Support Us

ކޮލަމް: ދޭހަ

ކަރަޕްޝަން ހުއްޓުވޭނީ ހާސް މަގު ބަންދުކޮށްގެން

ރާއްޖޭގައި މިހާރު ކަރަޕްޝަން އޮތް މިންވަރުން އެއްވެސް ކަމެއް ކަނޑައެޅިފައި އޮންނަ އުޞޫލާ އެއްގޮތަށް އަވަހަށް ނުުކުރެވޭނެ ކަމަށް ގިނަ މީހުން ޤަބޫލު ކުރެއެވެ. ލިޔެފައި އޮންނަ ޤާނޫނާއި ޤަވައިދާ އެއްގޮތަށް ކަންތައް ކުރާ ކަމުގައި ވަނީ ނަމަ އެ ކަމެއް ކުރުމަށް ވަރަށް ގިނަ ދުވަސް ނަގައެވެ. އަދި ވަރަށް ގިނަ ލިޔެކިއުންތައް ހުށައަޅަން ޖެހެއެވެ. ހުށައެޅޭ ލިއެކިއުންތައް ވެސް އެ ކަމެއް ބަލަން އިންނަ މީހާ ބޭނުންވާ ގޮތަށް ހުށައެޅޭ ކަމުގައި ނުވެއެވެ. މި ކަން ކުރަނީ ވިޔަފާރި ކުރާ ބައެއް ކަމުގައި ވަނީނަމަ އެ ތަނަށް ހޯދަން ޖެހޭ ލިއުން ނުވަތަ ހުއްދަ ލަސްވުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުމާއި އުނދަގުލާއި ކުރިމަތިލާން ޖެހިދާނެ އެވެ. މިހެންވުމާއި އެކު އެއީ ކުންފުންޏަކަށް ވިޔަސް ނުވަތަ ޢާއްމު ފަރުދަކަށް ވިޔަސް އެ ބަޔަކަށް ލަފާ ދޭ ބަޔަކު ނަސޭޙަތްތެރި ވަނީ އެ ތަނުގައި ރައްޓެއްސަކު މަސައްކަތް ކުރޭތޯ ބެލުމަށެވެ. ރައްޓެއްސަކު މަސައްކަތް ކުރާނަމަ އެ މީހާގެ ކައިރީގައި ބުނެގެން އޭނާގެ މައްސަލަ އަވަސް ކުރުވުމަށެވެ. ރައްޓެއްސަކު ނެތް ނަމަ ސިޔާސީ ގޮތުން ބަސްވިކޭ ނުވަތަ ބާރު ގަދަ ބޭފުޅަކާ ގުޅައިގެން ކަންތައް ކުރިއަށް ގެންދެވޭތޯ ބެލުމަށެވެ. މިކަމުގައި ވެސް އެންމެ ރަގަޅުވާނީ "ސުޕަރ ޕަވަރ 80″ގެ ތެރެއިން ބޭފުޅަކު މެދުވެރި ކުރެވޭނެ ގޮތެއް އޮވެއްޖެ ނަމަ އެވެ. އެއިރުން ވަގުތުން އެކަމެއް ކޮށްދޭނެ އެވެ. ކަރަޕްޝަނަކީ ހަމައެކަނި ފައިސާގެ ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމެއް ނޫނެވެ. ޤަވައިދު އޮންނަ ގޮތާ ޚިލާފަށް ނުފޫޒުގެ ބޭނުން ކޮށްގެން ފައިދާއެއް ހޯދުން ވެސް ވާނީ ކަރަޕްޝަނަށެވެ.

މުހިއްމު ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ވަކި ފެންވަރަކަށް ވުރެ މަތީ މަޤާމްތަކުގެ ބޭފުޅުންނަށް އަހަރެއްގެ މައްޗަށް ލިބިވަޑައިގަންނަވާ އާމްދަނީ ހާމަ ކުރުމަށް ވަރަށް ތަފްޞީލީ ހަރުކަށިި ގޮތް ތަކެއް ވަރަށް ފަހުން ހާމަވެފައި ވެއެވެ. އެ ޤާނޫނު ނުވަތަ ޤަވައިދުގައި އޮންނަ ގޮތުގައި އަނބިދަރިން ނުވަތަ ފިރިންނަށް ފައިސާ ލިބުނު ގޮތާއި އެކައުންޓުގައި ހުރި ފައިސާގެ އަދަދު ވެސް ހާމަ ކުރަން ޖެހެއެވެ. އަދި އަގުބޮޑު ހަދިޔާއެއް ލިބުނަސް އެކަން ވެސް ހާމަކުރަން ޖެހެއެވެ. އެއްވެސް ވިޔަފާރިއެއްގައި އިންވެސްޓްކޮށްފައި އޮތް ނަމަ އެ ވިޔަފާރިއަކާއި އެތަނުން ލިބޭ ފައިދާއެއް ވެސް ހާމަކުރަންޖެހެއެވެ. އޭގެ ތެރޭގައި ކުންފުނިތަކުން ގަންނަ ޙިއްސާ އާއި އެތަން ތަނުން ލިބޭ ފައިދާ ވެސް ހިމެނެ އެވެ. އެ ބޭފުޅުންގެ މާލީ ބަޔާން ދެއްވަންޖެހޭ ގޮތުގެ ތަފްޞީލު ތަކަށް ބަލާއިރު ބިރުގަންނަވަރު ވެއެވެ. ތިމާގެ މާލީ އަގު ޢާއްމު ކުރަން ބޭނުން ނުވާ މީހުންނެވެ.

ފަނޑިޔާރުންނާއި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާ ވަކި ފެންވަރެއްގެ ބޭފުޅުން މި އާ ޤަވައިދު ނުވަތަ ޤާނޫނުގެ ދަށުން އެ ބޭފުޅުންނަށާއި އެ ބޭފުުޅުންގެ ޢާއިލާ އަށް އަހަރު ދުވަހުގެ ތެރޭގައި ލިބިވަޑައިގަންނަވާ ހުރިހާ މާލީ ފައިދާއެއް ހާމަކުރައްވަން ޖެހެއެވެ. އެ ފައިދާއެއް ލިބިވަޑައިގެންނެވި ގޮތް ވެސް ވިދާޅުވެ ދެއްވަން ޖެހެއެވެ. މި ޤަވައިދުގައި ބުނާ ގޮތަށް ގަވައިދު ތަންފީޒު ކުރެވިއްޖެ ނަމަ ކަރަޕްޝަން މަދު ކުރުވުމަށް ނުވަތަ ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅެއް އެޅޭނެ އެވެ. އެކަމަކު އެއީ އެ ޤަވައިދާއި އެއްގޮތަށް ވަކި މީހަކަށް ބެލުމެއް ނެތި އެއްވެސް ހާލެއްގައި އިސްތިސްނާ އެއް ނެތި އެ ޤަވައިދަށް އަމަލު ކުރެވޭނަމަ އެވެ. ރާއްޖޭގައި މިއީ ވެދާނެ ކަމަކަށް ވުރެ ވައްތަރީ ނުވާނެ ކަމަކަށެވެ. ރާއްޖޭގައި ކަންކަން ހިގާ ގޮތަށް ބެލީމަ އެވެ. މާލީ ބަޔާން ހާމަކުރަން ޖެހުމަކީ ރާއްޖޭގެ ނިޒާމުގައި ވެސް އާ ކަމެއް ނޫނެވެ. ލިޔެފައިއޮވެ އެވެ. ހާމަނުކުރެވެނީ އެވެ. އެފަދަ ކަންތައް ބަލަން ތިބޭ ބަޔަކަށް ފިޔަވަޅު ނުއެޅެނީ އެވެ. ނުވަތަ ފިޔަވަޅު އެޅުމަށް އެންގުމުން އެ އެންގުން ނުހިނގަނީ އެވެ. ނުހިނގުމުން ކުޅިބަލަން ތިބުން ނޫން ކަމެއް ކުރެވެން ނުއޮންނަނީ އެވެ. ރާއްޖެ އަކީ އެއް ޤަވައިދެއް އެކި މީހުންނަށް އެކި ގޮތަށް ތަންފީޒު ކުރެވޭ ޤައުމެކެވެ. ޤާނޫނީ ގޮތުން ވެސް ވަނީ އެކަން އެ ގޮތަށް ބަލައިގެންފަ އެވެ. ނޭނގި ތިބެ ކަމަށް ވެސް ވެދާނެ އެވެ. ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ނިންމެވި ނިންމެވުން މިސާލަކަށް ނަންގަވާށެވެ. އެ މަޖިލީހުގެ މެމްބަރުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންގެ މާލީ ބަޔާން ހުށައަޅަން ނުޖެހޭ ގޮތަށެވެ. ކިހިނެއްވެގެން ތޯއެވެ؟ ސަބަބެއް ހާމައެއް ނުކުރެއެވެ. އެކަން އެ ގޮތަށް ނިންމުމުގައި އެންމެ ބާރު އެޅުއްވި މެމްބަރުން ޖޫޑިޝަލް ސަރވިސް ކޮމިޝަނުގައި ތިއްބަވައިގެން ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންގެ އަނބިކަނބަލުންނާއި ފިރިކަލުންނަށް އެ އޮތީ ވަރުގަދަ މާލީ ބަޔާނެއް ހުށައެޅުމަށް ނިންމަވާފައެވެ. ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ވުރެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުން ނަޒާޙަތްތެރިވާނެ ކަމަށް ބެއްލެވީ ކޮން މިންގަނޑަކުން ބާވައެވެ؟ ޑަބަލް ސްޓޭންޑަޑްތޯ އެވެ؟

ސަރުކާރުގެ އެންމެ މުހިއްމު މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުންނާއި އެބޭފުޅުންގެ ޢާއިލާއިން މާލީ ބަޔާން ހުށައެޅުމަށް އަޅުގަނޑުމެން ތާއީދު ކުރަމެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިއަނބިކަނބަލުންނާއި ފިރިކަލުން ވެސް ހިމެނެއެވެ. އެ ބޭފުޅުން އިސްތިސްނާ ކުރައްވާ ނަމަ އަޅުގަނޑުމެންގެ މިންގަނޑުން ބަލާއިރު، އެކަމުގައި ރަނގަޅަކަށް ވުރެ ބޮޑަށް ގޯހެއް އުޅެ އެވެ.

ސަރުކާރުގެ މަތީ މަޤާމުގައި ތިއްބަވާ ބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިކަލުންނަކީ ޢާއިލީ މުއްސަނދިކަމެއް ނުވަތަ ވިޔަފާރިއެއް އޮތް ބޭފުޅުންނަށް ވެސް ވެދާނެ އެވެ. އެ މުއްސަނދި ކަމަކީ އެ ބޭފުޅުންގެ ބުރަ މަސައްކަތުން ހޯއްދެވި މުއްސަނދި ކަމަކަށް ވެސް ވެދާނެ އެވެ. އެހެންނަމަވެސް އެ ބޭފުޅުންގެ އެއްފަޅި ސިޔާސީ މައިދާނަށް ނުކުމެވަޑައިގަންނަވާ ނަމަ ނުވަތަ ރައްޔިތުންގެ އިތުބާރު އޮންނަން ބޭނުންވާ ފަދަ މަޤާމަކާއި ކުރިމަތި ލައްވާނަމަ ޤުރުބާނީ އެއް ވާން ޖެހިވަޑައިގަނެ އެވެ. އެ ބޭފުޅުންގެ މާލީ ބަޔާން ޢާއްމު ކުރައްވައިގެންނެވެ. ބައެއް ބޭފުޅުންނަށް އެއީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. މާލީ ގޮތުން އޮރިޔާން ވުމަށް ވެސް ވެދާނެ އެވެ. އެކަމަކު އެެއީ މަޤާމް ހޯއްދަވައި ދެއްވުމަށް، ނުވަތަ ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވުމަށް ވެދެއްވާ ޤުރުބާނީ އެކެވެ.

އަޅުގަނޑުމެން އެންމެ ހައިރާންވާ ކަމަކީ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ، ނުފޫޒު ފޯރުވޭ ތާނގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންގެ މާލީ ބަޔާން ހުށަނުއަޅާ ގޮތަށް ނިންމެވުމެވެ.

އާ ޤާނޫނުއަސާސީ ވުޖޫދަށް އައުމަށްފަހު ރައްޔިތުންގެ މަޖިލީހު ގެ މެމްބަރުކަން ކުރެއްވި ބޭފުޅުންގެ މާލީ ދިރާސާއެއް ކުރައްވަބައްލަވާށެވެ. މެމްބަރު ކަމަށް ވަޑައިގެންނެވިއިރު ތިއްބެވި ގޮތާއި މެމްބަރުކަމުގެ ފަސް އަހަރު ފުރިހަމަ ވިއިރު ތިއްބެވި ގޮތެވެ. ވަރަށް ޝަޢުޤުވެރި މަންޒަރެއް ފެނިވަޑައިގަންނަވާނެ އެވެ. އަޅުގަނޑު ވަކި ގޮތެއް ދަންނަވަނީއެއް ނޫނެވެ. ހަމައެކަނި ޚިޔާލެއް ދެންނެވީ އެވެ.