Support Us

އަތުކުށް- 6

ގިނަ މީހުން ޚިޔާލުފާޅުކޮށްފައި ހުންނަ ގޮތާ ޚިލާފަށް އަޅުގަނޑަށް ދެންނެވޭން އޮތީ، ނޫސްތަކުގައި ހުންނަ ލިޔުންތައް އާންމު ގޮތެއްގައި ރަނގަޅުކަމުގައެވެ. އަދި ކުރިޔާ އަޅައި ބަލާއިރު، ލިޔުންތެރިކަން ކުރިއަރައިގެން އަންނަ ކަމަށެވެ. ދިވެހިބަސް ކުރިއެރުވުމަށް ޓަކައި ކުރެވޭ މަސައްކަތުގެ ނަތީޖާ ރަނގަޅުކަމުގައެވެ. ނަމަވެސް މި ދެންނެވީ ހަމައެކަނި ކުށް ހޯދާން މަސައްކަތްކުރާނަމަ، ކުށް ނުފެންނާނޭ ވާހަކައެއް ނޫނެވެ.

އަޅުގަނޑު ލިޔަމުން މި އަންނަ "އަތުކުށް" މި ސިލްސިލާގެ ބޭނުމަކީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރާން ހިތްވަރުދިނުމާއެކު، ގަވާއިދުގެ ގޮތުން، މި ކަންކަން އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކުގެ މައްޗަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބެލުމެވެ. ނޫހުގައި ލިޔުއްވާ ޒުވާން ކުދީން މިހާރަށް ވުރެ ވެސް ބޮޑަށް ގަވާއިދަށް އަހުލުވެރިކުރުވުމެވެ. ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާން ނުކުރަނީ ވެސް އެހެންވެގެންނެވެ.

އަޅުގަނޑުގެ ހަގީގީ ބޭނުމަކީ، ނޫސްތަކުން ފާހަގަކުރެވޭ ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާއެކު ބަޔާންކުރުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް މިހާރަށް ވުރެ ވެސް ފުރިހަމަކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދާއި މަޤުޞަދާއި ނިޔަތެވެ. މި ސިލްސިލާގައި މި ފަހަރު އަޅުގަނޑު ބަލައިލާން މި ގަސްތުކުރަނީ ވަރަށް މަޝްހޫރު އޮންލައިން ނޫހެއްގައި އޮތް ޖުމުލައަކަށެވެ.

މި ގޮތުގެ މަތީން މިއަދު އަޅުގަނޑު ނަކަލުކޮށްލީ ވަރަށް ކުރުކުރު ޖުމުލައެކެވެ. އެއީ "މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމުތަކެއް މާމެންދޫ އަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ." މި ޖުމުލައެވެ. މި ޖުމުލަ އިތުރަށް ރަނގަޅުކޮށްލާން ޖެހޭ ކަމެއް އޮތްކަމަށް ގިނަ ބޭފުޅުންނަށް ފާހަގަ ވެސް ނުކުރެއްވިދާނެއެވެ. ނަމަވެސް އަޅުގަނޑަށް މި ޖުމުލައިން ދެ ކަމެއް، އެހެން ގޮތަކަށް ދަންނަވާނަމަ، ދެ ކުށެއް ފާހަގަކުރެވެއެވެ. އެއީ "ތަހުގީގު ކުރުމަށް" މިލަފުޒާއި "ދިއުމަށް" މި ލަފުޒުގެ ފަހަރަށް "އަށް" އިތުކުރާއިރު ގެންނާންޖެހޭ ބަދަލާއި ޚާއްޞަނަމުގެ ފަހު އަކުރުގެ ފިއްޔަށް ގެންނާންޖެހޭ ބަދަލެވެ. މިއީ އަޅުގަނޑުމެންނަށް ފެނިފެނި، އިވިއިވި، ކުށެކޭ ހީނުވާ ވަރަށް އާންމުވެފައިވާ ބާވަތުގެ ކުށެވެ. ނަމަވެސް އެއީ ހަމަ ކުށެވެ.

"ތަޙުގީގުކުރުން" މި މަޞްދަރުގެ ފަހަތަށާއި "ދިޔުން" މި މަޞްދަރުގެ ފަހަތަށް ގުޅުވައިފައި އޮތް "އަށް" އެވެ. އާންމު ގޮތެއްގައި، ކަމަކަށް ނުވަތަ ކަން އުފެދުމުގެ އަޞްލުކަމުގައިވާ މަޞްދަރެއްގެ ފަހަތަށް "އަށް" އިތުރުކޮށްފި ނަމަ، އެންމެ ރަނގަޅު ގޮތަކީ "އަށް"ގެ ފަހަތަށް "ޓަކައި" މި އަކުރު އެތުރުކުރުމެވެ.

އަންނަނިވި ޖުމުލައަށް ނަޒަރެއް ދެއްވާނަންތޯއެވެ!

  • އަހަރެން ކޮންމެ ދުވަހަކު ވެސް ހިނގުމަށް ރަސްފަންނަށް ދަމެވެ.
  • ވައިޖައްސައިލުމަށް އަތިމައްޗަށް ދިޔައިމެވެ.
  • މަތީންދާ ބޯޓު ރަންވޭގައި ޖެއްސުމަށް ތިރިކުރަނީއެވެ.

މި ޖުމުލަތަކުގައި އައިބުކަމެއް ނެތްތޯއެވެ! ތިޔަ ބޭފުޅުން އާނއެކޭ ވެސް ވިދާޅުވެދާނެއެވެ. ނަމަވެސް ދަންނަވަންތޯއެވެ! ތިޔަ ބޭފުޅުންނަށް ފަސޭހަފުޅުވާނީ އިނގިރޭސިބަހާ ޙަވާލާދީ އެއްޗެއް ދެއްވިއްޔާ ކަމަށް ވެދާނެކަމަށް ޓަކައި ދަންނަވައިލާނަމެވެ. އިނގިރޭސި ބަހުގައި "to do" ބޭނުންކުރާން ޖެހޭ މަޤާމުތަކުގައި ދިވެހިބަހުގައި ބޭނުންކުރާ ގޮތަކީ "ކުރާން" އެވެ. "ކުރުމަށް"އެއް ނޫނެވެ. މި އުޞޫލަށް ބަލައިގެން ޢިބާރާތްކުރާ ނަމަ، މި ފަދަ ޖުމުލަތައް ލިޔާންޖެހޭނީ އަންނަނިވި ގޮތްގޮތަށެވެ.

  • އަހަރެން ކޮންމެ ދުވަހަކު ވެސް ހިނގާން ރަސްފަންނަށް ދަމެވެ.
  • ވައިޖައްސައިލާން އަތިމައްޗަށް ދިޔައިމެވެ.
  • މަތީންދާ ބޯޓު ރަންވޭގައި ޖައްސާން ތިރިކުރަނީއެވެ.

މި ގޮތަށް ބޭނުންފުޅު ނުކުރައްވާނަމަ (ގިނަ ޙާލަތްތަކުގައި) "އަށް"ގެ ފަހަތަށް "ޓަކައި" އިތުރުކޮށްލީމާ ވެސް، ޖުމުލަ ފުރިހަމަ ކުރެވިދާނެއެވެ. ނަމަ ވެސް "ޓަކައި" އިތުރުކޮށްގެން ހަމަޖައްސައި ނުލެވޭނެ ތަންތަން ވެސް ދިމާވެދާނެއެވެ. އެއީ ދޭހަވާ މާނައަށް ބަލާއިރުގައެވެ. ނަމަވެސް އެ ފަދަ ކޮންމެ ޙާލަތެއްގައި ވެސް "އާން" ބޭނުންކުރެވޭނެއެވެ.

މިހާރު ހިތްޕުޅުގައި ތިޔަ އުފެދޭ ސުވާލުގެ ޖަވާބު ވެސް ދަންނަވައިލާނަމެވެ. އާދޭހެވެ! މި ގޮތަށް "އާން" ބޭނުންކުރާއިރު ނޫނު ސުކުނުގެ ކުރީގައި އޮންނަ އަކުރުގައި އޮންނާންޖެހޭނީ އާބާފިއްޔެވެ. އަބަފިއްޔެއް ނޫނެވެ. އެ އަކުރުގައި އަބަފިލި ޖެހޭނީ ފުރަތަމަ މީހާގެ ނަޒަރުން ވާކަމުގެ ޒަމާނުގައި އެ ލަފުޒު (ކަން) ބޭނުންކުރާ ޙާލަތުގައި އެކަންޏެވެ. އަންނަނިވި މިސާލުތަކަށް ފުންކޮށް ވިސްނައިވަޑައިގަތުން ހުށްޓެވެ!

  • އަހަރެން ކޮންމެ އަހަރަކު ވެސް ރޯދައަށް މަސައްކަތް ހުއްޓައިލަން. މި ފަހަރު ރޯދައަށް މަސައްކަތް ހުއްޓައިލާން މި ގަސްތު ކުރަނީ ފަހު ދިހައަށް އެކަނި.
  • ތިޔަ މަގުން ވެސް އަހަރެން ދުއްވަން. އަހަރެން، ކާރު ދުއްވާން ދާއިރު، އެ ގޭ ދޮރުމަތީން ވެސް ދަން.
  • އަހަރެން އަބަދުވެސް މޫދަށް އެރެން.  މިއަދަކު މޫދަށް އެރޭން ދާ ހިތެއް ނުވޭ.
  • އަބަދު ވެސް އަހަރެން އެކަން ކުރަން. އެކަމަކު މިއަދު ކުރާން މި އުޅެނީ އެހެން މަސައްކަތެއް.

މި އުޞޫލާ ޚިލާފަށް އަޅުގަނޑުމެންނަށް ގިނަ ފަހަރު ލިޔެވެނީ، އަޅުގަނޑުމެން އިނގިރޭސިބަހުން ވިސްނާތީކަމަށް ވެދާނެއެވެ. ނަމަވެސް ދިވެހިބަހުން ލިޔެކިޔައި ހަދާއިރު، އަޅުގަނޑުމެންގެ ވިސްނުން ބަހައްޓާން ޖެހޭނީ ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާއި ސަގާފަތުގެ ތެރެއިންކަށް ދަންނަވާން ޖެހެއެވެ. މިހާރު އަޅުގަނޑު މި ދަންނަވާން އުޅުނު ވާހަކަ ދެންނެވިއްޖެ ކަމަށް އުންމީދުކުރަމެވެ.

ފާހަގަކޮށްލާން ޖެހޭ އަނެއް ނުކުތާއަކީ "ދޫ" އަށް ނުވަތަ ބައެއް އެހެން ފިލިފިއްޔަށް ނިމިފައި ހުންނަ ރަށްރަށުގެ ފަހަތަށް "އަށް" އިތުރުކުރާއިރު ފަހު އަކުރުގެ ފިއްޔަށް ވެސް ބަދަލު އަންނަކަމެވެ. "އަށް" މި އަކުރަކީ ގިނަ ޙާލަތްތަކުގައި ކުރީ ލަފުޒާ މެހޭ އަކުރެކެވެ. އެހެންކަމުން އެ ލަފުޒު އަބަދު ވެސް، ކޮންމެ ޙާލަތެއްގައި ވެސް، ލިޔާންޖެހޭނީ ވެސް، ކުރީ ލަފުޒާ ދުރުނުކޮށެވެ.

މިސާލަކަށް:

  • ހިރިލަންދޫ+އަށް= ހިރިލަންދުވަށް (ނުވަތަ ހިރިލަންދުއަށް)
  • މާމެންދޫ+އަށް= މާމެންދުވަށް (ނުވަތަ މާމެންދުއަށް)
  • މާވަށް+އަށް= މާވަށަށް
  • ގަން+އަށް= ގަމަށް
  • ފީވައް+އަށް= ފީވަކަށް
  • ވޭވަށް+އަށް= ވާވަށަށް
  • މުލި+އަށް= މުއްޔަށް
  • ވިލިނގިލި+އަށް= ވިލިނގިއްޔަށް

"ދޫ"އަށް ނިމިފައި ހުންނަ ރަށްރަށުގެ ނަންތަކުގެ ފަހަތަށް "އަށް" އިތުރުކުރީމާ، ވާވަކަށް ބަދަލުވާތީ "އަށް"ގެ "އ"، ވާވަކަށް ބަދަލުކޮށްގެން ބޭނުންކުރެވެމުން އައި ސަބަބަކީ އެ "ދޫ"ގެ އަޞްލަކީ ސާންސްކިރިތު ބަހުން އައިސްފައިވާ "ދުވް" (ރަށް) ކަމަށް ވާތީ ކަމަށް ފެނެއެވެ. ނަމަމެސް "އަށް"ގެ ގޮތުގައި ބޭނުންކުރުމަކީ އަޅުގަނޑަށް މައްސަލައެއް ނޫނެވެ. ނަމަވެސް އެ "އަށް" ކުރީ ލަފުޒާ މެހިގެންދާއިރު ގެންނާންޖެހޭ ބަދަލު ގެންނާންޖެހޭނެއެވެ. "ބަދަލުވާއަކުރު"ގެ ހަމަތަކާ އެއް ގޮތްވާ ގޮތުގެ މަތީންނެވެ.

އަޅުގަނޑުމެންގެ ދިވެހިބަހުގައި ހުރި މި އުޞޫލާއި ހަމަތަކާއި ސަގާފަތަށް ނަޒަރެއް ދޭއިރު، މިއަދުގެ ލިޔުމުގައި  އެ ޖުމުލައެއްގެ މައްޗަށް ވާހަކަދައްކައިލާން އަޅުގަނޑު ހޮވައިލި ޖުމުލަ އަންނަނިވި ގޮތަށް ބަދަލުކޮށްލައިފި ނަމަ، މި ދެންނެވި ހުރިހާ ހަމަތަކަކަށް ފެތޭނެ ކަމަށް ދަންނަވައިލަމެވެ.

  • "މި މައްސަލަ ތަހުގީގު ކުރުމަށް ޓަކައި ފުލުހުންގެ ޓީމުތަކެއް މާމެންދުއަށް ދާން (މިހާރު) ވަނީ ހަމަޖެހިފައެވެ."

ޖުމުލައިގައި ލަފުޒު ތަރުތީބު ކޮށްފައިވާ ގޮތާ ބެހޭ ގޮތަކުން މިއަދަކު އަޅުގަނޑު ވާހަކައެއް ނުދައްކަމެވެ. އަޅުގަނޑު ހަމައެކަނި މި ބަލައިލީ ބައެއް ލަފުޒުތައް ބޭނުންކޮށްފައި ހުރި ގޮތުގެ މައްޗަށެވެ.

"މިޔާމެދު ފާޑުވެރިޔަކު ފާޑުކިޔަމުން ދާނެނަމަ ޝުކުރޭ

ހިޔާވަހިކަން ބަހުގެ ގުލްޒާރުގައި ވާނީ އެއިން އިތުރޭ"

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ތިޔަށްވުރެ ފާޑުވިދާޅުވުން މާ އައުލާ ކުށްކުށް އެބަހުރި އިނގޭތޯ ޢަބްދުލްއަޒީޒް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *