Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

މުންދުގެ ކޮލަމް: ނުފޯރާ ފޮތިން ފޫގެޅުން ހުއްޓާލަންވެއްޖެ – 1

ސަރުކާރޭ ބުނުމުން ހިތަށް އަރަނީ ކީކޭތޯއެވެ؟ އެއީ ވެރިކަންކުރަން ހުންނަ މީހަކާއި އޭނާގެ ގާތް މީހުންތޯއެވެ؟ އޮފީސް އޮފީހުގެ ގޮތުގައި ބޭނުންކުރެވޭ އިމާރާތްތައްތޯއެވެ؟ ނުވަތަ، އެކި ކަންކަމުގައި އެކި ނަންނަމުގައި ހުންނަ މުއައްސަސާތައްތޯއެވެ؟ އެހެން ނޫންނަމަ، ސަރުކާރަކީ ދިރިއުޅުމުގެ ވަރަށްގިނަ ކަންކަމުގައި (ތިމާ ހިތް އެދުނަސް ނުވަތަ ނޫނަސް) ޙިއްޞާވާ، ގޮތް ނޭނގޭ، އަތުން ނުހިފޭ، ނުވަތަ ފެންނަން ނުހުންނަ، ކޮންމެވެސް މާބޮޑު ބާރެއްތޯއެވެ؟ މިއީ މިއަދު ދިވެހިން ހިތާހިތާ ކޮށްލުން މުހިންމު ސުވާލަކަށް ވެއްޖެއެވެ.

މިނިވަން ދިވެހިރާއްޖޭގައި ފެށުނީއްސުރެ ސަރުކާރަކީ ރައްޔިތުންގެ ބެލެނިވެރި ފަރާތެވެ. ނަވާރަ ސަތޭކަ ފަސްދޮޅަށް ފަހަކުން ފެށިގެން ރައީސް މައުމޫންގެ ވެރިކަމުގެ މެދާ ހަމައަށް އައިއިރު، ބެލެނިވެރި ސަރުކާރެއް އޮތުން ވަރަށްވެސް ބުއްދިވެރިއެވެ. އެހެނީ އެއިރު މިރާއްޖެއަކީ ދުނިޔޭގެ އެންމެ ނިކަމެތި، ފަޤީރު އަދި ކުޑަ އެއް ޤައުމު ވިއްޔާއެވެ. އާބާދީގެ ނިސްބަތުން ހޭލުންތެރިކަން ކުޑަވެފައި، ކަންކަމަށް ހޭލުންތެރިކަންވެސް ކުޑަވީއިރު، ތަޢްލީމާއި ތަހުޒީބުގެ ގޮތުން އެދުވަސްވަރު ރައްޔިތުން ތިބީ ބަވަނަވަމުންއައި ދުނިޔެއަށް އެހާ ރޯފިލާ، ތައްޔާރުވެފައެއްނޫނެވެ.

ބެލެނިވެރިއަކު ތުއްތު ދަރިއަކަށް އަޅާލަންޖެހޭ ފަދައިން، އެފަދަ ފައްތަރެއްގައި އޮންނަ ޤައުމެއްގައި ސަރުކާރުގެ އަޅާލުމާއި އޯގާތެރިކަން އޮތީ މުހިންމުވެފައެވެ. މަގުދެއްކުމާއި ކުރއަށްދާންވީ މިސްރާބު އޮޅުންފިލުވައިދިނުން އޮތީ ރައްޔިތުންނަށް ބޭނުންތެރިވެފައެވެ. އެހެންކަމުން، އެއިރުގެ ޙާލަތަށް ބަލާއިރު، ސަރުކާރަކީ ވަރަށްވެސް ފުޅާ އަދި އެހާމެ 'ބޮޑު' އެއްޗަކަށް ވުން އޮތީ ލާޒިމުވެފައެވެ.

ޒަމާން ބަދަލުވެއްޖެއެވެ. ޙާލަތު ބަދަލުވެއްޖެއެވެ. ހޭލުންތެރިކަމުގެ މިންވަރުވެސް ބަދަލުވެއްޖެއެވެ. މިއަދު، މިރާއްޖޭގައި ތިބި އެންމެ ތަޢްލީމީ، ޤާބިލު، ރޯފިލާފައިވާ މީހުން ތިބީ ސަރުކާރުގައިކަމަށް ދެންނެވޭކަށްވެސް ނެތެވެ. އެހެންކަމުން، އުފެދޭ ސުވާލަކީ މިއަދު މުޅި އާބާދީގެ މައްޗަށް އިހުއޮތް މިންވަރަށް ބާރާއި ނުފޫޒު ފޯރުވާ ސަރުކާރެއް އޮތުން އެކަށޭނަތޯއެވެ؟ ބުއްދިވެރިތޯއެވެ؟ ޖާއިޒުތޯއެވެ؟ އަދި، މުނާސަބުތޯވެސްމެއެވެ؟

އެއިރު ޤާއިމުކުރެވުނު، ހަތަރެސްފަރާތަށް ފެތުރިފައިވާ ސަރުކާރުގެ ތައްގަނޑު އަދިވެސް މިއޮތީއެވެ. ސަރުކާރަކީ، މިއަދުވެސް، މިރާއްޖޭގައި މާސިންގާ ބާރުތަކެއް ދެވިފައި އޮންނަ ފަރާތެވެ. ބެލެނިވެރިކަން ލިބިފައި އޮންނަ ފަރާތެވެ. 'ދަރިން’ގެ ޤާބިލިއްޔަތާއި ހޭލުންތެރިކަން، ބެލެނިވެރިޔާއާ އަޅާބަލާއިރު މިއަދު މިއޮތީ މާބޮޑުތަނުންވެސް ކުރިއަރާފައެވެ. އެކަމަކު، ނިޒާމުގައި ސަރުކާރު މާނަކުރެވި ބައްޓަންކުރެވޭ ގޮތަށް މި މުއްދަތުގައި، ރައްޔިތުންނަށް އައި ބަދަލަށް ރިއާޔަތްކޮށް، ހެޔޮގޮތުގައި ބަދަލުކުރެވިފައެއް ނުވެއެވެ.

މިއަދު، މި ދިވެހިރާއްޖެއަކީ، ދުނިޔޭގެ ނިސްބަތުންވެސް، 'ބޮޑު' ސަރުކާރެއް އޮންނަ މިސާލު ޤައުމެކެވެ. ރާއްޖޭގައި ޤާއިމުވެފައި މިއޮންނަނީ 'އިންޓަރވެންޝަނިސްޓް' ނުވަތަ ހުރިހާ ކަމަކާ ބެހޭ، ގޮތް ފާޑުކިޔާ އަދި ނުފޫޒު ފޯރުވާ ބާވަތުގެ ސަރުކާރެކެވެ. އަދި، އެންމެ މޮޅަށް، ރަނގަޅަށް ކަންކަން އެނގޭނީ ސަރުކާރަށް ކަމަށް ޤަބޫލުކޮށް، އަދި ރައްޔިތުންނަށް އެންމެ މޮޅު އިތުރު ގޮތަކީވެސް ސަރުކާރު ހިންގަން ތިބޭ ބަޔަކަށް އެކަނި އެނގޭ އެއްޗެއްކަމަށް އެކަށައަޅާފައެވެ. ރައްޔިތުންގެ އިޖްތިމާއީ އަދި ފަރުދީ އުޅުމާއި ގުޅުންވެސް ބައްޓަންކުރަންވާ ގޮތް ދަންނަ ފަރާތަކީ ސަރުކާރުކަމުގައި ލިޔެވިފައެވެ.

މި ހިސާބުން، ސަރުކާރެއްގެ ބޭނުމަކީ ކޮބައިތޯ އެބަ ސުވާލުކޮށްލަންޖެހެއެވެ. އެއީ ރައްޔިތުންނަށް ޚިދްމަތް ދިނުންތޯއެވެ؟ ހިންގުމުގެ އިންތަކާއި މިންތައް ކަނޑައެޅުންތޯއެވެ؟ ޤާނޫނީ ޙުކޫމަތު ތަންފީޒުކުރާ ފަރާތްތޯއެވެ؟ ނުވަތަ ބައިތުލްމާލު އެއްކޮށް، ބަހާނެ އުޞޫލުތަކެއް ކަނޑައަޅާ ފަރާތެއްތޯއެވެ؟ މިކަންކަމާ ވިސްނާ ފިކުރު ހިންގަން އެބަޖެހެއެވެ. އަދި، ދުނިޔޭގެ އެންމެހާ ހިސާބުތަކުގައި ސަރުކާރުތައް އަތުރާލެވި، ބައްޓަންކުރެވިފައި އޮންނަނީ ދިވެހިރާއްޖޭގައި މިއޮންނަ ގޮތަށްތޯ ދެނެގަންނަން އެބަޖެހެއެވެ.

ސަރުކާރެއްގެ ކުޑަބޮޑު މިނުގެ ވާހަކަ ދައްކާއިރު، ހަޤީޤަތުގައި މިދެކެވެނީ ދައުލަތެއްގެ ނަމުގައި ކަންކަމާ ބެހުމުގެ އިޚްތިޔާރު ސަރުކާރަކަށް ލިބިފައިވާ މިންވަރުގެ ވާހަކައެވެ. މުޖްތަމައުގެ ކަންކަމުގެ އިތުރުން ފަރުދީ ކަންކަމާ ހިސާބަށް ސަރުކާރުގެ އިންތަކާއި މިންތައް ފުޅާވެގެންދަނީ ކިހާ މިންވަރަކަށްތޯ، މިވާހަކައެވެ. އަދި، ސަރުކާރުގެ ނަމުގައި ބާރާއި ނުފޫޒު ފޯރުވެނީ ކޮންކޮން ދާއިރާތަކަކަށް ކަމުގެ ވާހަކަވެސްމެއެވެ.

މިއަދު ސަރުކާރުގެ 'ސައިޒު’ގެ ވާހަކަ ދައްކަން ހަޤީޤަތުގައިވެސް މަޖުބޫރުވެއްޖެއެވެ. އަދި، އެކަމާމެދު ފުންކޮށް ވިސްނާ، އެކަން ޒަމާނަށް ފެތޭގޮތަށް އިޞްލާޙުކުރަން ޖެހިއްޖެ ކަމަށްވެސް އަޅުގަނޑު ދެކެމެވެ. ފެށުނީއްސުރެ ނިސްބަތުން ބޮޑު ސަރުކާރެއް، މިހާތަނަށް އައިއިރު މިއޮތީ އިތުރަށް ބޮޑުވެފައެވެ. ބޮޑުކުރެވިފައެވެ. އޭގެން ކުރާނެ ފައިދާތަކާއި ލިބޭނެ ގެއްލުންތަކާމެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށްލަން އެބަޖެހެއެވެ. ސަބަބުތައް ވަރަށްވެސް ގިނައެވެ.

ސަރުކާރަކީ، ފަރުދީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ވަންނަ ބަޔަކަށް ވީމާ، މިއަދު ގިނަ ބަޔަކަށް މިކުރެވޭ އިހުސާސަކީ ތިމާގެ އަމިއްލަ ގޭގެ އެތެރޭގައި ނުވަތަ އާއިލާގެ މެދުގައި ހިނގާ ކަންކަމަށް ބޯބާނާ، ފާރަލާ، ގޮތްފާޑު ކިޔާ އަވަށްޓެރިން ތިބުމައި ކުރެވޭފަދަ އިހުސާސެކެވެ. ގިނަ ބަޔަކަށް މިއަދު ސަރުކާރު ވެފައިވަނީ މަގު ދައްކާ މަދަދުގާރަކަށްވުރެ ހުރަސްއަޅާ އަދާވާތްތެރިއަކަށެވެ. މަގުދައްކައިދޭ ލޯބިވާ މަންމައަކަށްވުރެ ހިންދުސްތާނު ޓެލެޑްރާމާތަކުގައި އުޅޭފަދަ އަނިޔާކުރާ ނުލަފާ ދޮންމަންމައަކަށެވެ. ކަންކަން ތަންފީޒުކުރަން ތިބޭ ޤާބިލު ބަޔަކަށްވުރެ ކަންކަމަށް ހުރަސްއަޅަން ތިބޭ މަރުމޯލުންތަކަކަށެވެ.

(މިއީ، ނުކުޅަދާނަ މިންވަރަކަށް 'ބޮޑު’ވަމުންދާ ދިވެހި ސަރުކާރު މިހާރަށްވުރެ 'ކުޑަ' ބައްޓަމަކަށް ބަދަލުކުރެވިދާނެ ގޮތްތަކާމެދު އަޅުގަނޑު ކުރަމުންދާ ސިޔާސީ، ޢިލްމީ އަދި ފަންނީ ދިރާސާއެއްގެ ޚުލާސާއެކެވެ. ކާމިޔާބުކަމާއެކު 'ކުދި' ސަރުކާރު ހިންގާ ބައެއް ޤައުމުގެ މިސާލާއި، 'ކުދި' ސަރުކާރުގެ ބައެއް ފައިދާ، މިލިޔުމުގެ ދެވަނަ ބައިގައި، އިރާދަކުރެއްވިއްޔާ، ހިމަނާނަމެވެ.)