Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

މުންދުގެ ކޮލަމް: އަޑުގަދަކޮށްގެން ރުށްގިނަކުރުން މުހިންމުވާނީ ދަނޑެއް އޮތް މީހަކަށް އެކަންޏެވެ.

ކިޔެވުނީ އެ ފަންނެވެ. ވީމާ، ޝައުޤުވެރިކަން ހުންނަނީ އެ ދާއިރާއަށެވެ. އެހެން ނޫނަސް، މި އުޅެވެނީ އެކަމުގެ ތެރޭގައިތާއެވެ. މިދެންނެވީ ސިޔާސީ މައިދާނާއި މަސްރަޙުގެ ވާހަކައެވެ.

'ސިޔާސީ' މީހަކަށް ވީތީ، ގިނަ ކަންކަމާމެދު ވިސްނެނީ އަދި ކަންކަން ދިރާސާ ކުރެވެނީ ސިޔާސީ ނަޒަރިއްޔާއިންނެވެ. އަދި، އަޅުގަނޑު ޤަބޫލުކޮށް ބަލައިގަންނަ ސިޔާސީ ފިކުރުގެ ތެރެއިންވެސްމެއެވެ.

ސިޔާސީ ކަންކަމަށް އެންމެން ޝައުޤުވެރި ނުވެދާނެއެވެ. ނަމަވެސް، މި ކުޑަ ދިވެހިރާއްޖެއަކީ ނިސްބަތުން ސިޔާސީ ކަންކަމަށް އަދި ސިޔާސީ މަޢްލޫމާތަށާއި އޮއިވަރަށް ސަމާލުކަންދޭ މީހުން ގިނަ ޤައުމެކެވެ. އަޅުގަނޑުމެން ފަދަ 'ސިޔާސީ' މީހުން އެކަންޏެއް ނޫނެވެ. ނޫސްވެރިންނާއި ފަންނުވެރިންނެވެ. ޢިލްމުވެރިންނާއި ފާރަވެރިންނެވެ. ކޮންމެ ބަޔަކުވެސް ސިޔާސީ ކަންކަމަށް ގޮތްފާޑު ކިޔުމަކީ ސީރިއަސްކަމާއެކު ނުވަތަ މުނިފޫހިފިލުވާލުމަށްވިއަސް ކޮށްއުޅޭ ކަމެކެވެ. ތިމަންނާ އަކީ ސިޔާސީ ކަންކަން މަތިން ފޫހިވާ މީހެއްކަމަށް ނުވަތަ ސިޔާސީ ނޫން މީހެއްކަމަށް ބުނެ އެކަން ސޯޝަލް މީޑިޔާގައި ހާމަކުރާ މީހުންނަށްވެސް، އެކަން ބަޔާންކުރުމުން، ހަޤީޤަތުގައި އެ ވެވެނީ ސިޔާސީއެވެ. އެބުނެވެނީ ސިޔާސީ އެއްޗެކެވެ. އަދި، އެވިސްނެނީ ސިޔާސީ ގޮތުންވެސްމެއެވެ.

މިޤައުމު 'ސިޔާސީ' ވީތާ މިހާރު ވިއްސަކަށް އަހަރާ ގާތްވަނީއެވެ. ނަމަވެސް، އެހާރާއި މިހާރުގެ ފާހަގަވާ ބޮޑު ފަރަގެއް އެބަހުއްޓެވެ. ކަމުގެ ތެރޭގައި އެހާރުވެސް އުޅުނު، އަދި މިހާރުވެސް އުޅެމުންދާ މީހެއްގެ ހައިސިއްޔަތުން، މިއީ އަޅުގަނޑަށް ފާހަގަވާ ކަމެކެވެ.  މައިގަނޑު ދެ ފިކުރު އޮތް އިރު، އެ ދެ ފިކުރުން ބޭރުގައި ތިބި ބަޔަކު މިއަދު ވަރަށްވެސް މަދު ކަމެވެ. އަދި، އެމީހަކު އިޚްތިޔާރުކުރާ ފިކުރުގައި ހިފަހައްޓަނީ އިހުނަށްވުރެ ވަރުގަދައަށް ކަމެވެ. ރަނގަޅަސް ގޯހަސް ހެވެ. ތެދަސް ދޮގަސް ހެވެ. މޮޅަސް ދެރަޔަސް ހެވެ. ކަން ހިނގާގޮތާއި ކަން ވާގޮތާމެދު ފަރުވާއެއްވެސް ހަމަ ނެތެވެ. ހިފުނު ބާރުމިނަކަށް ވަލުގައި ހިފަހައްޓައިގެން ތިބެނީއެވެ. ދޫކުރުމުގެ ނުވަތަ ދޫދިނުމުގެ ވިސްނުމައް ނެތެވެ.

މިއައި ބަދަލުގެ ވަރަށް ބޮޑު ސަބަބެއްކަމުގައި ފެންނަނީ މީޑިޔާއެވެ. ޓެލެވިޜަން މީޑިޔާ، އޮންލައިން މީޑިޔާ އަދި ސޯޝަލް މީޑިޔާވެސްމެއެވެ. އަޅުގަނޑުމެންގެ ފިކުރުގެ ވަރަށް ގިނަ ބަޔަކު ބަލަނީ ޗެނަލް 13 އެވެ. އަނެއް ފިކުރުގެ ބަޔަކު ބަލަނީ ރާއްޖެ ޓީވީ އެވެ. ދެން ހުރި ޗެނަލްތައްވެސް، އެއަށްވުރެ ލުއިކޮށް ނަމަވެސް، ބަލަނީ އޭގައި ގެންނަ މަޢްލޫމާތަކީ އަދި މަޢްލޫމާތުދޭ ފަރާތެއްގެ ފިކުރަކީ ކޮބައިތޯ ވިސްނާފައެވެ. އޮންލައިން މީޑިޔާވެސް އެފަދައިންނެވެ. 'ސަރުކާރު' ކޮޅުގެ ބަޔަކި އަދި 'ވާދަވެރި' ކޮޅުގެ ލިޔުންތައް ލިޔާ ބަޔަކު ތިބޭކަމަށް ބަލައިގެންނެވެ. މިސާލެއްގެ ގޮތުގައި މި އާޓިކަލް ފުދޭނެއެވެ. ލިޔަނީ އަޅުގަނޑު ކަމަށްވީތީ، ކިޔާނީ ވަރަށް ބޮޑުތަނުން އަޅުގަނޑާ ފިކުރު އެއްގޮތް ބައެއްކަމަށް ބެލެވެއެވެ. އަދި، ލިޔާ އެއްޗެއް ޖުމްލަ ގޮތެއްގައި ކަމުދާނީވެސް އަޅުގަނޑާ ފިކުރު އެއްގޮތް ބަޔަކަށެވެ. ސޯޝަލް މީޑިޔާވެސް ހަމަ މިހެންނެވެ. 'ފްރެންޑް' ނުވަތަ 'ކޮންޓެކްޓް' ލިސްޓުގައި ތިބެނީ ގިނައިން ތިމާއާ އެއް ސިޔާސީ ފިކުރެއްގެ ބައެކެވެ. ވީމާ، އިވޭނީ އެ ފިކުރުގެ އިޙްސާސާއި ޝުޢޫރެވެ. ތަފާތު ވިސްނުމެއް އޮތްކަމަށް ޤަބޫލުކުރެވޭނީވެސް މަދު ފަހަރަކުއެވެ.

މިއައި ބަދަލަކީ އެއްވެސް ހާލެއްގައި ހަމައެކަނި ރާއްޖެއިން ފެންނަމުންދާ ކަމެއް ނޫނެވެ. އެމެރިކާއަށް ބައްލަވާލައްވާށެވެ. ކަންކުރާގޮތާއި ކަންވާގޮތް މުހިންމެއް ނޫނެވެ. ޓްރަމްޕް އަށް ސަޕޯޓުކުރާ ބަޔަކު އެތިބީ އެގޮތުގައެވެ. ހަމަ އެފަދައިން، ޓްރަމްޕާ ދެކޮޅު ބަޔަކުވެސް ތިބީ ސާބިތުކަންމަތީ އެގޮތުގައެވެ. އަޅުގަނޑަށް ޓްރަމްޕް އަބަދުވެސް ސިފަވަނީ އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަ ރައީސް ނަޝީދާ ގިނަ ގޮތްގޮތުން އެއްފަދަ ބޭފުޅެއްގެ ގޮތުގައެވެ. ތިލަކޮށް ދަންނަވާނަމަ، އެއީ ދެއުޅިއެއްނެތް ތާކުންތާކު ނުޖެހޭ މީހެއްގެ ގޮތުގައެވެ. ނަމަވެސް، އަންނި ވަރެއް ނެތިގެން މިރާއްޖޭގައި ބަޔަކު އުޅޭ ފަދައިން، ޓްރަމްޕަށް ސަޕޯޓު ކުރާ ބަޔަކުވެސް ޤަބޫލުކުރަނީ އެމަނިކުފާނަކީ ނަމޫނާ ޝަޙްސިއްޔަތެއްގެ ގޮތުގައެވެ.

އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ދެ ފަހަރު ތަފާތުވެ، މިފަހަރު ޓްރަމްޕަށް ނާކާމިޔާބުވީ ސަބަބަކީ މީހުން ކުރާ ތާއީދަށް އައި ބޮޑު ބަދަލެއް ނޫނެވެ. ވޯޓު ދޭން ނުކުތް މީހުންގެ ނިސްބަތަށް އައި ތަފާތެކެވެ. ކުރިން ވޯޓުލާން ނުނިކުންނަ ބަޔަކު މިފަހަރުގެ އިންތިޚާބުގައި ބައިޑަންއަށް ވޯޓުދޭން ނުކުތުމުގެ ނަތީޖާއެވެ. ކޮންމެއަކަސް، އިންތިޚާބަށްފަހުވެސް އެބަޔަކު ތިބި ހަރުކަން މަތީ އަދި ބޯހަރުކަން މަތީ އެތިބީއެވެ. އަދި، ކުރިއަށްއޮތް ތާނގައިވެސް ތިބޭނެކަމަށް ބެލެވެއެވެ.

ރާއްޖެވެސް ހަމަ އެފަދައެވެ. ކުޑަކުޑަ އެއް މިސާލަށް ބަލާލަމާ ހިންގަވާށެވެ. ރައީސް ޞާލިޙުގެ ކީރިތި ކުރެއްވުމުގެ މަންޒަރުތަކެވެ. އެއްބަޔަކަށް އެކަން ވަނީ އެމަނިކުފާނުގެ ހިތްޕުޅު ތިރިކަމާއި ނިޔަނެތިކަމުގެ ނަމޫނާ އަކަށެވެ. އަދި، ޖަޒުބާތުގައި، ބޭއިޚްތިޔާރުގައި ވީކަމެއްގެ ގޮތުގައެވެ. އަނެއް ބަޔަކަށްވަނީ އެއީ ވެރިއެއްގެ ކިބައިގައި ހުރުން ބަލައިނުގަނެވޭ، ބަލިކަށިކަމާއި ސާބިތުކަން ކުޑަކަމުގެ ހެތްކަކަށެވެ. ރޭވިގެން، ބައެއްގެ 'ސިމްޕަތީ' ހޯދަން ކުރި ކަމެއްގެ ގޮތުގައެވެ.

ދެބައިމީހުންނަށް ފެނުނުއިރު، ރައީސް ޞާލިޙު ކީރިތިކުރައްވާ ގޮތް ނުވަތަ މިންވަރު ތަފާތުވީއެއް ނޫނެވެ. ތަފާތުވީ މިކަން ބަލާ، ދިރާސާކޮށް، ޞަރަޙަކުރުމުގައި އަޅައިގެން ތިބި އައިނުގެ ނުވަތަ ލެންސުގެ ކުލައެވެ. އެއްބަޔަކު ބެލީ ޗެނަލް 13 އެވެ. އަދި ކިޔާލީ ދިޔަރެސް ނޫހެވެ. އަނެއް ބަޔަކު ބެލީ ރާއްޖެ ޓީވީ އެވެ. އަދި ކިޔާލީ މިހާރު ނޫހެވެ. ސޯޝަލް މީޑިޔާގައިވެސް ހަމަ މިފަދައެވެ. ފެންނާނީ އެމީހެއްގެ 'ވޯލް' ނުވަތަ 'ފީޑު' ގައި ހުރި އެއްޗެކެވެ. އެއީ ހަމަ އެމީހަކު ދެކެން ބޭނުންވާ އަދި އަޑުއަހަން އެދޭ ފިކުރާއި ނަޒަރިއްޔާގެ މަޢްލޫމާތު އެކަންޏެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕީ.ޕީ.އެމުން ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި، ޕާޓީގެ އިސްވެރިއެއްގެ ޙައިސިއްޔަތުން، އަޅުގަނޑުވެސް ބައިވެރިވީމެވެ. ޕޯޑިއަމްގައި ވާހަކައެއް ނުދައްކަމެވެ. ނަމަވެސް، ޝައުޤުވެރިކަމާއެކު ޖަލްސާ ބަލާ، އަޑުއަހަން އިނީމެވެ. އަދި، ޖަލްސާ ނިމުމުން އެކި މީޑިޔާތަކުން އަދި ސޯޝަލް މީޑިޔާގައި ޖަލްސާގެ ވާހަކަ ގެނައިގޮތާއި، ވާހަކަފުޅު ދެއްކެވި ބޭފުޅުން ދެއްވި މެސެޖުތަކުގެ ތެރެއިން މީޑިޔާގެ ސުރުޚީތަކުން ޖާގަ ލިބުނު ކަންކަން ދެނެގަންނަން މަސައްކަތްކޮށްލީމެވެ.

ގެއަށްއައިސް ފޯނު ބަލާލުމުން، މިދެންނެވި ގޮތުން އެއް މީޑިޔާއަކުން ގެނައި ޚަބަރެއް އަޅައިގަތެވެ. ސުރުޚީގައި އޮތީ "އިދިކޮޅު ޖަލްސާގެ ބައިވެރިން ތިބީ ހީނާ ވަލީދު ދެކެ "ބިރުން"؟" މިހެންނެވެ. ސަމާލުކަން ދަމައިގެން ސުރުޚީއަކަށްވުމުން، އެޚަބަރު އެކީ ކިޔާލީމެވެ. ލިޔުންތެރިޔާގެ ނަޒަރު މި ހުއްޓުނުކަމަށްވަނީ، ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންނަށް އަޅުގަނޑުމެން ދިހަ މިނިޓުގެ ވަގުތު ކަނޑައަޅާ، އެވަގުތު ހަމަވުމުން އެބޭފުޅުންގެ ސަމާލުކަމަށް އެކަން ގެނައުމަށް އަޑުދަށުން މަޑުމަޑު މިޔުޒިކެއް ޖެހިކަމެވެ. އަދި، ޖަލްސާ ހުށަހެޅުއްވި ޕާޓީގެ އިސް ތަރުޖަމާނު އަލްފާޟިލާ ހީނާ ވަލީދު އެންމެހާ ބޭފުޅުންގެ އަރިހުން ގަޑިއަށް ފަރުވާތެރިވެވަޑައިގަތުމަށް ދަންނަވަމުން ގެންދެވިކަމެވެ. ހަމަ އެއާއެކު، ފޯރީގައި ވާހަކަފުޅު ދެއްކެވުމުގައި، ސަމާސާ ރާގުގައި، ގަޑި އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން އެކި ބޭފުޅުން ހީނާ އަރިހުން އެދިވަޑައިގަންނަވަމުން ގެންދެވި ކަންވެސްމެއެވެ.

ޕާޓީގެ ބޮޑެތި އާންމު ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާ ބޭފުޅުންނަށް ދިގުމިނެއް އެކަށައެޅުމަކީ ޕީ.ޕީ.އެމްގައި އާކަމެއް ނޫނެވެ. ބެލުންތެރިންގެ ފައިދާއަށްޓަކައި މާކުރީއްސުރެ ކުރަމުން އަންނަ ކަމެކެވެ. ހަމަހަމަ އުޞޫލަކުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އަދި ވާހަކަ ދެއްކުންތެރިންނަށް ފުރުޞަތު ދިނުމަށްޓަކައި ކުރެވޭ ކަމެކެވެ.

މިކަން ތަންފީޒުކުރަން ކުރިން އަޅުގަނޑުމެން ކަންކުރިގޮތަކީ ވަގުތު ކުޑަތަންވުމުން ޕޯޑިއަމްގައި 'ވަގުތު' ޖަހާފައި އޮންނަ ކަރުދާސްކޮޅެއް ބޭއްވުމެވެ. ވަގުތު ހަމަވަމުންދާކަން މިގޮތަށް ބޭފުޅުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ޖަލްސާ ހުށަހަޅާ ބޭފުޅަކު ޕޯޑިއަމްގެ ގާތަށް ކުއްލިގޮތަކަށް ދާންޖެހެއެވެ. އައިބުކަމެކެވެ. އެހެންކަމުން، މިއަދު މިކަންކުރާ ފަދައިން މިއުޒިކު ޖަހާލުމުގެ އާދަ މީގެ އަހަރުތަކެއްކުރިން އިޚްތިޔާރުކުރީއެވެ. އެހެން ޕާޓީތަކުގައި ކަން އޮންނަގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ.

އެބައެއްގެ އަމަލުތައް ހުންނާނީ އެބައެއްގެ ތަރުބިއްޔަތާއި އެއްގޮތަށެވެ. އަދި، އެބަޔަކު ދަމަހައްޓާ އުޞޫލުތަކާ އެއްގޮތަށެވެ. ޕީ.ޕީ.އެމް ގައި މިކަން އަށަގެންފައިމިވަނީ ޕާޓީގެ އިސްވެރިންގެ ކިބައިންނެވެ. ފުރަތަމަ ރައީސް މައުމޫނެވެ. އެއަށްފަހު ރައީސް ޔާމީނެވެ. ދެބޭފުޅުންނަކީވެސް ވަގުތަށް ވަރަށްބޮޑަށް އިޙްތިރާމްކުރެއްވި ދެ ބޭފުޅުންނެވެ.

މިސާލެއްވެސް ހަނދާނަށް އެބައާދެއެވެ. 2014 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެކެވެ. ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރައީސް ޔާމީނަކީ، ވަރަށް ބޮޑެތި ކަންކަމުގައި މެނުވީ ވަޒީރުންގެ މުޅި މަޖިލީސް އެއްކުރެއްވާ އުޅުއްވި ރައީސެއް ނޫނެވެ. އޭގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ޚިލާފަށް، ކޮންމެ ހަފްތާއަކު އެއްފަހަރު، ވަކި ދުވަހެއްގައި ވަޒީރުންގެ މުޅި މަޖިލީހުގެ ޖަލްސާ ބައްވަވާ އުޅުއްވި ރައީސެއް ނޫނެވެ. ރައީސް ޔާމީން ދުވަހުން ދުވަހަށް ސަރުކާރު ހިންގެވީ ވަޒީރުންގެ މަޖިލީސް ތިން ބަޔަކަށް ބައްސަވާލައްވައިގެންނެވެ. އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަކާއި ސޯޝަލް ކައުންސިލެއް އަދި ޤައުމީ ސަލާމަތާބެހޭ ކޮމިޓީ ވަކިވަކިން ބައްދަލުކުރާ އުޞޫލުންނެވެ. މުޅި މަޖިލީހުގެ ލަފައެއް ނުވަތަ ރައުޔެއް ބޭނުންފުޅުވާ ހާލަތެއްގައި މެނުވީ ރަސްމީ ބޮޑު ކެބިނެޓް ބައްދަލުވުންތަކެއް ނުބާއްވަވައެވެ.

މިފަދަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ހަނދާނެއް ޙިއްޞާކޮށްލާނަމެވެ. އާދަކާދައިގެ މަތިން، ބައްދަލުވުން ފެށެން ފަސް މިނިޓަށް ވުމުން ރައީސް ޔާމީން ވަޑައިގެން ބައްދަލުވުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތީއެވެ. އަޅުގަނޑުމެން ވަޒީރުން އައީ އެމީހަކަށް އެކަށައެޅިފައިވާ ގޮނޑީގައި ހިށީންމުންނެވެ. އެހިސާބުން، ޕްރޮޓޮކޯލް ޑިޕާޓްމަންޓްގެ ބޭފުޅުންނާ ރައީސް ސުވާލުކުރެއްވިއެވެ. ހުސްކޮށްހުރި ތިން ގޮނޑި ފެނިވަޑައިގަތުމުން، އެގޮނޑިތަކަށް ނިސްބަތްވާ ވަޒީރުންގެ ޚަބަރަކީ ކޮބައިތޯ އެއްސެވިއެވެ. ހުރިހާ ބޭފުޅުންވެސް ރަށުގައި އުޅުއްވާކަމަށާއި އެއްވެސް ބޭފުޅަކު ސަލާމް ވިދާޅުވެފައިނުވާކަމަށް ޕްރޮޓޮކޯލް ބޭފުޅުން ދެންނެވިއެވެ. އެހިސާބުން ރައީސް ދެއްވި ޖަވާބު ހަނދާން އެބަހުއްޓެވެ. ޖަލްސާ ފަށަން ހަމަޖެހިފައިވާ ވަގުތަށް އޮތީ އިތުރު އެންމެ މިނެޓެއްކަމަށާއި، ވަގުތު ހަމަވުމުން (ސުން ސިކުންތަށް) ކޮޓަރީގެ ދޮރު ލައްޕާލުމަށް ރައީސް އެންގެވިއެވެ. އަދި، ލަހުން ވަޑައިގަންނަވާ ބޭފުޅަކަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވޭނެކަމަށް ކަނޑައެޅުއްވިއެވެ.

މިދެންނެވި އެއް މިނިޓުގެ ވަގުތުގެ ތެރޭގައި އިތުރު އެއް ބޭފުޅަކު ވަޑައިގަތެވެ. އެއަށްފަހު، ރައީސް އެދިވަޑައިގެތް ގޮތަށް، ދޮރު ލެއްޕީއެވެ. އަދި ޖަލްސާ ފެށީއެވެ. ޖަލްސާ ނިމުމަށްފަހު އަޅުގަނޑަށް އެނގުނީ، އަނެއް ދެ ވަޒީރުން ވަޑައިގަތީ އެއް މިނިޓު ލަހުންކަމެވެ. އަދި، ދޮރު ލެއްޕިފައި ހުރުމުން އެބޭފުޅެއްގެ ވުޒާރާއަށް އެނބުރި ވަޑައިގަތީއެވެ. މިކަން ރައީސަށް ދެންނެވުމުން ވިދާޅުވީ، ރަސްމީ ގަޑީގައި ވަޒީރަކަށް އެންމެ މުހިންމު ވާންވާނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާކަމަށެވެ. ގަޑިޖެހިގެން އައުމަކީ ބަލިމަޑުކަމެއްކަމަށެވެ. ސުންޕާ އާދައެއް ކަމަށެވެ. އަދި، އެދުވަހު ކަން ކުރެއްވި ގޮތުގެ ސަބަބުން، އެބޭފުޅުން ކުރިއަށްއޮތް ތާނގައި ވަގުތަށް އިޙްތިރާމްކުރައްވާނެ ކަމަށް ޤަބޫލުފުޅު ކުރެވޭ ކަމަށެވެ. ކަންވީވެސް ހަމަ އެހެންނެވެ. އެއަށްފަހު، އެއްވެސް ބޭފުޅަކު ގަޑިޖެހުނު ހަނދާނެއް ނެތެވެ. ރައީސްގެ އެންމެ ޢަމަލަކުން، ވަޒީރުންގެ މެދުގައި ވަކި ޑިސިޕްލިނެއް ޤާއިމުކުރެއްވީއެވެ.

ދެވަނަ މިސާލެއްވެސް ޙިއްސާކޮށްލާނަމެވެ. ރައީސް އޮފީހުގެ ވަޒީރުކަމާ އަޅުގަނޑު އަލަށް ޙަވާލުވީ ދުވަހުގެ މުޢާމަލާތެކެވެ. ރައީސް ޔާމީން އޮފީހަށް ވަޑައިގެން އަޅުގަނޑާ ބައްދަލުކުރައްވާ، އެންމެ ފުރަތަމަ ދެއްވި އިރުޝާދަކީ، ރައީސް އޮފީހުގައި ޒަމާނުއްސުރެ ހިފަހައްޓަމުން އައި ޑިސިޕްލިން އާއި ނަމޫނާ މިންގަނޑުތައް އަލުން އިޔާދަކުރުމަށެވެ. އަޅުގަނޑަކީ، އޭގެ އަހަރުތަކެއް ކުރިން އެއޮފީހުގައި އުޅުނު މީހަކަށްވާތީ، އެއިރުގެ އާދަކާދަތައް ފަރިތަވާނެކަން އެނގިވަޑައިގަންނަވާތީއެވެ.

ރައީސް ނަޝީދުގެ އަހަރުތަކުގައި، އެމަނިކުފާނާއި އަރިސް ބޭފުޅުންގެ ބޭނުމަށްޓަކައި، އުވާލާފައިވާ ނުވަތަ ތަންފީޒުކުރުން ހުއްޓާލާފައިވާ ބައެއް އަސާސީ ކަންކަން އަލުން ތަޢާރަފުކުރުމަށް ރައީސް ޔާމީން އެންގެވިއެވެ. އެގޮތުން އެންމެ ފުރަތަމަ ނިންމެވި ކަމަކީ އޮފީސް ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރަމުން އަންނަ އައުން ވަގުތުން ހުއްޓާލުމެވެ. އެހެން ނޫނަސް، ޤާނޫނީ ގޮތުން މިއީ މުޅިން މަނާކަމެކެވެ. ނަމަވެސް، ނަޝީދުގެ ވެރިކަމުގައި، އޮފީހުގެ ގޯތިތެރެއާއި ބައެއް ކޮޓަރިތަކުގައި އަދި ބެލްކަނިތަކުގައި ދުންފަތުގެ އިސްތިއުމާލުކުރެވޭގޮތަށް އޮތީ ހަމަޖައްސާފައެވެ. ދުންފަތާބެހޭ ޤާނޫނާ ޚިލާފަށެވެ. އެކަން ހުއްޓުވުމަށް އެންގުމުގައި ރައީސް ވިދާޅުވީ އެއީ ރައީސް އޮފީހުގެ ޑިސިޕްލިން ހިފަހައްޓަން އަޅުއްވާ ފިޔަވަޅެއްކަމަށެވެ.

މި ދެ މިސާލުން ލިބިގެންދާ އިބްރަތަކީ ޑިސިޕްލިންގެ މުހިންމުކަމެވެ. ރައްޔިތުންނަށް ޚިދްމަތްކުރާ ބައެއްގެ ކިބައިގައި ޑިސިޕްލިން ހުންނަން ވާނެކަމެވެ. ޑިސިޕްލިން ނެތް ބަޔަކަށް ނަތީޖާ ނުނެރެވޭނެކަމެވެ.

ޖަލްސާގެ ވާހަކަ ލިޔުނު ލިޔުންތެރިޔާއަށް އައިބު ކަމެއްގެ ގޮތުގައި ފެނުނީ ޕީ.ޕީ.އެމް އިން ހިފަހައްޓަމުން އަންނަ ވަކި ޑިސިޕްލިން އެކެވެ. އެފަދައިން ޑިސިޕްލިން ހިފެހެއްޓުމުގެ އާދައަކީ ޕީ.ޕީ.އެމްގައި އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައިވެސް ހިފަހައްޓާނެ އާދައެކެވެ. އެއީ އަޅުގަނޑުމެން ކަންކުރާނެގޮތެވެ. އެއީ އަޅުގަނޑުމެން ހިފަހައްޓާނެ އާދައެވެ. އަދި، އެއީ އަޅުގަނޑުމެން ހާނުވާނެ އާދައެއްވެސްމެއެވެ.

އެ ލިޔުންތެރިޔާ ޝައުޤުވެރިވާ އެހެން ޕާޓީއެއްގައި މިކަން އޮންނަ އުޞޫލު އޭނާއަށް ކަމުދިޔުން އެކަށީގެންވެއެވެ. އެއީ އޭނާގެ މިނިވަންކަމެވެ. ކުރިން ދަންނަވާލި ފަދައިން، އެއްކަމެކެވެ. ދެބައި މީހުންނަށް އަދި ދެ ފިކުރުގެ ވިސްނުމުން ބަލައިގަނެވުނީ ދެގޮތަކަށެވެ. އަޅުގަނޑުމެންނަށް ކަމުދާކަމެއް ނޫސްވެރިޔާއަށް ކަމަކުނުދިޔައެވެ.

އަޑުގަދަ މީހާގެ ރުށްގިނަވާ ޕާޓީއެއް އެބައޮތެވެ. އެއީ ޕީ.ޕީ.އެމްއެއް ނޫނެވެ. ޕީ.ޕީ.އެމްގައި ޑިސިޕްލިނަށް އިސްކަންދޭކަމީ ޕާޓީގައި ފަޚުރުވެރިކަމާއެކު އަޅުގަނޑު ދެމިހުންނަ އެއް ސަބަބެވެ. އަޅުގަނޑަށް މުހިންމީ އަމިއްލަ ދަނޑުގައި ހުރި ރުށްގިނަވުމެއް ނޫނެވެ. އަދި ރުށް ގުނުމެއްވެސް ނޫނެވެ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ރުށް ގިނަވުމެވެ. އެހެނީ، އަޅުގަނޑުމެން އަމިއްލައަށް ދަނޑުހައްދާ ނޫޅެމެވެ. ވީމާ، ރުށްގިނަކުރުންވެސް މުހިންމެ ނުވާނެއެވެ.