Support Us

ކޮންމެ "ކަޑަ"އަކީ "ކަޑަ"އެއް ނޫނެވެ.

ސައިތަށްޓެއް ބޮއިލުމަށް ޓަކައި ކަޑައަކަށް ގޮސް ތިބެ ބަޔަކު އެ ލަފުޒާ މެދު ވާހަކަދެއްކި އެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތަށް އެ މީހުން ވެސް ވާހަކަދެއްވީ އެ ލަފުޒާ މެދު އިދި ގޮތަކަށެވެ. ނައްސި ނަޒަރަކުންނެވެ. އެއީ ދަށްކޮށްލުމުގެ ނުވަތަ ފެންވަރު ދަށްކޮށްލުމުގެ މާނައިގައި ކިޔާ ނަމެއްގެ ގޮތުގައެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ.

"ކަޑަ" މި ލަފުޒަކީ ދިވެހިބަހުގައި ޒަމާނުއްސުރެ ތަފާތު ތިން މާނައެއްގައި އިސްތިމާލުކޮށް އުޅޭ ލަފުޒެކެވެ. ފުރަތަމަ މާނައަކީ ބިމުން ތަނެއް ފާހަގަކުރާން ނުވަތަ އެ ނޫންވެސް ބޭޏުމެއްގައި ބިމަށް ތަޅައި ވައްދާ ކުރު ދަނޑިބުރިއެވެ. (މި ދަނޑިބުރި ހުންނާނީ ބިމަށް ވައްދާކޮޅު ފޭއްސައިފައެވެ.) އަންހެނުންގެ ކިބައިގައި ހުންނާންޖެހޭ ބަނިޔާދަންކަމުގެ އިދިކޮޅު ސިފައަށް ވެސް "ކަޑަ" މި ލަފުޒު ބޭނުންކުރެވެއެވެ.

"ކަޑަ" މި ލަފުޒު ބޭނުންކުރާ ތިންވަނަ މާނައެއް ކަމަށް ވަނީ ރިޔާ ނަގައިގެން ދުއްވި އޮޑިދޯނިފަހަރުގައި ވައި ފައްސިޔަވެގެން، ފައްސިޔަ ބޮޑުވެގެން ރިޔަލުގެ ދެފުށުގައި ވައިއެޅޭ ގޮތްވުމެވެ. މިހާރަކަށް އައިސް ބޭނުންކުރާ (މަޖާޒީ) މާނައަކީ މީހާއަށް ފޫހިކަން ނުވަތަ މާޔޫސީކަން އިޙުސާސްވާގޮތް ނުވަތަ ރަކިވާ ގޮތްވާ ވުމެވެ. މި މާނަ ނެގިފައިވަނީ "ކަޑަ" މި ލަފުޒުގެ މާނަކަމަށް ރަދީފުގައި އޮންނަ ތިންވަނަ މާނައިން ކަމަށް ވެދާނެއެވެ. އަދި އެއްޗެއް ނުވަތަ ކަމެއް ކަމުނުދާ މާނައިގައި ވެސް މި ލަފުޒު ބޭނުންކުރާ އަޑު (މިހާރަކަށް އައިސް) އިވެއެވެ. މިއީ ލަފުޒުގެ ދެވަނަ މާނައިން ނުވަތަ ތިންވަނަ މާނައިން ނަގައިފައިވާ މަޖާޒީ މާނައެއް ކަމަށް ވެދާނެއެވެ. ކޮންމެއަކަސް ފަހުން މި ދެންނެވި މާނަތަކުގައި ވެސް އާންމު އިސްތިމާލުތަކުގައި މި ލަފުޒު މިހާރަކަށް އައިސް ބޭނުންކުރާކަމީ ހަގީގަތެކެވެ. ވީމާ މި މަޖާޒީ މާނަތައް ވެސް ރަދީފަށް ވަންނާން ޖެހެއެވެ.

