Support Us

އަތުކުށް- 5

ސިލްސިލާ ގޮތެއްގައި އަޅުގަނޑު ލިޔަމުން މި ގެންދާ ލިޔުމުގައި މި ފަހަރު ވެސް އަޅުގަނޑު ބަލައިލާން މި ގަސްތުކުރަނީ އާދައިގެ ޖުމުލައަކަށް ނޫނެވެ. އެ ޖުމުލައެއް ލިޔެލާން ވެސް އަޅުގަނޑު ޖެހިލުންވާ ޖުމުލައެކެވެ. އަޅުގަނޑު ކުށްވެރިވެދާނެތީ ބިރު ވެސް ގަންނަ ފަދަ ޖުމުލައެކެވެ. އެ ޖުމުލައިގައި އެ އޮތް ފަދަ ލަފުޒެއް ނުވަތަ އެ ފަދަ ޢިބާރާތެއް ބޭނުންކުރައްވައިގެން ސިޔާސީ ބޭފުޅަކަށް ކްރިމިނަލް ކޯޓުގައި ދާދިފަހުން ދައުވާ އުފުލިފައިވާ ފަދަ ލަފުޒެކެވެ. ނަމަވެސް ކޮމާ ކޯޅީގައި މި ވަނީ އަޅުގަނޑުގެ ޖުމުލައެއް ނޫނެވެ. އޮންލައިން ނޫހަކުން އަޅުގަނޑު ނަކަލުކުރި ޖުމުލައެކެވެ.

އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއް ނުކުރަމެވެ. އެހެންވީމާ އެ ނޫހުގައި ލިޔުއްވި ލިޔުންތެރިޔާ ކުށްވެރިނުވެ އަޅުގަނޑު ކުށްވެރި ނުވާނެ ކަމުގެ އުންމީދުގައި އެ ޖުމުލަ ރަނގަޅުކޮށްލުމުގެ ނިޔަތުގައި އެ ޖުމުލަ ބޭނުންކޮށްލާނަމެވެ. މަޢާފުކުރައްވާނެ ކަމަށް އުންމީދުކުރަމެވެ.

އަޅުގަނޑުގެ ހަގީގީ ބޭނުމަކީ، އެ ދުވަހެއްގައި ފާހަގަކުރެވުނު ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާއެކު ބަޔާންކުރުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދާއި މަޤުޞަދާއި ނިޔަތެވެ.

މިއަދު އަޅުގަނޑު ނަކަލުކޮށްލީ މި ދަންނަވާ ޖުމުލައެވެ. "ސައޫދީ އަރަބިއްޔާގެ ހަނަފަސް ހިސާބެއްގައި ބަޔަކު ޖަމަލު ގޮރު ބޯ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ." މި ޖުމުލައެވެ. މި ޖުމުލައިން ލަފުޒު އެތުރުމާއި ލަފުޒު ދުރުކުރުމާއި ސުކުންކުރުމާއި އައިބައިފިލީގެ ހަމަތާކައި މި ފަދަކަންކަން ބަހުގެ ހަމަތަކަށް ފެތޭކަން އުފަލާއެކު ފާހަގަކޮށްލަމެވެ. ތަހުނިޔާ ދަންނަވަމެވެ.

މި ޖުމުލައިން ފާހަގަކުރެވުނީ ދެތިން ކުށެކެވެ. ބަހަވީ ނަޒަރުން ކުށަކަށް ނުވިޔަސް އަދަބީ އަދި އިޖުތިމާޢީ ނަޒަރުން ބަލާއިރު ދެތިން ކުށެއް އެބަ އޮތެވެ. ފުރަތަމަ ކުށަކީ "ގޮރު ބޯ" މި ޢިބާރާތެވެ. ނަމަކާއި ކަމެކެވެ. "ގޮރު" މިއީ ބޭއަދަބީ ބަހުރުވައި އިސްތިމާލުކުރާ ލަފުޒެކެވެ. ރުޅިވެރިކަމާއެކު ހުތުރުބަހުން މުޢާމަލާތުކުރުމުގައި މި ނަން ބޭނުންކުރިޔަސް، މިއީ ނޫސްވެރިކަމުގެ ދާއިރާގައި އަދި އަދަބީ އެއްވެސް ލިޔުމެއްގައި ބޭނުންކުރުން ރަނގަޅު ރަފުޒެއް ނޫނެވެ. މިއީ އަޅުގަނޑުމެން އިސްތިމާލުކުރާ ލަފުޒަކަށް ނުވިޔަސް ކިހިނެއް ކޮން މާނައެއް ކަމުގައި ބޭނުންކުރާ ލަފުޒެއްކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެތީ އެ ވާހަކަތައް ދަންނަވާކަށް ނެތީމެވެ.

ދީނީ ބައެއް ފޮތްތަކުގައި މި "ލަފުޒު"، ކުރީން ބޭނުންކޮށްފައި ހުންނަނީ "ކުޑަގިފިލި"ގެ ގޮތުގައެވެ. ނަމަވެސް މި ފަހަކަށް އައިސް ދީނީ، ޤާނޫނީ، ޞިއްޙީ ލިޔުންތަކުގައި ބޭނުންކޮށްފައި ހުއްޓައި ފެންނަނީ "ކުޑަކަމުދާ ތަކެތި" މިހެންނެވެ. އާންމު މުޢާމަލާތްތަކުގައި "ހީސް"، "ފަހަރުވާ" ފަދަ ނަންނަން ބޭނުންކުރިޔަސް އައިބެއް ނޫނެވެ. ނަމަވެސް ލިޔެކިޔުންތަކުގައި ބޭނުންކުރާން ރަނގަޅީ ކުޑަކަމުދާ ތަކެއްޗެވެ.

އަޅުގަނޑު ނަކަލު ކޮށްލި ޖުމުލައިން ފާހަގަކޮށްލާން ބޭނުންވާ އަނެއް ލަފުޒަކީ "ވައިރަލްވެއްޖެ" މި ލަފުޒެވެ. މި ލަފުޒުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒެއް އެބަ އޮތެވެ. އެއީ "ވިރަވެއްޖެ" މިލަފުޒެވެ. "ވިރަވުން" މިއީ "ވައިރަލްވުން" މި ލަފުޒުގެ ބަދަލުގައި ބޭނުންކުރާން ދިވެހިބަހުގެ ބަސްކޮމިޓީއިން ފާސްކުރައްވައިފައިވާ ލަފެޒެއް ކަމަށް އަޅުގަނޑަށް އެނގިފައިވެއެވެ.

އަދި ވެސް އެއް ލަފުޒު އެބަ އޮތެވެ. އެއީ "ސޯޝަލް މީޑިއާ"އެވެ. "ސޯޝަލް މީޑިއާ"ގެ ބަދަލުގައި ބޭނުންކުރާ ދިވެހި ލަފުޒެއް ވެސް މިހާރު ވަނީ އާންމުކޮށް ބޭނުންކުރާން ފަށައިފައެވެ. އެ ލަފުޒު މުޖުތަމަޢުވަނީ ބަލައިގެންފައި ވެސް މެއެވެ. އެއީ "މީސްމީޑިއާ"އެވެ.

މިއަދު އަޅުގަނޑު ޚާއްޞަކޮށްލި ޖުމުލައިން މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީ ރަނގަޅު ލަފުޒު ޚިޔާރުކުރުމުގެ ވާހައެވެ. ޖުމުލައިގައި ލަފުޒު ތަރުތީބުކުރައްވައިފައިވާ ގޮތަށް ބަދަލު ގެނެސް އެހެން ގޮތަކަށް، ނުވަތަ އެއަށްވުރެ މޮޅަށް ލަފުޒުގެ ތަރުތީބުނުކުރެވޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑު މި ފާހަގަކޮށްލީ ހަމައެކަނި ރަނގަޅު ލަފުޒު ބޭނުންކުރެއްވުމުގެ މުހިންމުކަމުގެ ވާހަކައެވެ.

އިސްވެ އަޅުގަނޑު ދެންނެވި ވާހަކަތަކަށް ރިޢާޔަތްކޮށް، އަޅުގަނޑު މިއަދު އެ ޖުމުލައަކާ މެދު، މި ވާހަދެއްކި ޖުމުލަ އޮންނާން އަޅުގަނޑަށް ފެންނަ ގޮތަކީ، "ސައޫދީ އަރަބިއްޔާގެ ހަނަފަސް ހިސާބެއްގައި ޖަމަލުގެ ކުޑަކަމުދާ ތަކެތި ބޯން ބަޔަކު ތިބޭ ވީޑިއޯއެއް މީސްމީޑިއާގައި ވިރަވެއްޖެއެވެ." މިއީއެވެ.

އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދަކީ އަޅުގަނޑުގެ މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން، ތިޔަ ބޭފުޅުން ލިޔުއްވާ ލިޔުންތަކުގައި މި ކަންކަން އިޞްލާހުކުރައްވާން ވިސްނުންފުޅު ބެހެއްޓެވުމެވެ. ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީއިން އުފައްދަވައި އާންމުކުރައްވާ އާ ލަފުޒުތައް ނޫސްވެރީންނާއި ލިޔުންތެރީން ބޭނުންފުޅުކުރެއްވުމަކީ ވެސް ދިވެހިބަހަށް ކުރެއްވޭ ޚިދުމަތެއް ކަމަށް ވާނެކަން ކަށަވަރެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ގޮރަކީ ބޭއަދަބީ ބަހެއް ކަމާއި ގޮރުބޯ ވާހަކަ ބުނުމަކީ އަދި މާހުތުރު ވާހަކައެއްކަން ނޭނގި ލިޔެފައި ވަނީ ކަމަކަށް ހިއެއް ނުވޭ. ސައޫދީ މީހުންދެކެ އަންނަ ރުޅިން ނުވަތަ ރަސޫލާގެ ހަދީސަށް ފުރައްސާރަކުރުމުގެ ގޮތުން ގަސްތުގައި ލިޔެފައި އޮތް ގޮތެއްކަމަށް ބުރަވެވެނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *