މޫސުމަށް ކަޅުފޮއި ނިމުން އަތުވެއްޖެއޭ ހަނދު އުދަވުމުން
ފޫހިކަން ވަކިވެއްޖެ ދެ ލޮލާ، މޫނު އަލި ތިޔަ ފެނިލުމުން
ގޯތިތެރެއަށް ހިތުގެ، އަލިކަން ފެތުރެނީ ތިޔަ ހަނދުވަރުން
މޯޅިވީ ހިތް ފަރި އަލުން ކޮށްދީފި ތިޔަ ހިނިތުންވުމުން
މީރުވަސް ހުވަނދަށް ވަނީ ހަނދުވަރު ތެރޭ ވަސް ޖެހިލުމުން
ލީ އެ ސެންޓުގެ ވަސް ގެނެސްދީފިއެ ވިލާތައް ކެހިލުމުން
ދޯދިތައް ފިރުމައިލައޭ ފެނިލާ ރެއަކު ވިއްޔާ ތިބާ
ލޯލިތައް އިޙްސާސް ކުރޭ ބީހުން މިރޭ އެބަ، ފިރުމުމުން
އިރު ނިދީމާ ސޫރަ ދެކެލާން ދާހިތުން ހިތް ތެޅިފޮޅޭ-
އިރު މެ ނެތް ހިތަކަށް ލުއެއް ފަރުދާގެ ރޭރޭ ގިނަވުމުން
ސިހުރުވެރިކަން ހުރި ލޮލާ ކޯތާފަތާ ތިޔަ އަލި ނިތާ
ރިހުމަކަށް ވޭ، ފަލަކު ގަނޑުވަރުގައި، ނުދައްކައި ފޮރުވުމުން
ކީއް ވެގެންހޭ އަބަދު ފިލަނީ؟ ހިތް އެކަނިކޮށްފައި މަގޭ
ކީއް ކުރާނީ؟ ހިތް އެކަނިފިލަނީ، އެކަނި، ފޮއިމަތިވުމުން
އޭ ހަނދާ! ޝާހިދު ހިތަށް ކަޅުފޮއި އަލުން ވެރިވިއަނުދީ!
މޭ ވެދާނޭ ކަށްވަޅަށް، ހިނިތުންވެލައިފައި، އޮއްސުމުން
