Support Us

ކޮލަމް: ދޭހަ

އަންހެނުންނަށް ނަމެއް! ކަމެއް ނެތް!

މިހާރު ވެރިކަމުގައި މި އޮތް ސަރުކާރުން އަންހެން ޖިންސަށް ވަރަށް ގިނަ ފުރުޞަތުތައް ހުޅުވާލާފައި އޮތް ކަމަށް ވަރަށް ގިނަ މީހުން އެއްބަސްވާނެ އެވެ. ކެބިނެޓްގައި ވެސް ވަރަށް ގިނަ އަދަދަކަށް އަންހެން ބޭފުޅުން އެބަތިއްބެވި އެވެ. ހަމަ އެގޮތަށް ބޭރު ޤައުމުތަކުގެ ސަފީރު ކަމުގައި ވެސް ވަރަށް ގިނަ އަންހެން ބޭފުޅުން އެބަތިއްބެވި އެވެ. މުސްތަޤިއްލު މުއައްސަސާތަކުގެ އިސް މަޤާމްތަކުގައި ވެސް އަންހެން ބޭފުޅުން ވަރަށް ގިނަ އެވެ. ބައެއް މުއައްސަސާތަކުން އަންހެނުންނަށް ފުރުޞަތުދޭކަން ވަރަށް ފަޚުރުވެރިކަމާއި އެކު ފާހަގަ ކުރެއެވެ. އަދި ކޮންމެ މުއައްސަސާ އަކުން ވެސް އަންހެނުންގެ ދުވަހު ރަސްމިއްޔާތެއް ބާއްވައެވެ. ބައެއް ތަންތަނުން ހަދިޔާ ދެއެވެ. މަލެއް ނުވަތަ މާބޮނޑިއެއް ދެއެވެ. އެ ހިސާބުން ނިމުނީ އެވެ.

މި ސަރުކާރުން އަންހެން ޖިންސަށް ފުރުޞަތު ދިނުމަށް ހުޅުވާލާ ހުޅުވާލުމަށާއި ދޭ ފުރުޞަތުތަކަށް ތަޢްރީފް ހައްޤެވެ. އެހެންނަމަވެސް އަމަލީ މައިދާނުގައި އަންހެނުންގެ ކުޅަދާނަކަން ދެއްކުމަށް ދެވިފައި އޮތް ފުރުޞަތުގެ ބޭނުން ހިފޭ ގޮތް އަދިވެސް ވަރަށް ހަންޏެވެ. ކުރިއަށް ދާން އޮތް މަގުގައި ހުރަސްތައް ބައިވަރެވެ. ބައެއް މަގު އޮންނަނީ ކަށިނަރުން ބަންދު ކުރެވިފައެވެ. އެ މަގުން ދެމިގަންނަ ނަމަ، ހަށިގަނޑުގެ ތަންތަނުގައި ކޫރު އެޅޭނެ އެވެ. ޒަޚަމްވާނެ އެވެ. ކުރިއަށް ދިއުން ހުއްޓަން ވެސް މަޖުބޫރު ވެދާނެ އެވެ. ފަހަތަށް އެނބުރި ދާން ވެސް ޖެހިދާނެ އެވެ. މުޅި ތަނުން ބޭރުވާން ވެސް ޖެހިދާނެ އެވެ. ޤަބޫލު ނުކުރެއްވިދާނެ އެވެ. އެކަމަކު މިއީ ޙަޤީޤީ މަންޒަރެވެ. ސަރުކާރުގެ އެންމެ އިސް ވެރިއާ އަދި ވެރިކަން ކުރާ ޕާޓީން އަންހެނުން ބާރުވެރިކުރުވަން މަސައްކަތް ތަކެއް ކުރެއްވިޔަސް އަސާސީ ފެންވަރުގައި ކުރަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުއްޓެވެ. އެ މަސައްކަތް ސަރުކާރުން މިހާރު ކޮންމެވެސް ވަރަކަށް ފަށައިފި އެވެ. އަންހެނުން ބާރުވެރި ކުރުވުމަށް ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ޚާއްޞަ ކުރުން ކަހަލަ ކަންތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވެސް ޕާޓީތަކުން ވަކި އަދަދަކަށް އަންހެނުން ކުރިމަތިލުމަށް އޮންނަންވީ އެވެ. ސިޔާސީ މައިދާނުގައި އަންހެނުންނަށް ފިރިހެނުންނާއި އެއްވަރަށް ފައިހަމަކުރެވެންދެންނެވެ. މި ޚިޔާލު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށައެޅުނެވެ. އެކަމާއި އެންމެ ދެކޮޅު ހެއްދެވީ ވެސް އެއިރު މަޖިލީހުގައި ތިއްބެވި އަންހެން މެމްބަރުންނެވެ. އެ ބޭފުޅުންނަށް ވާދަ ކުރައްވައިގެން ގޮނޑި ކާމިޔާބުވާނެ ކަމަށް ވިދާޅުވެ އެވެ. ޙަޤީޤަތުގައި އެ ބޭފުޅުންނަކީ ވެސް ބާރު ގަދަ ސިޔާސީ ފަރާތްތަކުން އިނގިލީގައި ހިއްޕަވައިގެން ގޮނޑީގައި ބޭންދި ބޭފުޅުންނެވެ. ފިޔަފަޅައިގެން އުދުހޭ ވަރުވުމުން ދޫކޮށްލެއްވީ އެވެ. އަންހެނުންނަށް ބައެއް މަޖިލީހާއި ކައުންސިލްތަކުގައި ގޮނޑި ޚާއްޞަ ކުރުމަކީ ދެ ޖިންސްގެ މެދުގައި އޮންނަންވާނެ ހަމަހަމަކަން ގައިމު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. ހަމައެކަނި ސިޔާސީ މައިދާނުގައެވެ. އެ މައިދާނަށް އަންހެން ޖިންސުގެ މީހުން ބީރައްޓެހި ކަމުންނެވެ. އެހެން މައިދާނުގައި މަސައްކަތް ކުރާ އަންހެން ޖިންސަށް ބޭނުންވަނީ އިޙްތިރާމެވެ. ޤާބިލިއްޔަތަށާއި ޢިލްމާއި ތަޖުރިބާ އަށް ރިޢާޔަތްކޮށް އިންޞާފްވެރި ނިންމުމެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި އަންހެނުން މަސައްކަތުގެ މައިދާނަށް ނުކުމެ ފިރިހެނުންނާއި ހަމަހަމަ ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަސައްކަތުގައި އުޅޭ ބައެއް ފިރިހެނުންގެ ވިސްނުމުގައި އަންހެނުން މަސައްކަތް ކުރުމާއި މެދު އޮންނަ ހަރުކަށި، ހަނި، އެކާވީސް ވަނަ ޤަރުނަށް ނުފެތޭ ވިސްނުމެވެ. ސިކުނޑީން އެ ވިސްނުން ދޮވެލެވޭނެ ގޮތެއް ހޯދެންވީ އެވެ. އެއީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ އިސްލާމީ ހަރުކަށި ވިސްނުމުގެ މީހުން ވަނީ މީޑިއާގެ ބޭނުންކޮށްގެން އެ މީހުންގެ މަންޒިލަށް ދެވޭނެ ފަދަ ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ. މީޑިއާ އަށް ނޭނގި އެވެ. ދަޢުވަތު ދެވެނީ ކޮންމެވެސް ކަމަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށެވެ. މައުލޫމާތު ދިނުމުގެ ތެރޭގައި ދީނުގައި އަންހެނުންނާއި ފިރިހެނުންނާއި މެދު އޮންނަ ތަފާތު ހާމަކުރެއެވެ. އަދި އަންހެނުންނަކީ ފިރިހެނުންގެ ދަށުގައި އަބަދު ވެސް ތިބެންޖެހޭނެ ބަޔަކު ކަމަށް ދޭހަވާގޮތަށް ބައިވަރު ވާހަކަ ދައްކަ އެވެ. މީގައި އެންމެ ތާކުންތާކު ނުޖެހޭ ކަމަކީ މިގޮތަށް ދެކެވޭ ބައެއް ވާހަކަ އަކީ ސަރުކާރުގެ ސިޔާސަތާއި އަމަލު ކުރަމުންދާ ގޮތާއި ޚިލާފް ވާހަކަ ތަކަށް ވާއިރުވެސް ސަރުކާރުގެ މީޑިއާ އިން ވެސް އެފަދަ ވާހަކަތައް ގެނައުމެވެ.

މިގޮތަށް ކަންތައް ކުރެވުމުގައި އެތަކެއް ސަބަބުތަކެއް އޮވެދާނެ އެވެ. އެއްގޮތަކީ އެ ޕުރޮގްރާމެއް ހުށައަޅާ މީހާ އަށް ސަރުކާރުގެ ސިޔާސަތު ނޭނގުމެވެ. އަދި ޕުރޮޑިިއުސަރަށް ވެސް ސިޔާސަތު ނޭނގުމެވެ. އަނެއް ގޮތަކީ އެނގިގެން ކުރުމެވެ. އަނެއް ގޮތަކީ ވާހަކަ ދެއްކި މީހާގެ ނަމުގެ ކުރީގައްޔާއި ފަހަތުގައި ބައިވަރު އަކުރުތަކެއް ހުރުމުން އެއްޗެއް ބުނަން ނުކެރުމެވެ. ދިވެހި ރާއްޖޭގައި ވެސް އަދި ބޭރުގެ ޤައުމުތަކުގައި ވެސް އެތަނުގެ އުޞޫލާއި ނުވަތަ ސިޔާސަތާއި އިދިކޮޅު ބަސްދީގަތުން ތަކުގައި އަންނަ ބައި، ނުވަތަ އެ ޖުމުލަ އުނިކޮށްފައި ފޮނުވާފައި ހުރެއެވެ. އަދި އެ ކަން ބަލަހައްޓާ ބަޔަކު އެކި ފައްތަރުތަކުގައި ތިބެއެވެ. ހުށައަޅާ މީހާ އާއި ޕުރޮޑިއުސަރު އަތުން ދޫވެގެން ބައެއް ހިނގައްޖެ ނަމަ އެ ބައެއް އަތުލައިގަނެވޭނެ ތިންވަނަ ފަރާތެއް ވެސް އޮވެއެވެ.

އަންހެނުން ލާ ޔުނިފޯމް ފާސް ކުރާ ކޮމިޓީގައި ހުސް ފިރިހެނުން ތިބޭނެ ކަމަށް ޤަބޫލު ކުރައްވަންތޯ އެވެ؟ އަންހެނުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޖަމުޢިއްޔާގައި އެންމެ ފަހު ނިިންމުން ނިންމާ ބައަކީ ފިރިހެނުން ކަމަށް ޤަބޫލު ކުރައްވަން ތޯ އެވެ؟ ކުރިއަށް ދިއުމުގެ ފުރުޞަތު ގައްޔާއި ބޭރަށް ތަޢުލީމް ޙާޞިލް ކުރުމަށް ފުރުޞަތު ދިނުމުގައި ފިރިހެނުންނަށް އިސްކަން ދެވޭ ކަަމަށް ޤަބޫލު ކުރައްވަންތޯއެވެ؟ ޤާބިލިއްޔަތާއި ތަޖުރިބާ އެކަހެރި ކޮށްފައެވެ.

އަންހެނުން ކުރިއެރުވުމަށް މަގު ތަނަވަސްކޮށްދެވޭ ހިސާބުގައި މަސައްކަތް ކުރައްވާ ބައެއް އަންހެން ބޭފުޅުން، އަންހެނުންގެ ޙައްޤުތައް ހޯއްދެވުމުގައި އެކަށީގެންވާ ވަރަށް ޙަރަކާތްތެރިވެ ވަޑައިނުގަންނަވައެވެ. އޭގެ ތެރެއިން ވެސް "ފިސާރި އަންހެނުން" ވެސް ޙައްޤުތައް ހޯދުމުގައި ފިސާރިކަން ދައްކާ ނުލެވެއެވެ. ފިސާރިކަން ދައްކާލެވެނީ އެހެން ކަންކަމުގައެވެ.

ރާއްޖޭގެ އޮފީސް މަސައްކަތުގެ އާބާދީގައި އަންހެނުން ވަރަށް ގިނަ އެވެ. އަންހެނުންނަށް ޚާއްޞަ ފާޚާނާ އެއް ހުންނަނީ ކިތައް އޮފީހުގައި ތޯ އެވެ؟ އަންހެނުންގެ ބޭނުންތަކަށް މަޑުކޮށްލާނެ އަންހެނުންނަށް ޚާއްޞަ ކުރެވިފައި ހުންނަ ކޮޓަރިއެއް ހުންނަނީ ކިތައް އޮފީހުގައިތޯ އެވެ؟ އޮފީސް ތަކުގެ ޖާގަ ކިތަންމެ ކުޑަވިޔަސް އޮފީހެއްގައި ހުންނަން ލާޒިމް ކަންތައްތަކެއް ހުންނާނެ އެވެ. އޮފީހަކަށް ވާނީ އެކަންތައްތައް ފުރިހަމަ ކުރުމުންނެވެ. އޮފީހުގައި މަސައްކަތް ކުރާ މީހުންނަށް ފަސޭހައަކަށެވެ.

މުހިއްމު ބައެއް ވަޒީފާ ތަކަށް އަންހެނުން ހަމަޖެއްސުމާ މެދު ބައެއް ޤައުމުތަކުން އުނގެނިފައި ތިބި މީހުން ދީން ބޭނުން ކޮށްގެން އެ ވަޒީފާ ތަކަށް އަންހެނުން އައުމަށް ހުރަސް އެޅުމަށް މަސައްކަތް ކުރެއެވެ. އެ މީހުންގެ އަންހެނުންނާއި މެދު އެއްވެސް ނަފްރަތެއް އޮވެގެންނެއް ނޫނެވެ. ތިން ހަތަރު މީހުންނާއި އެއްފަހަރާއި ކައިވެނި ކުރުމަކީ މައްސަލައެއް ނޫނެވެ. އަންހެނުންނާއި ރައްޓެހިވުމަކީ ވެސް މައްސަލަ އެއް ނޫނެވެ. ގެއިން ބޭރުގައި މަސައްކަތް ކޮށްގެން ނުވާނެ އެެވެ. ގޭގެތެރޭގައި ނޯކަރަކު ކުރާ މަސައްކަތަށް ވުރެ ވެސް ގިނަ މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. އަންހެނުން ވަކި ވަޒީފާ އެއް އަދާކުރުމަށް ދީނުގައި ކަނޑައެޅިގެން މަނާ ކޮށްފައި ނުވާ ކަމުގައި ވަނީ ނަމަ ހުރިހާ ވަޒީފާ އެއްގައި ވެސް އަންހެނުންނަށް މަސައްކަތް ކުރެވެން ވާނެ އެވެ. ފާއިތުވި ދުވަސްވަރުގައި ނިންމާފައި އޮތް ނިންމުން ތަކަށް ބަލައިގެން ކަމެއް ނިންމާ ނަމަ، މަންދިޤުގެ އުޞޫލުން ބަލާ ނަމަ އެފަދަ ނިންމުންތައް އަލުން ބަލާ މުރާޖަޢާ ކުރުމުގެ ފުރުޞަތު މިހާރު ވެސް އޮންނާނެ އެވެ. މޮޅެތި ސައިންސްވެރިން ކުރިން ހޯދާފައި ހުރި ކަންތައް ތަކުގައި ވެސް، އެ އެއްޗެއް ދެނެގަތުމުގައި، ނުވަތަ ތަރުޖަމާ ކުރުމުގައި، ރަނގަޅު ނޫން ބައެއް ހުރިކަން ފަހުގެ ސައިންސްވެރިންގެ ޒަމާނީ ހޯދުން ތަކުން ހާމަވެފައި އެބަހުއްޓެވެ.