Support Us

ދިވެހި ޤައުމަށް ޓަކައި "ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި…"

"ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި" މިއީ މަޝްހޫރު ޢާލިމް އަދި އަދީބު، އައްޝައިޚު ޙުސައިން ޞަލާހުއްދީން (ރަޙިމަހުﷲ)ގެ ދަރިކަނބަލުން އައްނަބީލާ ފާޠިމަތު ސަޢީދު (ރަޙިމަހަﷲ) މީގެ އެތައް އަހަރެއްގެ ކުރީން ހައްދަވައިފައިވާ ޅެމެއްގެ ހަތަރު މިސްރާގެ މައްޗަށް އެކުލެވޭ ބައިތެއްގެ ފުރަތަމަ މިސްރާއެވެ. ޤައުމަށްޓަކައި ޅެންބަހުން ކުރައްވައިފައިވާ އިލްތިމާސެކެވެ. މިއަދު އަޅުގަނޑުމެން މި ވަނީ މި އިލްތިމާސަށް އިޖާބަދީ ނުކުންނާން ޖެހިފައެވެ. ނުކުންނާންވީ ކޮން ކަމެއްގައިތޯއެވެ؟ އެއީ، ދިވެހި ޤައުމުގެ މިނިވަންކަން އަނބުރައި އިޢާދަކުރާށެވެ. ދިވެހިރާއްޖޭގެ އިސްތިޤުލާލާއި ސިޔާދަތު އަލުން އަނބުރައި ރުޖޫޢަކުރުމަށް ޓަކައެވެ.

އަޅުގަނޑު މި ދަންނަވަނީ ސަމާސާ ވާހަކައެއް ނޫނެވެ. ވަރަށް ޚުޠޫރަތްތެރި ވަރަށް ޙައްސާސް ވާހަކައެކެވެ. ދިވެހިރާއްޖޭގެ ޙާލަތުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ވާހަކައެވެ. ދިވެހިރާއްޖެ ވަކި ޤައުމެއްގެ ގޮތުގައި ދެމި އޮތުމާއި ނެތުމުގެ ވާހަކައެވެ. ދިވެހި ކާބަފައިން އެތައް ޤަރުނެއް ވަންދެން ދަމަހައްޓައި، އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީ އަޅުގަނޑުމެންނާ ޙަވާލުކޮށްފައިވާ އަމާނާތެއްގެ ވާހަކައެވެ. ދިވެހި މިނިވަންކަމުގެ ވާހަކައެވެ. ދިވެހި ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލުގެ ވާހަކައެވެ. އަޅުގަނޑުގެ މި ވާހަކަ ނިމެންދެން ހުސް ހިތްޕުޅަކާއެކު ވިސްނުންތެރިކަމާއެކު ވިދާޅުވުން ވަރަށް މުހިންމެވެ.

އިންޑިއާގެ ޑޯނިއަރ އާއެކު މިލިޓަރީ ސިފައިން ހަނިމާދޫ އެއާޕޯޓުގައި -އަދިވެސް ފޮޓޯ:

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖެއަކީ "ފުރިހަމަ މިނިވަންކަން ލިބިގެންވާ" ދައުލަތެއް ކަމަށް ލިޔެވިފައި އޮތަސް، ލޯމައްޗަށް ފެނި، އިވެމުންދާ ކަންކަމަށް ރިޢާޔަތްކުރާއިރު، މިހާރު މި ރާއްޖެއަކީ މިނިވަން، މުސްތަޤިއްލު، އަދި ސިޔާދަތީ ބާރު ލިބިފައިވާ ޤައުމެއް ކަމަކަށް ހަމަގައިމު ވެސް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ، ދިވެހިރާއްޖޭގެ ހުރިހާ ކޮންޓްރޯލެއް މިހާރު އޮތީ އުތުރުކަރައިގެ މުށުތެރޭގައެވެ. ރާއްޖޭގެ ކަނޑުއަޑީގެ ހުރިހާ ސިއްރުތަކަކާއި ޖައްވުގެ ހުރިހާ ސިއްރެއް ކޮންޓްރޯލުކުރަނީ އުތުރުކަރައިގެ ޢަސްކަރިއްޔާއިންނެވެ. އުތުރުކަރައިން ރުހޭ ބަޔެއްގެ އަތުން ނޫނީ އެހީއެއް ނުހޯދެއެވެ. ލޯނެއް ނުނެގެއެވެ. އުތުރުކަރަ ނޫން ބަޔަކާ އެކީ އަސްކަރީ ތަމްރީނެއް ނެހެދެއެވެ. އުތުރުކަރަ ނޫން ޤައުމެއްގެ އަސްކަރީ މަނަވަރެއް ރާއްޖެއަށް އަންނަ ނަމަ، އުތުރުކަރައިގެ ހުއްދަ ހޯދާންޖެހެއެވެ. އުތުރުކަރައިގެ މީހަކު ރާއްޖޭގައި ކޮންމެ ފަދަ ކަމެއް ކުރިޔަސް ބެލޭކަށް ނޯވެއެވެ. އެ މީހަކަށް ދައުވާކުރުމުގެ ބާރެއް ޕްރޮސެކިޔުޓަރ-ޖެނެރަލަކަށް ވެސް ނޯވެއެވެ. މޮޅު ވާހަކައެއް ވިދާޅުވެ އެ ފަދަ ކުށްވެރީން އަމާންކަމާއެކު އެ މީހުންގެ ޤައުމަށް ފޮނުވައިލެވެނީއެވެ. ރާއްޖޭގައި އުޅޭ އުތުރުކަރައިގެ ސިފައިންގެ ޢަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ޚަރަދު ހާމަކުރުމުގެ ބާރެއް ވެސް ދިވެހި ސަރުކާރަކަށް ނޯވެއެވެ. އުތުރުކަރައާ އެކީގައި ހަދައިފައިވާ އެތައްއެތައް އެއްބަސްވުންތަކެއް ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ވަނީ ސިއްރުކުރެވިފައެވެ. މި ކަންކަން ހާމަކުރުމަކީ ޤާނޫނުން ލާޒިމު ކޮށްފައިވާ ކަންކަން ނަމަވެހެވެ. ސަރުކާރަށް ފަސޭހައިން ކޮށްލެވޭ ފަދަ ކުދިކުދި ކަންކަން ވެސް ކުރާންޖެހެނީ އުތުރުކަރައިގެ ދިދަޖަހައިގެން އުތުރުކަރައިގެ އެހީތެރިކަމާއެކު ކުރި ކަމެއްކަމަށް ދައްކައިގެންނެވެ. ދަރަންޏެއް ދިނަސް އިޝްތިހާރުކުރެވެނީ "އެހީއެއް" ކަމަށެވެ. ކޮޗިން ފެރީއިން އަންނަ-ނާންނަ ބަޔެއް، ގެންނަ-ނުގެންނަ އެއްޗެއް އެނގެނީ ކޮން ބަޔަކަށްތޯއެވެ؟ އުތުރުކަރައިގެ ސިފައިން ބޭނުން ތާކަށް ބޭނުން ވަގުތަކު އައިސް ގޮސް އުޅެންވީއެވެ. މުޅި ވައިގެ ސަރަހައްދު އެ މީހުންނަށް ހުއްދައެވެ. ހުއްދައެއް ހޯދާންޖެހޭ ތަނެއް މި ރާއްޖެއަކު ނެތެވެ. ދިވެހި ރާއްޖޭގެ ޤާނޫނުތަކުގައި މަނާކަމަކަށް ވިޔަސް، އިސްލާމދީން ނޫންދީންތަކާ ގުޅޭ އެ މީހުންގެ ދީނީ މުނާސަބަތުތައް ވެސް ދިވެހިރާއްޖޭގައި ފާހަގަކުރެވެނީއެވެ. މިހާރު އައްޑޫގައި ބުދުފައްޅިއެއް ހުރިކަމަށް ވެސް ގޫގްލް ޗާޓުން ފެންނަ ކަމަށް ވެސް ވާހަކަދެކެވޭން ފަށައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓައިފައި ހުރި އުތުރުކަރައިގެ ރާޑަރުތަކުން ހޯދާ މަޢުލޫމާތު ދިވެހި ސިފައިންނަކަށް ނޭނގެއެވެ. އެ ވާހަކަދެއްކުން ވެސް ދިވެހި ސިފައިންނަށް މަނަޔޯލަވެ. މިއީ ރާއްޖޭގެ މިއަދުގެ ޙާލަތެވެ. އަދި މިއަށްވުރެ ވެސް ޙާލަތު ގޯސް ކަމަށް ވެދާނެއެވެ. އުތުރުކަރައާ އެކީ "ޤާނޫނާ ޚިލާފަށް" ހަދައިފައި ހުރި މުޢާހަދާތައް ހާމަކުރުމަކީ ޤާނޫނު ލާޒިމުކުރާ ކަމެއް ވިޔަސް ސިއްރުކުރަނީ ގައިމު، ކަމެއް ވެގެންތާއެވެ. އެހެންވީއިރު ދިވެހިރާއްޖޭގައި ސިޔާދަތީ ބާރެއް، މުސްތަޤިއްލުކަމެއް، މިނިވަންކަމެއް، އެބަ އޮތްތޯއެވެ! ރާއްޖޭގައި މިނިވަންދުވަހެއް ފާހަގަކުރުމުގެ އެއްވެސް ހައިސިއްޔަތެއް މިހާރު އެބަ އޮތްތޯއެވެ!

އަނެއްކޮޅުން ބަލާއިރު، އަޅުގަނޑުމެންގެ އިޤުތިޞާދު ގަސްތުގައި ހަލާކުކޮށްލެވެނީއެވެ. އެއީ ރާވައިގެން ކުރާ ކަމެކޭ ދަންނަވާ ހިތް ނުވިޔަސް ފެންނަމުން ދަނީ އެ ހިތްދަތި ހަގީގަތެވެ. ބައެއް މިސާލުތައް ދަންނަވައިލާނަމެވެ. ރާއްޖެއަށް އުތުރުކަރަގެ އެތައް ސަތޭކަ ސިފައިން "އެތެރެވަމުން" އެބަދެއެވެ. އެ މީހުންނަށް ޚަރަދުކުރަނީ އުތުރުކަރައިން ދަރަނި ނަގައިގެން ދިވެހި ދައުލަތުގެ ބަޖެޓުންނެވެ. މި ކަންކަމުގެ މަޢުލޫމާތަކީ ކުރީން ވެސް ދަންވައިލެވުނު ފަދައިން ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ފަދައިން ދިވެހީންނަށް ލިބޭން ޖެހޭ ޙައްޤެއް ނަމަވެސް، މި ފަދަ ޤާނޫނުތައް ތަންފީޒުކުރާނެ "ބާރެއް" ދައުލަތުގެ މުއައްސަސާއެއް ކިބައިގައެއް ނެތެވެ. "އުތުރުކަރަ" ރުޅިއަތުވެދާނެތީޔޯލައެވެ. އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރައިދާނެތީޔޯލައެވެ! ދިވެހި ރައްޔިތުން ރުޅި އަޔަސް މައްސަލައެއް ނެތީތާއެވެ. ދިވެހި ރައްޔިތުންނާ ގުޅުން ކެނޑުނަސް މައްސަލައެއް ފަރުވާލެއް ނެތީތާއެވެ. ދައުލަތުގެ ރިކަރެންޓް ޚަރަދު އިތުރުކޮށް ދައުލަތް ދަރަނިވެރިކުރުމުގެ ކަންތައް، ބާރު އިސްޕީޑްގައި ކުރާނެ ފައިސާ އުތުރުކަރައިން ދަރަންޏަށް އެބަދެއެވެ. އަނެއްކޮޅުން ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް މަދުވެފައި ވިޔަސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރާން ދުނިޔޭގެ މާލީ އިދާރާތަކުން ލަފާދީފައި ވިޔަސް، ދައުލަތުގެ ޚަރަދުތައް ހައްތާ "ކުރަނީ" އިތުރެވެ. "ބޭކާރު" މުއައްސަސާތަކާއި "ބޭނުމެއް ނެތް" ސިޔާސީ މަޤާމުތައް ކުރަނީ ގުނައެވެ. ރާއްޖޭގެ އިޤުތިޞާދު ރޫފަ ރަނގަޅަށް އޮތް އިރު، ކުރެވުނު ޚަރަދުގެ އެތައް ގުނައެއް، ކޮވިޑްގެ މި ޙާލަތުގައި ދައުލަތުގެ ބައެއް މިނިސްޓްރީތަކުގެ ބަޖެޓަށް އިތުރުކޮށް، 2021 ވަނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނައިފައެވެ. ދޭން ނުޖެހޭނެކަމަށް ކުރީ ސަރުކާރުން ނިންމައިފައި ހުރި އެތައް ފައިސާއެއް، ސަރުކާރުގެ ބޮޑުންނާ ގުޅުން ހުރި ކުންފުނިތަކަށް ވަނީ ބަހައިލައިފައެވެ. ރާއްޖޭން ބޭރުގެ އެމްބަސީތަކަށް ފުނިފުންޏަށް ބޮޑެތި މުސާރަދޭ ސިޔާސީ މަޤާމުތައް އިތުރުކޮށްފިއެވެ.

ޤާބިލު އެތައް ބަޔަކު ވަޒީފާ ބޭނުންވެފައި ތިއްބައި، ރާއްޖެއަށް މިހާރު ލިބޭ މަދު ބޭރު ފައިސާކޮޅު ވެސް އެ ކަރައިގެ މީހުންނަށް ނުވަތަ އެހެން ވެސް ބޭރު މީހަކަށް ދިނުމަށް ޓަކައި، ކުންފުނިތަކުގެ އެންމެ މުސާރަ ބޮޑު މަޤާމުތަކަށް ބޭރު މީހުން އިސްކުރައްވަނީއެވެ. އެންމެ ކުޑަމިނުން ދިވެހިރައްޔިތުންގެ ޕެންޝަނުގެ ކަންކަން ބަލަހައްޓާ އޮފީހުގެ ވެރިއަކަށް ވެސް ބޭރު މީހަކު ޢައްޔަންކުރައްވައިފިއެވެ. ނަތީޖާއަކަށްވާނީ އެ މީހުންނަށް މުސާރައަށް ލިބޭހާ ފައިސާ ވެސް ރާއްޖެއިން ބޭރު ފައިސާގެ ގޮތުގައި ބޭރުވެ، އިޤުތިޞާދަށް އިތުރު ބުރައެއް އުފުއްލާންޖެހުމެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް އޮތްތާ އޮއްވައި "މަރުތައް ބަލާނެ ކޮމިޝަނެއް" އުފައްދަވައި ބޮޑެތި މުސާރަ ލިބޭ މެންބަރުންތަކެއް ޢައްޔަންކުރައްވައިފިއެވެ. އޮޑިޓަރ-ޖެނެރަލްގެ އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަން އޮއްވައި "އެސެޓް ރިކަވަރީ ކޮމިޝަނެއް" އުފައްދަވައި ބޮޑު މުސާރަދޭ އެތައް މެންބަރުންނެއް ޢައްޔަންކުރައްވައިފިއެވެ. ރިޔާސީ ދައުރުގެ ތިންވަނަ އަހަރެއް ގުނަމުންދާއިރު، މިއިން ކޮމިޝަނަކަށް ނެރެވުނު ނަތީޖާއެއް ނެތެވެ. "ރިކަވަރ"ކުރައްވާން އުޅުއްވާ "އެސެޓް"ތަކުގެ އަގަށްވުރެ ބޮޑު ހޭދައެއް މި ތަންތާގެ މެންބަރުންގެ މުސާރައާއި އެލަވަންސަށް ޚަރަދުކުރައްވައި ނިންމަވައިފިއެވެ. އަދިވެސް ޚަރަދުކުރައްވަނީއެވެ. އެކަމަކު އިޢާދަކުރެވުނު ހަރުމުދަލެއް އެނގޭކަށް ނެތެވެ. ޖަލުގެ ކަންކަން ބަލަހައްޓާނެ މުއައްސަސާއެއް ޤާނޫނަކުން އުފެދިފައި ވިޔަސް އަދި އެއީ ހޯމް މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ތެރޭގައި އޮންނަ ކަމަކަށް ވިޔަސް، ޖަލު ބަލަހައްޓާން ވެސް "ކޮމިޓީއެއް" އުފައްދަވައި އެ ތާގެ މެންބަރުންނަށް ދައުލަތުން އެތައް ޚަރަދެއް ކުރައްވަނީއެވެ.

ފެންނަ ފެނުމުގައި ރާއްޖޭގެ ގިނަ ނޫސްތައް ކޮންޓްރޯލްކުރަނީ އުތުރުކަރައިގެ އެންބަސީންނެވެ. މިހެން މި ދެންނެވީ މުޅި ރާއްޖެއަށް ފޮރުއްޕާން ނެތް ވަރަށް އުތުރުކަރައިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އުނދުޅި ބާނައި މުޅި ޤައުމު އެ މީހުންގެ ކޮންޓްރޯލުގެ ދަށަށް މަޑުމަޑުން އެކަމަކު ހަމަކަށަވަރުން ގެންދާއިރު އެކަމާ އިދިކޮޅަށް އެއްޗެއް ލިޔެލާން ވެސް ނުކުރޭތީއެވެ. ރައީސުލްޖުމްހޫރިއްޔާއާއި މުޅި ސަރުކާރު ވެސް އޮތީ މި ޙާލެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވަނީ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭނަކީ ޒިންމާދާރު ކަމެއް ނެތް ބަޔަކު ހިންގާ ޣައިރުޒިންމާދާރު ޙަރަކާތެކޭއެވެ. ސަރުކާރުގެ އެކި ފެންވަރުގެ ވެރީން އުތުރުކަރަ ޕްރޮމޯޓްކުރެއްވުމަށް ޓްވީޓްކުރެއްވުމަކީ ދުވަހީ މަސައްކަތުގެ ބަޔަކަށް ހައްދަވައިފިއެވެ. ނަމަވެސް ޤައުމީ ވިންދު ހިތުގައި ޖަހާ ކޮންމެ މީހަކަށް "އިންޑިއާ މިލިޓަރީ އައުޓް" ޙަރަކާތް ވަނީ ޤައުމީ މަސައްކަތަކަށެވެ. އަނެއްކޮޅުން އެ މީހުން ރަސްމީކޮށާއި ނުރަސްމީކޮށް ނުފޫޒު ނުފޯރުވާ އިންތިޚާބެއް ނެތެވެ. އުތުރުކަރައިން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއެކު ވެފައިވާ އެއްބަސްވުންތައް ހާމައެއް ނުކުރެއެވެ. މިކަމުގައި އުތުރުކަރައިގެ އުޚުއްވަތްތެރި ރައްޔިތުންގެ އެއްވެސް މައްސަލައެއް ނެތެވެ. މައްސަލައަކީ މުސްލިމުންނާ ދެކޮޅު ސިޔާސަތެއް ގެންގުޅޭ ހިންދޫ ހަރުކަށި ޕާޓީއެވެ. އެ ޕާޓީގެ ސަރުކާރެވެ. އެ ސަރުކާރުން ރާއްޖޭގައި ޤާއިމުކޮށްފައި ތިބި ސިފައިންގެ ބާރުތަކެވެ. އެހެންވީއިރު ރާއްޖެއަކީ މިހާރު މުސްތަޤިއްލު ޤައުމެއްހެއްޔެވެ؟ ޤާނޫނުއަސާސީގައި ލިޔެފައި އޮންނަ ގޮތުން މި ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ދައުލަތެއް ކަމުގައި ވިޔަސް ހަގީގަތުގައި މިއީ އެހެން ޤައުމެއްގެ ސްޓޭޓެއް ހެއްޔެވެ؟ ނުވަތަ ރާއްޖޭގައި އޮތީ އުތުރުކަރައިގެ ހަރުކަށި ހިންދޫ ސަރުކާރުން ކޮންޓްރޯލްކުރާ ގޮނޑިކޮއްކޮ (ޕަޕެޓް) ސަރުކާރެއްހެއްޔެވެ؟ މިއީ މިއަދު އަޅުގަނޑުމެންގެ ވަށައިގެން ފެނި އިވެމުންދާ ތަންތަނާއި ކަންކަމާއި އަޑުތަކާ ގުޅިގެން އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލުތަކެވެ. ޖަވާބުދެއްވާތީ ތިޔަ ބޭފުޅުންގެ އަމިއްލަ ނަފުސަށެވެ.

މި ނަޒަރުން ވިސްނާއިރު، ރާއްޖޭގެ މިއަދުގެ މިޞްރާބު މިހިރީ 1975 ގައި އުތުރުކަރައިން "ސިއްކިމް" ދަމައިގަތް ގޮތާ އެއް މިޞްރާބަކަށެވެ. ސިއްކިމް އަތްދަށުލީ ކިހިނެއް ކަމަށްތޯއެވެ! ސިއްކިމްއަށް ޖާސޫސީ އެޖެންޓުން ފޮނުވައި، ސިފައިންގެ ޙަރަކާތްތައް އެކުވެރިކަމާއި އެހީތެރިކަމުގެ ނަމުގައި ހިންގާންފެށީއެވެ. އެކި ނަންނަމުގައި ސިފައިން އިތުރުކޮށް ލަސްކަރު ބޮޑުކުރީއެވެ. ދެން ދައުލަތުގެ ބޮޑުންނަށް ރިޝްވަތުދީ އެ މީހުން، އުތުރުކަރައިގެ މުށުތެރެއަށް ލީއެވެ. އިޤުތިޞާދަށް ގެއްލުންދީ ސަލާމަތް ނުވެވޭ ވަރަށް ބޮލުގައި ދަރަނި އެޅުވީއެވެ. ފަންޑްކޮށްގެން ނޫސްތައް އަތްދަށުލީއެވެ. ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވައި، އެ މީހުން ފަންޑްކޮށް އެހީތެރިވި މީހުން މަޖިލީހަށް އިންތިޚާބުކުރީއެވެ. މި ހިސާބަށް އައި އިރު، ރަސްގެފާނު ފިޔަވައި ދައުލަތުގެ އިސްވެރީންގެ ގޮތުގައްޔާއި ޤާނޫނު ހަދާ މަޖިލީހުގައި ދެން ތިބީ އުތުރުކަރައަށް ވިކިފައި ތިބި ޚާއިނުންނެވެ. އުތުރުކަރައިގެ ގޮނޑިކޮއްކޮއިންނެވެ. ސަލާމަތީ ބާރުތަކުގެ ވެރީން ތިބީ އުތުރުކަރަގެ ޖީބުގައެވެ. ވާނުވާއެއް ރަސްގެފާނަކަށް ނާންގައެވެ.

ސިއްކިމްގެ މަގެއް

ދެންތޯއެވެ؟ އުތުރުކަރައިން ބޭނުންވާ ގޮތަކަށް ސިއްކިމްގެ ޤާނުނުއަސާސީ، އުތުރުކަރައިން ދެލިކޮޕީކޮށް (ޑްރާފްޓްކޮށް)، 1974 ގައި ސިއްކިމްގެ ޤާނޫނު ހަދާ މަޖިލީހަށް (ޖެނެރަލް އެސެމްބަލީ އަށް) ހުށަހެޅީއެވެ. މި ގޮތް ދިމާވީ، ސިޔާސީ ކޯޅުންތައް ބޮޑުވެ، މުޅި ޤައުމު ކޮންޓްރޯލުން ނެއްޓުނު ވަގުތު، ސިއްކިމްގެ އަމަން ކޮންޓްރޯލްކޮށްދޭން އުތުރުކަރައިގެ އަސްކަރިއްޔާ ކިބައިން އެދެމުން ސިއްކިމްގެ އަމަން ބަލަހައްޓާން 1973ގައި އުތުރުކަރައިގެ ސިފައިން ހަވާލުވީމައެވެ. މި ކަމަށް ޓަކައި މާކުރީއްސުރެ އެކި ނަންނަމުގައި ސިއްކިމަށް ޖަމާކޮށްފައި އޮތް އިންޑިއާ ސިފައިންގެ ލަޝްކަރުތަކުން މުޅި ސިއްކިމްގެ މައްޗަށް ބާރު ހިންގީއެވެ. އަމަންއަމާންކަން ޤާއިމުކުރުމުގެ ނަމުގައެވެ. މިހާ ތަނަށް އައި އިރު، އަސްކަރީ ބާރުގެ އިތުރަށް، އެއްކޮޅެއް އިދިކޮޅެއް ނެތި މުޅި ސިޔާސީ މަސްރަޙު އޮތީ ވެސް އުތުރުކަރައިގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. ކުރީން ދެންނެވި ގޮތަށް، އިންޑިއާ ބޭނުންވާ ގޮތަށް ސިއްކިމްގެ އައު ޤާނޫނުއަސާސީއެއް ދެލިކޮޕީކޮށް ޖެނެރަލް އެސެމްބަލީއަށް ހުށަހެޅީ މި ދަނޑިވަޅުގައެވެ. އުތުރުކަރައިން ހުށަހެޅި ގޮތަށް މާ ބޮޑު ބަހުސެއް ނެތި، ސިއްކިމްގެ ޤާނޫނުއަސާސީ އެތާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރީއެވެ. މި ގޮތަށް ފާސްކޮށް، ޤާނޫނު ހަދާ މަޖިލީހުން، ރަސްގެފާނު ޕަލްޑެން ތޮންޑޫޕް ނަމިގިޔާލް ރަސްކަމުން ޢަޒުލުކޮށް، (މަޤާމުން ދުރުކޮށް) ސިއްކިމްއަކީ އުތުރުކަރައިގެ ބައެއް ކަމުގައި 1975 ވަނަ އަހަރު އޭޕްރީލް މަހު ނުވަވަނަ ދުވަހު ގާނޫނުހަދާ މަޖިލީހުން އިޢުލާނުކުރީއެވެ. މިއާއެކު މަޖިލީހުން ފާސްކުރި ފާސްކުރުން، ރައްޔިތުންގެ ފެންނަ-ނުފެންނަ ވޯޓަކަށް ހުށަހެޅުނެވެ. އުތުރުކަރައިން ރިޝްވަތު ނަގައިގެން ތިބި ޚާއިނުންނާއި ގުސްތަރުންކަމުގައިވާ މުޅި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މީހުންގެ އަވައިގައި ޖެހިފައި ތިބި ގުސްތަރުން ކެމްޕޭނުކޮށްދިނީ އުތުރުކަރައިގެ ކޮޅަށެވެ. އެ ކަމާ އިދިކޮޅަށް، ޙަރަކާތެއް ހިންގައިފި މީހަކަށް ވާ ގޮތެއް ވެސް ނޭނގެއެވެ. އެހެންކަމުން ޤައުމީ ފިކުރުގެ މީހުން ކުރާނެ ކަމެއް ނެތިގެން ހިމޭންކަމާއެކު ހިތާމައިގައި ގޭގައި ތިބީއެވެ. ކޮންމެއަކަސް ފެންނަ-ނުފެންނަ އިންތިޚާބު (ރިފަރެންޑަމް)ގެ ނަތީޖާ ދެއްކީ އުތުރުކަރައިގެ ކޮޅަށް މާ ބޮޑަށް ވެސް ބުރަކޮށެވެ. ޖުމްލަ 97 އިންސައްތައިގެ ތަނަވަސް އަޣުލަބިއްޔަތަކުން ފާސްވިކަމަށް ދެއްކީ އުތުރުކަރަ ބޭނުންވާ ގޮތަށެވެ. މި ނިންމުމާއެކު "ސިއްކިމް"އަކީ އުތުރުކަރައިގެ 22 ވަނަ ސްޓޭޓްކަމުގައި ރަސްމީ ގޮތުން ކަނޑައަޅައި، 1975 ވަނަ އަހަރު މޭ މަހު 16 ވަނަ ދުވަހު، އެ ކަން އިޢުލާންކުރެވުނީއެވެ. އޭގެ ފަހުން ސިއްކިމްގެ އެންމެ އިސް ވެރިއަކަށް ހުންނަނީ އިންޑިއާގެ ރައީސް ޢައްޔަންކޮށްފައި ހުންނަ ގަވަރުނަރެކެވެ. މިއަދު އެ މަޤާމުގައި ހުރީ އިންޑިއާގެ ހިންދޫ ހަރުކަށި ޕާޓީ ކަމަށްވާ ބާހރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސް މެންބަރެއް ކަމުގައިވާ ގަންގާ ޕްރަސާދު ޗައިރާސިއާ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ 2018 ގައެވެ.

ޝައްކެއް ނެތެވެ. ތަނަވަސްކަމާއެކު އުފާފާގަތި ކަމުގައި ހިނގަމުން އައި ރަސްކަމެއް މަކަރުވެރިކަމާއި ރޭވުންތެރިކަމާއެކު ފަނާކޮށްލީއެވެ. "ޤާނޫނީ ހަމަތަކުގެ މަތީން" ބޮޑު ޤައުމެއް އަޅުވެތިކޮށްލީއެވެ. ތަރައްޤީގެ ފުރުޞަތު އަބަދުގެ އަބަދަށް ނައްތައިލީއެވެ. އަމިއްލަ އެދުމަށް ޓަކައި ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުންނާއި ޣައްދާރުވި ޣަދަރުވެރީންގެ އެހީތެރިކަމާއެކުގައެވެ. މިއަދު ސިއްކިމްގެ ރައްޔިތުން އުޅެމުން ގެންދަނީ ނިކަމެތިކަމާއެކު އުތުރުކަރަގެ ނިކަމެތި އަވަށެއްގައި ދިރިއުޅޭ ބަޔަކު ފަދައިންނެވެ. އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރަށްވެހީންގެ ގޮތުގައި ހިތާމައާއި ހިތްދަތިކަމުގައެވެ. މުޅި ޤައުމުގައި އޮތީ އިންޑިއާގެ ބާރެވެ. ކުރީން ވެސް ދެންނެވި ފަދައިން އެއީ މި އަދު އިންޑިއާގެ 22 ވަނަ ސްޓޭޓެވެ. ސިއްކިމްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 7000 އަކަކިލޯމީޓަރެވެ. ދިވެހިރާއްޖޭގެ ބޮޑުމިނަކީ ގާތްގަނޑަކަށް 3000 އަކަކިލޯ މީޓަރެވެ. އޭރު ސިއްކިމްގެ އާބާދީއަކީ ގާތްގަނޑަކަށް ހަތަރު ފަސް ލައްކައެއްހާ މީހުންނެވެ. މިއަދު ރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް ތިން ހަތަރު ލައްކައެއްހާ މީހުންނެވެ. މި ދެންނެވި ކަންކަމާއި، މިއަދު ރާއްޖޭގެ ޙަލަތާ އެއްގޮތީ ނުވަތަ ތަފާތީ ކިހައި ވަރަކަށްތޯ ތިޔަބޭފުޅުން ވަޒަންކުރައްވާށެވެ.

މިއީ ޤައުމީ ނަޒަރަކުން ބަލާއިރު މާކުރީގެ ތާރީޚެއް ނޫނެވެ. އަޅުގަނޑުމެންގެ ޢުމުރުގެ މީހުންގެ ފުރާވަރު އުމުރުގެ ދުވަސްވަރުގެ ވާހަކައެކެވެ. ނަވާރަ ސަތޭކަ ހަތްދިހަ ފަސް ވަނަ އަހަރު ހިނގި ހާދިސާއެއްގެ ވާހަކައެކެވެ. މި ޙާލަތާއި، ދިވެހިރާއްޖެ މިއަދު މިދާ ނުވަތަ މި ގެންދާ މިޞްރާބާ އަޅައި ބަލައިލާކަށް ނުވޭތޯއެވެ؟ ސަރުކާރު ކޮބައިތޯއެވެ؟ ރައްޔިތުންގެ މަޖިލީހުގެ ސުޕަރސުޕަރ މެޖޯރިޓީ ކޮބައިތޯއެވެ؟ މި ކަމާ އިދިކޮޅަށް ވަކާލާތުކުރައްވާ ހަމައެކަނި އިދިކޮޅު އިސްވާރު އޮންނެވީ މައްސަލައެއް އުފަންކޮށް، ކުށެއް އީޖާދުކޮށްގެން، "ޞަދޫމު އިންސާފުގެ ދަށުން" ޖަލަށް ލެވިފައެވެ. ދެން ތިއްބެވި ފުޅާ ކޯލިޝަނުގެ ފަލަ އިސްވާރުން ކޮބައިތޯއެވެ؟ ދީނަށް ޓަކައި، ޤައުމަށް ޓަކައި ދުވި "ބޮޑުން" ކޮބައިތޯއެވެ؟ ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައި ހަޅޭއްފަޅޭއްލެވި ނޫސްވެރީން މިއަދު ތިބީ ޗުއްޓީގައިތޯއެވެ؟ ހާމަކަމާއި އެތެރެ ފެންނަ ގޮތަށް ކަންކަންކުރާން ގޮވި ޖަމުއިއްޔާތައް މިއަދު ތިބީ ނިދައިފައިތޯއެވެ؟ މަދަނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތައް ހޯދައިދޭން މަސައްކަތްކުރި މުއައްސަސާ ކޮބައިތޯއެވެ؟ އެއީ ހުސް ގުސްތަރުންކަން ސާބިތު ނުވޭތޯއެވެ؟ ސިއްކިމްގެ ޙާދިސާއާ ރާއްޖޭގެ މިއަދުގެ ޙާލަތާ އެއް ގޮތް ކަމެއް ނެތްތޯއެވެ؟ ވީމާ ފާޠިމަތު ސަޢީދު، މީގެ އެތައް އަހަރެއްގެ ކުރީން ކުރެއްވި އިލްތިމާސާ، އެއް ގޮތަށް "އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި…." ތެދުވާނީ ކޮން އިރަކުތޯއެވެ؟ ޤައުމު އޮޔާދާ ތަން ބަލާން، ޣައްދާރުންނާއި ގުސްތަރުންގެ ލިސްޓަށް ނަން އަރުވާން، ތިބޭންވީތޯއެވެ؟ ނުވަވަނަ ޙަސަން ރަސްގެފާނާއި، ތާޖުއްދީނުގެ ދެ ދަރިކަލުންގެ ނަމުން ތަޣައްޔަރުކޮށްފައިވާ ޚާއިނުންގެ ތާރީޚީ ލިސްޓަށް އަޅުގަނޑުމެންގެ ނަން ވެސް އަރުވާން ރުހިގެން ތިބޭންވީތޯއެވެ؟ ނޫނީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ މަތިކޮށްފައިވާ އަމާނާތް އަދާކޮށް، މި ޤައުމު އިސްލާމް ދީނުގެ ހިދާޔަތުގައި މިނިވަންކަންމަތީ އަބަދަށް ދެމެހެއްޓުމަށް ޓަކައި، ފާޠިމަތު ސަޢީދުގެ ޤައުމީ އިލްތިމާސަށް އިޖާބަދީ ތެދުވާނީތޯއެވެ!