Support Us

ހިތްވަރުފުޅު ގަދަ ޤާޢިދެއްގެ ތަޞައްވުރީ ވިސްނުންފުޅާއި ކެތްތެރިކަން

ކޮންމެ އިންސާނަކީ ވެސް ތަފާތު މީހެކެވެ. ހުރިހާ ގޮތަކުން ވެހެވެ. ޢިލްމީ ގޮތުންނެވެ. ތަޖުރިބާގެ ގޮތުންނެވެ. ވިސްނުމުގެ ގޮތުންނެވެ. މިޒާޖުގެ ގޮތުންނެވެ. ތަޞައްވުރާއި ފިކުރުގެ ގޮތުން ވެސް މެއެވެ. އެހެންކަމުން އެކި ޤައުމުތަކުގައި އެ ޤައުމުތަކުގެ ޤާޢިދުންގެ ގޮތުން މަސައްކަތްޕުޅުކުރައްވާނީ ވެސް ތަފާތު ބޭފުޅުންނެވެ.

މި ދެންނެވި އުޞޫލުން ބަލާއިރު މި ކަމުން ދިވެހި ޤައުމު ވެސް އިސްތިސްނާއެއް ނުވެއެވެ. ދިވެހި ޤައުމު އެކި ދުވަސްވަރު ދެކެފައިވަނީ ތަފާތު ޤާޢިދުންނެވެ. ޤައުމުގެ ޒަޢާމަތާ ޙަވާލުވެވަޑައިގެން ޚިދުމަތްކުރައްވައިފައި ވަނީ ވެސް ތަފާތު ޒަޢީމުންނެވެ. ދަރުމަވަންތަ ރަސްގެފާނަށްވުރެ ކުރީގެ ތާރީޚަކީ މާ ބޮޑަށް އެނގެން އޮތް އެއްޗެއް ކަމަށް ނުވިޔަސް އެ ރަދުންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ޤައުމުގައި މަގުދައްކަވާން ތިއްބެވި ތަފާތު ޤާޢިދުންގެ ޒަޢާމަތުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް އެނގެއެވެ. ޢަދުލުވެރި އިންސާފުވެރި ތަޞައްވުރީ ވެރީންނާއި ޚުދުމުޚުތާރު މަވެތި ފާޙީޝް ވެރީން އަޅުގަނޑުމެންގެ ތާރީޚުން ފެނިފައިވާ ކަމީ ހަގީގަތެކެވެ. ރަސްރަސްކަލުންނާއި ރައީސުންގެ ތެރެއިން ވެސްމެއެވެ. ޤައުމު ބިނާކުރެއްވި ވެރީންނާއި ޤައުމު ފަނާކުރެއްވި ވެރީންނެވެ.

އިސްވެ ދެންނެވި ދުވަސްވަރަށް، އެކި ވެރީންނަށް ވިސްނައިލާ އިރު، ރަސްރަސްކަލުންނާއި ރައީސުންގެ ތެރެއިން ވެސް އިސްލާމީ ވަޙުދަތާއި ޤައުމީ ޙުރުމަތް ދެމެހެއްޓެވި ކިތަންމެ ވެރީންނެއް ފެނިފައިވެއެވެ. ފަހުގެ ޒަމާނަށް ވިސްނާ އިރު، ދަރުމަވަންތަ ރަސްގެފާނާއި އުތީމު މަހާރަދުންނާއި ޣިޔާޘުއްދީނު ރަދުން ފަދަ ރަސްރަސްކަލުންނާއި އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނާއި ސުމުއްވުލްއަމީރު އިބްރާޙީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނޣޢވ) އާއި ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް (ނޣޢވ)އާއި ރައީސް ޑރ. މުޙައްމަދު ވަޙީދަކީ އެކި ދުވަސްވަރު އެކި މިންވަރަށް، މި ދެންނެވި ޤައުމިއްޔަތުގެ އަސާސްތައް ދަމަހައްޓަވައި މަދަނިއްޔަތުގެ ތަޞައްވުރު އެކި މިންވަރަށް ގެންގުޅުއްވި ވެރީންކަމަށް  ދަންނަވާން ޖެހެއެވެ. ތާރީޚީ ހެކިތަކަށް ބަލާއިރުއެވެ. އެހެންނަމަވެސް މި ހުރިހައި ޤާއިދުންނަށް ނަޒަރު ދޭއިރު ވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ އާދަޔާ ޚިލާފު ބޭފުޅެކެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ، މާ ކުރީއްސުރެ ދިވެހިރާއްޖެއާ މެދު ކުރައްސަވައިފައި އޮތް އާދަޔާ ޚިލާފު ތަޞައްވުރެއް ހިއްޕަވައިގެންނެވެ. ރައީސް ޔާމީނާއި އެހެން ބޭފުޅުންނާ އެންމެ ބޮޑު ތަފާތަކީ އަޅުގަނޑުގެ ނަޒަރުގައި މިއީއެވެ.

ރައީސް ޔާމީން ފިޔަވައި އެހެން ހުރިހާ ވެރީން ވެސް ޤަބޫލުކުރެއްވީ ދިވެހި ރާއްޖެއަކީ ނިކަމެތި އަދި ވަސީލަތްތައް މަދު ޤައުމެއްގެ ގޮތުގައެވެ. އެހެންކަމުން ޤައުމަށް ތަރައްޤީ ގެނެވޭނީ އެންމެ ކުޑަމިނުން ޤައުމަށް ދެމިއޮވެވޭނީ އެހެން ޤައުމުތަކުގެ މުއްފަތުން ނުވަތަ ތައްޕާހުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ގަބޫލުފުޅުކުރައްވަނީ ދިވެހިރާއްޖެއަކީ ވަސީލަތްތައް ގިނަ ޤައުމެއް ކަމުގައެވެ. އެންމެ ބޮޑަށް ކުރިއަރައިފައިވާ ޤައުމެއް ކަމުގައި ދިވެހިރާއްޖެ ހެއްދެވޭނެކަމަށެވެ. މި ކަމަށްޓަކައި ބޭނުންވަނީ އިޚުލާޞްތެރިކަމާއި ތެދުވެރި މަސައްކަތްކަމެވެ. ސިންގަޕޫރަށް ތަރައްޤީވެ ކުރިއަރައިގެން އާދެވުނީ، މާ ގިނަ ޤުދުރަތީ ވަސީލަތްތަކެއް ހުރެގެންނެއްނޫނެވެ. އެއީ މެލޭޝިއާގެ ބަނޑުދޮށުގައި އޮތް ކުޑަކުޑަ ޖަޒިރާއެއް ކަމަށް ވިޔަސް ލީކުއާންޔޫ، ޙިކުމަތްތެރިކަމާއި އިޚުލާޞްތެރިކަމާއެކު، މަސައްކަތްޕުޅު ފެއްޓެވީ އެ ކުޑަކުޑަ ޤައުމު އޮތް ޖުޣުރާފީ ނުކުތާ އެއީ މުހިންމު ވަސީލަތެއް ކަމުގައި ބައްލަވައިގެންނެވެ. އިންސާނީ ވަސީލަތާއި ޢިލްމީ ފިކުރު ބޭނުންކޮށްގެންނެވެ. ތަޞައްވުރީ ޤާޢިދެއްގެ ޙިކުމަތްތެރިކަމާއި ޤައުމީ ލޯބީގެ ސަބަބުންނެވެ. ދެން ރައީސް ޔާމީން ނަޒަރުދެއްވީ އެކުވެރި ޢަރަބު އިމާރާތުގެ ތަރައްޤީއަށެވެ. މި ދެ ނަމޫނާއިން އެ މަނިކުފާނު އިލްހާމު ލިބިވަޑައިގަތެވެ.

މި ނަޒަރުން ބަލާއިރު ދިވެހިރާއްޖެ އޮތް ޖުޣުރާފީ ނުކުތާ މާ މުހިއްމުކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން ސިންގަޕޫރުގެ ޤާއިދު ލީކުއާންޔޫގެ ޤައުމީ ތަރައްޤީއިން އިލްހާމު ލިބިވަޑައިގެން އިޚުލާޞްތެރި މަސައްފުޅުތަކެއް ފެއްޓެވީ ހުރިހާ މައްސަލަތަކެއްގެ ހަގީގީ ހައްލަކީ އިޤުތިޞާދީކުރިއެރުން ކަމަށް ބައްލަވައިގެންނެވެ. އެ މަނިކުފާނު ކުރެއްވި ކޮންމެ މަސައްކަތްޕުޅަކުން އަޅުގަނޑަށް މި ކަން ފާހަގަކުރެވުނެވެ. އިޖުތިމާޢި ދުޅަހެޔޮކަމާއި ޢުމްރާނީ ތަރައްޤީ އޭގައި ހިމަނުއްވައިގެންނެވެ. ސިނަމާލޭ ބުރިޖަށް ވިސްނައިލުމުން އެކަނި ވެސް މިކަމަށް ދަލީލު ލިބެއެވެ. އެ ދާލަމަކީ ހަމައެކަނި ހުޅުލޭ މަގުން މާލެއާއި ހުޅުމާލެއާ ގުޅުވައިލައިދިން ގުޅައިލައިދިނުމެއް ނޫނެވެ. އެ ދާލަމުގެ ސަބަބުން އެ ތައް ހާސް ރައްޔަތެއްގެ ދުވަހީ މަސައްކަތަށް ފަސޭހަކަން ލިބުނެއެވެ. ޞިއްޙީ ޚިދުމަތަށް ލުއިތަކެއް ލިބުނެވެ. ތަޢުލީމީ ފުރުޞަތުތަކަށް މަގުފަހިވިއެވެ. ވިޔަފާރިއަށް ލިބުނު ފަސޭހައިގެ ސަބަބުން ހުޅުމާލޭގައި ތަކެތީގެ އަގު ހެޔޮވިއެވެ. އެތައް ވިޔަފާރިވެރީންނެއްގެ އާމްދަނީ، އެތައް ގުނައަކަށް އިތުރުވިއެވެ. ޢާއިލީ އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިވިއެވެ. އަލިފާނުގެ ކާރިސާތަކާ ކުރިމަތިލައި އެކަން އަވަހަށް ޙައްލުކޮށްލާން މަގުފަހިވިއެވެ. މި ނޫނަސް އެތައްއެތައް ކިތަންމެކިތަންމެ ފަސޭހަތަކެއް ލިބުނެވެ. ބަޔާންކުރަން ނޭނގޭހައި ފަސޭހަތަކެވެ. ހަމަ މި ބީދައިން، ހުޅުލޭ ވައިގެ ބަނދަރުގެ ބޮޑު ރަންވޭއާއި ދަރުމަވަންތަ ހޮސްޕިޓަލުގެ (25 ބުރީގެ) އާ ޢިމާރާތާއި، މަހާ ޖައްރާފާއި، އެސްޓީއޯއަށް ގެނައި އޭޝިއާގެ އެންމެ ބިޔަ ތެޔޮ ބޯޓާއި، ފުނަދޫގައްޔާއި ހުޅުލޭގައި ތެޔޮ ރައްކާކުރާން އިތުރުކުރި ޖާގައާއި މިފަދަ ކޮންމެ މަޝްރޫޢަކީ އިޤްތިޞާދީ ވިސްނުންފުޅާއެކު، އެތައްއެތައް ދާއިރާއަކުން ގިނަގުނަ ފައިދާތަކެއް ޤައުމަށް ލިބޭނެ މަގު ފަހިވި މަޝްރޫޢުތަކެކެވެ. މި ކަމުގެ ތަފްޞީލަށް ދާނަމަ، މި ފަދަ އެތައް ސަތޭކަ ސަފުހާއަކަށް ބޭނުންވާނެތީ އެ ތަފުޞީލަށް ދާކަށް ގަސްތެއް ނުކުރަމެވެ. މި ފަދަ އެތައް މަޝްރޫޢެއްގެ ސަބަބުން ވިޔަފާރިއާއި އިޤްތިޞާދާއި މަޢީޝަތު ފުޅާވެ، ބޭރު ފައިސާގެ ތިޔާގިކަން އިތުރުވެ، ރާއްޖެއަށް އިޤުތިޞާދީ ދުޅަހެޔޮކަމާއި ހުރިހާ ރޮނގަކުން ކުރިއެރުން އަންނާން ފެށީ ހީވެސް ނުކުރާފަދަ ހަލުވި މިނެއްގައެވެ. ޤައުމީ ރިޒާވް ދެ ގުނައަށް އިތުރުވިއެވެ.

އަދި ކޮބައިތޯއެވެ؟ އައިހަވަން މަޝްރޫޢާއި ފ. އަތޮޅުގައި ފަށާން ހަމަޖެހުނު، ބިޔަ ބޮޑު މަޝްރޫޢަކީ ދުނިޔޭގައި ތަރައްޤީވެފައިވާ ޤައުމަކުން ލިބޭނެ ހުރިހައި ވަސީލަތަކާއެކު ތަރައްޤީކުރާން ރޭވިފައި އޮތް އެތައް މިލިޔަން ޑޮލަރެއްގެ ބިޔަ ބޮޑު މަޝްރޫޢެކެވެ. ބައިނަލްއަޤުވާމީ އެއަރުޕޯޓާއި، ހަސްފަތުތަކާއި ޔުނިވަރސިޓީތަކާއި ކުޅިވަރު އެކުވެނިތަކާއި، ތަފާތު ކާރުޚާނާތަކާއި ބިމުއަޑިގެ ރޭލާއި އައިޓީ ޕާކުތަކާއެކު ތަރައްޤީކުރާން ހަމަޖެހިފައި ހުރި މަޝްރޫޢެވެ. މި މަޝްރޫޢު، ޚާއްޞަކޮށް ފާފު މަޝްރޫއު ހުއްޓުވީ، ޤައުމާ މެދު އެއްވެސް ކުލުނެއް ނެތް އަމިއްލަ އެދުން ބޮޑު ބަޔަކު، ގުސްތަރު ވާހަކަތައްދައްކައިގެންނެވެ. ސަޢުދީ ރަސްގެފާނަށް މީސްމީޑިއާގައި ބޭއަދަބީ އެތައް ވާހަކަދައްކައިގެންނެވެ. އެ މަޝްރޫޢު ފަށައިގަނެވުނު ނަމަ، މި ރާއްޖެއަކީ ފަތުރުވެރިކަމަށް އެކަނި ބަރޯސާވާ ޤައުމަކަށް ވާކަށް ނުޖެހުނީއެވެ. ދުބާއީއާއި ސިންގަޕޫރު ފަދަ އުފެއްދުންތެރި، ތަރައްގީވެފައިވާ ޤައުމަކަށް، ދަހަރެއްގެ ތެރޭގައި ރާއްޖެ ބަދަލުވާނެއެވެ.

މި ކަންކަމަކީ، ދިވެހި ޤައުމުގެ ކުރިއެރުމަށް ނޭދޭ، ޙަސަދަވެރި، ހަތުރުވެރި، ޚާއިނުންނަށް ތަޙައްމަލުކުރާން އަދި ދެކޭން ފަސޭހަ މަންޒަރުތަކަކަށް ނުވިއެވެ. ބޭރުންނާއި އެތެރެއިން މި ކަންކަން ހުއްޓުވާން މަސައްކަތް ފެށިއެވެ. ބޭރުގެ، އެއް ދުޝްމަނެއްގެ ކަންބޮޑުވުމަކީ މިހައި ކުޑަކުޑަ، އަދި ވަސީލަތެއް ނެތް ޤައުމެއް، ބިޔަބޮޑު ޤައުމަކަށްވުރެ ކުރިއަރައިގެން ގޮސް، އެ މީހުންނަށް މިތަނުން ލިބޭން އޮތް ފައިދާއާއި އެ މީހުންގެ ނުފޫޒު މުޅިން ނެތި ހިނގައިދާނެ ކަމުގެ ބިރެވެ. ބޭރުގެ އެހެން ދުޝްމަނުން ކަންބޮޑުވީ، ޒަމާނުއްސުރެ، ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ހޯދާން ދިވެހި ޚާއިނުންނާ ގުޅިގެން އެ މީހުން ކުރާ މަސައްކަތަށް ރައީސް ޔާމީންގެ ސަބަބުން ހުރަސްއެޅޭތީއެވެ. އިސްލާމް ދީން ނޫން ދީނަކަށް ދިވެހި ފަސްގަނޑުން ފަހަރެއްގައި ވެސް ޖާގަ ނުދެއްވާނެ ކަމަށް ރައީސް ޔާމީން ފާޅުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީއެވެ. އެތެރޭގައި (ރާއްޖޭގައި) ތިބި، ހަމައެކަނި ވެރިކަންކުރުން ނޫން އެދުމެއް ނެތް މަވެތީންގެ ކަންބޮޑުވުމަކީ ރައީސް ޔާމީންގެ ތަޞައްވުރާއެކު އެ ގޮތަށް ރާއްޖެ ތަރައްޤީ ވެއްޖެ ނަމަ، ތަރައްޤީގެ ވިސްނުމެއް ނެތް އެބައިމީހުންނަށް ދުވަހަކު ވެސް ވެރިކަން ނުލިބިދާނެ ކަމުގެ ބިރެވެ.

ބޭރާއި އެތެރޭގައި އޮތް މި ދެންނެވި ދެ ޖަމާޢަތަށް އެއް ކަމެއްގައި އެއްބަސްވެވުނެވެ. އޭރު އޮތް ވެރިކަން ނިމުކަމަށް ގެނައުމުގެ އެއްބަސްވުމެވެ. މި ކަމުގައި ބޭރުގެ އެދުމަކީ އަދި އެ މީހުންނަށް ލިބޭނެ ފައިދާއަކީ، އެ މީހުންގެ އެހީގައި ކޮންމެ މީހެއްގެ ސަރުކާރެއް ޤާއިމުކުރެވުނަސް އެއީ އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް ޤާއިމުވުމުގެ ފައިދާއެވެ. އެތެރޭގެ އިއްތިހާދުގައި ހިމެނޭ ތަފާތު ޖަމާޢަތްތަކުން އިސްކުރީ އެ ބަޔަކަށް ވެރިކަން ލިބިދާނެ ކަމުގެ އުންމީދެވެ.

ވެރިކަން ވެއްޓޭނެކަމަށް ފުރަތަމަ ގަބޫލުކުރެވުނީ މަގުމައްޗަށް ނުކުމެގެންކަމަށެވެ. އެހެންވެ 2015 ވަނަ އަހަރު މޭޑޭއާ ދިމާކޮށް ހުރިހާ ޕާޓީތައް މެދުވެރިކޮށް ވަރުގަދަ މުޒާހަރާއެއް ރޭވިއެވެ. ރައްޔިތުންގެ ޖަޒުބާތު ހިލިގަންނާނެ އެތައް ދޮގެއް ހެދިއެވެ. އެތައް ގުސްތަރު ވާހަކަތަކެއް އާންމުކުރިއެވެ. މާތް ﷲގެ ރަސްކަންފުޅަށް ކުޑަ ވެސް ބިރެއް ނެތި މީސްމީހުންގެ މަރުތަކާ ބެހޭ ގޮތުން އެތައް ދޮގުތަކެއް ހެދިއެވެ. މި ޙަރަކާތަކުން ވެސް ސަރުކާރަށް ލޮޅުމެއް ނޭރިއެވެ. ދެން ވިސްނީ ރައީސް ޔާމީންގެ ސަރުކާރަކީ ވަކި ބަޔެއްގެ ތާއީދާއެކު ގެނެވުނު ވެރިކަމެއް ކަމަށް އެ މީހުން ގަބޫލުކުރާތީ، ޢާއްމު ޓީވީއެއްގައި އެ ބަޔަކު ކުރާ ތާއީދު އަނބުރައި ގެންގޮސްފިކަން އިޢުލާނުކޮށްފި ނަމަ، ސަރުކާރަށް ލޮޅުން އަރައި، ސަރުކާރަށް ދެމިއެއް ނޯވެވޭނެ ކަމަށެވެ. އެހެންވެ އެ ކަން އެ ގޮތަށް ކުރިއެވެ. ނަމަވެސް އޭރު ރައީސް ޔާމީންގެ ޒަޢާމަތުގެ ހިންގުންތެރިކަން ރައްޔިތުން އޮތީ ބަލައިގެންފައެވެ. ރައީސް ޔާމީންގެ ހިންގުންތެރިކަމާއި މުރާލިކަމާއި އިޚުލާޞްތެރިކަން ރައްޔިތުންނަށް އޮތީ ފެނިފައެވެ. އެހެންވެ ބަޔަކު ތާއީދު ނުކުރާ ކަމަށް އިޢުލާނުކުރުމުން ގެއްލުނީ އެހެން އިޢުލާނުކުރި ބަޔެއްގެ ތާއީދެވެ. ރައީސް ޔާމިންގެ ތާއީދަކަށް ބަދަލެއް ނައެވެ. ވީ އިތުރެވެ.

ދެން އެ މީހުން މާޔޫސް ވެފައި ތިއްބައި "މީހެއްގެ" ލަފާގެ މަތީން، ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް "ގަނެގެން ނަމަވެސް" އަޣުލަބިއްޔަތު ހޯދައިގެން ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން ރައީސް ޔާމީން ވެރިކަމުން ދުރުކުރާށެވެ. މި މަކަރުވެރި ރޭވުން ވެސް މާތް ﷲގެ ވާގިފުޅާއެކު ރައީސް ޔާމީންގެ ޙިކުމަތްތެރިކަމުން ނާކާމިޔަބު ކޮށްލެއްވިއެވެ. ދެން ރޭވީ ރައީސް ޔާމީންގެ ފުރާނަފުޅަށް ގެއްލުން ދީގެން ވެރިކަން ބަދަލުކޮށްލެވޭތޯއެވެ! މި ފަދަ ކިތަންމެ ޙަމަލާއެއް ރޭވި ބަޔަކު ރޭވިޔަސް ހުރިހާ ކަމެއް ދެނެވޮޑިގެންވާ ކުޅަދުންވަންތަ ﷲ އެ ހުރިހާ ނުރައްކަލަކުން ރައީސް ޔާމީން ސަލާމަތްކުރެއްވިއެވެ.

މި ވަރަކުން ވެސް ބޭރާއި އެތެރޭގެ ހަސަދަވެރީން މައިތިރި ވާ ގޮތެއް ނުވިއެވެ. ވަރަށް މަސައްކަތުން އެ "މަސައްކަތްކުރި ގޮތަކަށް ކޮށްގެން" ސުޕްރީމް ކޯޓްގެ ތެރެއަށް އަތް ބާނައިގެން، ޤާނޫނު ނުވެސް ދަންނަ އަމުރެއް ނެރެގެން ސަރުކާރު ވައްޓައިލާން މަސައްކަތްކުރިއެވެ. ނަމަވެސް ޙިކުމަތްތެރިކަމާއެކު މި ނުރައްކާތެރި "ޠޫފާނުން" ވެސް ރައީސް ޔާމީން ސަލާމަތްވެވަޑައިގަތެވެ. ﷲގެ ވާގިފުޅާއެކުގައެވެ.

ދެން ބޭރުގެ ބާރަކާއެކު މަސައްކަތްކުރީ 2018ގެ އިންތިޚާބު މަކަރާއި ޙީލަތުން ކާމިޔާބުކުރުމަށެވެ. މަކަރާއި ޙީލަތާއި އޮޅުވައިލުމުގެ ތެރެއިންނެވެ. ރައްޔަތުންގެ އަޣުލަބިއްޔަތު ވޯޓު ދިނީ ރައީސް ޔާމީނަށް ކަމަށް ވިޔަސް ވޯޓުން ހެދި މަކަރެއް ހަދައިގެން އިންތިޚާބު ދަމައިގަތެވެ. މިއީ ހީޔަކަށް ދައްކާ ވާހަކައެއް ނޫނެވެ. "ބޮޑުން"ގެ ވާހަކަތަކުންނާއި ކަން ހިނގައި ދިޔަ ގޮތުން ހުސް ހިތަކާއިގެން ވިސްނާ ކޮންމެ މީހަކަށް މި ކަން ސާބިތުވާނެއެވެ. "އަޅުގަނޑުމެން ޙުކުމެއް ނެރުނީމާ އެ ޙުކުމެއް ކަމަކު ނުދިޔައޭ" ބުނީމާ ސުޕްރީމް ކޯޓުގެ ޙުކުމް އައި ގޮތް އެ އޮތީ ސާފުވާށެވެ. "އަހަރެމެންނަށް އިންތިޚާބު ކާމިޔާބު ނުވާނެ ކަން ޔަގީން ކޮށްގެން ތިއްބައި، އެކަން ކާމިޔާބު ކޮށްދިނީ މިވެނި ޤައުމެއްގެ ބަޔެއްގެ އެހީތެރިކަމުގައި" ކަމަށް ބުނެ އެ ބަޔަކަށް ޝުކުރު އަދާކުރީމާ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ގޮތް އެ އޮތީ ފެންނާށެވެ. ބޭރުގެ ޖަމާޢަތްތަކުން އިންތިޚާބު އޮބްޒާވްކުރުމަށްފަހު ނެރުނު ރިޕޯޓުން އެހެރީ ހިންގި ކޮރަޕްޝަން ފެންނާށެވެ. މީޑިއާއިން އާންމުވި އޯޑިއޯ ކޯލްތަކުން އިންތިޚާބު އޮޅުވައިލިކަން އޮތީ ސާފުވާށެވެ. އިންތިޚާބާ ބެހޭ ޝަކުވާތައް ކޮށްކޮށް ތިއްބައި، އަވަސް އަރުވައިލައިގެން ޤާނޫނާ ޚިލާފަށް ވޯޓުކަރުދާސްތައް ނައްތައިލި ނައްތައިލުމުން، އިންތިޚާބު އޮޅުވައިލިކަން ސާބިތުވާނެއެވެ. މިއިން އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ބަލާން ނުކެރުމުން ދައުލަތުގެ ބާރުތަކާއި މިނިވަން މުއައްސަސާތަކަށް އެކިއެކި ނުރަނގަޅު ނުފޫޒު ފޯރައިފައި އޮތް މިންވަރު ސާފުވާނެއެވެ.

ކޮންމެއަކަސް ވެރިކަން ބަދަލުވީއެވެ. މިހާ ހިސާބުން ރައީސް ޔާމީންގެ ސިޔާސީ ޙަޔާތްޕުޅު ކަފުންކުރެވުނީ ކަމަށް އެ މީހުންނަށް ހީކުރެވުނެވެ. ނަމަވެސް މާ ވަރުގަދައަށް ސިޔާސީ މައިދާނުގައި ރައީސް ޔާމީން ޙަރަކާތްތެރިވެވަޑައިގެން އެ މަނިކުފާނަށް އޮތް ތާއީދު އިތުރުވާންފެށީ އާދަޔާ ޚިލާފަށެވެ. ސަރުކާރަކަށް ކެތެއް ނުވިއެވެ. ނަތީޖާއަކަށްވީ، ހަގީގަތެއް ނެތް މައްސަލައެއް އުފަން ކުރުވައިގެން ނުޙައްޤު ދަޢުވާއެއް ކޮށް ނުޙައްޤު ޙުކުމެއް ކޮށް ފަސް އަހަރަށް ޖަލަށް ލުމެވެ. ނުޙައްޤު ޙުކުމެއްކަން ސާބިތުވާ އެތައް ސަތޭކަ ހެތްކެއް އެބަ ހުއްޓެވެ. ތަޙުޤީޤުކުރި މައްސަލައާ ދަޢުވާއާ ދިމައެއް ނުވެއެވެ. ދަޢުވާއާ ޙުކުމާ ދިމައެއް ނުވެއެވެ. ކުޑަކުއްޖަކު ވެސް ނުލިޔާނެ ފަދަ ޙުކުމެއް (ބަޔަކު ލިޔެފައި ދިނީމާ ނަމަވެސް) އިއްވީމާ، އިސްތިޢުނާފުގެ ޙައްޤު ނުދީ އަހަރަކަށްވުރެ ގިނަ ދުވަސް މިވަނީ ހޭދަވެފައެވެ. ޙުކުމް އޮންނާނެ ގޮތް ހޯދާން ރައީސް އޮފީހުގެ އިސްވެރީން ޤާޟީއާ ގުޅުއްވިއެވެ. ޖޭއެސްއީއޭ ކިޔާ ތަނުން، ޙުކުމާ ބެހޭ ގޮތުން އޮޅުން ފިލުވާން އުޅުމުން އެކަމަށް ޤާޟީ އެއްބާރުލުން ނުދެއްވުމުން، ޙުކުމްކުރައްވާން އެންމެ ދެތިން ގަޑިއަކަށް ވެފައި ވަނިކޮށް ޤާޟީ އެއްފަރާތްކުރިއެވެ. މިއީ މީގެ ކުރީން ދުވަހަކު ވެސް ދުނިޔޭގައި ވެސް ހިނގައިފައި އޮތް ކަމެއް ނޫނެވެ. އަނެއް ކަމަކީ ކުށްކަމަށް ތުހުމަތުކުރާ ކުށުގައި ޝާމިލުވާ ދެ މީހަކު، އަދި ދެ މުޖުރިމަކު، ސަރުކާރުން އެގްރިމެންޓެއް ހައްދަވައިގެން ޝަފަހީ ހެކީންނަށް ބޭނުންކުރި ކުރުމެވެ. މިއީ އިސްލާމީ ޝަރީޢާ ދަންނަކަމެއް ނޫނެވެ. މިއީ ވަރަށް އާންމު، އަދި އެންމެންނަށް އެނގޭ ތަފްޞީލުތަކަކަށް ވާތީ މީގެ ތަފްޞީލަކަށް ނުދާނަމެވެ.

ރައީސް ޔާމީންގެ ސާބިތުކަން ރައްޔިތުންނަށް ހާމަވީ ކޯޓަށް ނުވަތަ ފުލުހަށް ޙާޒިރުވެވަޑައިގަންނަވާން ދެންނެވި އެއްވެސް ފަހަރެއްގައި ކޯޓަށް ފިއްލަވާން ތަންތަނަށް ބޯކޮށްޕަވައި ނެހެއްދެވީތީއެވެ. އާލާސްކަންފުޅު ބޮޑުވީ ކަމަށް ހައްދަވައި ވެއްޓިވަޑައެއް ނުގަންނަވާތީއެވެ. ސިޔާސީ އެހެން މީހުންގެ ފުށުން މި ފަދަ ކަންކަމުގައި ފެނިފައިވަނީ ނުކުޅެދުންތެރިކަމެވެ. ނަމަވެސް ޔާމީން ސާބިތުކަމާއެކު ކޯޓަށް ޙާޒިރުވެވަޑައިގެން މީހުން ޙައިރާންވާފަދަ ގޮތަކަށް ޖަވާބުދާރީވެވަޑައިގަތެވެ. ކުރި ގޮތަކަށް ޙުކުމްކޮށްގެން ޖަލަށް ގެންގޮސް ރާއްޖެއިން ބޭރަށް ފުރުވައިލައްވާން ސަރުކާރުން ޝަރުޠުތަކެއް ކަނޑައަޅައިގެން މަސައްކަތްކުރެއްވިއެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާފާނު ބޭނުންފުޅުވަނީ އެ މަނިކުފާނަކީ ތެދުވެރި އިޚުލާޞްތެރި މަޢުޞޫމު ބޭފުޅެއްކަން ސާބިތުކުރައްވާށެވެ. އެ މަނިކުފާނު ދުވަހަކު ވެސް ޚިޔާނާތްތެރިވެވަޑައި ނުގަންނަވާ ކަމަށެވެ.

މިއީ ލިޔެ ކޮޅުން ލާނޭ ވާހަކަތަކެއް ނޫނެވެ. ބަޔެއްގެ އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން ދިވެހި ތާރީޚުގައި ލަދުވެތިކަމާއެކު ލިޔާނޭ ހާދިސާއެކެވެ. ނަމަވެސް ރައީސް ޔާމީންގެ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. އެ މަނިކުފާނަކީ ﷲގެ މިންވަރުފުޅާ ރުހިވަޑައިގެން ހުންނެވި ތެދުވެރި އީމާންތެރި އިޚުލާޞްތެރި ހިތްވަރުގަދަ ޤާޢިދެކެވެ. ﷲ މެދުވެރިކުރައްވާ ކޮންމެ ކަމެއްގައި ވެސް ރަނގަޅެއް އޮންނާނެކަމަށް އިޢުތިޤާދުކުރައްވައިގެން ހުންނެވި އާދަޔާ ޚިލާފު ކެތްތެރި ވެރިޔެކެވެ. ނަބީ ބޭކަލުންގެ ތެރެއިން ޔޫސުފްގެފާނު ވެސް އެތައް އަހަރެއް ވަންދެން ނުޙައްޤުން ހުރަގޭގައި ބެހެއްޓިކަން ދެނެވަޑައިގެން ހުންނެވި ޔާމީން ދެކެވަޑައިގަތީ ނަބީކޭލަކުންނަށް އެފަ އިމްތިޙާނުތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތް އިރު، އާދައިގެ އިންސާނުންނާ އެފަދަ ކަންކަމާ ކުރިމަތިލާންޖެހުމަކީ މާ އާދައިގެ ކަމެއް ކަމަށެވެ.

މިއަދު ވެސް ރައީސް ޔާމީން ހުންނެވީ ސާބިތުކަންމަތީގައެވެ. ޢަދުލާއި އިންސާފުން ބޭރުން އެ މަނިކުފާނަށް ކުރަމުން ގެންދާ އަނިޔާތަކަށް ކެތްތެރިވެވަޑައިގެންނެވެ. އެ ހުރިހާ ކަމެއް ﷲ ބައްލަވައިވޮޑިގެންވާކަމަށް ފުރިހަމައަށް އީމާންވެވަޑައިގެންނެވެ. ކޮންމެ އަނިޔާއަކަށް ވެސް ނިމުމެއް އަންނާނެކަން ޤަބޫލުފުޅުކުރައްވައިގެންނެވެ. ޖިނާއީ ޤަޟިއްޔާގެ ނަމުގައި ކުޅޭ ޑްރާމާތައް މިހާރު ވަގުތުން ދުރައް ދައްކާން ނުކެރުނަސް ރައްޔިތުން އެކަންކަން ދާދި ގާތުން ދެކެއެވެ. އެ ވިޔާނުދާ ލާއިންސާނީ ޢަމަލުތަކަށް ދުނިޔެ ލަޢުނަތްދެއެވެ.

ރައީސް ޔާމީނަކީ އޭޝިއާ ވެސް މިއިން ޒަމާނަކު ދެކެފައި ނުވާފަދަ އިޤުތިޞާދީ މާހިރެކެވެ. ތަޞައްވުރީ ވެރިއެކެވެ. ތެދުވެރި އިޚުލާޞްތެރި ހިންގުންތެރި މުރާލިފުޅު ޤާއިދެކެވެ. ކެތްތެރިކަމާއި ސާބިތުކަމުގެ ލާމަސީލު އިސްނާނެކެވެ. އެ މަނިކުފާނު ބޭނުންފުޅުނަމަ، ބޭރު ޤައުމެއްގެ ޙިމާޔަތުގައި އަރާމުގައި ޙަޔާތުގެ ބާކީ ބައި ހޭދަކޮށްލެއްވޭނެކަން އެނގިވަޑައިގެން ހުންނަވައި އެ ފުރުޞަތުގެ ބޭނުންފުޅު ނުކުރައްވަނީ އެ މަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެ އޮންނާންވާނެ ގޮތުގެ ތަޞައްވުރެއް ކުރައްސަވައިފައިވާތީއެވެ. ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއްގެ ހުވަފެނުގައި ކުލަޖެއްސެވުމުގެ ފުރުޞަތު މާތް ﷲ ދެއްވާނެ ކަމުގެ އުންމީދުގައެވެ. ރައީސް ޔާމީނަށް ނުޙައްޤުން ދެމުން ގެންދާ އަނިޔާގެ ސަބަބުން އެ މަނިކުފާނަށް ރައްޔިތުންގެ ހިތްތަކުގައި ލޯބި އިތުރުވެ، އަނިޔާވެރީންނަށް ކުރާ ނަފުރަތު އިތުރުވުން ނޫން ކަމެއް ނުވެއެވެ.

ކީރިތިވަންތަ މާތް ﷲ، މަކަރުވެރި ޚާއިނުންނާއި، އަނިޔާވެރި ޒާލިމުން ބަލިކުރައްވައި ރައީސް ޔާމީނަށް ސަލާމަތުގެ އައްސޭރިއަށް ވާޞިލުވެވަޑައިގަތުމުގެ ތައުފީޤު ދެއްވާށިއެވެ! އެ މަނިކުފާނުގެ ތަޞައްވުރީ ވިސްނުންފުޅުގައި ދިވެހިރާއްޖެއަކީ ކުރިއަރައިފައިވާ ފުދުންތެރި ޤައުމެއްކަމުގައި ވުމުގެ ފުރުޞަތު ފަހިކޮށްދެއްވާށިއެވެ! އެ މަނިކުފާނަށް އިސްލާމީ ހިދާޔަތުގައި ކެތްތެރިކަމާއި ސާބިތުކަން އިތުރުކުރައްވާށިއެވެ! އާމީން!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
62121

One Response

  1. ވަރަށް ކެރިގެން ލިޔެފައި އޮތް ހަގީގީ ވާޙަކަތަކެއް. އެކަމަކު ބަޔަކަށް ހަޖަމުކުރެވޭނެބާ؟!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *