Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

މުންދުގެ ކޮލަމް: ނުފޯރާ ފޮތިން ފޫގެޅުން ހުއްޓާލަންވެއްޖެ- 2

ސަރުކާރު ބޮޑުވެގެން ދެވޭ ޚިދްމަތް އިތުރުވޭތޯއެވެ؟ ސަރުކާރުގެ ނަމުގައި ކުރެވޭ އިދާރީ ޚަރަދު ބޮޑުވެގެން ޤައުމު ކުރިއަރާތޯއެވެ؟ މިނިސްޓްރީ އިތުރުވުމުން ނުވަތަ ސިޔާސީ މުވައްޒަފުން ގިނަވުމުން ދެވޭ ޚިދްމަތް ހަލުވިވޭތޯއެވެ؟ ލިޔުމުގައި މި އަލިއަޅުވާލަނީ މި މުހިންމު ނުކުތާތަކަށެވެ.

މި ދިރާސާގެ ސަބަބަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމު ބައްޓަންވެފައިވާގޮތެވެ.  އަދި، އޭގެ ނަތީޖާއެވެ. މިއީ ފަހަކަށްއައިސް ގެނެވުނު ބަދަލެއް ނޫނެވެ. ޒަމާނުއްސުރެ ކަން އޮތްގޮތެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ 70 އިންސައްތައަށްވުރެ ބޮޑު ބައެއް މިރާއްޖޭގައި ޚަރަދުކުރަމުން އަންނަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. އަދި، ސީދާ ސަރުކާރު ހިންގުމުގެ ނަމުގައި، ދައުލަތަށް ލިބޭ އާމްދަނީގެ 50 އިންސައްތައާ ގާތްކުރާ އަދަދެއް ފަހަކަށްއައިސް މިރާއްޖޭގައި އަންނަނީ ޚަރަދުކުރަމުންނެވެ.

ސުވާލަކީ، މިއީ މިވަރުގެ އިޤްތިޞާދަކަށް އަދި މިސައިޒުގެ ޤައުމަކަށް އެންމެ އެކަށޭނަގޮތްތޯއެވެ؟ އަދި، މިއީ ހަމަ ކޮންމެހެން ކުރަން ޖާއިޒު، ލާޒިމު އަދި ބުއްދިވެރި ޚަރަދެއްތޯއެވެ؟

އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ސަރުކާރެއް ރަނގަޅަށް ހިންގަންވާނެއެވެ. ހުރި ހަރުމުދަލެއް ރަނގަޅަށް ބަލަހައްޓަންވެސް ވާނެއެވެ. މުވައްޒަފުންނަށް އެކަށޭނަ މުސާރަ އަމުދުން ދޭންވާނެއެވެ. އެއީ ރައްޔިތުންތާއެވެ. ނަމަވެސް، ސަރުކާރުގެ ގޮތުގައި ކުރެވޭ އެންމެހާ ޚަރަދަކީ އޭގެ ސީދާ އަދި ނުސީދާ އެއްވެސް ފައިދާއެއް، ރާހަތެއް ރައްޔިތުންނަށް ކުރާނެ ކަމެއް ނޫނެވެ. އެފަދަ ޚަރަދު ވަކި މިންވަރެއްގައި ހިފެހެއްޓިގެން މެނުވީ ޤައުމު އިތުރަށް ތަރައްޤީއެއް ނުވާނެއެވެ. ރައްޔިތުންނަށް ފައިދާހުރި ޚިދްމަތްތަކާ ތަރައްޤީގެ މަޝްރޫއުތަކެއް ނުހިންގޭނެއެވެ. އެހެންކަމުން، ސަރުކާރު ވަކި މިންވަރަކަށްވުރެ ބޮޑު ނުވުމަކީ އަދި ނުކުރުމަކީ މުހިންމުކަމެކެވެ.

ވަރަށް ސާދާ މިސާލެއް އެބައޮތެވެ. ކަންމަތީ މާޓެއް ހިންގުމުގެ މިސާލެވެ. އެމާޓަށް ވަންނަ ފައިސާގެ ބޮޑު އިންސައްތައެއް ޚަރަދުކުރެވެނީ ކަރަންޓާއި ފެން އަދި އެހެނިހެން ބިލުތައް ދެއްކުމަށް އަދި ކުލި ދެއްކުމާއި ޓެކުހަށް ފައިސާ ދެއްކުމަށް ކަމަށް ވަންޏާ، މުދާ ގަންނާނީ ފަހެ ކޮންގޮތަކަށްތޯއެވެ؟ އަދި، އާޚިރުގައި ފައިދާއެއް ލިބޭނީ ކޮންގޮތަކުންތޯއެވެ؟ ދައުލަތް ހިންގުމުގައިވެސް ކަން އޮންނަނީ ހަމަ މިފަދައިންނެވެ. ލިބޭ އާމްދަނީ ހޭދަކުރާނެގޮތް އެކަށައެޅުމުގައި ޙިކްމަތްތެރިކަން ގެންގުޅެންޖެހެއެވެ. ބައެއް ބާވަތުގެ ޚަރަދު ކުޑަކުރަންޖެހެއެވެ.

ކުޑަ ސަރުކާރެއްކަމަށް ދިރާސީގޮތުން ގިންތި ކުރެވެނީ އުފެއްދުންތެރިކަމުގެ ނިސްބަތުން ސަރުކާރަށް ކުރެވޭ ޚަރަދު 40 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓުމުންނެވެ. އެގޮތުން، މެދުވަރެއްގެ ސަރުކާރެއްކަމަށް ބެލެވެނީ މިއަދަދު 40 އާއި 50 އާ ދެމެދުގައި އޮންނަނަމައެވެ. އަދި، 50 އިންސައްތައަށްވުރެ ނިސްބަތުން އިތުރުވެއްޖެނަމަ، އެއީ ބޮޑު ސަރުކާރެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަ ޤައުމުތަކުގައި ރައްޔިތުންގެ ފުދުންތެރިކަން އިތުރެވެ. ރައްޔިތުންގެ އަސާސީ ޚިދްމަތްތައް ފުދޭ މިންވަރު ނިސްބަތުން ބޮޑެވެ. ހަމަ އެއާއެކު، މިޤައުމުތަކަކީ އަސްކަރީ ހޭދަ ވަރަށް ކުޑަ ޤައުމުތަކެވެ. ވެރިކަމުގައި ތިބޭ ބަޔަކު ޖާހަތަށް ކުރާ ހޭދަ ކުޑަ ޤައުމުތަކެވެ. އަދި، އަގު ހިފެހެއްޓުމުގެ ނަމުގައި ލައްޒަތަށް ކުރެވޭ އިސްރާފު އަމުދުން ކުޑަ ޤައުމުތަކެވެ.

ދެން އޮތީ ޑެމޮކްރަސީގެ ވާހަކައެވެ. ޒާތެއްގެ އެއްޗެކެވެ. ޑެމޮކްރަސީގެ ނަމުގައި ކުރެވޭ ޙަރަދުބަރަދު ބައެއް ޤައުމުތަކުގައި ނުހަނު ބޮޑެވެ. އެބަޔަކަށް ކުޅަދާނަ ނުވިއަސް، ޑެމޮކްރަސީގައި ކޮންމެހެން ކުރަން ލާޒިމު ޚަރަދުތަކެއް ކަމަށް ދެކިގެން، ރައްޔިތުންނަށް ހަޤީޤީ ފައިދާއެއް ނުކުރާ އެތަކެއް ހޭދައެއް ކުރުން އޮންނަނީ ހުއްދަވެފައެވެ. ޢާންމުވެފައެވެ. އާދަޔަކަށްވެފައެވެ.

ޑެމޮކްރަސީއަކީ އެއް ޤައުމުން އަނެއް ޤައުމަށް ނަކަލުކުރެވޭ ތައްގަނޑެއް އޮންނަ އެއްޗެއް ނޫނެވެ. އެހެންކަމުން، ޑެމޮކްރަސީގެ ނަމުގައި، ޤައުމަށާއި ރައްޔިތުންނަށް އަދި އިޤްތިޞާދަށް ނުކަތާ އަދަދަށް މުޢައްސަސާއާއި އިންތިޚާބީ އަދި އައްޔަނުކުރެވޭ މުވައްޒަފުން ލައިގެން އުޅެން ވެއްޖެނަމަ، ޚަރަދުވެސް ބޮޑުވާނެއެވެ.

އެކި ނަންނަމުގައި މުޢައްސަސާ ހެދުމާއި، ބޭކާރުވިއަސް ސިޔާސީ ފައިދާއަށް މިނިސްޓްރީ ހެދުން ބައެއް ޤައުމުތަކުގައި އޮންނަނީ އާދައަކަށްވެފައެވެ. މިސާލަކަށް އަވަށްޓެރި ސްރީލަންކާ ފުދޭނެއެވެ. ސަރުކާރަށް ތާއީދުކުރުމުގައި މަޖިލީހުގައި ތިބޭހާ މެންބަރުން ރުއްސަން، އެކި ނަންނަމުގައި، މިނިސްޓްރީ ހަދާފައި ހުރެއެވެ. މިވަގުތު ސްރީލަންކާގައި ހުރި މިނިސްޓްރީގެ އަދަދު ގުނާލުމުން 69 އަށް އަރައެވެ. ގިނައީ މަސައްކަތުގެ ގޮތުން ފުށޫއަރާ އަދި މުހިންމު ނޫން ތަންތަނެވެ. މަޤްސަދަކީ ހަމައެކަނި ވަޒީރުން ލުމެވެ. ސިޔާސީ ބޭނުމަށެވެ. މިސާލެއް ދަންނަވާލާފައި ފުއްދާލާނަމެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނެއް އޮންނަ އިރު، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ސާރވިސްއެއް އޮވެއެވެ. ރާއްޖޭގައި މައިގަނޑު އެއް ދާއިރާއެއް، ސިޔާސީ ބޭނުމަށް ދެ ވުޒާރާ ހަދާފައި ބަހާފައި އޮންނަ އިރު، ސްރީލަންކާގައި އޮންނަނީ ތިން ބަޔަށް ބަހާފައެވެ. އެޤައުމުގައި ވުޒާރާ ހަދަމުންގޮސް ކާއްޓާބެހޭ ވުޒާރާއެއްވެސް އެބައޮތެވެ.

ރާއްޖޭގެ މިއަދުގެ މިސާލު އަދި މިހިސާބަށް ނުދިޔަކަމުގައިވިއަސް، ބައެއް ވުޒާރާތަކަށް ނަޒަރު ހިންގާލުމުން އެއީ ކޮންމެހެން ބޭނުން ތަންތަން ކަމާމެދު ސުވާލު އުފެދެއެވެ. އެތަންތަނުގެ އަސާސީ ބޭނުމަކީ (ނަމެއްގައި ކަމުގައިވިޔަސް) ފުޅާ ކޯލިޝަނަކުން ކުރާ ވެރިކަމަކަށް ވީތީ، ހުރިހާ ޕާޓީތަކެއް ރުއްސަން ވަޒީރުކަން ބަހަން އަދަދު ހަމަކުރުމެވެ.

ރާއްޖޭގެ މިނިސްޓްރީގެ އަދަދުތައް އިތުރަށް ދިރާސާކޮށްލުން މިހިސާބުން ޖާއިޒެވެ. ދޭދޭ ސަރުކާރުގައި އެއްވަރެއް ނޫނެވެ. ރައީސް މައުމޫނުގެ ޒަޢާމަތުގައި އެއްވަގުތެއްގައި 19 ވުޒާރާ އޮތެވެ. ރައީސް ނަޝީދުގެ ދުވަސްވަރު 16 ވުޒާރާއޮތް ވަގުތުކޮޅެއް ދިޔައެވެ. ރައީސް ވަޙީދު އިޚްތިޔާރު ކުރެއްވީ 15 ވުޒާރާއެވެ. ރައީސް ޔާމީން އެ އަދަދު 14 އަށް ތިރިކުރެއްވިއެވެ. ނަމަވެސް، މިއަދު މިއޮތީ 20 ވުޒާރާއަށް އިތުރުކޮށް، އާ ރެކޯޑެއް މުގުރާލާފައެވެ.

އަޅުގަނޑުގެ ނުކުތާ ވަރަށް ސާފުވާނެ އެއް ވުޒާރާ ހާމަކޮށްލާނަމެވެ. ކޮންމެ ފަސް އަހަރަކު މިއަންނަ ބަދަލުގެ ތެރެއިންނެވެ. ރައީސް މައުމޫން، ރައީސް ނަޝީދު އަދި ރައީސް ވަޙީދުގެ ދައުރުގެ މެދާ ހަމައަށް ޓްރާންސްޕޯޓް މިނިސްޓްރީއެއް އޮތެވެ. ރައީސް ޔާމީން އެނަމުގައި ވުޒާރާއެއް ނުހައްދަވައެވެ. މިއަދު އަނެއްކާވެސް މިއޮތީ ޓްރާންސްޕޯޓް ވުޒާރާއަކަށްވެފައެވެ.

ކޮންމެ ވުޒާރާއަކީ ބަޖެޓުން ކުރެވޭ ބޮޑު ޚަރަދެކެވެ. ވަޒީރުންނާ ހިސާބުން ބޮޑެތި މުސާރަ ދީފައި ވަރުވަރުން ވެރިން ތިބޭނެއެވެ. އޮފީސް ހިންގާނެއެވެ. ގިނަ ފަހަރު އެއް ފުރާޅެއްގެ ދަށުންނެއްވެސް ނޫނެވެ. އެހެނިހެން ޚަރަދު ހިނގާނެއެވެ. އެންމެ ކުޑަ ވުޒާރާއެއްގައިވެސް ބަޖެޓުން އަހަރަކު 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހަމައެކަނި ހިންގުމާއި އިދާރީ ކަންކަމަށް ހޭދަވެއެވެ.

އަޅުގަނޑު އެކަން ވަރަށް ގާތުން ތަޖުރިބާކުރީމެވެ. ރައީސް ވަޙީދުގެ ޒަޢާމަތުގައި ޔޫތު މިނިސްޓްރީ ހިންގުމުގެ ތެރެއިންނެވެ. އެވުޒާރާއަށް 2012 ވަނަ އަހަރު އެކަށައެޅިފައިއޮތީ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ޕީ.އެސް.އައި.ޕީ އާ ލައިގެންނެވެ. އެތަނުން އާޚިރުގައި ލިބުނީ 60 މިލިއަނެވެ. މުސާރަތަކާއި އެކިއެކި އޮފީހާއި އިމާރާތްތަކުގެ ކަރަންޓާއި ފެން އަދި އެފަދަ ޚަރަދުތައް އަދި ދަތުރުފަތުރު ފަދަ ކަންކަމަށް ހިނގާ ޚަރަދު ކެނޑުމުން، ހަޤީޤަތުގައި ރައްޔިތުންނަށް ޚިދްމަތެއް ކޮށްދޭން، ކަމެއް ކޮށްދޭން އޮތީ 12 މިލިއަން ރުފިޔާއެވެ. އެޖެހުނީ ކޮންތާކުތޯއެވެ. މުޅި ރާއްޖޭގެ ކުޅިވަރުގެ އެކި ހޭދަތަކަށް 12 މިލިއަނެވެ. ތިން ސަތޭކަ މުވައްޒަފުން ހަމަނުވާ އޮފީހެއްގެ އެތެރޭގެ ޚަރަދުބަރަދަށް 48 މިލިއަނެވެ. އަޅުގަނޑަކަށް މިކަމެއް ދެކޮޅެއް ނުޖެހެއެވެ. ބަލައެއް ނުގަނެވެއެވެ.

ކުރިން ބަޔާންކުރި ފަދައިން، ރާއްޖެއަކީ ދުނިޔޭގައިވެސް ނިސްބަތުން އެންމެ ބޮޑު ޕަބްލިކް ސާރވިސް އޮތް އެއް ޤައުމެވެ. ދައުލަތުގެ މުސާރަވެރިން އާންދަނީގެ ނިސްބަތުން އެންމެ ގިނަ އެއް ޤައުމެވެ. ސިވިލް ސާރވިސް އާއި ސިޔާސީ މުވައްޒަފުންނެވެ. ޖުޑިޝަރީއާއި ރައްޔިތުންގެ މަޖީލިހެވެ. ސިފައިންނާއި ފުލުހުންނެވެ. މުއައްސަސާތަކާއި އެހެނިހެން ސަލާމަތި ބާރުތަކާއި ޔުނީފޯމު އެޅި ފަރާތްތަކެވެ. ކޮންމެ ސިޓީއެއް، އަތޮޅެއް، ރަށެއް އަދި އަވަށެއްގައި މުސާރަދީފައި ތިބޭ އެތަކެއް ކައުންސިލަރުންނާއި ކޮމިޓީ މެންބަރުންތަކެވެ. އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބަޔަކަށް މިޤައުމުގައި މިޖެހެނީ ދައުލަތުން މުސާރާދޭށެވެ.

ސަރުކާރު ހިންގަން ކުރާ ޚަރަދު ކުޑަވުމަކީ، ރައްޔިތުންނަށްޓަކައި، އެކި ގޮތްގޮތުން ކުރެވޭ ޚަރަދު، ނިސްބަތުން ބޮޑުކުރަން މަގުފަހިވާނެކަމެކެވެ. އެހެނީ، ސަރުކާރު ހިންގަން ޚަރަދު ކުރުމަށްފަހު، ބާކީ އޮންނަ އެއްޗެއްގެ ބޮޑު ބައެއް، ރައްޔިތުންނަށްޓަކައި ހޭދަކުރަން އެކަށައަޅަން އެބަ ލިބެއެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވޭ ނަމޫނާ ޤައުމެއްގެ ގޮތުގައި ގިނަ ބަޔަކު އިޚްތިޔާރުކުރަނީ އެކި ކަންކަމުގައި އަޅުގަނޑުމެން ނަމޫނާއެއްގެ ގޮތުގައި ނަގަމުން އަންނަ ސިންގަޕޫރެވެ. އެޤައުމުގައި، ސަރުކާރު ހިންގުމުގެ ނަމުގައި ކުރާ ހޭދަ ހުރީ އެންމެ 12 އިންސައްތައިގައެވެ. ދައުލަތުގެ އާމްދަނީގެ އެންމެ މަދުވެގެންވެސް 70 އިންސައްތަ އަހަރުން އަހަރަށް ޚަރަދުކުރަމުން އަންނަނީ ރައްޔިތުންގެ ލާބައަށެވެ. މަގުތައް ހެދުމަށެވެ. ވެލްފެއަރ ނިޒާމަށެވެ. ޞިއްޚީ ޚިދްމަތްތަކާއި ތަޢްލީމީ ނިޒާމު ފުޅާކުރުމަށެވެ. އަދި، އެފަދަ އެހެން ޢާންމު ޚިދްމަތްތަކަށެވެ.

ސިންގަޕޫރަށް ރާއްޖެ ހަދާ ވާހަކަ ކެމްޕޭނު ދުވަސްކޮޅު ގިނަގިނައިން އިވެއެވެ. އަޅުގަނޑުގެ ނަޒަރުގައި އެކަން ކުރަން ފެށުމަށް އަޅަންވީ އެންމެ މުހިންމު ފިޔަވަޅަކީ، ސިންގަޕޫރުގެ ނަމޫނާއިން، ސަރުކާރު ހިންގުމާއި ސަރުކާރުގެ ޚަރަދުތައް އިޞްލާޙުކުރުމެވެ. ނުކުންނަ ހެޔޮ ނަތީޖާ ވަގުތުން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41

One Response

  1. All your articles are quite impressive, It is based on research and your long-term political experience. I would argue that these articles are very useful for those who study political science and economics in their research. A strong criticism corroborated from current Maldivian government policies.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *