Support Us

ކޮލަމް: ދޭހަ

މިހާރު ބޭނުން ވަނީ ދިވެހި ބަސް ޙިމާޔަތް ކުރަން

ގެއްލެމުން ނެތެމުންދާ އެއްޗެތި ޙިމާޔަތް ކުރުމަށް ދުނިޔޭގެ ތަފާތު އަމިއްލަ ޖަމްޢިއްޔާތަކުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމުގެ އެހީއާއި ފައިސާގެ އެހީ ހެޔޮއެދޭ ފަރާތްތަކުން ދީ ހަދައެވެ. ބައެއް ފަހަރު ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް ވެސް ހުށައަޅައެވެ. ރާއްޖޭގެ އަމިއްލަ ބައެއް ޖަމުޢިއްޔާތަކުން ވެސް މިކަހަލަ ވަރަށް ގިނަ މަަސައްކަތްތަކެއް ކުރެއެވެ.

ދިވެހި ބަސް ހިމާޔަތްކޮށް ރައްކާކޮށް ބެލެެހެއްޓުމުގެ ދުވަސް އަތުވެއްޖެއެވެ. ދިވެހި ބަހަށް ލޯބިވާ ޒުވާނުން އިސްނަގައިގެން މިކަން ނުކުރެވެންވީ ސަބަބެއް ނެތެވެ. މިހާރު ވެސް ރާއްޖޭގެ ބައެއް ޖަމުޢިއްޔާތަކުންނާއި އަމިއްލަ ފަރުދުން އިސްނަގައިގެން، ރާއްޖޭގައްޔާއި ރާއްޖޭން ބޭރުގައި ތަފާތު ދާއިރާތަކުގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އެއްވެސް މާލީ ފައިދާއެއް ނެތިއެވެ. އިންސާނިއްޔަތަށް ޓަކައެވެ. ޤައުމަށްޓަކައެވެ. މުސްލިމުންގެ ހިތްހެޔޮކަމާ އެކަކު އަނެކަކަށް އެހީތެރިވުމުގެ ސަގާފަތު ދެމެހެއްޓުމުގައެވެ. ޒުވާނުން އިސްނަގައިގެން އަދަބީ ރޮނގުން ވެސް މި ބާވަތުގެ މަސައްކަތް ތަކެއް ކުރެވެންވީއެވެ.

ބަހުގެ ބައެއް ޢިލްމްވެރިން ބުނާކަމުގައި ވަނީ ދުނިޔޭގެ ތަފާތު ޤައުމުތަކުގެ ތަފާތު ސަރަޙައްދާއި ޤަބީލާތަކުގެ މީހުން ވާހަކަ ދައްކާ ތަފާތު ބަސްތައް މަޑުމަޑުން ދާނީ ގެއްލެމުންނެވެ. ނެތިގެންނެވެ. އުވިގެންނެވެ. އެ ފަދަ ބަސްތައް ނުދިރުވޭތީވެއެވެ. އެ ފަދަ ބަސްތަކަކީ މަތީ ތަޢުލީމް ޙާޞިލްކުރެވޭ ބަސްތަކަކަށް ނުވާތީވެއެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އެ ބަސްބަހުން އެ ބަހުގެ އަހުލުވެރިންގެ މެދުގައި ވާހަކަ ދެކެވުނަސް އިތުރު މުއާމަލާތްތަކެއް ނުކުރެވޭތީވެއެެވެ. ބައެއް ބަހަކީ ހަމައެކަނި ވާހަކަ ދެކެވޭ ބަހެކެވެ. އެ ބަސްބަހުން ނުލިޔެވެއެވެ. އަނެއް ބައި ބަހުގައި ލިޔަން ބޭނުން ކުރަނީ އެހެން ބަހެއްގެ އަކުރުތަކެވެ. ދިރޭ ބަސްތަކުގައި، ހުއްޓުމެއް ނެތި، އަބަދު ވެސް އާ ބަސްތައް އިތުރުވަމުން ދެއެވެ. މިސާލަކަށް ދަންނަވާ ނަމަ މިހާރު ކުރިމަތިވެފައި މިއޮތް ކޮރޮނާ ވައިރެސްއާ ގުޅިގެން އިނގިރޭސި ބަހަށް ބައިވަރު އާ ބަސްތައް އިތުރުވެފައި ވެއެވެ. ބައެއް ލަފްޒުތައް އަދި ބޭނުން ކުރެވެނީ މަޖަލަކަށެވެ. ސަމާސާ އަކަށެވެ. އަނެއް ބައި ލަފުޒުތައް ބައެއް ލިއުންތަކުން ފެންނަން ފަށައިފި އެވެ. މި އާ ބަސްތަކަށް ބަސްފޮތުން ޖާގައެއް ހޯދަން އަދި ދުވަސްތަކެއް ނަގާނެ ކަމުގައި ވެއެވެ.

ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް، އަދި ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވިޔަސް ދިވެހި ބަހަކީ ދުނިޔޭގެ ވަރަށް ގިނަ ބަސްތަކާއި އަޅާ ކިއާލާއިރު ވަރަށް އާދަޔާ ޚިލާފް ކަންތައް ތަކެއް އެކުލެވިގެންވާ ބަހެކެވެ. ދުނިޔޭގެ މުއްސަދި ވަރަށް ގިނަ ބަހުން އެހެން ބަހަކުން ބުނާ އެއްޗެއް، އެ ބުނާ ގޮތަށް އެ ބަހުގެ އަކުރުތަކަކުން ނުލިޔެވެއެވެ. ލަފްޒުގެ އަޑު އިވޭ ގޮތަށް ލިޔަން ބޭނުން ނަމަ އިތުރު ނިޝާންތަކެއް ނުވަތަ އަކުރުތަކެއް ބޭނުން ކުރަންޖެހެ އެވެ. ކޮންމެ ބަހަކުން ބުންޏަސް،އެ އަޑެއް އިވޭ ގޮތަށް ދިވެހި ބަހުގެ އަކުރުތަކުން ލިޔެވެއެވެ.

ތެދުފުޅެކެވެ. ބޭރު ބަސްބަހުން ތަޢުލީމް ޙާސިލްކުރާ މީހުން ދިވެހި ބަހުން ލިޔާއިރު ބައެއް ފަހަރު އެ ކަމެއް ބަޔާން ކުރުމަށް ފުރިހަމަ މާނަ ނެރެވޭނެ ދިވެހި ބަހެއް ނޭގުމުން ނުވަތަ ދިވެހި ބަހެއް ނެތުމުން ބޭރުގެ ބަހެއް ބޭނުންކުރެ އެވެ. އެ މީހަކު އެންމެ އަހުލުވެރިވެފައި އޮތް ބޭރު ބަހެކެވެ. ނަތީޖާ އަކަށް ވަނީ އެ ބަސް ނުދަންނަ މީހަކަށް އެ ޖުމުލާ ގައި ބުނާ އެއްޗެއް ސާފުވެގެން ދާނީ މުޅި ޖުމުލަ ކިޔާލުމުންނެވެ.

ވަރަށް ހިތާމައާ އެކު ދަންނަވަން ޖެހެނީ ދިވެހި ބަސް ކުރިއެރުވުމަށް ރާއްޖޭގައި އެކަށީގެންވާ ވަރަށް، ހަރުދަނާ މަސައްކަތެއް ކުރެވޭ ކަމަށް އަޅުގަނޑަށް ޤަބޫލު ނުކުރެވޭ ކަމެވެ. ތެދުފުޅެކެވެ. ކޮންމެ ކަމަކަށް ވެސް އިދާރާއެއް ހެދިފައި އޮންނަ ގޮތަށް ދިވެހި ބަހުގެ ކަންތައްތައް ބެލެހެއްޓުމަށް ވެސް އިދާރާއެއް އޮވެއެވެ. ރާއްޖޭގައި އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއެއް ވެސް އޮވެއެވެ. އެންޓިކަރަޕްޝަން ކޮމިޝަނެއް ވެސް އޮވެއެވެ. ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރާ އޮފީހުން ވެސް މުބާރާތްތައް ބާއްވަ އެވެ. ކުރު ކޯސްތައް  ބާއްވަ އެވެ. އެ މަސައްކަތުން އަތުލައިގެނެވެނީ އަމާޒު ކުރެވޭ ވަކި ގިންތީއެއްގެ ބައެކެވެ. ޢާއްމު ފަރުދުންނެއް ނޫނެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ޢާއްމު ފަރުދުންނާ މުޚާތަބްކުރާ މީހުންނަށް ރީތި ދިވެހިބަހުން ވާހަކަ ދެއްކެވޭތޯ މަސައްކަތް ކުރަންވީ އެވެ. އެ ސިފަ އެ މީހުން މުޚާތަބްކުރާ މީހުންގެ ކިބައިގައި އަށަގަންނަވައިގެންނެވެ. އަޅުގަނޑު ޔަޤީން ކުރާ ގޮތުގައި ޢަރަބި އަކުރުން ލިޔެފައި އޮންނަ ކީރިތި ޤުރުއާން ކިޔަވަން ނުދަންނަ ދިވެއްސަކު ނުހުންނާނެއެވެ. އޭގެ މާނަ އަކީ އަލިފު ބާ ކިޔަވައިގެން ނޫނީ އެ މީހަކަށް ޢަރަބި އަކުރުން ލިޔެފައި އޮންނަ ކީރިތި ޤުރުއާނުގެ އާޔަތެއް ވެސް ނުކިޔޭނެ ކަމެވެ. ދިވެހިން ބޭނުން ކުރަނީ ޢަރަބި އަކުރުން ލިޔެފައި އޮންނަ ކީރިތި ޤުރުއާނެވެ. މިހެން ވުމާ އެކު ދިވެހި ބަހުން ޚަބަރު ކިޔާ މީހަކަށް ޚަބަރު ހަބަރަށް ހަދަންވީ ސަބަބެއް ނެތެވެ. ސުރުޚީ ސުރުހީ އަށް ވާންވީ ގޮތެއް ނެތެވެ. ބަޣާވާތް، ބަގާވާތަށް ވެގެން ނުވާނެ އެވެ. އެއްބަސްވަމެވެ. ހަމައެކަނި އިނގިރޭސި އަކުރުން ލިޔާ ނަމަ އެހެން ގޮތަކަށް ލިއެފައި އޮވެދާނެ އެވެ. އެހެންނަމަވެސް ދިވެހި ބަހުން ލިޔެފައި އޮތް އެއްޗެއް ކިޔަންވާނީ ދިވެހިން ކިޔާ ގޮތަށެވެ. ރާއްޖޭގައި ބޭއްވުނު މަތީ ފެންވަރުގެ ލަވަ މުބާރާތްތަކުގައި ވެސް ބައެއް ލަފުޒުތައް، ބައެއް ބައިވެރިންނަށް ރަނގަޅަށް ނުކިއުމުން ފަނޑިޔާރުން ލަފުޒުތައް ރަނގަޅަށް ކިއުމަށް ބާރުއެޅި އެވެ. އަދި މާކްސް އުނިކުރި އެވެ. އަޅުގަނޑަށް އެ، ވީ ވަރަށް އުފާވެރި ހައިރާން ކަމެކެވެ. އަޅުގަނޑު އެންމެ ހައިރާން ވަނީ ދިވެހި ބަހަށް ޡައީފްކަން އަންނަ ގޮތަށް ސަރުކާރުގެ ނޫސް މީޑިއާ އިން ކަންތައް ކުރުމެވެ. އެނގިގެންނެއް ނޫނެވެ. ނޭނގި ތިބެއެވެ. ނުބެލިވިގެންނެވެ. ފަރުވާ ކުޑަކަމުންނެވެ. ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތްކުރާ އޮފީހަކުން އެންމެ ކުޑަ މިނުން ޚަބަރު ކިއުމުގައްޔާއި ޚަބަރާ ބެހޭ ގޮތުން ޓީވީގެ ތިރިއަށް އަރުވާ ބައެއް ލިއުންތައް ކުށެއް ނެތް ދިވެހި ބަހުން ގެނެސްދެވޭތޯ ބެލުމަށް ތަމްރީނީ މަސައްކަތެއް ނުކުރެވޭނެ ބާވައެވެ؟ ޢަރަބި މަޚުރަޖަ އިން ކިޔަންޖެހޭ ދިވެހި ބަސް، އެ މަޚްރަޖައިން ކިޔަން ދަސްކޮށްދީގެންނެވެ. އެ މަސައްކަތަކީ އަލިފުބާ ކިޔަވައިދޭ ހިސާބުން ފަށަންޖެހޭ މަސައްކަތަކަށް ވިޔަސް އެ މަސައްކަތް ކޮށްދީގެންނެވެ. އެއީ ދެރަ ކަމެއް ނޫނެވެ. އެމެރިކާގެ ރިއާސީ އިންތިޚާބާ ކުރިމަތި ލައްވާ ބޭފުޅުން، ރައްޔިތުންނާ ކުރިމަތިލެއްވުމުގެ ކުރިން ލަފްޒުތައް ސާފުކޮށް ވިދާޅުވުމާ ރަނގަޅަށް ވިދާޅުވުމުގެ ތަމްރީނީ މަސައްކަތްތަކެއް ކުރައްވަ އެވެ.

ވަރަށް ފަހަކާ ޖެހެންދެން އަޅުގަނޑު ލިޔާ ލިއުންތަކުގައި ހުރިހާ މަރުކަޒްތަކެއް ވެސް ވިދާޅުވަނީ އެވެ. ސްކޫލު ވެސް ވިދާޅުވަނީ އެވެ. ޖަލުވެސް ވިދާޅުވަނީ އެވެ. އެހެންނަމަވެސް ފަހުގެ ބައެއް ލިއުންތަކުން ހަމައެކަނި އެ މަރުކަޒުގެ މީހަކަށް ނިސްބަތްވާ ހިސާބުން ރީތި ބަހުރުވައިން މުޚާތަބް ކުރާތަން އަޅުގަނޑަށް ފެނުނެވެ. އެއީ ވިސްނުންތެރި ނިންމުމެއް ކަމަށް އަޅުގަނޑަށް ބަލައިގަނެވުނެވެ. ދެން އަޅުގަނޑު ހަނދާނަށް އައީ އަހަރުތަކެއް ކުރިން މަޝްހޫރު ދިވެހި އަދީބެއް ލިއުއްވާފައި އޮތް ލިއުމެކެވެ. އިމާރާތަކަށް ރީތި ބަހުރުވައިން މުޚާތަބް ކުރަން ނުޖެހެއެވެ. އެއީ ފަހަރެއްގައި ވެސް އެތަނަށް އަދަބު ކުޑަކުރުމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަނުން އިންސާނަކު ވާހަކަ ދައްކާ ނަމަ އޮންނަން ވާނީ ރީތި ބަހުރުވައިންނެވެ.

ޚިޔާލަކީ ތަފާތު އެއްޗެކެވެ. އަހްމިއްޔަތުކަން ދޭންވާ އެއްޗާއި ގޮތް ވެސް ޚިޔާލުގެ ތަފާތާ އެކު ތަފާތުވެދާނެ އެވެ. އަޅުގަނޑަށް "ކޮވިޑް ނަވާރަ" ތޯ ކިޔަންވީ ނުވަތަ "ކޮވިޑް ނައިންޓީން" ތޯ ކިޔަންވީ އެއީ ޢާޢްމު ރައްޔިތުންނަށް ސާފުކޮށްދޭން މުހިއްމު އެއްޗެއް ނޫނެވެ. އެހެންނަމަވެސް މިހާރު މި ބޭނުންކުރާ "އެ ފަރާތް" އެ ބޭނުން ކުރެވެނީ "ޒަމާނީ ދިވެހީ" ގައި އޮންނަ ގޮތަށް ތޯ ސާފުކޮށްލަން ބޭނުންވެއެވެ. އެތަނަށް ވެސް އެފަރާތެވެ. އެ މީހުންނަށް ވެސް އެފަރާތެވެ. އެ މީހާ އަށް ވެސް އެ ފަރާތެވެ. މަގުމަތިން ހިނގާފައި ދަނީ ވެސް ފަރާތްތަކެވެ. އެއްޗެއް ބުނަން ވިއަސް އެފަރާތްތަކުގެ ގާތުގައެވެ. ހުރިހާ ތަނަކަށް ވެސް ބޭނުން ކުރެވެނީ އެ ފަރާތެވެ. އެ ބަސް އެ ބޭނުން ކުރެވެނީ ރަނގަޅުގޮތަށް ބާވައެވެ؟ މި ކަންކަމަށް ހައްލު ހޯދޭނީ ކިހިނެއްތޯއެވެ؟ ހޯދައިދޭނީ ކާކުތޯއެވެ؟