Support Us

ގިނަ ވަގުތު ހޭދަކުރުމާއި ޢިބާރާތް ދިގުކުރުމަކީ އިންސާފުވެރިކަން ސާބިތުކޮށްދޭނެ ކަންކަމެއް ނޫނެވެ.

ގިނަ ވަގުތު ހޭދަކުރުމާއި ބޮޑެތި ލަފުޒު ބޭނުންކުރުމާއި ޖުމްލަ ގިނަކުރުމާއި ޢިބާރާތް ދިގުކުރުމަކީ އިންސާފުވެރިކަން ސާބިތުކޮށްދޭނެ ކަންކަމެއް ނޫނެވެ. ކަމެއްގެ އިންސާފުވެރިކަން ހާމަވާނީ އެ ކަމެއްގައި ދެއްކޭ ޢިލްމީ ހެކިތަކުގެ ބުރަދަނުގެ މައްޗަށެވެ. ބޭނުމެއް ނެތް ބޭކާރު ހާސަރުތައް އިތުރުކުރުން ވާނީ، ނުޙައްޤަކީ ޙައްޤުކަމަށް، ނާއިންސާފަކީ އިންސާފުކަމަށް ދޮގަކީ ތެދުކަމަށް، ބާޠިލަކީ ޙައްޤުކަމަށް މީހުންނަށް ދައްކާން ކުރެވޭ ބޭކާރު މަސައްކަތަކަށެވެ.

އަޅުގަނޑު މި އިޝާރާތްކުރަނީ މި ދިޔަ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ހައި ކޯޓުގައި ނިންމި އިސްތިޢުނާފުގެ މައްސަލައަށެވެ. މި މައްސަލައިގެ އަޑުއެހުންތައް ވަގުތުން ދުރަށް ނުދައްކައި ބޭއްވި އިރު، މައްސަލައިގެ ނިހާއީ ޙުކުމް އިއްވާން ބޭއްވި އަޑުއެހުން ވަގުތުން ދުރަށް ދައްކައިގެން ބޭއްވި މައްސަލައަށެވެ. އެއީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުށްވެރި ވެވަޑައިގަންނަވާ ކަމަށް ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިޢުނާފު ކުރެއްވުމުން އެކަމާ ގޮތެއް ނިންމަވާން ބޭއްވެވި އަޑުއެހުމެކެވެ.

އަޅުގަނޑަކީ ސިޔާސީ މީހަކަށް ނުވާއިރު، މި ކަމާ އެއްޗެއް ދަންނަވައިލާން އަޅުގަނޑު ބޭނުންވީ ކީއްވެގެންތޯ ބައެއް ބޭފުޅުން ސުވާލު އުފައްދަވައިފާނެއެވެ. އޭގެ ސަބަބު ދަންނަވައިލާނަމެވެ. އެއީ، ކުރުކޮށް ދަންނަވާނަމަ، އެ މައްސަލައިގައި ރައީސް ޔާމީން ތަޙައްމަލުކުރައްވަމުން ގެންދަވަނީ، އެ މަނިކުފާނު ނުކުރައްވާ ކުށަކަށް ކަނޑައެޅިފައިވާ ނުޙައްޤު އަނިޔާއެއްކަން އަޅުގަނޑަށް ސައްތައިންސައްތަ ޔަގީންވާތީއެވެ. މި ވާހަކަ ދަންނަވައިލުމަށް ޓަކައި، އިތުރު ތަފުޞީލު ބޭނުންފުޅުވާނެތީ ބައެއް ތަފްޞީލުތައް ދަންނަވައިލާނަމެވެ.

އަޅުގަނޑާ ރައީސް ޔާމީނާ އެންމެ ފުރަތަމަ ބައްދަލުވީ 2009 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އެ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި "ޑީއާރުޕީ ކޯލިޝަން"ގައި ހިމެނޭ "ޕީޕަލްސް އެލަޔަންސް" (ޕީއޭ)ގެ ޓިކެޓްގައި މާވަށު ދާއިރާއަށް ވާދަކުރުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވީމައެވެ. އަޅުގަނޑަކީ ޕީ.އޭގެ މެންބަރެއް ނޫންނަމަވެހެވެ. އަޅުގަނޑާ ގުޅުއްވައި، އެ ކަމަށް ދަޢުވަތު ދެއްވައި، އެ ކަމަށް ބާރު އެޅުއްވީ މިހާރު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ޙަވާލުވެވަޑައިގެން ހުންނެވި އިސްވާރު، އަދި ފޮނަދޫ ދާއިރާގެ މެންބަރުކަން 10 އަހަރު ކުރައްވައިފައިވާ ޢަބްދުއްރަޙީމް ޢަބްދުއްﷲ އެވެ. ޢަބްދުއްރަޙީމަކީ ވަރަށް ކުރީއްސުރެ އަޅުގަނޑުގެ އެކުވެރިއެއް ކަމަށް ވާތީ، އެ މަނިކުފާނު މެދުވެރިކުރައްވައި އަޅުގަނޑަށް އެކަން ހުށަހެޅުއްވީ އެ ދުވަސްވަރުގެ ޙާލަތަށް ބެއްލެވި އިރު، މާ ބޮޑު ޚަރަދެއް ނުކޮށް އެންމެ ފަސޭހައިން އިންތިޚާބު ކާމިޔާބުކުރެވޭނީ އަޅުގަނޑުގެ ނަން ހުށަހެޅިގެން ކަމަށް ރައީސް ޔާމީން ކުރެއްވި ދިރާސާތަކުން ފެނިވަޑައިގެންކަން ފަހުން އެނގުނެވެ.

ކޮންމެއަކަސް އަޅުގަނޑު އެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވުނެވެ. އަދި ރައީސް ޔާމީން ވެސް މުލަކު ދާއިރާއަށް އިންތިޚާބުވެވަޑައިގަތެވެ. ޢަބްދުއްރަޙީމް ވެސް އެ ފަހަރު ފޮނަދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގަތެވެ. ޕީޕަލްސް އެލަޔަންސްގެ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ކޮންމެ މެންބަރަކީ ޕާޓީގެ ކައުންސިލު މެންބަރަކަށް ވާތީ، ރައީސް ޔާމީންގެ ވަރަށް އަރިހުގައި މަސައްކަތްކުރާންޖެހުނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޑިއާރުޕީ ކޯލިޝަންގެ ޖޮއިންޓް ޕާލިއަމެންޓަރީ ގްރޫޕްގެ ލީޑަރެއްގެ ގޮތުން ރައީސް ޔާމީން މަސައްކަތްކުރައްވައިފައިވާތީ މަޖިލީހުގައި އަޅުގަނޑު އުޅުނު ދުވަސްވަރު، ވަރަށް ގިނަ ވަގުތު އެކީގައި ވަރަށް އަރިހުގައި އުޅެން ދިމާވިއެވެ.

ދެހާސް ނުވައެއްގެ ކުރީން ރައީސް ޔާމީނާ ދުވަހަކު ވެސް އަޅުގަނޑު ބައްދަލުވެފައި ނުވާއިރު، އެ މަނިކުފާނާ ބެހޭ ގޮތުން ތާފާތު ވާހަކަތައް އިވިފައިވާތީ އެ މަނިކުފާނަކީ އޭރު، އަޅުގަނޑު އެހާ މަޤުބޫލު ގޮތެއްގައި ބަލައި އުޅުނު ޝަޚުޞިއްޔަތެއް ނޫނެވެ. އެހެންކަމުން އެ މަނިކުފާނާ ވަރަށް އަރިހުގައި މަސައްކަތްކުރާން ޖެހުމުން، އަޅުގަނޑަށް ކުރީން އިވިފައި ހުރި ވާހަކަތައް ސާފުކުރާން އަޅުގަނޑު ސުވާލުކޮށް އެތައް ގޮތަކުން އެކަންކަން ދިރާސީ ނަޒަރަކުން އޮޅުންފިލުވީމެވެ. ރައީސް ޔާމީނާ ގުޅޭ ގޮތުން މީހުން ފަތުރައިފައި ހުރި ނޭދެވޭ ހުރިހާ ވާހަކަތަކަކީ، އެ މަނިކުފާނު ރާއްޖޭގައި ރައީސްކަން ކުރައްވައިފާނެ ކަމަށް ހީކުރެވޭ، ރާއްޖޭގެ ރައީސްކަމަށް އުންމީދު ކުރި "މީހަކު" އަމިއްލައަށް "އުފައްދައި" ފަތުރައިފައިވާ ވާހަކަތަކެއްކަން އަޅުގަނޑަށް އެތައް ގޮތަކުން ޔަގީންކުރެވުނެވެ. އެތައް ގޮތަކަށް ދިރާސާކުރީމެވެ. އަދި އަރިހުގައި މަސައްކަތްކުރާން ފުރުޞަތު ލިބުމުން އަޅުގަނޑުގެ މިޒާޖު ހުންނަ ގޮތުން ކަންކަން އޮޅުންފިލުވާންކުރި މަސައްކަތުން، އެ މަނިކުފާނަކީ ވަރަށް ޢިލްމީ، ވަރަށް ތަޖުރިބާކާރު، މޮޅު އަދި ވިސްނުންފުޅު ތޫނު ބޭފުޅެއްކަން އަޅުގަނޑަށް ސާބިތުވިއެވެ. އަދި ކުރީން އިވިފައިވާ ގޮތާ ޚިލާފަށް އެ މަނިކުފާނަކީ ވަރަށް ސާދާ އަދި ވަރަށް ސަމާސާވެރި، އެހެންމީހުންނަށް އަންދަރުދީ ވެވަޑައިގަންނަވާ ބޭފުޅެއްކަން ޝައްކެއް ނެތް މިންވަރަށް ތަޖުރިބާއިން ޔަގީންވެއެވެ. އަދި އަޅުގަނޑަކީ ވެސް ކަށަވެތި، ސާދާ ސީދާ މީހެއްކަން ރައީސް ޔާމީންނަށް ވެސް ޤަބޫލުފުޅުކުރެއްވުނު ހިނދު، މި އިތުބާރު ދެ ފަރާތުގެ މެދުގައި ޤާއިމުކުރެވުނެވެ. އެހެންކަމުން އަޅުގަނޑުގެ އެންމެ މަޤުބޫލު އިސްވާރަކީ އަދި ޝަޚުޞިއްޔަތަކީ ރައީސް ޔާމީންކަމަށްވިއެވެ. މިއަދު ވެސް އެއީ އަޅުގަނޑުގެ ފޭނެކެވެ. އަޅުގަނޑުގެ ފޭވަރިޓެވެ.

މި ކަންކަން މިހެން ހުއްޓައި އެ މަނިކުފާނަށް ރާއްޖޭގެ ރައީސްކަން ލިބިވަޑައިގަތުމުން ވެސް އެ އިތުބާރު އެ ގޮތުގައި ދެމިއޮތެވެ. މަޤާމަށް އަންނަ ބަދަލަކުން މިޒާޖަށް ބަދަލު ނާންނަ މަދު އިންސާނުންގެ ތެރޭގައި ވެސް އެ މަނިކުފާނު ހިމެނިވަޑައިގަނެއެވެ. އެހެންވީމާ އަޅުގަނޑަށް ފެންނަ ކޮންމެ އެއްޗެއް ރައީސްކަން ލިބިވަޑައިގަތީމާ ވެސް ހަމަ ކޮންމެ ދުވަހަކުވެސް އެ މަނިކުފާނަށް (އަނގަބަހުން ދެންނެވެން ނެތް ނަމަ، މެސެޖުން ނަމަވެސް) ދަންނަވަމުން ގެންދިޔައީމެވެ. އަދި ހަމަ ކޮންމެ މެސެޖަކަށް ޖަވާބުދެއްވައި ވެސް މެއެވެ. އެހެންކަމުން އެ މަނިކުފާނާ ބެހޭ ގޮތުން ވާހަކައެއް ދެކެވޭ ނަމަ ވެސް އެ ކަން ދުވަހުން ދުވަހަށް އޮޅުންފިލުވަމުން ގެންދިޔައީމެވެ. މިހާރު އެ މަނިކުފާނު މިހާރު ނުޙައްޤުން ޖަލަށް ލެވިފައިވާ މައްސަލައަކީ އެ މަނިކުފާނު ކުށެއް ކުރައްވައިގެން ތަޙައްމަލުކުރައްވާންޖެހޭ ކަމެއް ނޫންކަން މާކުރީއްސުރެ، އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އޮތީ ޔަގީންވެފައެވެ.

ޕާޓީގެ ޙަރަކާތްތަކަށް އެއްކޮށްފައި ހުންނަ ހުރިހައި ފައިސާއެއް ބަލަހައްޓަވާން އޭރު ޙަވާލުކުރެވިފައި ވަނީ އެމަނިކުފާނުގެ އިތުބާރު ހޯއްދަވައިފައިވާ (އިޤްތިޞާދީ ދާއިރާގެ ތަޢުލީމު ޙާޞިލުކުރައްވައިފައިވާ) އަޙުމަދު އަދީބު ޢަބްދުލްޣަފޫރާއެވެ. މިކަން އެކި ޓީވީތަކުގައި އަދީބު ވެސް ވަނީ ބަޔާންކުރައްވައިފައެވެ. އޭނާގެ ބޮލަށް ޝައިޠާނު ވަދެ، ރައީސް ޔާމީން އަވަހާރަކޮށްލައިގެން ވެސް ރައީސްކަން ހޯދާން ނިންމައި "ފިނިފެންމާ" (ލާންޗު)ގައި ބޮމެއް ގޮއްވައިލި ހިސާބުން ދެ ފަރާތުގެ ގުޅުން ކެނޑި އެ ފައިސާ އަނބުރައި ދޭން އެންގުމުން އެހެން ބަޔަކު މެދުވެރިކޮށްގެން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަންޑޮލަރު ޖަމާކުރެއްވީއެވެ.

ކޮންމެއަކަސް މި ފައިސާއަކީ ކުށްކޮށްގެން ހޯދައިފައިވާ ފައިސާކަމަށް ޝައްކުކުރެވުނު ހިނދު މި މައްސަލަ ބައްލަވައިދެއްވާން ކަމާ ބެހޭ އިދާރާއަށް އިސްވެ އެންގެވީ ވެސް ރައީސް ޔާމީން ކަމަށް ވާތީ މި ކަމުގައި ރައީސް ޔާމީންގެ ނިޔަތް ރަނގަޅުކަން ސާފުވެއެވެ. އަދި ދައުލަތަށް އެއް މިލިޔަސް ޑޮލަރު ގެއްލި ދާނެ ކަމުގެ ފުރުޞަތު އޮތްކަމަށް ބަލައި، ރައީސް ޔާމީނަށް އަތްޕުޅުނުލެއްވޭ (އެސްކްރޯ) އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމުން މި ކަމުގައި ދައުލަތަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތްކަން ސާބިތުވެއެވެ. އަދި މި އެކައުންޓަށް ޖަމާކުރީ އެހެން ފައިސާއެއް ކަމަށް ދައުލަތުގެ ފަރާތުން ދައްކަވައިފައިވާ ވާހަކައަކީ ތާކުންތާކު ނުޖެހޭ ހެއްވާ ވާހަކައެކެވެ. އެހެނީ އެއްވެސް މީހަކު ޗެކަކުން ބެންކަކަށް ފައިސާއެއް ޖަމާކުރުމުން، ދެން އެ ޗެކް އެހެން ބޭންކަކަށް ޖަމާކުރުމަކީ މުސްތަޙީލު ކަމެކެވެ. އަދި ބޭންކަކަށް ޖަމާކުރާ ފައިސާ ނަގާއިރު އޭނާ ޖަމާކުރި ނޫޓުތައް އަނބުރައި ނުލިބޭނެތީ، އަދި އެއީ މުސްތަޙީލުކަމަށް ވާތީ އަބަދުވެސް ފައިސާގެ މުޢާމަލާތުގައި ބަލަނީ ޢަދަދުކަން އެނގެން އޮވެއެވެ. ވީމާ މިއީ އެއް ވެސް ބުރަދަނެއް ނެތް ހެއްވާ ވާހަކައެއްކަން ސާބިތުވެއެވެ.

އަދި މި މައްސަލައިގައި ތަޙުޤީޤު ހިންގައިފައިވަނީ ދައުލަތުގެ އިދާރާއަކަށް ދޮގު ހެކި ދިނުމުގެ ކުށަކަށް ކަމަށް ވެފައި ދަޢުވާކުރީ އެހެން ކަމަކަށް ކަމަށް ވާތީ، ކުރި ތަޙުޤީޤާ ކުރި ދަޢުވާއާ ދިމާ ނުވާތީއާއި، މުޅި މައްސަލައިގައި ކަން ހިނގައިފައިވާ ގޮތާއި ޙުކުމާ ދިމާ ނުވާކަން ވަރަށް ބޮޑަށް ސާފުވެއެވެ.

އަނެއްކޮޅުން ބަލާއިރު، ސަރުކާރުގެ "ރަސްމީ" ހެކިންގެ ގޮތުގައި ހުށަހަޅައި، ހެކި ބަލައިގެންފައިވާ ދެ މީހުންނަކީ ޢަދުލުވެރިކަން ގެއްލިފައިވާ ދެ މީހުން ކަމަށް ވާތީ އެ ދެ މީހުންގެ ހެކިބަހަކީ ޢަދުލުވެރި ހެތްކެއްކަމަށް ބެލޭނެ އެއްވެސް ހަމައެއް އިސްލާމީ ފިޤުހުގައި އަދި ވަޟޫޢީ ޤާނޫނުގައި ވެސް ފެންނާކަށް ނެތެވެ. ބައެއް ޟަރޫރަތްތަކަށް ޓަކައި މިފަދަ މީހުންގެ ހެކި ބަސް ބަލައިގަތުމުގެ މަދު ޙާލަތެއް މި މައްސަލައިގައި ނެތްކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެނީ މި މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރު އެހެރީ ސަރުކާރުން ބޭނުންވެއްޖެ ނަމަ ނެގޭ ގޮތަށް ވަކި އެކައުންޓެއްގައެވެ. ވީމާ ދައުލަތަށް ލިބިދާނެ ގެއްލުމަށް ޓަކައި ވެސް މި ފަދަ ހެތްކެއް ބޭނުންކުރުމުގެ ޙާލަތެއް ވުޖޫދުގައެއް ނެތެވެ.

މި މައްސައިގައި ކްރިމިނަލް ކޯޓްގައި ފައިޞަލާކުރި ޤަޟިއްޔާ ބަލައިގަނެ ހިންގައިފައިވަނީ އުޞޫލުތަކާ ޚިލާފަށްކަން އެނގޭނެ ކިތަންމެ ހެތްކެއް އެބަހުއްޓެވެ. އަދި މި މައްސަލައިގެ ތެރެއަށް ސަރުކާރުގެ ބާރާއި ނުފޫޒު ފޯރުވައިފައިވާ މިންވަރު ވަރަށް ސާފުކޮށް ފެންނާން އެބަ އޮތެވެ. ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްވެބި ބައެއް ބޭފުޅުން ކުރައްވައި ފަހުން ޑިލީޓްކުރެއްވި ޓްވީޓާއި، މައްސަލަ ފުރަތަމަ ބެއްލެވި ޤާޟީ މަޤާމުން އެއްފަރާތް ކުރެއްވި ގޮތާއި މި މައްސަލައިގައި ފަހުން ހަމައެކަނި ޙުކުމް "އިއްވި" ޤާޟީ، ކުރީގެ އާދަކާދައާ ޚިލާފަށް ޑަބަލް ޕްރޮމޯޝަނަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޢައްޔަން ކުރެއްވި ގޮތާއި، މި މައްސަލައިގެ އިސްތިޢުނާފު ހިނގަމުން ދަނިކޮށް މައްސަލަ ބެއްލެވި ހައި ކޯޓުގެ އެއް ޤާޟީ މަޤާމުން "ދުރުކުރެއްވި" ގޮތާއި، "ހެކީން"ނަށް ލުއިދެއްވި ގޮތާއި، "ރަސްމީ ހެކީން"ނާއެކު ސަރުކާރުން ހެދި އެއްބަސްވުމާއި ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އެތައް ޙައްޤަކުން މި މައްސަލައިގައި ރައީސް ޔާމީން މަޙުރޫމުކޮށްފައިވާ ގޮތާއި، އިސްތިޢުނާފީ މަރުޙަލާގައި އެއް ފަނޑިޔާރު (ޝަހީދު) ދެއްވި ރައުޔާއި މިފަދަ އެތައް ސަބަބުތަކަކާ ހުރެ، ރައީސް ޔާމީނަށް މިހާރު ލިބިވަޑައިގަންނަވަމުންދަނީ ނިޔާއެއް ނޫންކަމާއި އެއީ އަނިޔާއެއް ކަމަށް ޝައްކެއް ނެތް މިންވަރަށް ޔަގީންވެއެވެ. މި ވާހަކަތަކަކީ މީހަކު އިތުރަށް ތަފުޞީލުކޮށްދޭން ޖެހޭ ވަރަށް ވުރެ، ގިނައިން ދެކެވި ޢާންމުވެފައިވާ ވާހަކަތަކެއް ކަމަށް ވާތީ މި ވާހަކަތައް އިތުރަށް މި މަޤާމުގައި ތަކުރާރުކުރާކަށް ނެތީމެވެ. އެއީ ރާއްޖޭގެ ގިނަ ބަޔަކު ޤަބޫލުކުރާ ހަގީގަތްތަކެކެވެ. މިހެން ދަންނަވާއިރު ވެސް ފަނޑިޔާރުންގެ ނިހާއީ ނިންމުމަކީ ތަންފީޒުކުރެވޭނެ، އަދި ޢަމަލުކުރާންޖެހޭނެ ނިންމުމެއް ކަމަށް ވެސް ޤަބޫލުކުރަމެވެ. ނަމަވެސް ފަނޑިޔާރު ޝަހީދުގެ ރައުޔަކީ، ޝަރީޢަތާއި ޤާނޫނު ކިޔަވާ ދަރިވަރުން ދިރާސާކޮށްލާން ރަނގަޅު އިލްމީ ޙުއްޖަތްތަކެއްކަމާ މެދަކު ޝައްކެއް ނެތެވެ.

މި ވާހަކަ އަޅުގަނޑު މި ލިޔުނީ އަޅުގަނޑަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެއްވެސް ފައިދާއެއް ލިބިފައިވާ މީހަކަށް ވާތީއެއް ނޫނެވެ. އެ މަނިކުފާނުގެ ސަރުކާރުގައި އަޅުގަނޑު އެއްވެސް ވަޒީފާއެއް އަދާކޮށްފައެއް ވެސް ނުވާނެއެވެ. އަދި އަޅުގަނޑުގެ ދަރިއަކަށް ނުވަތަ ތިމާގެ މީހަކަށް ވެސް އެ މަނިކުފާނުގެ ސަރުކާރުގައި ވަޒީފާއެއް ލިބިފައެއް ވެސް ނޯންނާނެއެވެ. އަޅުގަނޑު މަޖިލީހުގެ މެންބަރަކަށް ހުރި އިރުވެސްމެއެވެ. އެފަދަ ކަމަށް ނުވެސް އެދެންމެއެވެ. އެއީ އަޅުގަނޑުގެ ގޮތެއް ނޫނެވެ. އަދި އަޅުގަނޑަށް އެއްވެސް ޖާއިޒު ނުވަތަ ނާޖާއިޒު ފައިދާއެއް ވެސް ހޯދައިފައެއް ނޯންނާނެއެވެ. ހަމަ އެއްވެސް މީހެއްގެ ފުށުން ވިޔަސްވެހެވެ. ތިޔަ ހީފުޅުކުރެއްވީ ރަނގަޅަކަށް ނޫނެވެ. އަޑުގަނޑު އެންމެ ފަހުން ހުރި މަޤާމަކީ ސަރުކާރުގެ މަޤާމެއް ނޫނެވެ. އެއީ ދައުލަތުގެ މަޤާމެކެވެ. މި މަޤާމު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ފެށުނު ފަހުން ވެސް އަށެއްކަ މަސް ވަންދެން އަޅުގަނޑު ފުރައިފައިވާނެއެވެ.

