީ މަނިކުފާނު އިސްތިޢުފާ ދެއްވިއްޔާ" ކަމަށް، ރައީސް އަށް ލަފާ އެރުވި ކަމުގައި، ރައީސްގެ އެއިރުގެ މުޝީރަކު ވިދާޅުވިއެވެ. އެ ދަނޑިވަޅުގެ ގޮތުން ރައީސް އިސްތިޢުފާ ދެއްވި ނަމަ ވަގުތީ ގޮތުން ޤައުމުގެ ރައީސަކަށް ހުންނަވާނީ މަޖިލީހުގެ ރައީސެވެ. އިއްތިފާޤުން އެ ދުވަހު މަޖިލީހުގެ ރައީސަކަށް ހުންނެވި ބޭފުޅަކީ ޤައުމުގެ ރައީސްގެ ދަރިވަރެކެވެ.

މި ދެންނެވުނު ޙާދިސާގެ ވާހަކަ އިން ވެސް މަޖިލީސް އޮމާންކޮށް ގެންދެވުމާއި ހަލަބޮލިކޮށް ގެންދެވުމުގައި މަޖިލީހުގެ ރައީސްގެ ނިންމެވުން ތަކާއި ވިސްނުންފުޅާއި، ޖަލްސާ ކަންޓްރޯލު ކުރެއްވުމުގެ ޤާބިލުކަން ވަރަށް ބޮޑު ބައެއް ކުޅޭކަން ސާފުވެވަޑައިގަންނަވާނެ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. މި ލިޔުން ކިޔައި ނިމުނު އިރު ވެސް ހަގީގަތުގައި ބުނަން އެ އުޅުނީ ކޮން ވާހަކައެއް ކަމެއް ނޭނގުނެވެ. އެހެނީ އެންމެ ފަހުން ބޭއްވި ޖަލްސާގައި ހަމައެކަނި އޮތީ ހިމޭން އިޙުތިޖާޖެކެވެ. އިދިކޮޅުން ހަޅޭއްފަޅޭއްލަވައެއް ނަހަދައެވެ. އެ ޖަލްސާގައި އަޑުމަޑުވީ އަމީންޢާމްމުގެ ސަަބުންނެއް ނޫނެވެ. އިދިކޮޅު އިޙުތިޖާޖުގެ ސުލޫކުގެ ސަބަބުންނެވެ. ހަޅޭއްފަޅޭއްލަވައި ރިޔާސީ ބަޔާން ހުއްޓުވާން މިހާ ތަނަށް ވެސް މަސައްކަތްކޮށްފައި އޮތީ މިއަދުގެ ސަރުކާރު ނިސްބަތްވާ ޕާޓީ އިންނެވެ. ނަމަވެސް ލިޔުންތެރިޔާ މަސައްކަތްކުރައްވައިފައިމިވަނީ އިދިކޮޅުން ހަޅޭއްލަވާން އުޅުމުން ރިޔާސަތުގެ މޮޅުކަމުން އެކަން ހުއްޓުވިކަމަށް ދައްކަވާށެވެ. މިއީ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ. ނުވަތަ ލިޔުންތެރިޔާ ވިދޅުވާޏް އެ އުޅުއްވި ވާހަކަ، އަޅުގަނޑުމެން ފަދަ ޢާއްމުންނަށް ރޭކައި ނުލާހައި ބަސްމަގު މޮޅީ ކަމަށް ވެސް ވެދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *