Support Us

ކޮލަމް: ދޭހަ

ވިސާ ފީއެއް ނެތި ދިވެހިންނަށް ލަންކާ އަށް ދިއުން ހުއްޓުނީ ކީއްވެ؟    

ސްރީ ލަންކާ އާއި ދިވެހިރާއްޖެ އަކީ ޒަމާނުއްސުރެ ބަދަހި ގުޅުމެއް އޮންނަ ދެ ޤައުމުވެ. ދިވެހިންގެ ގިނަ ބޭނުންތައް ފުއްދަމުން ގެންގޮސްފައި ވަނީ ލަންކާގެ ތެރެއިންނެވެ. ލަންކާގެ އެހީތެރިކަމާއި އެކުގައެވެ. ރާއްޖެއަށް، ގިނަ ކަންތައްތައް އަމިއްލައަށް ކުރެވެންދެން ރާއްޖެ އަށް ޚާއްޞަ އެހީއެއް ބޭނުންވާ ކޮންމެ ފަހަރަކު ލަންކާ އިން ރާއްޖެ އަށް އެ އެހީއެއް ދިނެވެ. އަޅުގަނޑު މި ދަންނަވަނީ ފައިސާގެ އެހީ ދޭ ވާހަކައެއް ނޫނެވެ. ދިވެހިން ލަންކާ އަށް އެކި ބޭނުމުގައި ދިއުމުން، ލަންކާގެ ރައްޔިތުންގެ ބޭނުމުގައި ދެވޭ ބައެއް ޚިދުމަތްތައް ވެސް ދިވެހިންނަށް ލިބޭ ގޮތަށް ވަރަށް ފަހާއި ޖެހެންދެން ހަމަޖެހިފައި އޮތުން ކަހަލަ ކަންތަކުގެ ވާހަކަ އެވެ. މިހެން ވުމާއި އެކު ލަންކާގެ ގިނަ މީހުން ދެކެނީ ދިވެހިންނަކީ އެ މީހުންގެ ބައެއް ކަމުގައެވެ. "ޔާލުވަ" އެވެ. ރައްޓެހިންނެވެ.

 ރާއްޖޭގައި ހުންނަވާ ސްރީލަންކާގެ ސަފީރު ރައީސް ސޯލިހަށް ފަތްކޮޅު އަރުއްވަނީ

ސާކުގެ ޤައުމުތަކުގެ މެމްބަރުންނަށް އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމަށް، އެ ޤައުމުގެ އިން ބަލަހައްޓާ ހިސާބަށް އެރުމުން، ފީއަކާއި ނުލައި، ވަގުތުން ރަށަށް އެރުމުގެ ހުއްދަ ދިނުމުގެ ކުރިން ވެސް ލަންކާއަށް އެކި ބޭނުމުގައި ދިވެހިން ދިއުމުގެ ހުއްދަ ވަރަށް ލުއިކޮށް ފަސޭހަ އިން ދޫކުރަމުން ގޮސްފައި ވެއެވެ. ލަންކާ ވެފައި އޮންނަނީ ގިނަ ދިވެހިންގެ ދެވަނަ ވަޒަނަކަށެވެ. ސިޔާސީ ބޭފުޅުންނަށް ރާއްޖޭގައި ނުކުރެވޭ ސިޔާސީ ސައްލާ ކުރުމަށް ވެސް ވަޑައިގަންނަވަނީ ލަންކާ އަށެވެ. ބައެއް ދިވެހިން ބޭނުންވާ މިންވަރަށް ރާއްޖޭގައި ފެހިކަމާއި ދިރުން ނުލިބޭތީވެ ލަންކާގައި ވަޒަންވެރިވެގެން އުޅޭ ދިވެހިން ވެސް ބައިވަރެވެ. އުނގެނުމަށާއި، ބޭސްފަރުވާ އަށާއި، ވިޔަފާރި އަށާއި، ކުޅިވަރަށް ލަންކާގައި ވަޒަންވެރިވެގެން އުޅޭ ދިވެހިން ވެސް މަދެއް ނޫނެވެ. ރާއްޖޭގައި ބާއްވަން އުނދަގޫ، ރާއްޖޭގެ ސަގާފަތާއި ބީރައްޓެހި، މަޖާ، ބައެއް ޕާޓީ ބާއްވަން ވެސް ދިވެހިން ދަނީ ލަންކާ އަށެވެ. މި ގުޅުން މިގޮތަށް ކުރިއަށް ދަނިކޮށް ފާވީ ކޮރޯނާ ވައިރަސްގެ ވަބާ އެވެ. ކޮވިޑް19، އާދައިގެ ޢާއްމު ދިރިއުޅުން، އާ ޢާއްމު ދިރިއުޅުމަކަށް ބަދަލުކޮށްލުމުން ލަންކާ އަށް އެކިއެކި ޒަރޫރީ ބޭނުމުގައި ދަތުރުކުރާ ދިވެހިންނަށް ވަރަށް ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. އަޅުގަނޑުމެން ދުރުގައި ބަލަން ތިބޭ، ކަމާ ނުބެހޭ މީހުން، ދުރުން ބަލައިލުމުން، މި ދަތިތައް، ކަމާ ބެހޭ ފަރާތްތަކުން ވާހަކަ ދައްކައިގެން މިހާރަށް ވުރެ ލުއި ކުރެވޭނެ ކަމަށް ފެނެ އެވެ. ކޮވިޑް19ގެ ބަލީގައި މަރުވާ މީހުންގެ ޖަނާޒާ އަށް ޢާއިލާގެ މީހުންނަށް ވެސް ނުދެވޭ ގޮތަށް އޮތްއިރު ވެސް، ލަންކާގައި އެ ބަލީގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދިނުމަށް ލަންކާ އިން އެދުނެވެ. އެ ނިންމުމާ އިދިކޮޅަށް، ލަންކާގެ މުސްލިމުންނާއި، އާދައިގެ ދިވެހިންނާއި، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނުލްއަޤްވާމީ ބައެއް ފަރާތްތަކުން ތެދުވުމުން އެ ނިންމުން ހުލިވުމަކީ އަޅުގަނޑުމެންގެ ވެރިންގެ އާނބަސް ނުލިބުމެއް ނޫނެވެ. ލަންކާ އަށް އެހީތެރިކަން ފޯރުކޮށްނުދިނުމެއް ނޫނެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރު ލަންކާގެ ރައީސަށް ފަތްކޮޅު އަރުއްވަނީ

ދިވެހިން ވިސާ ފީއެއް ދައްކައިގެން ލަންކާ އަށް ދެވޭ ގޮތަށް އޮތުމަކީ ބަލައިގަންނަން އުނދަގޫ ކަމެކެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތެވެ. އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގެ އުޞޫލު އޮންނަނީ އެއް ޤައުމަކުން ދޭ ލުޔެއް، އަނެއް ޤައުމަކުން ވެސް އެ ދޭ މިންވަރަށް ދެވޭ ގޮތަށެވެ. ލަންކާގެ މީހުންނަށް ރާއްޖެ އަށް ވިސާ ފީއެއް ނެތި އާދެވޭ ކަމުގައި ވަނީ ނަމަ ދިވެހިންނަށް ލަންކާ އަށް ވިސާ ފީއެއް ނެތި ނުދެވެން ވީ ހަމައެއް ނެތެވެ. އެހެނެއް ނޫނެވެ. ލަންކާގައި ދާއިމީ ގޮތަށް ހުންނަން ދާ ނަމަ އެ އޮންނަ ޤަވައިދެއްގެ ދަށުން އެ ހުއްދައެއް ހޯދަންވާނެ އެވެ. ކޮވިޑް19ގެ ވަބާ ފެތުރުން ހުއްޓުވުމަށް، ދަތުރުފަތުރު ކުރުމުގެ އާ ޤަވައިދެއް ހެދުނު ކަމުގައި ވިޔަސް، ކޮވިޑް 19 އާއި ގުޅުމެއް ނެތް ކަންތައްތައް އޮންނަން ވާނީ "ބާ އާދައިގެ" ތެރެއިން ނެވެ. މިސާލަކަށް ދަންނަވާނަމަ ފީއެއް ނުނަގައި ލަންކާ އަށް ދިވެހިންނަށް އެތެރެވުން ކަހަލަ ކަންކަމެވެ. މިހާރު ލަންކާ ސަރުކާރުން ދިވެހިންގެ އަތުން ލަންކާ އަށް އެތެރެވުމާއި އެކު ނަގަން ފަށައިފައިވާ 39 ޑޮލަރުގެ ވިސާ ފީ އަކީ ދިވެހި ސަރުކާރުން ވާހަކަ ދައްކައިގެން އުނިކުރެވެން ވާނެ އެއްޗެކެވެ. ކޮވިޑް19 އައުމުން ކުރިން އެއްބަސްވެފައި އޮތް ހުރިހާ ކަމެއް ބާތިލްކުރެވެނީ އެއް ނޫނެވެ. ކޮވިޑް19 އަށް ރައްކާތެރިވުމަށް ގިރާކުރަން ޖެހޭ ފައްތަރު ތަކެއް ހުންނަނީ އެވެ. އެ ޤައުމަކުން ބޭނުންވާ ގޮތަކަށެވެ. މިސާލަކަށް ދަންނަވާނަމަ ލަންކާ އަށް ދަތުރުކުރާ މީހުން 14 ދުވަހުގެ ކަރަންޓީނު ވުމުގެ މުއްދަތުގައި ކަމާ ބެހޭ ފަރާތުން ދައްކާ ހޮޓަލެއްގައި ހުރުމާއި ކެއުމުގެ ޚަރަދަށް، ދުވާލަކަށް 15,000 ރުފިޔާ ދެއްކުން ކަހަލަ ކަންކަމެވެ. ލަންކާ އަށް އެތެރެވުމާ އެކު ނަގަން ޖެހޭ ޕީ.ސީ.އާރ. ޓެސްޓަށް ދައްކަންޖެހޭ 10،000 ރުފިޔާ އާއި 14 ދުވަސް ފަހުން ނަގަން ޖެހޭ ޕީ.ސީ.އާރ. ޓެސްޓަށް، 10،000 ރުފިޔާ ދެއްކުން ފަދަ ކަންކަމެވެ. މިއީ އާދައިގެ މީހަކަށް ބޮޑު ޚަރަދުތަކެކެވެ. އެހެންނަމަވެސް މި ޙާލަތުގައި ދަތުރުކުރަން ބޭނުން ނަމަ ކުރަން މަޖުބޫރުވާ ޚަރަދު ތަކެކެވެ. މި ކަހަލަ ކަންތައް ހުރިހާ ޤައުމެއްގައި ވެސް އޮންނަނީ ދާދި އެއްގޮތަކަށެވެ. މިފަދަ ކަންކަމާއި މެދު ހިތްހަމަނުޖެހުމެއް އޮތް ކަމުގައި ވިޔަސް، މި ދަނޑިވަޅުގައި މިފަދަ ކަންކަމަށް ބަދަލެއް ނުގެނެވޭނެކަން ޤަބޫލު ކުރެވެއެވެ. އެހެން ނަމަވެސް އަވަސް ބޭސްފަރުވާ އަށް ލަންކާ އަށް ދާން ބޭނުންވާ މީހުންނަށް ބޭނުންވާ ހުއްދަ ލިބުން ނުވަތަ ހުއްދަ ނުލިބުމުގެ ޖަވާބު އެތަކެއް މަހަކަށް ދެމިގެން ދިއުމަކީ ބަލައިގަންނަން އުނދަގޫ ކަމެކެވެ. މިއީ ވަރަށް ގިނަ ދިވެހިންނަށް ވަރަށް ބޮޑު ތަކުލީފެކެވެ. ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ އެކުވެރި ގުޅުމުގެ ތެރެއިން އަވަސް ކުރެވިދާނެ ކަންކަމެވެ.

ރާއްޖެ ކިތަންމެ ކުޑަ ކަމުގައި ވިޔަސް ލަންކާގެ އިޤްތިޞާދަށް ރާއްޖޭގެ އެހީތެރިކަން ވަރަށް ބޮޑެވެ. ލަންކާގެ އެއަރލައިން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ފައިދާއެއް ވާ ކަމުގައި ވަނީ ރާއްޖެ އަށް ކުރާ ދަތުރު ތަކުގައެވެ. ލަންކާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ ރިޒޯޓް ތަކުން ވެސް އެންމެ ފައިދާ ބޮޑީ ރާއްޖޭގައި ހިންގާ ރިޒޯޓް ތަކުން ކަމުގައި ވެއެވެ. ތަފާތު ޞިނާޢަތު ތަކުގައި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ޞިނާާޢަތުގައި ލަންކާ ބައިވަރު މީހުން މަސައްކަތް ކުރެއެވެ. ލަންކާގެ ހޮސްޕިޓަލްތަކަށް ބޭސްފަރުވާ އަށް ދާ ދިވެހިން މިލިއަނުން ފައިސާ ޚަރަދު ކުރެެއެވެ. އަދި ލަންކާގައި ގެދޮރު ކުއްޔަށް ހިފައިގެން ދިރިއުޅޭ ދިވެހިން ދިރިއުޅުމަށް ބައިވަރު ފައިސާ ޚަރަދު ކުރެއެވެ. ދަރިންނަށް އުނގަންނައިދިނުމުގެ ނަމުގައި ލަންކާގައި ދިރިއުޅޭ ދިވެހިިން ވެސް ސްކޫލްތަކަށާއި ކޮލެޖް ތަކަށް މިލިއަނުން ފައިސާ ޚަރަދު ކުރެއެވެ. މި ދެންނެވުނު ފަދަ ދެފަރާތަށް ފައިދާ ވާ ފަދަ ގުޅުމެއް އޮންނަ ދެ ޤައުމެއްގެ ރައްޔިތުންގެ ތެރެއިން އެއްބަޔަކަށް ޒަރޫރީ ބޭނުން ޖެހޭ ޙާލަތެއްގައި އަނެއް ބަޔަކަށް އެ ބޭނުންތައް އޯގާތެރިކަމާއި އެކު ކޮށްދޭނެ ކަމުގެ އުއްމީދު އޮތުމަށް ވުރެ ބޮޑަށް އޮންނާނީ ކޮށްދޭނެ ކަމުގެ ޔަޤީން ކަމެވެ.

ލަންކާގައި ފަހަކަށް އައިސް އެ ޤައުމުގެ މުސްލިމުންނާ މެދު ހަމަނުޖެހުމެއް އޮތްކަމުގައި ވިޔަސް، ލަންކާ އަށް ދަތުުރުުކުރާ، ދިވެހި މުސްލިމުން، މި އަދާ ހަމައަށް، މުސްލިމަކަށް ނުވާ މީހަކު މުސްލިމަކަށް ހެދުމަށް، މަސައްކަތެއް ކޮށްފައި އޮތް ކަމަކަށް އަޑު އަރާފައެއް ނުވެއެވެ. އެހެންނަމަވެސް ވެރިކަމާ އޮޅުލާ، އަޅުގަނޑުމެންގެ ބައެއް ސިޔާސީ ވެރިން ސިޔާސީ ކަންކަމުގައި ލަންކާގެ މުސްލިމް ނޫން ދީންތަކުގެ މީހުން ލައްވާ ފަންޑިތަ ހައްދައި ފާލު ބަލައި ހަދާ ކަމުގައި ވެއެވެ. އެއީ ޙަޤީޤީ ވާހަކަ އަށް ނުވެ ވެސް ހިނގައިދާނެ އެވެ. އެހެންނަމަވެސް ރަންނަމާރީގެ ވާހަކަ ޤަބޫލުކުރާ ގޮތަށް އެ ވާހަކަ އަޅުގަނޑު ޤަބޫލު ކުރަމެވެ.

ލަންކާ އަށް ދަތުރުކުރާ ދިވެހިންނަށް ލުުޔެއް ދެވޭތޯ ބެލުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތުން މަސައްކަތް ނުކުރެވިގެން އުޅެނީ ކޮވިޑް19ގައި މަރުވި ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް މަރުޙަބާ ކިއުމުގެ ލަދުވެތި ހާދިސާގެ ކަންތައް ދިޔަގޮތުން ކަމުގައި ވެސް ވެދާނެ އެވެ. ދިވެހި ސަރުކާރުން ލުޔަކަށް އެދިއްޖެ ނަމަ އެކުވެރި ލަންކާ އިން އެ ކަން ކޮށްދޭނެ އެވެ. އެކަން ވާނެ އެވެ.