އަޅުގަނޑު މި ވާހަކަ ލިޔެލާން ބޭނުންވީ، އަޅުގަނޑުކުރި ހުރިހާ ދިރާސާއަކުން ވެސް މި ރާއްޖޭގައި ހުންނެވި، މަވެތި ކަމެއް ނެތި ހަމައެކަނި ޤައުމުދެކެ ލޯބިވެވަޑައިގަތް ތަޞައްވުރީ އިސްވާރަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަން އަޅުގަނޑަށް ޔަގީންވާތީ މި ކަމުގައި އަޅުގަނޑަށް ފެންނަ އެއްޗެއް ހާމަނުކޮށް ހުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރި ކަމަށް ނުވީތީއެވެ. އަޅުގަނޑަކީ ސިޔާސީ މީހަކަށް ނުވާތީ ސިޔާސީ ކޮށިގަނޑުތަކުގައި ވާހަކަދެއްކުމުގެ ފުރުޞަތު އަޅުގަނޑަށް ނުލިބޭތީ ލިޔުމުން އަޅުގަނޑުގެ ޚިޔާލު ހުށަހަޅައިލާން ބޭނުންވީއެވެ.

ދިވެހިރާއްޖެ އަބަދު ވެސް އޮންނާންވާނީ ނިކަމެތި ކަމާއެކު އެހެން ޤައުމެއްގެ އުނގުގައިކަމަށް ރައީސް ޔާމީން ފިޔަވައި އެހެން ހުރިހައި އިސްވާރުން ވެސް ޤަބޫލުކުރެއްވިޔަސް ރައީސް ޔާމީނަކީ މި ރާއްޖެއަކީ މި ސަރަހައްދުގެ އެންމެ ކުރީގައި އޮންނާން ޖެހޭނެ، ވަކި ބަޔަކަށް ބަރޯސާ ނުވެ، ސިޔާދަތާއި އިސްތިޤުލާލާއި މިނިވަންކަމާއެކު އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ ފުރިހަމަ ބާރު އޮންނާންޖެހޭނެ ގައުމެއްކަމަށް ޤަބޫލުކުރެއްވި ވެރިއެކެވެ. ރައީސް ޔާމީނަށް އަޅުގަނޑު އިޙުތިރާމްކުރަނީ މި ފަދަ ސަބަބުތަކާހުރެއެވެ. މި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އޮތުމުގެ ޙައްޤު އަބަދު ވެސް އޮންނާންޖެހޭނެ ގައުމެއް ކަމަށް ވަކާލާތު ކުރެއްވި ވެރިއަކަށް ވާތީއެވެ. އެ މަނިކުފާނު ޖަލުގައި އޮންނަވަން އެ ޖެހިވަޑައިގަންނަވާ އަޞްލު ސަބަބަކީ ވެސް މިއީއެވެ. މިހާ ކުޑަކުޑަ ޤައުމެއް ކުރިއަރައިގެން އަންނަ ތަން ބަލަން ބިޔަ ބޮޑު ޤައުމަކަށް ކެތްނުވީތީއެވެ. އަދި މެކުނު ފުމުނަސް ގާހަކައަށް ނުފުމެވޭނެކަން މަވެތި އިސްވާރުންނަށް ވިސްނޭތީވެސްމެއެވެ.

މިއަދު ދިވެހިރާއްޖެއަކީ މުސްތަޤިއްލު ޤައުމެއްކަމަށް ބުނެވޭނެ އެއްވެސް ހަމައެއް ނެތެވެ. ރާއްޖޭގެ ކަނޑުއަޑިއާއި ޖައްވާއި ސަރަހައްދު ކޮންޓްރޯލް ކުރަނީ އެހެން ޤައުމަކުންނެވެ. ރާއްޖޭގެ މާލީ ސިއްރުތައް އޮތީ އެހެން ޤައުމެއްގެ މުށުތެރޭގައެވެ. ރާއްޖޭގައި ވަކި ޤައުމެއްގެ ބަޔަކު ކުށެއް ކުރިޔަސް ބެލޭނެ ގޮތެއް ނެތެވެ. ރާއްޖޭގައި ޢަސްކަރީ ޙަރަކާތްތައް ހިންގާ އެހެން ޤައުމުތަކުގެ ސިފައިންގެ ޢަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރައްވާ ޚަރަދު ރައްޔިތުންނަށް ހާމަކޮށްލުމުގެ އިޚުތިޔާރެއް ވެސް މި ދައުލަތަކަށް ނެތެވެ. މި ކަން އެނގުމުގެ ޙައްޤު، ޤާނޫނުގައި ލިޔެ ޤަރާރުވެފައި ވިޔަސް އެ ޙައްޤު ދިވެހި ރައްޔިތަކަށް ވެސް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް މި ގޮތްގޮތް ވަރިހަމަ ކޮށްލައިގެން ތުންފަތްޕުޅު ބައްދަވައިގެން ތިއްބަވަނީ މަވެތި އިސްވާރުންނެވެ. އަމިއްލަ އެދުމާހުރެ "ނަގޫ ފިތިފައި" ވާތީއެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ މި ކަންކަން ގަބޫލުކުރައްވާނެ އިސްވާރެއް ނޫނެވެ. އެއީ ޤައުމު ދެކެ ލޯބިފުޅުވާ، އިޚުލާޞްތެރި ތަޞައްވުރީ އިސްވާރެކެވެ. ރައީސް ޔާމީނަށް އަޅުގަނޑު ޤަދަރުކުރަނީ މި ސަބަބުތަކަށް ޓަކައެވެ. އެ މަނިކުފާނަށް ނުޙައްޤުން ދެވޭ އަނިޔާއާ ދެކޮޅުވެވެނީ މި ސަބަބުތަކާހުރެއެވެ. އަޅުގަނޑަކީ ވެސް މި އަސާސްތައް ޤަބޫލުކުރާ މީހަކަށް ވާތީއެވެ.

ވީމާ ފަސް ހަގަޑިއިރު، ހޭދަކޮށްގެން ދިގު ޢިބާރާތްތަކެއް އިއްވިޔަސް ރައީސް ޔާމީނަކީ އެ މައްސަލައިގައި ކުށްވެރިއެއް ކަމަކަށް އަޅުގަނޑުގެ ޒަމީރު ދުވަހަކު ވެސް ގަބޫލެއް ނުކުރާނެއެވެ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތަޢައްޞުބެއް ޙަސަދައެއް ނެތް، އެއްވެސް މީހަކު ވެސް އެކަމެއް ގަބޫލެއް ނުކުރާނެމެއެވެ. ހަގީގަތުގައި ރައީސް ޔާމީނަށް ޙަސަދަވެރިވާނީ، އެ މަނިކުފާނު ނުކުރައްވާ ކުށަކަށް ނުޙައްޤުން އަދަބު ދޭނީ ޤައުމީ ފިކުރެއް ނެތް، މަވެތިކަން އިސްކުރާ އިސްވާރުންނެވެ.

ނަމަވެސް ރައީސް ޔާމީނަކީ ޤައުމީ ފިކުރާއި ތަޞައްވުރީ ވިސްނުންފުޅު، އަމިއްލަ އެދުމަށް ޓަކައި ޤުރުބާންކުރައްވާނެ ބޭފުޅެއް ނޫންކަން އަޅުގަނޑަށް ޔަގީނެވެ. އަނިޔާވެރި ކަމުގައި މުޅި ޢުމުރުފުޅު ހޭދަކުރައްވާން ޖެހިވަޑައިގަތަސް ރައީސް ޔާމީންގެ އިޢުތިޤާދަކަށް ގުޑުމެއް ނާރާނެއެވެ. އެއީ ތަފާތު ބޭފުޅެކެވެ. އަޅުގަނޑު ތަފާތު ގޮތްގޮތުން ވަކަރު ޖަހައިފައިވާ ހަރުދަނާ އިސްވާރެކެވެ. އަޅުގަނޑުގެ ލޯތްބާއި އިޙުތިރާމް އެ މަނިކުފާނަށް ވަޤުފުކުރަނީ މީހަކު ބުނި ބުނުމަކަށް ނޫނެވެ. އަޅުގަނޑަށް އެ މަނިކުފާނު ރަނގަޅަށް ދަސްވެފައިވާތީއެވެ. މި ކަން، މަވެތި އިސްވާރުންނަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް، ރައީސް ޔާމީން ހުރަގޭގައި ގައިދުކޮށްގެން ތިމާއަށް ނުވަތަ ތިމާގެ ދަރިއަކަށް ނުވަތަ ތިމާގެ ޕާޓީ މީހަކަށް ރައީސްކަން ލިބިދޭނެކަމަށް އުންމީދުކުރާ މީހުން އެ ކުރަނީ ކުށް ހީއެކޭ ދަންނަވައިލާން ބޭނުންވެއެވެ. ތިމަތިމާމެން ކުރާ ތަދުބީރަކުން މަޢުޞޫމު އިންސާނަކަށް އަނިޔާކޮށްގެން ތަޤުދީރު ބަދަލެއް ނުކުރެވޭނެކަން އެ ފަދަ ބޭފުޅުން ހަނދުމަފުޅު ބަހައްޓަވާން ވާނެއެވެ.

އާދޭހެވެ! ރައީސް ޔާމީނަކީ ތަފާތު ބޭފުޅެކެވެ. މިއިން ޒަމާނަކު ވެސް އޭޝިއާއިން ނުފެންނާނެ ފަދަ އާދަޔާ ޚިލާފު އިޤްތިޞާދީ މާހިރެކެވެ. ހިތްވަރުފުޅުގަދަ ތަޞައްވުރީ އިސްވާރެކެވެ. އެ މަނިކުފާނަށް ދެވޭ އަނިޔާއަކުން އެ މަނިކުފާނުގެ އަޒުމާއި ފަލްސަފާ ބަދަލެއް ނުވާނެއެވެ. އަދި އެ މަނިކުފާނަށް ލޯބިކުރާ މީހުންގެ ހިތްތަކުން އެ ލޯބި ފަނޑެއް ވެސް ނުވާނެއެވެ. އެއީ، ކިތަންމެ ގިނަ ވަގުތެއް ހޭދަކޮށްގެން ދިގު ޢިބާރާތްތަކަކުން އިއްވާ ބަޔާނަކުން ބަދަލުވާނެ އެއްޗެއް ނޫނެވެ. އަދި ބަޔާން އިއްވާން ހުށަހަޅާ ހުށަހެޅުން ދިގުވުމަކީ، އެ ކަމުގައި ގިނަ ވަގުތު ހޭދަވުމަކީ އެ ބަޔާނެއްގެ ޞައްޙަކަން ރައްޔިތުން ގަބޫލުކުރާނެ ކަމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި ރައީސް ޔާމީންގެ ހިތްވަރުފުޅު ވާނީ ވަރުގަދައެވެ. ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނަށް އަރުވާ ޤަދަރު ވާނީ އިތުރެވެ. އެ މަނިކުފާނާއި އެ މަނިކުފާނު ދެކެ ލޯބިވާ ރައްޔިތުންގެ އިޢުތިޤާދަކީ ލަހުން ނަމަވެސް އެކަމަކު ހަމަ ކަށަވަރުން ވެސް ޙައްޤު ފާޅުވާނޭ ކަމެވެ. ބާޠިލު ނެތިދާނެ ކަމެވެ. މުސްލިމުންގެ އިޢުތިޤާދަކީ މިއީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
821

One Response

  1. މިލިޔުމުގައި ލިޔުންތެރިޔާ ވިދާޅުވެފައިވާ އެއްވާހަކައަކަށް އެއްބަސް ނުވެވޭތީ އެވާހަކަ ދަންނަވާލާނަމެވެ. "ރައީސް ޔާމީނަކީ އެ މައްސަލައިގައި ކުށްވެރިއެއް ކަމަކަށް ތަޢައްޞުބެއް ޙަސަދައެއް ނެތް، އެއްވެސް މީހަކު ގަބޫލެއް ނުކުރާނެމެއެވެ." މި ޢިބަރާތެވެ. އަޅުގަނޑު ދަންނަވާނީ ޔާމީނާމެދު ތަޢައްސުބާ ޙަސަދަ ހުރި މީހުންގެ ތެރެއިން އަޅުގަނޑު ދަންނަ ޝަރުޢީ އަދި ޤާނޫނީ ޢިލްމީ ވަރަށްގިނަ ބޭފުޅުންވެސް ޔާމީނަށް އިއްވާފައިވާ ޙުކުމަކީ ޤާނޫނާއި ޝަރީޢަތާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ޤަބޫލުކުރެއެވެ. ދިވެހިރާއްޖެއާއި ބޭރު ދުނިޔޭގައި ހުރި ޤާނޫނުތަކާއި އިސްލާމީ ފިޤުހީ ހަމަތަކުން ބަލާއިރުވެސް ޔާމީނަކީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ މީހެއްކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް ސާބިތުނުވިޔަސް "ލަކުޑިގަނޑު މާވަޑިޔާ ހިތެކޭ – ނިޔާ ފަނޑިޔާރާ ހިތެކޭ" ބުނާ ބީދައިން މިވަނީ ޙުކުމްކޮށްގެން ޙުކުމް ދަމަހައްޓާފައެވެ. "ލަކުޑިގަނޑު މާވަޑިޔާ ހިތެކޭ – ނިޔާ ފަނޑިޔާރާ ހިތެކޭ"މިއީ އަޅުގަނޑުމެންނަށް ތަނެއްދޮރެއް ދޮރާއްޓެއް ނޭނގޭޒަމާނުގެ ފޯމިއުލާއެކެވެ. އެންމެނަށް ތަންދޮރު އެނގުނީމާ ޤާނޫނީ ޝަރުޢީ ހުއްޖަތް ދައްކައި އެންމެނަށް ފެންނާނޭ ބީދައިން ނިޔާ ކަނޑައަޅާން ޖެހެއެވެ. ވީމާ ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން އަދު ޤަބޫލުކުރަނީ ޔާމީނަށް އިއްވި އަނިޔާއާއި އެއަނިޔާ ދެމެހެއްުމަކީ ގާޒީންނަށް އޮތް މަޖުބޫރީ ޙާލަތު ބޮޑުވުމުން ދީނަކަށް އާޚިރަތަކަށް ބެލުމެއްނެތި ދުނިޔެއަށްޓަކައި އެ ޤާޒީން އިއްވި އަނިޔާގެ ޙުކުމެއް ކަމަުގައެވެ. ދެމެހެއްޓި އަނިޔާގެ ޙުކުމެއް ކަމުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *