Support Us

ރައްޔިތުގެ ގާތަށް ވަޑައިގެން އަދިވެސް "ޑިމޮކްރެސީ"އޭ ވިދާޅުވާނަންތޯއެވެ!

ދިވެހި ޤައުމިއްޔަތުގެ ބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިބަހާއި ދިވެހި ތާރީޚާއި ދިވެހި ސަގާފަތާއި އާދަކާދައޭ އަޅުގަނޑުމެން ކިޔައި އުޅެމުއެވެ. އަދި ކުރުކޮށް މި ބައިތަކަށް އިސްލާމް ދީނާއި ދިވެހިއްޔަތޭ ވެސް ކިޔަމުއެވެ. އެކަމަކު މިއަދު ދުނިޔޭގައި މި ވަރަކުން އަދި ފުއްދައިލެވޭކަށް ނެތެވެ. އިންސާނީ ޙައްޤުތަކާއި ޑިމޮކްރެސީ ވެސް މިއަށް އިތުރުކޮށްލާން ޖެހެއެވެ. އިންސާނީ ޙައްޤާއި ދީމުޤުރާޠީ ފުރިހަމަ އުޞޫލުތައް އިސްލާމްދީނުގައި ހިމެނިފައި ވިޔަސް އެ ދެ ނަން މި ޒަމާނުގައި ކިޔައިލާން މުހިންމުވަނީއެވެ. އިންސާނީ ޙައްޤުތަކާއި، ހަމަހަމަކަމާއި ޢަދުލުވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިސްލާމް ދީން އިންސާނިއްޔަތަށް ގެނެސްދީފައި ވިޔަސްވެހެވެ.

މި ޒަމާނުގައި މި ކިޔާ ޑިމޮކްރެސީގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެއީ މާ އަޑުގަދަ ޢުންޞުރެކެވެ. އިންސާނީ ޙައްޤުގެ އަޑު ވެސް އެހާ ގަދައެވެ. ނަމަވެސް އެއީ ބާރުވެރި ފަރާތުން ބޭނުން ބޭނުންވާ ހިނދެއްގައެވެ. އިންސާނީ ޙައްޤު ވެސް މިނިވަންކަން ވެސް އޮންނަނީ އެ ޙާލަތުގައި އެ މިންވަރަށެވެ. އަދި ފެންނަ ފެނުމުގައި ރާއްޖޭގެ މާ ޙައުލުގައި ޢަދުލު އިންސާފު މާނަކުރަނީ ވެސް ތަފާތު ގޮތަކަށެވެ. އެ މީހަކު ބޭނުންވާ ކަމެއް ބޭނުންވާ ގޮތަކަށް ވެއްޖެ ނަމަ، އެއީ ނުޙައްޤުންވީ ކަމެއް ނަމަވެސް އެ ކަމުން މަންފާވީ މީހުންނަށް އެއީ އިންސާފެވެ.

ކޮންމެއަކަސް މިއަދުގެ ސަރުކާރު ވެރިކަމަށް އައީ މި ދެންނެވި ހުރިހާ ޢުންޞުރުތަކެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމާއެކު، ރައްޔިތުންގެ ހުރިހާ ޙައްޤުތަކެއް ކަށަވަރުކޮށްދެއްވާނެ ކަމުގެ އުފާވެރި ވަޢުދުތަކާއެކީގައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިމެއް ޙައްދެއް ޙުދޫދެއް ނެތްވަރަށް ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަންނަވަމުންނެވެ. އަދި މިއަދު ޢަމަލުކުރެވުން މިދާ ފެހި ޤާނޫނުއަސާސީއަކީ "މުޒާހަރާ" ޤާނޫނުއަސާސީކަމަށް ނަންދެއްވީ ވެސް މިއަދު ވެރިކަންކުރާ ޕާޓީންނެވެ. އެހެންކަމުން ވެރިކަން ހޯއްދަވާން ވެސް، ވެރިކަން ލިބިވަޑައިގަތީމާ ވެސް، ވެރިކަމުން އިސްތިޢުފާ ދެއްވުމަށް ފަހުގައި ވެސް މުޒާހަރާ ކުރެއްވުމަކީ އެ ބޭފުޅުންގެ އެންމެ މުހިންމު ޙަރަކާތްކަމުގައި ހެއްދެވިއެވެ. އެ ޕާޓީއިން ކުރާ މުޒާހަރާތަކުގައި ހަރުކަށިކަމާއި ފުލުހުންނާ ކުރިމަތިލުންފަދަ ކަންކަން ހިންގުމަށް ހިތްވަރުދިން ނަމަ ވެސް މުޒާހަރާކުރުމުގެ ފަހި ފުރުޞަތުތައް އޭރު އޮތީ ތަނަވަސްވެފައެވެ.

މިއަދު އިދިކޮޅުގައި ތިބި ދެ ޕާޓީއަކީ ތަންކޮޅެއް މައިތިރިކަމާއެކު ކަންކަން ކުރާ ދެ ޕާޓީއެވެ. އެހެންކަމުން ސަރުކާރު ޒިންމާދާރުކުރުމަށް ޓަކައި އިދާރީ، ޤާނޫނީ، އަދި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުން އައިސްވެފައެވެ. ނަމަވެސް އިދިކޮޅުން ކުރި އެއްވެސް މަސައްކަތަކަށް ސަރުކާރުން އިޖާބަ ނުދެއްވުމާ ގުޅިގެންނާއި އެއިން އެއްވެސް އަޑެއް ސަރުކާރާ ހަމައަށް ނުފޯރުމުން، އަދި ސަރުކާރުގެ އެކި އިދާރާތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބުމާއި، ވެރިންނާ ބައްދުކުރާން މަސައްކަތްކުރުމުން އެ ފުރުޞަތު ނުލިބުން ފަދަ ކިތަންމެ ކަމެއް ފާހަގަކުރެވުމުން، މިހާރުވަނީ މަގުމަތީގައި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ ޙައްޤު ބޭނުންކުރުމުގެ ޙަރަކާތްތައް ފަށައިފައެވެ. އެއީ އެހެން މަގެއް ނެތިގެން އެ ކަން އެ ގޮތަށް ކުރުމަށް ދެ ޕާޓީގެ ގުޅިފައިވާ ކައުންސިލުން ފާސްކުރީމާ ކަމަށް އެ ޕާޓީތަކުން ބުނެއެވެ.

އިޙުތިޖާޖުކުރުމާއި ޚިޔާލުފާޅުކުރުމާއި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމަކީ ޤާނޫނުއަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްޤެވެ. މި ޙައްޤުތަކުގެ ބޭނުންކުރުމުގައި ސަލާމަތީ ބާރުތަކުން އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ. އެހެނީ މަލްޓިޕާޓީ ޑިމޮކްރެސީގައި އިދިކޮޅު ޕާޓީތައް ވެސް ބެލެވޭނީ ދައުލަތުގެ މުއައްސަސާތަކެއް ކަމުގައެވެ. ޤާނޫނާ ޚިލާފު ޢަމަލުތަކެއް ނިހިންގާނަމަ، އެ ފުރުޞަތު ފަހިކޮށްދީ އެހީތެރިވުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ. ހެޔޮ ވެރިކަމެއް ކުރެވޭނީ، ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީކުރެވޭނީ، އެ ގޮތުން ކަމަށް ވާތީއެވެ.

ނަމަވެސް މިފަދަ ޚިޔާލުފާޅުކުރުންތަކާއި ސުލްޙަވެރިކަމާއެކު އެއްވާ އެއްވުންތަކަކީ އާންމު ގޮތެއްގައި ދުނިޔޭގެ ޚުދުމުޚުތާރު ސަރުކާރުތަކުން ތަޙައްމަލުކުރާނެ ކަންކަމެއް ނޫނެވެ. މި ފަދަ ކަންކަމަށް ފުރުޞަތު ދިނުމަކީ ޚުދުމުޚުތާރު އެއްވެސް ސަރުކާރަކުން ކުރާނެ ކަމެއް ނޫނެވެ. ޑިމޮކްރެސީގެ ތާޖު އަޅައިގެން އައި މިއަދުގެ ސަރުކާރަކީ ވެސް ދައުލަތުގެ ހުރިހާ ބާރެއް އެއްވެސް ހިފެހެއްޓުމެއް ނެތި ލިބިފައިވާ ސަރުކާރަކަށްވާތީ، އެ "ބާރުގެ" ބޭނުން ކުރަމުން ގެންދަނީ ޚުދުމުޚުތާރު ސަރުކާރުތަކުން ބޭނުންކުރާ ފަދަ ގޮތެއްގައިކަން ފެންނަން މަންޒަރުތަކެއް ދަލީލުކޮށްދޭން ފަށައިފިއެވެ. މި ފަދަ ކަންކަން މިހާރު ވަނީ ތަކުރާރުކޮށް ފެންނާން ފަށައިފައެވެ. މިއީ ރައްޔިތުން އުންމީދު ކުރި ކަންކަމެއް ނޫނެވެ.

އިދިކޮޅު ޕާޓީގެ މެންބަރުންނާއި އެ ފިކުރަށް ތާއީދުކުރާ މީހުން އެއްވެލާއިރަށް ވީހާ އަވަހަކަށް އެ މީހުން ހިފައި ހައްޔަރުކުރެވޭތޯ ބަލަމުން ގެންދާ މަންޒަރު ވަނީ ފެންނާން ފަށައިފައެވެ. އަދި އެ ފަދަ އެއްވުންތަކުގެ ބައިވެރީން، ބެރިކޭޑް ޖަހައިގެން ނުވަތަ އެ ނޫންވެސް ގޮތަކުން ޤައިދުކޮށްގެން ގެންގުޅުމަކީ މިހާރު އާދައެއް ކަމަށް ފުލުހުން ހަދައިފިއެވެ. މި ވާހަކަތައް ދެކެވޭ އަޑު އިވުމުން އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ ބެލުމަށްޓަކައި އަޅުގަނޑުވެސް 2021 ޖަނަވަރީ މަހު 29 ވަނަ ދުވަހު އެކަން ތަޖުރިބާކޮށް އެ މަންޒަރު ބަލައިލީމެވެ.

މަޖީދީމަގުގައި ތިބި އިޙުތިޖާޖުގެ ބައިވެރީން ގަދަބަދަވިކަމާއެކު ކޮއްޕަމުން ގަޅުވަމުން ގެންގޮސް އަބަދަށްފެހިމަގަށް ވެއްދިއިރު، މީހުންނަށް ނުދެވޭނެހެން އަނެއްކޮޅުގައި ފުލުހުންނާއި ވެހިކަލްތަކުން އޮތީ މުޒާހަރާކުރާ މީހުންގެ ކުރި ބައްދައިފައެވެ. މަޖީދީމަގާ ވީ ކޮޅުން ފުލުހުންގެ ލަޝްކަރެއް ސަފުތައް ރުކުރުވައިލައި އިޙުތިޖާޖުގެ ބައިވެރީން ކޮށްޓަކަށްލައި އެތައް ގަޑިއިރެއް ވަންދެން ހިފެހެއްޓީއެވެ. އެ ތަނުން ނުކުތުމުގެ އެއްވެސް ފުރުޞަތެއް ނުދީއެވެ. ފޮނުވައިލާން މަސައްކަތެއް ވެސް ނުކޮށެވެ. ގެޔަށް ދާށޭ ވެސް ނުބުނެއެވެ. އެހެން ބައިތިއްބައިގެން ވެސް ވަރަށް އާދަޔާ ޚިލާފު އިންޒާރުތައް ވެސް ދެމުން ގެންދިޔައީއެވެ. އެއްވެސް ހަމަނުޖެހުމެއް ނިހިންގައި ހަމައެކަނި ޝުޢޫރު ފާޅުކުރާން ތިބި ރައްޔިތުންތަކަކާ މުޚާޠަބުކޮށް، ފުލުހުންނާ ކުރިމަތިލާން މަސައްކަތްކޮށްފި ނަމަ، ބާރުގެ ބޭނުންކުރާނެ" ކަމަށާއި "ބާރުގެ ބޭނުންކުރާއިރު ލިބޭ އެއްވެސް އަނިޔާއަކަށް ފުލުން ޒިންމާ ނުވާނެ"ކަމަށް އަންގަމުން ގެންދިޔައީއެވެ. މި ފަދަ ގެއްލުންތަކަށް މީގެ ކުރީން ވެސް ފުލުހުން ޒިންމާ އުފުއްލި ތަނެއް ފެންނާން ނެތް އިރުގައި ވެސް މެއެވެ.

އަޅުގަނޑު ތަޖުރިބާކުރީމެވެ. ހަމަ ޞުލްޙަވެރިކަމާއެކު ޝުޢޫރު ފާޅުކުރުން ނޫންކަމެއް އެ މީހުންނެއް ނުކުރެއެވެ. ދެން މި ފަދަ އިންޒާރެއް ދީ، ކޮއްޓެއްގައި ރަހީނުކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. އަޅުގަނޑު ފުލުހަކާ މުޚާޠަބުކޮށް ވެސް މި ސުވާލު ދެންނެވީމެވެ. އަޅުގަނޑު ސުވާލުކުރީމެވެ. އިޙުތިޖާޖުތަކާއި މުޒާހަރާތައް ޙުދޫދުން ބޭރަށް ދާނަމަ، އިންޒާރު ދިނުމަށް ފަހު ރޫޅައިލުމުގެ ޤާނޫނީ ޙައްޤު ފުލުހުންނަށް އޮތަސް މި ގޮތަށް ރައްޔިތުން ރަހީނުކޮށްގެން ހިފެހެއްޓުމުގެ ޙައްޤު ލިބެނީ ކޮން ޤާނޫނެއްގެ ދަށުންތޯއެވެ؟ އަދި ތިޔަ ޢަމަލުކުރަނީ ޣައިރުޤާނޫނީ އަމުރަކަށްކަން އަޅުގަނޑު ހަނދާންކޮށްދިނީމެވެ. ނަމަވެސް "ހުރިހާ ބާރެއް ލިބިފައި ތިއްބެވި" އަދި ޣައިރުޤާނޫނީ އަމުރު ތަންފީޒުކުރައްވަމުން ގެންދެވި އެ "ބޭކަލުން"ނަށް އެ އަޑު އިވިލެއްވި ކަމަކަށް ވެސް ނެހެއްދެވިއެވެ. އަޅުގަނޑަށް ވެސް އެންގެވީ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތާށެވެ. އަޅުގަނޑު ޚިލާފުވީ ކޮން ޤާނޫނެއްގެ ކޮން މާއްދާއަކާ ކަމެއް އަޅުގަނޑަކަށް ނާންގަވައެވެ.

އަނެއްކޮޅުން އެއްވެސް ބެލުމެއް ނެތި މީހުންގެ މޫނަށް "އަސޭމިރުސް ބުރުއްސި" ޖެހި އިރު، އުޞޫލާ ޚިލާފަށް ފުލުހުން އަމަލުކުރުމަކީ ވެސް ވަރަށް ޣައިރުޒިންމާދާރުކަމާއެކު ކޮށްފައިވާ ކަމެކެވެ. މި ގޮތުން މުޒާހަރާގެ މަންޒަރާއި އަޑު ގެނެސްދިނުމުގައި ޙަރަކާތްތެރިވަމުން ދިޔަ ނޫސްވެރިއެއް ކަމަށްވާ، އަދި ޗެނެލް13ގެ ސީއޯއޯ މުޙަންމަދު ސަމާޙުގެ މޫނަށް ވެސް އަސޭމިރުސް ބުރުއްސި ޖެއްސެވެ. އަދި ފުލުހުންގެ ސަބަބުން، ނޫސްވެރިޔާ އަދި ކޮންމެވެސް ޓީވީ ޗެނެލެއްގެ ނިއުސް ހެޑް މަރިޔަމް އިއްސާދާއަށާއި ނޫސްވެރިޔާ އަދި ޑެޕިޔުޓީ ސްޓޭޝަން މެނޭޖަރ ޙުސައިން އިޙުސާނަށް ވެސް އެކި ވަރުގެ ހާނީއްކަތައް ލިބުނެވެ. މިއީ ޣައިރުޤާނޫނީ އަދި ޚުދުމުޚުތާރު އަމުރުތަކަކަށް ފުލުހުން ހިންގި ޢަމަލުތަކެއް ކަމަށް ނޫނީ ދެންނެވޭކަށް ނެތެވެ.

މިއީ ދީމުޤްރާޠީ ވެރިކަމެއްގައި ހިނގައިގެން ވާނެ ކަންކަމެއް ނޫނެވެ. މިއީ ޑިމޮކްރެސީގެ ނަމުގައި ހިނގަމުން އަންނަ ވެރިކަމެއް، ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމަކަށް ބަދަލުވަމުން އަންނަ އިރު ފެންނާނެ ކަންކަމެވެ. ވީމާ މި ފަދަ ޚުދުމުޚުތާރު އަނިޔާވެރި ޢަމަލުތަކަށް ޖާގަ ނުދެއްވައި ރާއްޖޭގެ ދީމުޤްރާޠީ ވެށި ޙިމާޔަތްކުރައްވާން، ޑިމޮކްރެސީއަށް ލޯބިކުރާ ރައްޔިތެއްގެ ހައިސިއްޔަތުން، ފުލުހުންނަށާއި ދައުލަތުގެ ކަމާބެހޭ ހުރިހައި އިދާރާތަކަކަށާއި މުޅި ސަރުކާރަށް ވެސް އިލްތިމާސްކުރަމެވެ.

2021 ޖަނަވަރީ މަހު 29 ވަނަ ދުވަހުގެ ރޭ ޕޮރްގްރެސިވް ކޯލިޝަނުން ޕީޕީއެމް އޮފީސް ކުރިމަތީގައި އެއްވެ ޝުޢޫރު ފާޅުކުރާން ފެށުމުން އިޙުޖާޖުކުރާ މީހުންނަށް ވުރެ ގިނަ ފުލުހުން ނެރެ، ބެރިކޭޑްތަކެއް ބޭނުންކޮށްގެން (ޝުޢޫރު ފާޅުކުރާން ފެށި މީހުން) ކޮށްޓެއްގައި ބަންދުކޮށް (ރަހީނުކޮށްގެން) އިންޒާރުދެމުން ގެންދިޔަ މަންޒަރާއި އަޑުވެސް މީޑިއާއިން އަޅުގަނޑަށް ފެނި އިވިފައިވެއެވެ. މިއީ ޤާނޫނީ އެއްވެސް ޙައިސިއްޔަތެއް އޮވެގެން ކުރާ ކަމެއް ކަމަކަށް ހަމަގައިމު ވެސް ފެންނާކަށް ނެތެވެ. ޤާނޫނާ ޚިލާފު ކަމެއް ކުރާނަމަ، ޤާނޫނީ އިމުގެ ތެރެއިން އެ މުޒާހަރާ ރޫޅައިލުމުގެ ބާރު ޤާނޫނުން ދީފައި ވިޔަސް ދިމާވާ ކޮންމެ ތަނެއް އެއީ ޖަލެއް ކަމުގައި ހަދައި، ރައްޔިތުން ރަހީނުކުރުމުގެ ޤާނޫނީ އެއްވެސް ބާރެއް ފުލުހުންނަކަށް ވެސް ނޯންނާނެއެވެ. ނަމަވެސް މަންޒަރުތަކުން ފެނުނީ ރައްޔިތުންތަކެއް ކޮށްޓަކަށްލައި ބަންދުކޮށްގެން، އެތަނުން ނުކުންނާން މަސައްކަތްކޮށްފި ނަމަ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދެމުން ގެންދިޔަ މަންޒަރެވެ. އަދި މާ ދުރުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްކަމަށްވާ ޑރ. ޢަބުދުﷲ ޚަލީލު ހުންނަވަނިކޮށް އެ ކޮށްޓަށް ވަންނަވާން އޭނާއަށް އަމުރުކުރަމުންގެންދިޔަ މަންޒަރެވެ. މިއީ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ލިބިފައިވާ އަމުރުތަކެއް ކަމަށް ނުވިޔަސް "ބާރު އޮތީމާ" ބޭނުންކަމެއް ކުރެވޭނެތާއެވެ.

އަނެއްކޮޅުން، މައްސަލައެއް އުފަންކޮށް ދައުވާއެއް އީޖާދުކޮށް ޢަދުލުވެރިކަން ގެއްލިފައިވާ ފާސިދު ދެ މީހަކު ހެކިވެރީންނަށް ލައިގެން އެ މީހުންނާ އެއްބަސްވުންތައް ހަދައިގެން، އިޖުރާއާތުތަކާ ޚިލާފަށް "ޤަޟިއްޔާއެއް" ފައިޞަލާކޮށް، "ޙުކުމެއް" "އިއްވައި"، "ނިޔާއެއް" ކަނޑައަޅައި، އިދިކޮޅު ކޯލިޝަންގެ ލީޑަރު ޖަލުގައި ބަންދުކޮށްފައިވާ އިރު، އަދި އިތުރަށް ވެސް، އިތުރު މައްސަލަތައް އުފައްދައި ދަޢުވާކުރުމުގައި ދައުލަތުގެ ކަމާ ބެހޭ މުވައްޒަފުން އަވަދިނެތި މަސައްކަތްކުރަނީއެވެ. މިކަމަށް ޓަކައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުން ގެންދަނީއެވެ. އަދި އިދިކޮޅު ކޯލިޝަން މި ވަގުތު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲގެ މައްޗަށް، އޭނާ ހުތުރު ބަހުން ވާހަކަދެއްކެވިކަމަށް ބުނެ، އެއީ މާ ބޮޑު ކުށެއްގެ ނަމުގައި ދަޢުވާކުރައްވަނީއެވެ. ނަމަވެސް ދައުލަތުގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން މާ ހުތުރު ބަހުން ވާހަކަފުޅުދައްކަވައިފައި އެބަހުއްޓެވެ. އެއްވެ ތިބި މީހުން އެކަމާ އުފާ ފާޅުކޮށް އަތްތިލަބަޑި ޖަހައިފައި ވެސް ވެއެވެ. އަދި ބޭނުން އެއްޗެއް ނުކީގެން، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭތީއޭ ވިދާޅުވެ "ޢަބުރާ ބެހުން މަނާކުރުމުގެ" ޤާނޫނު އުވައިލެއްވީ ވެސް މި ސަރުކާރުން ނޫންތޯއެވެ! ނަމަވެސް "ހުތުރު ބަހުން ވާހަކަދައްކައިގެން" ޢަބްދުއްރަޙީމަށް ދަޢުވާކޮށް ކުށްވެރިކުރާން މަސައްކަތްކުރަނީއެވެ. މިއީ ސަރުކާރަށް ފާޑުކިޔާ އިދިކޮޅު ޕާޓީތަކުގެ އަޑު ކަނޑުވައިލެވޭތޯ ސަރުކާރުންކުރާ މަސައްކަތް ފިޔަވައި އެހެން ކޮން ކަމެއްތޯއެވެ! މިއީ ޚުދުމުޚުތާރު ސަރުކާރުތަކުން ކުރާ ފާޑުގެ ހަޑިމުޑުދާރު ޢަމަލުތަކެއްކަމަށް ނުވޭތޯއެވެ! ދުލުކުރީގައްޔާއި ޕާޓީގެ ނަމުގެ ކުރިއަށް ޑިމޮކްރެސީ ލައިގެން އުޅޭ ބަޔަކު މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ކުރާން ލަދުގަންނާކަށް ނުޖެހޭތޯއެވެ! "ލަދު ނުގަންނަ މީހާ ބޭނުންކަމެއްކުރާށޭ" އޮންނަ ބަސްފުޅުގައި ވާ ފަދައިން ލަދު ގަންނާން ނޭނގޭނަމަ، އަދި މިއަށްވުރެ ހުތުރު އަދި ޚުދުމުޚުތާރު ކަންކަން ވެސް ފެންނާނެތާއެވެ.

(ނަމަވެސް ފަހަކަށް އައިސް ކުރާ މުޒާހަރާތަކުގައި "ކޮށްޓަށްލުން" ނުފެންނަ ވާހަކަ ވެސް ފާހަގަކޮށްލާންޖެހެއެވެ. އެ ގޮތަށް ކޮށްޓަކަށްލައިގެން ބަންދުކުރުމަކީ ޣައިރުޤާނޫނީ ކަމެއްކަން ފުލުހުން ވެސް ޤަބޫލުފުޅުކުރެއްވީ ކަމަށް ވެދާނެއެވެ. މިއީ ޑިމޮކްރެސީގައި ކުރިއަށް އެޅުއްވި ފިޔަވަޅެއްކަމަށް ވާތީ އެ ކަމަށް ޓަކައި ތަހުނިޔާ ދަންނަވަމެވެ.)

ހުރިހާ ބާރެއް ލިބުމަކީ ވަރަށް ގިނަ ފަހަރަށް ޚުދުމުޚުތާރު، އަނިޔާވެރި ވެރިކަމަކަށް މަގު ފަހިކޮށްދޭ ކަމަކަށް ވާތީ، މިއަދު ރާއްޖެއިން މި ފެންނާން ފެށީ އެފަދަ މަންޒަރުތަކެއް ނޫންބާވައޭ ހިތަށްއެރީމާ ވަރަށް ދެރަވެއެވެ. އެހެން ނޫންނަމަ، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން މިއަށްވުރެ ފައިދާހުރި ކަންކަން ކުރައްވާން ސަމާލުކަން ދެއްވާނަމަ މާ ރަނގަޅުވީސްތާއެވެ.

ކަންކަން މިހެން ހިނގަމުން އަންނަ އިރު ވެސް، އެތައް މަސައްކަތަކުން ދިވެހީން ގެނައި ޑިމޮކްރެސީ، އެންމެ ނުބައި ނުލަފާ އޮޓޮކްރެސީއަކަށް ބަދަލުވާ ތަން ބަލާން ދިވެހީން އަބަދު ތިބޭންވީ ތޯއެވެ! ޤާނޫނާ ޚިލާފު އަމުރުތަކަށް ފުލުހުން އަބަދު ޢަމަލުކޮށްކޮށް ތިބޭންވީތޯއެވެ! މި ކަންކަމާ މެދު ވިސްނައި ރާއްޖޭގައި ޑިމޮކްރެސީ އަލުން އިޢާދަކުރެއްވުމަށް ޓަކައި ސަރުކާރުން ވެސް މަސައްކަތް ފައްޓަވާކަށް ނުވޭތޯއެވެ! ރައްޔިތުންގެ މަޖިލީސް ކޮބައިތޯއެވެ! ޙައްޤުތައް ކަށަވަރުކޮށްދޭން ދައުލަތުން އުފައްދަވައިފައިވާ މުއައްސަސާތައް މިއަދު ކޮބައިތޯއެވެ! ހާމަކަމާއި ޢަދުލުވެރިކަމާއެކު ކަންކަން ކުރޭތޯ ބެލުމުގެ ނަމުގައި އަވަދި ނެތި ކުރީން އުޅުނު ޖަމުޢިއްޔާތައް މިއަދު "ރިސެސް"ގައިތޯއެވެ! "ޑިމޮކްރެސީ"ގެ ރީތި ނަންނަމުގައި ހަދައިފައިވާ ޖަމްޢިއްޔާތަކުން ކުރާ މަސައްކަތަކީ މުޅިން އެހެން ބާވަތެއްގެ މަސައްކަތްތަކެއްތޯއެވެ!

މި ފަދަ ކަންކަން މިހެން މެދުވެރިވާއިރު، މި ކަންކަމާ ބަސްބުނާންވީ ކޮން ބަޔެއްތޯއެވެ! އަދި މި ފަދަ ޣައިރުދީމުޤްރާޠީ އެތައް ކަމެއް ކުރައްވަމުން ވެސް ރައްޔިތުގެ ގާތަށް ވަޑައިގެން އަދިވެސް ހަމަ "ޑިމޮކްރެސީ"އޭ ވިދާޅުވާނަންތޯއެވެ!