ނަމަވެސް ކުދި ސައި ހޮޓާތަކަށް ކުދި ފިހާރަތަކަށް "ކަޑަ" ކިޔަނީ އިސްވެ ދެންނެވުނު މާނަތަކުން މާނައެއްގައެއް ނޫނެވެ. އެއީ ދިވެހިން ޢާއްމުކޮށް ގޮސްއުޅޭ އުތުރުކަރައިން ނުވަތަ އަސޭކަރައިން އައިސްފައިފައިވާ ލަފުޒެއް ކަމަށް ގަބޫލުކުރާންޖެހެއެވެ. މިހެން މި ދެންނެވީ ކުދި ސައިހޮޓާތަކަށް ނުވަތަ ކެފޭތަކަށް ނުވަތަ ކުދި ފިހާރަތަކަށް މެލޭބަހާއި އިންޑޯބަހުން "ކްޑައި" (kedai) ކިޔާތީއެވެ. ރެސްޓޯރަންޓްތަކަށް ވެސް "ކްޑައި މަކާން" (kedai makan) ކިޔާތީއެވެ. (ނަމަވެސް ރެސްޓޯރަންޓްތަކަށް މިހާރު ޢާންމުކޮށް ކިޔަނީ "ރެސްތޮރަން" (restoran) ކަން ވެސް ފާހަގަކޮށްލަމެވެ. އެއީ އިނގިރޭސިބަހުން ނަގައިގެން މެލޭކޮށްފައިވާ ލަފުޒެކެވެ.) (ކޮންސޮނަންޓެއްގެ ފަހަތަށް އަންނަ އީ އަކުރު މެލޭ މީހުން ތަލައްފުޒުކުރަނީ އެ ކޮންސޮނަންޓްގެ ސުކުނުގެ އަޑުންނެވެ. ކާފުގައި އަޅުގަނޑު ސުކުންކުރީ އެހެންވެގެންނެވެ. އެކަމަކު މަށްދިވެހިބަހުގައި އެ ގޮތަށް ކިޔާން އުނދަގޫވާތީ "ކަޑަ"އަށް ބަދަލުވީ ކަމަށް ފެނެއެވެ. މިއީ ތަމަޅަބަހުން މެލޭ ބަހަށް ވަން ލަފުޒެއްކަމަށް ވާއިރު ތަމަޅަބަހުގައި އެ ލިޔަކުރު ތަލައްފުޒުކުރަނީ "ކަޑައި" މި ގޮތަށެވެ. ކިޔާއިރު ލުއިކޮށްލުމަށް ޓަކައި މެލޭ ބަހުގައި ސުކުނަކަށް ބަދަލުވީ ކަމަށް ވެދާނެއެވެ.)

އުތުރުކަރައިގައި އަދި މެލޭޝިއާގައި ވެސް ވާހަކަދައްކައި އުޅޭ ބަހެއް ކަމަށްވާ ތަމަޅަ (ޓެމިލް) ބަހުން ވަކިވަކިން މުދާ ވިއްކާ ފިހާރަތަކަށް "ކަޑައި" (கடை) ކިޔައެވެ. އެހެންވީމާ، ސައިހޮޓާތަކަށާއި ކުދި ފިހާރަތަކަށް ދިވެހީން މިހާރަކަށް އައިސް ކިޔާ "ކަޑަ"އަކީ އެއްވެސް ޙާލެއްގައި ދަށްކޮށްލުމުގެ ގޮތުން ކިޔާ ނަމެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. މި މާނައިގައި މި ކިޔާ "ކަޑަ"އަކީ ދިވެހިބަހުގައި ކުރީން ބޭނުންކޮށް އުޅުނު "ކަޑަ"އިގެ މާނައިގެ ބޭރުން، ކުރީން ވެސް ދެންނެވުނު ފަދައިން ތަމަޅަބަހުން ނުވަތަ މެލޭބަހުން އައިސް ދިވެހީންގެ ތެރެއަށް ވަދެގެން އުޅޭ ލަފުޒެއް ކަމަށް ގަބޫލުކުރާންޖެހެއެވެ.

ކޮންމެއަކަސް ފަހުން މި ދެންނެވުނު މާނަތަކުގައި ވެސް މިހާރު "ކަޑަ" ބޭނުންކުރުން އާންމުވެފައިވާތީ އެ މާނަތައް ދިވެހި އިސްތިމާލުގައި ބޭނުންކުރުމަށް ޓަކައި އެ މާނަތައް ވެސް ދިވެހި ރަދީފަށް އިތުރުކުރާން ޖެހޭނެ ކަމަށް ފެނެއެވެ. އެހެނީ "ކަޑަ"އޭ ބުނާ ކޮންމެ ފަހަރަކު އެ ލަފުޒު އެ ބޭނުންކުރެވެނީ އެއް މާނައިގައެއް އަދި ނައްސި މާނައެއްގައެއް ވެސް ނޫނެވެ.  އާދޭހެވެ! ކޮންމެ "ކަޑަ"އަކީ "ކަޑަ"އެއް ނޫނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ދިވެހި ބަހަށް "ކަޑަ" މިބަސް (ކުޑަ ސައިހޮޓަލެއްގެ މާނައިގައި ) އައިސްފައި ވަނީ ސިންގަޅަ ބަސް "ކަޑޭ" އިންނެވެ. ސިންގަޅަ ބަހަށް އެބަސް އައިސްފައިވަނީ ތަމަޅަ ބަހުންނެވެ.(ކަޑައި). ލިޔުންތެރިޔާ އާއި ކިޔުންތެރީންގެ މާލޫމާތަށް ޓަކައި ދަންނަވައިލީެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *